އީގަލްބޯޓުގެ ބިރުވެރި ދަތުރު 6

މާލެއަށް ފުރުވައިލުން

ވަރުބަލިވެފައި ތިބިވަރުން އެންމެންނަށް ނިދިއްޖެއެވެ. ހޭލެވުނުއިރު ލޯރި އޮތީ ފެހިކުލައިގެ އިމާރާތެއްގެ ކައިރީގައެވެ. އެއީ ސިލޯނުގެ ވެރިރަށް ކޮޅުނބެވެ. އިރުކޮޅަކު މިތާގައި މަޑުކޮށްގެން ތިބުމަށްފަހު ދެންދިޔައީ ކޮޅުނބުގެ ބަނދަރަށެވެ. އެބަނދަރުން ގެންދިޔައީ ދިވެހި ބޯޓަކަށެވެ. ބޯޓުގެ ނަމަކީ މަގުއްދޫބޯޓެވެ. މި ބޯޓަކީ ދިވެހިރާއްޖެއިން ހިކިމަސްހިފައިގެން ސިލޯނަށް ދިޔަ ބޯޓެކެވެ. ބޯޓުގެ ވެރިޔަކީ އަދި އިންޖިނޭރަކީ ގާފަރު ނަސީމެވެ. އެންމެންވެސް މި ބޯޓަށް އަރައިފިއެވެ. ދެން ބޯޓު ކައިރީގައި ދެ ފުލުހަކު ފޯރިމަރާން ފަށައިފިއެވެ. އޭރުވެސް ބޯޓުގައި ހިކި ކަނޑުމަސް ހުއްޓެވެ.

ބޯޓު ހުސްކުރެވުނީ ހަ ދުވަސް ފަހުންނެވެ. ބޯޓު ހުސްކުރުމަށްފަހު ބޯޓުޔާޑަކަށް ގެންގޮސް ބޯޓު އެހެލައި ބޭރުގައި ހުރި ގާތައް ތަޅައި ސާފުކޮށް ދަވާދު އާކޮށްފިއެވެ. މިމަސައްކަތް ނިމުމުން ބޯޓު ބާލައި ކުރުވާޓަރުން ބޭރުގައި އަޅައިފިއެވެ. މިހުރިހާ މަސައްކަތެއް ކުރަމުން ދިޔައިރުވެސް ދިވެހިން ތިބީ ބޯޓުގައެވެ.

މަގުއްދޫބޯޓުގައި މިގޮތަށް ތިބޭތާ ދުވަސްތަކެއް ފަހުން އިންޑިޔާއިން މުދާ ހިފައިގެން މެރިނަރުބޯޓު އައިސް ސިލޯނުގައި ބަނދަރު ކޮށްފިއެވެ. މަގުއްދޫބޯޓުގައި ތިބި މީހުންގެ ތެރެއިން ފަނަރަ މީހަކު މެރިނަރުބޯޓުން ފުރަން އަންގައިފިއެވެ. އެބޯޓުން ގެންދަންވާ ހުރިހާ ސާމާނެއް ހުރީ ބަނދަރުގައި އޮތް ބާޖެއްގައެވެ. އެންމެ ގިނައިން ހުރީ ފޯކެވެ. އެތަކެތި ހުރީ ވަރަށް ރަނގަޅަށް ބަންދުކޮށްފައެވެ. ބާޖުގައި މުދާ ބެހެއްޓުމުގެ ސިއްރަކީ ޑިއުޓީން ސަލާމަތް ކުރުމެވެ. ތިން ދުވަސް ފަހުން މެރިނަރުބޯޓާއި މަގުއްދޫބޯޓު ސިލޯނުން ފުރައިފިއެވެ.

