މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 2

ރަހާބެއްޔާ ނިޔާވުމުން ކައްދަދިޔެ ދެންއިނީ ހުވަދުއަތޮޅު ހަވަރުތިނަދޫ ތުއްތޫއޭ ކިޔުނު މީހަކާއެވެ. ދިރިއުޅުނީ ފޭދޫ ކަންޒުދޮށުގޭގައެވެ. ހުޅުދޫ އިބްރާހިމް މުހައްމަދުގެ ޗިލްކާބޯޓަށް ފޭދޫން ދެކުމާދިއުމުގެ ކަންތައް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުނީ ކައްދަދިޔެއާއި އޭނާގެ ފިރިމީހާ ތުއްތޫއެވެ. މިކަމުގައި ދެން ބައިވެރިވީ ފޭދޫގައި ދިރިއުޅޭ ހުޅުދޫ އާއިލާތަކުގެ ކޮމިއުނިޓީއެވެ. އެއީ ވަރަށް ބޮޑު ކޮމިއުނިޓީއެކެވެ. އެހެންވީމާ މިކަން ރޭވީ ވަރަށް ފެންވަރުގައެވެ.

ހުޅުދުވަށް ދަތުރެއް ކުރުމުގެ ވިސްނުމެއް މަރަދޫފޭދޫ އަހުމަދު ޒާހިރުވެސް ދިޔައީ ކުރަމުންނެވެ. އޭނާގެ ބައްޕަޔަކީ ހުޅުދޫ މީހަކަށްވާކަމުންނެވެ. މިވާހަކަ ކައްދަދިޔެއަށް އިވިގެން މަރަދޫފޭދޫއަށް ގޮސް ޒާހިރުގެ ގްރީކްބޯޓުގައި ހުޅުދުވަށް ދިޔުމުގެ ދަތުރު ރާވައި މަޝްވަރާކޮށް ބޯޓު ކުއްޔަށްހިފައި ފުރާނެ ދުވަހާއި ވަގުތުވެސް ހަމަޖައްސައި ހުރިހާކަމެއް ނިންމައިފިއެވެ. ދަތުރުގެ ބޮޑުބައި ތައްޔާރުކުރުން އޮތީ ފޭދޫގައެވެ. ގިނަ މީހުން ދަނީވެސް ފޭދޫންނެވެ.

ފުރުމުގެ ހަފުތާއެއްހައި ދުވަސްކުރީން ފަރިވަޅު ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކުބުސް ފިހުމަށް ބޭނުންވާނޭ ތަކެތި އެއްކުރާންވެސް ފަށައިފިއެވެ. މަސައްކަތުގެ މައި މަރުކަޒަކީ ފޭދޫ ކަންޒުދޮށުގެއެވެ. ކައްދަަދިޔެގެ ދެމަފިރީން ދިރިއުޅޭ ގެއެވެ. ފަރިވަޅަކީ ކޭމެވެ. ބޮޑެތި ތަށިތަށީގައި ގެންދާ ކެއުމެވެ. އޭގައި ބޮނޑިބަތާއި މަހާއި ދެން މިޒާތަކުންގޮސް ވަރަށް ގިނަ ތަކެތި ހުންނާނެއެވެ. ގަމުގައި އިނގިރޭސީން ތިބުމާއެކު އެކަމުގެ ތިޔާގިކަން އެންމެ ބޮޑަށް ފޯރާފައި އޮތީ ފޭދޫއަށެވެ. އެހެންވީމާ ފޭދޫން ތައްޔާރުކުރި ފަރިވަޅާއި އެކިގޭގެއިން ފިހުނު ކުބުހާއި މިޒާތުގެ ތަކެތި ތައްޔާރުކުރީ ވަރަށްވެސް މޮޅަށެވެ.

ބޯޓަށް އެރުން

ދެކުމާދިޔުމުގެ ދުވަސް އައުމުން ގްރީކްބޯޓު 29 ނޮވެމްބަރު 1971 ވީ ހޯމަދުވަހު ބާރަ ފަޅުވެރިންނާއެކު މަރަދޫ ހަސަންފުތާގެ އަބްދުއްރަހީމުގެ މާލިމީކަމުގައި މަރަދޫފޭދޫން ފުރައިގެން ފޭދޫ އިބިރިހިންމަނިކާގެ މުހުއްމައިދީ ފަންނާ ދިމާލުން ފަރުބޭރުގައި ނަގިލިލީ ހެނދުނު އަށެއްޖެހިއިރުއެވެ. މޫސުން ވަރަށް ރީތި ކަނޑުމަޑު ދުވަހެކެވެ. ގަސްތުކޮށްފައި އޮތީ ހެނދުނު ހުޅުދުވަށް ގޮސްފައި އެދުވަހުގެ އިރުއޮއްސުމުގެ ކުރީން ފޭދޫއަށް އެނބުރި އައުމަށެވެ.

