އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 11

ރާއްޖެއަށް ދެވޭތޯ މަސައްކަތްފެށުން

ވަރަށް ކަންފަސޭހަކޮށް ހިތްފަސޭހަކޮށް ޕޯޓްބްލެއަރގައި އަހަރެމެން އުޅޭތާ ހަތަރުމަސް ފާއިތުވެގެން ދިޔައިރުވެސް އަހަރެމެން ދިވެހިރާއްޖެއަށް ފޮނުވާން އުޅޭކަމުގެ ހިލަމެއް ނުވެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ ކޮއްތަށް ދުވާލަކު ދެރުފިޔާ ދޭންޖެހުނަސް އަދި ބޮޑު ގެއެއް ހުސްކޮށްފައި އެގޭގައި މިހާގިނަދުވަހު އަހަރެމެން ތިބޭން ޖެހުނަސް އަންޒަމާނު ކަރައިގެ ގަވަރުނަރަށް އެއީ މާބޮޑުކަމަކަށް ވެގެން ނޫޅެއެވެ. އަދި ދިވެހި ސަރުކާރަށް އަހަރެމެންގެ ވާހަކައިން ޚަބަރުކުރާކަށްވެސް މިމީހުންނެއް ނޫޅެއެވެ. މިކަމާ އަހަރެމެން ވަރަށް ފިކުރުބޮޑުވެއްޖެއެވެ.

އަހަރެމެން މިއުޅެނީ ދުނިޔޭގައި ތަންއޮތްކަމަށް ނިކުމެގެން އެންމެ ހިތްފަސޭހަތަނެއް ހޯދައިގެން އެތަނެއްގައި ދިރިއުޅޭކަށެއް ނޫނެވެ. އަހަރެމެންގެ އެދުމަކީ ދިވެހިރާއްޖެއަށް ދިއުމެވެ. އަމިއްލަ ވަޒަނަށް ރުޖޫއަވުމެވެ. އަހަރެމެންނަކީ ވިޔަފާރިކުރާން އެންމެ މޮޅީ ކޮންތަނެއްތޯ ބަލައި އެތަނެއްގައި ފައިގަދަކުރާން އުޅޭ ވޯރާއިންނެއް ނޫނެވެ. ދުނިޔޭގެ އެކިތަންތަނުގައި އިންސާނުން އުޅޭނޫޅޭގޮތް ބަލަމުން ފޮތް ލިޔަމުން އުޅޭ ސައްޔާހުންނެއްވެސް ނޫނެވެ. އަދި ކިއެއްތަ އަހަރެމެންގެ ވަޒަން ދަތިވެގެން އުޅެވޭން އޮތްތަނަކަށް ނިކުމެގެން އުޅޭ ރެފިއުޖީންނެއްވެސް ނޫނެވެ. އަހަރެމެންނަކީ މައްދިވެހީންނެވެ. ދިވެހީންނަށް އެމީހުންގެ ވަޒަނަށްވުރެ ހިތްއެދޭ އެހެންތަނެއް ނޯންނާނެއެވެ. އިހުމީހުން ކިޔައިއުޅުނީ ތެދު ވާހަކައެކެވެ. ދިވެއްސަކުވިއްޔާ މަރުވާން ބޭނުންވާނީ އަމިއްލަ ވަޒަނުގައެވެ. ބޭރުކަރަކަރަޔާއި ދިވެހީންގެ ވިންދު ނުގުޅޭނެއެވެ.