ހާލުގައި ޖެހުނު މީހުން މާލޭގައި

ސިލޯނުން ފުރައިގެން މެރިނަރުބޯޓު ދަތުރުކޮށްފައި އައިސް ރާއްޖޭގެ ސަރަހައްދަށް ވަދެވުނުތަނާ މަތިންދާބޯޓެއް ބޯމަތީން ދެތިން ބުރު އަޅައިފިއެވެ. މިކަމާ ބިރުން މީސްތަކުން އުޅެގެންފިއެވެ. އެއީ ބަންގާޅުގެ މިނިވަންކަމުގެ ހަގުރާމައިގެ ދުވަސްވަރެވެ. އެހެންވީމާ ނުރައްކާތެރި ހަމަލާއެއް އަތުވެދާނެކަމުގެ ބިރުހީވީއެވެ. އެހެންވެ އަމާންދިނުމާއި ރަހުމަތްތެރިކަމުގެ ނިޝާނެއްގެ ގޮތުން ބޯޓުގައި ހުދުދިދައެއް ނަގައިފިއެވެ. ބޯޓުގެ ކައްޕިތާނު ބުންޏެވެ. ބިރުނުގަންނާށެވެ. މިތިބީ ރާއްޖޭގެ ސަރަހައްދުގައެވެ. މެރިނަރުބޯޓަށް މާލެ އާދެވުނީ ފަސް ދުވަހުގެ ދަތުރަކަށްފަހުއެވެ.

މާލޭގައި ބަނދަރުކުރުމާއެކު ކަސްޓަމުގެ މުވައްޒަފުން ބޯޓަށް އަރައި އީގަލްބޯޓުން ބެހުނު މީހުން ގޮވައިގެން ކަސްޓަމަށް ގެންގޮސްފިއެވެ. އެމީހުންނަށް އެންގީ އައްޑުވަށް ފުރާ ބޯޓެއް ފެންނާންދެން މާލޭގައި ތިބުމަށެވެ. މާލޭގައި ތިބޭ ކޮންމެ ދުވަހަކަށް ކޮއްތުގެ ގޮތުގައި ކޮންމެމީހަކަށް ދޮޅުރުފިޔާ ދޭނެކަންވެސް ސަރުކާރުން އެންގިއެވެ. މާލޭގައި ގިނަ ދުވަސްތަކެއް ހޭދަކުރާން ޖެހުނެވެ.

އައްޑުވަށް ފުރާ ބޯޓެއްގެ އިންތިޒާރުގައި ތިއްބައި ސުވާސާބޯޓު މާލެ އަތުވެއްޖެއެވެ. އެޒަމާނަކީ ދަތުރުފަތުރު މަދު ދުވަސްވަރެކެވެ. ބޭނުންއިރަކު ފުރައިގެން ދެވޭނެ ގޮތެއް ނޯވެއެވެ. ސުވާސާބޯޓު އައުމުން އެބޯޓުން ފުރުމަށްޓަކައި ތައްޔާރުވަމުން ދަނިކޮށް އީގަލްބޯޓުވެސް މަރާމާތަށްފަހު ލަންކާއިން އަތުވެއްޖެއެވެ. ސިލޯނު ސަރުކާރުން ދިން ތެލުން ބޯޓު ދުއްވާފައި މާލެ ދިޔައީއެވެ. އޭގައި ތިބީ ޖުމްލަ ތޭރަ މީހުންނެވެ. އީގަލްބޯޓަށް މާލެ އާދެވުނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ދެން އީގަލްބޯޓުގައި ހުރި ފޮށިތައް ނަގައި ސުވާސާބޯޓަށް އަރުވައި އެބޯޓުން ފުރީއެވެ. އަމާން ދަތުރަކަށްފަހު ސުވާސާބޯޓު އައްޑުވަށް ފޯރީ 1972 ވަނައަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އީގަލްބޯޓުން މާލެ އައިދުވަސްވަރުގެ ގަވައިދަކީ ބެހިގެންވިޔަސް އަދި އެނޫންގޮތަކުންވިޔަސް ރާއްޖެއިން ބޭރުގައި އޮވެފައި މާލެ އަންނަ އުޅަނދެއްވިއްޔާ ކަނޑައެޅޭ ވަކި މުއްދަތެއްގެ ނިޔަލަށް ކަރަންޓީނުގައި އޮންނާން ޖެހެއެވެ. މިގޮތަށް އޮންނާން ޖެހޭނީ މާލެއާ ދުރު ކޮންމެވެސް ފަޅެއްގެ ތެރޭގައެވެ. އެކަކަށްވެސް މާލެއަށް ފޭބޭނީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ސަރުކާރުން އާނ ދެން މާލެއަށް ފޭބިޔަސް ހެވޭ އެންގުމުންނެވެ.

