ރިވާޔަތު ފެންނާމަނިކުފާނު – ފެންނާމަނިކުފާނުގެ ލާނެތްފަރާތް 6

ދަތުރު ފޮށްޓާއި ހުނިގޮނޑި
ފެންނާމަނިކުފާނު އެއްވެސް ބޭނުމެއްގައި ހިތަދޫއަށް އަރާކަމަށްވެއްޖެނަމަ ބަދަލުނުވެ އަބަދުވެސް ހިފަހައްޓާ އާދައެއް އޮވެއެވެ. ހިތަދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެހެންވީމާ ފެންނާމަނިކުފާނު ކަހަލަ މީހަކު ނިކަން ގިނަގިނައިންވެސް ހިތަދޫއަށް ދާން ޖެހޭނެއެވެ. ކިތަންމެ ގިނައިންދާން ޖެހުނަސް ބަދަލުނުވެ އޮންނަ އާދައަކީ އެހީވާން ކޮންމެވެސް ޚާދިމަކު ގެންދިއުމާއި ކުޑަވަރެއްގެ ލަކުޑި ފޮށްޓަކާއި ހުޅުވައި ލެއްޕޭ ޒާތުގެ އެނދެއް ގެންދިއުމެވެ. ޚާދިމަކަށް ގިނައިން ގެންދަނީ ބަނޑިހިގޭގައި ނޯކަރަކަށް އުޅޭ މަރިޔާގެ އަހައްމާއެވެ. ކިތަންމެ ކުރު ދަތުރަކަށްވިޔަސް އަދި ކިތަންމެ ގޯސް މޫސުމެއްގައި ކުރާންޖެހުނު ދަތުރެއްކަމުގައި ވިޔަސް ފެންނާމަނިކުފާނާއެކު މިތަކެތި ދާން ޖެހޭނެއެވެ. މިތަކެތި ނުގެންދެވޭނަމަ ފެންނާމަނިކުފާނެއް ނުދާނެއެވެ.

ޚާދިމަކު ގެންދަނީ މިތަކެތި އުފުލުމަށާއި ދަތުރުގައި ފެންނާމަނިކުފާނަށް އެހީތެރިވެދިނުމަށެވެ. އެނދު ގެންދަނީ އިށީދެ އިނުމަށާއި އޮށޯވެ އޮތުމަށެވެ. ފޮށީގެ ތެރޭގައި ހުންނަ މުދަލަކީ ހަނޑޫ ކިލޯއަކާއި ހަކުރު ކިލޯއަކާއި ފުށްކިލޯއެކެވެ. ދެން ކާށްޓަކާއި ހުނިގޮނޑިޔަކާއި ދެތިން ތަށްޓެކެވެ. މިއީ އެޒަމާނުގައި ކަމެއްދަމެއް ގޯސްވެއްޖެނަމަ ތިން ހަތަރު ދުވަހަކަށް ހިފަހައްޓައިލެވޭނެހާ ސާމާނެވެ. އެކަމަކު މިތަކެތިން ބޭނުންކުރަން ޖެހުނު އެއްވެސް ދަތުރެއް ނާދެއެވެ. އަބަދުވެސް ކޮންމެވެސް ބެއިފުޅެއްގެ މެހުމާންދާރީ އޮންނަނީ ހުޅުވިފައެވެ. ފެންނާމަނިކުފާނުގެ ގާތްތިމާގެ މީހުން ހިތަދޫގައި ތިބެއެވެ. ވެރިކުލައިގެ މީހުންނަކީ ވެސް އެމަނިކުފާނުގެ ގާތް މީހުންނެވެ. އެހެންވީމާ އަމިއްލައަށް ހުނި ގާނައިގެން އަމިއްލައަށް ކައްކައިގެން ވަލުތެރޭގައި ކޭމްޕު ޖަހައިގެން ނިދަން ޖެހޭ ހާލަތެއް ނާދެއެވެ.

