އީގަލްބޯޓުގެ ބިރުވެރި ދަތުރު 2

ތަކެތި އުކައިލުން

ބޯޓުގެ ފަސިންޖަރުންގެ ތެރޭގައި ދެ އަންހެނަކާއި ކުޑަދެކުއްޖަކު ތިބިކަމުން އެ ހަތަރު ފުރާނަ ސަލާމަތްކުރުމަށް ޚާއްސަ ނަޒަރަކުން ސަމާލުކަންދިނެވެ. އެ ހަތަރު މީހުން ބޭތިއްބީ ރާޅުތަކުގެ އަސަރު ނުފޯރާނޭ ގޮތަށް ފޮށިގަޑެއްގެ މަތީގައެވެ. އޭރު ބޯޓު ފެނުންމަތީގައި މާކަގިނައިރު ހުންނާނޭކަމަށް ހިތަކަށް ނޭރުވެއެވެ. އެހާވެސް ބިރުވެެރިއެވެ. އެހާވެސް ކަނޑުގަދައެވެ. މިހުރިހާ ކަމެއް ބަލަން ވީލްހައުސްގެ ތަނބެއްގައި ހިފަހައްޓައިގެން ހުރެފައި ފޭދޫ ހުސެން މަނިކުފާނު ބުންޏެވެ. ބޯޓްގައިހުރި ކާޑުތައް ތެމި ހަލާކުވެއްޖެއެވެ. ބޯޓުވެސް މިފެތެނީއެވެ. އެހެންވީމާ ދެން ހަދަންވީ ކިހިނެއްހެއްޔެވެ. މި ހުސައިން މަނިކުފާނަކީ ފޭދޫ ކަތީބު ދޮންރަހާއާއި އެއްބަނޑު ހުސައިންމަނިކުފާނެވެ. މީނާ އައިސް ބޯޓުގެ އިސްވެރިޔާ އިބްރާހިމް މަނިކުފާނު ކައިރިން އެދުނީ ބޯޓުގައި ހުރި މުދާތައް އުކާލައި ބޯޓު ލުއިކޮށްލާން އަމުރުދިނުމަށެވެ. ދެން އިބްރާހިމް މަނިކުފާނު މިކަމާމެދު އޭނާގެ ކޮއްކޮ މުހައްމަދު މަނިކުފާނުގެ ލަފަޔަކަށް އެދުނީމާ މުހައްމަދު މަނިކުފާނު ބުނީ އުކަައިލާންވާނީ އެންމެ ބަރު ހިފަންހުރި ކާޑުގެ ތަކެއްޗެވެ.

މިއަމުރު ލިބުމާއެކު ބޯޓުގެ ކޮޅުފަސްކޮޅު ފަލްކާގެ ތެރެއިން ދިހަ ބަސްތާ ހަކުރާއި ދިރުބާކޮޅުން ދިހަބަސްތާ ހަކުރު ކަނޑަށް އުކާލައިފިއެވެ. އެފަހަރު ބޭލީ ގުނައިގެންނެވެ. އެވަރުންވެސް އޮބިއޮންނަވަރެއް ނުވިއެވެ. ބޯޓު ފެންމަތީގައި ހިފެހެއްޓޭނޭކަމުގެ އުއްމީދެއް ނުލިބުނެވެ. ބޯޓުތެރެއިން އިވެނީ އެމީހަކަށް ކިޔުނުހާ ހެޔޮއެއްޗެއް ކިޔާ އަޑެވެ. ބަންގިޔާއި ތަކުބީރު ގޮވާ އަޑެވެ. ނަދުރުތައް ބުނާ އަޑެވެ.

ބޯޓަށް ރާޅުއެރުން ހުރިވަރަކީ ކޮޅުފަސްކޮޅުގައި ތިބޭ މީހުންގެ ކަކުލާ ހަމަޔަށް ލޮނުގަނޑު ބައެއް ފަހަރު އުފުލިގެންދެއެވެ. އޭރުވެސް ވާރޭވެހެއެވެ. ވިލާގަޑުގެ އެންމެ ބާރު ވައި އައިސްއައިސް ހުއްޓެވެ. ވައިޖެހުނީ ހުޅަގުންނެވެ. ފަސިންޖަރުންގެ މީހުން ފާޓާތަކާއި އެފަދަ އެއްޗެތި ހިފައިގެން ބޯޓުތެރެޔަށް ފައިބައިގެން ދިޔަ ހިއްކަމުންދަނީއެވެ. ނަމަވެސް ބޯޓުގެ ބިރުވެެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެންމެފަހުން ކޮންޓްރޯލުން ނެއްޓިގެންގޮސް ބޯޓުން ބޭލުނު މުދަލެއް އަވަހަށް ކަނޑަށް ބާލަން މުހައްމަދު މަނިކުފާނު އަމުރު ދީފިއެވެ. ބޯޓުގައި ތިބި ފަސިންޖަރުން އެދުނީ އެންމެންގެ ފުރާނަ ސަލާމަތްކުރުމަށްޓަކަައި މުދާތައް އުކައިލުމުގެ ހުއްދައަށެވެ. އެހެންކަމުން އެހުއްދަ ދިނީއެވެ.

ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރެއިން ހިތަދޫ ކުޑަ މުހައްމަދާއި ޅިޔަނާގެ އަހުމަދާއި ފޭދޫ ހުސައިން މަނިކުފާނު އިސްމީހުން ކަމުގައި ވެގެން ދެންތިބި ތެދުވެވޭވަރުގެ މީހުން ލައްވާ މުދާތައް ކަނޑަށް އުކައިލަން ފަށައިފިއެވެ. ނަމަވެސް މުދާ ނެގުމަށްޓަކައި ފަލްކާ ނަގަން ކެރޭވަރެއް ނޫނެވެ. އަބަދާއިއަބަދު ބޯޓުގެ ތެރެޔަށް ރާޅުއަރަނީއެވެ. އެހެންކަމުން އޭރު އުކަމުންދިޔައީ މަތީގައި ހުރި އެއްޗިއްސެވެ. މިގޮތުން އެއްޗެތި އުކުމުގައި ދޭތެރެ ލިބެނީ ވަރަށް މަދު މަދުންނެވެ. އެއީ ދެވިލާގަޑު ދޭތެރެއިން ލިބޭ ވަގުތުކޮޅެވެ. އެގޮތަށް ވަގުތުކޮޅެއް ލިބުނީމައި ފަލްކާ ނަގައިގެން މުދައު ބާލަން ފަށަނީއެވެ. މިގޮތަށް މި މަސައްކަތްކުރާއިރު އަނެއްބަޔަކު ހަމައެހާބޮޑަށް މަސައްކަތް ކުރަނީ ބޯޓުގެ އިންޖީނުގައި ލޮނުގަޑު ޖެހުނަނުދީ ވޭތޯ ބެލުމަށެވެ. އަބަދާއަބަދު ދިޔަހިއްކަނީއެވެ. ނަމަވެސް ދިޔަގަޑު އަޑިވާގޮތެއް އެއްގޮތަކަށްވެސް ނުވެއެވެ. ބޯޓުގައި ދެންތިބި މީހުން މަސައްކަތްކުރަނީ ދެވިލާގަޑު ދޭތެރެއިން ލިބޭ ދިހަވަރަކަށް މިނިޓުގެ ތެރޭގައި ފަލްކާގެ މަތި ނަގައިގެން މުދައު އުކައިލެވޭތޯއެވެ.

އެގޮތަށް މުދާތައް އުކަމުންގޮސް އެދުވަހުގެ އެގާރަ ޖެހިއިރު ބޯޓުގެ ދިރުބާކޮޅުގެ ފަލްކާތެރެއިންވެސް ދިޔަހިއްކާނެތަނެއް ތަނަވަސް ކުރެވިއްޖެއެވެ. އެހާތަނަށްދިޔައިރު ބޯޓުގެ ދެވަނަ ވެރިޔާ މުހައްމަދު މަނިކުފާނުވެސް ދެންކޮޅަށް ތެދުވެ ހިފަހައްޓާލެވޭވަރު ނުވެގެން އަދި ފުރާނަޔާއިގެން ސަލާމަތްވުމުގެ އުއްމީދުވެސް ކެނޑިގެންގޮސް ކަމަރާ މައްޗަށް ވެއްޓިގެންފިއެވެ. އޭރު ކަމަރާމަތީގައި ބޯޓުގެ އަނެއް ވެރިޔާ އިބްރާހިމް މަނިކުފާނުވެސް ދެމިފައި އޮތެވެ. އޭނާއަކީ ދަތުރުމަތީގައި ބޯއަބުރާމީހެއް ކަމުންނެވެ. އޭރު ދެމީހުންގެ ހިތަށްވެސް އަރަމުންދިޔައީ އަހަރެމެން ދެން މިދަނީއެވެ. ސަލާމަތެއް ނުވާނެއެވެ. ފަހުދުވަސް އައީއެވެ. މިޒާތުގެ އެއްޗެތިތަކެކެވެ. އިބްރާހިމް މަނިކުފާނުގެ ގައިގައި އޮޅުލައިގެންފައި މުހައްމަދު މަނިކުފާނު ރޮއިގެންފައި ބުންޏެވެ. ބޭބޭއެވެ. ބޯޓުގެ އިންޖީނުގެ ފްލައިވީލް ކަނޑުގެ ލޮނުގަޑުގައި ޖެހިއްޖެއެވެ. ވީމާދެން ގިނައިރަކު މިބޯޓު ފެންމައްޗަކު ނުހުންނާނެއެވެ. ބޭބޭއޭ އަހަރެމެން އެންމެން މިތިބަ ދަނީއެވެ. ބޯޓު އަރަގުވަނީއެވެ.

އިބްރާހިމް މަނިކުފާނު ބުންޏެވެ. ދެން ކުރާނޭ ކަމެއް ނެތެވެ. ކޮއްކަޮވެސް މަރަށް ތައްޔާރުވެގެން ޝަހާދަތް ކިޔާށެވެ. ދެން އެގޮތުގައި އެތާގައި ޝަހާދަތް ކިޔައިލައިގެން ބޯޓުގެ ވެރީންނަށްވެސް ތިބެވުނީއެވެ. އެހެންތިބިއިރު ކަނޑުންއައިސް ބޯޓަށް އަރާ ރާޅުތައް ކަމަރާގޭގެ މަތިން އަނެއްފަރާތަށްދާއިރު އެދެމީހުންވެސް ތިބީ ތެމިފޯވެފައެވެ. އޭރުވެސް ބޯޓު ދީލައެއް ނުލައެވެ. ހައްތާވެސް ރާއްޖެ ހިފޭތޯ މަސައްކަތް ކުރަނީއެވެ. ފަސިންޖަރުން މަސައްކަތްކުރަނީ ބޯޓުން މުދާ ހުސްކޮށްލަން ވެގެންނެވެ. އިބްރާހިމް މަނިކުފާނު އަންގަމުން ގެންދިޔައީ ކަލޭމެންނަށް ހުސްކުރެވުނު ގޮތަކުން އަވަހަށް މުދާ ހުސްކުރާށެވެ. ބޯޓު ފެންމަތީގައި އޮންނާނީ އޭރުންނެވެ.

