މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 5


އަހުމަދުރަހާ އާއި އޭނާގެ އާއިލާ

ގްރީީކްބޯޓު ބަންޑުންޖަހައިލުމުގެ ހާދިސާގައި ފޭދޫން އެންމެ ބޮޑު ހިތާމައެއް ކުރިމަތިވި ކުދުގަނޑަވަރި އަހުމަދުރަހާޔަކީ ހުޅުދުވަށް އުފަން ހުޅުދޫ މީހެކެވެ. މަންމަޔަކީ ހުޅުދޫ ކުދުފޮކޮޅެގޭ އާމިނާމަނިކުފާނެވެ. ބައްޕަޔަކީ ހުޅުދޫ މާމަގިގޭ މުހައްމަދެވެ. ވަރަށް ކުޑައިރު ގަމުގެ ކުދުގަނޑަވަރޭ ކިޔުނު ގެއެއްގައި އުޅޭންފަށައިފިއެވެ. ގަމުގައި ތިބި މީހުން ފޭދުވަށް ބަދަލުކުރިއިރު ފޭދޫން 185 ނަމްބަރުގެ ގެޔާއި ގޯތި ލިބުނީއެވެ. ގޭގެ ނަމަކީ ކަފުރުތޮޅިގެއެވެ. އެހެންނަމަވެސް ގަމުގައި އުޅުނު ގެޔަށް ނިސްބަތްކޮށްފައި ކުދުގަނޑަވަރޭ ކިޔައި އުޅެނީއެވެ. އަހުމަދުރަހާޔަކީ ވަރަށް ކުޅަދާނަ މާކެޔޮޅެކެވެ.

އަހުމަދުރަހާ އެންމެ ފުރަތަމަ ކައިވެނިކުރީ ގަމު ރެކިޔަގެ ދޮންދީދީއާއެވެ. އެބަނޑުން ދެ އަންހެންކުދީން ލިބިފައިވަނިކޮށް އަންހެނުން މަރުވީއެވެ. އެބަނޑުން ލިބުނު ދެ ކުދީންނަކީ މަރިޔަމްދީދީ އާއި އާމިނަތުދީދީއެވެ. މީގެތެރެއިން މަރިޔަމްދީދީ ހުރީ ގްރީކްބޯޓުގެ ހާދިސާ ހިގިއިރު އޭގެ ފަޅުވެރިއެއްކަމަށްވާ ހުވަދޫ ސޯލިހާ އިނދެގެންނެވެ. އާމިނައިދިވެސް ބޮޑުވެއްޖެއެވެ. އެކަމަކު ހުޅުދޫގައި ހުރެގެން ކިޔަވާކުއްޖެކެވެ. ހާދިސާ ހިގިއިރު އާމިނައިދި ހުރީ ގްރީކްބޯޓުގެ ތެރޭގައެވެ.

ދޮންދީދީ ނިޔާވީމާ ދެން އަހުމަދުރަހާ ކައިވެނިކުރީ ފުވައްމުލަކު ބަފާގެ އާމިންދިޔެއާއެވެ. ގްރީކްބޯޓުގެ ހާދިސާޔާ ހަމަޔަށް އެބަނޑުން ލިބިފައިވަނީ ހަތަރު ފިރިހެން ކުދީންނެވެ. ހާދިސާގެ ކުރީން އުމުރުން ހަމަހުގައި މުސްތަފާ މަރުވެއްޖެއެވެ. ހާދިސާ ހިނގުމާހަމަޔަށް ދުނިޔޭގައިތިބީ ތިން ކުދީންނެވެ. އެއީ ޚާލިދާއި ހާޝިމާއި މުފީދެވެ. މީގެތެރެއިން ޚާލިދާއި މުފީދު މިހާދިސާގައި މަރުވީއެވެ. އަޖައިބުކުރަނިވި ގޮތަކަށް ހާޝިމް ސަލާމަތްވިއެވެ. ގްރީކްބޯޓު ބަންޑުންވުމުގެ ހާދިސާޔަށްފަހު އަހުމަދުރަހާއަށް އާމިންދިޔެގެ ބަނޑުން އިތުރު ތިން ކުދީން ލިބިފައިވެއެވެ. އެއީ ތިން އަންހެންކުދީންނެވެ. ނަމަކީ ފާތިމަތު ޝަޒީމާ، އައިޝަތު ނަސީހަތު ފަރިޔާމާ އަދި ހައްވާ ޚާލިދާ އެވެ.

