އާރޭފެ ހުސައިނު ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 1

ވާހަކައަށް ތަންހޯދައިލުން

މިއީ އައްޑޫ ހިތަދޫގައި 1964 ވަނަ އަހަރު ހިގައިދިޔަ ވަރުގަދަ ހަމަނުޖެހުމަކާއި ގުޅިގެން އެރަށުގެ ޒުވާނުންގެ ތެރެއިން 79 މީހަކު ރަށުން ވަކިކުރެވި އަރުވައިލެވި އޭގެތެރެއިން ބައެއް މީހުން ބެހިގެން އަންޒަމާނުކަރަ (މިނިކާރާއްޖެ) އަށް ދެވި ހާލުގައި ޖެހި ބަޔަކު މަރުވުމުގެ ހިތާމަވެރި ހާދިސާގެ ވާހަކައެވެ. އެދުވަސްވަރަކީ ސުވާދީބު އުވިފައިވިޔަސް އެކަމުގެ އަސަރު ދެމިހުރި ޒަމާނެވެ.

މި ހަމަނުޖެހުން މަޝްހޫރުވެފައިވަނީ އާރޭފެ ހުސޭނު ޖަގަޑާގެ ނަމުންނެވެ. ދިވެހިބަހުން ޖަގަޑާއަކީ އަރައިރުމާއި ގަޑުބަޑެވެ. ހަމަނުޖެހުމެވެ. އާރޭފެ ހުސޭނުގެ ނަމުން މަޝްހޫރުވެފައިވަނީ ހިތަދޫ ދޮންމަނިކާގެ އަހައްމަދާގެ ހުސައިންފުތާއެވެ. ހިތަދޫ ފެންފިޔާޒުގޭ ހުސައިން އަހުމަދެވެ. މީނާއަކީ ގަމާއި މާމެންދޫގައި މަސައްކަތްކުރި އެންމެހައި ދިވެހި ލޭބަރުންގެ ސަރުދާރެވެ. މި ހުސައިންފުތާގެ އެއްބަނޑަށް ތިބީ މީނާޔާއި މުހައްމަދާއި ފާތިންދިޔެ އެވެ. މި ތިންބެއިންގެ މަންމައަކީ ދޮންކަމަނާއެވެ.

މިވާހަކަ ލިޔުމުގެ މަގްސަދަކީ ހިތަދޫގެ ތާރީޚު ލިޔުމެއް ނޫނެވެ. ލިޔާން މިއުޅެނީ ދަތުރުނާމާއެކެވެ. އެހެންނަމަވެސް މިދަތުރުނާމާއެއްގެ ފެށުން ގުޅިފައި އޮތީ އާރޭފެ ހުސައިނުގެ ޖަގަޑާއާ ކަމަށްވުމުން އެއީ ކޮންގޮތަކަށް ކިހިނަކުން ހިގައިދިޔަ ކަމެއްކަން ބުނެދޭން އެބަޖެހެއެވެ. ހިތަދޫގެ އެހައި ގިނަބަޔަކު އަރުވައިލާން ޖެހުނީ ކީއްވެގެންކަމާއި ރަށުގެ މަސްރަހު އޭރު އޮތީ ކިހިނަކުންކަން ބުނެދެވިގެން ނޫނީ މިވަރުގެ އަދަބެއް ހިތަދޫ ރައްޔިތުންގެ ތެރެއިން އެހައި ގިނަ ބަޔަކަށް ލިބޭން ޖެހޭ ސަބަބު މިޒަމާނުގެ ސިކުނޑިތަކަށް ވައްދާން ފަސޭހައެއް ނުވާނެއެވެ. ހައްގު ނޫން މީހުންނަށްވެސް އަދަބު ލިބުނެވެ. ހައްގު މީހުންނަށް އަދަބު ނުލިބި ދޫވެފައިވެސް ހުއްޓެވެ.

