އައްޑޫ މީދޫ ފަޅުތެރޭގައިވާ ރަށްފަތީގެ އެހާރާއި މިހާރު

ފަށައިގަތުން

މީދޫ މައިފަޅު ތެރޭގައި ތަންކޮޅެއްކުރީން ހުރި ބައެއް ފަޅުރަށްރަށް ނެތިގެން ފުހެވިގެން ގޮސްފައިވާކަން އެގޭހެއްޔެވެ. އެއްރަށް އަނެއްރަށާއި ގުޅި ޖިއޮގްރަފީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެގޭހެއްޔެވެ. ނެތިގެންގޮސްފައިވާ ރަށްރަށް ހުރި ތަންތަނާއި އެރަށްރަށުގެ ނަމަކީ ކޮބައިކަން އެގޭހެއްޔެވެ. މީދޫގެ ހުޅަނގުއުތުރުން ފެށިގެން މާކަނޑާ ހަމައަށް ދެމިގެން ގޮސްފައިވާ މައިފަޅުގައި ދިގު ރަށްފައްޗެއް އޮތެވެ. އެރަށްފަތީގައި ހިމެނުނު ބައެއް ރަށްރަށް މިހާރު ވަނީ ގިރައިގެން ނެތިގެންގޮސްފައެވެ. އެރަށްރަށާއި ގުޅޭ ހަނދާންތަކުގެ ބޮޑު ބައެއްވެސް ވަނީ ގެއްލިގެން ގޮސްފައެވެ.

ކޮންމެ މައިރަށެއްގެ ޖިއޮގްރަފީއާ ގުޅިފައިވާ މިފަދަ މައުލޫމާތަކީ އެބައެއްގެ ތާރީޚުގައި ލިޔެވި ރިކޯޑް ކުރެވިފައި ހުންނާންޖެހޭ މައުލޫމާތެވެ. އެހެންކަމުން ހަނދާނާއި ތާރީޚުގެ ތެރެއިން މީދޫ ފަޅުތެރޭގައި ހުރި ފަޅުރަށްރަށާއި އޭގެތެރެއިން ނެތިގެން ގޮސްފައިވާ ރަށްރަށުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައިލާން ގަސްތުކުރަމެވެ. ގިނަބަޔަކު ޝައުގުވެރިވާނެކަމަށް ހީކުރަމެވެ.

އައްޑުއަތޮޅަކީ ހަތަރު ކަނޑުއޮޅި ހިމެނިގެން އިރުމަތީ ދުންޏަކާއި ހުޅަނގު ދުންޏެއްގެ މައްޗަށް އެކުލެވިގެންވާ ވަރަށް ކުޑަ އަތޮޅެކެވެ. އިރުމަތީ ދުނި ދެމިގެންގޮސްފައިވަނީ އުތުރުން ދެކުނަށް މީދޫން ފެށިގެން ވިލިނގިލި ކަނޑާ ހަމައަށެވެ. ހުޅަނގުއުތުރު ފައިކަށި މާކަނޑާ ހަމައަށެވެ. އެއީ އަތޮޅުގެ އެންމެ ބޮޑު އެއްފަޅެވެ. ހަނދުފަޅިއެއްގެ ބައްޓަމަށް އުފެދިފައިވާ ފަޅުގެ ދިގުމިނަކީ އަށާރަ ކިލޯމީޓަރެވެ. ފަޅުތެރޭގައިވާ މައި ދެރަށަކީ މީދޫ އާއި ހުޅުދޫއެވެ.

ހުޅުދޫ ހެރަތެރެ

ހުޅުދޫގެ ދެކުނުން ވިލިނގިލި ކަނޑާ ހަމަޔަށް އޮތީ ހުޅުދޫ ހެރަތެރެއެވެ. ހުޅުދޫ ހެރަތެރަކީ އެފަޅުގެ ދެކުނުބިތުގައި ހިމެނޭ އެތައްރަށެއް ގިރައިވޮޑުމުގެ ތެރެއިން އެއްރަށް އަނެއްރަށާ ގުޅިގެން އުފެދިފައިވާ ސަރަހައްދެކެވެ. ނުގުޅި ވަކީން އޮންނަ ދެ ރަށަކީ އެންމެ ދެކުނުކޮޅުގައި އޮތް މުލިކެޑާއި ގެސްކަޅަހެރައެވެ. ހެރަތެރައިގެ އުތުރުކޮޅުން ހުޅުދޫއާއި ގުޅިފައިވާ މާފިށި ކުރީޒަމާނުގައި އޮތީ ހުޅުދޫގެ ކުރިމައްޗަށް ވާގޮތަށް ދެމިގެންނެވެ. އެޒަމާނުގައި ރަށުގެ ފަޅަށް ވަދެނިކުމެ ހަދަން އުދަގޫވާތީ އޭރު އަތޮޅުވެރިއަކަށް ހުންނެވި ހުޅުދޫ ދީދީގެ އަބްދުﷲ ދީދީގެ ބެއްލެވުމުގެ ދަށުން މާފިށީގެ މެދުން ބުރިކޮަށްލީއެވެ. ފަހުން ހުޅުދޫ ބަނދަރާ ދިމާލުން ރަށުގެ ކުރިމަތީން ފެންނާން ހުރި ކުދިކުދި ރަށްރަށުގެ ތެރޭގައި މާފިށިން ބުރިކުރެވުނު ސަރަހައްދު ހިމެނެއެވެ.

ހުޅުދޫގެ ދެކުނަށް ދެމިގެންގޮސްފައިވާ ރަށްފައްޗަށް ހުޅުދޫ ހެރަތެރެއޭ ކިޔާ ބީދައިން މީދޫގެ ހުޅަނގުއުތުރަށް ދެމިގެންގޮސްފައިވާ ރަށްފަތީގައި ހިމެނޭ ކުދިކުދި ރަށްރަށަކީ މީދޫ ހެރަތެރެއެވެ. އައްޑޫ ބަހުން ހެރައިގެ މާނައަކީ ހުރާއެވެ. ހުރަޔަކީ އަކިރިޔާއި ގަލުން އުފެދިފައި ހުންނަ ކުދި ރަށްރަށަށް ކިޔައިއުޅޭ ނަމެކެވެ. އެހެންކަމުން ހެރަތެރެއަކީ ދިވެހިބަހުގައި އަތޮޅުތެރެ، ރާއްޖެތެރެ، ފަޅުތެރެ ނުވަތަ ފަރުތެރެ ކިޔާ އުސޫލުން ފަޅުރަށްރަށުގެ ފައްޗަކަށް ނިސްބަތްކުރެވޭ ގޮތެވެ.

