މުޖްތަމަޢު އެއް ބިނާކުރުމުގައި ދަރިވަރުންގެ ދައުރު

އެންމެ ފުރަތަމަ އަޅުގަނޑުމެން އެނގިގަންނާންވީ ކަމަކީ “މުޖްތަމަޢު” އަކީ ކޮބައިކަމެވެ. އާދެ، “މުޖްތަމަޢު” އަކީ ވަކި އިންތަކެއް ކަނޑައެޅިގެންވާ ސަރަޙައްދެއްގައި އެކުލެވިފައިވާ ވަކި ސަރުކާރެއްގެ ވެރިކަމުގެ ދަށުގައި ދިރިއުޅެމުންދާ ޖަމާޢަތަކަށް ނިސްބަތްކުރެވޭ ބައެކެވެ. މުޖުތަމަޢެއް ބިނާކުރުމަކީ އެ މުޖުތަމަޢެއް ތަރައްޤީކޮށް އާރާސްތު ކުރުމެވެ. މުޖްތަމަޢަކީ އެ މުޖުތަމަޢު އެކުލެވިގެންވާ ސަރަޙައްދުގައި ހިމެނޭ ބިމެއް ނޫނެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނެވެ. އެހެންވީމަ މުޖުތަމަޢެއް ބިނާކުރުމަކީ މީހުން ބިނާކުރުމެވެ. ނުވަތަ މީހުން ތަރައްޤީ ކުރުމެވެ. މުޖުތަމަޢެއް ތަރައްޤީ ކުރަންޖެހެނީ އެމުޖްތަމަޢެއްގައި ދިރިއުޅޭ މީހުން އަމިއްލައަށެވެ. އެމީހުން އެކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރާން ޖެހެއެވެ. އިންޑިއާގެ ކުރީގެ ރައީސް އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް ވިދާޅުވެފައިވެއެވެ. މުޖްތަމަޢެއްގެ ކުރިއެރުން ބިނާވެފައިވަނީ އެތަނެއްގެ މީހުންގެ ވިސްނުން ހުރިގޮތެއްގެ މައްޗަށެވެ.

އެހެންވީމާ އަޅުގަނޑުމެންނަށް މިއެގުނީ މުޖުތަމަޢެއްގައި ހިމެނޭ މީހުންގެ ވިސްނުން ބައްޓަން ކުރެވޭގޮތަކުން އެ މުޖްތަމަޢެއް ކިތަންމެހާވެސް މަތިވެރި އެއްޗަކަށް ހެދިދާނެކަމެވެ. ބޮޑެތި މީހުންނަކީ ހެދިބޮޑުވެފައިވާ ގަސްތައް ކަމަށް ވަންޏާ ދަރިވަރުންނަކީ އެގަސްތައް މުޑުވަތްކުރުމަށް ބޭނުންކުރެވޭ އޮށްތަކެވެ. ރަނގަޅު އޮށުން ފަޅާނީ ރަނގަޅު ގަހެވެ. ރަނގަޅު ގަހެއްގައި އަޅާނީ ރަނގަޅު މޭވާ އެވެ. ދަރިވަރަކީ ރަނގަޅު ރަށްވެއްސަކަށް ވެއްޖެނަމަ ރަނގަޅު ރަށްވެއްސެއްގެ ފަރާތުން އުފެދޭނީ ރަނގަޅު މުޖުތަމަޢުއެކެވެ. އެހެންކަމުން ރަނގަޅު މުޖުތަމަޢެއް އުފެދިގެން ދިއުމުގެ ފޯމިއުލާ އަކީ، “ރަނގަޅު ދަރިވަރެއް = ރަނގަޅު ރަށްވެއްސެއް = ރަނގަޅު މުޖުތަމަޢެއް” މިއެވެ.

ރަނގަޅު ދަރިވަރެއްގެ ސަބަބުން ފެންވަރުރަނގަޅު މުޖުތަމަޢެއް ބިނާކުރެވެއޭ ބުނެވޭ ބަހުގެ މުރާދަކީ، ފަސާދަތަކެއްނެތް، ސިޔާސީ ގޮތުން ތިލަފަތްހަމަ، އިޤްތިޞާދީގޮތުން ފެންވަރުރަނގަޅު، އަޚުލާޤީގޮތުން ރަނގަޅު ބިންގަލެއްގެ މަތީގައިވާ ތެދުވެރި މުޖުތަމަޢަކަށް އަބަދުވެސް އެ މުޖަތަމަޢެއް ވާނެކަމެވެ.

