މިނިވަން ދުވަސް ވެސް މިއޮތީ އޮޅުވާލައިފައެވެ

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބާނީއަކީ ކާކު ހެއްޔެވެ؟ ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހިން ކުރި މަސައްކަތުގެ މޭސްތިރިއަކީ ކާކު ހެއްޔެވެ؟ އެ މިނިވަންކަން ލިބުނު އިރު ގައުމުގެ ހުންގާނުގައި ހުރީ ކާކު ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކެއްގެ ޖަވާބުގައި އެންމެންވެސް ބުނާނީ އެމީހަކީ ވެލާނާގޭ އިބްރާހިމް ނާސިރު ކަމުގައެވެ.

މިނިވަންކަމުގެ ބާނީއަކީ ނާސިރު ކަމުގައި ވަނީވިއްޔާ އެ މިނިވަންކަން ލިބުނު ގޮތާއި ލިބުނު ދުވަސް ވެސް އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާނީ ނާސިރަށެވެ. މިކަމާއި މެދުވެސް އެންމެން އިއްތިފާގު ވާނެއެވެ. އެކަމަކު ހަމަ ކޮންމެ އަހަރެއްގެ ޖުލައި ސައްބީސް ވަނަ ދުވަހު މުޅި ގައުމުގައި ގޮވައި ނަގަމުންދަނީ މިނިވަންކަން ލިބުނު ދުވަސް ނާސިރަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިނިވަންކަމުގެ ބާނީއަކީ ނާސިރެވެ. އެކަމަކު މިނިވަންވި ދުވަސް އެނގޭކަމަށް މިވަނީ އެހެން މީހުންނަށެވެ. މިއީ ދެން ކިހައިބޮޑު އަރަތެއް ބާވައެވެ.

ޖުލައި ސައްބީހަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ނެއްޓި ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ދިނުމުގެ އެގްރިމަންޓުގައި ސޮއިކުރި ދުވަހެވެ. އެ ސޮޔެއް ކުރެއްވީވެސް ނާސިރެވެ. އެދުވަހުން ފެށިގެން 1976 މާޗް 29 ވަނަ ދުވަހާއި ހަމައަށް ނާސިރުވެސް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަމުން ގެންދެވީ ޖުލައި ސައްބީހެވެ. އެކަމަކު މިދެންނެވި އަހަރުގެ މާޗް ނަވާވީހަށް ފަހު ނާސިރު ވިދާޅުވީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހަކީ މާޗް ނަވާވީސް ކަމަށާއި ރާއްޖޭގެ މިނިވަން ދުވަހަކީ އެއީ ކަމުގައެވެ. މިހެން ވިދާޅުވެފައި 1977 އަދި 1978 ގައި މިނިވަން ދުވަސް ފާހަގަކުރީ މާޗް ނަވާވީހުގައެވެ.

މާޗް ނަވާވީހަކީ ކޮން ދުވަހެއް ބާވައެވެ. އެދުވަހަކީ އައްޑޫ ގަން އިނގިރޭސި ސިފައިން ދިވެހި ދައުލަތާއި އަލުން ހަވާލު ކުރި ދުވަހެވެ. އެދުވަހަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި މުސްތަގިއްލުކަން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި ދިވެހި ދައުލަތުގެ ހުކޫމަތު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހިނގާން ފެށި ދުވަހެވެ. އެދުވަހަށް ފަހު ނާސިރު ނިންމެވީ ހަގީގީ މިނިވަން ދުވަހަކީ އެއީ ކަމުގައެވެ. ނާސިރުގެ ވެރިކަމުގެ ފަހު ދެ އަހަރު އެދުވަސް ފާހަގަ ކުރެއްވުމުން އެންމެންވެސް ތިބީ އެ ނިންމެވުމާއި މެދު ރުހިގެން ތާއީދުކޮށްގެންނެވެ. މިހެން ތިބެފައި ނާސިރުގެ ވެރިކަން 1978ގައި ހަމަ ނިމުމާއެކު ނާސިރަށް މިނިވަންދުވަސް އެނގިވަޑައި ނުގަންނަވާކަމަށް ނިންމައި ޖެހިގެން އައިއަހަރު އެދުވަސް އަނެއްކާވެސް ޖުލައި ސައްބީހަށް ބަދަލުކޮށްފިއެވެ.