މީދޫ ހެރަތެރެ

މިލިޔުމުގައި އެންމެފުރަތަމަ ބަލައިލާނީ މީދޫ ހެރަތެރެއިން ވަކިރަށްރަށުގެ ގޮތުގައި މިހާރު ފެންނާންހުރި ރަށްރަށަކީ ކޮބައިކަމެވެ. އެއީ ކުދުހެރައާއި ހިކަހެރަ، އިސްމެހެލާހެރަ އަދި ކެޑަވާހެރައެވެ. މި ހަތަރު ރަށުގެ ތެރެއިން އިސްމެހެލާހެރައަކީ ކުރީޒަމާނުގައި އެތާގައިހުރި ކުދި އެހެން ރަށްތަކެއް ގުޅިގެން އެކުވެގެން އުފެދިފައިވާ ރަށެކެވެ. މިހާރު ފެންނާންހުރި ރަށްރަށާއި ގިރައިގެން ގޮސްފައިވާ ރަށްރަށް ހިމެނޭގޮތުން އެރަށްރަށަށް އައިސްފައިވާ ބަދަލު ދިރާސާކޮށް ބޭރުގެ އެކިއެކި އިލްމުވެރިން ރިޕޯޓްތައް ޝާއިއުކޮށްފައިވެއެވެ.

މީދޫ ހެރަތެރެޔަށް އަށާރަސަތޭކަ ތިރީހުގެ އަހަރުތަކުން ފެށިގެން ބަދަލު އައިސްފައިވާގޮތް ލިޔެފައިވާ އިތުބާރު ހުރި ތާރީޚީ ލިޔުމެއް ދާދިފަހުން ވަނީ ފެނިފައެވެ. އެއީ އައްޑުއަތޮޅުގެ ރަށްރަށާއި ފަޅުފަޅާއި ފަރުފަރުގެ މައްޗަށް ޚާއްސަކޮށްގެން ބޭރުގެ ވަރަށް ފުންނާބުއުސް ތަޖުރިބާކާރުންގެ ޓީމަކުން ހަދާފައިވާ ދިރާސާތަކެއްގެ މައުލޫމާތު ހިމެނޭ ޖަރނަލްއެކެވެ.

މިމަޒުމޫނު ލިޔުމުގެ ވިސްނުމާއި ޝައުގުވެރިކަން އުފެދުނީވެސް މީދޫގެ ކައިރީގައިހުރި ކުދި ރަށްރަށުގެ ވާހަކަޔާއި އެރަށްރަށުގެ އަދަދު އެކިއަހަރު ބަދަލުވެގެން ގޮސްފައިވާކަމަށް ސައިންޓިފިކް ރިސަރޗް ޖަރނަލްގައި ބަޔާންކޮށްފައިވަނިކޮށް ފެނުމުންނެވެ. އެލިޔުމުގައިވާ ގޮތުން 1836 ވަނަ އަހަރު މީދޫގެ ހުޅަނގުއުތުރުގައި ހަ ރަށެއް އޮތެވެ. އަދި ނަވާރަސަތޭކަ ވަނަ އަހަރުގެ ކުރީކޮޅު މިއަދަދު ވަނީ ހަތަކަށް ބަދަލުވެފައެވެ. ނަމަވެސް ނަވާރަސަތޭކާ ތިރީސްހަތަރު ވަނަ އަހަރަށް އެޅުނުއިރު މިއަދަދު މަދުވެ ފަސް ރަށަށް ވަނީ ބަދަލުވެފައެވެ. ހަމަ މިދެންނެވި ޖާރނަލްގައިވާ ގޮތުން 1964 ވަނައަހަރު އޮތީ ތިން ރަށެވެ. އެހެންނަމަވެސް މިހާރުވެސް މީދޫ ހެރަތެރޭގައި ހަތަރު ރަށެއް ފެންނާން އޮތުމުން އިތުރު ސުވާލެއް އެބައުފެދެއެވެ. ރަށްްރަށް ގިރައި ތިން ރަށަށް ވުމަށްފަހު އަނެއްކާވެސް އިތުރު ރަށެއް އުފެދުނީ ބާވައެވެ.

މިމައްސަލަ ސާފުކުރުމަށްޓަކައި ހޯދިހޯދުމުން އެގުނީ 1964 ހިސާބުގައި ކެޑަވާހެރައިގެ އިރުމަތިން އިސްމެހެލާހެރައިގެ ހުޅަނގުކޮޅުން އުސްހެރަ ކިޔާ ސަރަހައްދާއި ކެޑަވާހެރަ ގުޅިފައިވުމުގެ ސަބަބުން އެދުވަސްވަރު ކެޑެވާހެރައަކީ ވަކިރަށެއްގެ ގޮތުގައި ފާހަގަކުރެވިފައި ނުވަނީކަމެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އަނެއްކާވެސް ކެޑެވާހެރަ ވަކިވެ ވަކިރަށަކަށް ބަދަލުވީއެވެ.

މިރިޕޯރޓްގައިވާ ލިޔުމަށް އިތުރު އައްޔެއް އަޅުވައިދެނީ މަޝްހޫރު ތާރީޚީ އިލްމްވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ އޭނާގެ ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު ފޮތުގައި ލިޔުއްވާފައިވާ މައުލޫމާތުތަކެވެ. އެފޮތުގައި މީދޫގެ ހުޅަނގުއުތުރުގައި އޮތް ހަ ރަށެއްގެ ނަން ކުޑަ ތަފާތުތަކަކާއެކު ނަމަވެސް ފާހަގަ ކުރައްވާފައިވެއެވެ.