ދަރިވަރުންނަކީ ޤަޥްމުގެ މުސްތަޤްބަލުގެ ވާރިޘުންނެވެ. އެހެންވީމާ އެމީހުން ތިބެންޖެހޭނީ އަބަދުވެސް އަޚުލާޤީ، ސިޔާސީ އަދި އިޤްތިޞާދީ ޚިޔާލާތު ތަކުން ހަތިޔާރު އެޅި ތައްޔާރު ކުރެވިފައެވެ. އެމީހުންނަކީ ރީތި ބީނާތަކެއް އެމީހުންގެ މަތީގައި ކުރެވިގެންދާނޭ ތަނބުތަކެކެވެ. ދަރިވަރުންގައި ހުންނަންޖެހޭ ސިފަތަކަކީ (ހ) ކާމިޔާބު ލިބިގަތުމަށް އެދިގެންވުމާއި (ށ) ކަންކަންކުރުމުގެ ކެރުންތެރިކަމާއި ހިތްވަރު ހުރުމާއި (ނ) ކަންކަން އޮޅުންފިލައިފަ ވުމާއެކު އެކިއެކި މައްސްއަލަތަކުގެ އޮޅުންބޮޅުންކަން ފިލުވަން އެނގޭ ވަރުގެ ވިސްނުމެއް ހުރުމެވެ.

ދަރިވަރުންނަކީ ޤަޥްމުގެ ނުވަތަ މުޖުތަމަޢުގެ އެންމެ މުހިއްމު ގުނަވަނެވެ. އެއީ މުސްތަޤުބަލުގެ ރަށްވެހީންނެވެ. އެބައިމީހުން ހިމެނިގެންދާނީ މުޖްތަމަޢުގެ އެންމެ ބޭނުންތެރި ގިންތި ކަމުގައެވެ. އެއީ އުފެއްދުންތެރިންނެވެ. ޤަޥްމު ޙިމާޔަތްކޮށް ބަލަހައްޓާ ސަލާމަތީ މީހުންނެވެ. ފިލޯސަފަރުންނެވެ. އަދިވެސް އެފަދަ އެތައް ކަމެއްކުރާ މީހުންނެވެ. އުފެއްދުންތެރިން ޤަޥްމުގެ އެކިކަންކަމަށް ބޭނުންވާ ތަކެތި އުފައްދާނެއެވެ. އެއީ ކާނާގެ ބާވަތްތަކާއި، އިލެކްޓރޯނިކްސް އަދި އިންޖިނިއަރިން ދާއިރާ އިންނާއި އެހެނިހެން ދާއިރާތަކުންނެވެ. މުޖުތަމަޢުގެ ސަލާމަތް ބެލެހެއްޓުމުގެ މަޤާމުގައި ތިބޭމީހުން ޤަޥްމު ޙިމާޔަތް ކުރާނެއެވެ. ފިޅޯސަފަރުން ޤަޥްމަށް މަގުދައްކާނެއެވެ.

މީގެ އިތުރުންވެސް، ދަރިވަރުން ޙަޔާތުގެ އެކިއެކި ދާއިރާތަކުގައި ޙަރަކާތްތެރިވެ، ޤަޥްމު ބިނާކުރުމަށްޓަކައި މަސައްކަތް ކުރަމުން ދާންޖެހެއެވެ.