ބޯޓު ހުސްކޮށްލުމަށްޓަކައި ކަނޑަށް އުކައިލެވުނީ ކޮންކޮން އެއްޗިއްސެއްކަން ކިހާ އެއްޗިއްސެއްކަން އެއްގޮތަކަށްވެސް އެނގޭވަރެއް ނޫނެވެ. ބޮޑު ފޮށިގަޑެއްގައި ހުރި އަށްސަތޭކަ ރުފިޔާގެ ބޭސްވެސް އުކައިލިއެވެ. ފަސިންޖަރުންވެސް އެމީހުންގެ އެއްޗެތިތައް ލާފައިހުރި ބޭނުންތެެރި ފޮށިތައްވެސް އުކައިލީއެވެ. ބޯޓުގެ ވެރީންގެ ފޮށިތަކުގެ ތެރެއިން ހަތަރުހާސް ރުފިޔާގެ މުދާލާފައި ހުރި ތިން ފޮށިގަޑެއްވެސް އެއްލައިލިއެވެ.

މުދާ ހުސްކުރުމަށް އިބްރާހިމް މަނިކުފާނު އަންގާއިރުވެސް ބުނެއެވެ. ބަރު މުދާ އަވަހަށް ހުސްކުރާށެވެ. ކާބޯތަކެތި އުކައިނުލާށެވެ. ބޯޓުގެ އަޑީގައި އޮތް އަވެލި ބަސްތާއެއް އެއްލާލަންވެގެން ތިންފަހަރު ނަގާފަައިވެސް އެއްލާނުލައި ބޭއްވީއެވެ. އިބްރާހިމް މަނިކުފާނު ބުންޏެވެ. ތިޔައީ ނުކައްކައި ކެވޭ ބާވަތުގެ އެއްޗެކެވެ. އެހެންވީމާ ތިޔަ އަވެލި ބަސްތާ އެއްލައިނުލާށެވެ. މިކަހަލަ ހާލެއްގައި ތިބެގެން އެދުވަހުގެ ހަވީރު ފަސްގަޑިބަޔާ ޖެހެންދެން ރާއްޖެ ހިފޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އިރަކަށްވުރެ އިރެއް ގަދަވަމުން ނުކުޅަދާނަވަމުންގޮސް އެހިސާބުން ފައްސިޔަށް ދީލައިލީއެވެ. އެގޮތުން ބޯޓުހުރީ އިރުމައްޗަށެވެ.

ބޯޓު ފުރީއްސުރެ އެހާތަނަށް ހުންގާނުގައި ހުރީ ހުޅުދޫ ކަޅަބެޔާގެ އަލިފުތެވެ. އޭނާއަކީ ފަޅުވެެރިއެއްވެސް ނޫނެވެ. ފަސިންޖަރެކެވެ. ދަތުރުކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާތީ އޭނާ އަމިއްލަޔަށް އެދިގެން ހުންގާނާ ހަވާލުވެގެންހުރީއެވެ. އޭނާޔާއި އެހީތެރިވުމުގެ ގޮތުން ހުންގާނުގައި ދެން ހިފައިދެނީ ބޯޓުގެ ފަޅުވެރިއެއްކަމުގައިވާ ހަވަރުތިނަދޫ އަލިފުތެވެ.

އަނެއް ރެޔަށް އިރޮއޮއްސުނުއިރު ބޯޓުގައި އެއްވެސް އަލިކަމެއް ނެތެވެ. ބައްތިއެއް ނެތެވެ. ބޯޓުގައި ދިއްލާން ގެންގުޅެނީ ބިގަރެވެ. ސާފުތެޔޮ ފީފާވެސް ކަނޑަށް ދޫކޮށްލެވިފައިވާތީ ބިގަރެއްވެސް ބައްތިއެއްވެސް ދިއްލޭކަށް ނެތެވެ. ކޮއްތު ކާން ހުރި ކާށި ގޯނިވެސް ދިޔައީއެވެ. އެހެންކަމުން އެއްވެސްކަހަލަ އެއްޗެއް ދިއްލާލެވޭނޭ ގޮތެއް ނެތެވެ. އިރުއޮއްސި އަނދިރިވީމާ ދެން ހެދިގޮތަކީ ބޯޓުގައިހުރި ޓޯޗު ބެޓެރީކޮޅެއް ނަގައިގެން ބޯޓުގެ ދެކޮޅުގައި ދެ ބައްތި ދިއްލީއެވެ. އެރޭވެސް ވޭތުވީ ފުރާނަޔާއިގެން ސަލާމަތްވޭތޯ މުދާ އުކުމާއި ދިޔަހިއްކުމުގައެވެ. އެހިސާބަށްދިޔައިރު މަތިން އަންނަ ރާޅުގެ ލޮނުގަޑަށްވުރެ އަޑީގެ ދިޔަގަޑު ގިނަކަމަށް ފެންނާން ފަށައިފިއެވެ. އެހެންވީމާ އަޑިން ދިޔަހިލެން ފެށީކަން ކަށަވަރުވެއްޖެއެވެ.

ބޯޓަށް ލޮނު ވަންނަ ވަކިތަނެއް ނުފެނެއެވެ. އެދުވަސްވަރު ބޯޓުފަހަރުގެ އަޑީގައިވެސް ހުންނާނީ އޮޑިފަހަރުގައި ފަންޖަހާގޮތަށް ފަންޖަހާފައެވެ. އީގަލްބޯޓުގައިވެސް ހުރީ އެގޮތަށް ފަންޖަހާފައެވެ. ލޮނު ވަންނަ ވަކިތަނެއް ނުފެނުމުން ހުރިހާ ބިތުފަންގި ކަނޑައި ސާފުކޮށްފިއެވެ. ދެން ލޮނު ވަންނަ ބާގަނޑުތަކެއް ފެނިގެން އެތަންތަން ބެއްދުމުގެ މަސައްކަތް އިރުއަރައި އަލިވާންދެން ކުރީއެވެ.