މިމަޒުމޫނު ލިއުމަށްޓަކައި ކުރި މަސައްކަތުން އެގުނީ ކުރީޒަމާނުގެ އެކިއެކި ލިއުންތަކުން ފެންނާން ހުރި ރަށްރަށުގެ ނަންތައް ގުނުމުން މީދޫ ހެރަތެރޭގައި ބާރަ ރަށެއް ފާހަގަކުރެވެން އޮތްކަމެވެ. އެއީ ހިރިއަދާހެރަ، މާކަނާހެރަ، ކުދުހެރަ، ހިކަހެރަ، އިސްމެހެލާހެރަ، ކޯހެރަ، އުސްހެރަ، ކެޑެވާހެރަ، މާހެރަ، ކުދުމާހެރަ، ބޮނޑަހެރަގަނޑަ އަދި އެއްގެސްހެރައެވެ. މީގެތެރެއިން ކުދުހެރައިގެ އިތުރު ނަންތަކެއްގެ ގޮތުގައި ވަށަހެރައާއި ފޭލިހިއްކި ކިޔާފައި ވަނިކޮށް ފެނެއެވެ. ހަމައެފަދައިން ހިކަހެރައަށް މަހާލައްކެޑެހެރަ ކިޔާފައި ވަނިކޮށްވެސް ފެނެއެވެ. މިރަށްރަށުގެ ތެރެއިން މިހާރު މުޅިން ގިރައި ނެތިގެންގޮސްފައިވާ ރަށްރަށަކީ ހިރިއަދާހެރަ، މާކަނާހެރަ، މާހެރަ، ކުދުމާހެރަ، ބޮނޑަހެރަގަނޑަ އަދި އެއްގެސްހެރައެވެ. ކޯހެރަ އާއި އުސްހެރަ ވަނީ ގިރައިވޮޑުމުގެ ތެރެއިން އިސްމެހެލާހެރައާ އެކުވެ އެރަށުގެ ބަޔަކަށް ވެފައެވެ. ތިރީގައި މިލިޔަނީ މީދޫ ހެރަތެރޭގައި ހިމެނުނު ބާރަރަށުގެ ވަނަވަރެވެ.

މީދޫ ހެރަތެރޭގައި ހިމެނުނު ރަށްރަށުގެ ނަންނަމާއި އިތުރު ތަފްސީލް

01- ހިރިއަދާހެރަ

މީދޫ ހެރަތެރޭގެ ރަށްފަތި އިރުންހުޅަގަށް ފެށެނީ ކުރީޒަމާނުގައި މިރަށުންނެވެ. ހިރިއަދާހެރައަކީ މިހާރު ނެތިގެންގޮސްފައިވާ ރަށެކެވެ. އެރަށާއި ބެހޭ މައުލޫމާތު އެގޭ ގިނަބަޔަކު މިހާރު ނެތެއްކަމަކު މީދޫ ލޮނޑިކެޑެ މިސްކިތުގެ ބޯގަފޮތުން އެއީ މީދޫގެ އުތުރުގައި އޮތް ރަށެއްކަމާއި އެރަށަކީ ހިކަހެރައާ މާދުރުނޫން ހިސާބެއްގައި އޮތް ރަށެއްކަން އެގެއެވެ. ލޮނޑިކެޑެ މިސްކިތަކީ މީލާދީން 1663 އިން 1678 އަށް ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި މީދޫ ބޭކަލެއްކަމުގައިވާ އަލްގާޒީ މަހުމޫދު ރަންފުތު ފަނޑިޔާރުތަކުރުފާނާއި އޭނާގެ އަންހެނުން ވަށަރަންދިޔެ ބިނާކުރެއްވި މިސްކިތެކެވެ.

ފަތުގައިވާ ގޮތުން ލޮނޑިކެޑެ މިސްކިތު ބޯގައަށް ދިން ތަކެއްޗާއި ތަންތަނުގެ ތެރޭގައި މީދޫގެ އުތުރުން އޮތް ހިކަހެރަ އާއި ހިރިއަދާހެރައޭ ކިޔާ ރަށް ހިމެނެއެވެ. ބޯގަފަތަށް ވިސްނައިލީމާ ހިރިއަދާހެރައަކީ ހިކަހެރަ ސައިޒުގެ ރަށެއްކަމާއި ރުއްގަސްހުރި ބޭނުންތެރި ރަށެއްކަން އެބައެގެއެވެ. މިސްކިތުގެ ބޯގައަށް އޭރުގެ ރަސްގެފާނު ސުލްތާނު އިބްރާހިމް އިސްކަންދަރު އެއްވަނަ ދެއްވި ރަށްރަށަކީ ލޮނޑިކެޑެ މިސްކިތް ބިނާކުރެވިފައިވާ ސަރަހައްދާއި އެންމެ ގާތުގައިވާ ރަށްރަށެވެ. މިހާރު އެތާގައި ހުރި ރަށްރަށާއި ގިރައިގެން ގޮސްފައިވާ ރަށްރަށަށް ވިސްނާއިރު ހިރިއަދާހެރަ އޮންނާނީ މިހާރު ބޮނޑަމަށަގަނޑޭ އެކިޔާ އާނުގަނޑު ހިމެނޭ ސަރަހައްދުގައި ކަމަށް ޔަގީންކުރެވެއެވެ. އާއްމުކޮށް ވެލިގަލުން އުފެދިފައިވާ މިފަދަ ބޮޑެތި އާނުގަނޑު ތަކަކީ ރަށްރަށް ގިރައިގެން ގޮސްފައިވާ ސަރަހައްދުތަކުގައި ހުންނަ ތަންތަނެވެ. މޫދުތެރޭގައި އުފެދޭ އާނުގަނޑުތަކަކީ މުރަކައިން އުފެދޭ އާނުގަނޑުތަކެކެވެ.

