އީގަލްބޯޓުގެ ބިރުވެރި ދަތުރު 5

އެއީ ޝައްވާލުމަހުގެ އީދު ދުވަހެވެ. ފާލަމާ ކައިރިކުރިއިރު ރަށުގެ ވަރަށް ގިނަބަޔަކު ޖަމާވެފައި ތިއްބެވެ. ފިރިހެނުން ތިބީ މުންޑު އަނދެގެންނެވެ. ދިވެހިންނާއި ވަރަށް އެއްވައްތަރުގެ ބައެކެވެ. އެމީހުން އެއްވެގެންތިބީ ރާއްޖޭގެ ބަޔަކު އަންނާތީ ދެކިލުމަށެވެ.

ރަށުގެ އަހުލުވެރީން އައިސް ވާހަކަދައްކައި ހާލުއަހުވާލު ބަލައި ވަރަށް ގިނަ ކާބޯތަކެތި ދީފިއެވެ. ބޮޑަށް ބޭނުމީ ބައްތި ދިއްލާނޭ ތެލާއި ކައްކާނޭ ދަރާއި ބޯފެނާއި ކާއްޓޭ ބުނީމާ އެތަކެތިވެސް ގެންސްދީފިއެވެ. އެއީ ތަމަޅައިންނެވެ. ވަރަށްވެސް ހެޔޮބައެކެވެ. އެހެންނަމަވެސް ސިލޯނު ސަރުކާރުގެ ފަރާތުން އީގަލްބޯޓުގެ މީހުންނަށް އަންގާފައިވަނީ އެއްގަމަށް ފޭބިޔަސް ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެކަމަށެވެ.

ކޮންމެދުވަހަކުވެސް ބޯޓުގެ ކައިރިއަށް އުޅަނދެއް އާދެއެވެ. އެނޫން އެހެން އުޅަނދެއް ކައިރިކުރުން މަނަލެވެ. އެ އުޅަނދު ކޮންމެދުވަހަކުވެސް ބޯޓާއި ކައިރިކުރުމަށްފަހު ބޭނުންވާ ސާމާނު ފޯރުކޮށްދެއެވެ. ފެންވަރަން އެއްގަމަށް ފައިބައިގެން ދެވެނީ ފުލުހަކާއެކުގައެވެ. ފުލުހުން އަބަދުވެސް ފާލަމުގައި ހަރަކާތްތެރިވެއެވެ. އިރުއޮއްސި އަނދިރިވީމާ ކޮންމެރެޔަކުވެސް މުނިއަވަސްފިލުވުމަށް އީގަލްބޯޓުގެ މީހުން ކުރާކަމަކީ މަސްބޭނުމެވެ.

ޓްރިންކޮމަލީގައި ތިބޭތާ ފަސްވަނައަށް ވީދުވަހު ޑޮކްޓަރުންގެ ބަޔަކު އައިސް ބޯޓަށް އަރައިފިއެވެ. އެއީ އަންހެން ޑޮކްޓަރަކާއި ފިރިހެން ޑޮކްޓަރެކެވެ. ދެން ކަށިވިދުރިން ރައްކައުތެރިވުމަށްޓަކައި ވެކްސިންދީ ހަދައިފިއެވެ. އެންމެންވެސް ހީކުރީ މިވެކްސިނަކަށްފަހު ބޭނުންއިރަކު އެއްގަމަށް އައިސްގޮސްވުމުގެ ހުއްދަ ލިބޭނެކަމަށެވެ. މި އުއްމީދުގައި ޑޮކްޓަރުންނަށް ހަދިޔާގެ ގޮތުގައި ގައްދޫ ކުނާވެސް ދިނެވެ. އެކަމަކު ހުއްދައެއް ނުލިބުނެވެ. ތިބޭންޖެހުނީ ކުރީންވެސް ތިބިހާލުގައެވެ.

ބޯޓު ކައިރިއަށް އާދަވެގެން އަންނަ އުޅަނދު އައިމާ އެއްދުވަހަކު ހުސައިން މަނިކުފާނު ޝަކުވާގެ ފައްޗެއް އަމުނާލައިފިއެވެ. ބުންޏެވެ. ދިވެހިސަރުކާރު ކޮބައިހެއްޔެވެ. އަހަރެމެންގެ ޚަބަރު ބަލައިލަން ބޭނުންނުވަނީ ހެއްޔެވެ. މިގޮތަށް ބެހިގެން އިންޑިޔާގެ ރަށަކަށް ދެވިއްޖެނަމަ އިސާހިތަކު ދިވެހިސަރުކާރުގެ އެޖެންޓަކު ގޮސް ޚަބަރުބަލައެވެ. ލަންކާއަށް އާދެވުނީމާ ދިވެހިސަރުކާރާ ބެހޭކަމެއްވެސް ނޫނެވެ. އަހަރެމެން އުއްމީދު ކޮށްގެން ތިބީ ފުރަތަމަ ދުވަހުވެސް ދިވެހި އެމްބަސީގެ ފަރާތުން މީހަކު އަންނާނޭ ކަމަށެވެ.

