ތައިމޫރާއި ގުޅިފައިވާ ކުށުވެރިކަން ނުވަތަ އިއްތިފާގު

މީލާދީން ސާދަ ވަނަ ގަރުނުގައި މެދުތެރޭ އޭޝިއާގައި ގަދަފަދަ ޖައްބާރު ވެރިކަމެއް ހިންގި ތައިމޫރަކީ ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ފެނިފައިވާ އެންމެބޮޑު ޖައްލާދެވެ. ތައިމޫރުގެ ރަސްކަމުގެ މައިރަށަކީ ސަމަރުގަންދެވެ. އެއީ މިހާރުގެ އުޒްބެކިސްތާނެވެ. ތައިމޫރަކީ ނަމުން މުސްލިމެކެވެ. ކަމުން އެސިފަ ނުފެންނަ ވެރިއެކެވެ. އޭނާގެ މުޅިމަގުސަދަކަށް ވެފައިއޮތީ އެވޭލާ މޮންގޯލް ރަސްގެފާނު ޗެންގީޒް ޚާނު އޭޝިއާގެ އިރުމަތީބިތުން ހުޅަނގުބިތަށް ގާއިމު ކުރެއްވި ރަސްކަން އަލުން އިއާދަކުރުމެވެ. ތައިމޫރުވެސް ނިސްބަތްވަނީ މޮންގޯލް ދަރިކޮޅަށެވެ.

މިއަޒުމުގައި ކުރެވުނު ގިނަވެގެންވާ ހަނގުރާމަތަކުގެ ނަތީޖާއެއްގެ ގޮތުން ތައިމޫރު ޚާންދާނުގެ ރަސްކަމެއް ގާއިމްވިއެވެ. ރަސްކަން ގާއިމްކުރެވުނީ ސަތާރަ މިލިއަން މީހުންގެ ފުރާނަ ދުއްވާލައިގެންނެވެ. މިއީ ދުނިޔޭގެ އޭރުގެ އާބާދީގެ ފަސް އިންސައްތަ ކަމަށް ބުނެވެއެވެ. މިރަސްކަމުގެ ސަރަހައްދު ތުރުކީން ފެށިގެން އިރަށްގޮސް ޗައިނާއާ ހަމައަށް ފޯރާފައިވެއެވެ.

ތައިމޫރަކީ މަރުނޫން އެހެންއަދަބެއް ނުދަންނަ ވެރިއެކެވެ. ފަތަހަކުރެވޭ ބައެއްރަށްރަށް މުޅިން ހުސްކުރުމަކީ އާދައެކެވެ. އަމާންދިނުމުގެ ޝަރުތަކީ މީހުން ގަތުލުނުކުރުން ކަމުގައިވާނަމަ އެބަޔަކު އަމާންދިނުމުން ގަތުލުކުރުމުގެ ބަދަލުގައި ދިރިތިއްބާ ވަޅުލައިގެންވެސް މަރައެވެ. އުސްމާނީން ބަލިކުރުމަށްފަހު އުސްމާނީ ޚަލީފާ ހައްޔަރުކޮށްގެން ގެންގޮސް ސަމަރުގަންދުގައި ތައިމޫރުގެ ގަނޑުވަރުގައި ކޮށްޓަކަށްލައިގެން ގެންގުޅުނެވެ. އެޚަލީފާގެ އަނބިއަނބިކަނބަލުން ބަރަހަނާ ހާލުގައި ނެރެ ތައިމޫރުގެ މެހުމާނުންނަށް ޚިދުމަތް ކުރުވައެވެ.

ތައިމޫރުގެ ސިފައިން ފަތަހަކުރާ ބައެއްރަށްރަށުގައި އިންސާނުންގެ ބޮލުން އަހުރާމުތައް ހެދުން އޮވެއެވެ. ބައުދާދު ފަތަހަކުރުމަށްފަހު އިންސާނުންގެ ބޮލުން މިފަދަ އަހުރާމެއް ހެދުމަށް ބައުދާދުން އެކަނިވެސް ނުވަދިހަ ހާސް މީހުން ގަތުލުކުރެވުނެވެ. އެކިފަންނުތަކުގެ ތަޖުރިބާކާރުންނާއި އިލްމުވެރިން ގަތުލުނުކޮށް ސަމަރުގަންދަށް ގެންދެއެވެ. ބޭނުމަކީ ސަމަރުގަންދަކީ އިލްމާއި ފަންނުވެރިކަމުގެ ނާރެހަކަށް ހެދުމެވެ.

