އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 10

މިނިކާރާއްޖެއާއި އެތާގެ މީހުން

އަހަރެމެން ފޭބި ގަދަމްތަލާއަކީ ރަށެއްނޫނެވެ. މިއީ މެދުއަންޒަމާނޭ ކިޔުނު ޖަޒީރާގެ ހުޅަނގުދެކުނު ބިތުގައި އޮންނަ ކުޑަ އަވަށެކެވެ. މިއަވަށުން ފެންނަނީ ހައްތާވެސް އަހަރެމެން ފާޑަށްތިބޭ މީހުންނެވެ. ފަހަރުގައި މިއީ ބަންގާޅުން އައިސް މިތާގައި ވަޒަންވެެރިވި ބަޔަކަށް ވެދާނެއެވެ. ބަންގާޅުގަައިވެސް ގަދަމްތަލާއޭ ކިޔޭ ވަރަށް މަޝްހޫރު ސަހަރެއް އޮވެއެވެ. އަހަރެމެންނަށް އާދެވިފައިމިތިބަ މެދުއަންޒަމާނު ޖަޒީރާއަކީ އަންޒަމާނު ކަރައިގެ ބޮޑެތި ރަށްތަކުގެ ތެރެއިން އެންމެ މެދަށް އޮންނަ ޖަޒީރާއެވެ. މިއީ ހިލަޔާއި ފަރުބަދަތަކުގެ ޖަޒީރާތަކެކެވެ. އެކަމަކު ވަށައިގެން ހުންނަނީ މުރަކައިގެ ފަރުފަރެވެ. އަންޒަމާނު ކަރައިގައި ދެންހުރި ބޮޑެތި ޖަޒީރާތަކަކީ އުތުރު އަންޒަމާނާއި ދެކުނު އަންޒަމާނެވެ.

ކުދި ޖަޒީރާތަކާއި ބޮޑެތި ޖަޒީރާތައް ހިމަނައިގެން މިރަށްތަކުގެ އަދަދު ހަތަރުސަތޭކައާ ގާތްކުރެއެވެ. އަންޒަމާނު ކަރައޭ ކިޔަނީ ތިންބަޔަކަށް ބެހިގެންގޮސްފައިވާ ރަށްތަކަކަށެވެ. އެންމެ އުތުރުގައި ކޮކޯ ޖަޒީރާތަކެވެ. އެޖަޒީރާތައް އޮންނަނީ ބަރުމާގެ ހުކޫމަތުގެ ދަށުގައެވެ. ދެން މެދަށް އޮންނަނީ އަންޒަމާނު ޖަޒީރާތަކެވެ. އެންމެ ދެކުނަށް ނާގަބާރު ޖަޒީރާތަކެވެ. މިޒަމާނުގައި އަންޒަމާނަށް ކިޔަނީ އެންޑަމަންސް އެވެ. ނާގަބާރަށް ކިޔަނީ ނިކޮބާރ މިހެންނެވެ. އަންޒަމާނާއި ނާގަބާރު އޮންނަނީ އިންޑިޔާގެ ހުކޫމަތުގެ ދަށުގައެވެ. މިރަށްތަކުގެ ވެރިރަށަކީ ޕޯޓްބްލެއަރ އެވެ. އެ ސަހަރު އޮންނަނީ އަހަރެމެން މިތިބަ މެދުއަންޒަމާނު ޖަޒީރާޔާ ޖެހިގެން އޮންނަ ދެކުނުއަންޒަމާނު ޖަޒީރާގައެވެ. ގަދަމްތަލާޔާއި ޕޯޓްބްލެއަރ އާދޭތެރޭގައި ހުންނާނީ ފަސްދޮޅަހަކަށް މޭލު ދުރުމިނެވެ.

