ކާޑުގޭ ލިކަވިލިއްސަ ގަހާއި މަދީނަތުލް ބަނާތުގެ މަލިކާގެ ވާހަކަ 1

Likavilissa gasހަވާގެ އެކި އިލާގާތަކުގެ ތެރެއިން އެންމެ އަޖައިބުކުރުވަނިވި އިލާގާއަކީ މަދީނަތުލް ބަނާތު އެވެ. އެރަށުގައި ބަސްކިޔައި އުޅެނީ މުޅިންވެސް އަންހެނުންނެވެ. އެއުރެންގެ އުފާތަކާއި ހިތާމަތަކުގައި ފިރިހެނުންގެއެއްވެސް ދައުރެއް ނޯވެއެވެ. މި އިލާގާގެ ރާނީގެ ނަންފުޅަކީ މަލިކާ ރުޒައިނަތުލް ނުފޫޒު އެވެ. މިކަމަނާގެ އާދަތަކުގެ ތެރެއިން އެއްއާދައަކީ އަހަރަކު ދެފަހަރު ހަވާގެ އެކި އިލާގާތަކާއި ދުނިޔޭގެ އެކި ބައްރުތަކަށް ޒިޔާރަތްކުރައްވައި އެރަށްތަކުގެ މީހުންގެ އުޅުން ބައްލަވައި މަދީނަތުލް ބަނާތުގެ ސަގާފަތް އަށަގެންނުވޭނެ ތަނަކާއި ގޮތެއް އޮތްތޯ ބެއްލެވުމެވެ. މި ކުރައްވާ ދަތުރުފުޅުތަކުގައި އަބަދުވެސް ވިއްސަކަށް ގަހުރަމާނުން ބައިވެރި ކުރައްވައެވެ. މިގޮތަށް ދުނިޔެ ބެއްލެވުމަށާއި ކެޔޮޅުކަމުގައި ނުކުމެވަޑައިގެން އުޅުއްވި ފަހަރެއްގައި ޖަޒާއިރުލް މާލްދީފޭ ކިޔުނު ރަށްތަކުގެ ތެރެއިން ރަށަކަށް ވަޑައިގެންނެވިއްޖެއެވެ. އެރަށުން ރަތްކުލައިގެ ވަރަށް ރީތި މާތަކެއް ފޮޅި ފަރިވެފައިވާ ބިޔަ ގަހެއްވެސް ފެނިވަޑައިގެންފިއެވެ. މިގަހަކީ އެރަށުގެ ކާޑުގޭ އެވެ ކިޔުނު ދުވަސްވީ ފަޅު އިމާރާތުގެ ބޭރުގައި ހުންނަ ގަހެކެވެ. އެރަށުގެ އިންސީން މިގަހަށް ކިޔައިއުޅެނީ ލިކަވިލިއްސަ ގަސް މިހެންނެވެ. މިޒާތުގެ އެހެން ގަހެއް އެރަށުގައި ނުވެއެވެ.

އިސާހިތަކު މަލިކާ ރުޒައިނަތުލް ނުފޫޒުގެ އަމުރުފުޅަށް މިގަހުގެ އެކިގޮފިތަކުގައި ގަހުރަމާނުން ފޭލިގެތައް ޖަހައި މަދީނަތުލް ބަނާތުގެ ފިޔާތޮށި ދިދަ ނަގައިފޫއެވެ. ދެން މިގަހުގައި އެއުރެން ބެރުދުންމާރި ތާޅަފިލި ފުމެ އުފާކޮށް ސަރުބަތު ބޮއެ ވަރަށް މަޖަލުގައި އެބައުޅެތެވެ. މިހެން ތިބޭތިބުމުގައި އެރަށުގެ އިންސީންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާރަލަމުން ދޭމެއެވެ. އެއްދުވަހެއްގެ މެންދުރު އެގަހުގެ ކައިރީން އިންސީންގެ ދެ އަންހެނަކު ހިނގާފައިދާތީ ފެނިގެން ބަލައިލިއިރު އެކަކީ ސަމައްތަރު ހެޔޮ ލިބާހަށް ނިކަން އައިބު ވަނާތައް ފުރިހަމަ އަންހެނެކެވެ. ހަމަވަގުތުން މަލިކާގެ އަމުރުފުޅަށް ގަހުރަމާނުންތައް މިއަންހެންމީހާއަށް ބާރު ފޯރުވައިފޫއެވެ.

ލިކަވިލިއްސަ ގަސް ދޮށުން ހިނގާފައިދިޔަ އިންސީންގެ ދެ އަންހެނުންގެ ވާހަކަ އަޑުއައްސަވާށެވެ. އެއީ ދެ އަވަށްޓެރިންނެވެ. އެމީހުން ދިޔައީ މަތިކިޅި ސަރަހައްދުގައިވާ އޮޅުތަކުން އޮޅަކަށް އަލަ ކެނޑުމަށެވެ. މިތަނުން އެކަކީ ފާތުމައިދިއެކެވެ. އަނެކަކީ ނަޖޫއެކެވެ. ކުއްލިއަކަށް ނަޖޫއަށް ފެނުނީ އޭނާ މިހާތަނަށް ނުދެކޭފަދަ ރީތި ދޫންޏެއް ލިކަވިލިއްސަ ގަހުގައި އިންދައެވެ. މި ދޫނީގެ ފިޔަތަކުގައި ނެތް ކުލައެއް ނެތެވެ. ނަޖޫ އެންމެ އަޖައިބުވީ އިންސީންގެ އެންމެ އަޑު ރީތި މޫސީގީންނަށް ވުރެ ވެސް ރީތި އަޑަކުން މިދޫނި ލަވަކިޔަމުން ދިއުމުންނެވެ. ނަޖޫއަށް މިމަންޒަރު ފެނި އަޑުތައްވެސް އިވެމުންދިޔައިރު ފާތުމައިދިއަކަށް މީން ކަމެއްގެ ރޭކާލުމެއް ނެތެވެ.

މި ދެ އަންހެނުން އޮޅުތެރޭގައި އަލަ ކެނޑުމާއިގެން އުޅެނިކޮށް އަނެއްކާވެސް ނަޖޫއަށް ފެނުނީ އެއްކަލަ ދޫނި އައިސް އޭނާގެ ކުރިމަތީގައި އިންދައެވެ. އިރުކޮޅަކުން އޭގެ އިތުރު ދޫނިތައްވެސް އަތުވެއްޖެއެވެ. މިދޫނިތައް ލަވަކިޔައި ނަށަމުންދެއެވެ. ގިނައިރުތަކެއް ނުވެ އެއްކަލަ ދޫނިތައް ބަދަލުވީ ރީތި އަންހެން ކުދިންތަކަކަށެވެ. ނަޖޫ ހުރީ އާސޯޚުވެ ތަލިން ކުޅުހިކިފައެވެ. ވަށައިގެން ހިނގާ އެހެންކަމެއް ނަޖޫއަކަށް ހިލަންވުމެއް ނެތެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!