ޗައިނާ ފަތަހަކުރުމަށްވެސް ތައިމޫރު ބޭނުންވިއެވެ. ޗައިނާގައި އޭރުހުންނެވި ރަސްގެފާނު ފޮނުއްވި ފަތްކޮޅެއްގައި ތައިމޫރަކީ އެރަސްގެފާނުގެ ޚާދިމެއްކަމުގައި ލިޔުއްވާފައިވާތީ ދެ ލައްކަ އަސްވާރުންގެ ގަދަފަދަ ލަޝްކަރަކާއިގެން ހަނގުރާމައަށް ތައިމޫރު ނުކުތެވެ. އާއްމުގޮތެއްގައި ތައިމޫރު ތަންތަން ފަތަހަކުރަނީ ބަހާރުމޫސުމުގައެވެ. ނަމަވެސް ޗައިނާއާ ދެކޮޅަށް ނުކުތީ ފިނިމޫސުމުގައެވެ. މިއީ ތައިމޫރުގެ ހަޔާތުގައިވެސް ހެދުނު އެންމެބޮޑު ގޯހެވެ. އޭނާގެ ނިމުމުގެ އަސްލަކަށްވީވެސް މިގޯހެވެ. އެއީ މީލާދީން 1405 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ. ކަންދިމާކުރިގޮތުން އެއަހަރުގެ ފިނިމޫސުމަކީ ދުނިޔޭގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެގަދަފަދަ ފިނިމޫސުމެވެ.

ސަމަރުގަންދުން އިރުމައްޗަށް ދަތުރު ކުރަމުންގޮސް މިހާރުގެ ކަޒަކަސްތާނުގެ މެދަކާހަމައިން ފިނީގެ ސަބަބުން ތައިމޫރަށް ވަރުގަދަ ހުމެއް ޖެހިއްޖެއެވެ. އޭރު ތައިމޫރުގެ އުމުރުން 70 އަހަރެވެ. ހުން ފިލައިނުގޮސް ގިނަދުވަސްތަކެއް ނުވެ ތައިމޫރު މަރުވެއްޖެއެވެ. އޭނާ މަރުވުމުން ޗައިނާ ފަތަހަކުރުމުގެ ވިސްނުންދޫކޮށް ލަޝްކަރު ސަމަރުގަންދަށް ރުޖޫއަވެއްޖެއެވެ. ތައިމޫރު ވަޅުލުމަށް ލަޝްކަރުގެ ބޮޑުން ބޭނުންވީ ސަމަރުގަންދުގައި ކަމަށްވާތީ ހަށިގަޑު ކުނިނުވާގޮތް ވަނީ ހަދައިފައެވެ.

ތައިމޫރުގެ ނަން ހުޅަނގުގެ ގައުމުތަކުގައި މަޝްހޫރުވެގެންވަނީ ޓެމަރލޭންގެ ނަމުންނެވެ. އެއީ ޓެމަރ ދަ ލޭމް ކިޔަން އުޅެގެން މަޝްހޫރުވި ނަމެވެ. ނަމުގެ ފަހަތަށް ލޭމް އައީ ޒުވާން އުމުރުގައި ތައިމޫރަށް ލިބުނު އަނިޔާއަކާ ގުޅިގެން ހިނގުމުގައި ވަރަށްބޮޑު ކޮރުކަމެއް ހުރުމުގެ ސަބަބުންނެވެ. މިއަނިޔާއެއް ލިބުނީ ކޮންމެވެސް މީހެއްގެ ގެރިބަކަރިތަކެއް ފޭރިގަންނަން އުޅުމުގެ ތެރޭގައި އޭނާ ޖެހި ދުންޏެއްގެ ސަބަބުންނެވެ. ތައިމޫރު ވަޅުލެވިފައިވަނީ ވަރުގަދަ އެކަތަސަންދޯކެއްގެ ތެރޭގައި އޭގެވަށައިގެން އޮމާންހިލައިގެ ކޮށްޓެއް ހިމެނޭގޮތަށް ސަމަރުގަންދުގައި ހުންނަ ޒިޔާރަތެއްގައެވެ.