އެރޭ މެންދަމުންއަލިވެ އެކެއްޖެހިތަނާ ޅިޔަނާގެ އަހުމަދު ބުންޏެވެ. ކަމަރާގޭގެ އެއްކޮޅުގައި ބަނދެފައިވާ މޮޓޯސައިކަލަކާހެދި ދިޔަހިއްކާން އެބަ އުނދަގޫވެއެވެ. މިސައިކަލަކީ ބޯޓުގެ ދެވަނަ ވެރިޔާ މުހައްމަދު މަނިކުފާނު އެއްހާސް ރުފިޔާ ދީފައި މާލެއިން ގަނެގެން ގެންދާ ސައިކަލެކެވެ. އިބްރާހިމް މަނިކުފާނު ބުންޏެވެ. ކަލޭމެންނަށް އުނދަގޫވާ އެއްޗެއްވިއްޔާ އެއްލައިލާށެވެ. ފުރާނަ ސަލާމަތްކުރާށެވެ. ހަމައެވަގުތު ސައިކަލް މޮހާލައިފައި ކަނޑަށް ދޫކޮށްލައިފިއެވެ.

އެރޭވެސް ދިޔައީ އެގޮތުގައެވެ. ބިރުވެރިކަމުގެ ތެރޭގައި ކެތްކުރާން ނުކުޅަދާނަ ގަދައިގައެވެ. ބޯޓުން އެއްޗެތި އުކަމުން ލުއިވަމުންގޮސް ވަކިވަރަކަށް ލުއިވީމާ ވަރަށް ބޮޑެތި ރާޅުއައިމާނޫނީ ބޯޓަށް ނާރާވަރުވެއްޖެއެވެ. އެހެންތިއްބައިވެސް ބިންދާލާ ބައެއް ރާޅު ބޯޓުގައި ދަމާފައިއޮތް ސަތަރީގެ މަތިން އަނެއްފަރާތަށް ދެއެވެ. އޭރު ބޯޓުގައި ތިބި ބައެއް މީހުންގެ ހާލުވަނީ ވަރަށް ބޮޑުވެފައެވެ. ހިތަދޫ ނައީމާ މޫސާ ނަމަކަށް ކިޔާ އަށާރަ އަހަރުގެ އަންހެންކުއްޖެއް ވަނީ ހޭނެތިފައެވެ. އަދި ހަވަރުތިނަދޫ ފާތިމަތު ސައީދާވެސް ވަނީ ޚަބަރުހުސްވެފައެވެ. އޭރު ދެން ބޯޓުގައި ފަސިންޖަރެއް ފަޅުވެރިއެއް ވަކިކުރާކަށް ނެތެވެ. އެންމެން އެއްވަރަށް މަސައްކަތް ކުރަނީއެވެ. މީހުންތައް ދެމިއްޖެއެވެ. ބަޑުފައިވެގެންނާއި ވަރުބަލިވެގެންނެވެ. އުއްމީދު ކެނޑިގެންނެވެ. އޭރަކު އަދި އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުކައެވެ.

ކަނޑު ގަދަވެފައި އޮއިވެސް އެހާބާރެވެ. ބޯޓު ކުރިއަށް ދާވަރަށް ވުރެ އޮޔާ ދެމުން ބޮޑެވެ. ހެނދުނު އަށެއް ޖެހުމުން ވޯކީޓޯކީނަގައި ރަށަކާއި ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ. މީހުން ރޮނީއެވެ.
އެދުވަހު ކަދުރުގަޑެއް ކަނޑާލައިގެން އެންމެނަށް ކާން ގޮވިއެވެ. ބައެއް މީހުންނަށް ކަދުރުއޮށެއްވަރު ކައިލެވުނެވެ. ގިނައީ އެއްވެސް އެއްޗެއް އަނގަޔަށް ނުލާ މީހުންނެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެމީހަކީވެސް އަނބިދަރީންނާއި މައިންބަފައިންނާއި ގެދޮރުގެ ގޮތުން ހިތާމަކުރާ މީހެކެވެ. ނުލާހިކު އަރާމު ދަތުރެއްގައި އައްޑުއަތޮޅަށް ދާން ފުރި މީހެކެވެ. ނަމަވެސް މިހާރު މިތިބީ އެންމެ މިނިޓަކަށްވުރެވެސް ކުޑަ އިރުކޮޅެއްގެ މެހުމާނަކަށް ވެފައެވެ. ދިރިދުނިޔޭގައި ހުރެވޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތިފައެވެ. އެހެންވީމާ އަނގަޔަށް އެއްޗެއްލެވޭނީވެސް ކާކަށް ހެއްޔެވެ. މައިންބަފައިންނާއި އަނބިދަރީން ގޭގައި ރޯނެވަރު ހިތަށް އަރާފައި އެމީހުން އެކަނިވާނެ މިންވަރު ހިތަށް އަރާފައި އެމީހުންނަށް ނުފެނި މާސިންގާ ކަނޑެއްގައި ނިމިދަނީކަން ހިތަށް އަރާފައި އަރުތެރެޔަކުން އެކައްޗެއްވެސް ދިރުނު މީހަކު ނެތެވެ.

