މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 4

އިނގިރޭސީންގެ އެހީ ލިބުން

ބޯޓު ބަންޑުން ޖަހައިލި ހާދިސާ ހިގި ވަގުތަކީ ފޭދޫގެ ވެރީން ވޯކީޓޯކީން އަތޮޅުއޮފީހަށް ގުޅުމަށްޓަކައި އޮފީސްފަންނުން އަތިރިމައްޗަށް ނުކުމެ ތިބި ވަގުތެވެ. އެދުވަސްވަރު ވޯކީޓޯކީން ވާހަކަ ދައްކާނީ އާއްމުގޮތެއްގައި އަތިރިމަތީގައި ތިބެގެންނެވެ. ބޯޓު ބަންޑުންޖަހައިލި މަންޒަރު ފެނުމާއެކު އެޚަބަރު އަތޮޅު އޮފީހަށް ދީފައި ކުޑަކަތީބު އަބްދު ﷲ އަފީފާއި ދޮންރަހާގެ ދޮންތުއްތޫ އަވަސްވެގަތީ އަތިރިމަތީގައި އެވަގުތު ތިބިބަޔަކު ގޮވައިގެން ބޯޓުދޮށަށްގޮސް މީހުން ސަލާމަތް ކުރުމަށެވެ. ގަމުގައި ތިބި އިނގިރޭސި ސިފައިންގެ ކޮމާންޑިން އޮފިސަރަށް މިޚަބަރު ފޮނުވީ އަތޮޅުއޮފީހުންނެވެ. އޭރު އަތޮޅުއޮފީހުގައި ކޮމާންޑިން އޮފިސަރުގެ އޮފީހަށް ގުޅޭނެ އިމަޖެންސީ ފޯނެއް ހުރެއެވެ.

އިނގިރޭސީންގެ އެހީ ވަރަށްވެސް އަވަހަށް ލިބުނެވެ. ހާދިސާ ހިގިތާ ފަނަރަވަރަކަށް މިނިޓްތެރޭގައި އިނގިރޭސީންގެ ފުރަތަމަ ލޯންޗު ކައިރިކޮށްފިއެވެ. އެކިވަރުގެ ލޯންޗުތަކާއި ކޮޅުވެއްޓިޔާއި މިޒާތުގެ އުޅަނދުތަކުގައި އެވެރީން އައިސް ގްރީކްބޯޓު އަނެއްފަރާތަށް ޖަހައިފިއެވެ. އޭރު ބޯޓުގައި ތިބިކަމަށް ޔަގީން ކުރެވޭ މީހުންގެ ތެރެއިން ހަތަރު މީހުން ފިޔަވައި އެންމެން ފެނިއްޖެއެވެ. ފެނުނު މީހުންގެ ތެރޭގައި މަރުވެފައިވާ ތިންކުއްޖަކުވެސް ހިމެނުނެވެ.

ބޯޓު އަނެއްފަރާތަަށްޖެހިއިރު ނުފެނިފައިވަނީ ހަތަރު މީހުންނެވެ. އެއީ ކުދުގަނޑަވަރި އަހުމަދުރަހާގެ އަންހެނުން އާމިންދިޔެ އާއި އަހުމަދުރަހާގެ ދެކުދީން ކަމަށްވާ ހާޝިމާއި މުފީދެވެ. މީގެ އިތުރުން އެޅެރަހާގެ މުހައްމަދު އަންވަރުގެ މުސްތަފާއެވެ. ދެންވެސް ހުއްޓާނުލައި ކުރަމުންދިޔައީ އެމީހުން ހޯދުމުގެ މަސައްކަތެވެ. މިގޮތުން ބޯޓުގެ ފަހަތުބައިގެ ފަލްކާތެރެ ބަލަމުންދަނިކޮށް ފަލްކާތެރޭގައި އާމިންދިޔެ ކޮޅަށް ހުއްޓައި ފެނިއްޖެއެވެ. އޭރު ފަލްކާތެރެއަށް ލޮނުއެޅިފައިވާތީ އާމިންދިޔެ ހުރީ ލޮނުގަޑުގެ ތެރޭގައެވެ. ހެދުމުގެ ކޮންމެވެސް ބައެއް ކޮންމެވެސް ތަނެއްގައި ތާށިވެ ހަރުވެފައެވެ. އާމިންދިޔެ ފަލްކާތެރެއިން ނެގުއިރު ވިންދު ހުއްޓެވެ. އޭނާ ނަގައިގެން އަވަސްއަވަހަށް ފޮނުވައިލީ ގަމުގެ ހަސްފަތާލަށެވެ.

