ކަޅިހާރި އޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 2

ހުވަދޫކަނޑު ދުވާން ފެށިއިރު ކުރިއަށްދަނީ ގަޑިއަކު ދެތިން މޭލެވެ. ވަޔާއި އޮއި ހުރިނެތްގޮތާއި ރިޔަލުގެ ކުޑަބޮޑުމިނަށް ބަލައިފައި އެޅެގޭ އޮޑި ފިޔަވައި އަނެއް ފަސް އޮޑި ދަތުރުކުރީ ސީދާ އުތުރަށެވެ. އެޅެގޭ އޮޑި ދަތުރުކުރީ ކުޑައިކޮށް އިރުއުތުރަށެވެ. އިރުއޮއްސުމާ ހަމަޔަށް މި މިސްރާބަށް ވައިލިބެއެވެ. އިރުއޮއްސި އަނދިރިކަން ފެތުރިގެން އައިއިރު ކަޅިހާރު އޮޑިޔާއި އެޅެގޭ އޮޑި ދުވެފައިހުރީ ދާދި ހަމަހަމަޔަށެވެ. ގެމަނަފުށީ އޮޑި ހުރީ އެއަށްވުރެ ތަންކޮޅެއް ކުރީގައެވެ. މާބާރަށް ދުވާކަމުން އަނެއް ތިން އޮޑި ކުރިޔަށްގޮސް ކިރިޔަކިރިޔާ ފެންނަވަރުވަނީއެވެ.

ރަތްވިލާ އޮއްސުނުތަނާ ވިއްސާރަ އައިސްޖެހިގަތީ މާގަދައެއްކޮށެވެ. ޖެހޭ ވަޔާއި ވެހޭ ވާރެޔާއި ވިދާވިދުމާއި ޖަހާ ގުގުރިޔާއި ބުނާންވެސް ނުކުޅަދާނައެވެ. އޮޑީގެ ވެރިޔާ ހަސަންކާރި އަލިދީދީގެ އަމުރަށް މައިރިޔާ ދޫކޮށް ކުޑަރިޔާގަނޑު ނަގައިގެން ދެން ބެހެއްޓީ އޮޑި ފައްސިޔަށް ވައި ފައްސިޔަށެވެ. އެނޫންގޮތަކަށް ހުވަދޫކަނޑުގެ މާސިންގާ ބިޔަ ރާޅުތަކުގެ ތެރޭގައި އަރަގު ނުވެ އޮޑި ފެންމަތީގައި ބެހެއްޓޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ. އެންމެންވެސް އޮޑީގެ ގެގަނޑު ދަށަށް ވަދެ އެމީހަކު ދަންނަ ހެޔޮއެއްޗެއް ކިޔަވަކިޔަވައި ތިބީއެވެ. ސަލާމަތްވާނެކަމުގެ މާބޮޑު އުއްމީދެއް ނެތެވެ. ހޮނުއެޅުން ހުރި މިންވަރަކީ އޮޑިވަށައިގެން އަލިފާން ފައިބާތަން ފެނިފެނި ހުރެއެވެ.

އަޖަލު ހަމަނުވަނީސް މަރު ނުވާނޭތީ އެރޭ މަރުނުވެ ތިބީއެވެ. ކަނޑާއި ކަނޑުދަތުރަކީ ބިރުން ފުރިގެންވާ ކަމެއްކަން އެރޭ ރަނގަޅަށް ޔަގީންވިއެވެ. އެރެއިގެ ހަތަރުދަން މިހާލެއްގައި ވެފައި އިރުއަރައި އަލިވީއިރު އެޅެގޭ އޮޑި ފެންނާން އިނެވެ. އޭރު ހިސާބަކަށް ވައިމަޑުވެ ރާޅުތަކުގެ އުސްކަންވެސް މައިތިރިވާއަތަށް އަޅައިފިއެވެ. އެހެންވެ މައިރިޔައު ނަގައިގެން ކުޑަކޮށް ދުއްވާން ކެރޭވަރު ވެއެވެ. ދެން މައިރިޔައު ނަގައިގެން ދުއްވާން ފެށީމާ ލަސްތަކެއްނުވެ އެޅެގޭ އޮޑި ފަހަތަށްގޮސް އޮބައިފިއެވެ. ވިއްސާރައިގެ ތެރޭގައި އޮޑި ބެހިފައިވާ މިންވަރު ލަފާކުރާކަށްވެސް ނޭނގެއެވެ. އެހެންވިޔަސް މާލިމީ ގަސްތުކުރީ ދެންވެސް ހަމަސީދާ އުތުރަށް ދުއްވުމަށެވެ.

