އީގަލްބޯޓުގެ ބިރުވެރި ދަތުރު 4

ކުރީފަހަރު ފެނުނު ބޯޓު އެއްވެސް އެއްޗެއްނުދީ އެހީތެރިކަމެއް ފޯރުކޮށްނުދީ ދުއްވާލުމުން އެންމެންވެސް ވަރަށް ދެރަވިއެވެ. މާލިމީ ބުންޏެވެ. ދެރަނުވާށެވެ. މިހިސާބުން އިތުރު ބޯޓުފަހަރުވެސް އަދިފެންނާނެއެވެ. މާލިމީގެ މިބަސް ގަބޫލުކޮށްގެން އެންމެންވެސް ހިތްހަމަޖައްސައިގެން ތިބެއްޖެއެވެ.

އަނެއްކާވެސް ބޯޓެއް ފެނިއްޖެއެވެ. އެބޯޓު ފެނުމާއެކު އީގަލްބޯޓްގެ މީހުން ދިދައެއް ހޫރަން ފަށައިފިއެވެ. އެކަމަކު ކައިރިނުކޮށް އެބޯޓުވެސް ހިގައްޖެއެވެ. ތިންވަނަ ބޯޓެއްވެސް ފެނިއްޖެއެވެ. އެބޯޓުވެސް ކައިރިނުކޮށް މާދުރުން ހިގައްޖެއެވެެ. އެބޯޓު ދިއުމުން ހުސައިން މަނިކުފާނު އަންގައިފިއެވެ. ހާލުގައި ޖެހިފައިވާ ބައެއްކަން އެންގުމަށް ފޮތިގަނޑެއްގައި ނުވަތަ ބޯޑެއްގައި ލިޔެފައި ބޯޓުގެ ކުނބަށް ނަގަންވީއެވެ. އެހެން ބުނެފައި އީގަލްބޯޓުގެ ހާލުގެ ވާހަކަ އެންގުމަށް ބޯޑެއްގައި އިނގިރޭސިބަހުން ލިޔެ ކުނބަށް ނެގީއެވެ.

އިބްރާހިމް މަނިކުފާނު ޕްލައިވުޑް ފިލަޔަކާއި ފޮތިގަނޑަކާއި ލިޔާނެ ސާމާނު ނެރެފިއެވެ. މިތަކެތި ނެރުމުން ހުސައިން މަނިކުފާނު ބުންޏެވެ. އަހަރެން ދަންނަނީ އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ކިޔާށެވެ. ލިޔާކަށް ނުދަންނަމެވެ. އިނގިރޭސި ބަހުން ލިޔަން ދަންނަ މީހަކު އެބަހުރިބާވައެވެ. ހުވަދޫ ދޮންއަލިފުޅުގެ މުހައްމަދު އަލީ ބުންޏެވެ. އަހަރެން ލިޔެފާނަމެވެ. ލިޔަންވާގޮތް ކިޔައިދެނީ ހުސެން މަނިކުފާނެވެ. ލިޔަނީ މުހައްމަދު އަލީއެވެ. ބޯޓުގައި ތިބި މީހުންނަށް އެގޭ ވަރުން ލިޔުނީ މިހެންނެވެ. މާލެއިން ފުރައިގެން އައްޑުވަށް ދަނިކޮށް ބެހުނު ބައެކެވެ. އެހީއަށް އެދެމެވެ. ބޯޑުލިޔެ ނިމުމުން ބޯޓުގެ ރިޔާ ތިރިކޮށް ކުނބުގެ ކޮޅަށް ބޯޑުނަގައި ހަރުކޮށްފިއެވެ. އަދި ފޮތިގަނޑުވެސް ކުނބަށް ނަގައިފިއެވެ. ބޯޑު ވީހާވެސް މައްޗަކަށް ނަގައި ދެންވާއެއްޗެއްގެ އިންތިޒާރުގައި ތިބީއެވެ. އެކަމަކު އެއްވެސްބައެއްގެ އެހީތެރިކަމެއް ނުލިބި އެދުވަހުގެ އިރުއޮއްސި އަނދިރިވެއްޖެވެ.

