ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ އަފްރާޝީމް އަލީ ރޭގެ ދަންވަރުގެ ވަގުތެއްގައި ވަރަށް އަނިޔާވެރިގޮތަކަށް ވަނީ އަވަހާރަކޮށްލާފައެވެ. އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަދި އެމަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ޑރ އަފްރާޝީމް އަލީއަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. މިއެކުވެރިކަން އުފެދުނީ ރައްޔިތުންގެ މަޖިލީހަށް ޑރ އަފްރާޝީމް އަލީ އިންތިޚާބުވެވަޑައިގެންނެވި ހިސާބުންނެވެ. އަޅުގަނޑަށް ޑރ އަފްރާޝީމް އަލީ ސިފަކުރެވެނީ ހުރިހާގޮތަކުންވެސް އާދަޔާ ޚިލާފު ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. ވަރަށް ސާދާސީދާ ބޭފުޅެކެވެ. ކެތްތެރިކަމާއި ހިތްތިރިކަމުގައި އެފަދަ ދެވަނައެއް ނުދެކެމެވެ. އެހެން މީހުންނަށް އިހުތިރާމް ކުރެއްވުމުގައި ނަމޫނާއަކަށް ފުދޭ ބޭފުޅެކެވެ.

އަޅުގަނޑުކުރާ މަސައްކަތުގެ ބާވަތުން ޑރ އަފްރާޝީމް އަލީ ވަރަށް ގިނައިން އަޅުގަނޑާ ގުޅުއްވައެވެ. އަޅުގަނޑުވެސް ވަރަށް ގިނައިން ގުޅަމެވެ. އަޅުގަނޑުމެން ދެމީހުން ބައްދަލުނުވާ ދުވަހެއް ވަރަށް މަދުވާނެއެވެ. ދީނީ ޕްރޮގްރާމްތަކާއި ސިޔާސީ ޕްރޮގްރާމްތަކުގައި އަޅުގަނޑުމެންގެ ސްޓޭޝަނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވާ ބޭފުޅަކީ ޑރ އަފްރާޝީމް އަލީއެވެ.

ޑރ އަފްރާޝީމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވީމާ އޭނާ ގުޅުއްވާއިރު އެއީ ކޮން ނަންބަރެއްކަން ނޭގޭނެއެވެ. އެހެންވެ ބައެއްފަހަރަށް އަޅުގަނޑަށް ނުނެގޭ ފަހަރުވެސް އާދެއެވެ. އެހެންވާ ފަހަރުތަކުގައި އަޅުގަނޑަށް ނިކަން މަޖާ އެސްއެމްއެސް ފޮނުއްވާނެއެވެ. ވިދާޅުވާނެއެވެ. ތިމަންނާޔަކީ ތިޔަ ހީކުރި މީހާއެއްނޫނީމެވެ. ތިމަންނާޔަކީ އަފްރާޝީމެވެ.

މިއަހަރުގެ ތެރޭގައި ދާދިފަހަކުން އެއްދުވަހަކު އަޅުގަނޑުގެ އެންމެ ކުޑަ ދަރިފުޅު ގޮވައިގެން ދުއްވާލަން ނިކުމެފައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އުޅެނިކޮށް ދެކެވަޑައިގެން އަޅުގަނޑުމެންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. މިއީ ދަރިފުޅު ހެއްޔެވެ؟ ހާދަހާ ބައްޕައާ ވައްތަރެވެ. ކޮއްކޮއާ އަލަށް މިބޭބެ ދިމާވި ދުވަހު އެކީގައި އައިސްކްރީމް ބޯލަން ދެވެން ނެތްކަން ވަރަށް ދެރައެވެ. އެކަމަކު ބޭބެ މިއަދު ކޮއްކޮއަށް އައިސްކްރީމް ދޭނަމެވެ. މިހެން ވިދާޅުވެފައި ޖީބުން ސަތޭކަ ރުފިޔާ ނަންގަވާފައި ދަރިފުޅުގެ އަތަށް ދެއްވާފައި ސަލާން ކުރައްވާފައި ވަޑައިގެންފިއެވެ.

ޑރ އަފްރާޝީމް އަލީއަކީ ވަރަށް ސަމާސާ ވާހަކަފުޅުވެސް ދައްކަވާ ބޭފުޅެކެވެ. އަބަދުވެސް ގަޔަށް ބާރުކޮށް ގަމީސް ތުރުކުރައްވާފައި ޓައި އަޅުއްވާނެއެވެ. އެހާ ފެޝަންކޮށް އުޅުއްވުމުގެ ސިއްރަކީ ކޮބައިތޯ އަޅުގަނޑު ސުވާލުކުރުމުން އެއްދުވަހު ވިދާޅުވިއެވެ. އެމީހަކު ހެދުން އަޅަންވާނީ އެމީހަކު އެންމެ ބޭނުންވާ ގޮތަށެވެ. އަހަރެންނަށް އެންމެ ބޭނުންވަނީ މިގޮތެވެ.

އަޅުގަނޑު ސިޔާސީ ދާއިރާއަށް ނިކުތުމަށް ޑރ އަފްރާޝީމް އަލީ ނިކަން ބާރު އަޅުއްވައެވެ. ވިދާޅުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިނުލަނީ ކީއްވެގެން ހެއްޔެވެ. ކުރިމަތިލުމަކީ ތިމަންނައަށް ނިކަން ފެންނަ ކަމެކެވެ.

