އައްޑޫބޯޓުން ދަތުރުކުރި މީހުން މަރުގެ ތުންފަތްމަތިން ސަލާމަތްވިގޮތުގެ ވާހަކަ 3

ތެޔޮޓޭންކަރަށް މީހުން ނެގުން

ލޯންޗު ދިޔަތާ އިރުކޮޅެއްފަހުން އަނެއްކާވެސް އަތުވެއްޖެއެވެ. މިފަހަރު އައިސް ބޯޓަށްއެރީ ވަރަށް ވަރުގަދަ ދިގު ވަލަކާއެކީގައެވެ. ބޯޓުގެ ވަށައިގެން ވައު ރަގަޅަށް އައްސާފައި ބުންޏެވެ. އިރުވެސް އޮއްސެނީއެވެ. ވަރަށް ވަރުގަދަ ތޫފާނެއްގެ އަސަރު މިހިސާބަށް ފޯރާން ދެން މާގިނަވަގުތެއް ނެތެވެ. ކަލޭމެންނަށް ތިޔަތިބެވެނީ ލާމުއަތޮޅުގެ އިރުމަތިން ސަތޭކަފަންސާސް މޭލެއްހައި ދުރުގައެވެ. ކެޕްޓަންގެ އަމުރުއޮތީ ކަލޭމެންގެ ބޯޓު ކަފުޖަހައިގެން އަހަރެމެންގެ ދަތުރަށްވެސް ބުރުލެއް ނާރާނެ ގޮތުގެމަތިން އެންމެ ކައިރި ބަނދަރަކަށް ގެންދިއުމަށެވެ.

އައްޑޫބޯޓުގެ ސްޕީޑަކީ ކިހާވަރެއްތޯ އެމީހުން ސުވާލިކުރީމާ ސާލިހު ބުންޏެވެ. ގަޑިޔަކު ފަސްމޭލެވެ. މިސުވާލުކުރީ ތެޔޮޓޭންކަރުގެ ފަހަތުގައި ބާއްވައިގެން ދުއްވާލީމާ ބޯޓު ރޫޅިގެންނުގޮސް ފެނުންމަތީގައި އޮންނާނެކަން ކަށަވަރުކުރުމަށެވެ. ބާރަށްދުވާ އެތިގަޑެއްނަމަ މައްސަލައެއް ދިމާނުވާނެކަމަށް ބަލައިފައެވެ. ސްޕީޑަކީ ފަސްމޭލޭ ބުނީމާ އެވެރިން އެވެރީންނަށް ކުޑަކޮށް ވާހަކަދައްކާލާފައި ބުންޏެވެ. ކޮންމެގޮތެއްވިޔަސް ޓޭންކަރުގެ ފަހަތުގައި ކަފުޖަހައިގެން ދުއްވާލަނީއެވެ. ނުރައްކަލެއްދިމާވެއްޖެނަމަ ޓޭންކަރަށް އިޝާރާތެއްކޮށްލީމާ އަހަރެމެން އެހީވާނަމެވެ. މިހެންކިޔާފައި ފައިބައިގެންގޮސް ޓޭންކަރަށް އަރައިފިއެވެ.

މިމަގުން މިކަންތައް ނިމުނީމާ ތެޔޮޓޭންކަރުގެ ފަހަތުގައި އައްޑޫބޯޓު ވާޖަހައި ބާއްވައިގެން ދުއްވާލައިފިއެވެ. އޭރު އިރުއޮއްސި އަނދިރިކަން ފެތުރިއްޖެއެވެ. ތެޔޮޓޭންކަރަކީ ތެލުން ބަރުކޮށްފައިއޮތް ކިތަންމެ ބިޔަ އުޅަނދަކަށްވިޔަސް އޭގެ ސްޕީޑް ވަރަށް ބާރެވެ. ގަޑިޔަކު ގާތްގަޑަކަށް ތިރީސްމޭލު ދުވެއެވެ. މިވަރަށް ދުއްވާލީމާ އައްޑޫބޯޓު ހީވަނީ ރޫޅިދާނޭހެންނެވެ. ދެބޯޓު ގުޅިފައިވާ ވަލަކީ ވަރަށް ދިގުވަލެކެވެ. އެހެންވެގެން ދެގަޑެތީގެ ދުރުމިނުގައި ގާތްގަޑަކަށް ދުއިސައްތައެއްހާ މީޓަރުހުއްޓެވެ.