އެންމެން ސައްލާކޮށްފައި އެތާގެ އޮފީހަށްގޮސް ބުނެފީމެވެ. ކަލޭމެންގެ ދީލަތިކަމުގެ ދަށުގައި މިހެން އުޅޭތާ ހަތަރުމަސްވީއެވެ. ދިވެހިރާއްޖޭގެ ސަރުކާރަށްވެސް އަހަރެމެންގެ ޚަބަރު އެނގިގެންވާކަމަށް ނުފެނެއެވެ. އެހެންވީމާ ދިވެހިސަރުކާރަށް އަހަރެމެން މިތާގައި އެބަތިބިކަމާއި އެނބުރި ރާއްޖެދާން ބޭނުންވެފައިތިބިކަން އަންގައިދިނުން އެދެމެވެ. އެމީހުން ބުނެފިއެވެ. ކަލޭމެންގެ ވާހަކައިން އަހަރެމެން ޚަބަރުކުރާނީ އިންޑިޔާގެ މައިސަރުކާރަށެވެ. ދިއްލީގައި ހުންނަ ޚާރިޖިއްޔާއިން ކަލޭމެންގެ ދިވެހިސަރުކާރަށް އެންގުންތައް އަންގާނެއެވެ. އަހަރެމެން އަނެއްކާވެސް ދިއްލީއަށް މިމެސެޖުކުރަނީއެވެ. މިހެން ކިޔާފައި އެންމެން ގެޔަށް ފޮނުވާލައިފިއެވެ.

އަހަރެމެންނާއެކު ދަތުރުކުރި މީހުންގެ ތެރޭގައި އުދުހޭ މުފީދުގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ފޭދޫ ކުދިމާގޭ އަބްދުﷲ މުފީދާއި ފޭދޫ ކަތީބު މޫސާރަހާގެ ދޮންމަނިކުފާނުވެސް ތިއްބެވެ. މީގެ އިތުރަށް ފޭދޫ ވަލިގޭ މުހައްމަދު ރަޝީދާއި ހަމައެރަށު ބަސަންދުގެ ނަމުން މަޝްހޫރުވެފައިވާ ހުސައިން ރިޔާޒުވެސް ތިއްބެވެ. ފޭދޫ މިހަތަރު ޒުވާނުންނަކީ ރާއްޖޭގެ ފުރަތަމަ މިނިވަންދުވަހުގެ މުނާސަބާގައި މާލޭގައި ބޭއްވި ކުޅިވަރު މުބާރާތުގައި އައްޑޫ ތަމްސީލުކުރާން ގެނައި ދުވުންތެރިންނެވެ. އެމީހުންވެސް އެނބުރި ރަށަށްދާންވެގެން އެރީ އަހަރެމެންވެސް އެރި އޭދަފުށީ އަހުމަދުކަލޭފާނުގެ ހެލެރީބޯޓަށެވެ.

ފޭދޫ ގްރޫޕާއެކު އަހަރެމެން ރަށުތެރޭގައި ހިނގާން ނުކުމެގެން އުޅެނިކޮށް އެއްދުވަހަކު މަލިކު މީހަކާ ދިމާވެއްޖެއެވެ. މީނާއަކީވެސް ދިވެހިބަހުން ވާހަކަ ދައްކާ މީހަކަށްވުމާއެކު އަހަރެމެންނާއި ވަރަށް ގާތްވެ ހާލުގެ ވާހަކައިން ޚަބަރު އަހައި ސައިހޮޓަލަކަށް ވައްދައި ސައިވެސް ދީފިއެވެ. އެކިވާހަކަ ދައްކަމުންގޮސް މީނާ ބުންޏެވެ. ކަލޭމެންގެ ވާހަކަ ސިޓީ މެދުވެރިކޮށް އަމިއްލަ ރަށަށް ނާންގަމު ހެއްޔެވެ. ޕޯސްޓުން ސިޓީ ފޮނުވުމުގައި އަހަރެން ކަލޭމެންނަށް އެހީތެރިވާނަމެވެ. ދެން އަހަރެމެން އެންމެން މަޝްވަރާކޮށްފައި ސިޓީ ލިޔުނީ އައްޑޫގަމުގައި ހުންނަ ޕާކިސްތާނު ކޭމްޕުގެ ކެފޭއެއްގައި މަސައްކަތްކުރާ ފޭދޫ އިބްރާހިމް ޝާކިރަށެވެ. އެދުވަސްވަރު ޕޯސްޓުން ފޮނުވާ ސިޓީ އާއްމުގޮތެއްގައި ލިޔެއުޅެނީ އޭރޯގްރާމޭ ކިޔާ އެއްޗެއްގައެވެ. އޭގެ ބޭރުގައި ޕާކިސްތާނު ކޭމްޕުގެ ނަންޖަހާފައި އޮތީމާ އެރަށު މީހުން ކިޔައިފިއެވެ. ތިޔަނަން އަދި ކަމަކު ނުދެއެވެ. ޕާކިސްތާނު ކޭމްޕޭ އޮވެގެން ކަމަކުނުދާނެއެވެ.

