އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 6

ނޮޅިވަރަންފަރުގައި އަހަރެމެންގެ އުޅުން

ކަތީބުގެ ފަރާތުން ލިބުނު ބަނބުކެޔޮތައް ކައްކައިގެން އެރޭ ކައިފައި މިސްކިތަށްގޮސް ނަމާދުކޮށްލައިގެން ނިދާންކަމަށް އެންމެންވެސް ވަނީ އަތިރިމަތީގައި ހުރި ކޮންމެވެސް އޮޑިހަރުގެޔަކަށެވެ. އެއީ އަހަރެމެން ނޮޅިވަރަންފަރުގައި ހޭދަކުރި ފުރަތަމަ ރެއެވެ. ރަށަކީ ރުއްގަސް ގިނަ ރަށަކަށްވެފައި ބަނބުކޭލުގެ މޫސުން ކަމަށްވީމާ ވަލުތެރޭގައި ހުރި ގަސްތަކުގެ ދަށަށް ވަރަށް ގިނައިން ބަނބުކެޔޮ ވެރިފައި ހުރެއެވެ. އެގޮތަށް ކާށިވެސް ވެރިފައި ހުރެއެވެ. އެހެންވީމާ ފަތިހުފަތިހާ ތެދުވެ ނަމާދުކޮށްލައިގެން އެންމެންވެސް ވަނީ ކާށްޓާއި ބަނބުކެޔޮ ހޮވުމަށްޓަކައި ވަލަށެވެ. އިސާހިތަކު ފުނިވަރެއް ޖަމާކޮށްލައިގެން އޮޑިހަރުގެޔަށް އަނެއްކާވެސް އަތުވެއްޖައީމެވެ. އަހަރެމެންގެ ތެރޭގައިވެސް އެކަށީގެންވާ މިންވަރަށް ކައްކާން ދަންނަ މީހުން ތިއްބެވެ. އެހެންވީމާ އެދުވަހާއި އެރެޔަށްވާ ވަރަށް ކައްކައިގެން ހަމަޖެހިލައިގެން ތިބީއެވެ.

މިރަށުގައި އުޅޭންވީގޮތް މިދަސްވީއެވެ. މިގޮތްމަތީން އެރަށު މީހަކަށްވެސް ގަހެއް ރުކެއްގެ ދަށަށް ވެރޭ އެއްޗެއް އަހަރެމެންނަށްވުރެ ކުރީން ނެގުނަ ނުދެމެވެ. އެކަމަށް އަހަރެމެން ތިބެނީ ނިކަން ހުޝިޔާރުވެ ފާރަވެރިވެގެންނެވެ. މީހެއްގެ އޮޑިހަރުގޭގައި ދިރިއުޅުމާއި ނިދުން ފަސޭހަކަމަކަށް ނުވީމާ ދެން ވިސްނީ އެންމެންވެގެން ގެއެއް އެޅުމަށެވެ. ފަނާއި ދަނޑިޔާއި މުޑި ބޭނުންވަރަކަށް ވަލުތެރެއިން ލިބޭން ހުރެއެވެ. އަހަރެމެންގެ ތެރޭގައި ޖަމާއަތެއްގެ މީހުން ތިއްބެވެ. އެހެންވީމާ ދަނޑިފަނުން ހިޔާވައްސެއް ހެދުމަކީ ދަތިކަމެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ބިމެކެވެ. ގޯއްޗެކެވެ. އެހެންވެ އަތޮޅުވެރީންގެ ކައިރިޔަށްގޮސް އާދޭސްކޮށްގެން ވަގުތީ ހިޔަލެއް ހެދުމަށްޓަކައި އަތިރިމަތިން ގޯއްޗެއް ހޯދައިފީމުއެވެ. ބިން ހަމަޖައްސައިދިން ދުވަހު ގެ އެޅުމުގެ މަސައްކަތް ފަށައިގެން ދެތިން ދުވަހެއްގެ ތެރޭގައި އެމަސައްކަތްވެސް ނިންމައި އާ ގޭގައި އުޅެން ފަށައިފީމުއެވެ.