ބޯޓު އޮތީ މުޅީން ހުސްކޮށެވެ. ފަލްކާތަކުގައި އެއްވެސް މުދަލެއް ނެތެވެ. ބޯޓުގައި ކިރިޔާވެސް ބަރު އެއްޗަކަށް އޮތީ ދެފީފާ ތެލެވެ. ފޭދޫން ހުޅުދުވަށް ކުރާ ދަތުރަކީ ވަރަށް ކުރު ދަތުރެކެވެ. އެއްގަޑިއިރާއި ދިހަ މިނިޓުގެ ދަތުރެކެވެ. މިހާ ކުރު ދަތުރަކަށްވެފައި ހަމައެދުވަހު އެނބުރި އަންނަގޮތަށްވެސް ހަމަޖެހިފައިވުމުން ފޭދޫގެ ވަރަށް ގިނަބަޔަކު ދަތުރުގައި ބައިވެރިވާން ގަސްތުކުރިއެވެ. ދަތުރުދާން އުޅުނު މީހުންނާއި ފަޅުވެރީން ތިބީ ޕިކްނިކް މޫޑެއްގައެވެ.

ފޭދޫ ބޭރުގައި ބޯޓު މަޑުކުރިއިރު ހުޅުދޫ ކޮމިއުނިޓީގެ ވަރަށް ގިނަ އާއިލާތަކުގެ މީހުން ތިބީ ގޮނޑުދޮށަށް ޖަމާވެފައެވެ. ފަރިވަޅު އުފުލާ މީހުންނާއި އެނޫންތަކެތި ހިފައިގެންދާ މީހުންވެސް ތިބީ ތައްޔާރީގައެވެ. މިއީ އެދުވަހު ގޮސްފައި ހަމައެދުވަހު އެނބުރި އައުމަށް ކުރާ ދަތުރެއްކަމުން ހުޅުދޫ ބަލައިލުމުގެ ބޭނުމުގައިވެސް ބައެއްމީހުން ދަތުރުގައި ބައިވެރިވާން ބޭނުންވިއެވެ. މުޅީން ހިލޭ ކުރެވޭ ދަތުރެކެވެ. އެއްވެސް ޚަރަދެއް ނެތެވެ. އެހެންވީމާ ވަރަށް ގިނަ ކުޑަކުދީންވެސް މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އަދި ރައްޓެހީންނާއެކު ބޯޓަށް އެރުމަށްޓަކައި ގޮނޑުދޮށަށް ޖަމާވެފައިވެއެވެ.

ބޯޓު އަރިއަޅައިލުމާއި ބަންޑުންވުން

ގޮނޑުދޮށަށް އެއްވެތިބި މީހުން ބޯޓަށް އެރީ ދޯނިފަހަރުންނެވެ. ބޯޓުދޮށަށް ދާމީހުން ހުރިހާ ފަންނަކަށްވެސް ޖަމާވިއެވެ. މާދެލަފަންނުން ދޯންޏަކާއި ޒިޔާރަތްފަންނުން ދޯންޏެކެވެ. ބޮޑުފަންނު ނުވަތަ އޮފީސްފަންނުން ދޯންޏަކާއި އިބިރިހިންމަނިކާގެ މުހުއްމައިދީ ފަންނުން ދޯންޏެކެވެ. މި ހަތަރު ދޯނީގައިވެސް ގިނައިން ތިބީ ކުޑަކުދީންނާއި އަންހެނުންނެވެ. މީން ކޮންމެ ދޯންޏެއް މަދުވެގެން ދެބުރު އަޅައިގެން ނޫނީ އެންމެން ބޯޓަކަށް ނުގެންދެވޭނެއެވެ. އެހެންވެގެން ފުރަތަމަ ބުރުގައި ކޮންމެ ދޯންޏަކުންވެސް ގެންދިޔައީ ގިނައިން ކުޑަކުދީންނާއި އަންހެނުންނެވެ.

ބޯޓާއި އެންމެ ފުރަތަމަ ކައިރިކުރި ދެދޯނީގައި ތިބި މީހުން ބޯޓަށް އަރައިފިއެވެ. ތިންވަނަ ދޯނީގައި ތިބި މީހުން އަރަމުންދަނީއެވެ. ހަތަރުވަނަ ދޯނި އޮތީ ކައިރި ކުރުމުގެ އިންތިޒާރުގައި މަޑުކޮށްގެންނެވެ. ތިންވަނަ ދޯނީގެ މީހުން އަރަމުންދިޔައިރު ކުރިން އެރި މީހުންވެސް ތިބީ މީހުން އަރަމުންދިޔަފަރާތުގައި މަންޒަރު ބެލުމުގައެވެ. އެއީ އެއްގަމާވީފަރާތެވެ. އެފަރާތަށް ބޯޓު ވަރަށް ބޮޑަށް އަރިއަޅައިލީމާ ބޯޓުގެ މެދުގައި ބާއްވާފައިއޮތް ދެފީފާ ތެޔޮ ފުރޮޅިގެންގޮސް އެފަރާތަށް ހިގައްޖެއެވެ. އެ ދެފީފާ އޮތީ އެއްވެސްތަނެއްގައި ނުބަނދެއެވެ.