ކޮންމެއަކަސް އެއީ ސިޔާސަތެވެ. ކޮންމެޒަމާނެއްގައިވެސް ސިޔާސީ ކަންކަން ހުންނާނެއެވެ. ސިޔާސީ ރޭވުންތައްވެސް ހުންނާނެއެވެ. އާރޭފެ ހުސައިނުގެ ޖަގަޑާގައިވެސް ޖެހިފައިވަނީ ސިޔާސީ ކުލައެވެ. އަދަބު ލިބުމާއި ނުލިބުމުގައިވެސް ޖެހިފައިވަނީ ސިޔާސީ ކުލައެވެ. އޭގެ ހައްގާއި ނުހައްގުގެ މައްޗަށް ވާހަކަ ދައްކާކަށް ނެތީމެވެ. ކޮންމެވެސް އެހެންމީހަކު އޭގެ މައްޗަށް ލިޔާނެ ކަމަށް އުއްމީދު ކުރަމެވެ.

ހިތަދޫއާއި އަތޮޅުގެ މަސްރަހު

ސުވާދީބު ޖުމްހޫރިއްޔާ 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުވިއްޖެއެވެ. މިއުވުމެއްގެ ފެށުމަކީ ގަމުގައި ހުންނެވި އިނގިރޭސި ސިޔާސީ މަންދޫބު ރައުންސްވެއިޓް މަރަދޫ ރައްޔިތުންނަށް އެންގެވި އެންގެވުމެކެވެ. މަރަދޫއަށް މިއެންގެވުން އެންގެވީ ރަސްމީ ގޮތުން އަތޮޅުގެ ވެރިރަށަކީ މަރަދޫ ކަމަށް ވުމާއި އަތޮޅުގެ ހެޑްކުއާޓަރަކީ މަރަދޫ ރަތްވިލާގެ ކަމަށް ވުމުންނެވެ. އޭނާ އެންގެވީ ސުވާދީބު ދިދަ ބާލައި ދިވެހި ދައުލަތުގެ ދިދަ 24 ގަޑިއިރު ތެރޭގައި ނެގުމަށެވެ. މި މުހުލަތު ދިނުމުން ފޮތުން ބަލައިގެން މަރަދޫފޭދޫ ކުއްބާގެ އައްލާގެ އަހަންމާ  ދިވެހި ދިދައެއް ފަހައި ތައްޔާރުކޮށްފިއެވެ. ފޮތި ދިނީ އިނގިރޭސިންނެވެ. ދިދަ ތައްޔާރުވުމާއެކު 23 ސެޕްޓެމްބަރު 1963 ވަނަ ދުވަހަށް އަދި އަލިވެސް ނުވިލެނީސް ދަންވަރު ތިނެއް ޖެހިއިރު މަރަދޫގައި ހުންނަ ރަތްވިލާގެއިން ސުވާދީބު ދިދަ ބާލައި ދިވެހި ދިދަ ނަގައިފިއެވެ. މިކަމެއް ކުރީ މަރަދޫ އެޅަދައިތާގެ އަލިފުތާ އާއި ހަސަންރަހާގެ އަހަންމާއެވެ.

ރައުންސްވެއިޓަކީ އައްޑޫގެ މައްސަލަ ކޮޅެއްގައި ޖައްސަން އިނގިރޭސި ސަރުކާރުން ފޮނުވާފައިހުރި މަންދޫބެވެ. އޭރު އިނގިރޭސި ބޮޑުވަޒީރު ހެރަލްޑް މެކްމިލަންގެ ސިޔާސަތު އޮތީ ބަދަލުވާން ފަށައިފައެވެ. އެހެންވީމާ ރައުންސްވެއިޓު ރާއްޖެއަށް ފޮނުވީ ބޮޑުވަޒީރު ނާސިރު އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން މިކަން ހަމަޖެއްސުމަށް ހުރިހާ އިޚުތިޔާރެއް ދީފައެވެ. ރައުންސްވެއިޓު ރާއްޖެއަށް ވަޑައިގެން އެންމެ ފުރަތަމަ މަޑުކުރެއްވީ މާލޭގައެވެ. ސަރުކާރާއި މަޝްވަރާ ކުރައްވައިފައި ރައުންސްވެއިޓު ވަނީ 1963 ގެ ސެޕްޓެމްބަރުގެ ނިޔަލަށް ސުވާދީބުގެ ކަންތައް ނިންމައި އައްޑޫގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތު ހިނގަން ފަށާނޭ ކަމަށް ވައުދުވެވަޑައިގެންފައެެވެ.

