ތިޔައީ ގަޓުހުރި ފަނޑިޔާރެކެވެ.

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަކީ ގަޓުހުރި ފަނޑިޔާރެކެވެ. އެކަން އެމަނިކުފާނު ދައްކަވައިފިއެވެ. ރައްޔިތުންވެސް ބަލައިގެންފިއެވެ. މަނިކުފާނަށް އައްސަރިބަހާއި ސާބަހެވެ. މަނިކުފާނުގެ ނަންފުޅު ތާރީޚުގައި ލިޔާނީ މަނިކުފާނުގެ ކާބަފައިންގެ ތެރެއިން ތިޔަ އިއްޒަތްތެރި މަގާމު ފުރުއްވާފައިވާ މަޝްހޫރު ބޮޑެތި އާލިމުންގެ ނަންފުޅުވެސް ލިޔެވޭ ލިސްޓުގައެވެ. ތާރީޚެއް ދުނިޔެއެއް އާޚިރަތެއް ނުދަންނަ އާފިލުވެފައިވާ މަދުބަޔަކު އަދި ކޮންމެ ވާހަކައެއް ދައްކައި ކޮންމެ ގޮތަކަށް އަމަލުކުރިކަމަށްވިޔަސް މިހަގީގަތް ދެމިގެންދާނެއެވެ.

ގާނޫނާއި ސަރިޔަތުގެ މަގުން މަނިކުފާނު ހައްގު ނިޔާ އިއްވަވައިފިއެވެ. އެނިޔާއަށް ގޮންޖަހައި ގުނަފައިޖަހަމުން ފުރާޅު ވައްޓަމުން ދޮރުވައްޓަމުން ފަނޑިޔާރުގެއަށް ވަދެ ކަންކަންކުރަން އުޅުނު މީހުންގެ މައްޗަށްވެސް ނިޔާއެއް އިއްވަވައިފިއެވެ. ތަންފީޒުވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ. މަނިކުފާނާއި މަތިކުރެވިފައިވާ ޒިންމާ ބަރާބަރަށް އަދާކުރެވުނީއެވެ.

އަނިޔާވެރި ޖައްބާރު ވެރިންގެ ކުރިމަތީގައި ހައްގު ތެދުބަސް ވިދާޅުވުމާއި އިންސާފުން ނިޔާއިއްވުމަކީ މަނިކުފާނުގެ ކާބަފައިން ދައްކަވާފައިވާ ރީތި މިސާލެކެވެ. އަޅުގަޑާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް މަނިކުފާނު އެކަންކަން ދެނެވަޑައިގަންނަވައެވެ. އެހެންވީމާ ދޫނިދޫ ކުޑަގޮޅި ކީއްކުރަން ނަމްރޫދުގެ އަލިފާންގަޑު ކަހަލަ އަލިފާންގަޑަކަށް ލިޔަސް މަނިކުފާނުގެ ހިތްވަރާއި އަޒުމަށް އަދި ހިތުގެ ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެކަން އަޅުގަޑަށް ކަށަވަރެވެ. ތިޔައީ މީދޫގެ ލޮބުވެތި ދަރިއެކެވެ. ފަޚުރުވެރި ޚާންދާނެއްގެ ފަޚުރުވެރި ދަރިއެކެވެ. މިގައުމު ދެމިއޮތްހައި ދުވަހަކު އެކަން ދެމިއޮންނާނެއެވެ.