އާގެއެއް އަޅަން ޖެހުނު މައިގަޑު އެއްސަބަބަކީ ރަށުތެރޭގެ ނުތާހިރުކަން ބޮޑުކަމާއި އެރަށު މީހުން ވަދެނުކުމެވާ ތަންތަނުގެ ތާހިރުކަންވެސް ކުޑަކަމުން އަހަރެމެން ނޫން ބަޔަކު ނުވަންނާނޭ އަމިއްލަ ތަނެއް ހެދުމުގެ ގޮތުންނެވެ. އަހަރެމެންގެ މުރާލިކަމާއި ހިތްވަރު މިރަށު މީހުންނަށް ފެންނާން ފެށީމާ އުޖޫރަދީގެން އެކިކަހަލަ މަސައްކަތް ކުރުވާން ފަށައިފިއެވެ. މަސްވެެރީންވެސް އެމީހުންގެ ދޯނިފަހަރުގައި އަހަރެމެން މަހަށް ގެންދާން ފަށައިފިއެވެ. ބަނބުކެޔޮ ދީގެން ބަނބުކެޔޮގަސްތަކަށް އަދި ކާށިދީގެން ރުއްރުކަށް އަރައިދޭން އެދޭން ފަށައިފިއެވެ. އަހަރެމެންގެ ޖަމާއަތް މިގޮތުން ދެބަޔަކަށް ބެހިގެން ހިގާއްޖެއެވެ. އެއްބަޔަކީ މަހަށްދާ މީހުންނެވެ. އަނެއްބަޔަކީ ރުއްގަހަށް އަރާ މީހުންނެވެ.

އަތިރިމަތީގައި އަހަރެމެން އެޅި ގޭގައި ތިބެގެން މަސައްކަތް ހޯދުން ފަސޭހަނުވާތީއާއި މިރަށުގެ ކަމުވޮށިގެންވާ ބައެއް މީހުން އެދިގެންނާއި އަދިވެސް ތަފާތު ސަބަބުތައް ހުރެގެން އަހަރެން ފިޔަވައި އެންމެން ތިން ހަތަރު ހަފުތާއެއްގެ ތެރޭގައި އެއްގަމުގެ ގޭގެޔަށް ބަދަލުވެއްޖެއެވެ. އަހަރެންނަކީ ރުކަށް އެރޭ މީހެއް ނޫނެވެ. އަދި މޮޅު މަސްވެރިއެއްވެސް ނޫނެވެ. އެހެންވީމާ މިރަށުގެ އެއްވެސް ގެޔަކުން އަހަރެން ގެންދާކަށް ނޫޅެއެވެ. އަތިރިމަތީގައި އެޅި ގޭގައި އަހަރެން އެކަނި އުޅޭންޖެހުމާއި އަހަރެމެންގެ ތެރެއިން އެހެން އެންމެން ރަށުގެ އެކިގޭގޭގައި އެކިކަންކަމުގައި މަޝްއޫލުވީމާ އަހަރެން ވަރަށް ބޮޑަށް އެކަނިވެއްޖެއެވެ. މިހެންވެގެން އަހަރެންގެ ކެއިންބުއިމަށްވެސް އަސަރުފޯރާން ފަށައިފިއެވެ. މަސައްކަތެއް ނުލިބޭތީ ކާނެ އެއްޗެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ދެންތިބި މީހުންނަށްވެސް އަހަރެންނާމެދު ފިކުރު ހިންގައިލައި އެހީވާން ވަގުތެއްވެސް ނުލިބެއެވެ. ކޮންމެ މީހަކަށްވެސް ކިރިޔާ އެމީހެއްގެ ހާލާއިގެން އުޅެވެނީއެވެ.