މުޖުތަމަޢެއް ވުޖޫދުވެ ދެމިއޮތުމަށްޓަކައި އަސާސީގޮތުން ކާނާއާއި، ފޭރާމާއި، ހިޔާވަހިކަން ބޭނުންވެއެވެ. އަދި މިފަހަކަށްއައިސް އަޅުގަނޑުމެނަށް ވިސްނުނުގޮތުން، މިދެންނެވި ކަންތައްތަކުގެ އިތުރުން، އަޅުގަނޑުމެނަށް މާބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ، އެހެނަސް މާ މުހިއްމު އެހެން ކަމެއް ބޭނުންވެއެވެ. އެއީ އިންސާނީ ވަޞީލަތެވެ. މުޖުތަމަޢާއި ޤަޥްމު ހަރުދަނާކޮށް ބިނާކުރުމަށްޓަކައި ކޮންމެ ދަރިވަރަކީވެސް ބޭނުންތެރި އިންސާނީ ވަސީލަތެކެވެ. މިގޮތުން އުތުރު އިރުމަތީގެ ޤަޥްމުތަކަށް އަޅުގަނޑުމެން ބަލަމާތޯއެވެ. އެޤަޥްމުތައް ބެލެވެނީ އިންސާނީ ވަސީލަތުގެ ގޮތުން މުއްސަނދި ޤަޥްމުތަކުގެ ގޮތުގައެވެ.

ޖަޕާނަކީ އިންޑިއާގެ ދެ ސްޓޭޓެއް އެއްކޮށްލީމާ ވާވަރުގެ ކުޑަ ޤަޥްމެކެވެ. އެއީ މާޟީގައި ބޮޑުބާރަކާއި ހަނގުރާމަކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި އަނިޔާތައް ލިބިފައިވާ ޤަޥްމެކެވެ. ހިރޯޝިމާ އާއި ނަގަސަކީ އަށް އެމެރިކާ މީހުން އެޓޮމިކް ބޮން އެޅިއެވެ. މިކަމުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު، ޖަޕާނުގެ 3.1 މިލިއަން މީހުން ނެތިގެން ދިޔައެވެ. އެތައްބަޔަކު މަރުވެ، ނުވަތަ ހަށިގަނޑުގެ ގުނަވަންތައް އައިބުވެގެން ދިޔައެވެ. އެހެންނަމަވެސް އެޤަޥްމުގެ އިންސާނީ ވަސީލަތުގެ ސަބަބުން އެއީ ތަރައްޤީވެފައިވާ ޤަޥްމެކެވެ. އެބައިމީހުންނަކީ މިހާރު ދުނިޔޭގައި ރޮބޮޓް އުފެއްދުމުގެ މާހިރުން ނެވެ. މިހާރު ޖަޕާނަކީ ދުނިޔޭގެ މީހުން ރޮބޮޓް ގަންނަންދާ ބައިނަލް އަޤްވާމީ ފިހާރައޭ ވެސް ބުނެވިދާނެއެވެ.

ޗައިނާ ވަނީ އިންޖިނިއަރިންގެ ރޮނގުން އެންމެ މައްޗަށް ކުރިއަރާފައެވެ. އެ ޤަޥްމުގެ ފަހުގެ އީޖާދު ތަކުގެ ސަބަބުންނާއި ޢިމާރާތްތައް ކުރުމުގެ ފަންނުވެރިކަން ކުރިއަރާފައިވާ މިންވަރުން މުޅިދުނިޔެ ވަނީ ޙައިރާން ކުރުވާފައެވެ. އެޤަޥްމު ވަނީ މިހާރު “ދުނިޔޭގެ ފެކްޓަރީ” ގެ ގޮތުގައި މަޝްހޫރު ވެފައެވެ. ދުނިޔޭގައި ނަން މަޝްހޫރު ނޮކިއާ ކުންފުންޏާއި، އެޕަލް ކުންފުނީގެ އުފެއްދުންތައް މިހާރު އެންމެގިނައިން އުފައްދަނީ އެ ޤަޥްމުގެ ފެކްޓަރީ ތަކުގައެވެ. މިކަމުގެ ސަބަބަކީ ޗައިނާގެ އާބާދީ އަކީ އިންސާނީ ވަސީލަތުގެ ގޮތުން ކުރިއަރާފައިވާ އާބާދީއަކަށް ވާތީއެވެ.

