މުހައްމަދު ސިރާޖުއްދީނު ފޮނަދޫ ޚަތީބު ތަކުރުފާނު

އެއީ ދިވެހި ތާރީޚުގައި މަޝްހޫރު ފޮނަދޫ ޚަތީބު ތަކުރުފާނެވެ. އެއްބަޔަކު ބުނާގޮތުގައި އެއީ ހައްދުންމަތީ ފޮނަދޫ ބެއިކަލެކެވެ. އަނެއްބަޔަކު ދަންނަގޮތުގައި މިކަލޭގެފާނަކީ ހެންވޭރު ކެޔޮގޯތި ދަންނަ ޚަތީބު ތަކުރުފާނެވެ. ކެޔޮ ގޯއްޗަކީ މިހައިއިރު ސޯސަންގެ އެވެ. އެހެންވެ އެއީ މާލޭގެ ބޭކަލެކެވެ. ދެންތިބި ބަޔަކު ގަބޫލުކުރާ ގޮތުގައި މިކަލޭގެފާނަކީ އަލްޚަތީބު މުހައްމަދު ޖަމާލުއްދީނުލް އައްޑުވީ އެވެ. ނުވަތަ އައްޑޫ ގަނޑުވަރު މުހައްމަދު ސިރާޖުއްދީނެވެ.

މިކަލޭގެފާނަކީ އައްޑޫ މީދޫ ކަޅިހާރި ދޮން އަދެއްލަ ޚަތީބުގެފާނުގެ ފުތް ކަޅިހާރި ދޮންބުއި (އެޅެބެޅެލިޔަ) ނާއިބު ކަލޭގެފާނުގެ ދަރިކަލުން އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން ގަނޑުވަރު އަލްއައްލާމާ އައްޝެއިޚު އަލްފަގީހު މުހައްމަދު ސިރާޖުއްދީނެވެ. ސިރާޖުއްދީނުގެ ބައްޕަ އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނަކީ ދިވެހިބަހުންނާއި އަރަބި ބަހުން އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފޮތްތައް ލިއުއްވައި ތައުލީފު ކުރެއްވި އިލްމުވެރިޔާއެވެ. މީނާ ލިޔުއްވީ މަޝްހޫރު ފިގުހު އިލްމު ފޮތެކެވެ. ފޮތުގެ ނަމަކީ ކިތާބުލް ޤާޒީ މަހުމޫދު އެވެ.

ސިރާޖުއްދީނުގެ މަންމައަކީ އައްޑޫ މީދޫ ގަނޑުވަރު ވަށޮރަންދިޔަ އެވެ. ވަށޮރަންދިޔައަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނާއި އެއްބަނޑު އެއްބަފައި ސިއްތީބީގެ ތަޅަމުދި ތަކުރުފާނުގެ ވަށޮރަންދިޔަ އެވެ.

ސިރާޖުއްދީނު މާލެގައި އުޅުއްވި ގޭގެ ނަމަކީ ހެންވޭރު ކެޔޮގޯއްޗެވެ. މިގޯތީގައި އެހެރީ ސޯސަންގެއެވެ. އެގޭގައި މިހައިއިރު ހިންގަނީ ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީއެވެ. އެއީ ސަރުކާރުގެ ބިމެކެވެ. މި ގޯތީގައި ސިރާޖުއްދީން އުޅުއްވީ އޭނާއަށް ހެންވޭރު ޚަތީބުކަން ލިބިވަޑައިގަތުމާއި ގުޅިގެންނެވެ. މި ގޯއްޗާއި ހެންވޭރު ޚަތީބުކަން ސިރާޖުއްދީނަށް ލިބިވަޑައިގަތީ އޭނާގެ އިލްމުވެރިކަމުގެ އިތުރަށް ކައިވެނީގެ ގޮތުން ގަނޑުވަރާ ގުޅިފައި ވުމުގެ ސަބަބުންނެވެ.