މާލޭގައި ހުންނަވާފައި އައްޑޫއަށް ވަޑައިގެން ލަސްތަކެއް ނުކުރައްވައި ރައުންސްވެއިޓު ވަނީ އައްޑޫގެ ހުރިހާ ރަށަކަށްވެސް ވަޑައިގެން ސުވާދީބުގެ ކުރިމަގެއް ނެތްކަމާއި ދިވެހިރާއްޖޭގެ ހުކޫމަތުގެ ދަށަށް ދިއުން ނޫންގޮތެއް ނެތްކަން ރައްޔިތުންނަށް އަންގަވައިފައެވެ. ހިތަދޫ ފިޔަވައި އެހެން ރަށެއްގައި މިކަމަށް މާބޮޑު ދެކޮޅުހެދުމެއް ނެތެވެ. އައްޑޫ ރައްޔިތުންނާއި ސުވާދީބު ސަރުކާރާ މަޝްވަރާ ކުރެއްވުމަށްފަހު ރައްޔިތުންގެ ތިން އެދުމަކާއި ގުޅޭ ސިޓީއެއްވެސް މާލެއަށް ރައުންސްވެއިޓް ފޮނުއްވިއެވެ. އޭގައި ވަނީ ސުވާދީބު އުވައިލިޔަސް އަފީފުވެސް ހިމެނޭ ގޮތުން އެކަކަށްވެސް އަނިޔާ ނުކުރުން އެއީ ޝަރުތެއް ކަމަށާއި މާލެއިން އައްޑޫއަށް ފޮނުވާ އެއްވެސް ވަފުދެއްގައި ހަ މީހުންނަށްވުރެ ގިނައިން ތިބެގެން ނުވާނެ ކަމަށާއި އެއްވެސް ހާލެއްގައި އެއްވެސްގޮތަކަށް ސިފައިން ނުފޮނުވުމަކީވެސް ޝަރުތެއް ކަމުގައެވެ. މި ޝަރުތުތަކަށް އުސޫލެއްގެ ގޮތުން މާލެއިން އޮތީ އާނއެކޭ ބުނެފައެވެ.

ރައުންސްވެއިޓު އައްޑޫއަށް ވަޑައިގެން މަސައްކަތް ކުރައްވައިގެން ދިވެހި ދައުލަތުގެ ހުކޫމަތު މަރަދޫ މީހުން ގަބޫލުކުރިއަސް ސުވާދީބުގެ މައިމަރުކަޒު ކަމަށްވާ ހިތަދޫން ސުވާދީބުގެ ދިދަ ތިރިއެއް ނުކުރެއެވެ. ހިތަދޫގައި ބޮޑަށް އޮތީ ސުވާދީބު ރޫހެވެ. މިކަން ހައްލުކުރުމުގެ ގޮތުން ރައުންސްވެއިޓު ބޭނުން ކުރި ބުއްދިއަކީ ގަމާއި މާމެންދޫގައި އިނގިރޭސިންގެ ވަޒީފާގައި ދެމިހުރެވުމުގެ އެންމެ އިސް ޝަރުތަކީ ދިވެހި ދައުލަތުގެ ހުކޫމަތު ގަބޫލު ކުރުންކަމަށް އިއުލާން ކުރުމެވެ.

ސުވާދީބު އުވައިލުމަށް ރައުންސްވެއިޓު އެންގެވީމާ އެޖުމްހޫރިއްޔާގެ ރައީސް ހިތަދޫ އަބްދުﷲ އަފީފު ހިތަދޫ ރައްޔިތުން އެއްކުރައްވައިފައި އެމީހުންގެ ޚިޔާލު ހޯއްދަވައިފިއެވެ. ރައްޔިތުންގެ ޚިޔާލަކީ ސުވާދީބު ދެމެހެއްޓުމެވެ. އަތޮޅުގެ ގިނަ ރަށްރަށުގެ މީހުން ދިވެހި ދައުލަތުގެ ހުކޫމަތު ގަބޫލުކޮށް ރާއްޖޭގެ ދިދަ ނަގައިފި ނޫންހޭ އެހެންވީމާ ހިތަދޫގައިވެސް ދިވެހި ދިދަ ނަގަންވެއްޖެ ނޫންހޭ އަފީފު ވިދާޅުވީމާ ތިން މީހުންގެ ޓީމެއް ނަގައިފައި އެއީ ތެދެއްތޯ ބަލަން މަރަދޫއަށާއި ފޭދޫއަށް ފޮނުވިއެވެ. ފޭދޫ ކަތީބު ދޮންރަހާ ވިދާޅުވީ ހިތަދޫ މީހުން ހަދާ އެއްޗެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ. މަރަދޫގައި ނަގާފައި ހުރީ ދިވެހި ދިދައެވެ.