މިމަގުން ކަންހިނގަމުން ދަނިކޮށް އެއްފަހަރަކު ހިތަދޫއަށް ކުރި ދަތުރެއްގައި އެއްކަލަ އެނދާއި ފޮށި އުފުލައިގެން ޚާދިމު ކަލޭގެ ދާން ފެށީމާ ހިތަދޫ ބަނަދަރުމަތީގައި ހުރި ކޮންމެވެސް ރައްޓެއްސަކު ފެންނާމަނިކުފާނާއި ސުވާލުކުރިއެވެ. ބަލަ މުހުއްމައިދި އެވެ. ހަމަ ކޮންމެ ދަތުރެއްގައި ތިޔަ ތަކެތި ތިޔަ ގެންނަނީ މި ހިތަދޫގައި ތިޔަ ދީދީ އަށް ކާންބޯން ނުދީ ބަނޑަށް ހާންތި ކުރާނެ ބަޔަކު ތިބެދާނެތީ ބާވައެވެ. އަހަރެންނަށް ޔަގީނެވެ. ތިޔަ ދީދީ ފައިބީއްސާލި ގެޔަކަސް އެގޭގެ މީހުން ކައިބޮއެ ހަދާނީ އެންމެ ފުރަތަމަ ތިޔަ ދީދީއަށް ކާން ދީފައެވެ. އެގެއެއްގެ ބަޔަކު ނިދާނީ ތިޔަ ދީދީ ނިންދަވާފައި ދެން ބުރަކަށި ޖައްސައިލާނެ ޖާގައެއް ހުރިއްޔާއެވެ. އެހެންވީއިރު މިރަށު މީހުން ދެރަކުރާން ތިޔައީ ފަހެ ކޮންހާ ސަކަރާތެއް ހެއްޔެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ތިބާއީ ވަރަށް ބޮޑު ތެދެކެވެ. މިހުރިހާ ދުވަހު މިރަށަށް އައިސްގޮސްވިއިރު އަމިއްލައަށް ކައްކައިގެން ކާކަށް ނުޖެހެއެވެ. ވަލުތެރޭގައި އެނދު ބަހައްޓައިގެން ނިދާކަށް ނުޖެހެއެވެ. އެކަމަކު އެފަދަ ދުވަހެއް އަތުވެއްޖެއްޔާ ޔޯއެވެ. އެހެންވީމާ އަބަދުވެސް ތައްޔާރަށް މިހުންނަނީ އެދުވަސް އަންނާނީ މިދަތުރުގައި ކަމަށް ނިންމައިގެންނެވެ. ތައްޔާރުވެ ހުރީމާ އެދުވަސް އަޔަސް ލިބޭނެ ވަކި ދެރައެއް ނޯންނާނެއެވެ. މިގޮތް ދެރަ ހެއްޔެވެ. ރަހުމަތްތެރިޔާ ބުންޏެވެ. އާނއެކޭ އާނއެކޭ ތިޔައީ ބުއްދިވެރިން ކަންކަން ކުރާނެ ގޮތެވެ. ތިކަމުގައި ގޯހެއް ނެތެވެ.

ބައިޕެނީ ބަލައި ހިތަދޫއަށް ދިއުން
މީދޫ ފަޅުތެރޭގައި އޮންނަ އިސްމެހެލާ ހެރަ ވަރުވާއަށް ނަގައިގެން އުޅުނީ ފެންނާމަނިކުފާނެވެ. މިމަނިކުފާނަށް ކޮންމެވެސް ކުއްޔެއް ދީފައި އަދި ދައުލަތަށް ދައްކާންޖެހޭ ވަރުވާއެއްވެސް ދީފައި މިރަށް ބަލަހައްޓާން އުޖޫރައަށް މީހަކު ބަހައްޓައިގެން އުޅުނީ ހިތަދޫ ދޮންރަހާގެ އަބްދުﷲ ދީދީއެވެ. މި ދީދީއަކީ ފެންނާމަނިކުފާނުގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެއްފަހަރަކު ރަށުގެ ކުލި ފޮނުވިއިރު އެއިން ބައިޕެނީ މަދުވެއްޖެއެވެ. މިކަމާއިމެދު ވަރަށް ބޮޑަށް ވިސްނުމަށްފަހު ފެންނާމަނިކުފާނު ނިންމީ މިކަން ބައިޕެނީހާ ކުޑަކުޑަ މައްސަލައަކަށް ނުހަދައި ބޮޑު މައްސަލައެއްގެ ގޮތުގައި ނެގުމާއިއެކު އަބްދުﷲ ދީދީއާ ބައްދަލުވުމަށް ހިތަދޫއަށް ދިއުމަށެވެ.

