މުޅި ފޭދޫ ރޮއްވައިލި ގްރީކްބޯޓު ކާރިސާ 1

ވާހަކައިގެ ފެށުން

މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ. ފަހުގެ ތާރީޚުގައި އައްޑޫގައި ހިގި ކަނޑުމަތީގެ އެންމެ ހިތާމަވެެރި ހާދިސާގެ ވާހަކައެވެ. ކާރިސާއެކޭ އެދުވަސްވަރު ކިޔައި ނޫޅުނަސް ކާރިސާއެއްގެ ވާހަކައެވެ. މިހާދިސާއަށް ތެއްތިރީސް އަހަރުފަހުން ހުވަދުއަތޮޅު އެތެރެވަރީން ދެއްވަދޫ ކައިރިއަށް އެނަމާއޭ ކިޔުނު ބޯޓެއް ދެހާސްހަތަރުވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ބަންޑުންވެގެން އެތައްބަޔަކު މަރުވި ހާދިސާ ސަރުކާރުން ގިންތިކޮށްފައިވަނީ ކާރިސާއެއްގެ ގޮތުގައެވެ.

އެއުސޫލުން މިއީވެސް ކާރިސާއެެއްގެ ވާހަކައެވެ. މިއީ ގްރީކްބޯޓު ކާރިސާއެވެ. މިއީ މަރަދޫފޭދޫ ލިލީގޭ އަހުމަދު ޒާހިރު ދުއްވި ގްރީކްބޯޓޭ ކިޔުނު ބޯޓު ފޭދޫ ބަނދަރާއި ކައިރިން ފަރުބޭރަށް ބަންޑުންޖަހާލައިގެން ނުވަދިހަ މީހުން ކަނޑުވެ އޭގެތެރެއިން ފަސް ކުއްޖަކު މަރުވި ހިތާމަވެރި ހާދިސާއެވެ. އެއީ 1971 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. ގަމުގައި އިނގިރޭސީން ތިބި ޒަމާނެވެ. ފޭދޫ ފަޅުތެރެޔަށް އެދުވަސްވަރު ބޯޓުފަހަރަކަށް ނުވަދެވޭނެއެވެ. ތިލަކަމުންނެވެ.

ފަޅުތެރެޔަށް ވަދެ އުޅޭނީ މަސްދޯނިފަހަރާއި ގޯވާނެޅި ކިޔާ ޒާތުގެ ކުދިކުދި ލޯންޗުފަހަރެވެ. ގޯވާނެޅިޔަކީ ގަމާއި ފޭދުވާއި ދޭތެރޭގައި ދަތުރުކުރާ އެއްޗެކެވެ. ޒާތެއްގެ ކުޑަކުޑަ އައުޓްބޯޑު އިންޖީނެއް އަޅައިގެންނެވެ. ދައްވާއިންޖީނޭ އައްޑޫ މީހުން ކިޔައިއުޅުނީ މި އިންޖީނަށެވެ. މިޒާތުގެ ލޯންޗުފަހަރަށް ގޯވާނެޅިޔޭ ކިޔައި ނަންދިނީ އިންޖީނުގެ އަޑާއި އޭގައި ތިބޭއިރު އިހުސާސްކުރާންޖެހޭ ވައިބްރޭޝަނަށް ނިސްބަތްކޮށްފައެވެ.

މާލެއާއި އައްޑުވާއި ދޭތެރޭގައި ދަތުރުކުރާ ސައިޒުގެ ބޯޓުފަހަރު ފޭދޫގައި މަޑުކުރާނީ ފަރުބޭރުން އެތެރެވަރީގައެވެ. ދެން ދަތުރުވެރީން އެޔަށް އަރައި ފައިބައި ހަދާނީ ދޯނިފަހަރުންނާއި ގޯވާނެޅިންނެވެ. އެދުވަސްވަރު ފޭދޫގައި މިހާރު އެފެންނަ ކަހަލަ ފުން ބަނދަރެއް ނޯވެއެވެ. ދޯނިފަހަރާއި ލޯންޗުފަހަރު ކައިރިކުރަނީ ގޮނޑުދޮށުން ހަތަރު ދިމާލަކަށެވެ. އެދިމަދިމާލަށް ކިޔައިއުޅެނީ ފަންނެވެ. ގަމާއި އެންމެ ގާތުން މާދެލަފަންނެވެ. ޖެހިގެން އުތުރަށް އިބިރިހިންމަނިކާގެ މުހުއްމައިދީ ފަންނެވެ. ދެން އޮފީސްފަންނާއި ޒިޔާރަތްފަންނެވެ. ގްރީކްބޯޓު ބަންޑުންވުމުގެ ހާދިސާ ހިގާފައިވަނީ އިބިރިހިންމަނިކާގެ މުހުއްމައިދީ ފަންނާ ދިމާލުން ބޭރުގައެވެ.

