ގަންގާސާގަރު ފަރުމައްޗަށް އުރުނު ކަޅިހާރު އޮޑީގެ ވާހަކަ 1

ކަޅިިހާރި މެދެބީފާނާއި ކައިވެނިބައްލަވައިގެން ގަނޑުވަރު ހަސަންދީދީއަށް ލިބިވަޑައިގެންނެވި ކަޅިހާރި އަހުމަދުދީދީ ދުއްވެވި އޮޑީގެ ނަމަކީ ކަޅިހާރި އޮޑިއެވެ. އޭގެފަހުން ކަޅިހާރި އަހުމަދުދީދީގެ ދަރިކަނބަލުން ހަސަންކާރިގޭ އާމިނަތުދީދީ އާއި އޭނާގެ ފިރިކަލުން އަބްދުﷲ ދީދީވެސް އޮޑިއެއް ދުއްވެވިއެވެ. މި އަބްދުﷲ ދީދީގެ ބަފައިކަލުންނަކީ ގަނޑުވަރު ހަސަންދީދީގެ އެޅެގޭ އިބްރާހިމްދީދީއެވެ. އެއޮޑީގެ ނަމަކީވެސް ކަޅިހާރި އޮޑިއެވެ. މި އޮޑި ބެހިގެން ދެވުނީ އެފްރިކާއަށެވެ.

އޭގެފަހުން އަނެއްކާވެސް އެޅެގޭ އިބްރާހިމްދީދީގެ އަބްދުﷲ ދީދީގެ ހަސަންކާރި ދެބެއިން އޮޑިއެއް ދުއްވެވިއެވެ. އެ ދެބެއިންނަކީ ހަސަންކާރި ވަހީދާއި ހަސަންކާރި އިބްރާހިމްދީދީއެވެ. މިއޮޑީގެ ނަމަކީވެސް ކަޅިހާރި އޮޑިއެވެ. މިއޮޑި ބެހިގެން ދެވުނީ ބަންގާޅުގެ ގަންގާސާގަރު ކިޔާ ރަށަކަށެވެ.

މިދަތުރުގައި ކަޅިހާރި އޮޑި ރަށުން ފުރީ 25 މީހުންނާއެކުއެވެ. އެއީ ފަޅުވެރިންނާއި ދަތުރުވެރިންނާއެކު ޖުލްލަ 25 މީހުންނެވެ. އެމީހުންގެ ތެރޭގައި ދެށެނާގެ މުހައްމަދުދީދީ އާއި އެދީދީގެ އަނބިކަނބަލުން އެޅެގޭ އާމިނަތުދީދީ ހިމެނުނެވެ. މުހައްމަދުދީދީ (ފެންނާ މަނިކުފާނު)ގެ މަންމައަކީ އެޅެގޭ އިބްރާހިމްދީދީގެ އާމިނަތުދީދީއެވެ. މިދަތުރުގައި ފެންނާމަނިކުފާނުގެ ދެމަފިރިން ބައިވެރިވީ ހައްޖަށް ދިއުމަށްޓަކައެވެ. ފެންނާމަނިކުފާނުގެ ހައްޖު ފޮށްޓާއި ހަވާލުވެހުރީ ދޮންއިބުރާހިމް ބޭބެގެ މުހައްމަދުދީދީ އެވެ. ފޮށި އުފުލުމާއި ހަވާލުވެހުރީ މަރިޔާގެ އަހައްމަދާއެވެ.

މި ދަތުރުގައި ބައިވެރިވި 25 މީހުންގެ ތެރެއިން 9 މީހުންގެ ނަމެއް ނުހޯދުނެވެ. އެނގެނީ 16 މީހުންނާއި ކުޑަ 2 ކުއްޖެއްގެ ނަމެވެ. އެއީ:-
1- ހަސަންކާރި އިބްރާހިމްދީދީ – އޮޑީގެ ވެރިޔާ
2- އަތިރަގޭ އަލިމަނިކުފާނު – އޮޑީގެ މާލިމީ
3- ދެށެނާގެ މުހައްމަދުދީދީ (ފެންނާމަނިކުފާނު)
4- އެޅެގޭ އާމިނަތުދީދީ
5- އައްޓިއަރި މުހައްމަދުދީދީ
6- ސައިގޭ ދޮންބޭ
7- ދޮން އިބުރާގެ މުހައްމަދުދީދީ
8- މަރިޔާގެ އަހައްމަދާ
9- ރެކިމަނިކާގެ އިބްރާހިމް މަނިކާ
10- ދިޔާގެ ދޮންކަލޯ
11- ސަންފާގެ މަނިކާ
12- ހައްވާއްކަލޯގެ މޫސާ
13- މަރިޔަމް ދައްތާގެ ބޭބެ
14- އައިސާފުޅު (ކަނބުލޯ ދައްތާ)
15- ނައީމާ (ކުޑަކުއްޖެއް)
16- ނަސީމު (ކުޑަކުއްޖެއް)
17- ކައްދާބީގެ މުހައްމަދު
18- ހަސަންބާގެ ދޮންބޭބެ