ބޯޓުގެ މެދުތެރެއިން ކާޑުގެ ބާވަތްތައް ބަހައްޓާ ބޮޑު ފަލްކާވެސް ހުރީ ލޮނުއެޅި ފުރިފަައެވެ. އެފަލްކާގެތެރެ ހޯދަމުންދަނިކޮށް ފެނުނީ ލޮނުގަޑުގެ އަޑީން ކުއްލިއަކަށް ހަށިގަޑެއް މައްޗަށް އަރައިގެންދާ މަންޒަރެވެ. އެކުއްޖަކީ އުމުރުން ހަތްއަހަރުގެ މުހައްމަދު ހާޝިމެވެ. އޭނާ ނެގިއިރު ހޭހުއްޓެވެ. ފަލްކާމަތީގައި ބެހެއްޓީމާ ހިނގައިގެންފިއެވެ. މާބޮޑުކަމެއް ވެފައެއް ނެތެވެ. ލޮނުއެޅި ފުރިފައިވާ ފަލްކާއެއްގެ ތެރޭގައި މިހާގިނައިރުވިއިރު ހާޝިމަށް އެއްވެސްކަމެއް ވެފައި ނެތުމަކީ ވަރަށް ބޮޑު އަޖައިބަކަށްވިއެވެ.

ބޯޓު އަނެއްފަރާތަށް އަނބުރައިލުމަށްފަހު ފަލްކާތައް ބަލައި އެއްވެސް މީހަކު ނެތްކަން ކަށަވަރުކުރުމަށްފަހު ކޮޅުވެއްޓިއެއްގެ ފަހަތުގައި ކަފުޖަހައިގެން ގެންދިޔައީ ގަމުގެ ފާލަމަކަށެވެ. ޕަމްޕުޖަހައިގެން ބޯޓުން ދިޔަހިއްކައިދިނީ އިނގިރޭސީންނެވެ. ބޯޓަށް ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި އިންޖީނަށް ލޮނުއެޅި އިންޖީނު ހަލާކުވުމާއި ކުނބު ބިންދައިގެންދިއުމުގެ އިތުރަށް ތެޔޮފީފާތަކުން ޖެހިފައި އިތުރު ބައެއް ތަންތަން ބިނދި ހަލާކުވުން ހިމެނެއެވެ.

މަރުވި މީހުންނާއި ގެއްލުނު މީހުންނާއި އަނިޔާވި މީހުން

ކަނޑުވި މީހުންގެ ތެރެއިން ގާތްގަޑަކަށް ހަތްދިހަ މީހުން ގަމުގެ ހަސްފަތާލަށް ގެންދެވުނެވެ. އޭގެތެރޭގައި ތިބީ އެކިވަރަށް ހާލުދެރަވި މީހުންނެވެ. ހަސްފަތާލަށް ގެންދެވުނު މީހުންގެ ތެރޭގައި ވަރަށް ހާލުބޮޑު އަށް މީހަކާއި ތިން ގަބުރު ހިމެނުނެވެ. މަރުވެފައިވަނިކޮށް ނެގުނީ ތިން ކުއްޖެކެވެ. އެ ތިން ކުދީންނަކީ ފޭދޫ ދިއްގާގަސްދޮށުގޭ އުމުރުން ނުވަ އަހަރުގެ މަރިޔަމްދީދީ އާއި ފޭދޫ ކަފުރުތޮޅިގޭ އުމުރުން އަށް އަހަރުގެ އިބްރާހިމް ޚާލިދާއި ފޭދޫ ރަންބުސްތާނުގޭ މުހުއްމާގެ މޫސާގެ އުމުރުން ހަތް އަހަރުގެ ހައްވާ ޒާހިރާއެވެ.