ބޯޓު އެގަދައިގައި ޖެހިގެން ދެފަރާތަށް ފުރޮޅުމުގެ ތެރޭގައި އޭގައި ބޯފެން އަޅާފައިހުރި ސާޅީސްފަސް ގެލަނުގެ ތިން ތާގީވެސް ވަނީ ބަންޑުންވެގެންގޮސްފަައެވެ. އެންމެ ތާގީއެއް ފިޔަވައި ހުރިހާ ތާގީތައް ހުސްވެއްޖެއެވެ. އެއްތާގީގެ ފުލުގައި ކުޑަކުޑަ ފެންފޮދެއް އޮތެވެ. މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ބޯޓު ތަޅުވައިލިވަރުން އެ ފެންފޮދުވެސް ވަނީ ފީފާގެ ދަބަރާއެކުވެ ތަގައްޔަރުވެފައެވެ. ފެން ހުސްވުމުން ބޯޓުގައިހުރި ވިޔަފާރި މުދަލުގެ ތެރެއިން ރޯސްވޯޓަރ ބޭނުންކުރަން ފަށައިފިއެވެ. ރޯސްވޯޓަރ ހުސްވުމުން ދެން ހަދަންފެށި ގޮތަކީ މޫދުން ލޮނު ނަގައިގެން އޭގެތެރެއަށް ހަކުރާއި ގެރިކިރު އަޅައިގެން ބޮނީއެވެ.

މިގޮތުގެ މަތީން ތިންދުވަސްވާންދެން އިރަށް ބެހެއްޓިއެވެ. އެއީ އެއްގޮތަކަށްވެސް ރާއްޖެ މައްޗަށް ނަގަން ނުކެެރިގެންނެވެ. ބޯޓުގައި އެއްގޮތަކަށްވެސް ކައްކައި ކެވޭނޭ ގޮތެއް ނެތެވެ. މީހުން ކޮޅަށް ތިބީ އޭގައި އޮތް ކަދުރުގަޑަކާއި އަވެލި ބަސްތާގެ ބާރުގައެވެ. އެއިންވެސް ކެވެނީ ވަރަށް މަދު މީހަކަށް ވަރަށްވެސް މަދު އެތިކޮޅެކެވެ. ފުށާއި ހަކުރާއި މޮޑެގެން ގުޅަހަދައިގެން އެގުޅަ ކެވޭތޯވެސް ބައެއް މީހުން އުޅެއެވެ. ފުށްގަނޑު މޮޑެނީ މޫދުލޮނު އަޅައިގެންނެވެ. ފުށްގަނޑު ބަހައްޓާފައިހުރީ ބޮޑު ރިކާބީއަކަށް އަޅައިފައެވެ. އަތްމަތީގައި ފުށްގުޅަ ބާއްވައިގެން ކުޑަކޮށް ތަޅައި ރޮށްޓެއްގެ ސިފަގެނެސްގެން ކަނީއެވެ. އެހާތަނަށް ދިޔައިރު ދެވިލާގަޑު ދޭތެރެ މެދުކެޑެމުން އެދެމެދުން ބައިގަޑިއެއްހާއިރު ހުހަށް ލިބެއެވެ.

ބެހިއްޖެކަން ޔަގީންވުމާއި ތެޔޮ ހުސްވުން

ބޯޓުގެ މާލިމީ ފިލާ އަޅައިފިއެވެ. މާލިމީ އާދަންބޭ ބުންޏެވެ. މިތިބީ ހުވަދޫކަނޑުންވެސް ބޭރުވެފައެވެ. ބޯޓު މިއޮތީ ބެހިފައެވެ. މިހާރު ސިލޯނުގެ ގާލީކޮޅާއި ވަރަށް ކައިރިވެއްޖެ ކަމުގައެވެ. ވީމާ ދެން ރާއްޖެއެއް ނުހިފޭނޭ ކަމުގައެވެ. އެހެންކަމުން ދެން އެންމެ ސަލާމަތްގޮތަކީ ސިލޯނާއި ދިމާއަށް ބެހެއްޓުންކަމަށްވާތީ އެގޮތަށް ބެހެއްޓީއެވެ. އެގޮތުގައި ސިލޯނާއި ދިމާއަށް އެއްރޭ އެއްދުވާ ވާންދެން ބެހެއްޓިއެވެ. މާލިމީ ބުންޏެވެ. ނޮރަނަކަތް ފެށުމުގެ ކުރިން ސިލޯނަށް ނުދެވެންޏާ އިންޑިޔާއަށް ދެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ބޯޓުގައި ތިބި ބައެއްމީހުން ކިޔާން ފަށައިފިއެވެ. މީހުން ބުނާތީ އިވެއެވެ. ހުވަދޫކަނޑުގެ މެދުން އުޅަނދެއް ބެހިއްޖެނަމަ ދެންދެވޭނީ އަންޒަމާނުކަރައަށެވެ. މީގެ ތިން އަހަރު ކުރީން އައްޑުވަށް ދަނިކޮށް ހުވަދޫކަނޑުގައި ބެހުނު އޭދަފުށީ ހެލެރީ ބޯޓަަށް ދެވުނީވެސް އަންޒަމާނުކަރައަށެވެ.

އެހިސާބުން ދެން ދިމާވީ އަނެއްކާ އެހާ ހިތާމަހުރި މައްސަލައެކެވެ. އެހައިތަނުން ބޯޓުގައި ހުރި ތެޔޮފޮދު ހުސްވެއްޖެއެވެ. އެދުވަސްވަރު އައްޑުއަތޮޅުން މާލެދާ ނާލުބޯޓުފަހަރު ފުރަނީ ވަރަށް ގިނައިން ތެޔޮ ހިފައިގެންނެވެ. މާލެ ގޮސް ތެޔޮވިއްކާލަނީއެވެ. ބާކީ ބަހައްޓަނީ ކިރިޔާ އަތޮޅަށް ދެވޭވަރަށެވެ. އެމީހުން ބަލަނީ ފަސްދުވަހުން އައްޑުއަށް ދެވޭނެކަމަށެވެ. އެހެންވީމާ އެއަށްވުރެ އިތުރަށް ބޯޓުގައި ތެލެއް ނުބަހައްޓައެވެ. މިގޮތުން އީގަލްބޯޓުގައިވެސް މާގިނަ ތެލެއް ނެތެވެ.