ފަރިވަޅު ސަލާމަތްކުރަން އުޅުނު މީހެއްގެ ވާހަކަ

ގްރީކްބޯޓު ބަންޑުންޖަހައިލީ ހުޅުދުވަށް ދެކުމާދިޔުމަށް މީހުން އަރަމުންދަނިކޮށެވެ. އޭރު ފަރިވަޅެއް ބޯޓަށް ވަނީ އަރުވައިފައެވެ. މީހުންނާއި ކުދީން ސަލާމަތްކުރުމުގެ މަސައްކަތް އެކިމީހުން ކުރަމުންދިޔައިރު މިކޭމުގައި ހިމެނޭ ތަށިތައް ހޯދައި އެތަކެތި ސަލާމަތްކުރެވޭތޯވެސް މީހަކު އުޅުނެވެ. ބަލަބަލަ ތިޔައީ ކޮންކަމެއްހޭ ސުވާލުކުރީމާ އޭނާ ބުނިކަމަށްވަނީ އަނބުރައި ގެންނަގޮތަށް އެކި ގޭގެއިން ގެނެސްފައިހުރި އަގުބޮޑު ތަށިތަކެއްވީމާ އެތަކެއްޗަކީ އަމާނާތެއް ކަމަށާއި އެތަކެތި ސަލާމަތްކުރަން ޖެހޭ ކަމުގައެވެ. މިދުވަހަށްފަހު އޭނާއަށް މީހުން މުޚާތަބުކުރަނީ އަދި ގޮވައިއުޅެނީ ނަމުގެ ކުރިއަށް ކޭމާ ލައިފައެވެ.

ގްރިކްބޯޓުގެ ނިމުން

ގްރީކްބޯޓު ބަންޑުންޖަހައިލުމުގެ ހާދިސާއަށްފަހު އެބޯޓު ދެން އިތުރު ދަތުރެއް ނުކުރެއެވެ. ގަމުގެ ފާލަމެއްގެ ކައިރީގައި ބާއްވައިގެން ދިޔަހިއްކައިގެން މަރަދޫފޭދޫއަށް ގެންގޮސް އެހެލިގޮތަށް ބޯޓުހަރުގޭގައި ހުރެގެން ފީވެ ހަލާކުވެގެންދިޔައީއެވެ. ބާލައިގެން އޭގެ ބޭނުންކުރާކަށް އަދި ބަޔަކަށް ވިއްކާކަށްވެސް ބޯޓުގެ ވެރިޔާ އަހުމަދު ޒާހިރު ގަސްތެއް ނުކުރިއެވެ.

އެހެން ކާރިސާއެއްގެ ވާހަކަ

މިވާހަކަ ފަށަމުން ހުވަދުއަތޮޅު ތިނަދޫ އެނަމާބޯޓުގެ ކާރިސާޔަށް އިޝާރާތެއް ކުރެވިފައިވާތީ ވާހަކަ ނިންމައިލާނީ ވަރަށް ޚުލާސާގޮތެއްގައި އެވާހަކަވެސް ލިޔެފައެވެ. ގްރީކްބޯޓުގެ ކާރިސާއަކީ ރިކޯޑުކުރެވިފައިވާ ތާރީޚުގައި އައްޑުއަތޮޅުގައި ހިގި ކަނޑުމަތީގެ އެންމެ ހިތާމަވެރި ކާރިސާއެވެ. އެނަމާބޯޓުގެ ކާރިސާއަކީ މުޅިރާއްޖޭގައިވެސް ހިނގާފައިވާކަމަށް އެނގޭންއޮތް މިޒާތުގެ އެންމެ ބޮޑު ކާރިސާއެވެ.