މިނިވަންކަމުގެ މެޑަލް ނާސިރަށް ދީގެން އަދި ކޮންމެ އަހަރެއްގެ ޖުލައި ސައްބީހުގައި ގައުމުގެ ހަރު މުސްކުޅިން ޓީވީތަކަށް އަރައި ތިބެ ނާސިރަށް ތާރީފުކޮށް ނާސިރުގެ ހިކުމަތު އަމަލީގެ މޮޅުވާހަކަ ދައްކައި ނާސިރު ވަރުގެ ބަތޮލަކު ނެތްކަމަށް ހަދައިގެން ތިބޭއިރު އަޅުގަނޑުމެން އެންމެންވެސް މިތިބީ ހަގީގީ މިނިވަން ދުވަސް ނާސިރަށް ނޭގޭ ކަމަށް ނިންމައިގެންނެވެ. ކުޑަމިނުން މިނިވަންދުވަސް ވެސް ނޭގޭ މީހަކަށް އަދި އެމިނިވަންކަމުގެ ކުޑަބޮޑުމިން ވެސް ނޭގޭ މީހަކަށް މިނިވަންކަމުގެ މެޑަލް ހައްގު ވާނެ ހެއްޔެވެ؟ މިއީ މިކަހަލަ ކަމެއްގައި ކޮށްލުން ވަރަށް ހައްގު ސުވާލެކެވެ.

އިލްމީ ގޮތެއްގައި ދިރާސާކޮށްފިނަމަ އަދި ޒާތީ ހަސަދައާއި ދެކޮޅުވެރި ޚިޔާލުތަކުން ދުރުހެލިވެގެން ހުރެ ވިސްނައިފިނަމަ ނާސިރުގެ ނިންމެވުމަކީ ސައްތައިން ސައްތައިގެ ސައްހަ ނިންމެވުމެއްކަން އޮޅުމެއް ވަސްވާހެއް ނެތް މިންވަރަށް ކަށަވަރުވާނެއެވެ. ބަޔަކު މިއުޅެނީ ކޮންމެވެސް ސަބަބަކާއި ހެދި މިނިވަންދުވަސް އޮޅުވާލައިގެންކަން ވެސް ކަށަވަރުވާނެއެވެ. އަދި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި އެމިނިވަންކަމުގެ ހިޔާ ރާއްޖޭގެ ހަތަރު ބިތަށް ފެތުރިގެން ދިޔައީ މާޗް ނަވާވީހުގައި ކަން ޝަރުއީ ކޯޓުތަކުން ސާބިތު ކުރެވޭ ވަރަށް ހެކިވެސް ހޯދިދާނެއެވެ.

ޖުލައި ސައްބީސް 1965 ގައި މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރުމުން ދުނިޔޭގެ މިނިވަން ގައުމުތަކުގެ ސަފުގައި ދިވެހިރާއްޖެ އޮތީ ހިމެނިފައެވެ. އދ ޖަމިއްޔާގައިވެސް އޮތީ ބައިވެރިވެވިފައެވެ. ބޭނުން ގައުމަކާއި އެކު ބޭނުން ވައްތަރެއްގެ ގުޅުން ގާއިމުކޮށް ބޭނުންހާ ކަމެއް ކުރުމުގެ ހައްގު އޮތީ ކަށަވަރު ކުރެވިފައެވެ. އެއީ ހަގީގަތެކެވެ. އެކަމަކު ދިވެހިރާއްޖޭގެ ކަނޑާއި ފަޅާއި ހިކިފަސްތަނުގެ ތެރޭން ހުރިހާ ތަނަކަށް ދިވެހި ދައުލަތުގެ ސިޔާދަތު އޮތީ ފެތުރިފައި ހެއްޔެވެ؟ މީގެ ޖަވާބުގައި ބުނަން ޖެހެނީ ނޫނެކޭ އެވެ. އޭގެ ހެކިވެސް އެބަހުއްޓެވެ.