ދެން ގަސްތުކުރީ ބޯޓުގައި ކޮންމެވެސް ގޮތަކުން ރިޔަލެއް ނެގުމަށެވެ. މިގޮތަށް ގަސްތުކޮށްގެން ފުރަތަމަ ބޯޓުގަައި އޮތް ވަކަރަކުން ކުނބެއް ޖެހީއެވެ. އޭގައި އެއްރިޔާ ނަގާފައި އަނެއްދުވަހު ބޯޓުގެ އިންޖީނުގެ ސައިލެންސަރުގެ ހޮޅި ލުއްސާލައިގެން ކުނބަކަށް ހަދައިގެން ދެވަނަ ރިޔާ ނަގައިފިއެވެ. އެގޮތަށް ތިންދުވަހުގެ ތެރޭގައި ތިން ރިޔާ ނަގައިފިއެވެ. ރިޔާ ފާހާ ތިނޯހާއި ބަރަނިވެސް ހުއްޓެވެ. ހަތަރު ރޯލު ޓެޓްރޯން ކޮޓަން ފޮއްޗާއި ދެ ރޯލު ވައުވެސް ހުއްޓެވެ. ރިޔާތައް ހެދީ މިތަކެތިންނެވެ. އެއީ މައިރިޔަލަކާއި ތުންމަތި ރިޔަލަކާއި ގެމައްތެ ރިޔަލެކެވެ. ފަސްކަނި ނަގައި ތިންކުނބު ހެދިއިރު ވީލްހައުސްގައި ހުރި ލަކުޑި މާރާތައް ބޭނުން ކުރާން ޖެހުނެވެ. ބަލަމުންދިޔައީ ތެޔޮ ހުސްވެފައިވާ ބޯޓުގައި ސިލޯނަށް ދެވޭތޯއެވެ. ސިލޯނުގެ އެއްވެސް ތަނަކަށް ލައްވޭތޯއެވެ.

އެއްވެސް ތަނެއް ނުފެނެއެވެ. ދެވޭނުދެވޭ ތަނެއް ނޭގެއެވެ. އެގޮތުގައި މާތް ރަސްކަލާގެއަށް ވަކީލުކޮށްގެން ކުރެވުނުހަައި މަސައްކަތެއް ކުރުންމަތީގައި ތިބީއެވެ. އޭރުވެސް ނިހާޔަތުގެ ދަރަޖައަށް ކަނޑު ގަދައެވެ. މުޅި ބޯޓުގެ ތެރެއިން އިވެނީ ތަކުބީރުގެ އަޑެވެ. ބަންގިގޮވާ އަޑެވެ. ދަންނަހާ ހެޔޮއެއްޗެއް ކިޔާ އަޑެވެ. ނަދުރުތައް ގޮވާ އަޑެވެ. ބޯޓުގައި ތިބި ހުރިހާ ފަަސިންޖަރުންނާއި ފަޅުވެރީންނާއި އެންމެން ހޭބޯނާރައި ދިޔަހިއްކަނީއެވެ.

މިގޮތަށް ރިޔާ ނަގައިގެން ތިބޭތާ ހަތަރުފަސްދުވަހެއް ވީފަހުން ވަރަށް އުފާވާކަހަލަ ކަމެއް ހިގައިފިއެވެ. އެއީ އާގުބޯޓެއް ފެނުނީއެވެ. ބޯޓު ފެނިގެން ހަންޖަހަން ފަށައިފިއެވެ. ފެނުނުކަމަކަށް ނުވިއެވެ. އެބޯޓުގެ އިތުރުން އެހެންވެސް ވަރަށް ގިނަ ބޯޓުފަހަރު ފެންނާން ފަށައިފިއެވެ. މިއިން އެއްވެސް ބޯޓެއް އީގަލްބޯޓާއި ކައިރިއެއް ނުކުރިއެވެ. ވަރަށް އަސަރުކުރާ ކަހަލަ ކަމެކެވެ. ހިތަށް އަރާ އެއްޗެތީގެ އަދަދެއްވެސް ނެތެވެ. ދުނިޔޭގައި އިންސާނުންގެ ބަޔަކަށް މިފަދަ ހިތްދަތި ހާލެއް ނުޖެއްސެވުމަށް އެދިއެދި ތިބީއެވެ. ހަނާއަޅައި ހަޅޭލަވައި ފޮތިތައް ހޫރުވައި ބާވަތްބާވަތުގެ އެއްޗެތި އުފުލައިގެން ހަންޖަހާ ހެދިއިރުވެސް އެއްވެސް ބޯޓެއް ކައިރިއެއް ނުކުރިއެވެ. ދާގޮތަށް ދަނީއެވެ. އަޅައެއް ނުލައެވެ. އެގޮތަށްގޮސް ފެންނަ ހިސާބުން ބާރަވަރަކަށް ބޯޓު ހިގައްޖެއެވެ. ހަމަ އެންމެ ބޯޓެއްވެސް އަޅައެއް ނުލިއެވެ. ދުށްކަމެއް ނުދެކޭ ކަމެއްވެސް ނޭގެއެވެ. އެއިން އެއްވެސްބަޔަކު އީގަލްބޯޓާއި ދިމާއަށް އަބުރައެއް ނުލިއެވެ.

