އީގަލްބޯޓުގެ ބިރުވެރި ދަތުރު 3

ތެޔޮލިބި އިންޖީނު ހިންގައިލެވޭގޮތްވުމުން ކުނބުގެ ބައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސައިލެންސަރު ނަގައި އިންޖީނުގައި އަލުން ހަރުކޮށް އިންޖީނު ސްޓާޓް ކޮށްފިއެވެ. އެކަމަކު އޮއިބާރުކަމުން ކުރިޔަށްދަނީ ވަރަށް މަޑުންނެވެ. ދެ ދުވަސްވާންދެން ދުއްވި ފަހުން ތެޔޮ ހުސްވެއްޖެއެވެ. ސިލޯނުވެސް އަދި އެހެން ރަށެއްވެސް ނުފެނެއެވެ. ތެޔޮއަޅައިފައި ހުރި ފީފާގެ އަޑީގައި ހުރީ ސާދަ ގެލަނުގެ ފެނެވެ. ޑީސަލަކީ އާދަވެގެން އޭގައި ފެން ހުންނަ އެއްޗެކެވެ. ނަމަވެސް ތެޔޮޓޭންކަރުން ދީފައި މިހިރީ އާދަޔާ ޚިލާފަށް ފެން އަޅައިފައިހުރި ޑީސަލެކެވެ. އަށްޑިހަ ގެލަނުގެ ތެލުގެ ތެރެއިން ސާދަ ގެލަން މިވީ ފެނަށެވެ. މިއީވެސް ތެލަށްވީނަމަ އީގަލްބޯޓަށް މާރީއްޗަށްވެސް ސިލޯނަށް ފޯރީހެވެ.

އިންޖީނު ހުއްޓުނީ ހަވީރެއްގައެވެ. ދެން މާލިމީ ފިލާއަޅާފައި ބުންޏެވެ. ސިލޯނު އޮތީ ވަރަށް ކައިރީގައެވެ. ދެން އިންޖީނުގެ ސައިލެންްސަރު އަނެއްކާވެސް ލުއްސާލައިގެން ކުނބުހަދައި ރިޔާ ނަގައިގެން ދުއްވާންފެށީއެވެ. މިހެން ދަނިކޮށް ވައި ހިދިއްޖެއެވެ. ދެންޖެހުނީ ރިޔާގަޑު ދޫކޮށްލާށެވެ. މިހެންތިބި ތިބުމުގައި ބޯފެނުގެ މައްސަލަ އަނެއްކާވެސް ވަރަށް ބޮޑަށް ދަތިވެއްޖެއެވެ. ރެޔާއިދުވާލުން ދެއިރު ހެނދުނު ބައިޖޯޑު ހަވީރު އަނެއް ބައިޖޯޑު މަގުން ބޯފެން ކޮންޓްރޯލްކޮށްފިއެވެ. ކެއެމަށްޓަކައި ހަދާގޮތަކީ މޫދުލޮނުގެ ތެރެއަށް ހަކުރުއަޅައި ގިރައިގެން އެޖަހައިގެން ފުށްމޮޑެގެން އެއިން ޒާތެއްގެ ރޮށްޓެއް ފިހަނީއެވެ.

ދެވަނަފަހަރަށް ހާލުގައި ޖެހުން

ބޯޓުން ދަރުވެސް ހުސްވެއްޖެއެވެ. ދެން ބޯޓުން ނެއްޓެންހުރި ތަންތަންގަޑު ނައްޓައިގެން ފަޅައިގެން ކައްކަން ފެށީއެވެ. ދަރަށް ބޭނުންވި ގޮތަކީ މަސްކޮޅެއް ކައިލާހިތުން ތިއްބައި އެއްދުވަހަކު ބޯޓުކައިރިން ފުޅަނގިތަކެއް ފުމޭން ފެށީއެވެ. މިތަނުން އެއްޗެއް ބޭނޭތޯ މަސައްކަތްކުރުމުގެ ތެރެއިން ބާރަވަރަކަށް ފުޅަނގި ބޭނިއްޖެއެވެ. ދެން ކޮންމެ މީހަކަށް އެތިކޮޅެއްވާވަރަށް ބުރިކޮށް މޫދު ލޮނުގައި ކެއްކީއެވެ. ކައްކާނެ ދަރުނެތީމާ ބޯޓުގެ ފަލްކާ ރޫޅާލައިގެން އޭގެ ލަކުޑި ބޭނުން ކުރަންފެށި ދުވަހަކީ އެއީއެވެ. އެދުވަހު މަސްބޭނުމުގެ ކަންތަކުގައި އިސްކޮށްއުޅުނީ ފޭދޫ އައިސްގޭ މުހައްމަދާއި ފޭދޫ އަލިކަލޯ އެވެ. ކަންވާރު ދިނީ އަނދުން މޫސާފުޅެވެ. ބުޅި ދިނީ ޅިޔަނާގެ އަހުމަދެވެ. ވަރަށް ގިނައިން މަސްބޭނުނެވެ. އެދުވަހު މެންދުރު ކެއުމަކަށްހުރީ ކަނޑުމަހެވެ.