އެފަރާތަށް ބޯޓު އަރިއަޅައިލި ބޮޑުކަމުން ފަޅުވެރީން ހޯހޯއޭގޮވައި އަނެއްފަރާތަށް ދާށޭ އެންގީމާ އެންމެންވެސް ދިޔައީ އެފަރާތަށެވެ. ދެން އެފަރާތަށް އަރިވެގެންގޮސް އެއްކަލަ ދެފީފާ ތެޔޮ އެފަރާތަށްވެސް ފުރޮޅިގެން އަތުވެއްޖެއެވެ. އަނެއްކާވެސް މީހުންތައް އަނެއްފަރާތަށް ދުއްވައިގެންފިއެވެ. އެއީ މީހުން އަރަމުންދިޔަ ފަރާތެވެ. މިފަހަރު އެފަރާތަށް އަރިއެޅިގޮތަށް ސީދާނުވެ އެދިޔަގޮތަށްގޮސް ބަންޑުންޖަހައިލީއެވެ. ބޯޓު ބަންޑުންވިއިރު ފަޅުވެރިންވެސް ހިމަނައިގެން ނުވަދިހަ މީހުން ބޯޓުގައި ތިއްބެވެ.

ބޯޓުތެރޭގައި ތިބި މީހުންގެ ދުލުން

މިހިސާބުން މިލިޔަނީ ބޯޓުތެރޭގައި ތިބި ބައެއްމީހުންގެ ދުލުން އެދުވަހާއި އެމަންޒަރު ސިފަކުރިގޮތެވެ. ދެން ކަންތައްވީގޮތެވެ. ފޭދޫ ކުދުގަނޑަވަރަ ނުވަތަ ކަފުރުތޮޅިގޭ އަހުމަދުރަހާގެ މުހައްމަދު ހާޝިމު ބޯޓަށް އެރީ މަންމަޔާއި ބައްޕަޔާއި ދައްތަޔާއި ބޭބެއާއި ކޮއްކޮއާ އެކުގައެވެ. އޭނާގެ އުމުރަކީ ހަތް އަހަރެވެ. އޭރު އަދި ޚިތާނެއްވެސް ނުކުރެއެވެ. އެކަމަކު މިހާދިސާގެ މަތިން ވަރަށް ރަގަޅަށް ހަދާން އެބަހުއްޓެވެ. ހާޝިމް ކިޔައިދިނެވެ.

އެދުވަހު ވަރަށް ހެނދުނާ އަހަރެންނާއި އަހަރެންގެ ބޭބެ ޚާލިދު ކިޔަވާން ގޮސްތިބީ ފޭރުގަސްދޮށުގޭގައެވެ. އެދުވަހަކީ ޚާލިދަށް އެންމެ ފުރަތަމަ ސޫރަތް ލިޔެދިން ދުވަހެވެ. ކިޔަވާންތިއްބައި އަހަރެމެންނާއި ދެބެއިންގެދަރި ބޭބެއެއްކަމަށްވާ އަބްދު ﷲ ޒާހިރު އަތުވެއްޖެއެވެ. މިޒާހިރަކީ ބައްޕަޔާއި އެއްބަނޑުއެއްބަފާ ފާތިންދައްތަގެ ދަރިއެކެވެ. ޒާހިރު ބުންޏެވެ. ކަލޭމެންގެ ބައްޕަޔާއި މަންމަ ހުޅުދުވަށް ދާންވެގެން ކޮއްކޮ މުފީދު ގޮވައިގެން އަތިރިމައްޗަށް ނައްޓާލައިފިއެވެ. ކަލޭމެން ނުދަން ހެއްޔެވެ. މިއަޑުއިވުނީމާ އަހަރެމެން ދުއްވައިގަތީ އަތިރިމައްޗަށެވެ.

ދުވެފައިގޮސް ޒިޔާރަތްފަންނުން އަތިރިމައްޗަށް ނުކުތްއިރު މަންމަޔާއި ދައްތަ ދޯންޏަށް އަރައިފިއެވެ. ކޮއްކޮ މުފީދަކީ ކިރުބޯ ޅަކުއްޖެކެވެ. އޭނާ އިނީ މަންމަގެ އުނގުގައެވެ. ބަލާކަށް ނުހުރެ ބޭބެ ޚާލިދު މޫދަށް ފައިބައިގެންގޮސް ދޯންޏަށް އަރައިފިއެވެ. އަހަރެން ގޮނޑުދޮށުގައި ހުރެފައި ބާރަށް ރޯންފެށީމާ ބައްޕަ އައިސް އަހަރެން އުރާލައިގެން ގެންގޮސް ދޯންޏަށް އަރުވައިފިއެވެ. ބޯޓަށް އެންމެ ފުރަތަމަ އެރީ އަހަރެމެންގެ ދޯނީގައި ތިބި މީހުންނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!