އައްދުރަރުލްފާޚިރާ ފީ މަޢުރިފަތިލްއަންސާބިލްމުތަނާޘިރާ-1

ޙަމްދާއި ޝުކުރުހުރީ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމަށާއި ރަހިމުގެ ގުޅުން ކަނޑައިނުލުމަށް އަމުރު ކުރެއްވި ގަދަކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ނަސަބުގެ ގުޅުން ދަމަހައްޓަންވީގޮތުގެ މަތިވެރި ނަމޫނާ މި އުންމަތަށް ދެއްކެވި މާތްނަބިއްޔާ މުޙައްމަދު صلي الله عليه وسلم އަށާއި އެމާތް ނަބިއްޔާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީންނަށެވެ.

ނަސަބުގެ ޢިލްމަކީ، އެޢިލްމުން ނުހަނު ފައިދާކުރާ ބަރަކާތްތެރި ޢިލްމެކެވެ. ނަސަބުގެ ޢިލްމުގެ ސަބަބުން ތިމާގެކަމުގެ ގުޅުން އާލާވެ ގާތްތިމާގެ މީހުން އެކަކު އަނެކަކަށް ދެނެގަތުމުގެ ފުރުޞަތު ތަނަވަސް ވެގެންދެއެވެ. ވާރުތަ މުދާ ބެހުންފަދަ މުހިއްމު މައްސަލަތައް ފަސޭހަކަމާއެކު ޙައްލުކުރުމަށް އެހީވެދެއެވެ. ނަސަބުގެ ޢިލްމު ރައްކާތެރިކުރުމަކީ ދުނިޔޭގައި އިންސާނުން އުޅެން ފެށީއްސުރެ މިއަދާއި ހަމައަށްވެސް އެކި ޒަމާންތަކުގައި އެކި ސިފަސިފައަށް ކުރެވެމުން އަންނަ ކަމެކެވެ. ސަލާމްލެއްވި ނޫޙުގެފާނުގެ ޒަމާނުގައި އެއައި ޠޫފާނުގެ ސަބަބުން އެހިނދާއި ހަމައަށްއޮތް ދުނިޔޭގެ ތާރީޚު ގެއްލިގެން ދިއުމުގެ ސަބަބުން އޭރުއޮތް ޢިލްމުއްނަސަބުގެ ތަޢުލީމުވެސްވަނީ ވަރަށް ބޮޑަށް ގެއްލިގެންގޮސްފައެވެ. އެހެނަސް ނޫޙުގެފާނުގެ ފަހަށް އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން ނަސަބުގެ ޢިލްމު ރައްކާތެރި ކުރުމަށް ވަރަށް މަސައއްކަތް ކުރިކަމަށް ތާރީޚީ ލިޔުންތަކުން ފެނެއެވެ. ޤަދީމީ ޒަމާނުގެ މިޞްރުމީހުންނާއި ޔޫނާނީންނާއި ސީނުކަރައާއި ޢިރާޤުކަރައާއި ޝާމުކަރައާއި ފާރިސްކަރައިގެ މީހުން އެއުރެންގެ ނަސަބު ލިޔެ ރައްކާކުރި ކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ.

ހަމައެގޮތަށް ނަސަބުގެ ޢިލްމަށް އިސްކަންދިން އަނެއްބަޔަކީ، ޢަރަބީންނެވެ. އެމީހުންވެސް އެމީހުންގެ ނަސަބު ރައްކާތެރި ކުރުމުގައި ވަރަށް ބޮޑު ކާމިޔާބެއްހޯދިއެވެ. އަދި ނަސަބުގެ ޢިލްމު ދަންނަ މީހުންނަކީ ހުރިހާ ޒަމާނެއްގައިވެސް ޢަރަބީންގެ ތެރޭގައި ޤަދަރު ދެވުނު ބަޔަކަށްވިއެވެ. މިއަދުވެސް ޢަރަބީން އެބައިމީހުންގެ ނަސަބު ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ޤަޙްޠާނާއި ހަމައަށް އުފުލަތެވެ. މިއީ އަޞްލު ޢަރަބީންނެވެ. ޢަރަބީންގެ އަނެއް ބަޔަކީ ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިކޮޅުން އައިސްފައި ތިބި ޢަރަބީންނެވެ. މިމީހުންނަކީ މުސްތަޢުރިބު ޢަރަބީންނެވެ. މިބައިމީހުންވެސް މިބައިމީހުންގެ ނަސަބު ސަލާމުލެއްވި އިބްރާހިމް ގެފާނާއި ހަމައަށް އުފުލަތެވެ.