ޓޭންކަރުގެ ފަހަތުގައި މިގޮތަށް ދުއްވާތާ ދެގަޑިއެއްހާއިރުވީފަހުން ބޯޓުގެ ފަޅުވެރީންގެ ތެރެއިން ހިތަދޫ ނޫރަން އަހައްމައިދި ކޮންމެވެސްކަމެއްގައި އިންޖީނު ފަލްކާއަށް ފޭބިއިރު އިންޖީނާ ހަމަޔަށް ލޮނުގަޑު އޮތީ އުފުލިފައެވެ. ބޯޓުގެ ކޮންމެވެސް މަޑުލެއް ލުހިގެންގޮސް ބާގަޑެއް ހެދިގެން އެތަނުން ލޮނުވަންނަނީއެވެ. މިވާހަކަ އަހައްމައިދި ގޮސް ސާލިހުގެ ކައިރީގައި ބުނީމާ ސާލިހު އެންގީ ބޯޓު އަޑިއަށްދާ ވާހަކަ އަދިއިހަށް އެންމެންގެ ކައިރީގައި ނުބުނެ ތެޔޮޓޭންކަރަށް އިޝާރާތެއްކޮށްގެން ބޯޓުގައި ތިބި މީސްކޮޅު ޓޭންކަރަށް ބަދަލުކުރުމަށް އަވަސްވެގަންނަންވީ ކަމުގައެވެ. ބޯޓު އަޑިޔަށްދަނީކަން އެގިއްޖެނަމަ ދަތުރުވެރިންގެ ތެރޭގައި ހާސްކަންއުފެދި ގޯހެއް ހިގައިފާނެ ކަމުގައެވެ.

ފަޅުވެރީންގެބަޔަކު ބޯޓުގެ ފަންގިފިލާ މައްޗަށް އަރައި ކޮންމެވެސް އެއްޗެއްގައި އަލިފާންރޯކޮށް އެގޮތަކުން މިގޮތަކުން ތެޔޮޓޭންކަރުގެ ސަމާލުކަން ހޯދައިފިއެވެ. އައްޑޫބޯޓުން މިޒާތުގެ ސިގުނަލެއް ދެނީ ބޯޓު އަޑިޔަށްދާތީކަން ޓޭންކަރުގެ ކެޕްޓަންވެސް ދެނެގެންފިއެވެ. އެހެންވެ ޓޭންކަރުގެ ދުވެލިމަޑުކޮށް ވިންޗުގެ އެހީގައި އައްޑޫބޯޓު ދަމައި ކައިރިކުރާން ފަށައިފިއެވެ. އައްޑޫބޯޓުގައި ތިބި މީހުންނަށް އުދަގުލަކާނުލައި ޓޭންކަރަށް އެރޭވަރަށް ކައިރިކުރުމުގެ ތެރޭގައި ބޯޓުގެ ދިރުބާކޮޅު ޓޭންކަރުގެ ފަހަތުގައި ޖެހުނު ބާރުކަމުން މައްޔާ ލުހިގެންގޮސް އެތަނުންވެސް ލޮނުގަޑު ވަދެގެންފިއެވެ. އެވަގުތު ޓޭންކަރުގެ ކެޕްޓަން އެންގީ ލަސްނުކޮށް އެންމެންވެސް ޓޭންކަރަށް ބަދަލުވުމަށެވެ.