ޕޯޓްބްލެއަރ އަކީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިކަންކުރި ޒަމާނުގައި އިނގިރޭސީންނާ ދެކޮޅުމީހުން ގެންގޮސް ބަންދުކުރި ޖަލެކެވެ. އެޖަލު ފަހުން ސަހަރަކަށް ބަދަލުވީއެވެ. މިރަށްތައް ހުންނަނީ ބަންގާޅުކަނޑު އިރުމައްޗަށްގޮސް ނިމޭ ހިސާބާ ގާތުގައި އިންޑޮނީޝިޔާގެ އަސޭޔާއި ބަރުމާއާ ދޭތެރޭން ކަނޑުމެދުގައެވެ. އެހެންވީމާ ރާއްޖެއިން ފުރާ ބަޔަކު ބެހިގެން އިރުމައްޗަށްގޮސް ސިލޯނުގައި ލައްވާނުލައިފިނަމަ ދެން އެބަޔަކު ލައްވައިލާނެ ހިކިފަސްތަނަކަށް ވާނީ އަންޒަމާނު ކަރައެވެ. އިހުގެ ދިވެހި އޮޑިފަހަރު ބެހިގެން އަންޒަމާނު ކަރަޔަށް ދެވެނީ އެހެންވެގެންނެވެ. އަންޒަމާނު ކަރައިގެ ރަށްތަކުގެ ތެރެއިން ދާއިމީ އަވަށްތަކެއް ހަދައިގެން މީހުން ދިރިއުޅެނީ ވަރަށް މަދު ރަށެއްގައެވެ.

މިރަށްތަކުގައި ބޮޑެތިބޮޑެތި ކުޅި ހުރެއެވެ. ދިވެހިރުއް ވަރަށް ގިނަައެވެ. ގޮނޑުދޮށުގެ ވެލި ހުދުވެފައި ރީއްޗެވެ. ވަށަައިގެން ވަނީ މުރަކައިގެ ފަރުފަރެވެ. މަސްވެެރިކަން ވަރަށް ރަގަޅެވެ. އަންޒަމާނުގައި ފަރުބަދަ ހުއްޓަސް ނާގަބާރު ޖަޒީރާތަކުގައި ފަރުބަދައެއް ނުހުރެއެވެ. އެއީ ދިވެހިރާއްޖެ ކަހަލަ މުރަކައިގެ ކުދި ޖަޒީރާތަކެކެވެ. އެތާގައިވެސް ހިސާބަކަށް މީހުން އުޅެއެވެ. ނާގަބާރުގެ ރަށްތަކުގެ ތެރެއިން އިސްރަށަށް ކިޔަނީ ކާރނިކޮބާރެވެ.

އިންޑިޔާގެ ހުކޫމަތު މިތާގެ މައްޗަށް ހިނގާންފެށީ އިންޑިޔާ މިނިވަންވުމަށްފަހުގައެވެ. އަންޒަމާނު ކަރަޔަކީ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ ކަމުގައި އެމީހުން ބުނާ ހަތް ސަރަހައްދުގެ ތެރެއިން ސަރަހައްދެކެވެ. ދިވެހިރާއްޖޭގެ އުތުރުން އޮންނަ މަލިކާއި ލަކުޝަދީބަކީވެސް މިބުނި ހަތް ޔޫނިއަން ޓެރިޓަރީގެ ތެރެއިން ސަރަހައްދެކެވެ. އިންޑިޔާގެ ހުކޫމަތު ހިންގާން އަންޒަމާނުގެ ވެރިރަށް ޕޯޓްބްލެއަރގައި ހުންނަވަނީ އިންޑިޔާގެ މަރުކަޒީ ސަރުކާރުން ފޮނުވާ ގަވަރުނަރެކެވެ. މިތާގައި މިހާރު ގިނައިން ދިރިއުޅެނީ އިންޑިޔާއިން ހިޖުރަކުރި މީހުންނެވެ.