މި ޓީމު ހިތަދޫއަށް ގޮސް ރިޕޯޓު ދިނީމާ ލަސްނުކުރައްވައި ސުވާދީބު ޖުމްހޫރިއްޔާ އުވައިލުމުގެ ގަރާރެއް އެކަށައަޅުއްވައި އެގަރާރުގައި އަފީފު ސޮއިކުރައްވައިފިއެވެ. އެއަށްފަހު ހަތަރު މީހުންގެ ޓީމެއް ނަންގަވައި މި ޚަބަރު ރަސްމީކޮށް އިނގިރޭސީންނަށް ދިނުމަށްޓަކައި ލޯންޗެއްގައި ގަމަށް ފުރާވަޑައިގެންފިއެވެ. ގަމަށް ފޯރުމުގެ ކުރީން ކަނޑުމަތީން ރައުންސްވެއިޓު އާރްއޭއެފްގެ ލޯންޗެއްގައި ގޮސް އަފީފާއި އޭނާގެ ޓީމު އެ ލޯންޗަށް ނަގައި ލޯންޗުތެރޭގައި ވަރަށް ހޫނު ވާހަކަތަކެއް ދެކެވުނެވެ.

ރައުންސްވެއިޓު އެދުނީ އަފީފުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި އިނގިރޭސިން އޭނާއަށް ދިން ލިޔުމާއި އެނޫންވެސް ދެ ލިޔުމެއް އިނގިރޭސިންނާ އަލުން ހަވާލު ކުރުމަށެވެ. އަފީފު ވިދާޅުވީ އަނބުރާ ދޭ ގޮތަށް އިނގިރޭސީން އޭނާއަށް ލިޔުމެއް ދީފައިނުވާ ކަމަށާއި އެހެންވީމާ އެލިޔުން މިޒާތަށް ދޭން ނުޖެހޭ ކަމުގައެވެ. ސުވާދީބު ދައުލަތް ގާއިމުކުރި ޒަމާނުގައި ތިން ލިޔުމެއް އިނގިރޭސީން ދީފައި އޮތެވެ. އެއްލިޔުމަކީ އަފީފުގެ ހިމާޔަތާ ގުޅޭ ލިޔުމެވެ. އަނެއް ލިޔުމުގެ ތެރެއިން އެއްލިޔުމަކީ އައްޑޫ ރައްޔިތުންނަށް ދެރަގޮތެއް މެދުވެރިވިޔަ ނުދޭނެކަމާއި އަނިޔާވެރިކަމަށް މަގުފަހިވިޔަ ނުދޭނެކަމަށް އިގުރާރުވެފައިވާ ލިޔުމެކެވެ.

މާލޭގައި ރައުންސްވެއިޓާއި ބޮޑުވަޒީރު ނާސިރު ކުރެއްވި މަޝްވަރާތަކުގައި ސެޕްޓެމްބަރުމަސް ނިމުމުގެ ކުރީން ސުވާދީބު އުވައިލާނޭ ކަމަށް ރައުންތަވެއިޓު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އަފީފާއި އޭނާގެ ބައިވެރީން ދެންވެސް ތިބޭނީ އައްޑޫގައި ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. އަފީފަށް އިނގިރޭސީން ދީފައި އޮތް ހިމާޔަތުގެ ލިޔުން އޭނާއަތުން ހީލަތްތެރި ގޮތެއްގައި އަތުލައިގެން ނޫނީ މިކަން ކުރެވޭކަށް ނެތެވެ. އެހެންވީމާ މިލިޔުން ނުދީގެން ރައުންސްވެއިޓު ހުރީ ހަގީގަތުގައިވެސް ވަރަށް ރުޅިންނެވެ. އަދި ހިތަދޫގައި ދިވެހި ދިދަ ނެގުން ލަސްވުމާއި ސުވާދީބު އުވައިލުމުގެ ގަރާރުގައި ސޮއިކުރުން ލަސްވުމުގެ ސަބަބުންވެސް ހުރީ ރުޅިއައިސްފައެވެ.