މިކަމާ ދެެރަވެގެން އެއްރޭ ފަތިސްނަމާދުން ފައިބައިގެން މިސްކިތު ފާރުބުރިމަތީގައި ފިކުރުބޮޑުވެފައި އިށީދެގެން އިންދާ އިރުއަރައި އަލިވެ ހެނދުންވެއްޖެއެވެ. ދެންވެސް އިނީއެވެ. މިހެންއިންދާ އަހަރެެމެންގެ ތެރެއިން ހިތަދޫ މަނިކުބެއްޔާގެ މުހައްމަދުމަނިކަށް ފެނިގެން އައިސް އޭނާ ހުންނަ ގޭގެ ވަޅުދިޔަ ހިއްކައިދޭން ހިނގާށޭ ބުނެފިއެވެ. އަހަރެން ޖަވާބުދިނީމެވެ. މިހިރީ ނުކައި ބަނޑަށެވެ. ހެނދުނު ނާސްތާއެއް ލިބޭނެ ގޮތެއްވެސް ނެތެވެ. އެހެންވީމާ ނުކައި މަސައްކަތެއް ނުކުރެވޭނެއެވެ. ކައިގެންކުރާ މަސައްކަތެއްވިއްޔާ ކޮށްފާނަމެވެ. ކަލޭ ބުންޏެއްކަމަކު ނުކައި މަސައްކަތް ކުރާނީ ކިހިނެއްހެއްޔެވެ.

މީނާ ބުންޏެވެ. ކާންލިބޭނެއެވެ. އަވަހަށް ހިނގާށެވެ. ދެވެރިން އެގެޔަށް ދިޔައީމާ ބަނޑުބޮޑުވާންދެން ކެވޭވަރަށް ތަކެތި ނެރެފިއެވެ. ދެން ހިތްހަމަޖެހޭވަރަށް ނާސްތާކޮށް ނިމުނީމާ މުހައްމަދުމަނިކު އަހަރެން ގޮވައިގެންގޮސް ދިޔަހިއްކާންވީ ވަޅު ދައްކައިފިއެވެ. ދެވެރީންވެގެން އިސާހިތަކު މިވަޅު ހިއްކައިފީމެވެ. މިމަސައްކަތް ނިމުނީމާ ދެންވެސް ގޮސްއިނީ މިސްކިތުފާރުމަތީގައެވެ. މިހެން އިންދާ އިރުކޮޅަކުން ހިތަދޫ ބުގެ އަލިދީދީ އަތުވެއްޖެއެވެ. އައިސް ބުނެފިއެވެ. ފަޅުތެރެއިން މަސްހިފާންދާންވީއެވެ. އޭރު ކައިގެން ބަނޑުބޮޑުކޮށްގެން އިންކަމުން ކެއުމުގެ ވާހަކައިން ޒުވާބުނުދީ މީނާޔާއެކު ހިނގައިގެންފީމެވެ.

ދެވެރިން ފަޅުތެރެޔަށް ފައިބައި މަސްހިފާން އުޅެގެން ވަރަށް ގިނަ މަސްހިފުނެވެ. ލަސްވާންދެން މިތާނުތިބެ މަސްތައް ދެތިން ފައްޗަކަށް އަމުނައިގެން ދިޔައީ އަލިދީދީ ހުންނަ ގެޔަށެވެ. އެގޭ ވެރިމީހާ މިމަސްތައް ބަލައިފައި އަހަރެންނަށްވެސް ބަޔެއް އަޅައިފައި ބުންޏެވެ. މިއީ ކަލެއަށްވީބައެވެ. ގެންދާށެވެ. މިއަޑު އިވިފައި ބުގެ އަލިދީދީ ބުންޏެވެ. މީނާޔަކީ ގެއެއްގައި އުޅޭ މީހެއް ނޫނެވެ. މިރަށުގައި އޭނާ ދަންނަ މީހަކު ނޫޅެއެވެ. އެހެންވީމާ ތިޔަ މަސްތައް ހިފައިގެން އޭނާ ދާނެ ތަނެއް ނެތެވެ. ކެއްކޭނޭ ގޮތެއްވެސް ނެތެވެ. ގޭގެ ވެރި މީހާ އެއީ ތެދެއްތޯ އަހައިފައި މިއަދު މެންދުރު ކާން އަންނަންވާނީ މިގެއަށޭ އަންގައިފިއެވެ.