ޕާކިސްތާނު ކޭމްޕޭ އޮވެގެން ކަމުނުދިޔައީ އޭގެ ހަމަދުވަސްކޮޅެއްކުރީން 1965 ގައި ޕާކިސްތާނާއި އިންޑިޔާ ވަރުގަދަ ހަގުރާމައެއްކޮށްފައިވާ ކަމުންނެވެ. މިސިޓީ ފޮނުވާން މިއުޅެނީ އިންޑިޔާގެ މަގުން ކަމަށްވެފައި އަހަރެމެން މިތިބީވެސް އިންޑިޔާގެ ހުކޫމަތުގެ ތެރޭގައިވާ ރަށެއްގައި ކަމަށްވުމުންނެވެ. ކޮންމެއަކަސް ދެން އަހަރެމެން ސިޓީ އެޑްރެސްކުރީ ގަމުގެ ކޮންމެވެސް އޮފީހެއްގައި މަސައްކަތްކުރާ ފޭދޫ ޗަމަންގޭ ހަސަން ޚަލީލަށެވެ. މިސިޓީގައި އަހަރެމެން ދިރިދުނިޔޭގައި އަދި އެބަތިބިކަމާއި މިހާރު ތިބިތަނާއި ތިބި ހާލުގެ ވާހަކަ ބަޔާން ކުރީމެވެ. އަތޮޅު އޮފީހަށް އަހަރެމެންގެ ވާހަކަ އަންގައި އެއޮފީސް މެދުވެރިކޮށް މާލެއަށް މިޚަބަރުދީ ރާއްޖެއަށް އަހަރެމެން ގެނެވޭތޯ ބާރުއަޅައިދިނުމަށް އެދުނީމެވެ. ދެން މިސިޓީ އައްޑޫ ގަމަށް ޕޯސްޓުކޮށްފައި މީގެ ޖަވާބުގެ އިންތިޒާރުގައި ތިބެއްޖައީމެވެ. ގަމަށް މަސައްކަތުދާ މުވައްޒަފަކަށް ސިޓީ ލިޔުނީ ގަމުގެ މަގުން ޕޯސްޓުކުރީމާ އަވަސްވެފައި ޔަގީންކަން ބޮޑުކަމުންނެވެ.

ގިނަދުވަސްތަކެއްނުވެ ސިޓީގެ ޖަވާބު ލިބިއްޖެއެވެ. އަހަރެމެންގެ ޚަބަރެއް ނުވެގެން ކަނޑުވެ މަރުވީކަމަށް ނިންމައި ވަރަށް ހިތާމަ ބޮޑުވެގެން ތިބި ވާހަކަޔާއި އަތޮޅު އޮފީސް މެދުވެރިކޮށް ދިވެހިސަރުކާރަށް އަހަރެމެން އަންޒަމާނުގެ ޕޯޓްބްލެއަރގައި ތިބިކަން އަންގައިފީމޭ ލިޔެފައި އޮތެވެ. ސަރުކާރަށް މިކަން އެންގީމާ ދިއްލީގައި އޮންނަ އިންޑިޔާގެ މަރުކަޒީ ސަރުކާރަށް ގުޅައިގެން އަހަރެމެންގެ ކަންތަކާ މާލެއިން މިހާރު އުޅެގެންފިޔޭވެސް ލިޔެފައި އޮތެވެ. ދިއްލީންވެސް އަހަރެމެން އަންޒަމާނުގެ ޕޯޓްބްލެއަރގައި ގަދަވެ ހެޔޮހާލުގައި އިންޑިޔާ ސަރުކާރުގެ މެހުމާންދާރީގައި އެބަތިބިކަން މާލެއަށް ކަށަވަރުކޮށްދީފިއޭވެސް ލިޔެފައި އޮތެވެ.