އެހީ ލިބުމާއި ސިލޯނު ފެނުން

މިގޮތަށް ބޯޑު ބަހައްޓައިގެން ތިއްބައި އަނެއްދުވަހު ހެނދުނު ހޭލިތަނާ ބޯޓެއް ފެންނާން ފަށައިފިއެވެ. އެއީ ހަތް ފަލްކާގެ ވަރަށް ބޮޑު ބޯޓެކެވެ. ބޯޓު އަންނަނީ އީގަލްބޯޓާއި ދިމާއަށެވެ. އެބޯޓުއައިސް އީގަލްބޯޓުގެ ވައިމަތިން ކައިރިކޮށްފައި ސުވާލުކުރިއެވެ. ކަލޭމެންނަކީ ކޮންބައެއް ހެއްޔެވެ. އީގަލްބޯޓުން ބުންޏެވެ. ހާލުގައި ޖެހިފައިވާ ބަަޔަކީމެވެ.
ބޭނުންވަނީ ކޮންކަމެއްތޯ އެވެރީން ސުވާލުކުރީމާ ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ބުނީ އީގަލްބޯޓުގައި ތިބި މީހުންކޮޅު ނެގުމަށް އެދިގެންތިބި ވާހަކައެވެ. ބޯޓުގެ ވެރިންގެ ގަސްތަކީ ފަސިންޖަރުންގެ ގޮތުގައި އަރައިތިބި އެންމެން އާގުބޯޓަށް ލައިފައި ފަޅުވެރީން ބޯޓުގައި މަޑުކޮށް ސިލޯނަށް ދިއުމަށެވެ.

މިވާހަކަ މިގޮތަށް ބުނީމާ އެއްވެސް ޖަވާބެއްނުދީ ދުރަށް ޖެހިލައިގެން ގަޑިއެއްހާއިރު ތިބުމަށްފަހު އަލުން ކައިރިކޮށްފައި ބުންޏެވެ. ކަލޭމެންގެ ވާހަކައިގެ މެސެޖު ހަމަދެންމެ ސިލޯނަށް ފޮނުވައިފީމެވެ. ސިލޯނުންވެސް ޖަވާބުދީފިއެވެ. އެމީހުން ބުނެއެވެ. ކަލޭމެން ބަލައި ސިލޯނުގެ ކަނޑުގެ ސިފައިންގެ ބޯޓެއް އެބައާދެއެވެ. އަދިވެސް ސިލޯނުން ބުންޏެވެ. ދިވެހީންގެ އެއްޗެއް ގެއްލިފައިވާކަން ދިވެހި ސަރުކާރުންވެސް ސިލޯނަށް ވަނީ އަންގައިފައެވެ. މިޚަބަރު އިވުމުން އީގަލްބޯޓުގައި ތިބި ދިވެހީން ވަރަށް އުފާކޮށްފިއެވެ. ދިވެހި ދައުލަތުން ދިވެހީންތަކެއްގެ ހާލު މިހާހިސާބުގައިވެސް ބަލަމުން އެބަދާކަން އެގިފައެވެ. ދިވެހި ދައުލަތުގެ އެހީ މިހާވަރުންވެސް ލިބުނުކަމާމެދުގަައެވެ.