ކެޕްޓަނުގެ އެންގުމާއެކު ފަހަރަކު މީހަކު ޓޭންކަރަށް ނަގައި ބޯޓު މުޅިން ހުސްކޮށްފިއެވެ. ކެޕްޓަން އަންގާފައި އޮތީ އެއްވެސް މީހަކު މުދަލެއް ނަގާން ނޫޅުމަށާއި އަމިއްލަ ހަށިގަޑުފިޔަވައި އެހެން އެއްޗަކާމެދު ނުވިސްނުމަށެވެ. ތެޔޮޓޭންކަރަށް މީހުން އެރުވީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އައްޑޫބޯޓުން ފަހަރަކު މީހަކު ބާލަނީ ލޯންޗަށެވެ. ލޯންޗުން ޓޭންކަރުގެ ސިޑިއަށެވެ. ސިޑިން ބޯޓުގެ ތެރެއަށެވެ. ޓޭންކަރުގެ ފަޅުވެރީންގެ ބާރުގަދަކަމާއި ތަމްރީނުވެފައިތިބިލެއް މޮޅުކަމުން ހަމައެކަކުވެސް މޫދަށް ވެއްޓުނަ ނުދެއެވެ. އަނިޔާވިޔަކަވެސް ނުދެއެވެ. ކުޅިވަރުކުޅޭ ދަނޑެއްގައި އެކަކު އަނެކަކަށް ބޯޅަ އެއްލަމުން ބޯޅަހިފަމުން އުޅޭގޮތަށް އައްޑޫބޯޓުގައި ތިބި 121 މީހުންވެސް މިޒާތަށް ތެޔޮޓޭންކަރަށް ނަގައިފިއެވެ. އެނުރައްކާތެރި ދަޑިވަޅުގައި މީހަކަށް އަނިޔާއެއްނުވެ ސަލާމަތުން އެންމެނަށް އެރުނުކަމީ މުއުޖިޒާތެއްފަދަ ކަމެކެވެ. ތެޅިފޮޅިގެން އެކަކަށްވުރެ ކުރީން އަނެކަކު އަރާން އުޅުމާއި ހަޅޭލެވުމުގެ އެއްވެސް ކަމެއް ނެތެވެ. ޓޭންކަރަށް އެންމެން ނަގައި ނިމުނީމާ އޭގެ ފަޅުވެރީންގެ ތެރެއިން ބަޔަކު ބޯޓަށް އަރައި ފަލްކާތަކުގެ ތެރެއަށް އަލިކޮށް އެއްވެސް އިންސާނަކު ނެތްކަން ކަށަވަރުކުރިއެވެ. އެއަށްފަހު ބޯޓުގެ މެދުން ފޫވައްޓައިލައިފައި އެމީހުންވެސް ޓޭންކަރަށް އަރައިފިއެވެ. ގިނައިރުތަކެއްނުވެ ބޯޓު އަޑިޔަށް ހިގައްޖެއެވެ. މިގޮތަށް ކަންތައްކުރީ ފެންމަތީގައި އޮވެގެން އޮޔާދާގޮތްވެއްޖެނަމަ ދަތުރުކުރާ އެހެން ބޯޓުފަހަރަށް ނުރައްކާވެދާނެތީއެވެ.