ދެން އަހަރެން މިސްކިތު ވަޅުދޮށަށްގޮސް ފެންވަރާލައިގެން މުންޑު ހިކޭންދެން އިނދެފައި ހިކުނީމާ ހަރުކޮށް ހިނގާފައި ދިޔައީ އެގެޔަށެވެ. މެންދުރު ކާން އަންނަންވާނެޔޭ ބުނެފައި އޮތީމައެވެ. އެއީ އާދައިގެ ގެއެކެވެ. މާމޮޅެއްވެސް ނޫނެވެ. ދެރައެއްވެސް ނޫނެވެ. އެގެޔަށް މިރަށު މީހުން ކިޔައިއުޅެނީ ކުޑަމަނިކުގެ ގެއެވެ. ގޭގެ ވެރިޔަކީ ކުޑަމަނިކެވެ. އެގެއިން މެންދުރު ކައިގެން މިސްކިތަށްގޮސް ނަމާދުކޮށްލައިގެން ދެން ދިޔައީ އަތިރިމައްޗަށެވެ. އެތާގައި މީހުން އުޅޭނޫޅޭގޮތް ދެކޭން އިރުއޮއްސޭންދެން އޮތީ ހޮޅުއަށީގައެވެ. މިހެން އޮވެފައި މިސްކިތަށްގޮސް އިޝާވަގުތު ނިމޭންދެން އުޅެފައި ރޭގަޑު ކާން ދިޔައީ އަނެއްކާވެސް ބުގެ އަލިދީދީ ހުންނަ ގެޔަށެވެ. އެގޭ ވެރިމީހާ އަންގާފައި އޮތީ އެގެއަށް ކާން އައުމަށާއި މިރަށުގައި އަހަރެންގެ ގެޔަކީ އެއީކަމަށް ބަލައިގެން އުޅުމަށެވެ.

ކައިގެން އެގޭ މީހުންނާއި ކުޑައިކޮށް ވާހަކަ ދައްކާން އިނދެފައި އެވެރީން ނިދާން ދިޔައީމާ އެގޭ އުނދޯލިގޭ ބިންމަތީގައި ފަންގަޑެއް އަޅައިގެން އަހަރެންވެސް އޮށޯވެ ނިދައިފީމެވެ. ބުގެ އަލިދީދީ އުޅޭ ގެއަށް އަހަރެން ގެނައި ބީދައިން އަހަރެމެންގެ ތެރެއިން ހިތަދޫ ވާރަގޭ އަލިދީދީގެ އަބްދުﷲ ފާއިޒާއި އިސްމެހެލާގެ ހުސައިނުވެސް މިގެއަށް ގެނެސް އަހަރެމެން ހަތަރުމީހުންވެސް މިގޭގައި އުޅެން ފަށައިފީމެވެ. ހަތަރު މީހުންވީމާ ގޭގެ މީހުންނަށް ދަތިނުވާނޭ މަގަކުން އެގޭގައި އުޅުމަށް ސަމާލުކަން ދިނީމުއެވެ. އެގޮތުން އަހަރެމެން ކައްކަނީ ވަކީންނެވެ. ނިދަނީވެސް ވަކީންނެވެ. އަހަރެމެން ތަކެތި ހޯދަނީ ރަށުތެރޭގައި އެކިކަހަލަ މަސައްކަތްކޮށްގެންނެވެ. ކެއްކުމާއި ހަވާލުވެގެން ތިބެނީ އަހަރެންނާއި ހުސައިނެވެ. އަހަރެން މަހަށްދާ ދުވަސްދުވަހު ކައްކާނީ ހުސައިނެވެ. ހުސައިނު މަހަށް ދިޔައީމާ ކައްކަނީ އަހަރެންނެވެ.