ދެން އީގަލްބޯޓަށް އެހެން އެންގުމެއްވެސް އަންގައިފިއެވެ. ތިމަންނާމެން މިއުޅެނީ ކަލޭމެންގެ ބޯޓާއި ކައިރިވުމަށޭ ކަލޭމެންގެ ހަމައެކަކުވެސް މިބޯޓަށް އަރައިގެން ނުވާނެޔޭ އަރައިފިއްޔާ އެހީއެއްނުވެ ތިމަންނާމެން ދާނީއޭ ބުނެފިއެވެ. ޖަވާބުގައި އީގަލްބޯޓުން ބުންޏެވެ. ނާރާނަމެވެ. ސިލޯނުން އީގަލްބޯޓާއިމެދު ދެއްކި ވާހަކަ ތެދުތޯ ބެލުމަށް ތަކުރާރުކޮށް ސުވާލުކުރިއެވެ. އެ ސުވާލުތަކުގެ ޖަވާބުގަައި އާގުބޯޓުގެ ފަޅުވެރީން ހުވާކޮށްފައި ބުނީ އަންގައިފިކަމަށާއި ސިލޯނުގެ ކަނޑުގެ ސިފައިން މިހާރު މިކަމާއި އުޅެގެންފި ކަމުގައެވެ. ދެން އެމީހުން ބުންޏެވެ. ކަލޭމެން މިހިސާބުގައި މަޑުކޮށްގެން ތިބޭށެވެ. އަހަރެމެން ކަލޭމެންނަށް ދޭނީ ތިންއިރުގެ ކޮއްތާއި ބޯފެނެވެ. އަދި ފަސްގެލަން ޑީސަލެވެ. ޑީސަލް ދީފައި ބުންޏެވެ. ކަލޭމެން ބަލައި ސިލޯނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއް އައީމާ އެ އުޅަނދާއި ކައިރިކުރުމަށް ތިޔަ ތެލުން އިންޖީނު ސްޓާޓްކޮށްގެން ދުއްވާށެވެ. މި އެންގުން އަންގާފައި އާގުބޯޓު ދުއްވާލައިފިއެވެ.

އެބޯޓަކީ އިންޑިޔާގެ ޗެންނާއީގެ ބޯޓެކެވެ. މުޅި ބޯޓުގައިވެސް ތިބީ އިންޑިޔާ މީހުންނެވެ. މިއެހީ ދީފައި އެބޯޓު ދުރަށްގޮސް އަދި އޮބާނުލަނީސް މަތިންދާބޯޓެއް އަތުވެއްޖެއެވެ. އޭރު ހަވީރު ފަސްގަޑިބައި ވަނީއެވެ. އެބޯޓުއައިސް ބޯމަތީގައި ތިންހަތަރު ބުރެއް ޖަހާލައިފިއެވެ. ދެން އެގޮތަށްގޮސް އޮބާލާފައި އަައިސް އަނެއްކާވެސް އީގަލްބޯޓާދިމާލުން މަތީގައި ބުރުތަކެއް އަޅައިފިއެވެ. މިގޮތަށް އިރުއޮއްސޭންދެންވެސް އުޅުނެވެ. އިރުއޮއްސުނީމާ ދެން ފޮނުވަނީ އައްޔެކެވެ. އެ އަލި އުތުރާއި ދިމާއަށްވެސް ފޮނުވާން ފަށައިފިއެވެ. މިކަންތައް މިގޮތަށް ހިނގާން ފެށީމާ އީގަލްބޯޓުގައި ތިބި މީހުންނަށް ޔަގީންވީ ސިލޯނުގެ ސިފައިންގެ އުޅަނދެއް އަންނަނީކަމެވެ. މި މަތިންދާބޯޓުން މިކުރާކަމަކީ އެއަށް އީގަލްބޯޓު ދައްކައިދެނީއެވެ. އެގޮތަށް މަސައްކަތްކުރަމުންގޮސް އިރުއޮއްސި ހަގަޑިބައިވަންދެން އެ އައްޔެއް ފޮނުވަފޮނުވާފައި މަތިންދާބޯޓު ގެއްލިއްޖެއެވެ. އެރޭ ހަތެއް ޖެހިތަނާ ސިލޯނުގެ ކަނޑުގެ ސިފައިންގެ އުޅަނދެއްގެ އަލި ފެނިއްޖެއެވެ. އަލި އަންނަނީ އުތުރުންނެވެ. ވަރަށް ގަދަ އައްޔެކެވެ.