މިގޮތަށް ދުއްވާތާ ތިންވަނަޔަށްވީ ދުވަހު ގެމަނަފުށީ އޮޑިޔާ ބައްދަލުވެއްޖެއެވެ. ވިއްސާރަ މުޅިން އަލިވެ އުދަރެސް ސައުފުވެ އިރުހަނދާއި ތަރިތައް ފައުޅުވެ ފިލާ އެޅޭވަރުވީވެސް މިދުވަހުއެވެ. ދެން އަވަސްއަވަހަށް ފިލާ ނަގައިގެން މިސްރާބު ހޯދުމަށްޓަކައި މާލިމީ އެކުރިމަސައްކަތެއް ކުރުމަށްފަހު ބުނީ ކޮޅުމަޑުލު ބުރުންޏާއި ހަމަޔަށް އުތުރަށް އޮޑިދުވެފި ކަމަށެވެ. ކަޅިހާރި އޮޑިޔާއި ގެމަނަފުށީ އޮޑި މިގޮތްމަތީން އެކުއެކީގައި ކުރިއަށްގޮސްގޮސް ތިބެފައި ތިންވަނަޔަށްވީ ދުވަހު އިތުރު ރިޔަލެއް ނަގައިގެން ދުވެލި ހަލުވިކޮށް ގެމަނަފުށީ އޮޑި ކުރިޔަށްގޮސް އޮބައިފިއެވެ. އެ ދުވަހު ފިލާއެއަޅައިގެން ބަލަބަލައިފައި މާލިމީ ބުނީ މިހައިއިރު މާލެއަށްވުރެވެސް އުތުރަށް ދެވި މާލެއަތޮޅު ގާފަރާއި ހަމަޔަށް ދުވެފި ކަމުގައެވެ.

އޮޑި ބެހުން

ކިތަންމެ ވަރަކަށް ފިލާއަޅައިގެން ބެއްޔަސް އޮޑިހުރީ ރާއްޖޭގެ އިރުމަތީބިތުގައިކަން ހުޅަނގުބިތުގައިކަން ކަށަވަރުކަމާއެކު ބުނާކަށް ނޭނގެއެވެ. މާލިމީ ހީކުޅައީ އޮޑި ހުރީ ރާއްޖޭގެ އިރުމަތީ ބިތުގައި ކަމަށެވެ. ކާށިދޫ ކަނޑާއި ހަމަޔަށް އުތުރުވެފައި އިންކަމަށް ފެންނާތީ ދެން އޮޑި އަނބުރާލާފައި ދުއްވީ ހުޅަނގުދެކުނަށެވެ. ފައްސިޔަވައިގައި އެރޭ އޮޑި ދުވުނީވެސް ވަރަކަށެވެ. ރާއްޖެމައްޗަށް އޮޑި ދީލައިގެން އެރޭގެ ހަތަރުދަމު އެންމެން ތިބީ ހޭލައެވެ. މިގޮތްމަތީގައި ރެޔަކާއި ދުވާލެއްވިއިރުވެސް ރަށެއް ފަރެއް ނުފެނުނެވެ. އެހިސާބުން އަލިދީދީ އާއި އޭނާގެ ޅިޔަނު ކަޅުއަބްދުﷲ ދީދީ ވަރަށް ދިގުކޮށް ވާހަކަތަކެއް ދައްކައިފައި އޮޑި ބެހިއްޖެކަމަށް އިއުލާންކޮށްފިއެވެ. އޮޑި ބެހިފައިހުރީ ރާއްޖޭގެ ހުޅަނގު ފަރާތަށް ކަމުގައި އެންމެންވެސް ޔަގީންކޮށްފިއެވެ.