ސަރުކާރުގެ އެހީއަށް އިންތިޒާރުކުރުން

ހުސައިން މަނިކުފާނުގެ ޝަކުވާ އަޑުއަހާން ހުރެފައި އުޅަނދުގައި ހުރި އިސްމީހާ ބުންޏެވެ. ގިނަދުވަސްތަކެއްނުވެ ކަލޭމެން ރާއްޖެ ފޮނުވައިލަން ހަމަޖެހިފައިވާކަން މަދެނަހުރީމެވެ. ލަސްވަނީ ދިވެހި ސަރުކާރުގެ ފަރާތުން ލިބޭންޖެހޭ ޖަވާބު ނުލިބިގެންނެވެ. ހުސައިންމަނިކުފާނު ބުންޏެވެ. އެހެންވިއްޔާ ދިވެހި ސަރުކާރުގެ ފަރާތުން މީހަކު އައިސް އަހަރެމެންނާއި ބައްދަލު ނުކުރަނީސް މިތަނުން ފުރައިގެން ދިޔުމެއްނެތެވެ. އެންމެން މަރައި ކަނޑަށް އަޅައިލިޔަސް ނުފުރާނަމެވެ. މިރަށު މީހުން އަހަރެމެން ވަގަށް ނަގައިގެން އުޅެނީހެން ހީވާން ފަށައިފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މީހަކު ޖެހޭނީ އަންނާށެވެ.

މިދުވަހަށް ހަފުތާއެއް ފަހުން ހެނދުނުގެ ވަގުތެއްގައި ކޮންމެވެސް ބަޔަކު އަތުވެއްޖެއެވެ. އެބަޔަކު އީގަލްބޯޓު ކަފުޖަހައިގެން ގޮސް އެރަށު ކަނޑުގެ ސިފައިންގެ ބޮޑުފާރު ކައިރީގައި ހައްޔަރުކޮށްފިއެވެ. އެއީީ ފަރުބަދައެއްގެ ކައިރިއެވެ. އެތާގައި ކަސްޓަމުގެ ޔުނިފޯމުގައްޔާއި ނޭވީންގެ ޔުނިފޯމުގައި ބަޔަކު ތިއްބެވެ. އެމީހުން އަންގައިފިއެވެ. ބޯޓުގެ ވެރިޔާ އިބްރާހިމްމަނިކުފާނާއި ސަރަނގު މޫސާމަނިކުފާނާއި މާލިމީ އާދަންބެ އާއި އިންޖިނޭރު މުހަދުމަނިކުފާނު ބޯޓުން ފައިބާށެވެ. އެމީހުން ފޭބީމާ ކޮއްތާއި ފެނާއި ތެލާއި އެހެނިހެން ސާމާނު ހަވާލުކޮށްފައި ފުރައިގެން ދާށޭ ބުނެފިއެވެ. ބޯޓުގެ ވެރިން ޖަވާބުދިނެވެ. ދިވެހި ސަރުކާރުގެ ފަރާތުން މީހަކު ނާންނަނީސް ފުރަން ބޭނުމެއް ނޫނެވެ. ދިވެހި ސަރުކާރަށް އަންގާނުލައި ފުރައިފިނަމަ ކުށްވެރިވާނެއެވެ.

ބޯޓުގެ ވެރިންގެ ދެކޮޅުހެދުމާއި ގުޅިގެން އެމީހުން ގޮވައިގެން ދިޔައީ ކަސްޓަމަށެވެ. ދެން އެންގިއެވެ. ކަނޑުމަތިން ހޮވައިގެން ނަގައިގެން ގެނެވޭ ތަކެއްޗާއި މީހުންނާއިމެދު އަމަލުކުރާ ގަވައިދުން ކަލޭމެންނާއިމެދުވެސް އަމަލު ކުރުމަށް ދިވެހި ސަރުކާރުން ވަނީ އަންގާފައެވެ. މިހިސާބަށް ވާހަކަ ދިޔަތަނާ ފޯނު ރަނގަބީލުވާން ފަށައިފިއެވެ. ފޯނުގެ އަތްގަނޑު ނަގައި ވާހަކަ ދެއްކުމަށްފަހު އެންގީ މާދަމާ ހެނދުނު އަށެއްޖަހާއިރު ދިވެހި ސަރުކާރުގެ ފަރާތުން ދެ މީހަކު އީގަލްބޯޓަށް އަންނާނެ ކަމަށެވެ. އޭނާ ބުނާގޮތަކަށް އަމަލުކުރާށެވެ. މިއެންގުން އަންގާފައި ބޯޓަށް ލައިދީފިއެވެ.

