ކާޑުގޭ ލިކަވިލިއްސަ ގަހާއި މަދީނަތުލް ބަނާތުގެ މަލިކާގެ ވާހަކަ 2

ނަޖޫއަށް އަންނަމުންދިޔަ ބަދަލުތައް ދެކޭން ހުރި ފާތުމައިދި ބިރުން ޝަހާދަތް ކިޔައި ތަކުބީރު ގޮވައި އެހީއަށް އެދި ހަޅޭލާން ފެށުމުން އިސާހިތަކު މިތަނަށް މީހުން ޖަމާވެ ނަޖޫ ނަގައިގަނެގެން ގެޔަށް ގެންގޮސްފިއެވެ. އޭރު ނަޖޫގެ ހާލަކީ މިޒަމާނުގައި ދެބަންދިހާރަވެގެން ދެމިފައިތިބޭ ޒުވާނުންގެ މިސާލެވެ. ހަރަކާތެއް ނުކުރެއެވެ. އެކަމަކު ވާހަކަ ދައްކައެވެ. ދައްކާ ވާހަކަތަކަކީ މުޅިންވެސް އައިބުގެ ވާހަކައެވެ. އެވެނިގޭގެ މިވެނި މީހާގެ ބަންގާޅު ފޮށީގެ އަޑީގައި ފޮރުވާފައި ހުރި ރުފިޔާގެ އަދަދާއި މީސްމީހުންގެ އަތުން ގެއްލިފައި ހުރި ތަކެތި މިހާރު ހުރި ތަންތަން ވެސް ކިޔައިދެއެވެ. މިޚަބަރު ރަށުތެރެއަށް ވެސް ފެތުރި ދެނެގަންނަން ބޭނުންވެފައިވާ ސިއްރެއް އޮތްނަމަ އެވާހަކަ ނަޖޫކުރެން އަހައި ޖަވާބު ލިބިގަންނަން ބޭނުންވެފައި ތިބި މީހުން މިގޭދޮށަށް އަންނާންފެށީ ސަހަލުގޮތަކަށް ނޫނެވެ.

ނަޖޫ ކުރެން އައިބުގައިވާ ކަންތަކުގެ ޚަބަރު ދަބަރު އޮޅުންފިލުވުމަށް ގިނައިން ދިޔަކަމަށް ވަނީ އަންހެނުންނެވެ. އެމީހުން އަހައެވެ. ތިމަންގެ ފިރިމީހާ މެންދަންވާއިރުވެސް ގެޔަށް ނައިސް އެއުޅޭތަނަކާއި ކުރާ ކަމެއްގެ ޚަބަރަކީ ފަހެ ކޮބައި ހެއްޔެވެ. ލޯ މަރައިގެން ހަރަކާތެއްވެސް ނެތި އޮވެ ނަޖޫ ބުނެއެވެ. ކަލޭގެ ފިރިމީހާ މިވެނި ގެއެއްގެ އެވެނި ނަމެއްކިޔާ އަންހެނަކާ ހިތާވެގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. މިހާރުވެސް އެދެމީހުން މިވެނި ސަރަހައްދެއްގެ އެވެނި ގަހެއްގެ ދަށުގައި މިވެނި ގޮތަކަށް އެބަތިބޫއެވެ. ދެން މިކަމުގެ ތެދު ދޮގު ބަލާން މީސްތަކުން އެކޮޅަށާއި މިކޮޅަށް ދުވެ ބަލާއިރު މިވާހަކަ ވަނީ މުޅީންވެސް ތެދު ވާހަކައަކަށެވެ. މިކަމާހެދިތާއެވެ. އެދުވަހަކީ ރަށުގައި ވަރި ވަރަށް ތިޔާގި ދުވަހަކަށްވިއެވެ. ހައުލު ދީދީ އާއި އައިސާދި އަދި މައިގެހުދުޅު ދީދީ އާއި ސައުދު މެންފަދަ ނުހަނު ލޯބިން އިނދެގެން އުޅުނު ދެމަފިރިންވެސް އެދުވަހުގެ ފަހަށް ތިބީ ވަރިވެފައެވެ.

ރަށުގެ އިންސީންގެ ތެރޭގައި އެދުވަހު ތިބީ ހީހީފައި މިވާހަކަ ދައްކާ މީހުންނާއި ބިރުން ހަދާނެގޮތް ހުސްވެފައި ތިބި މީހުންނެވެ. ވާނީވެސް އެހެންތާއެވެ. މާލޭއެވެ ކިޔުނު ސަހަރުން ވަޑައިގަތް ދޮންތު ކާހިނު ކިޔާ ހަކީމަކު ވަށޮދިޔަގެ ބަބުކެޔޮ ގަހާއި އެގޭ ފުރާޅުމަތީގައި ޖިންނީންގެ ތެރެއިން ވަރުގަދަވެގެންވާ މާރިދުން ގެނެސްގެން ޖެހި ސަކަރާތަކީ އަދި މާގިނަދުވަސްވެ މީސްތަކުންގެ ހަނދާނުން ފުހެވިގެން ގޮސްފައިވާ ސަކަރާތެއްވެސް ނޫނިއްޔާއެވެ. ދޮންތު ހަކީމަކީ ހަވާގެ ފަހުލަވާނުން ގެނައުމަށް މާކަކުޅަދާނަ ހަކީމެކޯލައެވެ. މިކަމުގައި އޭނާގެ ވާގިވެރިންކަމުގައި އޭރު އުޅުނު ކަމަށްވަނީ ރަށެއްގެ ރަޝާދުއަކާއި އިބްނި މާކިރިސްތީ ފަދަ ހަގު ބޭކަލުންނެވެ. އެމީހުން ގެނައި މާރިދުންގެ ތެރޭގައި ސައިފު ރަސްގެފާނަށްވެސް ކިޔަމަން ނުވި ރަހުގުލް އަސްވަދު ހިމެނުނު ކަމަށް ކިޔަތެވެ. އެހަނދާން ހުރި މީހުން ހީކުޅައީ ނަޖޫއާވެސް ފޮށެމުން ދަނީ އެފަދަ މާރިދެއް ކަމުގައެވެ.