މިނިކާރާއްޖެއޭ ކިޔުނުގޮތް

އިހު މިރަށްތަކުގެ ހަގީގީ ރަށްވެހީންނަކީ ގަދީމީ ގަބީލާތަކެއްގެ ބަޔެކެވެ. އެއީ ވަލު މީހުންނެވެ. މިނިކާ މީހުންނެވެ. އެކަހަލަ ހަތަރުފަސް ގަބީލާއެއްގެ މީހުން މިހާރުވެސް މިރަށްތަކުގައި ދިރިއުޅެއެވެ. އެކަމަކު ޒަމާން ބަދަލުވެ ތަރައްގީ އައިސް އެހެން މީހުންނާއި މަސްހުނިވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ގަބީލާއެއް ފިޔަވައި އެހެންއެންމެން ބަރަހަނާކޮށް ތިބުމާއި މިނިމަސްކެއުމާއި މީހުންމެރުން ފަދަ އިހުގެ ނުބައި އާދަތައް ދޫކޮށްލައިފިއެވެ. އެކަމަކު ހުރިހާ ގަބީލާއެއްގެ މީހުންވެސް އެބައެއްގެ ސަގާފީ ގިނަކަންކަން އަދިވެސް ދަމަހައްޓައެވެ.

އަންޒަމާނު ކަރައިގެ އަހުލުވެރިންގެ ތެރެއިން މިނިކާ މީހުންނޭ ކިޔައި އުޅުނީ މައިގަޑު ގޮތަކަށް ފަސް ރަށެއްގައި އުޅުނު ފަސް ގަބީލާއަކަށެވެ. މިފަސްރަށަކީ އަންޒަމާނު ކަރައިގެ ދެކުނުބިތުގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްރަށެވެ. ކޮންމެ ރަށެއްގައި ވަކި ގަބީލާއެކެވެ. އެއްބަޔަކު އަނެއްބަޔަކާ އެއްވެސް ގުޅުމެއް ނޯވެއެވެ. މިއީ މުޅިން ބަރަހަނާކޮށް އުޅުނު ބައެކެވެ. ކުޑަމިނުން އަލިފާނުގެ ބޭނުން ކުރާންވެސް ނުދަނެއެވެ. ސިފަ ވައްތަރުވާން އުޅެނީ ބަބުރުންނާއެވެ. ތަންކޮޅެއް ކުރީގައި މީން އެއްވެސް ބަޔަކު އެމީހުންގެ ރަށަށް ބޭރު ބަޔަކު އެރިޔަ ނުދޭނެއެވެ. ބޭރުން އަރާ ބަޔަކު ބަލިކޮށްލުމަށް ބޭނުންކުރާ ހަތިޔާރަކީ ތީރާއި ދުނިދަނޑިއެވެ.

އެމީހުންނަށްވުރެ ވަރުގަދަހެން ހީވަންޏާ ޖަންގަލީގެ ތެރެއަށް ވަދެ ތިބޭނީ ފިލައެވެ. އެއީ ބޮޑެތި ޖަންގަލިތަކެވެ. ބޮޑުއަންޒަމާނީންނަކީ އެއްގަބީލާއެވެ. ޖަރަވާއިންނަކީވެސް އެއްގަބީލާއެވެ. ޖަންގިލް އާއި އޮންގީ އަދި ސެންޓިނެލީ އަކީ އަނެއް ތިން ގަބީލާއެވެ. މީގެ ތެރެއިން ޖަންގިލް ގަބީލާ ދާދިފަހަކުން މުޅިން ނެތި ހުސްވެއްޖެއެވެ. އެހެން ގަބީލާތަކުގެ މީހުންވެސް ވަރަށް މަދެވެ. މިހާރު އެބަޔަކާއި ބޭރުދުނިޔެއާ އެއްވެސް މުއާމަލާތެއް ނުކުރެވޭ އަދި އެބަޔަކުވެސް ބޭރު މީހުންގެ ސޫރަ ދެކޭން ބޭނުން ނުވާ އުޅެނީ އެންމެ ގަބީލާއެކެވެ. އެއީ އުތުރު ސެންޓިނެލް ޖަޒީރާގައި ދިރިއުޅޭ ސެންޓިނެލީންނެވެ.