ލިޔުން ދޭން އަފީފު އިންކާރު ކުރެއްވީމާ ރައުންސްވެއިޓު ވިދާޅުވި ކަމަށް ބުނެވެއެވެ. ހަތިޔާރު އެބަހުއްޓެވެ. ބާރު އެބަހުއްޓެވެ. މީގެ ޖަވާބުގައި އަފީފު ވިދާޅުވިކަމަށްވަނީ އިނގިރޭސީންނަށް ފެނުނު ގޮތަކަށް ކަންކުރާށެވެ. ލިޔުމެއް ނުދެވޭނެއެވެ. އިނގިރޭސީން އެދުނު ގޮތަށް ސެޕްޓެމްބަރުމަސް ނިމުމުގެ ކުރީން ސުވާދީބު ޖުމްހޫރިއްޔާ އުވައިލުމުގެ ގަރާރު އެކަށައަޅައި ސޮއިކޮށްފީމެވެ. ހިތަދޫގައި ދިވެހި ދިދަ ނަގައިފީމެވެ.

ރައުންސްވެއިޓުގެ ވިސްނުމާއި ޕްލޭން އެހިސާބުން ބަދަލުކުރާން ޖެހިއްޖެއެވެ. އެހެންވެ އެންމެ ރަގަޅޭ ގަމަށް ހިގާށޭ ވިދަޅުވެފައި އަފީފު ގޮވައިގެން ދިޔައީ ގަމަށެވެ. ގަމަށްގޮސް ސްޓޭޝަން ކޮމާންޑަރުގެ އޮފީހުގައި ފްލައިޓް ލެފްޓިނަންޓް ޑޭކިންވެސް އިންނަވައިގެން ރަސްމީ ބައްދަލުވުމެއް ބާއްވައި އަފީފުގެ ބަޔާން އިއްވާށޭ އަންގަވައިފިއެވެ. ލޯންޗުތެރޭގައިވެސް އަފީފު ވިދާޅުވި ވާހަކަތައް އަލުން ތަކުރާރު ކުރެއްވީމާ ރައުންސްވެއިޓު ވިދާޅުވެއްޖެއެވެ. ސުވާދީބު އުވުނީއެވެ. އެހެންވީމާ އަތޮޅު ކޮމިޓީ އިންތިޚާބުކުރަން ވޯޓުލުމާއި ހަމަޔަށް އަދި ދިވެހި ދައުލަތުގެ ހުކޫމަތު މިތާގައި ފުރިހަމަޔަށް ގާއިމުވުމާ ހަމަޔަށް މިއޮތް އިންތިގާލީ މަރުހަލާގައި އަތޮޅުވެރިޔަކީ ތިމަންނާއެވެ.

އިންތިގާލީ މަރުހަލާޔާއި ރައުންތަވެއިޓުގެ އަތޮޅުވެރިކަން

މި މަރުހަލާގައި އެންމެ ފުރަތަމަ އޮތީ އިނގިރޭސިން ތަންކޮޅެއްކުރިން ސުވާދީބު އުފެއްދިއިރު އަފީފަށް ދޭން ބުނި ހިމާޔަތުގެ ދަށުން އޭނާ ފުރުވައިލުމެވެ. ރައުންސްވެއިޓު ބޭނުންވީ މިލިޔުން އަތުލާފައި އެއީ ނެތް ހިމާޔަތެއްކަމަށް ހަދައިފައި އަފީފު އައްޑޫގައި ބެހެއްޓުމަށެވެ. މިކަން މިމަގުން ކުރާނޭ ކަމަށް ނާސިރުގެ އަރިހުގައިވެސް ރައުންސްވެއިޓް އޮތީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަފީފު އެލިޔުން ނުދެއްވީމާ މިމަގުން މިކަން ކުރެވޭން ނެތިގެން އިނގިރޭސީން އަފީފަށް ވެފައިވާ ވައުދު ފުއްދާން މަޖުބޫރުވެއްޖެއެވެ.

މިވައުދަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން އިނގިރޭސިން 31 ސެޕްޓެމްބަރު 1963 ގައި އެޗްއެމްއެސް ލޮކްލޮމޮންޑް ކިޔުނު މަނަވަރަށް އަފީފާއި އާއިލާ ލައިފިއެވެ. ސިޝެލްސްއަށް ދާން އެ މަނަވަރު ފުރީ އޭގެ އެއްދުވަސްފަހުން އެކެއް އޮކްޓޫބަރުގައެވެ. އެއީ ދިވެހި ދައުލަތުގެ ދިދަ ނަގައި ސުވާދީބު އުވައިލިތާ ހަފުތާއެއް ފަހެވެ. ތިމަންނާއަކީ އަތޮޅުވެރިޔާއޭ ވިދާޅުވެ އަތޮޅުގެ ކަންތަކާ ރައުންސްވެއިޓު ހަވާލުވެގެންވެސް ހަފުތާއެއްހާ ދުވަހު އަފީފު އައްޑޫގައި ހުންނެވިއެވެ.

އަފީފު ފުރާވަޑައިގެންނެވި މަނަވަރަކީ އެޗްއެމްއެސް ލޮކްލޮމޮންޑް އެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މާލެއިން ނުވަތަ އައްޑު އަތޮޅުން އިނގިރޭސި އަސްކަރީ މަރުކަޒަށް އަތުވެދާނެ ލޮޅުމަކުން ގަން ދިފާއު ކުރުމަށްޓަކައި އިނގިރޭސި ކަނޑުގެ ސިފައިން އެކި ފަހަރުމަތިން ފޮނުވި ގާޑްޝިޕުގެ ތެރެއިން މަނަވަރެކެވެ. އެދުވަސްވަރު ގަން ގާޑުކުރުމުގެ މަސްއޫލިއްޔަތު އޮތީ ލޮކްލޮމޮންޑަށެވެ.

މަނަވަރަށް އަފީފާއި އަފީފުގެ އާއިލާ އެރުވީ އެ އާއިލާގެ ލަގެޖު ވަރަށް ބޮޑަށް ބަލައި ފާސްކުރުމަށްފަހުގައެވެ. އެކަން އިނގިރޭސިން ކުރީ އަފީފު ފުރުމަށްފަހު ސުވާދީބުގެ ބޭންކު ހުސްކޮށްފިއޭ ނުވަތަ އައްޑޫ ޓްރޭޑިން ކޮމްޕެނީ ހުސްކޮށްގެން ފުރީއޭ ފަހުންވެސް ބަޔަކު ބުނެފާނެތީ އެޒާތުގެ ތުހުމަތުތަކުން އަފީފު ސަލާމަތްކުރުމާއެކު ހަގީގަތުގައިވެސް އަފީފަކީ އަމާނާތްތެރިއެއްތޯ ޔަގީން ކުރުމަށެވެ. މި ފާސްކުރުމަކުން އަފީފާއި އާއިލާގެ އަންނައުނާއި ކޮންމެހެންވެސް ބޭނުންވާ އަސާސީ ތަކެތި ފިޔަވައި އެހެން އެއްޗެއް ނުފެނުނެވެ.

އަފީފުގެ އަރިހުގައި އޭނާ އާއި އާއިލާ ސިޝެލްސްގައި ވަޒަންވެރިކުރުވުމަށް ދިޔައީ ގަމުގައި މަސައްކަތްކުރި ސިޝެލްސް މީހެއްކަމަށްވާ މިސްޓަރ ހިޓީއެވެ. ލޮކްލޮމޮންޑު މަނަވަރު ސިޝެލްސްއަށް ލެފީ ގަމުން ފުރިތާ ފަސް ދުވަސް ފަހުން 6 އޮކްޓޫބަރު 1963 ގައެވެ. އެދުވަހަކީ ހިތަދޫގައި ހުންނެވި އަފީފުގެ މަންމާފުޅު އަވަހާރަވެސް ވީދުވަހެވެ. އަފީފުގެ އާއިލާކަމުގައި ހިމެނުނީ އަނބިކަނބަލުންނާއި ތިން ކުދިންނާއި އަފީފެވެ. ފަހުން ސިޝެލްސްގައި އިތުރު ތިން ކުދިން ލިބިވަޑައިގަތެވެ. ސިޝެލްސްގައި އަފީފު ހުންނެވީ އިނގިރޭސި ޕެންޝަނަރެއްގެ ގޮތުގައެވެ.