ތައިމޫރުގެ ޒިޔާރަތުގައި ބެހެއްޓިފައިވާ ލިޔުމެއްގައި އޮންނަކަމަށް ބުނެވެއެވެ. މިތަނުން އަހަރެން ތެދުވާހިނދު މުޅިދުނިޔެ ރޫރޫއަޅާނެއެވެ. ރޫސީވިލާތުގެ ޚުދުމުޚުތާރު ވެރިޔާ ޖޯސެފް ސްޓާލިންގެ އަމުރަށް 1941 ވަނަ އަހަރު ތައިމޫރުގެ ޒިޔާރަތް ކޮނެ ސަންދޯއް ހުޅުވައި އޭގެތެރޭގައި ހުރިއެއްޗެއް މޮސްކޯއަށް ގެންގޮސްގެން ތަހުލީލެއް ކުރުމަށް ނިންމައިފިއެވެ. މިކަމުގެ ފަންނީ ހުރިހާކަމެއްގެ ވެރިޔަކީ މިޚާއިލް ގެރަސިމޯވްއޭ ކިޔުނު މީހެކެވެ. އޭނާއަކީ މީސްމީހުންގެ ބޮލުގެ ކަށިތައް ތަހުލީލުކުރުމަށްފަހު އެމީހެއްގެ އަސްލުސޫރަ ދެނެގަތުމަށް ދުނިޔޭގައި ހުރި އެންމެ ކުޅަދާނަ މީހާއެވެ. މިގޮތުން ތައިމޫރުގެ އަސްލުސޫރަވެސް ގެރަސިމޯވް ވަނީ ހޯދައިފައެވެ. މިކޮނުމެއްގެ އަނެއްބޭނުމަކީ ހަގީގަތުގައިވެސް ތައިމޫރަކީ ކޮރުމީހެއްތޯ ދެނެގަތުމާއި އޭނާއާއި ބެހޭގޮތުން ދެކެވޭ އެނޫންވެސް ބައެއްވާހަކަތަކުގެ ތެދުދޮގު ދެނެގަތުމެވެ.

ތައިމޫރުގެ ސަންދޯކުގެ މަތިގަޑު ހިއްލައިލީ 20 ޖޫން 1941 ގައެވެ. ހުޅުވައިލުމާއެކު މުޅިޒިޔާރަތުގެ ތެރެއަށް ފެތުރިގެންދިޔައީ މީރުވަހެކެވެ. އެތަނުގައިތިބި ގިނަމީހުންނަށް ގަބޫލުކުރެވުނީ އެއީ ތައިމޫރުގެ ކުށުވެރިކަމުން ނުވަތަ އެފަދަ އެނޫންވެސް ކަމަކުން ފެތުރިގެންދިޔަ ވަހެއް ކަމުގައެވެ. އިލްމުގެ އަލީގައި ފަހުން ކަށަވަރުވިގޮތުގައި އެއީ ތައިމޫރުގެ ހަށިގަޑު ކުނިނުވާގޮތް ހެދުމަށްޓަކައި ބޭނުންކުރެވުނު ޒާތްޒާތުގެ ބާރުގަދަ ތެލާއި މަލުގެ ތާސީރެއްގެ ސަބަބުން ފެތުރިގެންދިޔަ ވަހެކެވެ. މިއެއްޗެއް ބޭނުން ކުރެވިފައިވަނީ ތައިމޫރު މަރުވީ ދުރުރަށެއްގައި ކަމަށްވާތީ ސަމަރުގަންދަށް ހަށިގަޑު ގެންދެވެންދެން ކުނިނުވާގޮތް ހެދުމަށްޓަކައެވެ.

