މީދޫ މަތިކިޅިއާއި ޗަސްބިމުގެ ވަނަވަރު 1

ތައާރަފް

ދިވެހިރާއްޖޭގެ ބިންބޮޑު ބައެއްރަށްރަށުގެ ބޮޑުބަޔަކީ ކުޅިތަކާއި ޗަސްބިން ނުވަތަ ވެޓްލޭންޑެވެ. މިގޮތުން އައްޑޫ މީދޫ ބިމުގެ ގާތްގަޑަކަށް ތިރީސް އިންސައްތަޔަކީވެސް ކުޅިއާއި ޗަސްބިމެވެ. މިއީ ރަށުގެ ނިސްބަތުން ވަރަށް ބޮޑު ސަރަހައްދެކެވެ. އެހެންނަމަވެސް ޗަސްބިމުގެ ވަރަށް ކުޑަ ސަރަހައްދެއްމެނުވީ މަންފާ ލިބެނިވި ކަމަކަށް ބޭނުމެއް ނުކުރެއެވެ. މިލިޔުމުގެ ބޭނުމަކީ މަތިކިޅި ހިމާޔަތްކުރުމާއި އިގްތިސާދީ މަންފާ ހޯދުމާއިގުޅޭ ވާހަކަ ލިޔުމެއް ނޫނެވެ. ކުޅި ހިމާޔަތްކުރުމާއި އިގްތިސާދީ ނަފާ ހޯދުމާއިގުޅޭ ވާހަކަޔަކީ މާފުޅާ ދާއިރާއެއްގައި ކުރާން ޖެހޭ ބަހުސެކެވެ. މިލިޔުމުގެ މަގްސަދަކީ މަތިކިޅީގެ ގުދުރަތީ މާހައުލާއިމެދު މިހާތަނަށް އެއްކުރެވިފައި ނުވާ މުހިއްމު މައުލޫމާތު އެކުލަވައިލުމެވެ. މީގެތެރެއިން ބައެއްމައުލޫމާތަކީ ގުދުރަތީ ވެށްޓާއިމެދު ވިސްނާމީހުން ޝައުގުވެރިވާނެ މައުލޫމާތަކަށް ވާނޭ ކަމަށް ހީކުރަމެވެ.

މަތިކިޅިއަކީ މީދޫ އިރުމަތީފަޅީގައި އޮންނަ ކުޅިއާއި ކުޅީގެ ވަށައިގެން އޮންނަ ޗަސްބިމެވެ. މީދޫގެ ތެރެއިން ޗަސްބިމާއި ކުޅި ހިމޭނޭ ސަރަހައްދުގެ ވަށައިގެން ދަމާލެވޭ ރޮނގުގެ ދިގުމިން ނުވަތަ ޕެރިމީޓަރަކީ 2500 މީޓަރެވެ. ބޮޑުމިނަކީ ގާތްގަޑަކަށް 38 ހެކްޓަރެވެ. މި ސަރަހައްދުގެ ތެރޭގައި މީރުފެނުގެ އެތައް ފެންގަޑެއް އެކުލެވިގެން ވެއެވެ. ވަށްބުރާއި ކުކުޅުބިސް ބުރަށް ހުންނަ ކުދިކުދި ފެންފެންގަޑާއެކު ބޮޑެތި ހަތަރުފަސް ފެންގަޑެއްވެސް އޮވެއެވެ. ކުދި ތަންތަނުގެ ބޮޑުމިނަކީ ގާތްގަޑަކަށް ސަތޭކަވިހި އަކަފޫޓެވެ. ބޮޑެތި ތަންތަނުގައި ނުވަސަތޭކަވަރަކަށް އަކަފޫޓު ހުރެއެވެ. ބޮޑުކޮށް ހުންނަ ފެންފެންގަޑުގެ ތެރޭގައި ބޭންގު ކޯރޭ ކިޔުނު ފެންގަޑަކާއި ފެންފިލަ ކޯރޭ ކިޔުނު ފެންގަޑުވެސް ހިމެނެއެވެ.

މަތިން ބަލާއިރު މަތިކިޅި މިހާރު ފެންނަނީ ވަކިވެފައިވާ ދެކުޅިއެއްގެ ގޮތުގައެވެ. އެއީ ކުޅީގެ މެދުން ނުވަދިހަވަރަކަށް މީޓަރުގެ ފުޅާ ސަރަހެއްދެއް ވަރަށް ބޮޑަށް ތިލަވެ ހިކިފައިވާތީއެވެ. މީދޫއާއި ހުޅުދޫއަކީ ގުޅިފައި އޮންނަ ދެރަށްކަމުން މީދޫ މަތިކިޅިއާއި ހުޅުދޫ ސަރަހައްދުގެ ކުޅިވެސް ވަނީ ގުޅިފައެވެ. ރަށުގެ އުތުރުން ދެކުނަށް މަތިކިޅި ދެމިގެންގޮސް ހުޅުދޫގެ ކުޅިއާއި ގުޅުމުން ކުޅީގެ ޖުމްލަ ބޮޑުމިނަކީ 55 ހެކްޓަރެވެ. އެއީ އައްޑޫ ފޭދޫން އަލަށް ހިއްކާފައިވާ ބިމުގެ އޭރިއާއަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. ދެރަށުގެ ކުޅީގެ ވަށައިގެން ދަމާލެވޭ ރޮނގުގެ ދިގުމިނަކީ 3220 މީޓަރެވެ.