މީދޫން ފުރައިގެން ދަތުރުކޮށްފައިގޮސް ހުވަދޫ ކަނޑުގެ މެދުން ވައިމަޑުވެ އޮޑި ބެހިއްޖެއެވެ. ބެހުނުކަން ޔަގީން ވުމުން މާލިމީ އަލިމަނިކުފާނު ފިލާ އަޅައި ބަލައިފައި ބުންޏެވެ. މިހާރު އޮޑި އިންތަނުން ދެން ރާއްޖެ އަތުވުން ދުރެވެ. ރާއްޖެ އަތުނުވާނެކަން އެނގުމުން މާލިމީ މަސައްކަތްކުރީ ސިލޯނަށް ދެވޭތޯ އެވެ. އޮޑި ބެހުނުތާ ހަ ވަނައަށްވީ ދުވަހު ހެނދުނު ސިލޯނު ފެނިއްޖެއެވެ. ސިލޯނު ފެންނަން ފެށުމުން ގާލީކޯރާއި ކައިރިކުރެވޭތޯ މާލިމީ ދިޔައީ މަސައްކަތް ކުރަމުންނެވެ. ސިލޯނާއި ވަކިވަރަކަށް ކައިރިވުމުން ހަސަންކާރި އިބްރާހިމްދީދީ ބުނެފިއެވެ. ވަޔާއި އޮއިވަރު ހުރިގޮތުން މި މިސްރާބުން ގާލީކޯރަކުން ނުވަދެވޭނެއެވެ. ގާލީކޯރުން ވަދެވޭނީ އެއްކަނުން އަނބުރާލާފައި ދުއްވައި ގެންނެވެ. އެނޫން ގޮތަކަށް ދުއްވައިގެން ނުވަދެވޭނެއެވެ. ފެންނާމަނިކުފާނު ބުނެފިއެވެ. އިބްރާހިމްދީދީ ބުނާ ގޮތަށް އަނބުރާލައިގެން ގާލީކޯރަކުން ނުވަދެވޭނެއެވެ. ގާލީކޯރުއޮތީ އަހަރެމެންގެ ދަށުފަރާތުގައެވެ. އަލިމަނިކުފާނެވެ. އޮޑި މިދާ މިސްރާބަށް ބަހައްޓާށެވެ.

އަލިމަނިކުފާނާއި ދިމާއަށް އިބްރާހިމްދީދީ ބުނެފިއެވެ. މި މިސްރާބަށް ދާނަމަ ގާލީކޯރާއި ހަމަވާނީ އިރުއޮއްސި އަނދިރިވާ ފަހުންނެވެ. ރޭގަނޑުގެ އަނދިރީގައި ގާލީކޯރުން ވަންނަން އެނގޭ އެކަކުވެސް އަހަރެމެންގެ ތެރެޔަކު ނެތެވެ.

ފެންނާމަނިކުފާނު އެންގެވި ގޮތަށް އޮޑި ފައްސިޔަ ކޮށްފައިގޮސް ގާލީކޯރާއި ހަމަވީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އޮޔާއި ވައިހުރީ ކޯރުން ވަދެވޭ ގޮތަކަށްނޫނެވެ. ކޯރުން ވަދެވޭގޮތް ނުވުމުން އަލިމަނިކުފާނާއި ދިމާލަށް އިބްރާހިމްދީދީ ބުންޏެވެ. އެއޮތީ ގާލީކޯރެވެ. ކޯރު އަތުނުޖެހި މިހިރަގެން ދަނީ ނޫންހެއްޔެވެ. އަލިމަނިކުފާނު ބުނެފިއެވެ. ފަޅުވެރީންނެވެ. ބޭރުކަނަށް ނަގާފައި ބަހައްޓާށެވެ. މައިތިރިވަންދެން ދުއްވާނީއެވެ. ފަޅުވެރިން ބޭރުކަނަށް ނަގާފައި ދުއްވަން ފަށައިފިއެވެ. މިގޮތަށްގޮސް ދުވާލުގެ އަލިކަން ފާޅުވެއްޖެއެވެ. އަލިވުމުން ބަލާލިއިރު ގާލީކޯރު ފަސްދީފިއެވެ. ވަދެވޭ ގޮތެއްނުވިއެވެ.

