ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 10

ސިލޯނަށް ދިއުން

އެއްދުވަހެއްގެ ހެނދުނު ގޭގެ ކުރިމައްޗަށް ބަހެއް މަޑުކޮށްފިއެވެ. ބަހުން ފޭބި މީހަކު ބުންޏެވެ. މިއީ ސިލޯނުގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ކުންފުނީގެ ވެރިޔާ ނާއިރުއެވެ. މިއައީ ކަލޭމެންގެ ޕާސްޕޯޓް ހެދުމުގެ ކަންތައް ހަމަޖައްސައި ދިނުމަށެވެ. މިހެންބުނެފައި އެންމެން ގޮވައިގެން ޕާސްޕޯޓް އޮފީހަށް ހިގައްޖެއެވެ. އެދުވަހުން އެދުވަހަށް ޕާސްޕޯޓް ހަދައި ނިމިއްޖެއެވެ. ދެން ގެޔަށްގޮސް އެންމެންގެ ސާމާނުތައް ހިފައިގެން ދިޔައީ ކަލްކަތާގެ ބަނދަރުގައި އޮތް އާގުބޯޓަކަށެވެ.

އެބޯޓު ފުރައިގެން ހަތަރުފަސް ދުވަހެއްގެ ތެރޭގައި ތޭރަސަތޭކައެއްހައި މޭލު ކަޑައްތުކޮށްފައި ދިޔައީ ސިލޯނުގެ ކޮޅުނބުގެ ބަނދަރަށެވެ. ބަނދަރަށް އެންމެން ފޭބިއިރު އެތާގައި މުހައްމަދު އަމީނުގެ ކާރު އޮތެވެ. އޭރު އަމީނު ހުންނެވީ ސިލޯނުގައެވެ. އަމީނު ކާރުުން ފައިބައިވަޑައިގެންނެވިއިރު އޭނާގެ ދެފަރާތުގައި ތިބީ ރީތި ދެ އަންހެންކުދީންނެވެ. ފެންނާމަނިކުފާނާއި ސަލާމް ކުރައްވާފައި ވިދާޅުވިއެވެ. ހާލު ވަރަށް ދެރަ ވައްތަރު އެބަޖަހައެވެ. ފެންނާމަނިކުފާނު ބުންޏެވެ. އާދޭހެވެ. ހާލު ވަރަށްވެސް ދެރައެވެ.

އަމީނު ވިދާޅުވިއެވެ. ގަސްތުކޮށްގެން ހުރީ ކަލޭމެން އެންމެން ގޮވައިގެން މަރައްކާރުގެ ގެޔަށްގޮސް އެގޭގައި ބައިތިއްބާން ކަމަށެވެ. ނަމަވެސް ހަމަޖެހޭގޮތެއް ނުވިއެވެ. މިރެއަކީ މަރައްކާރުގެ އަންހެން ދަރިފުޅުގެ ކައިވެނީގެ ރެއެވެ. އެހެންވީމާ އެގޭގައި މިއަދާއި މިރޭ ވަރަށް ކާރޫބާރޫ ބޮޑެވެ. އެހެންވިޔަސް ރަގަޅު ގޮތެއް ހަމަޖައްސައިދޭނަމޭ ވިދާޅުވުމަށްފަހު އަމީނު އެނބުރިވަޑައިގެންފިއެވެ.

މުހައްމަދު އަމީނު މިތާކަށް ވަޑައިގެންނެވީ ފެންނާމަނިކުފާނު ހުރުމުންނެވެ. ދެން މިތާގައި ތިބި ދިވެހީންގެ ތެރެއިން ވަށްބެރުގޭ އައިސާފުޅުގެ ކުޑަދެކުދީން ކަމަށްވާ ނައީމާއާއި ނައީމު އުރައުރާފައި ފޮޓޯތަކެއް ނަގަނަގާފައި މިޒާތެއްގެ އަބުއިކަން ދައްކަވައިފައި އެނބުރިވަޑައިގަތްފަހުން ބަޔަކު މީހުން އައިސް ދިވެހީންގެ ކޮންމެ މީހަކަށް މުންޑަކާއި ގަމީހެއް ދީފައި ބުންޏެވެ. ކޮޅުނބުން ރާއްޖެއަށް ކަލޭމެން ފުރަންވާ ބޯޓު މިހާރު އޮތީ ތައްޔާރަށެވެ. އަވަހަށް ހިނގާށެވެ. މިހެން ބުނެފައި ފެންނާމަނިކުފާނުގެ ދެމަފިރިން ފިޔަވައި އެހެން އެންމެން ގޮވައިގެންގޮސް ބޯޓަކަށް ލައިފިއެވެ.