މި ޖަޒީރާއަކީ އަހަރެމެން މިތިބި ތަނުން ފެށިގެން ސަތޭކައެއްހައި މޭލު ދެކުނުގައި އޮންނަ ޖަޒީރާއެކެވެ. ދިގުމިނުގައި ފަސްމޭލު އަދި ފުޅާމިނުގައި ހަތަރުމޭލެއްހާ ރަށެކެވެ. އިންޑިޔާ ސަރުކާރުންވެސް ސެންޓިނެލް ޖަޒީރާ ކޮންޓްރޯލް ކުރާކަށް ނޫޅެއެވެ. ގާނޫނީ ހުކޫމަތު ހިންގާކަށް ނޫޅެއެވެ. ސެންޓިނެލީން އުޅޭނޭ ގޮތަކަށް އުޅޭން ދޫކޮށްލައިގެން ތިބެނީއެވެ. އެރަށަށް އަރާ ބަޔަކު މެރުމަކީ ސެންޓިނެލީން އަބަދުވެސް ކުރާ ކަމެކެވެ. އެހެންނަމަވެސް މިނިމަސްކައި އުޅޭކަމުގެ ހެއްކެއް ނުފެނެއެވެ. މިހާރު ސެންޓިނެލީންގެ އަދަދުވެސް މާގިނައެއް ނޫނެވެ. ބުނެވޭ ގޮތުގައި ސަތޭކަވެސް ހަމަނުވެއެވެ.

ތަންކޮޅެއް ކުރީގައި ދިވެހި އޮޑިފަހަރު ބެހިގެން އަންޒަމާނު ކަރަޔަށް އާދެވުނުއިރު މިކަހަލަ ގަބީލާތައް ގިނަވާނެއެވެ. އެހެންވީމާ އޮޑިފަހަރުގެ މީހުންނަށް ހަގީގީ މިނިކާ މީހުން ހުންނާނީ ފެނިފައެވެ. ބިރުވެރި ތަޖުރިބާތަކެއް ވާނީ ކުރެވިފައެވެ. މިނިކާރާއްޖެއޭ ކިޔައިފައި އެވަނީ އޭރަށް ބަލާފައި ހަމަރަގަޅަށެވެ. އެހެންނަމަވެސް މިހާރު އެއީ މިނިކާރާއްޖެއެއް ނޫނެވެ. މިހާރު އެއީ އަންޒަމާނެވެ. ސެންޓިނެލް ޖަޒީރާގައި ލައްވާނުލާ ބަޔަކު ފުރާނަޔާ ދޭތެރޭ ބިރުވެތިވާކަށް މިހާރު ނުޖެހޭނެއެވެ. ނަސީބަކުން އަހަރެމެން ލައްވައިލީ ސެންޓިނެލަށްވުރެ ކުޑަތަންކޮޅެއް އުތުރުގެ ހިސާބެއްގައެވެ. އެހެންވީމާ އަހަރެމެންނަށް މިފެނުނީ ކާބަފައިން ދުށްކަހަލަ މިނިކާރާއްޖެއެއް ނޫނެވެ.

މިނިކާރާއްޖެއިން ލިބުނު އެހީތެރިކަން

އަންޒަމާނު ކަރަޔާއި ދޭތެރޭ ވިސްނާން އަހަރެމެން ބޯޓުގައި ތިއްބާ މިރަށުގައި ތިބޭ އިންޑިޔާ ސިފައިންނަށް އަހަރެމެންގެ ޚަބަރުލިބިގެން ބޯޓަށް އަތުވެއްޖެއެވެ. ކަލޭމެން ތިޔައީ ކޮންގައުމެއްގެ ބައެއްހޭ މިތަނަށް އާދެވުނީ ކިހިނަކުންހޭ އަހައި ސުވާލުކޮށް އަހަރެމެންނަކީ ދިވެހީންނޭ މޫސުން ގޯސްވެގެން ބެހިގެން ވަރަށް ހާލުގައި މިތަނަށް އާދެވުނީއޭ ބުނެ ޖަވާބުދިނީމާ އަހަރެމެންގެ ތެރޭގައި ތިބި ބަލިމީހުން ބާލައިގެން ހަސްފަތާލު ޒާތުގެ ތާކަށް ގެންގޮސް ބައިތިއްބައިގެން ފަރުވާދޭން ފަށައިފިއެވެ. އަދި ކާބޯތަކެތިދީގެން އަހަރެމެންނަށް ވަރަށް ބޮޑަށް އެހީވެސް ވެއްޖެއެވެ.