އީގަލްބޯޓަކީ ބެހިގެން ވަރަށް ހާލުގައި އުޅެއުޅެފައި މާލެ އައި އުޅަނދެއްވީމާ ކަރަންޓީނެއް އެހެން ޓީނެއް ހަނދާންނެތި އޭގެ ފަޅުވެރީން މާލެއަށް ފައިބައި ގޭގެޔަށްވަދެ އުޅެގަތީމާ ސަރުކާރުގެ ކަމާބެހޭ އިދާރާގެ ވެރީން ހިތަހަމަނުޖެހިގެން ބޯޓުގެ ވެރީންނާ ސުވާލުކޮށްފިއެވެ. އެޒާތުގެ ގަވާއިދެއް އޮންނަކަން ނޭގެޔޭ ބުނީމާ އަވަސްއަވަހަށް އިއުލާނެއް ނެރެ ދެންވެސް އަމަލުކުރާންޖެހޭނީ މިގޮތަށޭ ބުނެ އާއްމުކޮށްފިއެވެ. މި އިއުލާނެއް ނެެރުނީ އީގަލްބޯޓު މާލެ އައިތާ ހަފުތާއެއްފަހުން އަށެއް ޑިސެމްބަރުގައެވެ. ކަރަންޓީނު ގަވާއިދާ ޚިލާފުވެގެންނޭ ކިޔާފައި ނަސީބަކުން ބޯޓުގެ ވެރީންނާއި ފަޅުވެރީން ކުށްވެރިކުރާކަށް ވަޒީރަކަށްވެސް ކެރިވަޑައެއް ނުގަތެވެ.

ބެހުނު މީހުންގެ އާއިލާތަކުގެ ހާލަތު

އަންހެނުން ވިހާދުވަހަށް ބޭނުންވާނެ ސާމާނު ގަތުމަށްޓަކައި މާލެދިޔަ ދަތުރު ނިންމާފައި އަލިބެއްޔާގެ އިބްރާހިމްދީދީއަށް ރަށަށް އާދެވުނުއިރު އަންހެނުން ވިހައިފިއެވެ. ވިހެއީ އަންހެން ކުއްޖެކެވެ. މާލެދާން ތުނޑާގެ ތުއްތުދީދީ ފުރިއިރު އޭނާގެ އަންހެނުންވެސް އިނީ ބަލިވެއެވެ. އެނބުރި ރަށަށް އާދެވުނުއިރު އަންހެނުން އޮތީ ވިހައިގެންނެވެ. ފިރިހެން ކުއްޖެކެވެ.

އީގަލްބޯޓުން ދަތުރުކުރި މީހުން ހާލުގައިޖެހި ކަނޑު މަތީގައްޔާއި ސިލޯނުގެ ބަނދަރުތަކުގައި އުޅުނު ވާހަކަ ލިޔެނިމުނީއެވެ. ދެން ބަޔާންކުރާނީ އެބޯޓުން ދަތުރުކުރި ބައެއް މީހުން ގެއްލިގެން އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިން ކުރި ހިތާމަޔާއި އުޅުނު ގޮތުގެ ވާހަކައެވެ.

އީގަލް ބޯޓު އައްޑުވަށް ދިއުމަށްޓަކައި ހައްދުންމަތިން ފުރިފަހުން އެއްވެސް ޚަބަރެއް ނުވާކަން ރަށުގައި ތިބި މީހުންނަށް އެނގުނީ މާލެއިން އައްޑުވަށް އައި އެހެން ބޯޓުފަހަރުގެ މީހުންގެ ފަރާތުންނެވެ. ހައްދުންމަތިން ފުރިރޭގައި އެސަރަހައްދަށް ގަދަފަދަ ތޫފާނެއްގެ އަސަރުކުރިކަމާއި އާދަޔާއިޚިލާފަށް ކަނޑު ގަދަވީކަން އެނގުނީ އެމީހުންގެ ފަރާތުންނެވެ.