އައްސުލްތާނު އިބްރާހިމް އިސްކަންދަރު އެއްވަނައިގެ ރަސްކަމުން ފެށިގެން ސައްޔިދު ރަސްގެފާނު އަވަހާރަވުމާއި ހަމައަށް ހެންވޭރު ޚަތީބުކަމުގެ މަގާމުގައި ހުންނެވީ ސިރާޖުއްދީނެވެ. އެހެންވެ ތާރީޚީ ވަރަށް ގިނަ ލިޔުންތަކުގައި އޭނާއަށް ނިސްބަތްކޮށް ލިޔެފައި ވަނީ ހެންވޭރު ޚަތީބު ތަކުރުފާނުގެ ނަމުންނެވެ.

ސިރާޖުއްދީނުގެ އަނބިކަމަނާއަކީ އައްސުލްތާނު އިބްރާހިމް އިސްކަންދަރު އެއްވަނައަށް ބޭބެ ވިދާޅުވާ ބޭފުޅެކެވެ. ސިރާޖުއްދީނުގެ އަނބިކަނބަލުން އާމިނާ ކަނބައިދިކިލެގެ (އާމިނާ ކަނބާފާނުގެ) ބައްޕައަކީ އައްސުލްތާނު އިބްރާހިމް އިސްކަންދަރު އެއްވަނައާއި އެއްބަނޑު ބޭބޭފުޅު އަލްވަޒީރު މުހައްމަދު ދޮށިމޭނާ ކިލެގެފާނެވެ. އާމިނާ ކަނބައިދި ކިލެގެ މަންމައަކީ ލ.ފޮނަދޫ އަލްގާޒީ މުހައްމަދުގެ ދަރިކަނބަލެކެވެ.

އައްސުލްތާނު ސައްޔިދު މުހައްމަދު ޝަމްސުއްދީނު ބުނި ސައްޔިދު އަބްދުއްރައްޒާގުލް ހަމަވީ (ސައްޔިދު ރަސްގެފާނު) އަވަހާރަވުމަށްފަހު މާލޭގެ ބޮޑުން ރާއްޖޭގެ ސިންގާސަނާ އަށް އިސްކުރަން ގަސްތުކުރި މީހަކީ އަލްޚަތީބު މުހައްމަދު ސިރާޖުއްދީނެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ހުންނެވި އެންމެ ބޮޑު ދީނީ އިލްމުވެރިޔަކީ އޭނާ އެވެ. އެހެންވެ އޭނާއަށް ދިވެހިރާއްޖޭގެ ރަސްކަން ދިނުމަށް ގިނަ ބަޔަކު ނިންމިއެވެ.

އޭނާ މިކަމާ ރުހިވަޑައި ނުގަންނަވާތީ އަނބި ދަރީން ގޮވައިގެން އެރޭގެ މައުރިބު ނަމާދަށްފަހު ސިއްރުން މާލެއިން ފުރާވަޑައިގަތެވެ. އަމިއްލަ އަތޮޅާއި ރަށަށް ފަސޭހައިން އިން ވަޑައިގެންނެވޭނެ ގޮތެއް ނެތުމުން އޭނާ ޚިޔާރު ކުރެއްވީ އަނބިކަނބަލުން އާމިނާ ކަނބާފާނުގެ މައިފުށުގެ އާއިލާ އޮތް އެކަމަނާގެ ރަށަށް ވަޑައިގެން އެރަށުގައި ވަޒަންވެރިވެ ވަޑައިގަތުމަށެވެ. މިގޮތުން ހައްދުންމަތީ ފޮނަދޫ އަށް ވަޑައިގަތީ އެވެ. އެއަށްފަހު އެރަށުގެ ޚަތީބުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތެވެ. އެރަށުގައި އޭނާ އުޅުއްވި ގެއަކީ ފޮނަދޫ އޮފީހުގެ ކުރިމަތީގައި ހުރި މިހާރުގެ ނަމުން މުދިމު ގެއެވެ. ސިރާޖުއްދީނު މާލެ ދޫކުރައްވައި ފުރާވަޑައިގަތީ މީލާދީން 10 ޖުލައި 1692 ދުވަހުއެވެ.