ދަރިވަރުން އެބައިމީހުން ދިރިއުޅޭ މުޖުތަމަޢުގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން ފާރަވެރިވާން ޖެހެއެވެ. ހުރިހާ ދާއިރާއެއްގައިވެސް އޭބައިމީހުން ވާންޖެހޭނީ ޙަރަކާތްތެރި ބަޔަކަށެވެ. އެބައިމީހުން ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާން ޖެހެއެވެ. ޕްލެޓޯ ވިދާޅުވެފައިވާ ގޮތުން “ދަރިވަރަށް ތަޢުލީމް ދިނުމުގައި އުމުރުން 25 އަހަރު ވަންދެން އެލެމެންޓްރީ ފެންވަރަށް ތަޢުލީމް ދޭންވާނެއެވެ. އަދި އުމުރުން 35 އަހަރު ވަންދެން މަތީ ތަޢުލީމު ދޭންވާނެއެވެ. ތަޢުލީމް ދިނުމަކީ މަޢުނަވީ ބަލިތަކަށް މަޢުނަވީ ބޭހުން ފަރުވާ ދިނުމެވެ”. މުޖުތަމަޢު އެއްގައި ދަރިވަރުން ހުރިހާ ދާއިރާއެއްގެ ހުރިހާ ޙަރަކާތެއްގައި ބައިވެރި ނުވާނަމަ، އެދަރިވަރުން ބަދަލުވެގެންދާނީ ފެންގަނޑު ދައުރު ނުކުރާ ކޯރަކަށެވެ. އޭރުން އެކޯރު ބަދަލުވެގެން ދާނީ ފެހި ޖަހާފައިވާ، އަދި ބޮކާއި ބިރުގަންނަފަދަ އެކިއެކި ޒާތްޒާތުގެ ފަނިފަކުސާތަކުގެ ވެއްޓަކަށެވެ.

ދަރިވަރުން، އެބައިމީހުންގެ މުޖުތަމަޢު ރައްކާތެރިކުރުމަށް ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތުތައް ވަޒަންކުރަން ޖެހެއެވެ. ގްރީކްގެ ޤަދީމީ ނަމޫނާއަކީ ވަރަށްރަނގަޅު ނަމޫނާއެކެވެ. އެއީ ކޮންމެ ޒުވާނަކުވެސް ސިފައިންގެ ތެރޭ މަސައްކަތް ކުރަން ޖެހުމެވެ. އުމުރުން 35 އަހަރު ވަންދެން ސިފައިންގެތެރޭ ޚިދުމަތް ކުރާންޖެހެއެވެ. ދެން އޭގެފަހުން އޭނާ ވާންޖެހެނީ ސިޔާސީ މީހަކަށެވެ. އެންމެފަހުން އޭނާ ރިޓައަރވުމުން ވަނީ ދީނީކަންކަމުގައި އުޅޭ މީހަކަށެވެ. މިއީ ސީދާ ޑިމޮކްރަސީ އެވެ. ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަށް ޙާސިލުކުރެވޭނެ ކަންކަމާއި ކުރިއަށް ދާންޖެހޭ މަގު އެނގެންޖެހެއެވެ. އަދި އެ މަޢުލޫމާތުތަކުން އޭނާގެ ޙަޔާތް އާރާސްތުކުރުމަށް ނުފޫޒު ފޯރާފައި ވާންޖެހެއެވެ.

ކޮންމެ ދަރިވަރަކުވެސް ޢިލްމް ޙާޞިލުކުރަންޖެހެނީ ރީތި އަޚުލާޤާއި ސުލޫކުގެ ވެއްޓަކުންނެވެ. ދަރިވަރު ވާންޖެހެނީ ޤަޥްމަށް އެހީތެރިކަން ފޯރުވައިދޭ މީހަކަށެވެ. އޭނާއަކީ ކަންކަން ދަސްކުރާ، ކަންކަމަށް ގޮންޖަހައި އަދި ކަންކަން ޙާޞިލުކުރާ މީހަކަށެވެ. ދަރިވަރު ވާންޖެހޭނީ ހުވަފެންދެކޭ މީހަކަށް ވުމުގެ ބަދަލުގައި ޢަމަލީ އަދި ޙަރަކާތްތެރި މީހަކަށެވެ. ދަރިވަރަކީ އޭނާގެ ޤަވްމު ޙިމާޔަތްކުރާ ޒުވާން ހަނގުރާމަ ވެރިއެކެވެ. ކަންކަމަށް ގޮންޖަހައި ކުރިއެރުންތައް ޙާޞިލުކުރުމުގައި އޭނާއަށް އެންމެ ބޮޑަށް މަގުފަހިވެގެންދާނެ ވަސީލަތަކީ ޢިލްމް ޙާޞިލުކުރުމެވެ.