އިންޑިޔާގެ ޗެންނާއީއަށް ދިއުން

މިޖަވާބެއް ލިބުނުތާ ދެތިންދުވަހެއްގެ ތެރޭގައި އަހަރެމެން ގެންގޮސް ކަލޭމެން ފުރުވާލުމުގެ ކަންތައް އެބަހަމަޖައްސަމޭ ބުނެފައި ކޮއްތު ޚަރަދަށް ދުވާލަކު ކޮންމެ މީހަކަށް ދެމުން އައި މިންވަރު ދެގުނަ ބޮޑުކޮށް އަހަރެމެންނަށް ހެޔޮކޮށް ހިތުންވެސް ކުރިއަށްވުރެ އެތައްތަނެއް އިތުރުކޮށްފިއެވެ. އަހަރެމެންނަށް ނުފުރި ލަސްވަނީ އަންޒަމާނު ކަރަޔާއި އިންޑިޔާގެ ޗެންނާއީއާ ދޭތެރޭގައި ދަތުރުކުރާ އާގުބޯޓު ނައިސްގެންނެވެ. ބޯޓު އައުމާއެކު އަހަރެމެން އެންމެން އެބޯޓަށް އަރުވައިފިއެވެ. އެއީ ވަރަށް ތަނަވަސް ބޯޓެކެވެ. އާގުބޯޓަށްލީއިރު އަހަރެމެން އަންޒަމާނު ކަރައިގައި ތިބޭތާ ފަސްމަހެއްހައި ދުވަސްވެއްޖެއެވެ.

އަހަރެމެންނާއިގެން ބޯޓުފުރިތާ ހަތަރު ދުވަހަކުން އިންޑިޔާގެ އިރުދެކުނުބިތުގެ ޗެންނާއީއޭ ކިޔުނު ރަށުގައި ބަނދަރުކޮށްފިއެވެ. އަންޒަމާނު ކަރަޔާއި ޗެންނާއީއާ ދޭތެރޭގެ ދުރުމިނަކީ ގާތްގަޑަކަށް ހަތްސަތޭކަ މޭލެވެ. ހުރަސްކުރަން ޖެހުނީ ވަރަށް ގަދަ ކަނޑެކެވެ. ނަމަކީ ބަންގާޅު ކަނޑެވެ. ބޯޓުގެ ބޮޑުކަމާއި ތަނަވަސްކަމުން ކަނޑުގަދަކަމުގެ އިހުސާސްވުން ވަރަށް ކުޑައެވެ. ޗެންނާއީއަކީ އިންޑިޔާގެ އެންމެ ބޮޑެތި ސަހަރުގެ ތެރެއިން ސަހަރެކެވެ. އެއީ ޓަމިލްނާޑޫ ސްޓޭޓުގެ ވެރިރަށެވެ. މީހުން ގިނަކަމާއި ދުއްވާތަކެތީގެ ގިނަކަމާއި މަގުތަކާއި ބާޒާރުތަކުގެ ކާރޫބާރޫ ބޮޑުކަމުން އަޖައިބުވާހާވެއެވެ.

ޗެންނާއީއަށް ފޭބިއިރު އަހަރެމެންނާއި ހަވާލުވާން ދިވެހިސަރުކާރުގެ ފަރާތުން އެޖެންޓަކު އައިސްހުއްޓެވެ. އެހެންވީމާ މިހިސާބުން އިންޑިޔާ ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުން ނެއްޓި ދިވެހިސަރުކާރުގެ ބެލުމުގެ ދަށަށް އަހަރެމެން ގެނެވުނީއެވެ. ދިވެހިސަރުކާރުގެ ފަރާތުން އަހަރެމެންނާ ހަވާލުވީ އެމްއެންޓީސީ ކިޔާ ކުންފުންޏަކުންނެވެ. އެއީ ދިވެހިސަރުކާރުގެ ވިޔަފާރިއާއި އާގުބޯޓުފަހަރާއި ބެހޭ ކުންފުންޏެވެ. ވެރިޔަކީ ކޮލިގޭ އަލީއުމަރު މަނިކެވެ. މިކުންފުނީގެ އޮފީސްތައް ޗެންނާއީ އާއި ސިލޯނުގެ ކޮޅުނބުގައިވެސް ހުރެއެވެ.