މިއިން ކޮންމެ ބަޔަކުވެސް އެބަޔެއްގެ ނަސަބު އާދަމުގެފާނައި ގުޅޭގޮތުގެ ތަފާތު ރިވާޔަތްތައް ގެންގުޅެއެވެ. އެހެނަސް މިރިވާޔަތްތަކަކީ އޭގެ ޞައްޙަކަމާއި މެދު ޔަޤީންކަމެއް ދެވެންނެތް ރިވާޔަތްތަކެވެ. ސަބަބަކީ މިރިވާޔަތްތައްވަނީ ވަރަށްބޮޑަށް އުނިވެފައެވެ. ކޮންމެ ދެމީހެއްގެ ދެމެދުން ހަތަރު ފަސްމީހުން ނުވަތަ އެއަށްވުރެ ވެސް ގިނަމީހުން މަދުވުމުގެ ސަބަބުން މިރިވާޔަތްތައްވަނީ ހީނުކުރާހާ ވަރަށް ކުރުވެފައެވެ. ކަންމިހެން އޮތް ކަމުގައި ވިޔަސް މިރިވާޔަތްތައްވެސް ނަސަބުގެ ޢިލްމުގެ ފޮތްތަކުގައި ނަޤުލުކުރެވިފައި ހުރެއެވެ. އޭގެ ބޭނުމަކީ އެރިވާޔަތްތައް ވެސް ގެއްލިގެން ދިޔަނުދިނުމަށާއި އެރިވާޔަތްތަކުން މީހުން އުނިވެފައި ހުއްޓެއްކަމަކު އޭގެވެސް އަޞްލު ޞައްޙަ ކަމުގައި ވާތީއެވެ. ފަހެ މިކަން ދިމާވާ އެއް ސަބަބަކީ ކުރީގައި ލިޔެވިފައި އޮތް ބަޔަކާއި ފަހުގެ ބަޔާއި ގުޅާލާއިރު ކާފަ ދަރިންނާއި މުނިކާފަދަރީން އަދި ހޫރު ކާފަ ދަރީން އަޞްލު އުފަން ދަރީންގެ ގޮތުގައި ލިޔެވުމެވެ. މިކަމުގެ ސަބަބަކަށް ގިނަފަހަރު ވަނީ ނަސަބުގެ ޢިލްމު ލިޔެވެމުން އައީ ވާރުތަ މުދާ ބެހުމަށް ކަމަށް ވެފައި އެއިރަކު ދުނިޔޭގައި ތިބި ބަޔެއްގެ ނަސަބު އައި ގޮތް ލިޔާއިރު އެމީހުންގެ މައިންބަފައިން ދުނިޔޭގައި ނެތްނަމަ މައިން ބަފައިން ނުލިޔެ ކާފަ ނުވަތަ މުނިކާފަ ނުވަތަ ހޫރުކާފައާއި ގުޅާލަނީއެވެ. މިހާރުވެސް ޢަރަބީންގެ ތެރޭގައި މިއާދަ ހަމަމިގޮތަށް އެބައޮތެވެ.

 

