ކަޅިހާރި އޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 1

ވާހަކައިގެ ފެށުން

މިއީ ކަޅިހާރި އޮޑި ބެހުނު ވާހަކައެވެ. މި އޮޑިޔަކީ މީދޫ ކަޅިހާރި އަހުމަދުދީދީގެ އޮޑިއެވެ. މި އަހުމަދުދީދީއަކީ ގަނޑުވަރު ހަސަންދީދީ ކަޅިހާރި މެދުބީފާނާއި ކައިވެނިކޮށްގެން ލިބުނު ތިން ކުދީންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ވިޔަފާރި ކުރި ވަރަށް ތަނަވަސް މީހެކެވެ. މި އަހުމަދުދީދީއާ އެއްބަފައި ކުދީން ތިބީ އެޅެގޭގައެވެ. އެއީ ގަޑުވަރު ހަސަންދީދީ އެދުރުގޭ ކައްދާފާނާއި ކައިވެނިކޮށްގެން ލިބުނު ކުދީންނެވެ. ރަށުގެ ވެރިކަމާއި ނާއިބުކަން އޮތީ އެޅެގޭ ފަރާތަށެވެ. ވިޔަފާރިއާއި ފައިސާ ކަޅިހާރި ފަރާތަށެވެ. މިހެންވުމުން ލޭގެ ކުލުނަށްވުރެ މިދެފަރާތުގެ މެދުގައި އޮތީ ވާދަވެރިކަމާއި ރުޅިވެރިކަމެވެ.

މިއޮޑި މާލެދާން ދަތުރުކުރުމުގެ ތެރޭގައި ހުވަދޫކަނޑުގައި މާގަދަފަދަ ވިއްސާރައެއްގައި ޖެހިގެން ބެހުނީއެވެ. އެތައްދުވަހެއް ފަހުން ލައްވައިލީ އެފްރިކާގެ އިރުމަތީބިތުގެ އައްސޭރީގައެވެ. ދެން އެތަނަށް އޮޑި ދޫކޮށްލާފައި އޭގައި ތިބި މީހުން އެގޮތަކުން މިގޮތަކުން އެތަންމިތާގައި އުޅެއުޅެފައި ރާއްޖެ އާދެވުނީ ވަރަށް ގިނަދުވަސްވީފަހުންނެވެ. އޭރު އެމީހުން މަރުވެ ނެތިވެ ހިނގާއްޖެކަމަށް ޔަގީންކޮށްގެން ގާތްތިމާގެ މީހުން ފާތިހާވެސް ކިޔަވައިފިއެވެ. ކުރާނެ ހިތާމައެއްކޮށް ނިންމައިފިއެވެ.

މިވާހަކައިގެ އަސްލަކަށް މިބަލަނީ ކަޅިހާރި އޮޑީގެ ވެރިޔާ ހަސަންކާރި އަލިދީދީގެ ރިވާއެވެ. އޭނާއަކީ ކަޅިހާރި އަހުމަދުދީދީގެ ދަރިއެވެ. އަލިދީދީ ބުނެގެން މިވާހަކަ ރާއްޖޭގެ ކުރީޒަމާނުގެ މަޝްހޫރު ބޭފުޅަކު ލިޔުއްވާފައިވެއެވެ. އަހަރެން މިވާހަކަ މިލިޔަނީ ހަސަންކާރި އަލިދީދީގެ ދޮށީ އަންހެންދަރި ބަންޑާރަދަޑިގޭ އައިމިނާދި ކިޔައިދިން ގޮތަށެވެ. މިއައިމިނާދިއަކީ އަހަރެންގެ މާމައެވެ. އެހެންވީމާ މިވާހަކަ ވަރަށް ގިނައިން އަޑު އިވިފައިވެއެވެ. ދަތުރުނާމާތަކުގެ ސިލްސިލާގައި މި ވާހަކަ ލިޔުމުގައި މީގެ ކުރިން މި މައުޟޫއަށް ލިޔެފައިވާ ލިޔުންތަކަށްވެސް ރިއާޔަތް ކުރެވިފައިވާނެއެވެ.