ވަރުގަދަ ތޫފާނެއްގައި ޖެހުން

ެތެޔޮޓޭންކަރުގެ ކެޕްޓަނަކީ އިގިރޭސިއެކެވެ. އޭނާގެ އަންހެނުންވެސް އޭގައި އިނެވެ. ފަޅުވެރީންގެ ތެރެއިން ގިނަ މީހުންނަކީ ޕާކިސްތާނު މީހުންނެވެ. މިއީ އެންމެ ޒަމާނީ ޓޭންކަރެކެވެ. އިންތިޒާމުތައް ވަރަށް ފުރިހަމައެވެ. އައްޑޫބޯޓުގެ އެންމެން ޓޭންކަރަށް ބަދަލުކުރުމަށްފަހު ކެޕްޓަނުގެ އެންގުމަށް އެންމެނަށް ބިސްކޯދާއެކު ކިރުސައި ބޯންދިނެވެ. އޮށޯންނާނޭތަނާއި ތިބޭނޭތަން ދެއްކިއެވެ. އަދި ހީފިލުވާން ކޮންމެ މީހަކަށް ރަޖާޒާތުގެ އެއްޗެއް ދިނެވެ. އައްޑޫބޯޓުގައި ތިބި ބަލިމީހުންނަށް ތެޔޮޓޭންކަރުގެ ހެލްތުރޫމުން ފަރުވާވެސް ދިނެވެ. ކުޑަކުދީންނާއި އަންހެނުންގެ ތެރެއިން ވަރަށް ގިނަބަޔަކު ތިބީ ބަލިވެފައެވެ. އެއަށްފަހު ކެޕްޓަން ބުންޏެވެ. ކަލޭމެންގެ ނަސީބު ވަރަށް ގަދައެވެ. އިސާހިތަކު މިސަރަހައްދަށް ވަރަށް ވަރުގަދަ ތޫފާނެއްގެ އަސަރުފޯރާނެއެވެ. މޫސުމާބެހޭ އިދާރާތަކުން އަހަރެމެންނަށް އެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މިހާރުވެސް ދަނީ ލިބެމުންނެވެ. އެތޫފާނުގެ ތެރޭގައި ކަލޭމެންގެ ބޯޓު މާގިނައިރު ފެނުންމަތީގައި އޮތުން ނާދިރެވެ. އެކަމަކު ތޫފާންލައިގަތުމުގެ ކުރީން އަހަރެމެންނާއި ކަލޭމެން ބައްދަލުވެއްޖެއެވެ. ކަނޑުނުވެ ސަލާމަތްވެއްޖެއެވެ. ވީމާ އުފާކޮށް ޝުކުރުކުރާށެވެ.

ތޫފާނެއް އެބައާދެޔޭ ކެޕްޓަން ބުންޏަސް ދިވެހީންގެ ތެރެއިން އެކެއްގެ ސިކުޑިއަކަށްވެސް އެއީ ކިހާވަރެއްގެ ތޫފާނެއްކަމެއް ނުވަދެއެވެ. ޓޭންކަރަށް ހުރިހާ ދިވެހީން ބަދަލުވިތާ ދެގަޑިއެއްހާއިރު ފަހުން ގަދަވަޔާއެކު އައިވިއްސާރަޔަކީ އެމީހުން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ ކަހަލަ ނުރައްކާތެރި ވިއްސާރައެކެވެ. ވައިޖެހެމުންދިޔައީ ގަޑިޔަކު އަށްޑިހަ މޭލަށްވުރެވެސް ބާރަށެވެ. ކަނޑު އުފުލި ރާޅުތަކުގެ ބިޔަކަން ބުނާންވެސް ނުކުޅަދާނައެވެ. މިބިޔަ ޓޭންކަރުވެސް ހީވަނީ ދެންމެ ދެންމެ ފެތިދާނޭހެންނެވެ. ދިރުބާކޮޅަށް ބިންދައިލާ ރާޅު ފައިބައިގެންދަނީ ފަހަތުކޮޅުންނެވެ.