އަލްއައްލާމާ މުހައްމަދު ސިރާޖުއްދީނު އިލްމު އުގެނިވަޑައިގަތީ އޭނާގެ ބައްޕަ އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުގެ އަރިއަހުންނާއި ދޮންބައްޕަ އަލްއައްލާމާ އަހުމަދު ޝިހާބުއްދީން ބޮޑުނާއިބު ތަކުރުފާނުގެ އަރިހުންނެވެ.

ސިރާޖުއްދީނުގެ ދަރިވަރުންގެ ތެރޭގައި އަލްގާޒީ ހަސަން ތާޖުއްދީނާއި ތާޖުއްދީނުގެ އަޚު ހުސައިން އަފީފުއްދީނު ބަންޑާރަނާއިބު ތަކުރުފާނާއި އައްސުލްތާނު މުހައްމަދު މުހުއްޔިއްދީނުލް އާދިލް އާއި އައްސުލްތާނު މުހައްމަދު އިބުނި އަލްހާއްޖު އަލީ ތުއްކަލާ ހިމެނެއެވެ.

ސިރާޖުއްދީނު ވަރަށް މޮޅަށް ކީރިތި ގުރުއާނުގެ އިލްމާއި ތަފްސީރު ދެނެވަޑައިގަންނަވައެވެ. ފިގުހާއި ނަހޫ ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ފޮނަދޫ ދަންނަ ޚަތީބު ތަކުރުފާނުގެ ނަމުން މުޅި ރާއްޖޭގައި ނަން ހިނގައި މަޝްހޫރު ވެފައިވަނީ އެހެންވެއެވެ. ސިރާޖުއްދީނަކީ އޭނާގެ ބައްޕަ ފަދައިން ދިވެހި ބަހުންނާއި އަރަބި ބަހުން ފޮތްތައް ލިއުއްވައި ތައުލީފު ކުރެއްވި ބޭފުޅެކެވެ. މިގޮތުން މީނާ ފިގުހު އިލްމް ފޮތާއި ދީނީ އިލްމުގެ ފޮތްތައް ލިޔުއްވިއެވެ.

ރާއްޖޭގައި އެދުވަސްވަރު އާދަކާދައިގެ ގޮތުން ކުރެވެމުން އައި ބައެއް ބިދުއަ ނައްތާލުމަށްޓަކައި އެންމެފުރަތަމަ މަސައްކަތް ކުރެއްވި އިލްމުވެރިޔަކީ ސިރާޖުއްދީނެވެ. ސައްޔިދު ކަލޭގެފާނުގެ ރަސްކަމުގައި އޭނާގެ އެންމެ ބޮޑު އެހީތެރިއަކަށް ވެވަޑައިގެން އުޅުއްވީވެސް ފޮނަދޫ ދަންނަ ޚަތީބު ތަކުރުފާނާއި އެތަކުރުފާނުގެ ދަރިވަރުން ކަމުގައިވާ ހަސަން ތާޖުއްދީނާއި އޭރު ފަނޑިޔާރު ކަމުގައި ހުންނެވި މުޙަހައްމަދު ބުނި އަލް ހާއްޖު އަލީ ތުއްކަލާ އެވެ.

އައްސުލްތާނު ކުޑަ މުހައްމަދު އަވަހާރަވުމަށްފަހު އައްސުލްތާނު މުހައްމަދު މުހިއްޔުއްދީނުލް އާދިލް ރަސްކަމަށް އިސްވެވަޑައިގެން ސިރާޖުއްދީނު ގަނޑުވަރަށް ގެންނަވައި ބޮޑުއަށީގައި ބައިންދަވައި މާތްކޮށް ހިއްތެވިއެވެ. މިރަސްގެފާނަކީ ވެސް ސިރާޖުއްދީނުގެ ދަރިވަރެކެވެ. މިރަސްގެފާނުގެ ރަސްކަމުގައި ސިރާޖުއްދީނުގެ ލަފާގެ މަތިން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ފިރިހެނުން ގަމީސް ލުމާއި ފަގުޑި އެޅުމާއި ފައިވާން ލުން ހުއްދަ ކުރެއްވުން ހިމެނެއެވެ. އަދި ހައްޖަށް ދާނެ މީހަކު ދިއުމަށްވެސް މިރަސްގެފާނު ހުއްދަ ދެއްވިއެވެ. މިކަންކަމީވެސް އޭގެ ކުރީގައި ރައްޔިތުންގެ އެކިއެކި މީހުންނަށް މަނާ ކަންކަމެވެ.