ފެންނާމަނިކުފާނު ހިތަދޫ ފާލަމަށް ފޭބިއިރު އެތަނުގައި ދަންނަ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅުނެވެ. މީގެތެރެއިން މީހަކު ސުވާލުކުރިއެވެ. މާނުވަގުތެއްގައި އަދި މާނުމޫސުމެއްގައި މިރަށަށް ތިޔަ ވަޑައިގަތީ އަނެއްކާ ކޮންވަޑާމެއްތޯއެވެ. ފެންނާމަނިކުފާނު ޖަވާބުދިނެވެ. މިއައީ ވަރަށް ބޮޑު ކަމަކާއިގެންނެވެ. ޖެހުނު ކަންތަކުގެ ބޮޑުކަމުން ނައިސް ފަރުނުޖެހުނީއެވެ. މިމީހަކު އަނެއްކާ ސުވާލު ކުރިއެވެ. އެއީ އަނެއްކާ ކިހައިވަރެއްގެ ބޮޑު ކަމެއްތޯއެވެ. ވިދާޅުވެދެއްވައިފިއްޔާ ވަރަށް ވެސް ރަގަޅެވެ. ފެންނާމަނިކުފާނު ބުންޏެވެ. މިއައީ ދޮންރަހާގެ އަބްދުﷲ ދީދީ އަތުން ބައިޕެނީ އަތުލާން ކަމަށެވެ. މިމީހަކު ކުޑައިކޮށް ހިނިއައިސްފައި ހުރެގެން ބުންޏެވެ. ބަލަ ބައިޕެނީއަކީ ހާދަހާވާ ކުޑަ މިންވަރެކެވެ. ބައިޕެނީ ހޯއްދަވަން ތިޔަ ކުރެއްވި ދަތުރަށް ވެސް އެކަހަލަ ކިތަންމެ ބައިޕެނީ މިހާރު ހުންނާނީ ޚަރަދު ކުރެވިފައެވެ. އެހެންވީމާ ތިޔައީ ނަފާހުރި ދަތުރަކަށް ނުވޭ ނޫންތޯއެވެ.

ފެންނާމަނިކުފާނު ޖަވާބުދިނެވެ. ތިޔަހާ ކުޑަކޮށް ވިސްނީމާ ވިސްނޭނީ ތިޔަ ގޮތަށެވެ. ނިކަން މަ މިބުނާ ގޮތަށް ވިސްނައި ބަލާށެވެ. ކިތައްމީހުންގެ ބައިޕެނީ ދޮންރަހާގެ އަބްދުﷲ ދީދީގެ އަތުގައި ހުންނާނެ ހެއްޔެވެ. ކޮންމެ މީހަކުވެސް ދެން އެއީ މާކުޑަކުޑަ މިންވަރެއްކަމަށް ހީކޮށް އަޅާނުލައި ދޫކޮށްލީމާ އެތައް ސަތޭކަ ބައިޕެނީ އަބްދުﷲ ދީދީއަތުގައި ހުންނާނެއެވެ. އެއީ އެދީދީގެ ތަނަވަސްކަން އިތުރުވުމުގެ ބާރަކަށް ވެސް ވާނެއެވެ. އަދި އެއީ އެދީދީއަށް ހަލާލުވެގެންވާ އެއްޗެއްވެސް ނޫނެވެ. އެހެންވީމާ އަހަރެން މިއައީ އަހަރެންގެ ބައި ޕެނީ ބަލައެވެ. މީގައި އޮތީ ކޮން ގޯހެއް ހެއްޔެވެ. އެމީހާ ބުންޏެވެ. އާދޭހޭ އާދޭހޭ ތިޔަ ވިދާޅުވީ ހަމަ ސައްތައިގެ ވާހަކަފުޅެކެވެ.

