އަހުރެމެން މިތިބީ ވަށޮބެއްޔާ ޖިންނި ގެނައިމާ ވީގޮތްވެފައެވެ..

އަހުރެމެން ދާދި ކުޑައިރު މީދޫގައި ވަރަށް ޒާތަކަށް ހިނގައި އުޅޭ ފިރިހެނަކު އުޅުނެވެ. ޒާތަކަށޭ މިބުނީ ދެކަކޫ ކޭއްތޭ ގޮތަށް ހިނގައި އުޅޭކަމުންނެވެ. އެއީ ޚުލްގު ރަނގަޅު ހިތްހެޔޮ މީހެކެވެ. އެންމެންވެސް އޭނާއަށް ކިޔައި އުޅޭ ނަމަކީ ވަށޮބެއްޔާއެވެ. އޭނާ ދިރިއުޅުނީ ދޮންމޫސާގެ އޭ ކިޔުނުތާގައި ހުންނަ ގެއެއްގައެވެ. ވަށޮބެއްޔާ ޒާތަކަށް ހިނގައި އުޅުމުގެ ސަބަބާމެދު ވަރަށް އެހެން ކަހަލަ ވާހަކައެއް އޭރު އަޑު އަހަމެވެ. އޭގެ ތެދު ދޮގެއް ނޭގެއެވެ. އެކަމަކު އެންމެންވެސް އެވާހަކަ ކިޔާގޮތް މުޅީން އެއްގޮތެވެ. އެހެންވީމާ މުޅިއަކުން ތެދަކަށް ނުވިއަސް ކޮންމެވެސް ކަންތައްތަކެއް ހިނގާފައި އޮތްކަމަށް ގަބޫލު ކުރެވެއެވެ.

ވަށޮބެއްޔާ ޒުވާންއިރު އޭނާއަކީ ވަރަށް ކުޅަދާނަ ފަންޑިތަވެރިއެއްގެ ކައިރީގައި އޭނާއަށް އަތް ގާތްކޮށްލަދޭން އުޅުނު މީހެކޯލައެވެ. އެފަންޑިތަވެރިޔާގެ ނަމަކީ ދައްތާބެއްޔާއެވެ. މިގޮތަށް އުޅުނު އުޅުމުގައި ކިޔެވެލި ކިޔަވައިގެން ޖިންނި ގެންނާނެ ގޮތާއި ޖިންނި މެދުވެރިކޮށް ކަންތައްތައް ކުރުވާނެ ގޮތްވެސް ދައްތާބެއްޔާއަށް ސިއްރުން ވަށޮބެއްޔާ ދަސްކުރިކަމަށްވެއެވެ. ކުޑަކޮށް އަޖުމަ ބަލައިލުމުގެ ގޮތުން ގޭގައި ފަންޑިތަވެރިޔާ ނެތް ވަގުތެއްގައި އެއްރޭ ޖިންނި ގެންނަން ވަށޮބެއްޔާ ކިޔެވެލިތައް ކިޔަވައިފިއެވެ. އިސާހިތަކު މިގޭގެ ފެންޑާ ތެރެއިން ޖިންނި ފާޅުވެއްޖެއެވެ. ޖިންނީގެ ސިފަ ހުތުރުކަމާއި ބިރުވެރިކަން ބޮޑުކަމުން ވަށޮބެއްޔާ ވަރަށް ބޮޑަށް ސިހި ޖިންނި މައިތިރިކުރަން ކިޔަވާން ޖެހޭ އެހެނިހެން ކިޔެވެލިތަކުގެ މަތިން ހަނދާންނެތި ގޮތްހުސްވެއްޖެއެވެ.

ގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން ޖިންނިއަށް ފިލާންވެގެން ވަށޮބެއްޔާ ވަނީ ފެންޑާގެ އެއްފަރާތުގައި ހުރި އުނދޯއްޔެއްގެ ދަށަށެވެ. އެދަނޑިވަޅުގައި ޖިންނި މީނާ ދަމާނެރެ ދެކަކުލުގެ ތެރޭގައި ހުރި ޖޮއިންޓްތަކާއި ހުޅުހުޅުތައް ނައްޓައި އެހުންނަންވާގޮތް ނޫން އެހެންގޮތަކަށް އަނބުރައިލައިފިއެވެ. ފަންޑިތަވެރި ދައްތާބެއްޔާއަށް އާދެވުނުއިރު މިސަކަރާތެއް އަދި މުޅިއަކުން ނުނިމެއެވެ. މީނާ އަވަސްއަވަހަށް ޖިންނި މައިތިރިކުރަން ކިޔަވާން ޖެހޭ ކިޔެވެލިތައް ކިޔަވައި ދާދިއަވަހަށް ޖިންނި އާއިބުކޮށްލައިފިއެވެ. ނިޒާމުންވެސް ގެއްލުވާލައިފިއެވެ.

