މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 6

ހުސައިން މަނިކުފާނުގެ ޝަކުވާ އަޑުއަހާން ހުރެފައި އުޅަނދުގައި ހުރި އިސްމީހާ ބުންޏެވެ. ގިނަދުވަސްތަކެއްނުވެ ކަލޭމެން ރާއްޖެ ފޮނުވައިލަން ހަމަޖެހިފައިވާކަން މަދެނަހުރީމެވެ. ލަސްވަނީ ދިވެހި ސަރުކާރުގެ ފަރާތުން ލިބޭންޖެހޭ ޖަވާބު ނުލިބިގެންނެވެ. މަނިކުފާނު ބުންޏެވެ. އެހެންވިއްޔާ ދިވެހި ސަރުކާރުގެ ފަރާތުން މީހަކު އައިސް އަހަރެމެންނާއި ބައްދަލު ނުކުރަނީސް މިތަނުން ފުރައިގެން ދިޔުމެއްނެތެވެ. އެންމެން މަރައި ކަނޑަށް އަޅައިލިޔަސް ނުފުރާނަމެވެ. މިރަށު މީހުން އަހަރެމެން ވަގަށް ނަގައިގެން އުޅެނީހެން ހީވާން ފަށައިފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މީހަކު ޖެހޭނީ އަންނާށެވެ.

މިދުވަހަށް ހަފުތާއެއް ފަހުން ހެނދުނުގެ ވަގުތެއްގައި ކޮންމެވެސް ބަޔަކު އަތުވެއްޖެއެވެ. އެބަޔަކު އީގަލްބޯޓު ކަފުޖަހައިގެން ގޮސް އެރަށު ކަނޑުގެ ސިފައިންގެ ބޮޑުފާރު ކައިރީގައި ހައްޔަރުކޮށްފިއެވެ. އެއީީ ފަރުބަދައެއްގެ ކައިރިއެވެ. އެތާގައި ކަސްޓަމުގެ ޔުނިފޯމުގައްޔާއި ނޭވީންގެ ޔުނިފޯމުގައި ބަޔަކު ތިއްބެވެ. އެމީހުން އަންގައިފިއެވެ. ބޯޓުގެ ވެރިޔާ އިބްރާހިމް މަނިކުފާނާއި ސަރަނގު މޫސާމަނިކުފާނާއި މާލިމީ އާދަންބެ އާއި އިންޖިނޭރު މުހަދު މަނިކުފާނު ބޯޓުން ފައިބާށެވެ. އެމީހުން ފޭބީމާ ކޮއްތާއި ފެނާއި ތެލާއި އެހެނިހެން ސާމާނު ހަވާލުކޮށްފައި ފުރައިގެން ދާށޭ ބުނެފިއެވެ. ބޯޓުގެ ވެރިން ޖަވާބުދިނެވެ. ދިވެހި ސަރުކާރުގެ ފަރާތުން މީހަކު ނާންނަނީސް ފުރަން ބޭނުމެއް ނޫނެވެ. ދިވެހި ސަރުކާރަށް އަންގާނުލައި ފުރައިފިނަމަ ކުށްވެރިވާނެއެވެ.

ބޯޓުގެ ވެރިންގެ ދެކޮޅުހެދުމާއި ގުޅިގެން އެމީހުން ގޮވައިގެން ދިޔައީ ކަސްޓަމަށެވެ. ދެން އެންގިއެވެ. ކަނޑުމަތިން ހޮވައިގެން ނަގައިގެން ގެނެވޭ ތަކެއްޗާއި މީހުންނާއިމެދު އަމަލުކުރާ ގަވައިދުން ކަލޭމެންނާއިމެދުވެސް އަމަލު ކުރުމަށް ދިވެހި ސަރުކާރުން ވަނީ އަންގާފައެވެ. މިހިސާބަށް ވާހަކަ ދިޔަތަނާ ފޯނު ރަނގަބީލުވާން ފަށައިފިއެވެ. ފޯނުގެ އަތްގަނޑު ނަގައި ވާހަކަ ދެއްކުމަށްފަހު އެންގީ މާދަމާ ހެނދުނު އަށެއްޖަހާއިރު ދިވެހި ސަރުކާރުގެ ފަރާތުން ދެ މީހަކު އީގަލްބޯޓަށް އަންނާނެ ކަމަށެވެ. އޭނާ ބުނާގޮތަކަށް އަމަލުކުރާށެވެ. މިއެންގުން އަންގާފައި ބޯޓަށް ލައިދީފިއެވެ.