ސަރުކާރުގެ އެހީ ލިބުން

ހެނދުނު އަށެއްޖެހިތަނުން ދެމީހަކު އީގަލްބޯޓަށް އަތުވެއްޖެއެވެ. އެކަކީ ދިވެއްސެކެވެ. ނަމަކީ އަބްދުލް އަނީއެވެ. އަބްދުލް އަނީ ބުންޏެވެ. މިއަދު ދިހައެއްޖަހާއިރު އެންމެން ތިބެންވާނީ ދަތުރަށް ތައްޔާރުވެގެންނެވެ. ފޮށި ތަންމަތި ހުންނަންވާނީ ތައްޔާރު ކުރެވިފައެވެ. ދެން އެންމެންވެސް ފޮށި ތަންމަތި ބަނދެ ތައްޔާރު ކޮށްފިއެވެ. ފޮށްޓެއް ނެތިއްޔާ ނައިލޯނު ގޯންޏަކަށް މުދާކޮޅު އަޅައި ތައްޔާރު ކޮށްފިއެވެ. ދިހައެއްޖެހުމާއެކު ބޮޑު ލޯރިއެއް އަތުވެއްޖެއެވެ. ލޯރީގެ ކުރީބައިގައި ތިބީ ދުއްވާ ކަލޭގެޔާއި އަބްދުލް އަނީއާއި ސިލޯނު އެހެން މީހެކެވެ. ސިލޯނު މީހާއަކީ ލޯރީގެ އާރުކާޓީއެވެ.

އަބްދުލް އަނީ އެންގިއެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ދިވެހިރާއްޖެ ދާން ބޭނުން މީހުން މިލޯރިއަށް އަރާށެވެ. ދެން އެންމެން ތެޅިފޮޅިގެންފައި ފޮށިތަންމަތި ގެނެސް ލޯރިޔަށް އަރުވާން ފެށުމުން އަނީ ބުންޏެވެ. މާބޮޑެތި ފޮށިތައް ނުގެންދެވޭނެއެވެ. ކޮންމެ މީހަކަށް ގެންދެވޭނީ އަތްމަތީ ދަބަހެކެވެ. މިއަޑުއަހާފައި އިބްރާހިމް މަނިކުފާނު ބުންޏެވެ. ބޯޓު ދޫކޮށްފައި ނުދާނަމެވެ. ތިމަންނާ ރާއްޖެ ދާނީ ބޯޓު މަރާމާތުކުރުމަށްފަހު ހަމަ މި ބޯޓުންނެވެ. އިބްރާހިމްމަނިކުފާނު މިހެން ބުނުމުން ފަޅުވެރިންގެ އިތުރު ބާރަ މީހުންވެސް ބޯޓުގައި މަޑުކުރާން ނިންމައިފިއެވެ. ފަސިންޖަރުން ބޭނުންވީ ސަރުކާރުގެ ޚަރަދުގައި ރާއްޖެ ދިއުމަށެވެ.

ސަރުކާރުގެ ޚަރަދުގައި ރާއްޖެ ދާން ބޭނުންވި މީހުން ލޯރިޔަށް އަރައިފިއެވެ. ދެން ދުއްވާފައިގޮސް މަޑުކުރީ ކަސްޓަމުގެ އޮފީހަކަށެވެ. އެ އޮފީހުން ކޮންމެ މީހެއްގެ ނަމުގައި ތިންފޯމު ފުރައި ސޮއި ކުރުވިއެވެ. ފޯމު ފުރައި ނިމުމުން އަނެއްކާވެސް ލޯރި ދުއްވާލައިފިއެވެ. ލޯރީގައި ތިބީ ޖުމްލަ ތެއްތިރީސް މީހުންނެވެ. ދެން މިގޮތަށް ދަތުރުކުރަމުން ގޮސް ރޭގަނޑު އަށެއްވެސް ޖެހިފަހުން މަޑުކުރީ ހަބަރަނާ ސިޓީގެ ރެސްޓޯރެންޓެއްގެ ކައިރިޔަށެވެ. ހަބަރަނާ ސިޓީއަކީ ސިލޯނުގެ އަނުރާދަޕޫރާ ޑިސްޓްރިކްޓްގައި އޮންނަ ކުޑަ ރަށެކެވެ.

ރޭގަނޑުގެ ކެއުން އޮތީ އެ ރެސްޓޯރަންޓުގައެވެ. ރެސްޓޯރަންޓްގެ އަނެއްފަރާތުގައި ބްރިސްޓޯލް ސިގިރޭޓު އުފައްދާ ކާރުޚާނާއެއް ހުއްޓެވެ. ރެސްޓޯރަންޓަށް މީހުން ވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދިހަ މީހުންނެވެ. އެމީހުން ނިމުމުން އަނެއްކާވެސް ދިހަ މީހުންނެވެ. އެމީހުން ކައިނިމުމުން ބާކީ ތިބި ތޭރަ މީހުންނެވެ. ކެއުމަކަށް ހުރީ ޕާނާއި ކުކުޅު ރިހަޔާއި ކަޅުސައެވެ. ކައި ނިމުމުން ދަތުރު ފަށައިފިއެވެ. ލޯރި ދުއްވަމުންގޮސް ވަކި ސަރަހައްދުތަކާއި ހަމަވީމާ ޓްރެފިކް ފުލުހުން ލޯރި މަޑު ކުރުވައި ސުވާލު ކުރެއެވެ. ކަސްޓަމުން ދީފައިވާ ލިޔުން ދެއްކީމާ ދޫކޮށްލައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!