ގަދަމްތަލާ އަވަށަކީ ފުދުންތެެރި ބަޔަކު ދިރިއުޅޭ މާކަންފަސޭހަ ރަށެއް ނޫނެވެ. ގިނައިން ފެންނަނީ ވަރަށް ދެރަވަރު ޖިފުޓިތަކެވެ. އެހެންނަމަވެސް މިރަށުގެ އަހުލުވެރީންގެ ހިތްތަކުގެ ހެޔޮކަމާއި ދީލަތިކަން ވަރަށް ބޮޑެވެ. މިހުރިހާ ދުވަހު ރޯހަނޑޫ ކައިގެން ލޮނުބޮއެގެން ކަރުތެރެ ފާރުކޮށްގެން ތިބި ބަޔަކަށް އެކަށީގެންވާ ކާނާ ބޭނުންވާނޭކަން އެއުރެން ތިބީ ދަނެގެންނެވެ. އެހެންވީމާ ކެއުމާއި ދޭތެރޭ އަހަރެމެން ވިސްނާކަށް ނުޖެހުނެވެ.

މިރަށުގައި މިހެންތިބެ ގައިގައި ކުޑަކޮށް ވަރުޖެހުނީމާ އަވަށުގެ އިސްމީހުންގެ ކައިރީގައި ބުނެފީމެވެ. އަހަރެމެން މިތާގައި ތިބި ވާހަކަޔާއި ހާލުގެ ވާހަކައިން ދިވެހި ސަރުކާރަށް ޚަބަރުކޮށްދޭށެވެ. މިވެރީން ބުނެފިއެވެ. އަހަރެމެންނަށް ބިދޭސީ ސަރުކާރަކާ މުއާމަލާތެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް ޚަބަރު ކުރެވޭނީ އަންޒަމާނު ކަރައިގެ ގަވަރުނަރުގެ އޮފީހަށެވެ. އެހެންވީމާ މިތާގެ ވެެރިރަށް ޕޯޓްބްލެއާރ އަށް ކަލޭމެންގެ ވާހަކައިން މިއަންގަނީއެވެ.

ގަދަމްތަލާގެ އިދާރީ އޮފީހުން ޕޯޓްބްލެއާރއަށް އަހަރެމެންގެ ވާހަކައިން ޚަބަރުކުރީމާ ދެތިންދުވަހެއްގެ ތެރޭގައި އެރަށުން ފުލުސް އިނިސްޕެކްޓަރަކާއި ޑޮކްޓަރަކު އައިސް އަހަރެމެންނާ ބައްދަލުކޮށްފިއެވެ. ޑޮކްޓަރު މީހާ އަހަރެމެންގެ ތެރެއިން ބަލިމީހުން ބަލައި ބޭސްދީ ފަރުވާކުރުމުގެ މަސައްކަތުގައި ބައިވެރިވެއްޖެއެވެ. ފުލުސް އިނިސްޕެކްޓަރު އަހަރެމެންނާ ކުރި ސުވާލަކީ ކަލޭމެންނަކީ ކޮން ގައުމެއްގެ ބަޔަކީމުހެއްޔެވެ. ކަލޭމެންގެ ގައުމުގެ ވެރިޔަކީ ކާކުހެއްޔެވެ. މިތަނަށް އާދެވުނީ ކިހިނަކުންހެއްޔެވެ. އަހަރެމެން ޖަވާބުދިނީމެވެ. ދިވެހީންގެ ބަޔަކީމެވެ. ދިވެހިރާއްޖޭގެ ރަސްކަލަކީ މުހައްމަދު ފަރީދެވެ. ބޮޑުވަޒީރަކީ އިބްރާހިމް ނާސިރެވެ. އަހަރެމެން ދަތުރުކުރަނިކޮށް ކަނޑުގަދަވެގެން ބެހިގެން އެތައްދުވަހަކު ކަނޑުމަތީގައި ތިބެ ހާލުގައިޖެހި މިތަނަށް އާދެވުނީއެވެ.