އެހިސާބުން އޮޑީގެ ވެރީންނާއި ފަޅުވެރީންގެ މެދުގައި ވާހަކަދެކެވޭން ފެށީ ރާއްޖެ އަތުވޭތޯ މަސައްކަތްކުރާނީތޯ ނުވަތަ ކާބޯތަކެތި ހުސްނުވަނީސް ހިކިފަސްތަނެއް އަތުޖެހޭތޯ މަސައްކަތްކުރާނީތޯއެވެ. މާލިމީގެ ރައުޔުގައި ކިތަންމެ މަސައްކަތެއް ކުޅަޔަސް ރާއްޖެ އަތުވުމެއް ނެތެވެ. އެހެންވީމާ އެންމެ ބުއްދިވެރިގޮތަކީ ކާބޯތަކެތި ހުސްވުމުގެ ކުރީން ހިކިފަސްތަނެއް އަތުޖެހޭތޯ އުޅުމެވެ. ރާއްޖެއަތުވޭތޯ އުޅެއުޅެ ތިއްބައި އެކަންނުވެ ކާބޯތަކެތި ހުސްވީމާ ދެންއޮތީ މަރެވެ. އަލިދީދީއަށް ފެންނަ ގޮތުގައި އެންމެ އަވަހަށް ހިކިފަސްތަނެއް އަތުޖެހޭނީ އޮޑި ފައްސިޔަށް ވައި ފައްސިޔަށް ދަތުރުކޮށްގެންނެވެ. ކަޅު އަބްދުﷲ އަށްވެސް ފެނުނީ މިގޮތެވެ. ފަޅުވެރީންގެ ގިނަ މީހުންނަށް ފެނުނީވެސް މިގޮތެވެ. އެގޮތް ނުފެންނަ މީހުން އެއްޗެކޭ ނުބުނެ ހިމޭނުން ތިބެއްޖެއެވެ.

އޮޑީގައި ހުރި ފެނާއި ކާބޯތަކެއްޗާއި ކެއްކުމަށް ބޭނުންކުރެވިދާނެ ދަރާއިމެދު ވަރަށް ބޮޑަށް ވިސްނައިފައި މާލިމީ އެންގިއެވެ. މަހެއްހައި ދުވަހަށް ބޭނުންކުރެވޭ ވަރަށް ފެން އެބަހުއްޓެވެ. ކާތަކެތިވެސް އެބަހުއްޓެވެ. އެކަމަކު މައްސަލަޔަކީ ކައްކައިގެން ކެވޭނެ ގޮތެކެވެ. ކެއްކޭނީ ދަރުންނެވެ. ދަރުހުރީ އިތުރު ދެތިންދުވަހަކަށް ފުދޭވަރަށެވެ. އޮޑީގައި ވަރަށް ގިނައިން އާރޮހާއި ބޮނޑިޔާއި މިހެންގޮސް ޒާތްޒާތުގެ ލުއިކާނާ ހުއްޓެވެ. މާގިނަގިނައިން ނުކައްކައި ފަރުޖެއްސޭން އޮތެވެ. އެހެންވީމާ ފެނާއި ކާތަކެތި ވަކި ތަރުތީބަކުން ކޮންޓްރޯލްކޮށްގެން ބޭނުންކުރުމަށް އެންމެން އެއްބަސްވެފައި އޮޑި ފައްސިޔަށް ވައި ފައްސިޔަށް އޮޑި ދީލާލައިފިއެވެ. އޭރު ވައިޖެހެނީ ސީދާ އުތުރުންނެވެ. ފިސާރި ބާރަށް ޖެހޭމެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!