އައްޑޫ ބަހާއި އިނގިރޭސި ބަސް ވައްތަރުވުން
ސުވާދީބު ސަރުކާރުގެ ދުވަސްވަރު ފެންނާމަނިކުފާނަކީ ރައީސް އަބްދުﷲ އަފީފު ދީދީގެ އެޑްވައިޒަރެކެވެ. މި އެޑްވައިޒެއް ދޭން ދޭތެރެއަކުން ގަމަށް ނުވަތަ ހިތަދޫއަށް އޮންނަނީ ދާން ޖެހިފައެވެ. މުސްކުޅި އުމުރުގައި މިސަކަރާތެއް ޖެހުމަކީ ފެންނާމަނިކުފާނަށް މާކަ ފަސޭހަކަމެއްވެސް ނޫނެވެ. އެކަމަކު މަޖުބޫރުވީމާ ދަނީއެވެ. ބުނެއެވެ. ވަޅެއް ނުތެޅޭނެއެވެ. ތެޅޭނީ ދާންޏެވެ. އެހެންވީމާ ދާންޖެހޭނެއެވެ. މިގޮތަށް ގޮސްފައި ބަހަކުން ދޮޅުބަހަކުން އަފީފުދީދީ ނުވަތަ އޭނާގެ ކޮންމެވެސް އެހީތެރިޔެއްގެ ގައިގައި ޖަހައިފައި ނޫނީ އެނބުރިއެއް ނާންނާނެއެވެ.

އެއްފަހަރަކު ގަމުގައި އޮތް ބައްދަލުވުމަކަށް ދާން ޖެހިއްޖެއެވެ. މިބައްދަލުވުމެއްގައި އައްޑޫ ރައްޔިތުން އިނގިރޭސި ބަސް ދަސްކުރުމާއި މެދު ސުވާދީބު ސަރުކާރުގެ ވެރިންގެ މެދުގައި ނިކަން ލޮނުހެޔޮވަރުކޮށް ވާހަކަ ދެކެވިއެްޖެއެވެ. ފެންނާމަނިކުފާނު ހަމަ އަނގައިންވެސް ނުބުނެ އެބަހުރެއެވެ. ބައްދަލުވުން ނިމިގެން އަމިއްލަ ވާހަކަ ދައްކާން އަތިރިމަތީގައި ތިބި ވަގުތެއްގައި ކުއްލިއަކަށް ފެންނާމަނިކުފާނު ބުންޏެވެ. އަބްދުﷲ ދީދީއެވެ. އައްޑޫ ބަހާއި އިނގިރޭސިބަސް ހާދަހާ އެއްގޮތެވެ. އަފީފު ދީދީއަށް ފެންނާމަނިކުފާނު ކިޔައި އުޅެނީ އަބްދުﷲ ދީދީއެވެ. ފެންނާމަނިކުފާނު މިބުނި އެއްޗަކާއި މެދު އަފީފު ދީދީ ހައިރާންވެ ހުރެގެން ބުންޏެވެ. މުހުއްމައިބެ ދައްކާ ވާހަކައެވެ. އައްޑޫ ބަހަކީ އެތެރެވަރީގެ ބަހެކެވެ. އިނގިރޭސި ބަހަކީ ވިލާތު ބަހެކެވެ. އެހެންވީމާ މި ދެބަސް އެއްގޮތްވާނީ ކޮންގޮތަކުން ހެއްޔެވެ.