ތައިމޫރުގެ ޒިޔާރަތުގެ ތެރެއިން ދެވަނަ ލިޔުމެއްވެސް ފެނުނުކަމަށް ބުނެވެއެވެ. އެލިޔުމުގައި ވަނީ މިހެންނެވެ. އަހަރެންގެ ގަބުރަށް ގޯނާކޮށްފި މީހާ ދަންނާށެވެ. އަހަރެންނަށްވުރެ މާނުރައްކާތެރި އަނިޔާވެރި ޖައްބާރު ވެރިއެއްގެ އަނިޔާއަށް އެމީހަކު ދޮރުހުޅުވައިފިއެވެ. ތައިމޫރުގެ ސަންދޯކާއި ހަމަޔަށް ގެރަސިމޯވް ދިޔުމުގެ ކުރިން ސަމަރުގަންދުގެ ހަރުކުލައިގެ ދީނީ ވައްތަރުގެ ތިން މީހަކު އައިސް މިކަންމިމަގުން ނުކުރުމަށް އާދޭސްކުރިއެވެ. ގަބުރަށް ގޯނާކޮށްފިނަމަ އަތުވެދާނެ ހަލާކާއި މުސީބާތުގެ ވާހަކައިން އިންޒާރުވެސް ދިނެވެ. ސަންދޯކުގެ މަތިގަޑު ނަގައިފިނަމަ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި މިކަންކުރިބަޔަކު ނިސްބަތްވާ ގައުމަކަށް ހަލާކު ކުރިމަތިވާނެކަމުގެ އިންޒާރުވެސް ދިނެވެ. އެކަމަކު އެމީހުންގެ އިލްތިމާސްތައް ވަދެގެންދިޔައީ ބީރު ކަންފަތަކަށެވެ. ހަމައެދުވަހު ތައިމޫރާއި އޭނާގެ ސަންދޯއް ނަގައިގެން މަތިންދާބޯޓުގައި މޮސްކޯއަށް ގެންގޮސްފިއެވެ.

އެޑޯލްފް ހިޓްލަރުގެ އަމުރަށް ޖަރުމަނު ސިފައިން އޮޕަރޭޝަން ބާބަރޯސާގެ ނަމުގައި ރޫސީވިލާތަށް އަރައިގަތީ 22 ޖޫން 1941 ގައެވެ. އެއީ ރޫސީވިލާތުގެ ވެރިޔާ ޖޯސެފް ސްޓާލިންގެ އަމުރަށް ތައިމޫރުގެ މަހާނަ ކޮނެގެން ސަންދޯއް ނެގިތާ ދެވަނައަށްވީ ދުވަހެވެ. މިއަރައިގަތުމެއް އަރައިގަތީ ހަނގުރާމަ އިއުލާންކުރުމެއްނެތި ހަމަ ކުއްލިއަކަށެވެ. ރޫސީވިލާތުން މިފަދަ ކަމަކަށް އެއްވެސް ސިފައެއްގައި ތައްޔާރުނުވެ ތިއްބައެވެ. މުޅިއެކު ތިން މިލިއަން ސިފައިންނާއި ހަތަރު ހާސް ޓޭންކާއެކު ފެށި މިއޮޕަރޭޝަނަކީ ދުނިޔޭގެ ތާރީޚުގައިވެސް މިހާތަނަށް ބަޔަކު ހިންގި އެންމެބޮޑު އަސްކަރީ އޮޕަރޭޝަނެވެ.

ޖަރުމަނު ސިފައިން ކުރިއަރަމުން ދިޔައީ ނުހަނު ބާރަށެވެ. ރޫސީންނަށް ކުރިމަތިވަމުން ދިޔައީ ނާކާމިޔާބީއަކަށްފަހު ނާކާމިޔާބީއެކެވެ. ސްޓާލިން އާއި އޭނާގެ ސަރުކާރު ނޭވާހޮޅިއަށް އެޅެމުންދިޔައީ ނުހަނުއަވަހަށެވެ. އޭރު މޮސްކޯގައިވެސް ތައިމޫރުގެ ކުށުވެރިކަމުގެ ވާހަކަ އޮތީ ވައިގައި ހިފާލައިފައެވެ. މިވާހަކަތައް ސްޓާލިންއަށްވެސް އަޑުއިވި މިއީ ތެދެއްކަމުގައި ގަބޫލުކުރެވޭގޮތް ވެއްޖެއެވެ. އެހެންވެ ދެންހަމައެއްގޮތެއް ނެތިގެން ތައިމޫރާއި އޭނާގެ ސަންދޯއް ސަމަރުގަންދަށް އަލުންގެންގޮސް ފުރިހަމަ އަދަބުއިހުތިރާމާއެކު ވަޅުލުމަށް ސްޓާލިން އަމުރު ކުރައްވައިފިއެވެ.