އަހަރެމެންނާއި ސުވާލުކޮށް އަހަރެމެންގެ އަތުން ބަޔާން ނަގައިފައި އިނިސްޕެކްޓަރު ބުންޏެވެ. އަހަރެންނަށް އަމުރުވެވިގެންވަނީ ކަލޭމެން ގޮވައިގެން މިތާގެ ވެރިރަށް ޕޯޓްބްލެއަރއަށް ދިޔުމަށެވެ. އެހެންވީމާ ފަސޭހައިން ގެންދެވޭނެ އެއްޗެއް ޖަމާކޮށްގެން ތިބޭށެވެ. މިތާގެ ސަރުކާރުގެ ބޯޓެއްގައި މާދަމާ ކަލޭމެން ގޮވައިގެން އެރަށަށް ދާނަމެވެ. މިއެންގުން އަންގާފައި އަހަރެމެންގެ ބޯޓާއި އެބޯޓުގައިހުރި މުދަލުގެ ހިސާބުކިތާބުވެސް ބަލައިފައި ފޮތެއްގައި ނޯޓުކޮށްފިއެވެ.

ބޯޓުދޫކޮށްލުމާއި ޕޯޓްބްލެއަރއަށް ދިއުން

އަނެއްދުވަހު ގަދަމްތަލާގައި ތިބި އަހަރެމެންގެ އާ އެކުވެރީންނާ ސަލާން ކުރުމަށްފަހު އިނިސްޕެކްޓަރާއެކު ސަރުކާރުގެ ބޯޓެއްގައި ޕޯޓްބްލެއާރއަށް ފުރައިފީމެވެ. މިފުރުމެއްފުރީ މިހުރިހާ ދުވަހު އެބޯޓެއްގައި އަހަރެމެންތިބި އޭދަފުށީ ހެލެރީ ބޯޓު ގަދަމްތަލާއަށް ދޫކޮށްފައެވެ. ބޯޓުގެ ވެރިމީހާ  އޭދަފުށީ އަހުމަދުކަލޭފާނާއި މާލިމީ ހިތަދޫ މޫސައިދިއަށް ލައްކަ އަސަރު ކުރިއެވެ. އެކަމަކު ބޯޓު ދޫކޮށްލުން ފިޔަވައި އެހެންކަމެއް ކުރެވޭކަށް ނެތެވެ. މި އަހުމަދުކަލޭފާނަކީ ފަހުން ރާއްޖާއި ވަޒީރުކަން ކުރެއްވި އަނީސާ އަހުމަދުގެ ބައްޕައެވެ.