މިއީ ސިލޯނުގެ ހުޅަގުބިތުން އިންޑިޔާ ކަނޑުގައި އުފެދުނު ސައިކްލޯނެއްގެ އަސަރުތަކެވެ. ދިހަ އަހަރުގެ ތެރޭގައި މިސަަރަހައްދުގައި އުފެދުނު އެންމެ ވަރުގަދަ ތޫފާނެވެ. ތޫފާނުގެ އަސަރު ރާއްޖޭގެ މެދުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅުތަކަށްވެސް ފޯރިއެވެ. މަސްވެރީންނާއި ދަތުރުވެރީންވެސް ކަނޑުތަކަށް ނުނިކުމެ ހަތަރުފަސްދުވަހު އެއްގަމުގައި ތިބޭން ޖެހުނެވެ. އައްޑޫބޯޓު ބެހިގެން އެވީ ހަތަރުފަސް ދުވަހުގެ ތެރޭގައި ކަނޑު އޮތީ މަޑުކޮށެވެ. މޫސުން ކިތަންމެހައިވެސް ރީއްޗެވެ. އެހެންވީމާ މޫސުމުގެ ނުރައްކަލެއް ނުފޯރައެވެ. އެކަމަކު ތެޔޮޓޭންކަރަށް ބަދަލުވީތަނާހެން މިލައިގަތް ތޫފާން އޭގެ އިރުކޮޅެއްކުރީން އައިނަމަވެސް ބޯޓު ސަލާމަތެއް ނުވާނެއެވެ. އޭގެ ލަކުޑިކޮޅެއްވެސް ނުފެންނާނެއެވެ. މަރުނުވެ ސަލާމަތްވާން އިރާދަކުރައްވައިފިއްޔާ ކިތަންމެ ހަނިދޭތެރެޔަކުން ކިތަންމެ އަޖައިބުގޮތްގޮތަށްވެސް ސަލާމަތުގެ އައްސޭރިއެއް ފެނިދެއެވެ. އައްޑޫބޯޓުން ދަތުރުކުރި މީހުން އިންޑިޔާކަނޑުގެ ސައިކްލޯނުން ސަލާމަތްވީ މިގޮތަށެވެ.

ސިލޯނުން މާލެއަށް

ސިލޯނުގެ ކޮޅުނބާ ހަމަޔަށް ފޯރީ ތެޔޮޓޭންކަރަށް ދިވެހީން ނެގިތާ ދެދުވަސްފަހުންނެވެ. އެ ދެދުވަހުގެ ތެރޭގައި ސަޔާއި ކެއުމުގެ ކަންތައް ހަމަޖައްސައިދީފައިވަނީ ވަރަށް ރަގަޅަށެވެ. ކެޕްޓަނުގެ އަންހެނުން ވަރަށްގިނައިން އައިސް ދިވެހީންކުރެން ޚަބަރު އޮޅުންފިލުވައި ވާހަކަ ދައްކާން އިނދެއެވެ. ކޮޅުނބާއި ކައިރިއަށް ޓޭންކަރު ދިޔައީމާ ސިލޯނު ސަރުކާރުން ފޮނުވި ބައްތެލިތަކެއް އައިސް ހުރިހާ ދިވެހީން ބާލައިގެން ގެންދިޔައީ ކަސްޓަމަށެވެ. އެންމެން ބޭތިއްބީ ގުދަނެއް ހުސްކޮަށްފައި އެތާގައެވެ. ބޯޓުން ގެނެވުނު މީހުންގެ ތެރޭގައި މަރަދޫ ވަކަރަގޭ ދޮންރަހާގެ ކުދީންގެ މަންމަ ޚަދީޖާ އިބްރާހިމް (ކަތްދައްތަ) ވެސް ހިމެނެއެވެ. ހާލުގައި ޖެހުނު މީހުންގެ ތެރޭގައި މިކައްދައްތަގެ އިތުރުންވެސް  މީނާގެ އެއްބަނޑުއެއްބަފާ ދައްތަ އެޅެބިޔާގެ އާމިންދިޔެގެ މަރިޔަމްދިޔެ އާއި މި މަރިޔަމްދިޔެގެ ދަރިފުޅު ކޮއްޔާބިޔާގެ އަސްރާރު މޫސާއާއި  ކައްދައްތަގެ ކުއްޖެއްކަމަށްވާ ރަޝީދާގެ ކުޑަދަރިފުޅަކު ހިމެނުނެވެ. ކައްދައްތަގެ ކުއްޖެއްކަމަށްވާ ހަބީބު އޭރު ސިލޯނުގައި ހުރީމާ އެއާއިލާގެ ފަރާތުންއައިސް މިއެންމެނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ސިލޯނު ސަރުކާރުގެ މެހުމާންދާރީގައި ތިބެންޖެހުނީ ހަފުތާއެއްހައި ދުވަހުއެވެ. އެތާގައި ތިބިއިރު އަންނައުނާއި ކެއުން ހަމަޖައްސައިދިނީ އެސަރުކާރުންނެވެ. ހުރިހާ ދިވެހީން މާލެ ފޮނުވީ މެރިނަރޭ ކިޔުނު ދިވެހި އާގުބޯޓެއްގައެވެ. އެބޯޓު މާލެއަށް ފޯރީ ތިންދުވަހުގެ ދަތުރަކަށްފަހުގައެވެ. މާލެ ފޭބީމާ ދިވެހިސަރުކާރުން އެންގީ އައްޑުވަށް އެންމެ އަވަހަށް ފުރާ އެއްޗެއް ބަލާފައި ސަރުކާރުގެ ޚަރަދުގައި ފޮނުވައިދޭނެ ކަމުގައެވެ. އެކަމަކު މާލޭގައި ތިބޭއިރު އުޅެންޖެހޭނީ އަމިއްލަޔަށް ކަމުގައެވެ. މިހެން އެންގީމާ ތިބޭނޭ ތަންތަން ހޯދައިގެން އެކިމީހުން އެކިގޭގެއަށް ހިގައްޖެއެވެ.