ކަނޑުވި މީހުންގެ ތެރެއިން ހޯދާހޯދާވެސް ނުފެނުނީ ދެ ކުއްޖެކެވެ. އެއީ ފޭދޫ ފެހިވިދުވަރުގޭ މުހައްމަދު އަންވަރުގެ އުމުރުން ދެއަހަރުގެ މުސްތަފާ އަންވަރާއި ކަފުރުތޮޅިގޭ އުމުރުން ދެ އަހަރުގެ އަލީ މުފީދެވެ. ގެއްލުނު ދެކުދީން ހޯދުމުގެ މަސައްކަތް އިނގިރޭސީންގެ އެހީޔާއިއެކު ހުއްޓާނުލައި ތިންދުވަސްވަންދެން ކުރިއަށް ގެންދިޔައެވެ. އޭގެފަހުންވެސް އެ ދެކުދީންގެ ނިޝާނެއް ފެނޭތޯ ވަރަށް ބޮޑަށް ހޯދާފައިވެއެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. އެދެކުދީން ހިމަނައިގެން މިހާދިސާގައި މަރުވީ ޖުމްލަ ފަސް ކުދީންނެވެ. ބޮޑު މީހަކު މަރެއް ނުވެއެވެ. ހާލުބޮޑުވެފައި ތިބި މީހުން ހަސްފަތާލަށް ގެންގޮސް ފަރުވާދީގެން އެ އެންމެންގެ ފުރާނަ ސަލާމަތްކުރެވުނެވެ.

ގެއްލުނު ކުދީންގެ ތެރެއިން ފެހިވިދުވަރުގޭ މުސްތަފާ އަންވަރަކީ ދަތުރު އިންތިޒާމުކުރި ކައްދަދިޔެގެ ރަހުމަތުގެ ކުއްޖެކެވެ. އެހެންވީމާ އެއީ ކައްދަދިޔެގެ މާމަކުއްޖެކެވެ. ރަހާބެއްޔާގެ ކާފަކުއްޖެކެވެ. މަރުވެފައިވަނިކޮށް ފެނުނު ކުދީންގެ ތެރެއިން ދިއްގާގަސްދޮށުގޭ މަރިޔަމްދީދީއަކީ ރެކިދިޔަގެ ދޮންމާމަ ކުއްޖެކެވެ. ރަހާބެއްޔާގެ ކާފަކުއްޖެކެވެ. މަރިޔަމްދީދީއަކީ ބައްޕަޔަކީ ރަހާބެއްޔާގެ މުހައްމަދު ސައީދެވެ. އެހެންކަމުން މިއީ ޑރ ހަސަން ސައީދުގެ ދައްތައެވެ. ޕްރޮފެސަރ އަބްދު ﷲ ސައީދުގެ ކޮއްކޮއެވެ.

ދަތުރު އިންތިޒާމުކުރި ކަންޒުދޮށުގޭ ކައްދިދިޔެއަށް ވެސް ވަރަށް ބޮޑަށް އަނިޔާވެގެން ހާލުދެރަވިއެވެ. އޭނާ ހިމެނުނީ އެންމެ ބޮޑަށް އަނިޔާވެގެން ހަސްފަތާލަށް ގެންދެވުނު އެގާރަ މީހުންގެ ތެރޭގައެވެ. އޭނާގެ އަރިކަށީގެ ދެތަނަކުން ކަށިތައް ބިންދައިގެންގޮސްފައިވެއެވެ. ހަސްފަތާލުގައި އެޑްމިޓް ކުރެވުނު މީހުންގެ ތެރެއިން އެންމެ ގިނަދުވަހަށް އެތަނުގައި ބާއްވައިގެން ފަރުވާދޭންޖެހުނީ ކުދުގަނޑަވަރި އަހުމަދުރަހާގެ އަންހެނުން އާމިންދިޔެއަށެވެ.