ޗެންނާއީގައި އަހަރެމެން ތިބީ އެމްއެންޓީސީ ކުންފުނިން ކުއްޔަށް ނަގާފައިވާ ގެއެއްގައެވެ. މިރަށުގައި އެއްމަހާއި ތިންދުވަސް ހޭދަވިއެވެ. މިހާގިނަދުވަސް ހޭދަވީ ކުންފުނީގެ މަސައްކަތް ހުރިގޮތުންނާއި އަހަރެމެން އެހާއަވަހަށް ރާއްޖެ ފޮނުވުމަށް އެތާގައި ހުރި އެޖެންޓުވެސް މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުންނެވެ. ނިދުމާއި ކޮއްތު ބަރާބަރަށް ލިބޭތީ އަހަރެމެންވެސް މާބޮޑު ޝަކުވާއެއް ނުކުރަމެވެ. މިހާރު މިތިބެވެނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށްވާތީ އިތުރު އެންގުންތަކެއް އަންގާނޭ ފަރާތެއްވެސް ހުރީއެއް ނޫނެވެ.

ސިލޯނަށް ފޮނުވާލުން

މިގޮތަށް ތިބޭތާ އެއްމަހާއި ހަތަރުވަނަޔަށްވީ ދުވަހު އަހަރެމެންނާއި ފޮށިތަންމަތި ގެންގޮސް ރޭލަކަށް ލައިފިއެވެ. މިރޭލަކީ ބޯޓުމޭލޭ ކިޔުނު ރޭލެކެވެ. އަހަރެމެންނަށް އެންގީ ސިލޯނު މަގުން ރާއްޖެއަށް ފޮނުވުމަށްޓަކައި ސިލޯނަށް ފޮނުވާލަން އިންޑިޔާގެ އެންމެ ދެކުނުކޮޅުގެ ބަނދަރަކަށް ގެންދަނީކަމަށެވެ. އެކިތަންތަނުގައި ރޭލު މަޑުކުރަމުންގޮސް އެއްރެޔާއި ދެދުވަސްވީފަހުން އަހަރެމެން ބޭލީ ޓަމިލްނާޑޫގެ ދެކުނުކޮޅުގެ ބަނދަރެއްކަމަށްވާ ރަމޭޝްވަރަމަށެވެ. އޭރު އެތާގެ ބަނދަރުގައި ސިލޯނުގެ ތަލައިމަންނާރު ކިޔާ ރަށަށް ފުރާން ތައްޔާރުވެފައިވާ ބޯޓެއް އޮތެވެ.

ތަލައިމަންނާރަކީ ސިލޯނުގެ އުތުރުގައި އޮންނަ ރަށެކެވެ. އެހެންވީމާ އިންޑިޔާގެ ރަމޭޝްވަރަމާއި ވަރަށް ގާތެވެ. ދޭތެރޭގެ ދުރުމިނަކީ ސާޅީހަކަށް މޭލެވެ. މިދެގައުމުގެ ދޭތެރޭގައި އޭރު ބޯޓު ފެރީ އޮވެއެވެ. މިއީ އޭގެތެރެއިން ފެރީއެކެވެ. އަހަރެމެން ޗެންނާއީގައި ތިބެފައި މިއައި ރޭލަކީ މިފެރީއަށް ދަތުރުވެރިން އުފުލާ ރޭލެވެ. އެޔަށް ބޯޓުމޭލޭ ކިޔަނީ އެހެންވެގެންނެވެ.