ގްރީކްބޯޓުގެ ތައާރަފެއް

ގްރީކްބޯޓަކީ މަރަދޫފޭދޫ ލިލީގޭ އަހުމަދު ޒާހިރުގެ ބޯޓެވެ. އެއީ މަރަދޫފޭދޫ ކަތީބެވެ. ބައްޕަޔަކީ ހުޅުދޫ ކަޅިބިތެގޭ މުހުއްމަދެވެ. ޒާހިރު އިނދެގެން ހުރީ މަރަދޫ ވަކަރަގޭ ދޮންރަހާގެ ރަޝީދާއާއެވެ. ކުރިން މިބޯޓު ދުއްވީ ޒާހިރުގެ ބަފައިބެ ވަކަރަގޭ ދޮންރަހާޔާއި މާލޭގެ ވިޔަފާރިވެރިއެއް ކަމަަށްވާ ދިއްދޫ އިބްރާހިމްކަލޭފާނާއި ދެމީހުން ބައިވެރިވެގެންނެވެ. މިބޯޓަކީ އެންމެކުރިން ސިލޯނުގެ މަސްބޯޓެކެވެ. އެ ދެމީހުން ބައިވެރިވެގެން އަށާވީސްހާސް ރުފިޔާއަށް ގަނެގެން ކޮންމެވެސްވަރެއްގެ މަރާމާތަކަށްފަހު ރާއްޖޭގައި ދުއްވާންފެށީއެވެ.

މާލެއާއި އައްޑުވާއި ދެމެދު މިބޯޓު އެންމެ ފުރަތަމަ ދުއްވިއިރު މާލިމީ އާއި ގިނަ ފަޅުވެރީންނަކީ ދިއްދޫ އިބްރާހިމްކަލޭފާނު އަރުވާފައި ތިބޭ މީހުންނެވެ. އުތުރުގެ ރަށްރަށުގެ މީހުންނެވެ. މިއީ މާކަ ބޮޑު ބޯޓެއް ނޫނެވެ. މާލެއާއި އައްޑުވާއި ދެމެދު ދަތުރުކުރާ އުޅަނދުތަކަށް ނިސްބަތްކުރާއިރު ކުޑަ އުޅަނދެކެވެ. ދުވެލިވެސް މަޑެވެ. ހިތަދޫ ސަގަރު އަލިތައްޚާނުގެ ސަގަރުބޯޓާއި ހިތަދޫ މުހައްމަދު ސައީދުގެ ޕިކްސީބޯޓާއި ގްރީކްބޯޓަކީ ދާދި އެއްސައިޒެއްގެ އެއްބައްޓަމެއްގެ އެއްއުމުރުގެ ބޯޓުފަހަރެވެ. މިއީވެސް އެދުވަސްވަރު މަަލެއާއި އައްޑުވާއި ދެމެދު ދަތުރުކުރި މަޝްހޫރު ބޯޓުފަހަރެވެ. މީގެތެރެއިން ސަގަރުބޯޓަކީ 28 އެޕްރީލް 1969 ގައި ވީނުވީއެއް ނޭގި ހުވަދޫ ކަނޑަށް ގެއްލިފައިވާ ބޯޓެކެވެ.