ދެން އީގަލްބޯޓުގައި ހުރި ރިޔާތައް ދޫކޮށްލައިފައި ތައްޔާރުވެގެން ތިބީއެވެ. އޭރު ތިބީ ދެންވާނެ ވަކިގޮތެއް ނޭގިފައެވެ. އެބޯޓަށް ނަގަނީ ބޯޓުގައި ތިބި މީހުންކަމެއް ނުވަތަ ބޯޓާއެކީގައި ދަނީކަމެއް މިއިން އެއްވެސް ގޮތެއް ނޭގޭކަމުން އެ ދެގޮތަށްވެސް ތައްޔާރުވެގެން ތިބީއެވެ. އެރޭ އަށްގަޑި ބައިނުވަނީސް ކުޑަވަރެއްގެ ޓަގުބޯޓެއް އީގަލްބޯޓާއި ކައިރިކޮށްފައި ކެޕްޓަން ކޮބައިހޭ އަހައި ސުވާލުކޮށްފިއެވެ. ދެން މުހައްމަދު މަނިކުފާނު ކުރިއަށްޖެހި ކެޕްޓަނަކީ ތިމަންނާއޭ ބުނީމާ ސުވާލުކުރީ ދާން ބޭނުމީ ކޮންތާކަށް ހެއްޔެވެ. މުހައްމަދު މަނިކުފާނު ބުންޏެވެ. ދާން ބޭނުންވަނީ ސިލޯނަށެވެ. ކުރީ ބޯޓުގެ މީހުންވެސް ބުނެފައި އޮތީ ސިލޯނާއި ދާދި ކައިރީގައި ތިބެވުނު ކަމަށެވެ. އެހެން ބުނީމާ ޓަގުބޯޓުން ސުވާލުކޮށްފިއެވެ. ސިލޯނު ކޮބައިހެއްޔެވެ. ދެން ނޭގެޔޭ ބުނީމާ އަންގައިފިއެވެ. އަހަރެމެން މިއުޅެނީ ކަލޭމެން ކަފުޖަހަން ކަމަށެވެ. އެހެންބުނެފައި ދިނީ ސުތުލި ވަލެކެވެ. އީގަލްބޯޓުގައި ވަރަށް ފަލަ ނައިލޯނު ވަލެއް އޮތްކަމުން ނައިލޯނު ވައުރޯލު ރޫޅާލައިގެން ކޮޅުފަސްކޮޅުގެ އެކިތަންތަނުގައި ބަނދެ ހައްޔަރުކުރުމަށްފަހު ވަލުގެ އަނެއްކޮޅު ޓަގުބޯޓަށް ދީފިއެވެ. އެވައު ދިނީމާ ކަފުޖަހައިގެން ހަމައެވަގުތު ދުއްވާން ފަށައިފިއެވެ.

ކަފުޖަހައިގެން ދުއްވައިލީމާ ކުރިއަށް ދަނީ ވަރަށް މަޑުންނެވެ. މިޒާތަކަށް ކަފުޖަހައިގެން ދުއްވައިލީމާ އީގަލްބޯޓުގެ މީހުން ވީއުފަލަކުން ފެނަށް ގެރިކިރު އަޅައި ގިރައިގެން އެއިގެތެރެއަށްް ބިސްކޯދުވެސް އަޅައިގެން ކައިބޮއެ އުޅޭންފަށައިފިއެވެ. ފަތިސްވެގެން އައިވަގުތު މޫސުން ގޯސްވެއްޖެއެވެ. މީހުން ހޮޑުލާން ފަށައިފިއެވެ. އިރުއަރައި އަލިވިއިރު ކުރިމަތިން ސިލޯނު ފެންނާން އޮތެވެ. ސިލޯނުގެ އިރުއުތުރުގައި މުއްޔެއް ގޮތަށް ބޭރަށް ނުކުމެފައި އޮންނަ ރަށެއް ކަމުގައިވާ ޓްރިންކޮމަލީއާ ހަމަޔަށް ފޯރީ އެދުވަހުގެ މެންދުރުފަހު ތިނެއްވެސް ޖެހިފަހުންނެވެ. ޓްރިންކޮމަލީގެ ބަނދަރަށް ވަންނަން އައިސް ބައްތިޔާއި ހަމަވީތަނާ އެހެން ލޯންޗެއް އައިސް ކައިރިކޮށްފިއެވެ. އެއީ ޕައިލެޓް ލޯންޗެވެ. ޓަގުބޯޓުގެ ކުރީގައި އޮވެގެން އެއުޅަނދު ދުއްވާފައިގޮސް ކޯރުން ވަދެއްޖެއެވެ. ބަނދަރުގެ އެތެރެޔަށް ވައްދައިދިނީ އެލޯންޗުންނެވެ. ބަނދަރަށް ވައްދައިދިނުމަށްފަހު ކަފުޖަހައިގެން ގެނެސްދިން ޓަގުބޯޓު ވައުތައް މޮހާލައިފައި ހިގާއްޖެއެވެ.