އާމިންދިޔެގެ ތިންކުދީންގެ ތެރެއިން ދެކުދީން މިހާދިސާގައި މަރުވެފައިވާކަން އޭނާއަށް އެނގުނީ ހަސްފަތާލުގައި އޮއްވައެވެ. ވާހަކަ ދެއްކޭވަރުވީ ދުވަހު އެންމެފުރަތަމަވެސް އޭނާކުރީ މިސުވާލެވެ. މަގޭ ކުދީންކޮޅު ކޮބައިހެއްޔެވެ. އެކުދީން ސަލާމަތްވިހެއްޔެވެ. ބޮޑު އެއްވެސްމީހަކު އެއްވެސްއެެއްޗެކޭ ނުބުންޏެވެ. ޖަވާބުދިނީ ކުޑަކުޑަ ހާޝިމެވެ. އޭނާ ބުންޏެވެ. ބޭބެ ޚާލިދު މަރުވެއްޖެއެވެ. ކޮއްކޮ މުފީދު އަދިވެސް ނުފެނެއެވެ. މިއަޑުއިވުމާއެކު އާމިންދިޔެއަށް ލިބުނު ޝޮކުން އޭނާއަށް އަދިވެސް އަރައިނުގަނެވެއެވެ.

ގަމުގެ ހަސްފަތާލަކީ ދިވެހީންގެ ތެރެއިން ކޮންމެދުވަހަކުވެސް ވަކި އަދަދެއްގެ މީހުންނަށް ފަރުވާދޭ ތަނެކެވެ. އެކަމަކު ގްރީކްބޯޓުގެ ކާރިސާގެ ދުވަހު އެތަންހުރީ ދިވެހީންނަށްޓަކައި ސައުވީސްގަޑިއިރު ހުޅުވައިފައެވެ. އެދުވަހަކީ އިގިރޭސި ސިފައިންގެ ބޭނުމަކަށް ފިޔަވައި އައްޑޫ ރައްޔިތުންގެ މަދަނީ ބޭނުމަކަށް ގަމާއި ގަމުގެ ހަސްފަތާލު އިމަޖެންސީ ހާލަތަށް ގެނެވުނު ފުރަތަމަ ދުވަހެވެ. ގަމުގެ ބަނދަރަށް ކައިރިކުރާ ދިވެހި ދޯނިފަހަރާއި ލޯންޗުފަހަރުގެ މީހުންނަށް ބޯނެވަރަކަަށް ބޯން ކިރުސައި ފިލްޓަރތައްވެސް އެދުވަހު ބެހެއްޓިއެވެ.

ގަމުގައި ތިބި އިނގިރޭސި ސިފައިންގެ ކޮމާންޑިން އޮފިސަރު ނުވަތަ ސީއޯއަކީ ގްރޫޕް ކެޕްޓަން ޝެފަޑްއެވެ. ގްރީކްބޯޓުގެ ކާރިސާގައި މަރުވި ކޮންމެ ކުއްޖަކާއި ގެއްލުނު ކޮންމެ ކުއްޖެއްގެ އާއިލާއަށް އޭނާގެ ފަރާތުން ދެ ޕައުންޑް ދިނެވެ. މައިންބަފައިންނާއި ތިމާގެ މީހުންނާއި ބައްދަލުކޮށް ތައުޒިޔާ ކިޔައި ހިތްވަރުގަދަކޮށްގެން ތިބުމަށް ނަސޭހަތްތެރިވިއެވެ. އިނގިރޭސި އިތުރު އޮފިސަރުންނާއި އެއަރމަނުންވެސް އެހީތެރިކަން ފޯރުކޮށްދިންކަމަށް އެނގިފައިވެއެެވެ.

ގްރީކްބޯޓުގެ ކާރިސާއަށް ދުވަސްތަކެއްފަހުން މަރުވި ކުދީންނާއި ގެއްލުނު ކުދީންގެ ރޫހު ރަށުތެރެއިން ފެންނަ ވާހަކަ ބައެއް މީހުން ދައްކައި ހެދިއެވެ. ބައެއް ގޭގެއަށް ގޮސް ޓަކިދީ ގޮވައި ހަދާ ވާހަކަވެސް ދައްކައި އުޅުނެވެ. އެކަމަކު މިއީ އޭގެ ތެދުދޮގާއިމެދު ވަކިއެއްޗެއް ބުނާން އެގޭގޮތަށް ދެކެވޭ ވާހަކަތަކެއް ނޫންވީމާ އެވާހަކަ ބޭއްވީއެވެ.(ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!