ފެންނާމަނިކުފާނުގެ ހައްޖުދަތުރު

ފެންނާމަނިކުފާނުގެ ދެމަފިރިން އެންމެފުރަތަމަ މާލެދާން އުޅުނީވެސް ހައްޖުދަތުރެއް ކުރުމަށެވެ. އެހެންވީމާ ދޮންއިބްރާހީމުގެ މުހައްމަދު ދީދީ އާއި މަރިޔާގެ އަހައްމަދާ މާލެއަށް ފޮނުވާލާފައި އެއްކަލަ ހައްޖުފޮށި ނަގައިފިއެވެ. ކަޅިހާރި އޮޑީން ފެންނާމަނިކުފާނުގެ ދެމަފިރިން މާލެދާން ފުރީ ހައްޖުމޫސުމުގެ ކުރިއަށް އަދި ތިންމަސް އޮއްވައެވެ. އެހެންވީމާ ބެހިގެން ބަންގާޅަށްދެވި ހިންދީން އެއުރެންގެ ހައްޖުކަމަށްވާ ގަންގާސާގަރު މޭލާއަށް އަހަރަކު އެއްފަހަރު އެއްވެއުޅޭ ޖަޒީރާވެސް ބަލައި މިހުރިހާ ސަކަރާތެއްގައި އުޅެފައި ސިލޯނަށް އާދެވުނުއިރު ޝައްވާލުމަސް އަދި ނުނިމެއެވެ. ހައްޖުދަތުރަށް ތައްޔާރުކުރި ފައިސާފޮށިވެސް ސަލާމަތުން އެބަހުއްޓެވެ. އެޔަކުން އެއްޗެއް މަދެއްވެސް ނުވެއެވެ.

ފެންނާމަނިކުފާނުމެން ސިލޯނަށް އައިއިރު އެއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ނިޔަތުގައި އަރަބިކަރަޔަށް ދާންވެގެން ހިތަދޫ ދޮންރަހާބެޔާގެ އަބްދުﷲ ދީދީގެ ދެމަފިރީންނާއި އެވެރިންގެ ދަރިފުޅު މުހައްމަދު ނަސީރުވެސް އައިސްތިބީ ކޮޅުނބުގައެވެ. ސިލޯނުގެ ހައްޖުވެރީން ހިޖާޒުކަރައިގެ ޖިއްދާއަށް އުފުލާ އާގުބޯޓުގެ އިންތިޒާރުގައެވެ. އެހެންވީމާ ކިތަންމެ ފުރިހަމަޔަކަށްވެސް ހައްޖުދަތުރު ކުރެވޭނެ ފުރުސަތު އޮތީ ލިބިފައެވެ. ފެންނާމަނިކުފާނުގެ ދެމަފިރީން އެނބުރި ރާއްޖެނައިސް ދޮންރަހާބެޔާގެ އަބްދުﷲ ދީދީގެ ދެމަފިރީންނާއެކު ދިޔައީ ހިޖާޒުކަރަޔަށެވެ.

އެއަހަރު ދިވެހި ހައްޖުވެރީންގެ ވެެރިއެއްގެ ގޮތުގައި ސަރުކާރުން ފޮނުއްވީވެސް ފެންނާމަނިކުފާނާއި ތިމާގެ މީހެކެވެ. އައްޑޫ މީހުން ކިޔާގޮތުންނަމަ ފިޔޯރީ ދޮންދައިތާގެ ތުއްތުދީދީއެވެ. އޭރު މި ތުއްތުދީދީއަކީ ދައުލަތުގެ ބަންޑާރަނާއިބެވެ. އަސްލުނަމަކީ ޝައިޚު އިބްރާހިމް ލުތުފީއެވެ. މިއީ ފެންނާމަނިކުފާނުގެ އަންހެނުންގެ ދެބެއިންގެދަރި ބޭބެއެކެވެ. އަދި ފެންނާމަނިކުފާނުގެ މަންމަޔާވެސް ދެބެއިންގެދަރި މީހެކެވެ. މިދަތުރުގައި އަރަބިކަރަޔަށްގޮސްގެން ފެންނާމަނިކުފާނާއި ދޮންރަހާބެޔާގެ އަބްދުﷲ ދީދީ ކުރި އައުތަޖުރިބާތަކުގެ ވާހަކަޔަކީ އައްޑޫގައި ވަރަށް މަޝްހޫރު ވާހަކައެކެވެ.

ބެހުނު އެހެން އޮޑިއެއްގެ ވާހަކަ

ކަޅިހާރި އޮޑި ގަންގާސާގަރަށް އުރުވާލައި ބަރަހަނާ މީހުންނަށް ދީފައި ބަންގާޅުކަރައިގައި ތެޅިތެޅިފައިފައި ސިލޯނަށް އާދެވުނުއިރު ސިލޯނުގެ ވެލިގަމޭ ކިޔުނު ބަނދަރުގައި މީދޫ އެހެން އޮޑިއެއްވެސް އޮތެވެ. އެއީ ކަޅިހާރި އޮޑީގެ ފަހަތުން އެކުއެކީގައި މާލެދާން ފުރި އެޅެގޭ އޮޑިއެވެ. ހުވަދޫކަނޑުގައި ވައިހިނދިގެން ކަޅިހާރި އޮޑި ބެހުނުގޮތަށް އެޅެގޭ އޮޑިވެސް އެކަމުގެ ތެރޭގައި ބެހުނީއެވެ. އެ އޮޑި ލައްވައިލީ ސިލޯނުގެ ވެލިގަމުގައެވެ.