ރަމޭޝްވަރަމުގެ ރޭލު ސްޓޭޝަނުން ބަނދަރަށް ދިޔުމާއެކު އެތާގެ ކަސްޓަމުން އަހަރެމެންގެ ފޮށިތަންމަތި ފާސްކޮށްފައި ބޯޓަށް ލައިފިއެވެ. އެރޭގެ އިރާކޮޅު ފުރައިގެން މެންދަންވީއިރު އަހަރެމެންތިބީ ސިލޯނުގެ ތަލައިމަންނާރުގައެވެ. އެތާގެ ބަނދަރަށް ފޭބިއިރު އެމްއެންޓީސީ ކުންފުނީގެ ފަރާތުން ޖޯސެފޭ ކިޔުނު ސިންގަަޅަޔަކު އަހަރެމެންނާ ހަވާލުވާން ފޮނުވާފައި ހުއްޓެވެ. މީނާ އަހަރެމެން ގޮވައިގެންގޮސް ރަގަޅަށް ސައިދީފައި ދެން ގެންދިޔައީ އެރަށުގެ ރޭލު ސްޓޭޝަނަށެވެ.

ފަހުދުވަހުގެ ރޭ ހަތެއްގެ ރޭލުން ފުރައިގެން އަހަރެމެން ދަތުރުކޮށްފައިގޮސް ސިލޯނުގެ ވެެރިރަށް ކޮޅުނބަށް ފޯރީ އަނެއްދުވަހުގެ ހެނދުނު ދިހައެއްވެސް ޖެހިފަހުންނެވެ. ދެން ކޮޅުނބުގެ ކަސްޓަމަށް ވައްދައި ފޮށިތަންމަތި ފާސްކުރުމަށްފަހު ބަނަދަރުގައި އޮތް އާގުބޯޓަކަށް ލައިފިއެވެ. އެއީ ދިވެހިސަރުކާރުގެ ބޯޓެއް ކަމަށްވާ މުންޑާރާއެވެ. ކޮޅުނބުގެ ގެއެއްގައި ބޭތިއްބުމުގެ ބަދަލުގައި ބަނދަރުގައި އޮތް އާގުބޯޓެއްގައި އަހަރެމެން ބޭތިއްބީ ހީވާގޮތުން ޚަރަދު ކުޑަކުރުމަށެވެ.

މޯލްޑިވް ސްޓަރގައި މާލެއަށް

ބޯޓުގެ ފަޅުވެރީން ނިދާގޮތަކަށް ނިދައިގެން ކާގޮތަކަށް ކައިގެން މިޒާތަކަށް އުޅޭތާން ފަނަރަދުވަސްފަހުން ބަނދަރުގައި އޮތް އެހެން ބޯޓަކަށް އަހަރެމެން ބަދަލުކޮށްފިއެވެ. މިއީވެސް ދިވެހިސަރުކާރުގެ އާގުބޯޓެކެވެ. ވަރަށްވެސް މަޝްހޫރު ބޯޓެކެވެ. ސުވާދީބުގެ ދުވަސްވަރު ހުވަދުއަތޮޅު ތިނަދޫ ތަޅައި ވީރާނާކޮށްލުމަށް މާލެއިން ލަޝްކަރަކާއެކު ބޮޑުވަޒީރު އިބްރާހިމް ނާސިރު ތިނަދޫއަށް ވަޑައިގެންނެވި ބޯޓެވެ. ނަމަކީ މޯލްޑިވް ސްޓާރ އެވެ.

މިބޯޓު އޮތީ މާލެއަށް ފުރަން ތައްޔާރަށެވެ. އަހަރެމެން އެރިތާ ގިނައިރުތަކެއްނުވެ ބޯޓު ފުރައިފިއެވެ. މާލެއަށް ފޯރީ ތިންރޭ ތިންދުވާލުންނެވެ. މާލެއަށް ފޭބީމާ ކަސްޓަމުން އަހަރެމެންގެ ފޮށިތަންމަތި ބަލައި ފާސްކުރުމަށްފަހު އަހަރެންނާއި ފާއިޒުއާ ދެމީހުން ފިޔަވައި އެހެން އެންމެންނަށް އެންގީ އެންމެއަވަހަށް ފުރާ އެއްޗަކުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ރަށަށް ފޮނުވައިދޭނެ ކަމުގަައެވެ. އަހަރެންނާއި ފާއިޒަށް އޮތީ އަމިއްލަ އަތޮޅަށް ދިޔުން މަނާ ކުރެވިފައެވެ. އެހެންވީމާ އަމަނާއިބެހޭ ވުޒާރާގެ ޚާއްސަ ހުއްދައެއްނެތި އަހަރެމެން ދެމީހުންނަކަށް އަމިއްލަ ވަޒަނަށް ނުދެވޭނެއެވެ.