ޓްރިންކޮމަލީގައި

ވަކިހިސާބަކަށް ދެވުނީމާ ޕޯރޓްސް އޮތޯރިޓީގެ ޔުނިފޯމުގައި ތިބި ބަޔަކު އައިސް އީގަލްބޯޓަށް އަރައިފިއެވެ. އެމީހުންގެ އެހީތެރިކަމާއެކު ބަނދަރުކޮށް ބޯޓު ހަރުކޮށްދީފިއެވެ. އެމީހުންގެ އިސްމީހަކަށް ހުރި އޮފިސަރު ބުންޏެވެ. މަރުހަބާއެވެ. މިއީ ސިލޯނުގެ ޓްރިންކޮމަލީއެވެ. ޓްރިންކޮމަލީއަކީ ސިލޯނުގެ އިރުއުތުރުގައި އޮންނަ ބަނދަރެކެވެ. ވަރަށް ބިޔަ ގުދުރަތީ ބަނދަރެކެވެ. މިތަން އޮންނަ ހިސާބުގެ ގޮތުން މިއީ ދިވެހީން އައިސްގޮސްވާ ބަނދަރެއް ނޫނެވެ. ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރު މިއީ އިންޑިޔާ ކަނޑުގައި އޮތް އިނގިރޭސި ކަނޑުގެ ލަޝްކަރުގެ މައި މަރުކަޒެކެވެ. އެދުވަސްވަރު މިތަނަށް ޖަޕާނު ސިފައިން ވަރަށް ވަރުގަދަޔަށް ބޮން އަޅާފައިވެއެވެ. އެ ހަމަލާތަކުގެ އަސަރާއި އިނގިރޭސީން މިތާގައި ތިބިތިބުމުގެ އަސަރުތައް އަދިވެސް މިތަނުން ފެންނާން އެބަހުއްޓެވެ.

ސިލޯނަށް ދެވުމާއެކު ލަހެއްނުވެ ކަސްޓަމުގެ ކަންތައް ހިންގާން ފަށައިފިއެވެ. އީގަލްބޯޓު އޮތީ ކަސްޓަމާ ދިމާލުން ފާލަމުގައި ބަނދެފައެވެ. ފުރަތަމަވެސް އައީ ޑޮކްޓަރެވެ. އެއީ އަންހެނެކެވެ. އޭނާ އައިސް ސުވާލުތައްކޮށް ޚަބަރު ބަލާހަދައިފައި ހިގައްޖެއެވެ. އޭނާ ދިއުމުން ކަސްޓަމުގެ މީހުން އައިސް ބޯޓަށް އަރައި މުދާތައް ބަލައިފައި ނޯޓްކޮށްގެން ހިގައްޖެއެވެ.