އައްޑޫގަމުގައި އިނގިރޭސިން ތިބީ 1960 ވަނަ އަހަރުގެ ފެބްރުއަރީ ސާދައިގައި ކުރެވުނު އެގްރިމަންޓަކަށް ފަހު އެރަށް ތިރީސް އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައިގެންނެވެ. އޯލްޕޯޓް އެގްރިމަންޓުގެ ނަމުން މަޝްހޫރުވެފައިވާ މި އެގްރިމަންޓެއް ކުރެވުނީ ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ ހަ އަހަރު ކުރިންނެވެ. އިނގިރޭސިންނާއި ދިވެހި ދައުލަތާއި ދެމެދު މި އެގްރިމަންޓެއް ކުރެވުނީ ރާއްޖެ އިނގިރޭސިންގެ ދަށުގައި ވަނިކޮށެވެ. އަޅުވެތިކަމުގެ ދަށުގައި ތިބެގެން މި އެގްރިމަންޓެއްގައި ސޮއި ކުރެއްވީ ވެސް ނާސިރެވެ. ރާއްޖެއަށް ސިޔާސީ މިނިވަންކަން ދިނުމުގެ އެގްރިމަންޓުގައި އޭގެ ހަ އަހަރު ފަހުން ސޮއިކުރެވި ރާއްޖެ މިނިވަންވީމާ އުސޫލެއްގެ ގޮތުން އޯލްޕޯޓް އެގްރިމަންޓު ބާތިލުވާނެއެވެ. ގަމުގައި އިނގިރޭސިން ދެމިތިބެން ބޭނުންކަމުގައި ވަނީވިއްޔާ އާ އެގްރިމަންޓެއް ހަދަންވެސް ޖެހޭނެއެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. އަމަލު ކުރަމުން ދިޔައީ އަޅުވެތިކަމުގައި ތިބެގެން ހެދި އޯލްޕޯޓު އެގްރީމަންޓަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އެނޫންވެސް ގާނޫނުތަކުން ލާޒިމުކުރާ ގޮތާއި މުޅިން ޚިލާފަށް މާއިހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިން އައްޑޫގައި ދެމިތިބިއިރު ދިވެހި ދައުލަތުގެ ސިޔާދަތާއި މުސްތަގިއްލުކަން ގެއްލިގެންދާ ކިތަންމެ ކަމެއް އިނގިރޭސިން ދިޔައީ ކުރަމުންނެވެ. އިނގިރޭސިން ތިބީ ހަމައެކަނި ގަމުގައެއް ނޫނެވެ. ހިތަދޫގެ ދެކުނުކޮޅުން މާމެންދޫއޭ ކިޔުނު ސަރަހައްދު ވެސް އޮތީ އިނގިރޭސިންނަށެވެ. އަދި މުޅި އައްޑު އަތޮޅުގެ އެތެރެވަރިއަށް ވެސް އޮތީ އިނގިރޭސިންގެ ފުރިހަމަ ހުކޫމަތެވެ. ދިވެހި ދައުލަތުގެ ބާރެއް އޮތިއްޔާ އެބާރު ހިގަނީ އައްޑޫ ރައްޔިތުންނާއި އެމީހުންގެ ގެދޮރަށެވެ. އޯލްޕޯޓު އެގްރިމަންޓުގައި އޮތީ އެހެންނެވެ.

ގަމާއި މާމެންދޫ އަދި އައްޑޫ އެތެރެވަރީގައި އިނގިރޭސިން ކޮށްފައި ނުކުރާކަމެއް ދިވެހި ސަރުކާރަކަށް ނޭގެއެވެ. އެންގުމެއް ވެސް ނޯވެއެވެ. އެންގުން ނުހުންނަ މިންވަރަކީ ދިވެހިރާއްޖޭގެ މަސްލަހަތާ ސީދާގޮތެއްގައި ފުށު އަރާގޮތަށް ދުނިޔޭގެ ހަނގުރާމަތަކުގައި ގަން ބޭނުން ކުރުމެވެ. މެދުއިރުމަތީގައި 1967 އަދި 1973 ގައި އަރަބީންނާއި އިޒްރޭލާ ދެމެދު ކުރެވުނު ދެ ހަނގުރާމައިގައި ވެސް އިޒްރޭލަށް ވާގިވެރިވުމަށް ގަމުގެ ބޭނުން ކޮށްފައިވެއެވެ. އަދި ނުވިތާކަށް 1971 ގައި އިންޑިޔާ އާއި ޕާކިސްތާނު ކުރި ހަނގުރާމައިގައި ވެސް ގަމުގެ ބޭނުންކޮށްފައިވެއެވެ. މީގެ ހެކި ބޭނުން ކަމަށް ވަނީވިއްޔާ އެދުވަސްވަރު ގަމުގައި މަސައްކަތް ކުރި ދިވެހިންގެ ކައިރިން އަހައިލާށެވެ. އެމީހުންނަށް ފެނިފައިވާ މަންޒަރުތައް ކިޔައިދޭނެއެވެ.