އެއްދުވަހަކު އެގޭގައި ބިންބި މުގުރުމުގެ މަސައްކަތުގައި އަހަރެން އުޅެނިކޮށް އެތަންގަޑުގެ އަންހެންވެރީންގެ ބަޔަކު އައިސް އަހަރެންނަށް އެހީވެ ބިންބި މުގުރާނެގޮތް ކިޔައިދީ މިޒާތަކަށް އުޅެގެންފިއެވެ. އެމީހުންގެ މަގްސަދަކީ ޚަބަރު އޮޅުންފިލުވައި އައްޑޫ މީހުން ދެނެގަތުމެވެ. އައްޑޫ މީހުންނަކީ ބަގާވާތްކުރާ ބާގީންކަމަށް އެމީހުން ހީކުރެއެވެ. އެހެންވީމާ މިއީ ކިހާފެންވަރެއްގެ ކޮންބައެއްކަމާއި ވިސްނުން ހުންނަގޮތެއް ބަލައިލާން މިރަށުގެ އަންހެންވެރީންވެސް ބޭނުންވަނީއެވެ. މިގޮތަށް މިވެރިން ކޮންމެދުވަހަކު އައިސް ވާހަކަ ދައްކަމުންގޮސް އެއްދުވަހު ބުންޏެވެ. ކަލޭގެ މަންމަޔާއި ބައްޕަ ކޮބައިހެއްޔެވެ. ކަލެއަކީ ރަށުގެ ކިހައިފެންވަރެއްގެ ކާކުހެއްޔެވެ. ކަލެޔާއެކު މިރަށަށް އަރުވައިލި އެހެން މީހުން އެމީހުންގެ މައިންބަފައިންނަށް ސިޓީފޮނުވައި އުޅޭ ވާހަކަ އިވެއެވެ. އެކަހަލަ ކަމެއް ކަލޭ ކުރާތީ ނުފެނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ.

އަހަރެން ބުނީމެވެ. ތިޔަބުނިކަހަލަ ގާތްތިމާގެ ބަޔަކާއި މައިންބަފައިންނެއް އަހަރެންގެ ނެތެވެ. އަހަރެންނަކީ ރަށުގައިވެސް އަދި އެނޫންތަނެއްގައިވެސް ހައިސިއްޔަތެއް ނެތް މީހަކީމެވެ. އެހެންވީމާ ސިޓީއެއް ނުފޮނުވަނީއެވެ. ފޮނުވުމުގެ ބޭނުމެއްވެސް ނެތީއެވެ. އަންހެންވެރީން ބުނެފިއެވެ. ތިޔަހަދަނީ މުޅީންވެސް ދޮގެވެ. ކަލޭގެ އުޅުމާއި އަޚުލާގުން ކަލެއަކީ އެއްވެސް ޔާރެއް ނެތް ނިކަމެއްޗެކޭ ހިޔެއް ނުވެއެވެ. ކަލޭ ވާނީ ތިޔަރަށުގެ މާތް މޮޅު މީހުންގެ ތެރެއިން މީހަކަށެވެ. އަހަރެމެންނަށް އެކަން ޔަގީނެވެ. މިގޮތަށް ޒުވާބުދީފައި އެވެރިން ހިގާއްޖެއެވެ. ނޮޅިވަރަންފަރަށް އަރުވައިލި ހިތަދޫ މީހުންގެ ތެރެއިން އަހަރެން ފިޔަވައި އެންމެންވެސް ރަށަށް ސިޓީ ލިޔެއެވެ. އެލިޔާ ސިޓީއެއްގެ ޖަވާބު ދުވަހަކުވެސް ނުލިބެއެވެ. އެސިޓީތައް ރަށަށް ލިބޭކަމެއްވެސް ދަންނަބަޔަކު ނޫޅެއެވެ. އަހަރެން ދުވަހަކުވެސް ސިޓީއެއް ނުލިޔަމެވެ. ނުލިޔަނީ ކޮންމެހެން ވަކި ސަބަބެއް އޮވެގެނެއް ނޫނެވެ. ލިޔާހިތް ނުވަނީއެވެ.

މިޒާތަށް މިރަށުގައި އުޅެމުންގޮސް ކެއުމާއި ނިދުމާއި މީހުންނާ މުއާމަލާތުކުރާނެ ގޮތްތަކަށް އަހަރެން ހޭނިއްޖެއެވެ. އެކަމަކު މާބޮޑު އެހެން މައްސަލައެއް ކުރިމަތިވެއްޖެއެވެ. އެކަމަކީ އަންނައުނުގެ މައްސަލައެވެ. މާގިނަ އަންނައުނެއް ނެތެވެ. އޮތީ މުންޑަކާއި ގަމީހެކެވެ. އަބަދުވެސް ލައިގެން އުޅެނީ އެދެގަޑެއްޗެވެ. ފެންވަރާއިރު ދޮންނަނީއެވެ. ހިކުނީމާ އަނެއްކާވެސް ލައިގެން އުޅެނީއެވެ. މިރަށުގައި ދެތިންމަސްވީއިރު އެދެގަޑެތި ވަރަށް ބާވެއްޖެއެވެ. ތަންތަނުން ވީދި ހަފުސްވެއްޖެއެވެ. ޚާއްސަކޮށް މުންޑުގެ ކަންތައް ވަކީންބޮޑެވެ. ވީދި ހަލާކުވެފައި ހުރި ތަންތަން ގިނަވީމާ އައުރަނިވައިކުރެވެނީ ފަށްކޮށްގެން މުންޑު އަނދެގެންނެވެ. ދެން އަހަރެން ހުންނަނީ ފަށްކޮށްގެން މުންޑު އަނދެގެންނެވެ. އެހެންހެދީމާ މުންޑު ހުންނަނީ ކަށިމައްޗަށްވުރެ މަތީގައެވެ.