ހެނދުނު އަށެއްޖެހިތަނުން ދެމީހަކު އީގަލްބޯޓަށް އަތުވެއްޖެއެވެ. އެކަކީ ދިވެއްސެކެވެ. ނަމަކީ އަބްދުލް ޣަނީއެވެ. ސިލޯނުގެ މީހާގެ ނަމެއް ނޭގެއެވެ. އަބްދުލް ޢަނީ ބުންޏެވެ. މިއަދު ދިހައެއްޖަހާއިރު އެންމެން ތިބެންވާނީ ދަތުރަށް ތައްޔާރުވެގެންނެވެ. ފޮށި ތަންމަތި ހުންނަންވާނީ ތައްޔާރު ކުރެވިފައެވެ. ދެން އެންމެންވެސް ފޮށި ތަންމަތި ބަނދެ ތައްޔާރު ކޮށްފިއެވެ. ފޮށްޓެއް ނެތިއްޔާ ނައިލޯނު ގޯންޏަކަށް މުދާކޮޅު އަޅައި ތައްޔާރު ކޮށްފިއެވެ. ދިހައެއްޖެހުމާއެކު ބޮޑު ލޯރިއެއް އަތުވެއްޖެއެވެ. ލޯރީގެ ކުރީބައިގައި ތިބީ ދުއްވާ ކަލޭގެޔާއި އަބްދުލް ޢަނީއާއި ސިލޯނު އެހެން މީހެކެވެ. ސިލޯނު މީހާއަކީ ލޯރީގެ އާރުކާޓީއެވެ.

އަބްދުލް ޢަނީ އެންގިއެވެ. ދިވެހި ސަރުކާރުގެ ޚަރަދުގައި ދިވެހިރާއްޖެ ދާން ބޭނުން މީހުން މިލޯރިއަށް އަރާށެވެ. ދެން އެންމެން ތެޅިފޮޅިގެންފައި ފޮށި ތަންމަތި ގެނެސް ލޯރިޔަށް އަރުވާން ފެށުމުން ޢަނީ ބުންޏެވެ. މާބޮޑެތި ފޮށިތައް ނުގެންދެވޭނެއެވެ. ކޮންމެ މީހަކަށް ގެންދެވޭނީ އަތްމަތީ ދަބަހެކެވެ. މިއަޑުއަހާފައި އިބްރާހިމް މަނިކުފާނު ބުންޏެވެ. ބޯޓު ދޫކޮށްފައި ނުދާނަމެވެ. ތިމަންނާ ރާއްޖެ ދާނީ ބޯޓު މަރާމާތުކުރުމަށްފަހު ހަމަ މި ބޯޓުންނެވެ. އިބްރާހިމް މަނިކުފާނު މިހެން ބުނުމުން ފަޅުވެރިންގެ ތެރެއިން ބައެއްމީހުންވެސް ބޯޓުގައި މަޑުކުރާން ނިންމައިފިއެވެ. އެއީ އިބްރާހިމް މަނިކުފާނާއެކު ދޮޅޮހަކަށްް މީހުންނެވެ. ދެން ތިބި ބަޔަކު ބޭނުންވީ ސަރުކާރުގެ ޚަރަދުގައި ރާއްޖެ ދިއުމަށެވެ.

ސަރުކާރުގެ ޚަރަދުގައި ރާއްޖެ ދާން ބޭނުންވި މީހުން ލޯރިޔަށް އަރައިފިއެވެ. ދެން ދުއްވާފައިގޮސް މަޑުކުރީ ކަސްޓަމުގެ އޮފީހަކަށެވެ. އެ އޮފީހުން ކޮންމެ މީހެއްގެ ނަމުގައި ތިންފޯމު ފުރައި ސޮއި ކުރުވިއެވެ. ފޯމު ފުރައި ނިމުމުން އަނެއްކާވެސް ލޯރި ދުއްވާލައިފިއެވެ. ލޯރީގައި ތިބީ ޖުމްލަ ތެއްތިރީސް މީހުންނެވެ. ދެން މިގޮތަށް ދަތުރުކުރަމުން ގޮސް ރޭގަނޑު އަށެއްވެސް ޖެހިފަހުން މަޑުކުރީ ހަބަރަނާ ސިޓީގެ ރެސްޓޯރެންޓެއްގެ ކައިރިޔަށެވެ. ހަބަރަނާ ސިޓީއަކީ ސިލޯނުގެ އަނުރާދަޕޫރާ ޑިސްޓްރިކްޓްގައި އޮންނަ ކުޑަ ރަށެކެވެ.