އަސްކަރީ މަރުކަޒެއް ހިންގުމުގެ މާނައަކީ އެ ގައުމެއްގެ މަސްލަހަތަށް ނުބަލައި ހިތަށް އެރިހާ ކަމެއް ކުރުމެއް ނޫނެވެ. ތުރުކީގެ އިންކަލިކުގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒުގެ ބޭނުންކޮށްގެން އިރާގަށް ހަމަލަދޭން ކެރުނީ ތުރުކީގެ ޕާލަމެންޓުން އެކަން ފާސްކުރުމުންނެވެ. ހަމައެގޮތަށް ވިއެޓްނާމް ހަގުރާމައިގެ ދުވަސްވަރު ފިލިޕީންސުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ސުބިކް ބޭގެ ބޭނުން ކުރެވުނީ ފިލިޕީންސްގެ ސެނެޓުގެ ރުހުން ހޯދައިގެންނެވެ. އެ ހަމަލާތަކުގައި ޖަޕާނުގެ އޮކިނާވާ އަސްކަރީ މަރުކަޒުގެ ބޭނުން ހިފުނީ ޖަޕާނުގެ ޕާލަމެންޓުން ހުއްދަ ދިނުމުންނެވެ. މިކަމުން ދޭހަވާ އެއްޗަކީ އަސްކަރީ މަރުކަޒެއް ހިންގިޔަސް އެމަރުކަޒެއްގައި އާއްމުކޮށް ކޮށްނޫޅޭ ބޮޑުކަމެއް ދިމާވެއްޖެނަމަ އެކަމެއް ކުރެވޭނީ އެބިން މިލްކުވެގެންވާ ސަރުކާރުގެ ހުއްދަ ލިބިގެންކަމެވެ.

މިފަދަ ހުއްދައެއް ދިވެހި ސަރުކާރުން ދީފައިވޭ ހެއްޔެވެ. ނުދެއެވެ. މިފަދަ ކަމެއްގެ އެންގުން ދިވެހި ސަރުކާރަށް އަންގާފައިވޭ ހެއްޔެވެ. ނެތެވެ. މިކަހަލަ ހުއްދައެއް ހޯދަން ޖެހޭކަން އޯލްޕޯޓު އެގްރިމަންޓުގައި ބަޔާންވެގެންވޭ ހެއްޔެވެ. ނުވެއެވެ. ދިވެހި ސަރުކާރު ބޭނުންވެއްޖެނަމަ އޯލްޕޯޓު އެގްރިމަންޓު ބާތިލުކަމަށް ނިންމުމުގެ މިނިވަންކަން އޮތް ހެއްޔެވެ. ނެތެވެ. އެއްވެސް މިނިވަންކަމެއް ނެތެވެ. އެހެންވީމާ މިކަމުން ކަށަވަރުވެ އެގެނީ ގަމާއި މާމެންދޫ އާއި އައްޑޫ އެތެރެވަރީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތު ނެތްކަމެވެ.

އަދި އެހެން ވާހަކައެކެވެ. އައްޑޫ ރައްޔިތުން ތިބެނީ ދިވެހި ސަރުކާރުގެ ހުކޫމަތުގެ ދަށުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ހިކިފަސްތަނާއި ފަޅުގެ މައްޗަށް އޮތީ ދިވެހި ދައުލަތުގެ ބާރެވެ. ދިވެހިންނާއި ގުޅޭކަންކަން އިނގިރޭސިން ކުރަމުން ދިޔައީ ނަމެއްގައި ދިވެހި ސަރުކާރާއި ވާހަކަ ދައްކައިގެން ދެ ފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ. އޭގެ ތެރޭގައި ދިވެހިންގެ މުސާރައިގެ އޮނިގަނޑުވެސް ހިމެނެއެވެ. އެކަމަކު މުޅި އައްޑު އަތޮޅުގައިވެސް ދިވެހި ފައިސާގެ ބާރެއް ނެތެވެ. ރުފިޔާ ގަބޫލު ކުރުމެއް ނޯވެއެވެ. އޮޑި ޖެހި ނޫޓަކީ ބޭކާރު ކަރުދާހެކެވެ. މިކަމުންވެސް ދިވެހި ދައުލަތުގެ ބާރު އައްޑޫގައި އޮތީ ކިހާވަރަކަށްކަން ސާބިތުވެއެވެ.

ރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވީ ނާސިރެވެ. އޯލްޕޯޓު އެގްރިމަންޓުގައިވެސް އަދި މިނިވަންކަމުގެ އެގަރިމަންޓުގައި ވެސް ސޮއިކުރެއްވީ ނާސިރެވެ. އިނގިރޭސިންނާއި މުއާމަލާތު ކުރަން ހުންނެވީ ނާސިރެވެ. އައްޑޫގައި އިނގިރޭސިން ކުޅުނު ކުޅިވަރުގެ ސަބަބުން ދިވެހި ދައުލަތުގެ ސިޔާދަތު ގެއްލިފައި އޮތީ ކިހައިވަރަކަށްކަން އެންމެ ރަގަޅަށް އެގިވަޑައިގެން އެކަންތައް ތަޖުރިބާ ކުރައްވާފައިވަނީ ވެސް ނާސިރެވެ. އެހެންވީމާ އިނގިރޭސިން ގަމާއި މާމެންދޫ ދިވެހި ދައުލަތާއި ހަވާލު ކުރުމުން އެ ލިބުނީ ކޯޗެއްކަމާއި ކުރީގައި ދިން ކަމަށް ބުނާ މިނިވަންކަމުގެ ތެރެއަށް އިތުރުވީ ކޯޗެއްކަން އެންމެ ރަގަޅަށް އެގިވަޑައިގެން ހުންނެވީ ދެން ނާސިރު ނޫން އެހެން ކާކު ހެއްޔެވެ؟

ހުރިހާ ކަމެއް އެންމެ ރަގަޅަށް އެގިވަޑައިގެން ހުންނަވައި މިނިވަން ދުވަހަކީ މާޗް ނަވާވީސްކަމުގައި ނާސިރު ހައްދަވައިފިއެވެ. މިގޮތުން ފާހަގަ ކުރި ފުރަތަމަ މިނިވަން ދުވަހު މައުމޫން އަބްދުލަގައްޔޫމު ކިޔާ ބޭފުޅަކު ޓްރާންސްޕޯޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައި ވަޒީރުކަމުގެ ހުވައި ކުރުވިއެވެ. އަދި ދެވަނަ މިނިވަން ދުވަހު މުޅި ސަރަހައްދުގައި ވެސް ނެތްކަހަލަ ތަރައްގީގެ މަޝްރޫއެއް ހުޅުވައި ދެއްވިއެވެ. އެއީ ނަވާވީސް މާޗް 1978 ގައި ހުޅުވުނު ޓީވީ މޯލްޑިވްސް އެވެ. އޭރު ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުގައި ވެސް ޓީވީ ސްޓޭޝަނެއް ނެތެވެ. ބަންގްލަދޭޝްގައި ޓީވީ ހުއްޓެއްކަމަކު ކުލަކޮށް ދައްކާ ސްޓޭޝަނެއް ނެތެވެ.

މައުމޫން އަބްދުލްގައްޔޫމު ރައީސްކަމުގެ ހުވާކުރެއްވީ ދިހައެއް ނޮވެމްބަރު 1978 ވަނަ ދުވަހުގެ ރޭ މެންދަމު މާލޭ ގަޑިން ބާރަ ޖެހުމާއެކު އެގާރަ ނޮވެމްބަރުގެ ސުން ގަޑީގައެވެ. ހުވައިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މައުމޫން ވިދާޅުވީ ނާސިރަކީ މިނިވަންކަމުގެ ބަތަލު ކަމުގައެވެ. ނާސިރުލް ހުއްރިއްޔާ ކަމުގައެވެ. ސިޔާސީ މިނިވަންކަމާއި އިގްތިސާދީ މިނިވަންކަމާއި އިޖުތިމާއީ މިނިވަންކަމުގެ ހަގީގީ ބައްޕައަކީ ނާސިރު ކަމުގައެވެ. މިހެން ވިދާޅުވެފައި ނާސިރު ރާއްޖެ ދޫކޮށް ހަމަ ފުރާވަޑައިގަތުމާއެކު ނާސިރުލް ހުއްރިއްޔާކަން ކެޑިއްޖެއެވެ.

ކުރީއްސުރެވެސް ރާއްޖޭގައި ގައުމީ ދުވަހަކާއި މިނިވަން ދުވަހެއް އައީ ފާހަގަ ކުރަމުންނެވެ. ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން އުތީމު މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. ވަކި ހިސާބަކުން ނާސިރު ހެއްދެވި ގޮތަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް އެއްދުވަހަކަށް ހެއްދެވީއެވެ. މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ބިލަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް ވަކިކޮށް ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި މިނިވަން ދުވަހަކީ ޖުލައި ސައްބީސްކަމުގައި ހެދުމެވެ. މާޗް ނަވާވީސްވަނަ ދުވަހު މިނިވަންކަން ފާހަގަ ނުކުރަން ނިންމައި ގާނޫނަކުން ޖުލައި ސައްބީސް އެކަށައެޅުމުގެ ސިއްރަކީ ނާސިރުގެ ވަހާއި ކުލަ ފޮހެލުމެވެ.