ހޭނަކަތް ހުސްވެ ވިހާނަކަތް ފެށިއްޖެއެވެ. މޫސުން ރަނގަޅުވެ ކަނޑުމަޑުވެ ވައިވެސް މަޑުވެއްޖެއެވެ. ވައިމަޑުވުމުން ރިޔަލުގައި ނުދުއްވެއެވެ. އެހެންތިއްބައި އަނެއްކާވެސް ވައިރޯޅި ރަގަޅުވުމުގެ ސަބަނުން ސިލޯނާއި ދިމާއަށް ދުވަން ފަށައިފިއެވެ. އިރުކޮޅަކުން ވައިމަޑުވެ ހިދިއްޖެއެވެ. މިފަހަރު އެގޮތަށް ހަތަރު ދުވަސް ވަންދެން ތިބޭން ޖެހުނެވެ.
ދުވާލުގެ ހޫނުކަން އިންތިހާއަށް ގަދައެވެ. ހޫނުގަދަވެ ފެންބޮވައިގަނެ ކެތްކުރެވޭވަރު ނުވުމުން ކަނޑުން ލޮނުނަގައި ގަޔަށް އަޅަންފަށައިފިއެވެ. މިވަރުންވެސް ކެތްކުރެވޭވަރެއް ނުވެއެވެ. ދެން ބައެއްމީހުން ކަނޑަށް ފައިބައި ކަނޑުގައި ތިބެން ފަށައިފިއެވެ. ކަނޑުގައި ތިބެނީ ބޯޓުގެ ދިރުނބާ ކޮޅުން ވަލެއް މޫދަށް ދޫކޮށް އެވަލުގައި ހިފަހައްޓައިގެންނެވެ.

މިގޮތުގައި އުޅެމުން ދަނިކޮށް ވަރަށް ގިނަމީހުން ބަލިވެއްޖެއެވެ. ގަދަހުމާއެކު ކަންފަތުގައި ރިއްސަނީއެވެ. ރިހުމުގެ ގަދަކަމުން ހީވަނީ ދެންމެ ދެންމެ މަރުވެދާނޭހެންނެވެ. ބޯޓުގައި މިކަމަށް ފަރުވާދެވޭނޭ ކަހަލަ ބޭހެއް ނެތެވެ. މުޅި ބޯޓުގައި އޭރު އޮތީ 100 ގުޅަ ޑިސްޕިރީނެވެ. އެއީ ސަތަރުގޭ ޝަހީމް ރާޒީ އަތުން މީދޫ އަލިބެއްޔާގެ އިބްރާހިމްދީދީ ގަނެފައިވާ ބޭހެވެ. ކަންފަތުގައި ރިއްސާން ފެށުމުން ޑިސްޕިރީން ގިރައިގެން ބޮނީއެވެ. ނަމަވެސް މާބޮޑު މަންފާއެއް ނުކުރެއެވެ. މި އިބްރާހިމްދީދީވެސް ބަލިވެ ލޯ ހުޅުވައިލާނެހާވަރު ނެތިފައި އޮވެއެވެ.