ރަށުން ފުރުން

ކަޅިހާރި އޮޑީގެ ނިމުން އައި ބަދުނަސީބު ދަތުރުގައި މާލެދާން މީދޫން ފުރީ 8 އޮކްޓޫބަރު 1921 ވީ ހޮނިހިރު ދުވަހު ހެނދުނުއެވެ. ވަރަށް މޫސުން ރަނގަޅު ހެޔޮވަރަކަށް ވައިޖެހޭ ދުވަހެކެވެ. މާލިމީއަކީ ހަސަންކާރި އަލިދީދީއެވެ. މިދަތުރުގައި އޮޑީގެ ވެރިޔާ އެޅެގޭ އިބްރާހިމްދީދީގެ ކަޅުއަބްދުﷲ ދީދީވެސް ބައިވެރިވިއެވެ.

އޮޑީގައި މި ދެމީހުންގެ އިތުރަށް މީދޫ އާއި ހުޅުދޫގެ ބޮޑުންގެ ތެރެއިން ދެން ތިބީ އެދުރުގޭ އަހުމަދުދީދީ، ހަސަންކާރި މުހައްމަދުދީދީ، ކަޅިހާރި ހުސައިންދީދީގެ ހަސަންދީދީ، ހުޅުދޫ ވާރުގޭ އިބްރާހިމްދީދީގެ އެޅަދީދީ ދެން މިދީދީގެ ރެކިދީދީއެވެ. މީގެތެރެއިން މީދޫ އެދުރުގޭ އަހުމަދުދީދީއަކީ އެދުވަސްވަރު މުޅިއަތޮޅުގައި ވެސް ހުންނެވި އެންމެ ގަދަރުވެރި އެންމެ އިލްމަށް ބޮޑު އާލިމެވެ.

ފަޅުވެރީންގެ ގޮތުގައި އޮޑިޔަށް އަރައިތިބީ ވިހި މީހުންނެވެ. އޭގެ ތެރޭގައި މީދޫ މީހުންގެ އިތުރުން ހުޅުދޫއާއި ގަން އަދި މަރަދޫ މީހުންވެސް ހިމެނެއެވެ. އެމީހުންނަކީ މީދޫ ދޮންފުތާގެ އެޅަކަލޯ، މީނާގެ ދަރި މުހައްމަދު، އައިސާކާލެގެ އަހުމަދު، ހިންނަވަރިގޭ އަހުމަދު، ގަމި އަތިރަގޭ ފުތާ، މީނާގެ ދަރި އުމަރާ، ގަމި އަލިޔަ، ގަމި އަހުމަދު، ފޭދޫ ކިރިވަލިގޭ އަހުމަދު، ހުޅުދޫ އަތިރަގޭ މޫސާގެ އަހުމަދު މަނިކުފާނު، ހުޅުދޫ ކުދުކޮއްޔާގެ ހުސައިންދީދީ، ހުޅުދޫ ފަސްކެޑެގޭ އަހުމަދު، ހުޅުދޫ އަހުމަދު ކަލޭގެފާނުންގެ އަބްދުﷲ، ހުޅުދޫ ހުސައިނުގެ މުހައްމަދު މަނިކާ، ހުޅުދޫ ގޮއިގޭ އެޅަކަލޯގެ މޫސާ، ހުޅުދޫ ކުދު މުހައްމަދުކަލޭގެ ތުއްތޫ، މަރަދޫ ދޮންއަލިފުޅުގެ އަހުމަދުފުޅު، އެގޭ މޫސާފުޅު، މަރަދޫ އިބިރިހިންފުތާ އަދި މަރަދޫ މުދިންތައްކާނެވެ.