މިރަށުގައި އުޅޭތާ ތިންމަސްވީފަހުން އަހަރެމެންގެ ތެރެއިން ހިތަދޫ މުހައްމަދު ހަބީބު އެއްދުވަހަކު އައިސް ބައްދަލުކޮށްފައި ބުންޏެވެ. އަހަރެން މިހުންނަނީ މިރަށު ހެލްތުވޯކަރު އަލީ ހުސައިންގެ ގޭގައެވެ. މިރަށު މީހުން އޭނާޔަށް ކިޔަނީ ދޮންއަލީއެވެ. އޭނާއަކީ އައްޑޫ ގަމުގެ ހަސްފަތާލުން ފަރުވާ ހޯދާންވެގެން އައްޑޫއަށް ގޮސް ހުރިހުރުމެއްގައި ދުވަސްކޮޅަކު ހިތަދޫގައި އުޅުނު މީހެކެވެ. އެގޮތުން ހިތަދޫ ބައެއް މީހުން އޭނާ ދަނެއެވެ. ރައްޓެއްސެވެ. ސިޓީބިޓީވެސް ފޮނުވައެވެ. އަހަރެންގެ ކައިރީގައި ދޮންއަލީ ބުންޏެވެ. ކަލޭމެންގެ ތެރެއިން ހިތަދޫ މުހައްމަދު ހަސަންދީދީއަކީ ކާކުހެއްޔެވެ. އަހަރެން ބުނީމެވެ. މިރަށު ކުޑަމަނިކުގެ ގޭގައި އެއުޅެނީ ތިޔަބުނާ މުހައްމަދު ހަސަންދީދީއެވެ. އަނެއްކާ ކޮންކަމެއް ދިމާވީބާވައެވެ. ދޮންއަލީ ބުންޏެވެ. ކަމެއްދިމާވީކީ ނޫނެވެ. އެ މުހައްމަދު ހަސަންދީދީއަށް ބޮޑުބޭބެ ކިޔާ ކޮއްކޮއަކު އަހަރެން ދަންނަމެވެ. ނަމަކީ ހިތަދޫ އަބްދުﷲ ސާދިގެވެ.

އެ ސާދިގު އަހަރެންނަށް ސިޓީއެއް ފޮނުވައިފައި އެބައޮތެވެ. އެސިޓީގައި ލިޔެފައި އޮތެވެ. ތިމަންނާގެ ބޮޑުބޭބެ މުހައްމަދު ހަސަންދީދީ ހުރީ ނޮޅިވަރަންފަރަށް އަރުވާލާފައެވެ. އޭނާއަށް ސަލާން ބުނެދޭށެވެ. އަދި ބުނާށެވެ. ބޭބެޔަށް ބޭނުންވާނޭ އަންނައުނާއި ކާޑުގެ ސާމާނު އަމަނާއިބެހޭ ވުޒާރާ މެދުވެރިކޮށް ވަރަށް އަވަހަށް އެބަފޮނުވަމެވެ. ދެރަވެ ހިތާމަކުރާނޭ ބޭނުމެއް ނެތެވެ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ދާދި އަވަހަށް ހަމަޔަކަށް އެޅިދާނެއެވެ. އެހެންވީމާ ހިތްވަރުގަދަކޮށްގެން ހުންނާށެވެ.