މޫސުން ރަނގަޅުވެ ކަނޑު މަޑުވެއްޖެއެވެ. މަސްބޭނެން ފަށައިފިއެވެ. ކަނޑުމަސް ކެވޭންފެށި ގައިގައި ވަރުޖެހި ހިތްވަރު ލިބޭން ފަށައިފިއެވެ. ދިރިހުރުމުގެ އެދުން އާވާން ފަށައިފިއެވެ. ކައިގެން ބާކީވާ މަސް އެކިގޮތްގޮތް ހަދައިގެން ފަހަށްވެސް ރައްކާކުރާން ފަށައިފިއެވެ. ބޯޓުގައި އެންމެބުރަ މަސައްކަތަކަށް އޮންނަނީ ދިޔަ ހިއްކުމެވެ. މެދުކެނޑުމެއްނެތި ގަޑިންގަޑިއަށް ޑިއުޓީ ބަހައިގެން މިކަންކުރާން ޖެހެއެވެ.

ބޯޓުގެ ހާލަތު

ލޮނު ނުވަންނަނީ މިވެނިތަނަކުންނޭ ބުނެވޭވަރުގެ އެއްތަނެއްވެސް މުޅިބޯޓުގައި ނެތެވެ. ކޮންމެދުވަހަކުވެސް ކޮންމެވެސް ތަނެއް ދެތަނެއް ބެއްދުމަށްޓަކައި ކޮންމެވެސްކަމެއް ކުރާންޖެހެއެވެ. މި ބެއްދުންތައްވެސް އޮންނަނީ ވަގުތީ ކަމަކަށް ވެފައެވެ. ކިތަންމެ ލޮޑުވިޔަސް ސަލާމަތުން ތިބެވެންއޮތީ ދިޔަ ހިއްކައިގެންނެވެ. އެކަން ދޫކޮށްލައިފިނަމަ ބޯޓު ފެތިދާނެއެވެ. އެންމެން ކަނޑަށް އަރަގުވެދާނެއެވެ.

މިޒާތަކަށް އުޅެއުޅެ ތިއްބައި ވައިބަދަލުވެއްޖެއެވެ. ދެކުނުފަރާތުން ވައިޖެހޭން ފަށައިފިއެވެ. މިބަދަލާއެކު މަސްވެރިކަން ހުއްޓިއްޖެއެވެ. ބޯޓު ދުއްވަނީ ރިޔަލުގައެވެ. އެކަމަކު ދަނީ ކުރިއަށްކަން ފަހަތަށްކަން އެނގޭވަރެއް ނޫނެވެ. އެހިސާބުން ހުސައިން މަނިކުފާނުގެ އެދުމުގެމަތިން ކޮންމެދުވަހަކު ހެނދުނު މާލޫދެއް ކިޔާން ފަށައިފިއެވެ. މާލޫދު ކިޔުމުގައި ބައިވެރިވަނީ ހަތަރު މީހުންނެވެ. އެއީ އަލިބެއްޔާގެ އިބްރާހިމްދީދި، ތުނޑާގެ ތުއްތުދީދީ، ދާޔާގެ އަހުމަދުދީދީ އަދި ގައުމާތަގޭ މުހައްމާބެއްޔާއެވެ.

ބޯޓުފަހަރު ފެންނާން ފެށުން

އެހެންތިއްބައި އަނެއްކާވެސް އާގުބޯޓުފަހަރު ފެންނާން ފަށައިފިއެވެ. ދެން އީގަލްބޯޓުން ހަންޖަހައި ރޭގަޑު ގޯނިރޯކޮށް ހުޅުއަޅައި އުޅެނީއެވެ. ނަމަވެސް އެއްވެސް އެއްޗެއް އަޅައެއް ނުލިއެވެ. ކައިރިކައިރިންލާފައި ދަނީއެވެ. އެއީ ވަރަށް އަސަރުހުރި ކަމެކެވެ. ހިތަށް ތަދުފަށެއްވާ ކަމެކެވެ. މިގޮތަށް އެހާލުގައި ތިއްބައި ނޮވެމްބަރު މަހުގެ އަށާރަ ވަނަ ދުވަހު ހެނދުނު ބޯޓެއް ފެނިއްޖެއެވެ. އެބޯޓުވެސް ކައިރިނުކޮށް ދިޔައީއެވެ. ހެނދުނު ފުށްގުޅަ ހޫނުކޮށްގެން ނާސްތާކުރާން ތިއްބައި އިރުކޮޅަކުން ހުޅަނގުފަރާތުން އާގުބޯޓެއް ކައިރިކުރާތަން ފެނިއްޖެއެވެ. އެއީ ދިވެހިރާއްޖޭގައި ދުއްވާ ގާފަރު ސައިޒުގެ ބޯޓެކެވެ. އެދުވަސްވަރު ސިންގަޕޫރުން އައްޑޫގަމުގެ ނެފީއަށް މުދާ އުފުލާ ސައިޒުގެ ބޯޓެކެވެ.