02- މާކަނާހެރަ

މާކަނާހެރައަކީވެސް މިހާރު ނެތިގެންގޮސްފައިވާ ރަށެކެވެ. އެއްކޮށް ގިރައިގެން ގޮސްފައިވަނީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ. އެރަށް އޮތް ސަރަހައްދު މިހާރުވެސް ރަގަޅަށް ފާހަގަ ކުރެވެއެވެ. މާކަނާހެރަ އޮތީ ބޮނޑަމަށަގަނޑުގެ ހުޅަނގުން ކުދުހެރައިގެ އިރުމައްޗަށް ވާގޮތަށެވެ. އެތާނގައި މިހާރު އޮންނަ އަކިރީގެ ހުރާގަނޑަށް ރަށުގެ މީހުން ކިޔައި އުޅެނީ މާކަނާހެރަފާއެވެ. ހެރަފާއަކީ އައްޑޫ ބަހުން މިފަދަ ހުރާގަނޑުތަކަށް ކިޔާ ނަމެކެވެ. މިތަން ކޮންމެވެސް ވަރަކަށް ގަސް ހެދިފައި ރަށެއްގެ ގޮތުގައި އޮތް ހަނދާންހުރި މީހުން މިހާރުވެސް އެބަތިއްބެވެ.

03- ކުދުހެރަ (ވަށަހެރަ/ފޭލިހިއްކި)

ކުދުހެރައަކީ މީދޫގެ މުލިމަތި ކިޔާ ސަރަހައްދާ ވަރަށް ކައިރީން މީދޫގެ ހުޅަނގު އުތުރުގައި މާކަނާހެރައިގެ ހުޅަނގުދެކުނަށް ވާގޮތަށް އަކިރިއާއި ގަލުން ވަށްކޮށް އުފެދިފައި އޮންނަ ކުޑަ ރަށެކެވެ. މިހާރުވެސް މީދޫގެ ފަޅުތެރޭގައި ކުޑަކުޑަ ރަށެއްގެ ގޮތުގައި ކުދުހެރަ އެބައޮތެވެ. މިރަށުގެ ދެކުނުކޮޅު އޮތީ މީދޫގެ މައިރަށާ ގާތްގަޑަކަށް ގުޅިފައެވެ. ގިރައިވޮޑުމުގެ ތެރެއިން އެކި ޒަމާނުގައި އެރަށް ބޮޑުވެ ކުޑަވެފައި ވެއެވެ. ކުދުހެރައަށް ކުރީޒަމާނުގައި ވަށަހެރަ އަދި ފޭލިހިއްކިއޭވެސް ކިޔައި އުޅުނެވެ. ކުރީން އެރަށުގައި ގިނަ އަދަދަކަށް ރުކާއި ގަސް ހެދިފައި ހުއްޓެއްކަމަކު މިހާރު އެރަށުގައި ހެދިފައިހުރީ މަދު އަދަދެއްގެ ކުރެދި ގަސްތަކެކެވެ.

ކުދުހެރައިގެ އުތުރުން ފެންނާން އޮތް އާނުގަޑަށް ބެލީމާ އެއީ ކުރީޒަމާނުގައި އުތުރުން ދެކުނަށް ދިގުކޮށް އޮތް ރަށެއްކަން އެގެއެވެ. އެރަށް ގިރަމުންދަނީ އުތުރުކޮޅުންނެވެ. އެހެންވީމާ އާނުގަޑު ފެންނާންއޮތީވެސް އެކޮޅުންނެވެ. ނަވާރަސަތޭކައިގެ ފަންސާހުގެ އަހަރުތަކާ ހަމަޔަށް މީހުން އެކަހެރިކޮށްފައި ބޭތިއްބުމަށް މިރަށް ބޭނުންކުރިއެވެ. އެގޮތުން އެންމެފަހުން ކުދުހެރައިގައި އެކަހެރިކުރެވުނު މީހަކީ ދޮންހިޔާބޫގެ އަލިމަނިކާއޭ ކިޔުނު މީހެކެވެ. ޖާނު ބޮޑު ވަރަށް ވަރުގަދަ މީހެކެވެ. އެކަހެރިކުރެވުނީ ޖިންނި މޮޔަވެގެންނޭ ކިޔައި އުޅެއެވެ.

މީދޫއާ އެންމެ ގާތުން ފުރޭތަ އަރައި އުޅޭ ޕޮއިންޓަކީ ކުދުހެރައިގެ އުތުރުކޮޅުން އޮންނަ ވަރުގަދަ އާނުގަޑުކަމަށްވެސް ކިޔައި އުޅެއެވެ. ކޮންމެއަކަސް މިރަށަކީ މީދޫގެ މިބާވަތުގެ ފޯކްލޯރުތަކާއި ވަރަށް ބޮޑަށް ގުޅިފައި އޮންނަ ރަށެކެވެ. ފޭލިހިއްކިއޭ ބައެއް މީހުން މިރަށަށް ކިޔައި އުޅުނީ ކުރީޒަމާނުގައި ފޭއްޔާއި އޮޑިފަހަރުގެ ރިޔާ މަރާމާތުކޮށްގެން ދޮވެ ހިއްކާން މިރަށުގެ އާނުގަޑު ބޭނުންކުރުމުން ކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް އެކަން ޔަގީންކުރެވޭ ކަހަލަ ހެއްކެއް ނެތެވެ.

04- ހިކަހެރަ (މަހާލައްކެޑެހެރަ)

ހިކަހެރައަކީ ކުދުހެރައިގެ ހުޅަނގުން ކުދުހެރައާ އިސްމެހެލާހެރައާ ދެމެދުގައި އޮންނަ ރަށެކެވެ. ހިކަހެރައަށް ކުރީޒަމާނުގައި މަހާލައްކެޑެހެރައޭ ވެސް ކިޔައިއުޅުނެވެ. މަހާލައްކެޑެހެރަ ނުވަތަ މަސްލެއްގިހުރާއޭ ކިޔައި ނަންދެވުނީ ވަރަށް ކުރީޒަމާނެއްގައި މާބޮޑު މަހެއް ހިކަހެރައިގެ އުތުރުކޮޅުން ގޮޑުދޮށަށް ލެއްގުމުން ކަމަށް ކިޔައެވެ. އެއީ އެހާތަނަށް މީހުން ދެކިފައިނުވާވަރުގެ ބިޔަ މަހެއްކަމަށް ވެއެވެ. އެމަހުގެ ވާހަކަ ކުރީޒަމާނުގެ މީހުން ކިޔަމުން އައިސްފައިވެއެވެ.