ބައެއްމީހުން މިކަން ކަމަކަށް ނުހަދާންވެސް އުޅެތެވެ. އެމީހުން ބުނެއެވެ. މިއީ ހަކީމު ބޮޑުބެއްޔާ އަލްކަބީރު ފަދަ ފަންޑިތަވެރިންވެސް އުޅޭ އިލާގާއެވެ. އެހެންވީމާ ޖިންނިއަކަށް މިއިލާގާއާ ވައިއެޅިލާންވެސް ނުކެރޭނެއެވެ. އެހެންޏާފަހެ މިހައިއިރުވެސް އެކަބީރު ބެއްޔާގެ ގިފިލީގައި އެކަނިވެސް ހަތްދިހަ ހާސް ޖިންނީން ކަސްތޮޅު އަޅުވައި ހައްޔަރުކޮށްފައި އެބަތިބޫއެވެ. ކޮންމެ އަހަރަކުވެސް ހަވާގެ ބޮޑު ރަސްގެފާނު އެމަނިކުފާނުގެ ރައްޔިތުންގެ ބޯހިމެނުމެއް ބާއްވަން ބޭނުންފުޅުވީމާ އެންމެ ފުރަތަމަވެސް ބައްލަވަނީ ކަބީރު ބެއްޔާގެ އަސީރުންގެ ގޮތުގައި އެގޭ އެނދު ތަންދޮށާއި ގިފިއްޔާއި ހަނޑަސްބުރީގައި ކިތައް ޖިންނީން ޗޭނު ޖަހައި ބަނދެފައި ތިބިތޯއެވެ. ހަވާގެ ހަސްފަތާލުތައް ފުރިފައި ވަނީ ކަބީރު ބެއްޔާގެ އެތިފަހަރުތަކުން ވާވެފައިތިބި ޖިންނީންނާއި އަނދައިފައި ނުކުޅެދޭ ހާލަތަށް ބަދަލުވެފައި ތިބި ޖިންނީން ގިނަވުމުންނެވެ. އެހެންވީމާ މިފަދަ ހަކީމުންނާއި ކަހީނުން ތިބި އިލާގާއަކަށް ޖިންނީންގެ އުނދަގުލެއް ފޯރައިފާނެ ކަމަށް ބައެއް މީހުން ގަބޫލު ނުކުރަނީއެވެ.

ދެން ނަޖޫގެ ވާހަކައިން ތަންކޮޅެއް އައްސަވާށެވެ. ނަޖޫގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. މީނާގެ ފިރި އިބުރާހީމު މިވާހަކަތައް މި އިލާގާގެ އިސް ކަހީނު ކަމަށްވާ މާލިކު ބައިތުލްސަރަންދީބު އައްސާހިރުއަށް ކިޔައިދީ ކަމެއްކޮށްލައިދޭތޯ ވަރަށް އާދޭސް ކުރުމުން މިސާހިރު ކަހީނު ހަރުކޮށް ހިނގާފައި ނަޖޫ އޮތްގެއަށް ހިނގާއްޖެއެވެ. މީނާ ދިއުމުން އެއްވެފައިވާ މީހުންތައް ދެފަރާތަކަށް ކެހިގެންގޮސް މީނާއަށް ތަންދައްކައިފިއެވެ. ނިކަން ފުންވިސްނުމެއްގައި އިރުކޮޅަކު ހުރުމަށްފަހު ޒާތެއްގެ ކިޔެވެލިތަކެއް ކިޔަވައި ނަޖޫގެ މޫނަށް ފުމެލުމުން ކުއްލިއަކަށް ނަޖޫ ލޯ ހުޅުވައިލައިފިއެވެ. ސަރަންދީބުއް ސާހިރު އެބައަހައެވެ. މިއީ ކާކުގެ ކުޅިވަރެއް ހެއްޔެވެ. ފުރާޅުގެ ޓިނުތަކަށް ބަލަން އޮތް ނަޖޫ ބުންޏެވެ. މިއީ މަދީނަތުލް ބަނާތުގެ މަލިކާގެ ކުޅިވަރެވެ. މިހައިއިރު އެކަމަނާ އެއޮންނެވީ ގަހުރަމާނުންނާއެކު ހިކަހެރަ އޭ ކިޔުނު ޖަޒީރާގެ މެދުގައިވާ ރަނިޔަ ފެންގަނޑުން ނާނޭފުޅު ފިއްލަވާށެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!