އެބޯޓު ފެނިގެން ހަންޖެހީމައި ވަރަށް ކައިރިޔަށް އައިސް މަޑުކޮށްލައިފިއެވެ. އަދި ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްފިއެވެ. އެމީހުން ދައްކާންފެށި ވާހަކަ ރަގަޅަށް މޭރުންވާ މީހަކު ނެތެވެ. އީގަލްބޯޓުގެ މީހުން ދައްކާ ވާހަކަވެސް އަނެއް ބޯޓުގެ މީހުންނަށް އެހާ ރަގަޅަށް މޭރުންވުމެއް ނެތެވެ. ބޯފެން ބޭނުންތޯ ސުވާލުކުރާހެން ހީވެއެވެ. އީގަލްބޯޓުގެ މީހުންގެ ޖަވާބަކީ ބޭނުމީ ފެނެއްނޫނެވެ. ބޭނުމީ ހިކިފަސްތާކަށް ގެންގޮސް ދިނުމެވެ. މީހުންކޮޅު އެއަށް ނެގުމަށެވެ. އޭގެ އެއްދުވަސްކުރީން ބޯކޮށް ވެހުނު ވާރޭގެ ތެރޭގައި އީގަލްބޯޓުން ފުދޭވަރަކަށް ފެން ނަގައިގެން ތިބިކަމުން ފެން އެބަހުއްޓޭ ބުންޏެވެ. އެހެންބުނީމާ އަޅާވެސްނުލައި އެބޯޓު އައިގޮތަށް ދުއްވާލާފައި ހިގައްޖެއެވެ. އޭގައިތިބީ އިންޑިޔާ މީހުންނެވެ.

ސިލޯނާއި ބަންގާޅަށް ކުރިން ގޮސްއުޅުނު ބައެއްމީހުންވެސް ބޯޓުގައި ތިއްބެވެ. އެމީހުން ބުނެއެވެ. ސިލޯނާއި ކައިރިވުމުން ރޭގަނޑު ސިލޯނުގެ މޭގަ ފެންނާނެއެވެ. މިހެން ކިޔާން ތިއްބައި އެއްދުވަހެއްގެ އޮއްސުނުއިރާއެކު އެމީހުން ބުންޏެވެ. ސިލޯނު މޭގަ އެބަފެނެއެވެ. މޭގަ ފެންނަން ފެށުމުން އެންމެންވެސް ތިބީ ސިލޯނަށް ދެވޭނެކަމުގެ ބޮޑު އުއްމީދެއްގައެވެ. އޮއި ބާރުކަމާއި ބޯޓު ދަށްކުރާ މިންވަރަށް ވިސްނާން ހުރެފައި ހުސައިންމަނިކުފާނު ބުންޏެވެ. ސިލޯނަށް ދެވޭނެކަމާމެދު ޝައްކެވެ.

މާލިމީ އާދަންބޭ ފިލާއަޅައިފިއެވެ. ބުންޏެވެ. ބޯޓު އޮތީ ގާލީއާއި ތިރީސް މޭލު ދުރުގައި ޕާމެގަމާ ކިޔާ ހިސާބުގައެވެ. ޕާމެގަމަކީ ސިލޯނު ކައިރީގައި އޮންނަތާކަށް ދިވެހިން ކިޔާނަމެކެވެ. ގާލީން އިންޑިއާއަށް ބޯޓް ފަހަރު ދަތުރުކުރާނީ އެމަގުންނެވެ. އެހިސާބުން ދަތުރުކުރާ ބޯޓުފަހަރަށް އީގަލްބޯޓު ބޯޓު ފެންނާނެކަމަށްވެސް އާދަންބޭ ބުންޏެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!