ރަށަށް ނުދެވޭތާގައި އަހަރެމެން ދެމީހުން ދާނެ ވަކި އެހެންރަށެއް އަދި ތަނެއް ނެތެވެ. ހަވާލުވާނޭ ބަޔަކުނެތަސް އަމިއްލަ ރަށަށް ނުދެވުނަސް ރާއްޖެ އާދެވުނީމާ އަހަރެންނާއި ފާއިޒާއި ދެމީހުންތިބީ ވަރަށް އުފަލުންނެވެ. އެދިގެންތިބީ ރާއްޖެ އައުމަށެވެ. މިތިބީ ރާއްޖެ އާދެވިފައެވެ. އެހެންވީމާ ޝަކުވާއެއް ނުކޮށް އެއްގަމަށް އަރައިގެން ދަނިކޮށް ހިތަދޫ ވާރަގޭ އަލިދީދީގެ މުހައްމަދު ޖަމާލާ ދިމާވެއްޖެއެވެ. މީނާއަކީ އަހަރެންނާއެކު މިހިރަ ފާއިޒުގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. މިއީވެސް އަހަރެމެން ފަދައިން އާރޭފެ ހުސައިނުގެ ޖަގަޑާޔާ ގުޅިގެން އަދަބުލިބި ރަށުން ވަކިކުރެވި އަރުވައިލެވުނު މީހެކެވެ. އަމިއްލަ އަތޮޅަށް ދިޔުމުގެ ހުއްދަ ނުލިބިގެން އަދިވެސް މާލޭގައި މަޑުކޮށްގެން ހުރީއެވެ.

އަހަރެން ކުރެން ޖަމާލު އަހައިފިއެވެ. ކަލޭ ހުންނަން ގަސްތުކުރަނީ ކޮން ގެއެއްގައި ހެއްޔެވެ. މާލޭގައި ހުންނަ ކަލޭގެ ކޮއްކޮ އަބްދުﷲ ސާދިގުވެސް މިވަގުތުވީ ހިތަދޫގައެވެ. އަހަރެން ބުނެފީމެވެ. އެހެންވިއްޔާ އަމްދުން އަހަރެން ދަންނަ މީހަކު ނެތުނީއެވެ. ވަންނާނެތަނެއްވެސް ނެތެވެ. މިހެން ބުނީމާ ޖަމާލު އަންގައިފިއެވެ. ފާއިޒާއެކު އަހަރެންގެ ފަހަތުން ކަލޭވެސް އަންނާށެވެ. އިތުރު ގޮތެއް ފެންނާންދެން ތިން މީހުންވެސް ތިބޭނީ ހެންވޭރު ބާޑީގޭގައެވެ. މިހެން ކިޔާފައި ދަމާގާޑިޔަލެއް ކުއްޔަށްގެނެސް ކަސްޓަމުގައި ހުރި އަހަރެމެންގެ ފޮށިތަންމަތި ނަގައިގެން ދެމީހުންވެސް ގޮވައިގެން ދިޔައީ އެބުނާ ބާޑީގެއަށެވެ. އެގޭގެ ވެރިޔަކީ ބާޑިދޮހޮއްކޮއެވެ. މިދޮހޮއްކޮ އިނދެގެން އުޅެނީ ހިތަދޫ ކޮރޮވަލަށް ނިސްބަތްވާ އަބްދުﷲދީދީގެ ފާތުމައިދިއާއެވެ. އެހެންވީމާ އަހަރެމެން ކަހަލަ ކޮރޮވަލު މީހުންނާއި އެގެޔާއި ގުޅުން އޮވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!