ހިކަހެރައިގައި މިހާރުވެސް ރުކާއި ކުރެއްޖާއި މަގޫގަހާއި ދިއްގާގަސް ބޯކޮށް ހެދިފައި އެބަހުއްޓެވެ. ހިކަހެރައަކީވެސް މީދޫ ފޯކްލޯތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެކެވެ. ހިކަހެރައިގައި ދެ ކުޅިއެއް އޮވެއެވެ. އެތަނުން އެއްކުޅިޔަށް ކިޔަނީ ރަނިޔަ ފެންގަޑެވެ. މިއީ ކުރީޒަމާނުގެ ކޮންމެވެސް ރަނިންއަކާ ގުޅުވައިގެން ކިޔާ ނަމެކެވެ. ދެވަނަ ބޮޑު ހަގުރާމަޔާ ހަމައަށް ހިކަހެެރައަކީ ލެޕްރަސީ ފަދަ ބަލިތައް ޖެހުނީމާ އެފަދަ މީހުން އެކަހެރިކޮށްގެން ބޭތިއްބި ރަށެކެވެ. އެރަށުގައި ބައިތިއްބަނީ ހުވަދުއަތޮޅުގެ އެފަދަ ރަށަކަށް ފޮނުވައިލެވޭންދެނެވެ. ލެޕަރ ކޮލޮނީއެއްގެ ގޮތުގައި ހިކަހެރަ ބޭނުންކުރި ހަނދާން ހުރި ބައެއްމީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.

މިރަށަށް ދަރުހޮވާން އެކަނި ގޮސްއުޅޭ ޒުވާންފުރައިގެ އަންހެނުންނަށް ޖިންނީންގެ ތުރާ ފޯރާ ވާހަކަ މީހުން ކިޔައިއުޅެއެވެ. މީދޫ އާއި ހުޅުދޫގެ މަސްދޯނިފަހަރު އާއްމުގޮތެއްގައި މަސްކަނޑަށް ނިކުމެ ހަދަނީ ވަރަށް ފަހަކާއި ޖެހެންދެން ހިކަހެރައިގެ ހުޅަގުކޮޅުގައި އޮންނަ ނެރަކުންނެވެ. ކުރީޒަމާނުގައި ގުދުރަތީ ނެރެއްކަމަށް ބެލެވެއެވެ. އިނގިރޭސީންގެ ޒަމާނުގައި ޑައިނަމައިޓް އަޅައިގެން ފުންކުރިއެވެ. މިޒަމާނުގައި ފަރުގޮއްވައިގެން ނެރެއް ހެދުމުގެ މަސައްކަތް އެކުރަނީ މިތާގައެވެ. ވަރަށް ފަހަކާއި ހަމަޔަށްވެސް ހެރައިގޮނޑުގެ ނަމުން މަޝްހޫރުވެފައިއޮތީ ހިކަހެރައިގެ ބަނޑުދޮށެވެ. މިތަނުގެ ވަރަށް ބޮޑުބައެއް މިހާރު އޮތީ ހިއްކާފައެވެ.

05- އިސްމެހެލާހެރަ

އިސްމެހެލާހެރައަކީ މީދޫ ހެރަތެރޭގައި މިހާރު އޮތް އެންމެ ބޮޑު ރަށެވެ. އެރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް އެއް ކިލޯމީޓަރ ހުރެއެވެ. އެރަށް އޮންނަނީ ހިކަހެރައިގެ ހުޅަނގުންނެވެ. ރިސޯޓެއްގެ ގޮތުގައި މިހާރު ތަރައްގީ ކުރުމުގެ ވާހަކަ ދެކެވޭ ރަށަކީ މިރަށެވެ. ތަންކޮޅެއްކުރީގެ ލިޔުންތަކާއި ޗާޓުތަކުގައި އެރަށުގެ ނަމަކަށް އިސްމެހެލާހެރަ ބޭނުންކޮށްފައިވަނިކޮށް ނުފެނެއެވެ. އެހެންކަމުން އިސްމެހެލާހެރައިގެ ގަދީމީ ނަމަކީ އިސްމެހެލާހެރަ ނޫންކަމަށްވެސް ވެދާނެއެވެ. ލަފާކުރެވޭގޮތުން އިސްމެހެލިހެރަ އަދި އޭގެފަހުން އިސްމެހެލާހެރައިގެ ނަމަށްް ބަދަލުވެފައި ވާނީ އެރަށް ބެލެހެއްޓި މީހެއްގެ ނަމަށް ނިސްބަތްކޮށްފައެވެ.

އިސްމެހެލި ނުވަތަ އިސްމެހެލާއަކީ އިސްމާއީލޭ ކިޔާ މީހުންނަށް ނިސްބަތްކުރެވޭ ނަމެކެވެ. މީދޫގެ ވަރަށް ގިނަ ގޭގެއަށާއި ކައިރިކައިރީގައިވާ ރަށްރަށަށްވެސް އިސްމެހެލާގެ ނަން ދެވިފައިވެއެވެ. އިސްމެހެލާގެ، އިސްމެހެލިކަލޭގެ، އިސްމެހެލިމަނިކާރަށް އަދި އިސްމެހެލާހެރައަކީ މިފަދަ ނަންނަމެވެ. މިހާރުގެ އިސްމެހެލާހެރައަކީ އެތާގައި ކުރީން އޮތް ކޯހެރަ ކިޔާ ރަށަކާއި އުސްހެރަ ކިޔާރަށާއި އެކުވެފައިވާ ބޮޑު އެއްރަށެވެ. އިސްމެހެލާހެރައިގެ އެންމެ ހުޅަގުކޮޅަކީ ކުރީގެ އުސްހެރައެވެ.