އޭގައި ތިބި އިސްމީހުންނަކީ ދެށިނާގެ ނާފިޒާއި މާލިމީ އެޅެބެއްޔާގެ އަބްދުﷲ ދީދީއެވެ. މީގެ އިތުރަށް އެދުރުގޭ އަބްދުލްމުހުސިނާއި އެގޭ ފައުޒިއްޔާ، ހަސަންރަހާގެ މުހައްމަދުދީދީ، އަލިރަހާގެ މުހައްމަދުދީދީ، އިސްމެހެލާގެ އަލީ (ވަށާ)، ހުޅުދޫ މާލިމީގެ މުހައްމަދު ނަސީމު، ބަސްނުކިޔާގޭ ކަޅުހުއްތުވެސް އޭގައި ތިއްބެވެ. މީގެތެރެއިން މާލިމީގޭ މުހައްމަދު ނަސީމު އެނބުރި ރަށަށް ނުދާންވެގެން ފިލައިގެން ދިޔައީ އިންޑިޔާއަށެވެ. މީނާ ފިލިކަން އެނގުނީމާ މީނާގެ އަންހެނުން ހުޅުދޫ އަލަދަޑިގޭ ނަސިރާ ފަނޑިޔާރުގެޔަށް ގޮސްގެން ފަހުން ވަރިވީއެވެ.

އެޅެގޭ އޮޑީގެ މާލިމީއަކަށް ހުރި އެޅެބެއްޔާގެ އަބްދުﷲ ދީދީގެ ތަޖުރިބާ އޭރު މަދުކަމުން ސިލޯނުން ރާއްޖެއަށް ދަތުރުކުރާން ނުކެރޭނޭ ވާހަކަ ކޮންމެވެސް ގޮތަކުން އޮޑިވެރިޔާ އަދި ބޮޑުމާލިމީ އެޅެގޭ އަހައްމައިދީއަށް އަންގައިގެން އޮޑިބަލައި އެދީދީ އައުމުގެ އިންތިޒާރުގައި ތިބީއެވެ. މިހެންތިއްބައި ކަޅިހާރި އޮޑީން ބެހުުނު މީހުންވެސް ބަންގާޅުގައި ތިބެތިބެފައި ސިލޯނަށް އައިމާ މިދެއޮޑީގެ މީހުން މާލެއަށް ފުރުވައިލީ އެކީގައެވެ. އެކަމަކު އެޅެގޭ އޮޑީގެ ފަޅުވެރީންގެ ތެރެއިން ތިންހަތަރު މީހަކު އޭގައި މަޑުކޮށްގެން ތިއްބެވެ.

މިއޮޑި އައްޑުވަށް ދިޔައީ އެޅެގޭ އަހައްމައިދީ ވެލިގަމަށްގޮސްގެން އެދީދީގެ މާލިމީކަމުގައެވެ. އައްޑޫއާހަމަޔަށް ގޮސްފައި ގަންކަނޑުން އެތެރެވަރިޔަށް ވަންނާން އުޅެނިކޮށް ވައިހިނދިގެން އެކަން ނުކުރެވިތިއްބައި އަތޮޅަށް ވައްދައިދިނީ މަސްދޯނިފަހަރުންނެވެ. އެޅެގޭ އޮޑިޔަށް ރިހާކުރާއޭ ކިޔުނީ އެއީ ހައްދުންމަތީ ކޮންމެވެސް ރަށަކުން ގެނައި އޮޑިޔަކަށްވެފައި އޭގެ އަގު އަދާކުރީ ރިހާކުރު އަޑުބާތަކުން ކަމަށް ވުމުންނެވެ. މިއޮޑީގެ އަސްލު ނަމަކީ ކޮންމެވެސް ސަޢާދާއެކެވެ.

ވާހަކަ ނިންމައިލުން

ކަޅިހާރި އޮޑިޔާއި އެޅެގޭ ރިހާކުރާއޭ ކިޔުނު އޮޑީން ދަތުރުކުރި މީހުންނަށް އާގުބޯޓުގައި މާލެ އާދެވުނީ ކޮޅުނބުގެ ބަނދަރުން ފުރައިގެން ފަސް ދުވަހުންނެވެ. މިއެންމެން މާލެ އައިސް ރަށަށް ފުރުމާއި ހަމައަށްް ސަރުކާރުން އެންމެންގެ ކޮއްތު ދިނެވެ. އަދި ރަށަށް ދާން ބޭނުން އެންމެން އައްޑުއަތޮޅަށް ފޮނުވައިދިނީވެސް ސަރުކާރުގެ އެހީގައެވެ.

މިވާހަކަ ލިޔެފައިމިވަނީ ކަޅިހާރި އޮޑީން ދަތުރުކުރި މީހުންގެ ތެރެއިން ކައްދާބީގެ މުހައްމަދާއި އައްޓިއަރި މުހައްމަދު ދީދީއާއި މަރިޔާގެ އަހައްމަދާ އާއި ދިޔާގެ ދޮންކަލޯ ކުރެން އެކިދުވަސްވަރު އަހައި އޮޅުންފިލުވައިގެން ނޯޓުކޮށްފައިވާ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!