ބައްލަވާށެވެ. މަޝްހޫރު އުސާމާ ބިން ލާދިންގެ ބައްޕަގެ ނަމަކީ ލާދިން އެއްނޫނެވެ. ޙަޤީޤަތުގައި ލާދިންއަކީ އުސާމާގެ މުނިކާފައެވެ. އެހެނީ އުސާމާގެ ބައްޕައަކީ މުޙައްމަދު ބިން ޢޫދު ބިން ލާދިންއެވެ. އެހެންކަމުން އުސާމާ ބިން ލާދިން ނުވަތަ ލާދިންގެ ފުތް އުސާމާ އޭ ބުނުމުން އުސާމާގެ ބައްޕަގެ ނަމާއި ކާފަގެ ނަން އުނިވާގޮތް އެބަ ދިމާވެއެވެ. ނަސަބުގެ ޢިލްމުގެ ފޮތްތަކުން މިކަހަލަ އެތައްކަމެއް ފެންނާން ހުރެއެވެ. އެހެނަސް މިއީ އެކަމުގެ ސަބަބުން ނަސަބުގެ ޢިލްމަށް އުނިކަމެއް އަންނަކަމަކަށް ނުވެއެވެ. އެހެނީ މިގޮތަށް ލިޔުނަސް މިޢިލްމުގެ އަޞްލު މަޤްޞަދު ޙާޞިލުވާތީއެވެ.
ދިވެހީންނަކީވެސް މީސްކޮޅު މަދުވެފައި ޤައުމު ކުޑައަކަސް ނަސަބުގެ ޢިލްމު ރައްކާތެރިކުރުމަށް މަސައްކަތް ކޮށްފައިވާ ބައެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ބަޔަކީ އައްޑޫ މީދޫ މީހުންނާއި ފުވައްމުލަކު މީހުންނެވެ. އެމީހުން އައްޑު އަތޮޅާއި ފުވައްމުލަކަށް އިސްލާމީ ތަޢުލީމުގެ ދަންމަރުން އަލިކޮށްދެއްވި ޤާއިދު ކަމުގައިވާ އަލްފަޤީހުލް ޙާފިޡު އަލްވަރަޢު ވައްޒާހިދު އައްޝައިޚުލް ޢާލިމް ޔޫސުފު ނާއިބުތަކުރުފާނުގެ ދަރިކޮޅު މިއަދާއި ހަމައަށްވެސް ލިޔެ ރައްކާކޮށްފައި އެބައޮތެވެ. އެހެނަސް މިއަދު މިދަރިކޮޅަކީ އައްޑޫ މީދޫއާއި ފުވައްމުލަކުގައި އެކަނި އޮތް ދަރިކޮޅެއް ނޫނެވެ. މިއަދު މިދަރިކޮޅު ވަނީ މަލިކައްޑޫ ދެމެދުގައިވާ ހުރިހާ ހިސާބަކަށް ފެތުރިފައެވެ. އަދި އޭގެ އިތުން އަވައްޓެރި ޤައުމުތަކަށާއި އަވައްޓެރި ނޫން ޤައުމުތަކަށް ވެސް މިދަރިކޮޅުގެ ގޮފިތައްވަނީ ބެހިފައެވެ.

ކުރީންވެސް ދެންނެވިފަދައިން އައްޑޫމީދޫ މީހުންނަކީ ޒަމާނުއްސުރެ އެމީހުންގެ ދަރިކޮޅު ލިޔެ ރައްކާ ކުރަމުން އައި ބަޔެކެވެ. ޒަމާންތައް ފުރޮޅެމުން މިހިސާބަށް އައިއިރު މީހުންގެ ވިސްނުން ބަދަލުވެ ނަސަބުގެ ގުޅުން ދެމެހެއްޓުމާއި ދަރިކޮޅު ލިޔެ ރައްކައުތެރިކުރުމަކީ މުހިއްމު ކަމެއް ނޫން ކަމުގައި ދެކެން ފެށުމުގެ ސަބަބުން އިހުގެ ކާބަފައިން ކުރަމުން އައި މިއަގުހުރި މަސައްކަތް ވެފައިވަނީ އަގެއް ނެތް ބޭކާރު ކަމަކަށެވެ. މިކަންތައް މިހެން ހުއްޓާ މިފަދަ ކަމެއް ކުރާން މިފެށްޓީ އިހުގެ ކާބަފައިން ކުރައްވާފައިވާ މިފަދަ އަގުހުރި މަސައްކަތެއް މުޅީން ނެތި ގެއްލި ހިނގައިދާނެ ކަމުގެ ބިރަށްޓަކައެވެ. އަދި މިކަން ކުރަން ފެށުމުން ކަތިބަސްތަކަކުން ބައެއް ފަރާތްތަކުން ދެއްވި ހިތްވަރަށް އެފަދަ ފަރާތްތަކަށް ހިތުގެ އަޑީން ޝުކުރު އަދާ ކުރަމެވެ. އެހެނީ އެފަދަ ބަސްތައްވީ މިކަންކުރުމުގެ ޢަޒުމު އިތުރަށް ވަރުގަދަވެ ހަރުދަނާވުމުގެ ސަބަބެއް ކަމުގައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!