އެނަމާ ބޯޓަކީ ފަސިންޖަރުންނާއި މުދާ އުފުލަން ފަރުމާކޮށްފައިވާ ބޯޓެކެވެ. އެއީ ގދ ތިނަދޫ މީހެއްގެ ބޯޓެކެވެ. ހުވަދުއަތޮޅުގެ އެތެރެވަރިޔަށް އެނަމާ ބޯޓު ބަންޑުންޖަހައިލީ 17 މާޗް 2004 ގައެވެ. މިހާދިސާއެއް ހިގީ ގއ ވިލިގިލީގައި ތިނަދޫ ޓީމު ކުޅުނު ފުޓުބޯޅަ މެޗެއް ބަލަން އެރަށަށް ދިޔަ ތިނަދޫ މީހުން ގޮވައިގެން އެނބުރި ތިނަދޫއަށް ދަތުރުކުރަނިކޮށެވެ. ޖެހި ރާޅެއްގެ ސަބަބުން ބޯޓު ބަންޑުންޖަހައިލިއިރު އޭގައި 126 މީހުން ތިއްބެވެ. ގަޑިޔަކު ނުވަމޭލު ބައިގެ ސްޕީޑުގައި ދުއްވާފައިދަނިކޮށް ބޯޓު ބަންޑުން ޖަހައިލީ ރޭގަނޑު 0845 އާއި 0930 އާ ދެމެދުގެ ވަގުތެއްގައި ދެއްވަދޫއާ ވަރަށް ގާތުންނެވެ.

ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކާވީސް މީހުން މަރުވެ އިތުރު ދެ މީހަކު ވަނީ ގެއްލިފައެވެ. ނުފެނިފައިވާ ދެ މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހިމެނެއެވެ. މަރުވިކަން ޔަގީން ކުރެވޭ އެކާވީސް މީހުންގެ ތެރޭގައި ހިމެނެނީ ހަ ކުޑަ ކުދިންނާއި ބާރަ އަންހެނުންނާއި ތިން ފިރިހެނުންނެވެ. މަރުވި މީހުންގެ ހަށިތައް ތިނަދޫއަށް ގެންގޮސް ވަޅުލި ދުވަހަކީ ތިނަދޫގެ ތާރީޚުގައިވެސް އައި އެންމެ ހިތާމަވެރި އެއްދުވަހެވެ.

ދިވެހިރާއްޖޭގައި ކާރިސާއެއްގެ ގޮތުގައި ގިންތިކުރެވުނު ކަނޑުމަތީގެ ފުރަތަމަ ހާދިސާއަކީ އެނަމާ ބޯޓުގެ ހާދިސާއެވެ. އެއީީ ފަހަކަށް އައިސް ރާއްޖޭގެ ކަނޑެއްގައި ދިވެހިންގެ އެންމެ ގިނަބަޔަކު ގެނބިގެން މަރުވި ކާރިސާއެވެ. އެހެންކަމުން ގައުމީ ހިތާމައިގެ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރެވުނެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ތިނަދޫއަށް ވަޑައިގެން އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

މިފްކޯގެ މަސްބޯޓެއްގެ އެހީގައި ކަފު ޖަހައިގެން އެނަމާ ބޯޓު ފަހުން ގެންދިޔައީ ތިނަދޫއަށެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވީ ހުވަދުއަތޮޅުގެ ރަށްރަށުގެ މަސްދޯނިފަހަރާއި ކޯސްޓުގާޑުގެ އުޅަނދުފަހަރާއި މިފްކޯގެ މަސްކިރާ ބޯޓުތަކެވެ. ބޯޓު ބަންޑުން ޖެހިފަހުން އެބޯޓާ ކައިރިން އެންމެ ފުރަތަމަ ދަތުރުކުރި ދޯންޏަކީ ގއ ދާންދޫ މިޔަރެން ކިޔާ ދޯންޏެކެވެ. ކަނޑުވެފައި ތިބި މީހުންނަށް އެހީނުވެ ދިޔަ މައްސަލާގައި އެދޯނީގެ އެންމެން ފުލުހަށް ހާޒިރުކޮށް ބޮޑު ތަހުގީގެއް ހިންގިއެވެ. ދޯނީގެ ފަޅުވެރިން ބުނެފައިވަނީ ކޫއްޑޫއަށް މަސްކިރަން ދާންވެގެން އަވަސްއަރުވާލާފައި ދިޔުމާއި ތިނަދޫއަށް ދެވޭވަރަށް ތެޔޮ ނެތުމުން މަޑު ނުކުރެވުނީ ކަމަށެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!