މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 3

ބޯޓަށް އެރުމަށްފަހު މަންމަ ގޮސް އިށީނީ އިންޖީނު ފަލްކާގެ މަތީގައެވެ. އަހަރެންވެސް އިނީ އިންޖީނު ފަލްކާގެ ކައިރީގައި އިންޖީނަށް ބަލަހައްޓައިގެންނެވެ. ކޮއްކޮ ރޮއެހަދާތީ މަސަލަސްކުރަން މަންމަ އިނީ އޭނާއަށް ކިރުދިނުމުގައެވެ. މިހެންތިއްބައި އެއްފަރާތަކަށް ބޯޓު ވަރަށް ބޮޑަށް އަރިއަޅާލައިފިއެވެ. އިރުކޮޅަކުން އަނެއްފަރާތަށް އަރިވެއްޖެއެވެ. އެވަގުތު ބައްޕަ އައިސް މަންމަގެ ކައިރީގައި ބުންޏެވެ. އަޑީގައި އެއްވެސް މުދަލެއްނެތް ހުސް ބޯޓެއް މިވަރަށް ރޯލްކުރާކަމަށް ވަންޏާ މިދަތުރުކުރުން ރައްކާތެރިއެއް ނޫނެވެ. އެހެންވީމާ ކުދީންކޮޅު ގޮވައިގެން އަހަރެމެން ފައިބާނީއެވެ.

އަހަރެންނާއި އެއްބަފައި އެންމެ ދޮަށީ ދައްތަ މަރިޔަމްދީދީ އިނދެގެން އުޅޭ ހުވަދޫ ސޯލިހަކީ ބޯޓުގެ ފަޅުވެރިޔެކެވެ. އޭނާވެސް ދާދި ކައިރީގައި ހުރެފައި ބައްޕަ ބުނި ވާހަކަ އަޑުއަހައިގެން ބުންޏެވެ. މީހުން އަރާފައިބާއިރު މިގޮތަށް ރޯލްކުރިޔަސް ދުއްވައިލީމާ ބަރާބަރުވާނެއެވެ. މިގޮތަށް ރޯލްކުރުމަކުން މާބޮޑު ނުރައްކަލެއް ނެތެވެ. އޭރު އަހަރެމެންނާއި ދާދިގާތުގައި އަހަރެންގެ އެއްބަފައި ކުޑަދައްތަ އާމިނައިދީވެސް ހުއްޓެވެ. އާއްމުގޮތެއްގައި އެދައްތަ ހުންނަނީ ހުޅުދޫގައި ކިޔަވާށެވެ. ފޭދޫއަށް އައިސްފައި އެނބުރި ހުޅުދުވަށް ދަނީއެވެ.

ކުއްލިއަކަށް ވީގޮތެއް ނޭގުނެވެ. ބޯޓު އަރިއަޅައިލިގޮތަށް ބަންޑުން ޖަހާލައިފިއެވެ. ފަށަންހުރީ މަތީގައެވެ. ވީލްހައުސް ހުރީ އަޑީގައެވެ. މަންމަ ގެއްލިއްޖެއެވެ. ބޭބެޔާއި ކޮއްކޮ ގެއްލިއްޖެއެވެ. ބައްޕަޔާއި ކުޑަދައްތަޔާއި ޅިޔަންބެވެސް ގެއްލިއްޖެއެވެ. އެއްވެސްތަނެއް ނުފެނެއެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. ދެންވީ އެއްޗެއް ނޭގުނެވެ. ހަނދާންތައް އަލުން ރުޖޫއަވިއިރު ހުރެވުނީ ބޯޓުގެ ތައްޓުމަތީގައެވެ. ކައިރީގައި ބައްޕަ ހުއްޓެވެ.

ފޭދޫ ގުލްޒާރުގޭ ފާތިމަތު ނަސީމާ އެހާދިސާ ސިފަކުރީ މަޝްހޫރު ޓައިޓޭނިކާ އެއްކަހަލަ ހާދިސާއެއްގެ ގޮތުގައެވެ. އޭނާ ކިޔައިދީފައިވެއެވެ. ބޯޓަށް އެރިއިރުވެސް ވަރަށް ބޮޑަށް ރޯލްކުރިއެވެ. އަޑީގައި އެއްވެސް މުދަލެއްނެތި ހުސްކޮށް އޮތް ބޯޓެއްކަމުން ރޯލްކުރާ ކޮންމެފަހަރަކު އަޑީގައި ހުރި ފީފާތައް ފުރޮޅެމުންދާ އަޑު އިވެއެވެ. ހަތަރުވަނަ ދޯނިން އައިމީހުން ބޯޓަށް އަރަމުންދަނިކޮށް އެއްފަހަރު ރޯލްކުރިގޮތަށް ދެން ސީދާނުވެ ބަންޑުންޖަހައިލީއެވެ. ދެން އޮވެވުނީ ކަނޑުގައެވެ. ބޮވުނީ ލޮނެވެ. ފެންނަނީ މީހުން ގެނބެމުންދާ މަންޒަރެވެ.