ކަޅިހާރި އޮޑި މީދޫ ފަޅުތެރެއިން ދުއްވާފައިގޮސް ކަނޑިހެރައިގެ އިރުމަތިން މާކަނޑުން ނުކުމެ އައްޑޫކަނޑު އައިއިރު އެޅެގޭ އޮޑި ދަތުރަށްވެފައި އަދި ނުފުރައި މީދޫ ފަޅުގައި އޮތެވެ. އައްޑޫ ކަނޑުގައި ނިޔާމަ ދަތުރެއްކޮށްފައި ގޮސް ރަށުން ފުރިދުވަހުމެ ހުވަދުއަތޮޅު ވާދޫ ކަނޑުން އެތެރެވަރިޔަށް ވަދެ ވާދޫގެ ކައިރިއަށް ނަގިލި ލައިގެން ތިބެއްޖެއެވެ. ވާދޫ ކައިރިއަށް ދެވުނުއިރު އިރުއޮއްސި އަނދިރިވަނީއެވެ.

އެރެޔަކީ ވަރަށް ވިއްސާރަ ރެއެކެވެ. ދެން އިރުއަރައި އަލިވީމާ ވާދޫއަށް ފައިބައި ކުޑަކޮށް ވިޔަފާރިކޮށްލައިގެން ފުރައިގެން ދިޔައީ ހަވަރުތިނަދޫއަށެވެ. އެއްރަށުން އަނެއްރަށަށް މިގޮތްމަތީން މުޅި އަތޮޅުގައި ވިޔަފާރިކުރާން އުޅެއުޅެފައި ހުވަދޫކަނޑުން ނުކުންނާންވެގެން ކޮލަމާފުށްޓަށް ދިޔައީ ރަށުން ފުރިތާ ދޮޅުމަސް ފަހުން 17 ނޮވެމްބަރުވީ ބުރާސްފަތިދުވަހުއެވެ.

އެޒަމާނުގައި ވިޔަފާރި ކުރުން އޮންނަގޮތަކީ މުދަލާއި މުދައު ބަދަލުކުރުމެވެ. ވަރަށް މަދުފަހަރެއްގައި މެނުވީ ފައިސާ ދީފައި އެއްޗެއް ނުގަންނާނެއެވެ. ހުވަދުއަތޮޅުގައި ތިބެފައި އުތުރަށް ދުއްވާނަމަ ހުވަދޫކަނޑަށް ނުކުންނާނީ އަބަދުވެސް އަތޮޅުގެ އެންމެ ހުޅަނގުއުތުރުން މިލޭމުކަނޑުންނެވެ. މިތަނާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކަށް އޮންނަނީ ކޮލަމާފުށްޓެވެ. ކޮލަމާފުށްޓަށް ލަފަނީ ފެނާއި ދަރުކަހަލަ ސާމާނު ލުމަށެވެ. ހުވަދޫކަނޑަކީ ވަރަށް ފުޅައު ނުރައްކާތެރި ކަނޑެއްކަމުން އެކަނޑު ދުއްވާން ނުކުންނާނީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވެ ތިބެގެންނެވެ.

ކޮލަމާފުށީ ފަޅަށްވަދެ ނަގިލިލައިގެން ތިބެ ފެނާއިދަރު އޮޑިޔަށްލައި ދަތުރަށް ތައްޔާރުވެ ނިމުނުއިރު ވައި ހިނދިއްޖެއެވެ. ދެން މިތާނގައި ވައިނުލިބިގެން އިންތިޒާރުގައި ތިން ހަތަރު ދުވަހެއްވީތަނާ އެޅެގޭ އޮޑިޔާއި ހުވަދޫ ނިލަންދޫ މޫސާ ތައްކާނު އޮޑިޔާއި ގެމެނެފުއްޓެ އެޅަފުތާގެ އޮޑިޔާއި ގައްދޫ މުދިންބެއްޔާގެ އޮޑިޔާއި ގައްދޫ އާބަކުރު ހާޖީގެ އާދަން ތައްކާނު އޮޑިޔާއި މި ފަސް އޮޑިވެސް ކޮލަމާފުށްޓަށް އަތުވެއްޖެއެވެ. އެޅެގޭ އޮޑި އައްޑޫކަނޑު އައިކަމުގައިވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ކަޅިހާރި އޮޑި ފުރިތާ ތިން ހަފުތާ ފަހެވެ. މިއޮޑި ހުވަދުއަތޮޅަށް ވަނީ ފިޔޯރީ ކަނޑުންނެވެ. މިބައިމީހުން މާބޮޑު ވިޔަފާރިއެއް ކުރާން ނޫޅެ އަވަހަށް މާލެދާން އުޅުނުކަމުން ކަޅިހާރި އޮޑިޔާއި އެކީގައި ހުވަދޫކަނޑު ދުވާން ކޮލަމާފުށީ ބަނދަރަށް އާދެވުނީއެވެ.