މީދޫ ފަޅުތެރޭގައިވާ ރަށްފަތީގެ ތެރެއިން އެންމެ ބޮޑު ރަށަކީ އިސްމެހެލާހެރަ ކަމަށް ވުމުން އެެރަށަކީ އެންމެ ބޮޑަށް މީހުންގެ ބޭނުންތަކާ ގުޅިފައި އޮންނަ ރަށެވެ. އޭރުވެސްމެއެވެ. އަދި މިހާރުވެސްމެއެވެ. ފޭރާންކުރާ މީހުން އެވެރީންގެ ހަރުތައް ހަދައިގެން އުޅުނެވެ. އުވަދެވުން އޮވެއެވެ. ރުއް އިންދައިގެން ބެލެހެއްޓުން އޮވެއެވެ. އިސްމެހެލާހެރަޔާއި ގުޅިފައި އޮންނަ އެންމެ ބޮޑު ފޯކްލޯރަކީ ފަންނިޔަރިކަލޭގެ ވާހަކައެވެ އެއީ ފޭރާންކުރި މީހެކެވެ. ވައިމަޑު ހޫނުދުވަހެއްގައި ފޭރާންކުރާން އިސްމެހެލާހެރައިގައި ހުއްޓައި އައި ފިނިވައިރޯޅިއެއްގެ އިހުސާސްވީމާ އޭނާއަށް ބުނެވުނީ އަދި މިކަހަލަ އެއްރޯޅި އަންނާނޭނަމައެވެ. އެހެން ބުނެވުމާއެކު އައި ވަރުގަދަ ރޯޅިއެއްގައި އޭނާ ބިމުން ހިއްލާލައިގެން ރަށުން ބޭރުވީއެވެ. ސަލާމަތުން ހިކިފަސްތަނެއްގައި ފައިޖެހިއްޖެނަމަ ފެންގަޑެއް ގާއިމުކުރާން ނަދުރެއް ބުނިތަނުން މީދޫ މާއެޅެއޭ ކިޔުނު ހިސާބުގައި ފައި ޖެހުމުން އެތާގައި ގާއިމުކުރި ކަމަށް ބުނާ ފެންގަޑު މިހާރުވެސް އެބައޮތެވެ.

އިސްމެހެލާހެރައިގައި ދެ ކުޅިއެއް ނުވަތަ ގޮޑެއް އޮވެއެވެ. މިތަނުން ރަށުގެ ހުޅަގުކޮޅުގައި އޮންނަ މަށިގޮޑޭ ކިޔުނު ކުޅިޔަކީ ވަރަށް މަޝްހޫރު ކުޅިއެކެވެ. އެތަނުން ނެގޭ މަށީގެ ސައުފުކަމާއި ހުދުކަމުންނެވެ. ވޮށުފިލައިން ކިޔެވި ޒަމާނުގައި އިސްމެހެލާހެރައިގެ ގޮޑުން މަށިނެގުމަކީ ކުދިވެރިން ވަރަށް އާއްމުކޮށްކުރާ ކަމެކެވެ.

06- ކޯހެރަ (މިހާރު އިސްމެހެލާހެރައިގެ ބައެއް)

ކޯހެރައަކީ ކުރީޒަމާނުގައި ވަކީން އޮތް ރަށެއް ނަމަވެސް މިހާރު އެއީ އިސްމެހެލާހެރައިގެ ބަޔެކެވެ. ކޯހެރައާއި އިސްމެހެލާހެރަ ގުޅުނު ދިމާލުގައި ހެދުނު ކުޅި ނުވަތަ ގޮޑު މިހާރުވެސް އެތާގައި އެބައޮތެވެ. މަށީގެ ގޮތުން މުއްސަދި މަޝްހޫރު ގޮޑަކީ މިގޮޑެވެ. ކޯހެރާއި އިސްމެހެލާހެރަ ގުޅުނު ހިސާބަށް ދެހެރަ ދޭތެެެރެއޭވެސް ކިޔައި އުޅުނެވެ.

07- އުސްހެރަ (މިހާރު އިސްމެހެލާހެރައިގެ ބައެއް)

އުސްހެރައަކީ މިހާރު އިސްމެހެލާހެރައިގެ ބައެކެވެ. އެރަށް އޮތް ސަރަހައްދަށް މިހާރުވެސް ކިޔައިއުޅެނީ އުސްހެރަ ސަރަހައްދެވެ. އެއީ އިސްމެހެލާހެރައިގެ ކޯހެރަ ސަރަހައްދުން ފެށިގެން ހުޅަނގަށް އޮންނަ ބައެވެ. އެސަރަހައްދަކީ ވަރަށް ބޯކޮށް އެކި ބާވަތްބާވަތުގެ ގަސްތައް ހެދިފައިވާ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދެކެވެ. އުސްހެރައޭ ކިޔަަން ފެށުނީވެސް ގަސްތައްބޯވެފައި ރަށްފަތީގެ ތެރެއިން އެންމެ އުސްކޮށް ފެންނާން އޮންނަ ރަށަށް ވުމުންނެވެ. އައްޑުއަތޮޅުގައި ރަނޑޫގަސް ފަދަ މެންގްރޫވްސްގެ ބާވަތްތައް ހެދިފައި ހުންނަ މަދު ސަރަހައްދުތަކުގެ ތެރޭގައި އުސްހެރަ ހިމެނެއެވެ.

08- ކެޑެވާހެރަ

ކެޑެވާހެރައަކީ އިސްމެހެލާހެރައިގެ އުސްހެރަ ސަރަހައްދުގެ ހުޅަގުގައި އޮތް ވަކި ރަށެކެވެ. މިހާރުވެސް އެރަށް އެބައޮތެވެ. ކެޑެވާހެރައާ ބެހޭގޮތުން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެއީ އިސްމެހެލާހެރައިގެ ހިމަކޮޅުން ބުރިވެގެން މާފަހުން އުފެދުނު ރަށެއް ކަމަށެވެ. އެހެންނަމަވެސް ކެޑެވާހެރައަކީ މާކުރީއްސުރެވެސް ވަކިރަށެއްގެ ގޮތުގައި އެތާގައި އޮންނަ ރަށެކެވެ. ވޮޑުމާއި ގިރުމުގެ ތެރެއިން އެކިދުވަސްވަރު އުސްހެރައާ ގުޅިފައި އަނެއްބައި ދުވަސްވަރު ވަކިވެފައި އޮންނަނީއެވެ.