ތައިމޫރުގެ ސަންދޯއް މަތިންދާބޯޓުގައި ސަމަރުގަންދަށް އަލުންގެންގޮސް އޭނާގެ ޒިޔާރަތުގައި ވަޅުލީ 20 ޑިސެމްބަރު 1942 ގައެވެ. އެދުވަހުންފެށިގެން ކުއްލިއަކަށް ހަނގުރާމައިގެ މައިދާނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ޖަރުމަނު ސިފައިންގެ ކުރިއެރުން ހުއްޓުވައިލެވިއްޖެއެވެ. ދޮޅުމަސް ފަހުން ސްޓާލިންގްރާޑްގައި ހަނގުރާމަކުރަމުން ދިޔަ ޖަރުމަނުގެ ބިޔަ ލަޝްކަރު އަމާންދީފިއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޖަރުމަނު ސިފައިންގެ ފުރަތަމަ ނާކާމިޔާބީއެވެ. އެހިސާބުން ދެންފެށުނީ ޖަރުމަނު ބަލިވުމުގެ ސިލްސިލާއެކެވެ. ސްޓާލިންގްރާޑްގެ ހަނގުރާމައިގައި އެކަނިވެސް މަދުވެގެން ދެ މިލިއަނެއްހައި މީހުން ދެފަރާތުން މަރުވިއެވެ. އެއީ ދެވަނަބޮޑު ހަނގުރާމައިގެ މައިދާންތަކުގެ ތެރެއިން ލޭއޮހޮރުންތައް އެންމެބޮޑު މައިދާނެވެ.

ދެވަނަ ބޮޑުހަނގުރާމައަކީ ހިޓްލަރު ފެށި ހަނގުރާމައެކެވެ. މިހަނގުރާމައިގައި 34 މިލިޔަނާއި 50 މިލިޔަނާއި ދޭތެރޭގެ އަދަދަކަށް މީހުން މަރުވިއެވެ. އެހެންވީމާ ހިޓްލަރު ހިމެނުނީ ސާދަ ވަނަ ގަރުނުގެ ތައިމޫރަށް ވުރެ މާއަނިޔާވެރި މާޖައްބާރު އަދި މާބޮޑު ގާތިލަކަށެވެ. ތައިމޫރުގެ އަނިޔާވެރިކަމުގައި ފަނާވެގެން ދިޔައީ އެންމެ 17 މިލިއަން މީހުންނެވެ. އެހެންވީމާ ތައިމޫރުގެ މަހާނަގަލުގައި ލިޔެފައިވާކަމަށް ބުނާ ވާހަކައޮތީ ދިމާވެފައެވެ. ތައިމޫރުގެ ގަބުރާއި ކުޅެފި ބައެއްގެ މައްޗަށް ތައިމޫރަށްވުރެވެސް ބޮޑު ޖައްލާދެއްގެ އަނިޔާ ފާވެގެންނާނެއޭ ބުނިބުނުން ސީދާވެއްޖެއެވެ.

ތައިމޫރާއި އޭނާގެ ސަންދޯއް ސަމަރުގަންދަށް ގެންދިޔުމުގެ ކުރިން އެމަތިންދާބޯޓު ސްޓާލިންގްރާޑް ސަރަހައްދަށް އުދުހި އެރަށުގެ މަތީގައި ބުރެއް އެޅިކަމަށްވެސް ބުނެވެއެވެ. މިއީ ތައިމޫރުގެ ކުށުވެރިކަން ޖަރުމަނުގެ ލަޝްކަރުގެ މައްޗަށް ފޯރުވޭތޯ ސްޓާލިންގެ އަމުރަށް ކުރިކަމެކޭވެސް ބުނެވެއެވެ. ކޮންމެއަކަސް އެކަންތައްވެސް އޮތީ ސީދާވެފައެވެ. ސްޓާލިންގްރާޑްގައި ރޫސީންނަށް ކާމިޔާބީ ލިބެން ގިނަދުވަސްތަކެއް ނުނަގައެވެ. އެއީ ރޫސީންނަށް އާޚިރުގައި ލިބުނު ނަސްރުގެ ފެށުމެވެ. ޖަރުމަނާއި ހިޓްލަރު ބަލިވުމުގެ ފެށުންވެސްމެއެވެ.