ދިއްދޫ އިބްރާހިމްކަލޭފާނާއި ވަކަރަގޭ ދޮންރަހާ ގުޅިގެން ގްރީކްބޯޓު ދުއްވަނިކޮށް ވަކަރަގޭ ދޮންރަހާގެ ދަނބިދަރިފުޅު މަރަދޫފޭދޫ އަހުމަދު ޒާހިރު ފައިސާ ދީފައި ދިއްދޫ އިބްރާހިމްކަލޭފާނުގެ ހިއްސާ ގަތީއެވެ. އެއަށްފަހު މަރަދޫފޭދޫއަށް ބޯޓު އެހެލައި ފަށަނުން ފެށިގެން ވީލްހައުސްއާ ހަމަޔަށް ވަރަށް ބޮޑަށް މަރާމާތުކޮށް އައުކޮށްގެން ދެން މިބޯޓު ދުއްވީ އަހުމަދު ޒާހިރެވެ. ބޯޓު އައުކުރިޔަސް ބައްޓަމަކަށް ބަދަލެއް ނުގެނެއެވެ. ހަނި ދިގު ބައްޓަމެކެވެ. އެހެންވީމާ ވަރަށް ބޮޑަށް ރޯލްކުރެއެވެ. ރޯލްކުރުމޭ ކިޔަނީ ދެފަރާތަށް އަރިވުމަށެވެ.

ހުޅުދުވަށް ދެކުމާދިޔުން

ބޮޑެތި މަސައްކަތް ނިމުނީމާ އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން ގިނަބަޔަކު އެއްވެގެން ހިފައިގެންދާ ހަދިޔާއަށް ކިޔަނީ ދެކުމެވެ. އެޒާތުގެ ހަދިޔާ ހިފައިގެން އެތާކަށް ދިޔުމަށް ކިޔަނީ ދެކުމާދިއުމެވެ. މިއީ އައްޑޫގައި ވަރަށް ފަހަކާޖެހެންދެން ގެންގުޅުނު އާދައެކެވެ. ދެކުމަށް ގެންދިޔުމުގެ ބޮޑު މިންވަރަކީ އާއްމުގޮތެއްގައި ފަރިވަޅެވެ. އެންމެ ކުޑަ މިންވަރަކީ ކުބުހެވެ. ކުބުހަކީ އުނދުނުގައި ފިހެއުޅޭ ބޯކިބާޒާތުގެ ފޮނި އެއްޗެކެވެ. ކުރީޒަމާނުގައި އައްޑޫގައި ވަރަށް މަޝްހޫރު އެއްޗެކެވެ.

ހުޅުދޫ ކުދުމުހަދާ (މުހައްމަދުހާޖީ) ގެ ކުދީން ބޯޓެއް ބަނދެ ނިންމައިފިއެވެ. ނަމަކީ ޗިލްކާބޯޓެވެ. ކުދުމުހަދާގެ ކުދީންގެ ތެރެއިން މިކަމުގައި އިސްވެހުރީ އިބްރާހިމް މުހައްމަދެވެ. ޗިލްކާބޯޓު ބަނދެ ނިމުނީ ހުޅުދޫ އެހެން ބޯޓެއް ކަމަށްވާ ކެނެރީބޯޓާއި ދާދި އެކުއެކީގައެވެ. ކެނެރީބޯޓަކީ އެޅެހިށިގޭ އަހުމަދު ސާލިހުގެ އިބްރާހިމް ހިލްމީގެ ބޯޓެވެ. ކެނެރީބޯޓު ބަނދެ ނިމުމުން ހުޅުދުވާއި މީދޫގައި ތިބި ހިލްމީގެ ތިމާގެ މީހުން ވަރަށް ބޮޑަށް ދެކުންކޮށްފިއެވެ.

މިކަން މިމަގުން ހިގާފައި އޮތީމާ ޗިލްކާބޯޓުގެ މަސައްކަތް ނިމުމުން ދެކުމާދިއުމުގެ ރޫހު އިބްރާހިމް މުހައްމަދުގެ ތިމާގެ މީހުންގެ ތެރޭގައި ވަރަށް ބޮޑަށް އޮތެވެ. ފޭދޫއާއި މަރަދޫފޭދޫގައިވެސް އިބްރާހިމް މުހައްމަދާއި ވަރަށް ތިމާގެ މީހުން ތިއްބެވެ. ފޭދޫގައި ހުރި އެންމެ ތިމާގެ މީހަކީ އިބްރާހިމް މުހައްމަދުގެ ބޮޑުދައިތަ ކައްދަދިޔައެވެ. މި ކައްދަދިޔަކީ އިބްރާހިމް މުހައްމަދުގެ ބައްޕަ ކުދުމުހަދާޔާއި އެއްބަނޑުއެއްބަފައި އަންހެނެކެވެ. ފޭދޫގައި ކައްދަދިޔަ މަޝްހޫރުވެފައިވަނީ ރަހާބެއްޔާގެ ކައްދައްތަގެ ނަމުންނެވެ. ގެޔަކީ ފޭދޫ ކަންޒުދޮށުގެއެވެ.