ކަނޑެއް ހުރަސްކޮށްފައި އަހަރެމެންނަށް ޕޯޓްބްލެއަރއަށް ދެވުނީ ހަޔެއްކަ ގަޑިއިރުގެ ދަތުރަކަށް ފަހުގައެވެ. އެރަށް އޮންނަނީ ގަދަމްތަލާއަށްވުރެ ދެކުނުން ފަސްދޮޅަހަކަށް މޭލު ދުރުގައެވެ. އެހެން ޖަޒީރާއެއްގެ ހުޅަނގު ދެކުނުބިތުގައި އޮންނަ ސަހަރެކެވެ. ޕޯޓްބްލެއަރ އަށް ބާލައިފައި ސަރުކާރުގެ އޮފީހަކަށް ގެންގޮސް އަހަރެމެން އެންމެންގެ ނަމާއި ވަނަވަރު ނޯޓުކޮށްގެން އެތަނުން އަންގައިފިއެވެ. މީގެފަހުން ކަލޭމެން ތިބޭނީ މިތާގެ ބެލުމުގެ ދަށުގައި މިތަނުން ބައިތިއްބާ ތަނެއްގައެވެ. ކަލޭމެންގެ ތެރެއިން ކޮންމެ މީހަކަށް ކޮއްތު ޚަރަދުގެ ގޮތުގައި ދުވާލަކު ދެ ރުފިޔާ ލިބޭނެއެވެ. ދެން އަހަރެމެން އެންމެން ގޮވައިގެން ގެންގޮސް ބޮޑުގެޔަކަށް ލައިފިއެވެ.

މި ރަށަކީ ކުރީން އިނގިރޭސީންގެ މާވަރުގަދަ ޖަލެކެވެ. މިޖަލަށް ލައިއުޅުނީ އިނގިރޭސި ވެރިކަމާ ތޮޅޭން ނިކުންނަ އިންޑިޔާ މީހުންނެވެ. މިޖަލެއް ބިނާކުރީ 1906 ގައެވެ. ދެވަނަ ބޮޑުހަނގުރާމަޔަށް ފަހު އިންޑިޔާ މިނިވަންވެގެން މި އަންޒަމާނުކަރަވެސް އިންޑިޔާއަށް ލިބުމަށްފަހު މިހާރު ޖަލު ހުންނަނީ މިނިވަންކަމުގެ ރަމްޒު ދައްކައިދޭ ދާރުލްއާސާރަކަށް ހަދައިފައެވެ. މިރަށަކީ ކުރީން އަހަރެމެންނަށް ފެނުނު ގަދަމްތަލާއަށްވުރެ ހުރިހާ ގޮތަކުންވެސް ފުރިހަމަ ޒަމާނީ ސަހަރެކެވެ. އުސް ބޮޑެތި އިމާރާތްތައް ގިނައެވެ. ސައިކަލާއި ބައިސިކަލާއި ކާރު ހުއްޓެވެ. މިރަށުގެ އާބާދީވެސް ފަސްހާހަކަށްވުރެ ކުޑައެއް ނުވާނެއެވެ. އިސްލާމުންވެސް އުޅެއެވެ. އެކަމަކު ގިނައީ ހިންދޫންނެވެ.

މިރަށުން ފެންނަނީ ހައްތާވެސް ފަހުން މިރަށަށް ހިޖުރަކޮށްގެން އުޅޭ އިންޑިޔާ މީހުންނެވެ. މިރަށުގައި އަހަރެމެން ތިބި ތިބުމުގައި ސަރުކާރުގެ އެހީގެ އިތުރުން އެރަށުގެ ހިންދޫންނާއި އިސްލާމުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބެއެވެ. އެކި ފިހާރަފިހާރަޔާއި ސައިހޮޓާތަކާއި ގޭގެޔަށް ގެންގޮސްގެން އަހަރެމެންގެ ދަތުރުގެ ޚަބަރުތަކާއި ރާއްޖޭގެ ޚަބަރުތައް އެހުން އޮވެއެވެ. އެއުރެންނަށް ރާއްޖެ އެނގެނީ ވަރަށް ކުޑަކޮށެވެ. އަހަރެމެން ބުނަމެވެ. ކަލޭމެންނަށް ރާއްޖެ ނޭގުނަސް ދިވެހީން ކަލޭމެންގެ މިރަށްތައް ދަނެއެވެ. ދިވެހީން މިރަށްތަކަށް ކިޔަނީ މިނިކާރާއްޖެއެވެ. ދެން އެވެރީން ވަރަށް މަޖާވެގެން އުޅެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!