އެހީ ލިބުން

އޮކްޓޫބަރު މަހުގެ ނަވާވީސްވަނަ ދުވަހުގެ ހެނދުނު އަނެއްކާވެސް ބޯޓެއް ފެނިއްޖެއެވެ. އެއީ ވަރަށް ބިޔަ ތެޔޮ ޓޭންކަރެކެވެ. ބޯޓު ފެނުމާއެކު އެކިފާޑުފާޑުގެ ދިދަތައް ނަގައި ފޮތިތައް ހޫރުވައި ހަޅޭލަވައި އުޅެގަތީމާ އެބޯޓު އައިސް އީގަލްބޯޓާއި ދާދި ކައިރީގައި މަޑުކޮށްފިއެވެ. ބަރުގޮނު އަޅައިފިއެވެ. އެބޯޓުގެ މީހުން ސުވާލުކުރީ ހިންދުސްތާނު ބަހުންނެވެ. ކިޔާމަންތާހޭ ކަލޭމެން ބޭނުންވަނީ ކޮންކަމަކަށްހޭ އަހައިފިއެވެ. ދެން އެބޯޓުން ލޯންޗެއް ބާލައި ފަސް މީހަކު އެޔަށް އަރައިގެން އަތުވެއްޖެއެވެ. އެއީ ދޮން ދެމީހަކާއި އިންޑިޔާ ތިން މީހެކެވެ. އެގޮތަށް އައިސް އީގަލްބޯޓާއި ޖައްސާފައި މަޑުކޮށްގެންތިބެ ކަލޭމެން ބޭނުންވަނީ ކޮންކަމެއްތޯ އަހައިފިއެވެ.

އެމީހުން ވާހަކަ ދައްކަނީ ސާފު ހިންދީބަހުންނެވެ. އީގަލްބޯޓުން ޖަވާބުދިނީވެސް އެނގުނުވަރަކުން އެބަހުންނެވެ. ފެން ބޭނުމޭ ބުނީމާ އެމީހުންގެ ލޯންޗަށް ސާޅީސް ގެލަން ފެން ލައިގެން އައިސް ދީފިއެވެ. އެދުވަހަކީ ވަރަށް ގަދަ ދުވަހެކެވެ. އެހެންވީމާ ފެންދޭން އުޅުމުގެ ތެރޭގައި ވަރަށް ސަކަރާތުގައި އުޅޭން ޖެހުނެވެ. ލޯންޗާއި ބޯޓުޖެހި ދޭއްޗަށްވެސް ހިސާބަކަށް ގެއްލުންވިއެވެ. ދެން ހެދިގޮތަކީ ލޯންޗަށް އީގަލްބޯޓުން ވަލެއް އެއްލީމާ އެވަލުގައި ފެންހަން ހަރުކުރަނީއެވެ. ދެން ދަމައި ބޯޓަށް ނަގަނީއެވެ.

މިގޮތަށް އުޅުމުގެ ތެރޭގައި އީގަލްބޯޓާއި އެ ލޯންޗު ކައިރިވީ ވަގުތެއް ބަލާފައި މުހައްމަދު މަނިކުފާނު އެލާންޗުގެ ތެރެއަށް ފުންމާލައިފިއެވެ. ހިތަދޫ އިބްރާހިމް ހަސަންވެސް ލޯންޗުގެ ކައިރިއަށް ކަނޑަށް ފުންމާލައިފިއެވެ. މިހެންވުމުން ލޯންޗުގައި އިން ދޮންމީހާގެ ކައިރިއަށް ވަރަށް ރުޅިއަތުވެއްޖެއެވެ. އެމީހާ އިނީ ކާކީ ފަޓްލޫނެއްލާފައި ހުދުގަމީހެއްގައެވެ. ފެތުނަސް އަޑިޔަށް ނުދާކަހަލަ ބޮޔެއް ގައިގައި ހަރުކޮށްގެންނެވެ. މިބޮއި އެލޯންޗުގެ އެންމެންވެސް ތިބީ އަޅައިގެންނެވެ.

މުހައްމަދު މަނިކުފާނު އެލޯންޗަށް އެރުމާއެކު އެދޮންމީހާ އޭގައިއޮތް ބޮޑު ރެންޗެއް ނަގައި މަޅައިގެންފިއެވެ. އެވަގުތު މުހައްމަދު މަނިކުފާނު ވަރަށް ނިކަމެތިކަމާއި އާދޭހާއެކު ބުންޏެވެ. ތިމަންނާޔަކީ ބެހިފައިވާ މިއޮތް ބޯޓުގެ ވެރިމީހާއެވެ. މިއައީ އެހީތެރިކަމަށް އެދިގެންނެވެ. އެހެންވީމާ މިދައްކާ ވާހަކައިގެ އަޑު އެހުން އެދިގެން ހުރީމެވެ. މިހާވަރަށް އާދޭސްކުރީމާ އޭނާ ރުޅި މަޑުކޮށްފައި ސުވާލުކުރިއެވެ. ތިޔަކިޔަނީ ކީކޭ ހެއްޔެވެ. ދެން މުހައްމަދު މަނިކުފާނު ދަންނަ ގޮތަކަށް ހިންދީބަހާއި އިނގިރޭސިބަސް މަސްހުނިކޮށްގެން ހާލުގެ ވާހަކަ ބަޔާންކޮށްދީފިއެވެ. މިހާލުގައި އުޅޭތާ މިހާދުވަސްވެއްޖެކަމާއި ކަންތައްތައް ހުރިގޮތް ކިޔައިދީފިއެވެ. މުހައްމަދު މަނިކުފާނު އެދުނީ އީގަލްބޯޓުގައި ތިބި އެންމެން ތެޔޮ ޓޭންކަރަށް ނަގައިދިނުމަށެވެ. ދޮންމީހާ ޖަވާބުގައި ބުނީ ނޯނޯއެވެ. އެހެންބުނީ ވަރަށް ބާރަށެވެ. އަނެއްކާވެސް މުހައްމަދު މަނިކުފާނު ބުންޏެވެ. ބޯޓުގެ އިންޖީނު ސަލާމަތުން އެބަހުއްޓެވެ. އެހެންވީމާ މިހާރު މިތިބަތަނުން ދެން ދެވޭނޭ ތަނެއް ދައްކައިފައި ބޯޓު ދުއްވާނެ ޑީސަލް ދޭށެވެ.