ރޭގަނޑުގެ ކެއުން އޮތީ އެ ރެސްޓޯރަންޓުގައެވެ. ރެސްޓޯރަންޓްގެ އަނެއްފަރާތުގައި ބްރިސްޓޯލް ސިގިރޭޓު އުފައްދާ ކާރުޚާނާއެއް ހުއްޓެވެ. ރެސްޓޯރަންޓަށް މީހުން ވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދިހަ މީހުންނެވެ. އެމީހުން ނިމުމުން އަނެއްކާވެސް ދިހަ މީހުންނެވެ. އެމީހުން ކައިނިމުމުން ބާކީ ތިބި ތޭރަ މީހުންނެވެ. ކެއުމަކަށް ހުރީ ޕާނާއި ކުކުޅު ރިހަޔާއި ކަޅުސައެވެ. ކައި ނިމުމުން ދަތުރު ފަށައިފިއެވެ. ލޯރި ދުއްވަމުންގޮސް ވަކި ސަރަހައްދުތަކާއި ހަމަވުމުން ޓްރެފިކް ފުލުހުން ލޯރި މަޑު ކުރުވައި ސުވާލު ކުރެއެވެ. ކަސްޓަމުން ދީފައިވާ ލިޔުން ދެއްކީމާ ދޫކޮށްލައެވެ.

ވަރުބަލިވެފައި ތިބިވަރުން އެންމެންނަށް ނިދިއްޖެއެވެ. ހޭލެވުނުއިރު ލޯރި އޮތީ ފެހިކުލައިގެ އިމާރާތެއްގެ ކައިރީގައެވެ. އިރުކޮޅަކު މަޑުކޮށްގެން ތިބުމަށްފަހު ދެންދިޔައީ ކޮންމެވެސް ބަނދަރަކަށެވެ. އެބަނދަރުން ގެންދިޔައީ ދިވެހި ބޯޓަކަށެވެ. ބޯޓުގެ ނަމަކީ މަގުއްދޫބޯޓެވެ. މި ބޯޓަކީ ދިވެހިރާއްޖެއިން ހިކިމަސްހިފައިގެން ސިލޯނަށް ދިޔަ ބޯޓެކެވެ. ބޯޓުގެ ވެރިޔަކީ އަދި އިންޖިނޭރަކީ ގާފަރު ނަސީމެވެ. އެންމެންވެސް މި ބޯޓަށް އަރައިފިއެވެ. ދެން ބޯޓު ކައިރީގައި ދެ ފުލުހަކު ފޯރިމަރާން ފަށައިފިއެވެ. އޭރުވެސް ބޯޓުގައި ހިކި ކަނޑުމަސް ހުއްޓެވެ.

ބޯޓު ހުސްކުރެވުނީ ހަ ދުވަސް ފަހުންނެވެ. ބޯޓު ހުސްކުރުމަށްފަހު ބޯޓުޔާޑަކަށް ގެންގޮސް ބޯޓު އެހެލައި ބޭރުގައި ހުރި ގާތައް ތަޅައި ސާފުކޮށް ދަވާދު އާކޮށްފިއެވެ. މިމަސައްކަތް ނިމުމުން ބޯޓު ބާލައި ކުރުވާޓަރުން ބޭރުގައި އަޅައިފިއެވެ. މިހުރިހާ މަސައްކަތެއް ކުރަމުން ދިޔައިރުވެސް ދިވެހިން ތިބީ ބޯޓުގައެވެ.

މަގުއްދޫބޯޓުގައި މިގޮތަށް ތިބޭތާ ދުވަސްތަކެއް ފަހުން އިންޑިޔާއިން މުދާ ހިފައިގެން މެރިނަރުބޯޓު އައިސް ސިލޯނުގައި ބަނދަރު ކޮށްފިއެވެ. މަގުއްދޫބޯޓުގައި ތިބި މީހުންގެ ތެރެއިން ފަނަރަ މީހަކު މެރިނަރުބޯޓުން ފުރަން އަންގައިފިއެވެ. މެރިނަރުބޯޓުން ފުރަން ހަމަޖެހުނު މީހުންގެ ތެރޭގައި މީދޫ ތިން މީހުންވެސް ހިމެނުނެވެ. އެބޯޓުން ގެންދަންވާ ހުރިހާ ސާމާނެއް ހުރީ ބަނދަރުގައި އޮތް ބާޖެއްގައެވެ. އެންމެ ގިނައިން ހުރީ ފޯކެވެ. އެތަކެތި ހުރީ ވަރަށް ރަނގަޅަށް ބަންދުކޮށްފައެވެ. ބާޖުގައި މުދާ ބެހެއްޓުމުގެ ސިއްރަކީ ޑިއުޓީން ސަލާމަތް ކުރުމެވެ. ތިން ދުވަސް ފަހުން މެރިނަރުބޯޓާއި މަގުއްދޫބޯޓު ސިލޯނުން ފުރައިފިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!