މިހުރިހާކަމެއްގެ އަސްލަކީ ތައިމޫރުގެ ކުށުވެރިކަން ބާވައެވެ؟ ނުވަތަ މިއީ މުޅިންވެސް އިއްތިފާގު ބާވައެވެ؟ މިއީ ބަހުސް ކުރެވިދާނެ ކަމެކެވެ. ޔަގީންވާކަމަކީ ސްޓާލިންގެ އަމުރަށް ތައިމޫރުގެ ގަބުރަށް ރޫސީން ގޯނާކުރިކަމެވެ. ދެންއައި ދުވަސްތަކުގައި ރޫސީވިލާތަށް ހަލާކާއި މުސީބާތް ކުރިމަތިވިކަމެވެ. ތައިމޫރުގެ ގަބުރު އަލުން ޒިޔާރަތަށް ގެންގޮސް ވަޅުލިހިސާބުން ރޫސީންގެ ހާލަތު ބަދަލުވާން ފެށިކަމެވެ. އެންމެފަހުން ނަސްރުވެސް ލިބުނުކަމެވެ. ރޫސީވިލާތަށް އަރައިގަތުމަށް ހިޓްލަރު ނިންމެވީ ތައިމޫރުގެ ރޫހުގެ ބާރުއެޅުމުގެ މަތިންތޯ ނުވަތަ ނޫންތޯ އެއީ އެއްވެސްބަޔަކަށް ޔަގީންކަމާއެކު ބުނަން އެނގޭ ވާހަކައެއްނޫނެވެ. ތައިމޫރުގެ ކުށުވެރިކަން ޔަގީންކުރަން ބޭނުންވާ ބަޔަކަށްއޮތީ ރޫސީންވެސް ކަންތައެް ކުރިމަގުން ތައިމޫރުގެ ސަންދޯކުގެ މަތިގަޑު އަލުން ހިއްލައިލުމެވެ. ސުވާލަކީ މިވަރުގެ ރިސްކެއް ނަގަން ކެރޭނެ ގައުމަކީ ކޮބައިބާވައެވެ. އެމެރިކާއަށްވެސް އެކަން ކުރަން ކެރިދާނެބާވައެވެ.

ތައިމޫރަކީ ހަނގުރާމަކޮށްގެން މީހުން މަރައިގެން އަމިއްލައަށް ރަސްކަމެއް ގާއިމުކުރި ފަހުލަވާނެކެވެ. އޭނާއަކީ ޗެންގީޒް ޚާނުގެ ސީދާ އައުލާދަށް ނުވާތީ ޚާން ރަސްކަލެއްގެ ލަގަބު ބޭނުމެއް ނުކުރެވުނެވެ. ގުރައިޝު ވަންހަޔަށް ނިސްބަތްނުވާތީ ޚަލީފާއެއްގެ ލަގަބުވެސް ބޭނުމެއް ނުކުރެވުނެވެ. އެހެންވެ އޭނާ ބޭނުންކުރީ ހަމައެކަނި އަމީރު މިލަގަބެވެ. ތައިމޫރުގެ މަރަށްފަހު މިރަސްކަން މާގިނަދުވަހު ދެމިއޮންނަގޮތެއް ނުވިއެވެ. ތައިމޫރުގެ ދަރީންގެ ތެރެއިން ޝާހްރުކް މިރްޒާ އާއި ޖަހާންގީރާއި މިރަން ޝާހުގެ ކިބައިގައި މާބޮޑު ތޫނުފިލިކަމެއް ނެތެވެ. އެކަމަކު މިއައުލާދު ތަންކޮޅެއް ފަހުން އިންޑިޔާގައި ވަރުގަދަ ރަސްކަމެއްގެ ބިންގާ އެޅިއެވެ. އިންޑިޔާގެ މޫގަލް ރަސްރަސްކަލުން ނިސްބަތްވަނީ ތައިމޫރު ޚާންދާނަށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!