ފެންނާމަނިކުފާނު ބުންޏެވެ. ތިމީހުންނަށް ބަސް ނޭގުނީތާއެވެ. އިނގިރޭސި ބަސް ދަސްކުރާން ވާނެޔޭ ތިޔަ ކިޔަނީ އެބަހުގެ އެކޮޅު މިކޮޅު ނޭގި ތިބެގެންތާއެވެ. ބަލަގަ ފެންއަޅާ ތާނގީއަށް އަހަރެމެން މިކިޔަނީ ތާންގެކެވެ. އިނގިރޭސި ބަހުން ކިޔަނީ ޓޭންކެވެ. ޓޭންކާއި ތާންގަކީ އެއްގޮތަކަށް ކިޔޭ ދެބަސްކަން ތި މީހުންނަށް ނޭގުނީތީ އަހަރެން ހަމަ ހައިރާންވެއްޖައިމެވެ. އަފީފުދީދީ ބުންޏެވެ. މުހުއްމައިބެ ތިޔަބުނީ ތެދެކެވެ. ތިޔަ ދެބަހުގައި އެއްގޮތްކަން އެބަހުއްޓެވެ.

ދޮން އަހައްމާއަށް ލަކުޑީގެ އަގު ބުނެދިނުން
މިދަތުރަށްފަހު ރަށަށްދާން ވެގެން ދޯނީގެ އިންތިޒާރުގައި ގަމުގެ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި ފެންނާމަނިކުފާނުގެ ޚާއްސަ އެނދު ބަހައްޓައިގެން މީގައި އިށީދެ އިންދާ މިތާކަށް ހިތަދޫ އޮޑިވެރިއެއް ކަމުގައިވި ދޮން އަހުމަދު ދީދީ އަތުވެއްޖެއެވެ. ދޮން އަހައްމާ ހުރީ އާ އޮޑިއެއް ބަންދާންވެގެން ލަކުޑިކޮޅަކަށް ބޭނުންވެފައެވެ. އެހެންވީމާ ފެންނާމަނިކުފާނު ކުރެން ދޮން އަހައްމާ އެދުނީ ލަކުޑިކޮޅެކަށެވެ.

ފެންނާމަނިކުފާނު ހުރީ ހިލޭ ލަކުޑި ދޭގޮތަކަށް ނޫނެވެ. އަދި ހެޔޮ އަގެއްގައިވެސް އެކަން ކުރާ ގޮތަކަށް ނޫނެވެ. އެހެންވެ އަވަސްއަވަހަށް ބުންޏެވެ. އަސްތާ އަހައްމައިދިއޭ ލަކުޑިއަކީ މިޒަމާނުގައި ކިހާ އަގު ބޮޑު އެއްޗެއްކަން ދީދީއަށް އެގޭ ބާވައެވެ. އެއީ އަނެއްކާ ކިހައި ބޮޑު އަގެއްހޭ ތިޔަ ވިޔަކުރުމެއްގެ އަސާސަކީ ފަހެ ކޮބައިހޭ އަހައްމައިދީ ސުވާލުކުރީމާ ފެންނާމަނިކުފާނުގެ ޖަވާބަކީ މިއެވެ. ލަކުޑީގެ އަގަކީ އެ ލަކުޑިގަޑެއް ފޮރުވެންދެން ވަށައިގެން ޕައުންޑް ތަތްކުރުމަށްފަހު ލަކުޑިގަޑު ފޮރުވުނީމާ ދެން އެހުރިހައި ޕައުންޑެއް ނައްޓައި އޭގެ އަދަދު ބެލުމަށްފަހު އެ އަދަދެކެވެ. މިހިސާބަށް ވާހަކަ ދިޔައިމާ އަހައްމައިދި ބުންޏެވެ. ފެންނާމަނިކުފާނޫއޭ ތިޔައީ ތިމަންނާއަށް ކުޅަދާނަވެގެންވާ އަގެއް ނޫނެވެ. އެހެންވީމާ ދެން މިހިސާބުން ލަކުޑީގެ ވާހަކަ ހުއްޓައިލީއެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!