ޑރ އަފްރާޝީމާއެކު ވަރަށް ގިނަ ޕްރޮގްރާމްތައް އަޅުގަނޑަށް ގެނެސްދެވުނެވެ. ބައެއްފަހަރު ވިދާޅުވާނެއެވެ. އިމާދާއެކު ކަމަށް ވަނީ ވިއްޔާ ވަރަށް އުފަލުން ކޮންމެ ޕްރޮގްރާމަކަށް ވެސް އަރާނަމެވެ. ތިމަންނައަށް އިމާދާއެކު ވާހަކަ ކުރިއަށް ގެންދަން ވަރަށް ފަސޭހައެވެ. އެހެން ބައެއް މީހުންނާއެކު އަޅުގަނޑު ގެނެސްދޭ ޕްރޮގްރާމްތައް ބައްލަވާފައިވެސް ގުޅުއްވާނެއެވެ. އަދި ކޮމެންޓްވެސް ކުރައްވާނެއެވެ.

ސަންދާނު އިބްރާހިމް ލުތުފީއާއެކު ދާދިފަހުން އަޅުގަނޑު ގެނެސްދިން ޕްރޮގްރާމެއް ބައްލަވާފައި އަޅުގަނޑަށް ގުޅުއްވިއެވެ. ވިދާޅުވިއެވެ. ވަރަށް ބަރާބަރެވެ. އެޕްރޮގްރާމްގެ ރިކޯޑިންގއެއް ލިބިދާނެ ހެއްޔެވެ. އަޅުގަނޑު އާދޭހޭ ދަންނަވާފައި ފަހުން އޭގެމަތިން ހަނދާންނެތިފައި ވަނިކޮށް ކުއްލިއަކަށް މިއަދު ހަނދާންވީ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެންނެވެ.

ޑރ އަފްރާޝީމް އަލީ އަބަދުވެސް ހުންނަވާނީ ނިކަން ތާޒާކޮށް އުފާވެރިކޮށެވެ. ދުވަހަކުވެސް ކޯފާވެފައި ރުންކުރުވެފައި ހުންނަވަނިކޮށް ނުދެކެމެވެ. ޑރ އަފްރާޝީމް ޕްރޮގްރާމަކަށް ވަޑައިގެންފިއްޔާ އެހެން ބޭފުޅުންނާ ޚިލާފަށް އެއްކަމެއް ކުރަން ޖެހޭނެއެވެ. އެއީ އެ ޕްރޮގްރާމުގެ ސީޑީއެއް ހަދާފައި ޑރ އަފްރާޝީމަށް އެރުވުމެވެ. އެގޮތަށް ސީޑީ އެއްކުރައްވަނީ ބައެއް މީހުން ޑރ އަފްރާޝީމް ދައްކަވާ ވާހަކަފުޅުތަކުގެ މާނަ އޮޅުވާލައިގެން ނުވަތަ ޑރ އަފްރާޝީމް ވިދާޅުނުވާ ވާހަކަތައްވެސް ވިދާޅުވިކަމަށް ހަދައިގެން ވާހަކަ ދައްކާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ޑރ އަފްރާޝީމަކީ ވަރަށް ހިތްވަރުފުޅުވެސް ގަދަ ބިރުގަތުން ކުޑަ ބޭފުޅެކެވެ. މާލެތެރެ އެންމެ ހަލަބޮލިވެގެން އުޅޭއިރުވެސް ހަށި ފާރަވެރިޔަކު ނުގެންގުޅުއްވައެވެ. ވީޓީވީ ދޮށުގައި ބައެއްމީހުން މުޒާހަރާއަށް ނިކުމެ ތިއްބާވެސް ޑރ އަފްރާޝީމް ނުކުމެވަޑައިގެން އަޅުގަނޑާއެކު އޮފީސް ދޮރުމަތީގައި މަޑުކުރައްވަނީ މަދެއްކޮށްނޫނެވެ. ތަންކޮޅެއްކުރީގައި އަޅުގަނޑުމެން ތިލަފުށީގައި އަޮޕަރޭޓްކުރިއިރު ޑރ އަފްރާޝީމް ލޯންޗުގައި ވަޑައިގެން ސްޓޫޑިއޯގައި އިންނަވާފައި އެނބުރި މާލެވަޑައިގަންނަވާއިރު ބޮޑު ފާލަންކައިރި އަމާން ނުވެދާނެތީ ޓީ ޖެޓީ ސަރަހައްދަށް ކައިރިކުރަން ހެދީމާވެސް ވިދާޅުވާނެއެވެ. ކޮން ސަކަރާތެއް ހެއްޔެވެ. ތިމަންނަ ބިރެއް ނުގަނެއެވެ.

ދިވެހި ގައުމަށް ގެއްލިގެން އެދިޔައީ އިޚުލާސްތެރި ދަރިއެކެވެ. މިއީ މުޅި ގައުމަށް ލިބުނު ދެރައެކެވެ. ޑރ އަފްރާޝީމް އަވަހާރަކޮށްލުން އެންމެ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިކުރަމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!