ބައެއް މުޖުތަމަޢުތައް އެހާބޮޑަށް ފަސާދަ ވެފައިވަނީ އަމިއްލަ އެދުންތައް އިސްކުރެވުމުގެ ސަބަބުންނެވެ. ކަންކަން އިޞްލާހު ނުކުރެވޭނަމަ މުޖުތަމަޢުގައި އިންޞާފު ޤާއިމެއް ނުކުރެވޭނެއެވެ. އާ އީޖާދުތައް ކުރާމީހުންނަށާއި އާ އުފެއްދުންތެރިންނަށް އެމީހުންނަށް ޙައްޤުވެގެންވާ ޝަރަފާއި އިޙްތިރާމް ދެވެންވާނެއެވެ. ދަރިވަރުން ވާންޖެހޭނީ އަމިއްލައެދުން ކުޑަ، އެހެންދަރިވަރުންނަށް ކަންކަން އުނގަންނައިދޭ އަދި އެމީހުންނަށް މަގުދައްކައިދޭ ފަރާތްތަކަށެވެ. މިފަދަ އުސޫލުތަކެއް ޤާއިމްކުރެވިގެން އުފެދޭ އެކިއެކި ޖަމާޢަތްތައް މެދުވެރިކޮށް ރަނގަޅު މުޖުތަމަޢަކާއި ޤަޥްމެއް ބިނާކުރެވިގެންދާނެއެވެ.

ދަރިވަރުން ވާންޖެހޭނީ މާޟީވެ ދިޔަ ޖީލާ މިހާރުގެ ޖީލު ގުޅުވައިދޭ ފާލަމަކަށެވެ. ދަރިވަރުން، ކުރީގެ ޖީލކުތަކުން އިބްރަތްތައް ޙާޞިލުކޮށް، އަންނަން އޮތްޖީލުތަކަށް ފޯރުކޮށްދީ މަގުދައްކައިދޭން ވާނެއެވެ. މިކަމުގެ ސަބަބުން ޢިލްމާއި މުޖުތަމަޢުގެ ދިރުން ރައްކާތެރިކުރެވިގެންދާނެ އެވެ.

ލީޑަރުންނަކީ އެމީހުން ދުނިޔެއަށް އަންނައިރުވެސް އެފަދަ ލީޑަރޝިޕް ސިފަތަކާއެކު އުފަންވާ ބައެއް ނޫނެވެ. އެސިފަތަކަކީ ޙާޞިލުކޮށް އަށަގަނެވޭ ސިފައެކެވެ. ކޮންމެމީހަކު ވެސް މިސިފަ ލިބިގަތުމަށް މަސައްކަތް ކުރުމަށްޓަކައި އެންމެ އެކަށިގެންވާ ދުވަސްވަރަކީ ދަރިވަރެއްގެ ގޮތުގައި އޭނާ ހޭދަކުރާ ދުވަސްތަކެވެ. ހިޓްލަރ، އޭނާ ދަރިވަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްވަރު ޔަހޫދީންނާއިދޭތެރޭ އޭނާގެ ހިތުގައި ނަފްރަތްތެރިކަން އުފެއްދުމުގެ ސަބަބުން އޭނާ ވެގެންދިޔައީ ނުލަފާ މީހަކަށެވެ. ދަރިވަރުކަމުގެ ދުވަސްވަރު ބުރަކޮށް މަސައްކަތްކުރި ބައެއްމީހުން ބަދަލުވެގެން ގޮސްފައިވަނީ ވަރުގަދަ ޝަޚުޞިއްޔަތްތަކުގެ ގޮތުގައެވެ. ދަރިވަރަކީ މުޖުތަމަޢު އާއި ޤަޥްމު ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ގުނަވަނެކެވެ. މަތީގައި ބަޔާންކުރެވުނު ހުރިހާ އުޞޫލުތަކަކާއި ސިފަތަކެއް އޭނާގެ ދިރިއުޅުމުގައި އެކުލެވިފައިވާންޖެހެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!