ކޯރުން ނުވަދެވޭނެކަން ޔަގީންވުމުން ފެންނާމަނިކުފާނު ބުނެފިއެވެ. މިސަރަހައްދާއި ކާރީގައި ވެލިގަމިކޯރު އޮންނާނެއެވެ. ވެލިގަމިކޯރާއި ދިމާއަށް ބަހައްޓާށެވެ. ވެލިގަމިކޯރާއި ދިމާއަށް ގޮސްގެންވެސް ވައިބާރުވެފައި ކަނޑު ގަދަވުމުގެ ސަބަބުން ކޯރު އަތުޖެހޭގޮތެއް ނުވިއެވެ.

ވައިބާރުކަމުން އޮޑި ދިޔައީ ސިލޯނާއި ކާރިން މަޑުމަޑުންނެވެ. އެއްގަމުގައި ހުންނަ ތަކެތި ފެނެއެވެ. ކޯރު ފަހަނަޅައި ދިއުމުން ފަޅުވެރީންނާއި ދިމާއަށް ހަސަންކާރި އިބްރާހިމްދީދީ ބުނެފިއެވެ. ކުދީންނެވެ. ނިކަން ވިސްނައިގެން ތިބޭށެވެ. ކަންތައް ވަރަށް ގޯސްވާނެއެވެ. އަހަރެމެން މީދޫން ފުރީ މާލެ ދިއުމަށެވެ. މާލެއަކަށް ނުދެވުނެވެ. ދެން ގަސްތުކުރީ ސިލޯނަށް ދާށެވެ. ސިލޯނު ފެނުމުންް ގަސްތުކުރީ ގާލީކޯރުން ވަންނާށެވެ. ގާލީކޯރުން ވަދެވޭ ގޮތެއް ނުވިއެވެ. ދެން ގަސްތުކުރީ ވެލިގަމި ކޯރުން ވަންނާށެވެ. ގަސްތުކުރި އެއްކަމެއްވެސް ނުވިއެވެ. ވީމާ ސިލޯނު ފަސްދިނުމުގެ ކުރިން ފިޔަވަޅުއަޅަން އެބަޖެހެއެވެ. މިތަނަށް ނަގިލި ވައްޓާލައިގެން ނަމަވެސް ސަލާމަތުން ވަދެވޭތޯ ބަލަން އެބަޖެހެއެވެ.

އިބްރާހިމްދީދީ މިހެން ބުނުމުން ފަޅުވެރިން އޮޑީގެ ނަގިލި ވައްޓާލައިފިއެވެ. އެހެންނަމަވެސް ނަގިލި ހަރުލާ ގޮތެއް ނުވިއެވެ. ވައިބާރުކަމުން އޮޑި ދަނީއެވެ. އަލި މަނިކުފާނު ބުނެފިއެވެ. ނަގިލި ވައްޓާލައިގެން ސަލާމަތެއް ނުވެވޭނެއެވެ. އޮއިވަރު މިއޮތީ އެކި ގޮތްގޮތަށެވެ. މިހެން ތިބެން ހަދައިގެން އެންމެންގެ ކަންތައް ނިމިހިނގައި ދާނެއެވެ. އަވަހަށް ނަގިލި ނަގާށެވެ. ފަޅުވެރިން ނަގިލި ނަގައިފިއެވެ. އަލިމަނިކުފާނު ބުނެފިއެވެ. ދުނިޔޭގައި އޮތީ ސިލޯނު އެކަންޏެއް ނޫނެވެ. ސިލޯނަށް ނުވަދެވުނަސް ދުނިޔޭގެ އެހެން ގައުމުތަކަށް ދެވިދާނެއެވެ. މާދުރުނޫން ހިސާބެއްގައި ބަންގާޅުވެސް އެބައޮތެވެ. ކޮންހާސްވުމެއް ހެއްޔެވެ. އޮޑީގައި ރޯނާއި ބޮލި އެބަހުއްޓެވެ. މަހާއި ކާއްޓާއި ބޯފެން އެބަހުއްޓެވެ. އެއީ އަގުހުރި ތަކެއްޗެވެ. ކޮންމެތާކަށް ދެވުނަސް ވިއްކާލެވޭނެއެވެ.