މިރަށުގައި މައިގަޑުގޮތަކަށް ހެދިފައި ހުންނަނީ ކުރެއްޖެވެ. ރުކެއް ބިޔަގަހެއް ހެދިފައިވަނިކޮށް ދުށް ހަނދާންހުރި މީހަކު މިހާރު ދުނިޔޭގައި ނެތެވެ. ކުރީޒަމާނުގައި އޮޑިފަހަރު ބަނުމަށް ކުރެދި ހޯދަނީ ކެޑެވާހެރައިންނޭ ކިޔައި އުޅެއެވެ. އެހެންވީމާ ކުރެދީގެ ތެރެއިން ކެޑެވާހެރައިގައި ހެދިފައިހުރީ ވަރަށް ވަރުގަދަ ވައްތަރެއްކަން އެގެއެވެ. ވަރަށް ފަހަކާޖެހެންދެން ހިކިދިޔައިގައި މަސްދޯނިފަހަރު ފަޅުތެރެޔަށް ވަދެނިކުމެ ވުމަށް ކެޑެވާހެރައިގެ ކޮޅުގައި އޮންނަ ނެރެއް ބޭނުންކުރިއެވެ. ރާޅުބޮޑު މޫސުމުގައިވެސް ގިނައިން ބޭނުންކުރަނީ އެނެރެވެ. އެންމެ ފުރަތަމަ ގުދުރަތީ ނެރެކެވެ. ފަހުން އިނގިރޭސީންގެ ޒަމާނުގައި ޑައިނަމައިޓް އަޅައިގެން އިތުރަށް ފުންކޮށް ފުޅާކޮށްފައިވެއެވެ.

09- މާހެރަ

މާހެރައަކީ މިހާރު ނެތިގެންގޮސްފައިވާ ރަށެކެވެ. މިރަށް ނެތިގެން ދިޔައީ ކޮންޒަމާނެއްގައިކަން އެގޭކަށް ނެތެވެ. މާހެރަ އޮތީ ކެޑެވާހެރައިގެ ހުޅަގުގައެވެ. މާހެރަ އޮތް ސަރަހައްދުގެ މޫދުތެރެއިން އެރަށުގެ އާނުގަޑު ފެންނާން އެބަހުއްޓެވެ. މިސަރަހައްދަށް މަސްވެރިން މާހެރައިމެދުވަތި ނުވަތަ މާހެރައިދޮރަ ނުވަތަ މާހެރައި ގައްލީޝާއޭ ކިޔައި އުޅެއެވެ. ގައްލީޝި އަކީ އައްޑޫބަހުން ފަޅުތެރޭގައި ހެދިފައި ހުންނަ އާނުގަޑުތަކަށް ކިޔާ ނަމެކެވެ. މިސަރަހައްދަކީ ދަލުގެ މަސްވެރިކަމަށް މީހުން ގޮސް އުޅޭ ތަނެކެވެ.

10- ކުދުމާހެރަ

ކުދުމާހެރައަކީވެސް މާހެރަ ފަދައިން ނެތިގެން ގޮސްފައިވާ ރަށެކެވެ. މިރަށް ނެތިގެންދިޔައީ މާހެރަ އާއި އެއްދުވަސްވަރެއްގައި ކަމަށް ލަފާ ކުރެވެއެވެ. ކުދުމާހެރަ އޮތް ކަމަށް ބެލެވެނީ މާހެރައިގެ ހުޅަގުން ބޮނޑަހެރަގަނޑާ ދެމެދުގައެވެ. މާހެރައިގެ ގައްލީޝާއޭ ކިޔައި އުޅޭ ތަނުން މިހާރުވެސް ވަކި ދެ އާނުގަޑު ފާހަގަކުރެވެއެވެ. އެހެންކަމުން އެތަނުން އެއް އާނުގަޑަކީ ކުދުމާހެރަ އޮތްތަން ކަމަށް ބެލެވެއެވެ. މާހެރަވެސް އަދި ކުދުމާހެރަވެސް ރަށެއްގެ ގޮތުގައި ނުވަތަ ހުރާގަޑެއްގެ ގޮތުގައި ދުށްބަޔަކު މިހާރު ދުނިޔޭގައި ނެތެވެ.

11- ބޮނޑަހެރަގަނޑަ

ބޮނޑަހެރަގަނޑަ އޮތީ މާހެރަ އާއި ކުދުމާހެރަ އޮތް ސަރަހައްދުގެ ހުޅަގުގައެވެ. ބޮނޑަހެރަގަނޑަކީ ވެސް ގިރުމުގެ ސަބަބުން މިހާރު ނެތިގެންގޮސްފައިވާ ރަށެކެވެ. ކުރީ ޒަމާނުގައި ބޮނޑަހެރަގަނޑަކީ މީދޫ ހެރަތެރޭގައި ހިމެނޭ އެހެން ރަށްރަށް ފަދައިން ފަޅުރަށެއްނަމަވެސް ފަހުގެ އަހަރުތަކުގައި އެރަށް ފެނިގެން ގޮސްފައި ވަނީ މުޅިން އަކިރީގެ ހުރާގަޑެއްގެ ގޮތުގައެވެ. ކޮންމެވެސް ވަރަކަށް ކުރެއްޖާއި މަގޫ ހެދިފައި ހުއްޓެވެ. އޭރު ދިޔަވަރު ބޮޑުވާއިރުވެސް ލޮނުގަޑުގެ އަޑިއަށް ނުދާ ވަރަށް އުސްކޮށް އޮންނާތީ އެތަން ވެފައިވަނީ ގާދޫޏާއި ކުރަގި (ކަޅުދޫނީ) ގެ މަރުކަޒަކަށެވެ. ބޭސްވެރިކަމާއި ފަންޑިތަވެރިކަމަށް ކަޅުދޫނީގެ ބިސް ނެގުމަށް އައްޑުއަތޮޅު މީހުން ގޮސްއުޅުނު އެއްތަނަކީ ބޮނޑަހެރަގަނޑެވެ.

ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅާހަމަޔަަށް ދިޔައިރުވެސް ބޮނޑަހެރަގަނޑު އޮތީ މިސިފައަށެވެ. ހިސާބަކަށް ގަސް ހުއްޓެވެ. ދޫނި ބިސްއަޅާ ހުރާގަޑެކެވެ. ހަތަރުފަލީގެ ކުދިކުދި ދޯނިފަހަރުގައި ގޮސް ކުޑަކުދީންވެސް މަޖަލަކަށް އެެރަށަށް ފައިބައި ޕިކްނިކް ހަދާނެއެވެ. ދެހާސްދިހަވަނަ އަހަރާއި ހަމައަށްވެސް ބޮނޑަހެރަގަނޑު ލޮނުގަޑުން މައްޗަށް ފެންނާން އޮތެވެ. އެހެންނަމަވެސް މިހާރު އެތަން ވަނީ އެއްކޮށް ނެތިގެންގޮސްފައެވެ. މިތަން މުޅިން ގިރައިގެން ދިޔައީ އަތޮޅުގެ އެކިރަށްރަށުގެ މީހުން އަކިރި ނެގުމުގެ ސަބަބުންނެވެ. ބޮނޑަހެރަގަނޑު އޮތް ތާގައި މިހާރު އޮތީ އާނުގަޑެކެވެ.

12- އެއްގެސްހެރަ

ރަށްފަތީގެ އެންމެ ހުޅަގަށް އޮތް ރަށަކީ އެއްގެސްހެރައެވެ. އެއީ ބޮނޑަހެރަގަނޑުގެވެސް ހުޅަގަށް އޮތް ރަށެކެވެ. މިރަށަކީ މީގެ ފަންސާހަކަށް އަހަރު ކުރީން މުޅީން ނެތިގެންގޮސްފައިވާ ރަށެކެވެ. މިރަށުގައި ބޮޑު އެންމެ ގަހެއް ހެދިފައިވަނިކޮށް ދުށް ހަނދާންހުރި މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. އެއްގެސްހެރަ ކިޔާފައިވަނީވެސް އެންމެގަހެއް ހުންނާތީއެވެ.

އެހެން ބައެއް ރަށްރަށުގެ ވާހަކަ

މީދޫ ހެރަތެރޭގައި ހުރި ރަށްރަށުގެ އިތުރުން އެވޭލާޒަމާނުގައި މީދޫގެ އިރުމަތީން ފުއްޓަރުފަރާތުގައިވެސް ކުދި ރަށްތަކެއް ހުއްޓެވެ. އެއީވެސް ޔަގީންވެފައިވާ ކަމެކެވެ. މިހާރުވެސް ރަށުގެ ކަޅުބިތް ފަރާތުން ފެންނާން އެހެރަ އާނުގަޑުގަޑަކީ އެރަަށްރަށް ގިރައިގެންދިޔަ ތަންތާގައި ހުރި އާނުގަޑުތަކެވެ.

މިކަމަށް އަލިއަޅުވާލައްވައި ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު ފޮތުގައި މަޝްހޫރު ތާރީޚީ އިލްމުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވަނީ މީދޫ ފުއްޓަރުފަރާތުގައި މުލިތަކެއް ހުރި ކަމަށެވެ. އެފޮތުގައި ވަނީ ހުޅުދޫ އާއި މީދޫގެ އިރުމަތީ ދުނީގެ ފުއްޓަރަށް ބިންދާ ރާޅުގެ ބާރު އައިސް އެރަށްރަށުގެ ބަނޑުދޮށުން ދެކޮޅަށް އޮއިވަރު ދެމިގެންގޮސް ދެކުނުން ނިކުންނަނީ ވިލިގިލި ކަނޑަށެވެ. އުތުރަށްގޮސް ނިކުންނަނީ މީދޫ އިރުމަތިން މާކަނޑަށެވެ. މިހެންވުމުން އެރަށްރަށުގެ ފުއްޓަރުފަރާތުގައި ހުންނަ ކުދިކުދި މުލިތައް ގިރައިގެންގޮސް ލޭންމަތި ސީދާވާ ގޮތްވެއެވެ.

ރާއްޖޭގެ ރަށްތަކުގެ ޖިއޮގްރަފީއާ ބެހޭ މައުލޫމާތު ރިކޯޑްކުރެވެން ފެށިއިރުވެސް މީދޫގެ ފުއްޓަރުފަރާތުގައި ހުރިކަމަށް ލަފާ ކުރެވޭ ރަށްތައް ވާނީ ނެތިގެން ގޮސްފައެވެ. އެހެންކަމުން ކުދި މުލިމުލީގެ ގޮތުގައި ފުއްޓަރުފަރާތުން ފަހުން ފެނިފައިވާނީ އެތާގައިހުރި ކުދި ރަށްރަށް ނެތިގެންދިޔުމުގެ އެންމެފަހު މަރުހަލާ ކަމަށް ވެދާނެއެވެ.

ނިންމައިލުން

މިލިޔުން ފުރިހަމަކުރުމަށްޓަކައި ތަފާތު ފަސް މަސްދަރަކަށް ބަރޯސާކުރެވުނެވެ. އެގޮތުން ހަވާލާ ދެވިފައިވާ މަސްދަރުތަކަކީ ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު، އެޓޯލް ރިސަރޗް ބްލެޓިން، ނަމްބަރ.116 / ރީފް ސްޓަޑީސް އެޓް އައްޑޫ އަޓޯލް މޯލްޑިވްސް، މީދޫ ލޮނޑިކެޑެ މިސްކިތުގެ ބޯގަފަތް. ޕްރޮފެސަރ ޖޯން ސްޓަންލީ ލިޔުއްވާފައިވާ ދަ ޖިއޮގްރަފީ އޮފް ދަ މޯލްޑިވް އެންޑް ލެކަޑިވް އަރކިޕެލަގޯސް އަދި މީދޫގެ އުމުރުން ދުވަސްވީ ބައެއްމީހުންގެ ފަރާތުން އަހައިގެން ހޯދުނު މައުލޫމާތެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!