އެދުވަހަށްފަހު ވަށޮބެއްޔާ ހިނގައި އުޅެނީ ކުރީގައި އޭނާ ހިނގައި އުޅުނު ގޮތަކަށް ނޫނެވެ. މީނާ ހިނގާން ފަށައިފިނަމަ ދެ ކަކޫ ފޭވުމުގެ ބަދަލުގައި ކައިރިވެ ކޭއްތެން ފަށައިފައެވެ. އެހެންވެ ދާދި އަވަހަށް އެހާދިސާގެ ޚަބަރު ރަށުތެރެއަށް ފެތުރި ޖިންނި ޝައިތޯނުންގެ ފޯކްލޯރުގެ ތެރެއަށް އަނެއްކާވެސް އާވާހަކައެއް އިތުރުވެގެން ހިގާއްޖެއެވެ. އަހުރެން ކުޑައިރު އައިމިނަގެ ދަރިޔާއާއެކީގައި ވަށޮބެއްޔާ އުޅޭ ގެއަށް ޒިޔާރަތްކޮށް ހަދަމެވެ. ވާހަކަވެސް ދައްކަމެވެ. އެކަމަކު އެހާދިސާގެ ވާހަކަ ދައްކާކަށް ނުކެރެއެވެ. ސުވާލެއްކުރާކަށް ވެސް ނުކެރެއެވެ. އަބަދުވެސް އިވެނީ އެވާހަކަ ކޮންމެވެސް އެހެން ބަޔަކު ދައްކާ އަޑެވެ.

މިއީ ތެދުވާހަކައަކަށް ވިޔަސް ނުވިއަސް މިވާހަކައިގައި ވެސް ފިލާވަޅެއް އެބައެކުލެވެއެވެ. އެފިލާވަޅަކީ ތިމާގެ އިލްމާއި ހިލްމާއި ނުބައްދަލުގެ ބޮޑެތި ބޮޑެތި ކަންތައް ކުރާއިރު އޭގެ ނަތީޖާއާ ދޭތެރޭ ވިސްނައި ފިކުރުކޮށް ގޯސްވާއަތަށް އަޅައިފިނަމަ މައިތިރިކުރާނެ ގޮތް ވެސް ރޭވިފައި އޮވެގެން ނޫނީ އާޚިރުގައި ނަތީޖާ ރަނގަޅު ނުވާނެ ކަމެވެ. މިފިލާވަޅަށް ރިއާޔަތް ކުރާއިރު އަހުރެމެންގެ ތެރެއަށް މިހާރު ތައާރަފްވެގެން އުޅޭ ޑިމޮކްރަސީ މީގެތެރެއަށް ނިކަން ރިވެތިކޮށް އެބަފެތެއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެފައި މިއޮތީ ރޭގަނޑާއި ދުވާލު ހޭލާ ތިބެގެން އެތައްބަޔަކު އެކަމަށް އެދި ކުރި ބުރަ މަސައްކަތަށް ފަހުގައެވެ. އެވެރިން ދަސްކުރީ ޑިމޮކްރަސީ ގެންނަން ކިޔަވާން ޖެހޭ އެންމެހައި ތަކެއްޗެވެ. ޑިމޮކްރަސީގެ ބޮޑުކަމާއި ބަރުކަމާއި ފުޅާމިނަށް ބަލާފައި އެޑިމޮކްރަސީ މައިތިރިކޮށްގެން ދިވެހި މުޖުތަމައުގެ ބޭނުންތަކާ ގުޅޭ ގޮތަށް ފައްތައި އެޑިމޮކްރަސީއަކީ ފައިދާކުރަނިވި އެއްޗަކަށް ހަދަން ކިޔަވާން ޖެހޭ އެއްވެސް ކިޔެވެއްޔެއް އެވެރިން ދަހެއް ނުކުރެއެވެ. ދެން މިވީގޮތަކީ މިޑިމޮކްރަސީ އިސާހިތަކު ގެއްލުންދެނިވި ބިރުވެރި ފުރޭތައަކަށްވެ އޭތި މައިތިރިކުރެވޭނެ ގޮތެއްވެސް ނެތި އެންމެން ގޮތްހުސްވެ ހާސްވެއްޖެއެވެ.

ތަންތަނުގައި ހުޅުޖަހައި ވީރާނާކުރަނީ ޑިމޮކްރަސީގެ ނަމުގައެވެ. މަގުމަތީގައި އައުގުރާނަގޮވަމުން އައުރަ ކަޝްފުކުރަމުން ދެކޮޅަށް ދުވެ ނަގަނީވެސް ޑިމޮކްރަސީގެ ނަމުގައެވެ. ތަޅާފޮޅައި ލޭ އޮހޮރުވައިލަނީވެސް ޑިމޮކްރަސީގެ ނަމުގައެވެ. މި ޑިމޮކްރަސީއަކާ ހެދި ގައުމު އިނދަޖެހިއްޖެއެވެ. ކިޔެވެލިތައް ކިޔަވައިގެން މިގެނައި ޑިމޮކްރަސީ މި ގައުމުގެ ދެކަކޫ އޮޕަރޭޝަން ކޮށްލައިފިއެވެ. އެއަށްފަހު ގައުމެއްގެ ގޮތުގައި އަހުރެމެންނަށްވެސް މިހިނގެނީ އެއްކަލަ ޖިންނި ހެދި އެތިފަހަރަށް ފަހު ވަށޮބެއްޔާވެސް ހިނގި ޒާތަށެވެ.

ވަށޮބެއްޔާ ގެނައި ޖިންނި މައިތިރިކުރާނެ ގޮތް އޭނާއަށް ނޭގުނަސް އެކަން ކުރަން ދަންނަ މީހަކު އޭރު ހުރިކަމުން ކަންތައް މާގޯސް ނުވަނީސް ޖިންނި އޮތީ ނިޒާމުން ގެއްލުވައިލައިފައެވެ. މިހާރު ދައްތާބެއްޔާއެއް ނެތެވެ. އެފަދަ އެހެން މީހަކުވެސް ހުރިކަމަކަށެއް ނުވެއެވެ. މިހާރު ތިބި މީހުންނަށް އެނގެނީ ތިމާމެންކަހަލަ އެހެން އިންސާނުން ނިޒާމުން ގެއްލުވައިލާށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!