މިކަންކޮށްފައި އޭރު ނާސިރުދެކެ ރުޅިއަރާ މީހުން ހިންގާ ނޫސްތަކުގައި ލިޔުނީ ޖޫން ޖުލައި އަކީ އާއްމުގޮތެއްގައި ވިއްސާރަ ދުވަސްވަރަކަށްވާތީ ސިފައިންގެ ރޫޓު މާޗުތަކާއި ޕެރޭޑު ބާއްވަން އުނދަގޫވާތީވެ މޫސުން ރީތި ދުވަސްވަރެއްގައި އެކަން ކުރަންވެގެން މިނިވަން ދުވަސް މާޗް ނަވާވީހަށް ނާސިރު ބަދަލު ކުރެއްވީ ކަމުގައެވެ. ގަމޭ އިނގިރޭސިންނޭ ވިދާޅުވެފައި ވަނީ ބަހަނާއެއް ދެއްކުމަށް ކަމުގައެވެ. އެއީ ދިވެހިރާއްޖޭގެ ތާރީޚާއި މިނިވަންކަމަށް ނާސިރު ވެފައިވާ ހަރާންކޯރުވުމެއް ކަމުގައެވެ.

ލިޔެ ނިންމައިލެވުނީ މިކަން ހިގާފައި އޮތްގޮތެވެ. އެހެންވީމާ ރާއްޖޭގެ ހަގީގީ މިނިވަން ދުވަހަކީ ކޮންދުވަހެއްކަން ތިޔަބޭފުޅުން އަމިއްލައަށް ނިންމަވާށެވެ. އެދުވަހަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނު ދުވަސްތޯ ނުވަތަ އެ މިނިވަންކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެތުރި ރާއްޖޭގެ ސިޔާދަތު ފުރިހަމަވި ދުވަސްތޯ ނިންމަވާށެވެ. މިނިވަންކަމުގެ ބާނީ ނާސިރު ނިންމަވާފައި އޮތީ އެދުވަހަކީ ނަވާވީސް މާޗް ކަމުގައެވެ. މިނިވަންކަން ހޯއްދަވައި ދެއްވި މިނިވަންކަމުގެ ބަތޮލުގެ ބަސް ގަބޫލުކުރާނަމަ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރެން އަދި ގާތެއްވެސް ނުވެއެވެ. މިނިވަންކަމަށް ފަންސާސް އަހަރު ފުރޭނީ 2026 ގައެވެ.

You may also like...

5 Responses

  1. ބޮޑުގުންބަރާސް says:

    އެދުރުތަކުރު ކިތަންމެ ކުޑަވިޔަސް ލިޔުނު ލިޔުމަކީ ވަރަށް ބޮޑުވާހަކައެކެވެ. ހަގީގަތުގައިވެސް މިނިވަންކުރި ބޭފުޅާއަކަށް މިނިވަން ދުވަސް އޮޅިގެންނުވާނެއެވެ. އޮޅުނަސް އޮޅޭހާ ދުވަހެއްވީކީއެއްނޫނިއްޔާއެވެ. ތިޔާ އޮތީ ގަސްތުގައި އޮޅުވާލާފައެވެ.

  2. އަބްދުލްހައްގު says:

    އެއްވެސް ވަސްވާހެއްނެތެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހަކީ މާރިޗު މަހުގެ 29 ވަނަ ދުވަހަެވެ.

  3. ހުސޭނު says:

    ތަކުރާއޭ. ތިޔާ އުޅޭނީ އޮޅިގެންނެވެ. ރާއްޖެއަކީ މިނިވަން 50 ފުރިފައިވާތަނެކެވެ. ބަލަގަ ބޮޑުވީމާ ތަންތަން ވެސް ފުރޭނެއެވެ. ފުފޭނެއެވެ. މަގުމަތިވެސް ފުރޭނެއެވެ. އެފަދައިން 50 ފުރި އެ ފުރުނު ތަނެއް ވަނީ ފުރިފައެވެ. މާރިޗުމަހެއް ހުކުރެއް ރަޖަބެއް ބަލާނެކަމެއްނެތެވެ. ފެބުރުއަރީ އަކަށް ވިޔަސް މަގުމަތިން ފެންނަނީ މިނިވަން ކަމަށް މުސްކުޅި ދުވަސްވަރެއް އައިސްގެން އުޅޭ މަންޒަރެވެ. އަޅެ މީ ދޮގެއްތޯއެވެ. މަގޭ ފަރާތުން ވަރަށް ސަލާމް.