އޮޑީގެ ރިޔާ ނަގަން އަލިމަނިކުފާނު އަމުރު ކޮށްފިއެވެ. ފަޅުވެރިން ރިޔާ ނަގަންް ފެށުމުމާއެކު އައްޓިއަރި މުހައްމަދުދީދީ އެދިޔަގޮތަށް ގޮސް އޮޑީގެ ކުނބަށް ރިޔާ ބަނދެފައި ބުންޏެވެ. އެއްވެސް މީހަކު އޮޑީގެ އެއްކަމެއްވެސް ކުރާނެކަމެއްނެތެވެ. މިތަން ބަލަން ހުރެފައި ފެންނާމަނިކުފާނު ބުނެފިއެވެ. އާނ އާނ ވަރަށް ވިއްސާރައެވެ. ވާރޭވެސް ވެހިދާނެއެވެ. މިއައްވުރެ ވިއްސާރަވެސް ވެދާނެއެވެ. ހަނދާންކުރާށެވެ. ކިތަންމެ ވިއްސާރަވިޔަސް އޮޑީގެ އެކަކުވެސް އެތެރެއަށް ވަދެގެން ނުވާނެއެވެ.

އޮޑި ފައްސިޔަށް ބާއްވައިގެން ދަނީއެވެ. ސިލޯނު އޮބާލައިފިއެވެ. އެއްވެސް ތަނެއް ނުފެނެއެވެ. އެއްބަޔަކު ހީކޮށްގެންތިބީ އިންޑިޔާ އަށް ދެވޭނެކަމަށެވެ. އަނެއްބަޔަކު ހީކޮށްގެން ތިބީ ބަންގާޅަށް ދެވޭނެކަމަށެވެ. އޮޑި ދަނީއެވެ. އެއްވެސް އުޅަނދެއް ނުފެނި މިގޮތުގައި އެތަކެއްދުވަސް ފާއިތުވެއްޖެއެވެ.

އެއްދުވަހަކު ބޯޓެއް ފެނިއްޖެއެވެ. ބޯޓު އައިސް އޮޑިއާއި ކައިރިވުމުން އަލިމަނިކުފާނު އިނގިރޭސި ބަހުން ކޮންމެވެސް އެއްޗެއް ލިޔެ އޮޑީގެ ކުނބަށް ނަގައިފިއެވެ. ބޯޓު އައިސް ކާރިކޮށްފިއެވެ. އޮޑީގެ މީހުން އެހީތެރިކަމަށް އެދުނެވެ. އޮޑިއާއި ވަކިވަރަކަށް ކާރިކޮށްފައި ފަރަންޖީބަހުން ބުނެފިއެވެ. މާބޮޑު އެހީތެރިކަމެއް ނެތެވެ. ތިޔަ ތިބީ ބަންގާޅާއި ވަރަށްގާތުގައި ކަމަށާއި ތިޔަ މިސްރާބަށް ދާނަމަ މާދަމާރޭ އިރު އޮއްސުމުގެ ކުރިން ބަނގާޅު ފެންނާނެ ކަމަށް ބުނެފައި ބޯޓު ދުއްވާލައިފިއެވެ.

ޖެހިގެންއައި ދުވަހު މެންދުރުފަހު ބަންގާޅު ފެންނަން ފަށައިފިއެވެ. ވަރަށް އުފަލުން ދަތުރުކޮށްފައިގޮސް ބަންގާޅު ކޯރާއި ކާރިކޮށްފިއެވެ. އޭރު ބަންގާޅު ބަނދަރަށް އޮޑިފަހަރު ވައްދާ ޕައިލެޓް އޮތެވެ. އޭނާ އޮތީ ކުޑަކުޑަ ލޯންޗެއްގައެވެ. ބަނގާޅަށް ވަދެވެނީ ޕައިލެޓުގެ އެހީތެރިކަމާއެކުގައެވެ. އުޅަނދަކަށްފަހު އުނދެއް ވައްދަމުން ގޮސް އޮޑިއާއި ކާރިއަށް އައިސް ޕައިލެޓް ވާހަކަ ދެއްކުމުން އަލިމަނިކުފާނު ހަމަ އެކައްޗެކޭވެސް ނުބުންޏެވެ. އެހެންވެ ޕައިލެޓް އަނބުރާލާފައި ހިނގައްޖެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!