ފޭދޫ ރީތިގަސްދޮށުގޭ ޚަދީޖާ މުހައްމަދު ނުވަތަ އައްލޫގެ ކައްދައަކީ ބޯޓުގައި ތިބި އަންހެނުންގެ ތެރެއިން އެދުވަހު އެންމެ ބޮޑަށް ހިތްވަރުކޮށް މީހުން ސަލާމަތްކުރުމުގައި އެންމެ ބޮޑު ހުޝިޔާރުކަމާއި ނަމޫނާ ދެއްކި މީހާއެވެ. އޭނާ ކިޔައިދީފައިވެއެވެ. ބޯޓު ބަންޑުންވެދާނެ ކަމުގެ ބިރު އޮތުމުން އަހަރެން ހުރީ ދިރުނބާކޮޅުގައި ވަރަށް ހުޝިޔާރުވެގެންނެވެ. އަމިއްލަ ދަރިފުޅާއި ބޮޑުދައިތަ ކިޔާ ކުއްޖަކާއި ދެކުދީންގެ ގައިގައި ހިފަހައްޓައިގެންނެވެ.

ބޯޓު ބަންޑުންވުމާއެކު ލިބާހުގެ ފަސްބައިން ބަޔަކަށް ވައިއަޅައިގެން ދެކުދީން ނަގައިގެން އެއްކުއްޖަކު މީހެއްގެ ހަވާލުގައި ބޯޓުގެ ފަށަންމަތީގައި ބައިންދާފައި އަނެއްކުއްޖާ ގޮވައިގެންގޮސް ފަރުމަތީން އިސްކޮޅުޖެހޭ ހިސާބުގައި ބަހައްޓާފައި ދެން ފަތާފައި އަނެއްކާވެސް ބޯޓުދޮށަށްގޮސް އަނެއްކުއްޖާ ގޮވައިގެން ފަރުމައްޗަށް ގެނައީއެވެ. ބައެއް އަންހެނުންގެ ފަށްޓަރުބައި އެދަނީއޭ ބުނީމާ ފީނައިގެންގޮސް އެމީހުންގެ ފަށްޓަރުބައިވެސް ސަލާމަތްކޮށްދިނީމެވެ.

ކުދުގަނޑަވަރި އަހުމަދުރަހާ ހުރީ އޭނާގެ ހަތަރު ކުދީންނާއި ދަނބިދަރިޔަކާއި އަންހެނުންނާއެކު ބޯޓުތެރޭގައެވެ. ރޯލްކުރާވަރުން އާއިލާ ގޮވައިގެން ބޯޓުން ފޭބުމުގެ ޚިޔާލެއް ކުރިއެވެ. އެކަމަކު ފޭބުމުގެ ކުރިން ބޯޓު ބަންޑުން ވެއްޖެއެވެ. އެންމެފުރަތަމަވެސް މަސައްކަތް ފަށައިގަތީ މީހުން ސަލާމަތް ކުރުމަށެވެ. އަހުމަދުރަހާ ކިޔައިދިނެވެ. ކަނޑުވުމާއެކު ދަނބިދަރިފުޅު ސާލިހާއި އަންހެން ދަރިފުޅު އާމިނައިދި ފަތާފައިގޮސް އެއްގަމަށް އަރައިފިއެވެ. އެކަމަކު އަނެއް ތިން ކުދީންނާއި އަނބިމީހާއެއް ނުފެނުނެވެ.

ފީނައިގެންގޮސް ބޯޓުތެރެޔަށް ވަދެ ކޮންމެފަަހަރަކުވެސް ކުއްޖަކު ނަގައިގެން މައްޗަށް ގެންނައިރު މިއީ އަމިއްލަ ދަރިފުޅަކަށް ވެދާނެކަމަށް ހީކުރީމެވެ. ބޯޓު އޮތީ ސަތަރިއެއްގެ ސަބަބުން ވަށައިގެން ބެދިފައެވެ. އެތެރެއަށް ވަދެވޭނެ ގޮތެއް ނުފެނިގެން އެ ސަތަރި އެންމެ ފުރަތަމަ ކީހައިލީ އަހަރެންނެވެ. މިގޮތަށް ފީނައިގެން ހަތްކުދީން ސަލާމަތްކުރީމެވެ. އެންމެ ދެރަވީ އަހަރެންގެ ކުދީންގެ ތެރެއިން ޚާލިދު މަރުވެ މުފީދު ގެއްލުމުންނެވެ.