ދެން އިރުތަކެއްނުވެ ވަރަށް އިއްޒަތްތެެރި ޔުނިފޯމެއްގައިހުރި އޮފިސަރަކު އައިސް އީގަލްބޯޓުގެ ކެޕްޓަން ކޮބައިހޭ އަހައި ސުވާލުކޮށް އެމީހަކީ މުހައްމަދު މަނިކުފާނުކަމަށް ދެއްކީމާ އޭނާ ބާލައިގެން ގެންގޮސްފިއެވެ. ތަރުޖަމާނެއްގެ ގޮތުގައި ފޭދޫ ހުސައިން މަނިކުފާނުވެސް ގެންދިޔައެވެ. އޭނާއަކީ ސިންގަޅަ ބަހަށް ވަރަށް ފަރިތަ މީހަކަށްވާކަމުންނެވެ. އެމީހުން ސުވާލުކުރިއެވެ. އިންޖީނު ރަގަޅުހެއްޔެވެ. ރާއްޖެއަށް ދެވޭނީ ކިތަަައް ފީފާ ތެލުން ހެއްޔެވެ. މުހައްމަދު މަނިކުފާނު ބުންޏެވެ. ދިހަވަރަކަށް ފީފާ ތެލުން ރާއްޖެއަށް ދެވޭނެއެވެ. އިތުރު ސުވާލުތަކެއް ނުކޮށް ދެން ބުނީ ތެލާއި ކޮއްތާއި ފެން ބޯޓަށް ލައިދޭނެ ކަމަށާއި އެތަކެތި ދިނީމާ ފުރަައިގެން ރާއްޖެއަށް ދިއުމަށް އަންގާ ކަމަށެވެ.

ޖަވާބުގައި މުހައްމަދު މަނިކުފާނު ބުނީ އެގޮތަށް ފުރައިގެން ނުދެވޭނޭ ކަމަށާއި ސިލޯނުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުންނާތީ އެތަނާއި ގުޅައިދިނުމަށް އެދޭކަމުގައެވެ. މިކަމަށް އެދުނީމާ އޮފިސަރު ބުނީ ހަމަ މިހާރު އެމްބަސީއަށް އަންގަނީ ކަމުގައެވެ. އޮފިސަރު ދެން އެހީ އިތުރު ކަމަކަށް ބޭނުންތޯއެވެ. މުހައްމަދު މަނިކުފާނު ބުންޏެވެ. ކައްކާނޭ ދަރާއި ބޯފެން ފިޔަވައި މިވަގުތު އިތުރު އެއްޗެއް ބޭނުމެއް ނޫނެވެ. އެތާގައި ތިއްބައި އެހެން އޮފިސަރަކު އައިސް ބުންޏެވެ. އިއްޔެ މަތިންދާބޯޓެއްގައި ކަލޭމެންގެ ކައިރިއަށް ދިޔައީމެވެ. ދުށީމު ނޫންހެއްޔެވެ. މަތިންދާބޯޓެއްގައި ކަލޭމެންނަށް އެހީވުމުގެ ގޮތުން އަލި ފޮނުވީ އަހަރެންނެވެ.

މި ބަނދަރުގައި ވަގުންގެ ތުރާތައް ވަރަށް ބޮޑެވެ. ވައުކަނޑާ މީހުންގެ ދުއްތުރާލުން ސަލާމަތްވުމުގެ ގޮތުން ބޮއިގަނޑެއްގެ ކާރީގައި ތިބެވޭނޭގޮތް ހަމަޖައްސައި ދިނުމަށް އެދުނީމާ ޕޯރޓްސް އޮތޯރިޓީގެ ޔުނިފޯމުގައި ތިބި ބަޔަކު އައިސް ތަންކޮޅެއް ދުރުގައިއޮތް ބޮއިގަނޑެއްގެ ކައިރީގައި ބޯޓު ހަރުކޮށްދީފިއެވެ. ދެން ބައްތެލިގަނޑަކުން އެންމެން އެއްގަމަށް ފޭބީއެވެ. އެއްގަމަށް ފޭބީ ފެންވެރުމަށްޓަކައި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ފޭބި ފާލަމަކީ ލަކުޑިން ހަދާފައިވާ ދުވަސްވީ ފާލަމެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!