އެޅެގޭ އޮޑިއަކީ ކަޅިހާރި އޮޑިޔަށްވުރެ މާކުޑަ އޮޑިއެކެވެ. އޮޑީގެ ވެރިޔަކީ އަދި މާލިމީއަކީ އެޅެގޭ އަހުމަދުދީދީއެވެ. މީނާޔަކީ ކަޅިހާރި އޮޑީގެ ވެރިޔާ ކަޅުއަބްދުﷲ ދީދީގެ ދެބޭންގެދަރި މީހެކެވެ. މި އަހުމަދުދީދީގެ އިތުރަށް އެޅެގޭ އޮޑީގައި ތިބި މީދޫގެ ހަރުކުލައިގެ މީހުންނަކީ އެޅެގޭ އަބްދުﷲ ދީދީގެ ހަސަންދީދީ އާއި އެގޭ އަހުމަދުދީދީއެވެ. ފަޅުވެރީންގެ ގޮތުގައި ތިބީ ތޭރަ މީހުންނެވެ. އެއީ މަނިކުފާނުންގެ އެޅަ މަނިކުފާނު، ކުދުބެޔާގެ ކަލޯ، ތަކުރުފާނުންގެ އަހައްމަދާ، ހައްވާ މަނިކުފާނުންގެ އިބިރިހިން މަނިކުފާނު، ހުޅުދޫ ކަރާންކަލޭގެ އަލިތަކުރުފާނު، ހުޅުދޫ ކަލޯގެ މުހަދާ، ހުޅުދޫ އިބިރިހިން ތައްކާނުގެ މުހައްމަދު ތައްކާނު، ހުޅުދޫ ހައްވާގެ ކަލޯގެ އަލިޔަ، ހުޅުދޫ ދޮންކަލޯގެ މުހަދާ، މަރަދޫ ކުދުއަލިޔަގެ ފުތާ، މަރަދޫ ސަންފާގެ އަލިޔަގެ ފުތާ އަދި މަރަދޫ އެޅަބެއްޔާގެ ކަލޯ އެވެ.

ހުވަދޫ ކަނޑަށް ނުކުތުން

ކޮލަމާފުށީ ފަޅުގައި މި ހަގަނޑެތި ހުވަދޫކަނޑު ދުއްވޭހައި ވަޔެއް ނުލިބިގެން ތިއްބައި ނޮވެމްބަރުމަސް ނިމިއްޖެއެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ހެނދުނު ދެކުނު ފަރާތުން ޖެހުނު ރޯޅިޔެއްގައި މި ހަ އޮޑިވެސް އެކުއެކީގައި ހުވަދޫކަނޑު ދުވާން ނުކުމެއްޖެއެވެ. ހަ އޮޑި އެއްތާކު ތިބެފައި އެކުއެކީގައި ދަތުރު ފެށުމަކީ އާއްމުކަމެއް ނޫނެވެ. އެހެންވީމާ މި ހަގަނޑެތި ނުކުމެގެންދާތަން ބަލަން މުޅި ކޮލަމާފުށިހެން ގޮނޑުދޮށަށް ނުކުމެ ތިއްބެވެ. ވަރަށްވެސް އުފާވެރި މަންޒަރެކެވެ. މި ހަ އޮޑީގެ ތެރެއިން އެއްއޮޑި ދެން ދުވަހަކުވެސް ނުފެންނާނޭކަމާއި ކުރިމަތިވުން އޮތީ މުސީބާތުގެ ހިތި ހިތާމަކަމެއް އެކަކަށްވެސް ނޭނގެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!