މީހުން ސަލާމަތްކުރުމާއި ބޯޓު އަނެއްފަރާތަށް ޖެހުން

ގްރީކް ބޯޓު ބަންޑުންވީއިރު ކައިރީގައި ހަތަރު ދޯންޏެއް އޮތެވެ. ބޯޓު އަރިއަޅާލައިގެންދިޔައިރު ބޯޓުގެ ކުނބުން ޖެހިފައި ކައިރީގައިވާ ދޯންޏެއް ފެތުމާއެކު ކުނބުވެސް ބިންދައިގެން ދިޔައެވެ. ގޮނޑުދޮށަށް ވަރަށް ގިނަބަޔަކު ޖަމާވެފައި ތިއްބެވެ. އަދި ބޯޓުތެރޭގައިވެސް ބޮޑެތި ފިރިހެނުން ތިއްބެވެ. އެހެންވީމާ ވަރަށް އަވަހަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ދޯނިފަހަރުގައި ތިބި ފިރިހެނުން ކަނޑަށް ފުންމާލައިގެން ފީނާފައި އަޑިޔަށްގޮސް ބޯޓުތެރޭގައި ތިބި އަންހެނުންނާއި ކުޑަކުދީން މައްޗަށް ގެނެސް ދޯންޏަށް އަރުވަނީއެވެ. ހާލު ބޮޑު މީހެއްވިއްޔާ އެއްގަމަށް ފޮނުވަނީއެވެ.

އެއްގަމުންވެސް ގޯވާނެޅިތަކުގައި ޑައިވަރުން އައިސް ފީނާން ފަށައިފިއެވެ. ޑައިވަރުންނޭ މިލިޔުނީ ޑައިވްކުރާ ސާމާނާއެކު އެކަން ކުރާ މީހުންގެ ވާހަކައެއް ނޫނެވެ. އެއްވެސް އެއްޗެއްނެތި ފީނި މީހުންގެ ވާހަކައެވެ. އެއިން ކޮންމެ މީހެއްގެ މަސައްކަތުން ފުރާނައެއް ނޫނީ ފުރާނަތަކެއް ސަލާމަތްކުރިއެވެ. ފީނާ މީހުން އެންމެފުރަތަމަ އަޑިޔަށްދިޔައިރު ބޯޓުގެ ތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ. އެއީ ބަންޑުންވިއިރު ވަށައިގެން ސަތަރި ވެއްޓުމާ ގުޅިގެން ބޯޓަށް އަރާފައިބާ ތަންތަން ބަންދުވެފެއިވުމުގެ ސަބަބުންނެވެ.

އެވެރީން މައްޗަށް އަރައި ދޯނިފަހަރުން ވަޅި ނަގައިގެން ދެވަނަ ފަހަރު އަޑިޔަށް ގޮސް އެކިދިމަދިމާލުން ސަތަރިގަޑު ކީހާލައި އެތެރެއަށް ވަދެވޭގޮތް ހެދީއެވެ. ވަދެ ބެލިއިރު ވީލްހައުސްގެ ތެރޭގަޔާއި ވަށައިގެން ހަރުކޮށްފައިހުރި ސަތަރީގެ ތެރޭގައި ތާށިވެފައިވެސް ވަރަށް ގިނަކުދީން ތިއްބެވެ. މުސްކުޅިންނާއި އަންހެނުން އަދި ކުޑަކުދީން ގެނބި ހާސްވެ ލޮނުބޮވި ކަޅިހުއްޓި އޮޔާދިޔަވަގުތު ދޯނިތަކުގައި ތިބި މީހުން ދިޔައީ ފަހަރަކު މީހަކު ފަހަރަކު މީހަކު ދޯނިތަކަށް ނަގަމުންނެވެ. އެވަގުތުކޮޅުގެ ތެރޭގައި ބޯޓުގެ ފަށަނާއި ބަނޑުފިލާގެ މައްޗަށް އެރޭތޯވެސް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރިއެވެ.

ބޯޓު އެހެލައި ފެހިކަހައިނުލާތާ ވަރަށް ގިނަދުވަސްވުމުގެ ސަބަބުން ބަނޑުފިލާތަކުގެ ބޭރު ހުރީ ވަރަށް ބޮޑަށް ފެހިޖަހައި ހަޑިވެފައެވެ. އެހެންވެ ގިނަމީހުން ކައްސާލައިގެން ވެއްޓެނީއެވެ. ސަލާމަތްވާން މަަސައްކަތްކުރުމުގެ ތެރޭގައި ވަރަށް ގިނަ އަންހެނުންގެ ކަނޑިކިބޭލި އޮޔާގޮސް ގެއްލިފައިވެއެވެ. އެދުވަސްވަރު ގިނަ އަންހެނުންގެ ހެދުމަކީ ކަނޑިއްކާއި ލިބާހެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!