  4. Ali says:

    ތިރީގައި މިބަޔާންކުރާ ޕޮއިންޓްތައް ނޯޓުކޮށްލާހުއްޓެވެ.

    • އިނގިރޭސި ދައުލަތުން ދުވަހަކުވެސް ދިވެހި ދައުލަތުގެ މައްޗަށް ވެރިވެގަނެގެނެއް ނޫޅެއެވެ. އަދިކިއެއްތަ، އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު އަޅުވެތިކަމުގެ އެގްރީމެންޓެއްގައި ވެސް ސޮއިކުރެެވިފައެއް ނުވެއެވެ.

    • ދިވެހިރާއްޖޭގެ ރަދުން، އިނގިރޭސި ރާޖާއަށް ފޮނުއްވި ފަތްކޮޅެއްގެ ޖަވާބުގައި، އިނގިރޭސި ރާޖާ ފޮނުއްވި ފަތްކޮޅެއްގެ ޒަރީޢާއިިން އުފެދިގެންދިޔައީ، އަޅުވެތިކަމެއް ނޫނެވެ. ހިމާޔަތާއި ރައްކާތެރިކަމުގެ އެހީތެރިކަން ފޯރުވައި ދިނުމުގެ އެއްބަސްވުމެކެވެ. މި އެހީތެރިކަން ފޯރުވައި ދިނުމުގެ މުއްދަތަކީ ސަތޭކަ އަހަރެވެ. އެއީ 1887 އިން ފެށިގެން 1987 އެވެ.

    • ދިވެހިރާއްޖެއިން ދުވަހަކުވެސް އިނގިރޭސީންނަކަށް ޖިޒީއެއް ނުދައްކައެވެ. ވެދުން ބަދަލުކުރެވެމުން ދިޔައީ ދެ ދައުލަތުގެ ދެމެދުގައެވެ. ދިވެހިރާއްޖެއިން ހަދިޔާއެއްގެ ގޮތުގައި ފޮނުވާ ރޯނުބޮނޑިއަކާއި، ތުނޑުކުނަލަކާއި، ބޮލިކޮޅެއްގެ ބަދަލުގައި އިނގިރޭސީން ވެސް ދިވެހިރާއްޖެއަށް ހަދިޔާ ފޮނުވަމުން ގެންދިޔައެވެ.

    • 1948 ވަނައަހަރު މުޙައްމަދު އަމީން ކުރެއްވި އެގްރީމެންޓްގެ ސަބަބުން އެ ހަދިޔާ ބަދަލުކުން ވެސް ހުއްޓިގެން ދިޔައީއެވެ. އަދި އެ އެގްރީމެންޓަށް ފަހު ވެސް އިނގިރޭސިންގެ ޙިމާޔަތް ލިބިގެން ދިވެހީން ތިބެންޖެހޭ މުއްދަތަކީ 1987 އާ ހަމައަށެވެ.

    • 1956 ވަނައަހަރު، ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނު، އިނގިރޭސީންނަށް ގަން ސަތޭކައަހަރަށް ކުއްޔަށްދޭން ކުރި ޑްރާފްޓް އެގްރީމެންޓް، އެންޑޯޒް ކުރެވިފައެއް ނުވެއެވެ.

    • 1960 ވަނައަހަރު ބޮޑުވަޒީރު އިބްރާހިމް ނާސިރު އިނގިރޭސީންނާއެކު ކުރި އެގްރީމެންޓުން ގަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބި، ގަން 1957 އިން ފެށިގެން 30 އަހަރަށް އިނގިރޭސީންނަށް ކުއްޔަށްދޭން ހަމަޖެހުނެވެ. މި އެގްރީމެންޓަށް ފަހުވެސް އެއްކަލަ ޙިމާޔަތުގެ މުއްދަތަކީ 1987 އާ ހަމައަށެވެ. އަދި ގަން ކުއްޔަށް ދިން މުއްދަތު ހަމަވާ ތާރީޚަކީ ވެސް 1987 އެވެ.