ރަހާބެއްޔާގެ ކައްދައްތައޭ ކިޔުނީ ފޭދޫ ރަހާބެއްޔާއާއި އިނދެގެން އެރަށުގައި ވަޒަންވެރިވުމުންނެވެ. ރަހާބެއްޔާއަކީ ޑރ ހަސަން ސައީދާއި ޕްރޮފެސަރު އަބްދު ﷲ ސައީދުމެންގެ ކާފައެވެ. ރަހާބެއްޔާގެ މުހައްމަދު ސައީދަކީ ޑރ ހަސަން ސައީދުމެންގެ ބައްޕައެވެ. ކައްދަދިޔެއާއި އިނުމުގެ ކުރީންވެސް ރަހާބެއްޔާ ހުޅުދޫން އެހެން ދެކައިވެންޏެއްކޮށްގެން އެދެބަނޑުންވެސް ކުދީން ލިބިފައިވެއެވެ. ރަހާބެއްޔާއަކީވެސް ހުޅުދުވަށް އުފަން ހުޅުދޫ މީހެކެވެ. އެއީ ހުޅުދޫ މާލިމީގެ މުހައްމަދުރަހާގެ ރަހާބެއްޔާއެވެ. ހުޅުދޫގައި އޭނާ މަޝްހޫރީ ކުޑޭގެ ރަހާގެ ނަމުންނެވެ.

ހުޅުދޫން ރަހާބެއްޔާ ކުރި ފުރަތަމަ ކައިވެނިން އަބްދު ﷲ މަނިކުފާނޭ ކިޔުނު ކުއްޖަކު ލިބިފައިވެއެވެ. ދެވަނަޔަށް ރަހާބެއްޔާ އިނީ އޭނާއާ ދެބެއިންގެދަރި އަންހެނަކާއެވެ. އެއީ ހުޅުދޫ މާލިމީގެ ދޮންރަހާގެ މަރިޔަމްދީދީއެވެ. މި މަރިޔަމްދީދީގެ މަންމަޔަކީ މީދޫ ގަޑުވަރު އަހުމަދުދީދީގެ ދަލޭކައިދީއެވެ. މަރިޔަމްދީދީގެ ބަނޑުން ރަހާބެއްޔާއަށް ލިބުނު ހަތަރުފަސްކުދީންގެ ތެރެއިން އެކަކީ ފޭދޫ ދިއްގާގަސްދޮށުގޭ މުހައްމަދު ސައީދެވެ. ޑރ ހަސަން ސައީދުމެންގެ ބައްޕަޔަކީ މި މުހައްމަދު ސައީދެވެ.

މަރިޔަމްދީދީ ނިޔާވުމުން ކޮޅުމަޑުލު މަޑިފުށީގައިވެސް ދުވަސްކޮޅަކު ދިރިއުޅެ އެރަށުންވެސް ރަހާބެއްޔާ ކައިވެންޏެއް ކުރިއެވެ. ކުދީންވެސް ލިބުނެވެ. އެހެންވީމާ އެރަށުގައިވެސް ރަހާބެއްޔާގެ އައުލާދު އެބައޮތެވެ. އެނބުރި އައްޑުއަތޮޅަށްގޮސް ދެން ރަހާބެއްޔާ ކައިވެނިކުރީ ހުޅުދޫ ކައްދަދިޔެއާއެވެ. ރަހާބެއްޔާ ނިޔާވިއިރު އިނދެގެންހުރީ މި ކައްދަދިޔެއާއެވެ. މިބަނޑުންވެސް ކުދީން ލިބުނެވެ. މިބަނޑުން ލިބުނު އެއްކުއްޖަކީ ރަހާބެއްޔާގެ ރަޝީދާއެވެ. ގްރީކްބޯޓު ބަންޑުން ޖަހައިލި ހާދިސާ ހިގިއިރު ފޭދޫ ބޭރެގޭ އަފީފު އިނދެގެން ހުރީ މި ރަޝީދާއާއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!