މި ޚަބަރުން ސިހުން ލިބި ބޯޓުން ދަތުރުކުރި މީހުން ކަނޑުވެ މަރުވީކަމަށް ބައެއް މީހުން ނިންމައިފިއެވެ. ފާތިހާވެސް ކިޔަވައިފިއެވެ. އީގަލްބޯޓުން ދަތުރުކުރި ބައެއް މީހުންގެ އަނބިން ތިބީ ބަލިވެއެވެ. އެމީހުންގެ ދަރިން ޔަތީމު ވެއްޖެކަމަށްވެސް ނިންމައިފިއެވެ. މުދާ ބެހުމުގެ ހަރަކާތެއްވެސް ހިންގައިފިއެވެ.

މީދޫ އަލިބެއްޔާގެ އިބްރާހިމްދީދީގެ ބައްޕަ އަލިބެއްޔާގެ އަހައްމަައިދިއަކީ ހުވަދޫ ދާންދޫ ދޮންތައްކާނު އޮޑިން ކޮޅުނބަށް ކުރި ދަތުރެއްގައި ގެއްލިފައިވާ މީހެކެވެ. އެއޮޑީން ދަތުރުކުރި އެއްވެސް މީހެއްގެ ޚަބަރެއް ނުވެއެވެ. އެހެންވީމާ ފިރިމީހާ ގެއްލުނުގޮތަށް ދަރިފުޅުވެސް ގެއްލުނީކަމަށް ހީކޮށް އިބްރާހިމްދީދީގެ މަންމަ ހުރީ ނުހަނު ހިތާމައިގައި ގިސްލުމުގައެވެ. އެހެންނަމަވެސް އުއްމީދު މުޅިން ދޫކޮށެއް ނުލައެވެ. ފިރިމީހާއަށް ދިމާވި ހިތާމަވެރިގޮތް ދަރިފުޅަށް މެދުވެރި ނުކުރައްވާތޯ ކެނޑިނޭޅި ދިޔައީ ދުއާކުރަމުންނެވެ.

މީދޫ ތުނޑާގެ ތުއްތުދީދީގެ މަންމަ އާމިނައިދީވެސް އުޅުނީ ހަމަ މިކަހަލަ ހާލެއްގައެވެ. އައިމިނާދީ ވަނީ ގެއްލުމުގެ މިކަހަލަ އެހެން ދެ ހާދިސާއެއް ތަޖުރިބާކޮށްފައެވެ. އައިމިނާދީގެ ބައްޕަ ހަސަންކާރި އަލިދީދީއަކީ ދަތުރުކުރި އޮޑި ބެހިގެން އެފްރިކާގެ އައްސޭރިޔަށް ދެވި އޮޑި ދޫކޮށްލާފައި އަހަރަކުން އެނބުރި ރަށަށް އައި މީހެކެވެ. އައމިނާދީގެ ފިރިމީހާ ހަސަންކާރި އިބްރާހިމްދީދީއަކީވެސް ބެހިގެން ބަންގާޅަށް ދެވި އެހިސާބަށް އޮޑިދޫކޮށްފައި ވަރަށް ގިނަ ދުވަސް ފަހުން އެނބުރި އައި މީހެކެވެ. އެހާގިނަދުވަސް ފަހުން ބައްޕަޔާއި ފިރިމީހާވެސް ފެނިފައިވާތީ ދަރިފުޅާމެދު އައިމިނާދޯ އުއްމީދު ދޫކޮށެއް ނުލައެވެ. އެހެންވެ ބޯޓުގެ ޚަބަރެއްވޭތޯ ހުޅުދޫ މަޖުދީ ގެނެސްގެން ރާފަޅާދޮށުގައި ވޯކީޓޯކީން އީގަލްބޯޓަށް ގޮވުން އޮވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!