މީގެ ހަތަރުސަތޭކަ އަހަރެއްހައި ކުރިއަށް ޖެހިލާނަމެވެ. ސުލްތާނު މުހައްމަދު އިމާދުއްދީނު އެކެއް ނުވަތަ ބޮޑު ރަސްގެފާނުގެ ރަސްކަމުގެ ދައުރުގައި ފަނޑިޔާރަކަށް ހުންނެވީ މަނިކުފާނުގެ ކާބަފައިންގެ ތެރޭގައި ހިމެނިވަޑައިގެންވާ މުހައްމަދު ޝަމްސުއްދީނު އައްޑޫ ބޮޑުފަނޑިޔާރުތަކުރުފާނެވެ. ހުކުރު ޚުތުބާއެއް ވިދާޅުވުމުގައި އެތަކުރުފާނު އެއްކަލިމަ އުނިކުރައްވައިފިއެވެ. އެއީ ބޮޑުރަސްގެފާނަކީ ކަނޑުގެވެސް ރަސްގެފާނުކަމަށް ކިޔޭ ކަލިމައެވެ. މިކަން އޭރު ސިފަކުރީ ބަގާވާތެއްގެ ގޮތުގައެވެ. ރަސްކަމަށް ގޮންޖެހުމެއްގެ ގޮތުގައެވެ. ފަނޑިޔާރު ތަކުރުފާނު ހައްޔަރުކޮށް ތަޅައި އަނިޔާކޮށް އަރުވައިލިއެވެ. އެކަމަކު އެތަކުރުފާނުގެ ސާބިތުކަމަށް ކުޑަބަދަލެއްވިޔަސް ނާދެއެވެ.

ބޮޑުރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ވަރަށް ތައްކަތުކަމަށް ލިޔަންޖެހެއެވެ. އިސްކަންދަރު ރަސްގެފާނުގެ ދައުރުގައި ފަނޑިޔާރުކަން ކުރެއްވީ ކުރީފަހަރު ލަނޑުލިބިވަޑައިގެންނެވި ޝަމްސުއްދީނުގެ ދަރިކަލުން ހުސައިން ގުތުބުއްދީނެވެ. މި ގުތުބުއްދީނަކީވެސް މަނިކުފާނުގެ ކާބަފައިންގެ ތެރެއިން ބޭކަލެކެވެ. އިސްކަންދަރު ރަސްގެފާނާއި ދެކޮޅަށް ފަނޑިޔާރުގެއަށް ހުށައެޅުނު މުދަލުގެ މައްސަލައެއްގައި ގުތުބުއްދީނު ނިޔާ އިއްވެވީ ރަސްގެފާނާއި ދެކޮޅަށެވެ. އެކަމަކު ރަސްކަން ހިންގުމަށް ދަތިކުރީއޭ ވިދާޅުވެ ފަނޑިޔާރު ތަކުރުފާނު ހިފައި ހައްޔަރުކޮށް ތަޅައި އަނިޔާކޮށް އަބުރު ކަތިލައި މިހުރިހާ ސަކަރާތެއް އިސްކަންދަރު ރަސްގެފާނު ނުޖައްސަވައެވެ. ފަނޑިޔާރުގޭގެ ނިންމުމަކީ ހުރުމަތްތެރިވެގެންވާ ނިންމުމެކޭ ވިދާޅުވެ ތަންފީޒުކުރެއްވީއެވެ.

މަނިކުފާނުގެ ކާފަ އެޅެގޭ ހުސައިންދީދީގެ ބޮޑުބޭބެ ގާޒީ އަލިދީދީގެ ވާހަކަ މިތާގައި ބަޔާންކޮށްފައި ނޫނީ ނިންމައިލާހިތެއް ނެތެވެ. ހާޖީ އިމާދުއްދީނުގެ ރަސްކަން 1902 ގައި ބަގާވާތަކުން ނިމުމަކަށް ގެނެސް އެބަގާވާތުގެ ބައިވެރިން ސަރިޔަތުގެ ތައްގަޑުޖަހައިދޭށޭ އެންގީމާ ޝައިޚު އަލިދީދީ ހަމަފާޅުގައި އިންކާރު ކުރެއްވިއެވެ. އެކަމެއް ނުކުރެއްވިއެވެ. ދެން އިވުނީ ޝައިޚް އަލިދީދީ އަވަހާރަވި ވާހަކައެވެ. ވީގޮތް އެންމެނަށްވެސް އެގެއެވެ. އަނިޔާކުރީއެވެ. ބިރުދެއްކީއެވެ. އެކަމަކުވެސް ހިތްވަރާއި ސާބިތުކަމަށް ބަދަލެއް ނުގެނެވުނެވެ. ފުރާނަ ދިޔައީވެސް އެގޮތުގައެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!