    • 1965 ވަނައަހަރުގެ ޖުލައިމަހުން 26 ވަނަ ދުވަހު ބޮޑުވަޒީރު އިބްރާހިމް ނާސިރާއި ކޮޅުބުގައި ހުންނަވާ އިނގިރޭސި ސަފީރާ ދެމެދު ކުރެވުނު އެގްރީމެންޓުން ކުރިކަމަކީ ގަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދީ، އެއްކަލަ 1987 ގައި ހަމަވާން އޮތް ޙިމާޔަތުގެ މުއްދަތު އެ ހިސާބުން ނިމުމަކަށް ގެނައީ އެވެ. ނަމަވެސް ގަން ކުއްޔަށްދިން މުއްދަތު ހަމަވާ ތާރީޚަކީ 1987 ކަމުގައި އަދިވެސް ދެމިއޮތެވެ. އެހެންނަމަވެސް ގަމުގެ ކުލި ހިލެއިކުރެވުނެވެ. 1965 ވަނަ އަހަރު އެކުރެވުނު އެގްރީމެންޓަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުން ކަމުގައި ވަނީނަމަ، އެ ކުރެވުނުކަމަކީ 1987 ގައި ލިބެން އޮތް މިނިވަންކަން 22 އަހަރު ކުރީން ހޯދައި ދިނީއެވެ. އެހެންވީމާ އިބްރާހިމް ނާސިރަކީ ވާނީ ދިވެހިރާއްޖެއަށް 22 އަހަރުގެ މިނިވަންކަން ހޯއްދަވައިދެއްވި ބާނީ ކަމަށެވެ. ނާސިރު ހޯއަދަވައި ނުދެއްވި ނަމަވެސް އޭގެ 22 އަހަރު ފަހުން ދިވެހިރާއްޖެ ވެގެންދާނީ މިނިވަން ޤައުމަކަށެވެ.

    • 1965 ވަނައަހަރު އެކުރެވުނު އެގްރީމެންޓުން، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ނުލިބޭ ކަމަށް ވަންޏާ، ނުވަތަ ފުރިހަމަ މިނިވަންކަން ލިބެން އަދިވެސް އޮތީ ގަން ކުއްޔަށް ދެވުނު މުއްދަތު 1987 ގައި ހަމަވުމުން ކަމަށް ވަންޏާ، 1976 ވަނަ އަހަރު އިނގިރޭސީން އަމިއްލައަށް ގަމުން ފައިބައިގެން ދިއުމުން، ދިވެހިރާއްޖެއަށް މިނިވަންކަން އެ ލިބުނީ އަސްލު ލިބެން އޮތް ތާރީޚުގެ 11 އަހަރު ކުރީންނެވެ. މި މިނިވަންކަން ލިބުމުގައި ރައީސް ނާސިރުގެ މާބޮޑު ދައުރެއް ނެތެވެ.

  5. nizaR says:

    26 ޖުލައި 1965 ގައި ސޮއި ކުރި އެގްރީމެންޓަށް ފަހު ބައިނަލް އަގްވާމީ މައިދާނުގައި ދިވެހި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަން ކަން ލިބިފައި ވަނިކޮށް ، އެއިގެ މާފަހުން 29 މާރޗް 1976 ގައި ސޮއި ކުރި ގަމުގެ އެގްރީމެންޓާއި ގުޅިގެން މިނިވަން ދުވަހަކީ 29 މަރޗް ކަމަށް ހެދުން އެއީ ނާސިރު ކުރި ހެއްވާ އަދި މޮޔަ ކަމެއް. ރާއްޖޭގެ ވަކި ހިސާބެއްގެ ގިނަ ބަޔަކު ސަރުކާރަށް ތާއީދު ކޮށް ނެތޭ ނުވަތަ އެތަނެއްގައި ތިބި ބޭރު މީހުން ބުނާ ގޮތައް ކަމަށް އެތާގެ ބަޔަކު އުޅެނީ ކިޔާފަ ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަން ކަން ލިބުމަކާ އެކަމަކާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ. ނާސިރުގެ ސަރުކާރުން ކަމެއް ކޮށް ނުިދީ އަޅާ ނުލާ އައްޑޫ އަތޮޅު ދޫކޮށް ފައި އޮތުމުން އިނގިރޭސިން އެތާގައި ތިބި އިރު އިނގިރޭސިން ކުރާނެ ކަމެއް ކުރީ ނޫން ތޯއެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!