ޑީސަލަށް އެދުނީމާ އެކަންކުރެވިދާނެ ކަމަށް އޭނާ ބުނެފިއެވެ. ދެން ކަލޭ އަވަހަށް ބޯޓަށް އަރާށޭ ބުނީމާ މުހައްމަދު މަނިކުފާނު އަނބުރާ އީގަލްބޯޓަށް އަރައިފިއެވެ. ތެޔޮ ހިފައިގެން މިއަންނަނީއޭ ބުނެފައި ގަޑިއެއްހާއިރު ފަހުން އެނބުރި އައީ ވިހި ގެލަން ޑީސަލް ހިފައިގެންނެވެ. އެފަހަރުވެސް މުހައްމަދު މަނިކުފާނު ލޯންޗަށް ފޭބިއެވެ. މިފަހަރު ޗާޓެއް ހިފައިގެންނެވެ. ފައިބާފައި އެމީހުންގެ ކައިރިން އެދުނީ މިހާރު މިތިބެވޭ ތަނަކީ ކޮބައިކަން ބުނެދިނުމަށެވެ. ދޮންމީހާ ދެއްކިތަނުން އެގުނު ގޮތުގައި އީގަލްބޯޓު އޮތީ ސިލޯނާއި ދުއިސައްތަ ވަރަކަށް މޭލު ދުރުގައެވެ. ދެން ދަތުރުކުރާންވީ މިސްރާބު ޗާޓުން ދައްކައި މަގުދައްކައިދީފައި ދެން ކަލޭ އަވަހަށް ކަލޭމެންގެ ބޯޓަށް އަރާށޭ ކިޔާފަައި ފޮނުވާލަން އުޅެގެންފިއެވެ.

މުހައްމަދު މަނިކުފާނު ދެން އެދުނީ ކުޑަވަގުތުކޮޅަކަށް ތެޔޮޓޭންކަރަށް ގޮސްލުމަށެވެ. އެކަމަށް އެދުނީމާ ބޭނުމަކީ ކޮބައިތޯ އަހައިފިއެވެ. ބޭނުމަކީ ކެޕްޓަނާއި ބައްދަލުކުރުމޭ އޭނަޔާ ބައްދަލުކުރަން އެދެނީ މިބޯޓުގައި ތިބި މީހުން އެއިން ގެންގޮސްދޭތޯ އަހާލުމަށޭ ބުނީމާ ދޮންމީހާ ބުންޏެވެ. އަހަރެންނަކީ ބޯޓުގެ ޗީފް އޮފިސަރެވެ. ތިޔަ ކަންތަކާއި ބެހޭގޮތުން ކެޕްޓަނާއި ބައްދަލުކުރުމުގެ ބޭނުމެއް ނެތެވެ. އަހަރެމެންގެ ބޯޓަކުން ކަލޭމެން ނުގެންދެވޭނެއެވެ.
ދޮންމީހާ މިޖަވާބުދިނީމާ މުހައްމަދު މަނިކުފާނު އީގަލްބޯޓަށް އަރައިފިއެވެ. އޭނާ އެންމެފަހުންވެސް ބުނީ މިހެންނެވެ. އަހަރެމެންނަށް ކޮށްދެވޭނީ ކަލޭމެން ބޭނުން ކަމެކެވެ. މީހުން ގެންގޮހެއް ނުދެވޭނެއެވެ.

އީގަލްބޯޓުގެ މީހުންނަށް އެހީވި ތެޔޮޓޭންކަރުގެ ނަމަކަށް ޖަހާފައި އޮތީ ޓެކްސެކޯ ރޯމް މިހެންނެވެ. އޭގައި ގިނައިން ތިބީ ދޮން މީހުންނެވެ. ދެން އިންޑިޔާ މީހުންނެވެ. ތެޔޮޓޭންކަރު އޮންނަނީ އީގަލްބޯޓާއި ދެމޭލެއްހައި ދުރުގައެވެ. މީހުން ނަގައިގެން ހިކިފަސްތާކަށް ގެންދާން އެއްބަސްނުވިޔަސް ތެލާއި ފެނާއި އެނޫންވެސް ބައެއްތަކެތި ދިނީތީ ދިވެހީން ތިބީ އުފަލުންނެވެ.

އެމީހުން އެކިފަހަރުމަތިން ލޯންޗުގައި އައިސް އީގަލްބޯޓަށް ޖުމްލަ އަށްޑިހަ ގެލަން ޑީސަލް ދިނެވެ. އަދި ތިންވަނަ ފަހަރަށް ތެޔޮގެނައިއިރު ޕާނާއި ބަޓަރު އަޅާފައިހުރި ވަށިގަޑެއްވެސް ގެނެސްދިނެވެ. އެމީހުން ބުނަނީ އަށްޑިހަ ގެލަން ޑިސަލުން ސިލޯނަށް ދެވޭނޭ ކަމުގައެވެ. މުހައްމަދު މަނިކުފާނު ބުންޏެވެ. އަށްޑިހަ ގެލަން ޑީސަލުން ދުއިސައްތަ ދިހަ މޭލު ކަޑައްތު ކުރެވޭނެ ބާވައެވެ. އެމީހުން ބުންޏެވެ. ޔަގީނެވެ. ދެވޭނެއެވެ. މިހެން ބުނެފައި ސަލާންކޮށްފައި ހިގާއްޖެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!