މަތިކިޅީގެ އިތުރުންވެސް މީދޫގެ އެހެން ތިން ސަރަހައްދެއްގައި ޗަސްބިމާއި ކުޅި އޮވެއެވެ. މި ބިންތަކުގެ ޖުމްލަ ބޮޑު މިނަކީ ގާތްގަޑަކަށް 20 ހެކްޓަރެވެ. މިއީ ރަށުގެ ޗަސްބިންތަކުގެ ތިރީސް ޕަސެންޓެވެ. މި ބިންތަކުގެ ތެރޭގައި އޮޅުއަލަ ހައްދާފައިވާ ތަންތަނާއި އެއްޗެއް ނުހައްދައި ހުހަށް އޮންނަ ބިންތައްވެސް ހިމެނެއެވެ. މިބުނިޒާތުގެ ޗަސްބިން ހިމެނޭ ސަރަހައްދުތަކަކީ ކަޝްމީރާއި ދޮންރުއްވަލެވެ. ނާބުގޭ ފުރަގަހުން އޮންނަ އޮޅާއި ކޮއްކޯގެ ފުރަގަހުން ފެށިގެން ހުޅަނގަށް ގޮސް އީދިގަމޫލާއި ހަމަޔަށް އޮންނަ އޮޅުތަކެވެ. މިޒާތުގެ ތެތްބިން ނުވަތަ ވެޓްލޭންޑުގެ ޖުމްލަ ބޮޑުމިނަކީ 58 ހެކްޓަރެވެ. އެއީ މީދޫގެ މުޅިބިމުގެ ތިރީސް އިންސައްތައެވެ.

ރާއްޖޭގެ މިކަހަލަ ގިނަ ކުޅިކުޅިއަކީ ސާފުފެނުގެ ކުޅިތަކަށް ވީނަމަވެސް މަތިކިޅިއަކީ މުޅިން ސާފުފެނުގެ ކުޅިއެއް ނޫނެވެ. މިކުޅީގައި ހިމެނޭ ފެންގަޑުގަޑުގައި ހުރީ ސާފުފެނެވެ. އޭގެ ވިދުވަރު ދުރަށް ފާހަގަ ނުކުރެވުނަސް ކައިރިން ބަލާއިރު ސާފުވެފައި ރީއްޗެވެ. ހަނިދިގުކޮށް ގޮނިލައިފައި ހުންނަ ބޮޑެތި ފެންގަޑުތައް ވަކީން ހިތްގައިމެވެ. މީގެތެރެއިން ގިނަ ފެންގަޑުގަޑުގެ ތަބައީ ރީތިކަން މިހާރު ނުފެނިދާނެއެވެ. ފާއިތުވި އަހަރުތަކުގައި މަތިކިޅީގައި އަލިފާން ރޯކޮށް އެންދުމުގެ ސަބަބުން ވަރަށްގިނަ ކުނިބުނި އެޅިފައިވެއެވެ.

ރާއްޖޭގެ ހަތަރުވަނައަށް އެންމެބޮޑު ޗަސްބިން

ރާއްޖޭގެ ކުޅިތަކާއި ޗަސްބިންތަކާބެހޭ މައުލޫމާތު އެއްކުރުމަށް ދެހާސް ހަތްވަނަ އަހަރު ސާރވޭއެއް ހަދާފައިވެއެވެ. ސާރވޭ ހަދާފައިވަނީ ކަމާބޭހޭ ތަޖުރިބާކާރުންގެ އިރުޝާދާއެކު މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްގެ ފަރާތުންނެވެ. މި ސާރވޭން އެނގިފައިވާ ގޮތުގައި ކުޅިއާއި ޗަސްބިން އެކުލެވޭ ރަށްރަށުގެ އަދަދަކީ ހަތްދިހަ ފަހެކެވެ. މީގެތެރެއިން ހަތަރުވަނައަށް އެންމެ ބޮޑު ކުޅީގެގޮތުގައި ދަރަޖަކުރެވިފައިވަނީ މީދޫއާއި ހުޅުދޫ ހިމެނޭ ގޮތަށް އޮންނަ ކުޅިއާއި ޗަސްބިމެވެ. މިކުޅިއާއި ޗަސްބިމުގެ ބޮޑުމިނަކީ 1.07 އަކަކިލޯމީޓަރެވެ. ނުވަތަ 107 ހެކްޓަރެވެ. ރާއްޖޭގެ އެންމެބޮޑު ވެޓްލޭންޑް އޭރިޔާއަކީ ފުވައްމުލަކުގައި ހުރި ކުޅިތަކެވެ. އެއީ 2.89 އަކަކިލޯމީޓަރެވެ. ދެވަނައަށް އެންމެ ބޮޑު ކުޅިއާއި ޗަސްބިން އޮތީ އައްޑޫ ހިތަދޫގައެވެ. ތިންވަނައަށް އެނެްމެ ބޮޑީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކުޅިއެވެ. ބޮޑުމިނަކީ 1.87 އަކަކިލޯމީޓަރެވެ.

މީދޫގެ ކުޅިއަކީ ރާއްޖޭގައި ހުރި މިކަހަލަ މަދު ތަންތަނުގެ ތެރެއިން ކިހާވަރެއްގެ މުހިއްމު ގުދުރަތީ މާހައުލެއްކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ. މިހެންވުމުގެ ސަބަބަކީ ތެތްބިމުގެ ދިރުންތަކާއިމެދު އެކަށީގެންވާ ހޭލުންތެރިކަން ނެތުމޭ ބުނާން ޖެހެއެވެ. ރަށުގެ ރަށްވެހީންގެ މެދުގައި އެކަށީގެންވާ ހޭލުންތެރިކަމެއް ނެތަސް މަތިކިޅިއަކީ ގައުމީ ފެންވަރުގައިވެސް ފާހަގަކޮށް ސަމާލުކަން ދޭންޖެހޭ ކުޅިއެކެވެ. ހިމާޔަތްކުރުމަށް އިސްކަން ދޭންޖެހޭ ކުޅިއެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!