އަމުރު މައުރޫފް ހިންގުމާއި މުންކަރާތްތައް ނަހީ ކުރުމަށް ރަށްރަށުގައި ތިބޭ ނާއިބުން ކުރާ އަމުރު އިތުރު ކުރުމަށް އަތޮޅުތަކުގެ އަތޮޅު ވެރީންނަށް ވަސިއްޔަތް ކުރެއްވިއެވެ. އެމަނިކުފާނުގެ ޒަމާނުގައި ރައްޔިތުންގެ ކިބައިން ނަގާ ވާރުން ބޮޑުބައެއް ކަނޑައިލެއްވިއެވެ. އެމަނިކުފާނުގެ ޒަމާނުގައި އަމީރުންވެސް ރައްޔިތުންގެ މައްޗަށް ރަހުމަތްތެރީން ކަމުގައިވިއެވެ. ރައްޔިތުންގެ އެންމެން އެމަނިކުފާނުގެ ޒަމާނުގައި ވަރަށް ވެސް އަރާމުގައި އުޅުނެވެ. އެރަސްގެފާނުގެ ނަމަކަށް ހެޔޮރަސްގެފާނޭ ކިޔައެވެ.

އައްސުލްތާނު ކުޑަ މުހައްމަދު (އުމުރުފުޅުން އެންމެ 6 އަހަރުގައި) ރަސްކަން ލިބިވަޑައިގަތުމުން އެމަނިކުފާނުގެ މައިކަމަނާ ކަމުގައިވާ ހިންދުކަރައިގެ ޖާރިޔާއެއްގެ މަރިޔަނބު ދިވެހި ރަސްކަމުގެ ހުރިހާކަމެއް ބެލެހެއްޓެވި ދުވަސްވަރު މިމަރިޔަނބު އެކި ވައްތަރު ވައްތަރުގެ ހީލަތާއި މަކަރު ހަދައިގެން ފާސިގުކަން ފައުޅުކޮށް ދަންނަބޭކަލުންނަށް ދުއްތުރާ ކުރަމުން ދިޔަދިޔުމުގައި ސިރާޖުއްދީނަށް ވެސް ދުއްތުރާ ކުރިއެވެ. މި މަރިޔަނބުގެ ބޮޑުވަޒީރު އަލީ ވެސް ސިރާޖުއްދީނަށް އިތުރަށް އުނދަގޫކޮށް އެކަލޭގެފާނުގެ އަނބިކަބަލުން އާމިނާ ކަބައިދި ކިލެގެއަށް އެދެން ފެށިއެވެ. ސިރާޖުއްދީނު މާތްކަލާނގެ ކިބަޔަށް ދުއާއެއް ކުރެއްވުމުން އެދުއާ އިޖާބަ ކުރައްވައި ބޮޑު ވަޒީރު އަލީގެ މައިދާ އަށް ބައްޔެއް ޖެހުނު ކަމަށް ބުނެވެއެވެ. ސިރާޖުއްދީނުގެ އަރިއަހުން ހިތްހަލާލު ލިބުމުގެ ކުރީގައި އެބަލިން އޭނާ ފަސޭހައެއް ނުވިއެވެ. އަދި މަރެއްވެސް ނުވިއެވެ. ދެން އޭނާ ސިރާޖުއްދީނުގެ ހިތްހަލާލު ހޯދުމަށް ފަހުގައި ނިޔައު ވެއްޖެ ކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ.

އަލްއައްލާމާ މުހައްމަދު ސިރާޖުއްދީނު އަވަހާރަވީ މީލާދީން 10 މާރޗް 1695 ވީ ބުރާސްފަތި ދުވަހު އެވެ. ފަސްދާނު ލެވިފައިވަނީ ފޮނަދޫ ކުރީގެ ހުކުރު މިސްކިތުގެ ދޮރުމަތީގައިވާ ޚާއްސަ ބިސްތާނެއްގައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!