މާލޭގައި ތިބޭންޖެހުނީ ދެދުވަހުއެވެ. އެގޮތަށް ތިބިއިރު އެމީހުންނަށް ލިބުނު އެންމެ ބޮޑު އެހީއަކީ އޭރު ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހިމް ކަލޭފާނުގެ ފަރާތުން ލިބުނު އެހީއެވެ. ކޮންމެ މީހަކަށް ދިހަ ރުފިޔާ ލިބުނެވެ. އައްޑުވަށް އެންމެން ފުރުވައިލީ އިނަމާރީއޭ ކިޔުނު ބޯޓަކުންނެވެ. މިއީ ސަރުކާރުގެ ފަރާތުން ދުއްވާ ބޯޓެކެވެ. ބޮޑު އުޅަނދެއްމެއެވެ. އެކަމަކު ނިކަން މަޑުން ދުވާ އެތިގަޑެކެވެ. ހަތަރުދުވަހުގެ ދަތުރަކަށްފަހު އިނަމާރީ ބޯޓު ބަނދަރުކުރީ ފޭދޫގައެވެ. އޭރު ސަރުކާރުން ވަނީ ހާލުގައި ޖެހުނު މީހުންގެ ވަނަވަރާއި ގުޅޭ ލިސްޓެއް އަތޮޅު އޮފީހަށް ފޮނުވައިފައެވެ. އެހެންވީމާ އަތޮޅުއޮފީހުގެ އެންގުމަށް މީހުން ނެގުމަށްޓަކައި އެބަޔަކު ނިސްބަތްވާ ރަށްރަށުން ދޯނިފަހަރާއި ބޯޓުފަހަރު އައިސްތިއްބެވެ. މައިގަޑުގޮތަކަށް ބޯޓުގައި ތިބީ ހިތަދޫ މީހުންނާއި ހުޅުދޫ މީހުންނެވެ. ލަސްތަކެއްނުވެ އެކިރަށްރަށަށް މީހުން ގެންގޮސްފިއެވެ. އައްޑޫބޯޓުން ދަތުރުކުރި ހުޅުދޫ މީހުންގެ ތެރޭގައި ކުދުބޭބޭގެ ލުތުފީ، ރަނާގެ ފުވާދު، އަޒީޒާގެ ހުސައިން ރަޝީދު، ހާޖީގެ ތުއްތޫ އަދި އަރާއިރާގޭ އަލިތައްކާނު ހިމެނުނެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!