ދޮންއަލީގެ ފަރާތުން މިލިބުނު ޚަބަރަކާއި ގުޅިގެން އަހަރެން ވަރަށް އުފާވިއެވެ. އެކަމަކު ދެރަވާންޖެހުނު ކަމަކީ މިޚަބަރު ލިބުނުއިރު އަހަރެންގެ ހާލު ދެރަކަމެވެ. ޒާތެއްގެ ހުމުގެ ރޯގާއެއް ޖެހިގެން އަހަރެން އޮތީ ވަރަށް ބަލިވެއެވެ. ހުންގަދަކަމުގެ ވާހަކަ ދެއްކުމެއްނެތެވެ. އަރުތެރެއިން އެއްޗެއް އެތެރެޔަކަށް ނުދެއެވެ. ކެވޭޒާތުގެ އެއްޗެއް ނުވެސްލިބެއެވެ. ތެދުވެވެނީއެއް ނޫނެވެ. މިހާލުގައި ކުޑަމަނިކުގެ ގޭގައި އޮންނަނީއެވެ. އެއްދުވަހަކު އަތޮޅުއޮފީހުގެ ދޭވާނި އައިސް އަހަރެން އޮފީހަށް އަންނާން އަންގައިފިއެވެ. މީނާގެ ކައިރީގައި ބުނީމެވެ. ހުންގަދަކަމުން އަހަރެން އޮތް ހާލު ކަލެޔަށްވެސް ތިޔަ ފެންނަނީއެވެ. އެހެންވީމާ އޮފީހަށްދާން އުޒުރުވެރިވާހަކަ ދަންނަވައިދޭށެވެ. އަނެއްކާ ކޮންކަމަކާ ގެންދާ ގެންދިއުމެއް ބާވައެވެ.

މީނާ ބުންޏެވެ. ވުޒާރާ މެދުވެެރިކޮށް ކަލޭގެ އާއިލާއިން ތަންމައްޗާއި އަންނައުނާއި ކާޑުގެ ސާމާނު ފޮނުވާފައި އެބަހުއްޓެވެ. މިހެން ބުނެފައި މީނާ ނުކުމެގެންގޮސްފައި އިރުކޮޅެއްވުމަށްފަހު އެނބުރި އައީ އެބުނާ ސާމާނު ހިފައިގެންނެވެ. ދެން އެތަކެތި ލިބުނުކަމަށް އަހަރެންގެ ސޮއި އަތުލާފައި ނޯޓުތަކެއް ލިޔެގެން މީނާ އަނެއްކާވެސް ނުކުމެގެން ހިގާއްޖެއެވެ. މިތަކެތި ލިބުނެއްކަމަކު އަހަރެންގެ ހާލު ރަގަޅެއް ނުވެއެވެ. ހުން ވަރަށް ގަދައެވެ. ހޮޑުލެވެނީވެސް ވަރަށް ގިނައިންނެވެ.

މިހާލުގައި އޮންނަތާ ތިންވަނަޔަށްވީ ދުވަހު އެއްކަލަ ދޮންއަލީ އައިސް ހާލުގެ ވާހަކައިން ސުވާލުކޮށްފައި ބޭރަށްގޮސް ތިންގުޅަ ބޭސް ހިފައިގެން އައިސް ދީފައި ބުންޏެވެ. މިރޭ ފަތިސްވުމުގެ ކުރީން މި ތިންގުޅަވެސް އެތެރެކުރެވޭތޯ ބަލާށެވެ. އިރާދަކުރެއްވިއްޔާ މާދަން އިރުއޮއްސުމުގެ ކުރީން މުޅިން ފަސޭހަވެދާނެއެވެ. މީނާ ދިން ތިންގުޅައިގެ ތެރެއިން އެއްގުޅަ ދިރުވައިލުމާއެކު ހޮޑުލެވުން މަނާވެއްޖެއެވެ. ހުންވެސް މައިތިރިވާގޮތް ވެއްޖެއެވެ. އަނެއްދުވަހަށް އަލިވިލުނުއިރު ހުމުގެ ކަންފުޅެއްވެސް ނެތެވެ. އެކަމަކު އެހާގިނަ ދުވަހު ބަލިވެ ތަންމަތީގައި އޮންނާން ޖެހުމުން ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ވަރުދެރަކަމުގެ ކޮޅެއްވެސް ނެތެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!