އަފީފު ފުރާވަޑައިގަތްކަން އެނގުމުން ރާއްޖޭގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހިމް ނާސިރު އައީ މާވަރުގަދަ ރުޅިއެކެވެ. އެއީ އަފީފު އަތުޖެހޭނެ ގޮތެއް ނެތްކަން ޔަގީންވުމާއި އިނގިރޭސިން ދިވެހި ސަރުކާރަށް ދިނީ ދޯކާއެއްކަން ޔަގީންވުމުންނެވެ. މި ރުޅީގައި އައްޑޫ ކަންތައް ހަމަޖައްސަން ސަރުކާރުގެ ވަފުދެއް ފޮނުވަން ނާސިރު އިންކާރު ކުރެއްވިއެވެ. ނާސިރު އެދިވަޑައިގަތީ އަފީފު ރާއްޖެ ގެނައުމަށެވެ. އައްޑޫގައި އަފީފާއި ދެކޮޅަށް ތިބި ބައެއް މީހުންވެސް އަފީފު ގެންނަން ބާރު އެޅިއެވެ. ނާސިރުގެ ޝަރުތަކީ އަފީފު ގެންއުން ކަމަށްވެފައި އަފީފު ނުގެންނަނަމަ ނާސިރުގެ ފަރާތުން އައްޑޫ އަށް ދުއްތުރާކުރުން ބޮޑުވާނެކަން ޔަގީން ކުރެވޭތީ އައްޑޫގެ ކުރިއަށް ތިބި ބައެއް މީހުން ބުނަމުން ދިޔައީ އަތޮޅުގައި އޭރު ތިބި އަށެއްކަ ހާސް މީހުންނަށް ވުރެ އަފީފު މުހިއްމު ވެގެން ނުވާނެ ކަމަށާއި އަފީފު ގެންނަން ޖެހޭނެ ކަމަށެވެ.

ނާސިރު މިގޮތަށް ވިދާޅުވިޔަސް އަދި އައްޑޫއާ ދޭތެރޭ ނާސިރުގެ ހިތް ސާފުވާނީ އަފީފު މާލެއާ ހަވާލުކޮށްގެން ކަމަށް އައްޑޫގެ ބައެއް މީހުން ފާޅުގައި ބުނަމުން ދިޔަކަމަށް ވިޔަސް އިނގިރޭސިން މިކަމެއް ނުކުރިއެވެ. އޭރު އައްޑޫގެ ކަންތައް ހަމަޖެއްސުމަށް ސަރުކާރާއި ވާހަކަ ދައްކަން އިނގިރޭސި ސަރުކާރުން ފޮނުވާފައި ތިބި ދެމީހުންގެ ތެރެއިން އެކަކީ އާތިންޓަން ޑޭވީ އެވެ. އޭނާގެ ކަމަކީ ގަމުން މާލެއަށް ދަތުރުކޮށް ނާސިރުގެ ސަރުކާރާ ވާހަކަ ދެއްކުމެވެ. ވަކި ހިސާބަކުން ނާސިރު އޭނާއާ ވާހަކަ ދެއްކެވުން ހުއްޓަވައިފިއެވެ. މާލޭ ރައްޔިތުން ނެރެގެން ދެން އޮތީ އާތިންޓަން ޑޭވީއާ ދެކޮޅަށް މުޒާހަރާ ކުރުމެވެ. މިހެންވެ ބައެއް ފަހަރު ދޫނިދޫގައި އާތިންޓަން ޑޭވީ އާއި އޭނާގެ ޓީމު ބަންދުވެގެންވެސް ތިބޭން ޖެހޭ ފަހަރު އާދެއެވެ.

ސުވާދީބު ދައުލަތް އުފެއްދި މީހުންނަށް ދިވެހި ދައުލަތުގެ ފަރާތުން މުހައްމަދު ފަރީދު މައާފު ދެއްވިއަސް އެއީ ނަމެއްގައި ދެއްވި މާފެކެވެ. ދޭތެރެއަކުން އައްޑޫގައި ކުރިއަށްތިބޭ ބައެއް މީހުން މާލެ ގެނެސް އެކިކަންކަމުގައި ކުށްވެރިކޮށް އަރުވައި ހެދިއެވެ. މިގޮތުން ގަމުގައި ހުންނަ ދިވެހިންގެ ލޭޒަން އޮފިސަރ ހިތަދޫ މުހައްމަދު ސައީދު މާލެ ގެންގޮސް ގޮއިދޫއަށް އަރުވައިވެސް ލިއެވެ. އަދިވެސް މިފަދަ ކިތަންމެ ބައެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!