އީގަލްބޯޓުގެ ބިރުވެރި ދަތުރު 1

ވާހަކައިގެ ފެށުން

އީގަލްބޯޓަކީ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު އައްޑުއަތޮޅާއި މާލެއާ ދެމެދު ދަތުރުކުރި ނާލުބޯޓެކެވެ. އެއީ ހިތަދޫ ދޮންކޮއްޔަގެ ތުއްތުމަނިކުގެ އިބްރާހިމް މަނިކުފާނުގެ ބޯޓެެވެ. އެދުވަސްވަރު އައްޑުއަތޮޅުގެ ގިނަބަޔަކު މާލެދިއުމަށާއި މާލެއިން މުދާ ގެނައުމަށް ބަރޯސާކުރި ބޯޓުފަހަރުގެ ތެރެއިން އެއްބޯޓަކީ އީގަލްބޯޓެވެ. މިގޮތަށް ކުރި ދަތުރެއްގައި ވީނުވީއެއް ނޭގި ބޯޓު ގެއްލިއްޖެއެވެ.

އީގަލްބޯޓު ބެހުނީ 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެއީ ވެލާނާގޭ އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ދައުރެވެ. ދުވަސްވަރަކީ ބަންގާޅުގެ މިނިވަންކަމުގެ ހަގުރާމައިގެ ދުވަސްވަރެވެ. އިންޑިޔާއާއި ޕާކިސްތާނުގެ ހަގުރާމައިގެ ހުޅުގަޑު ދެކުނު އޭޝިޔާއަށް ފެތުރިފައިއޮތް ދުވަސްވަރެވެ. އީގަލްބޯޓު ބެހިގެން ލައްވާލީ ސިލޯނުގެ ޓްރިންކޮމަލީގައެވެ. ވަރަށް މަޝްހޫރު ތާރީޚީ ބަނދަރެކެވެ. އާއްމުގޮތެއްގައި ދިވެހީން ގޮސްއުޅޭ ތަނެއް ނޫނެވެ. އެއީ ސިލޯނުގެ އިރުމަތީބިތެވެ. ބަންގާޅުކަނޑުގެ ހުޅަނގުބިތުގެ އައްސޭރިއެވެ. ހާދިސާގެ ވާހަކަ މިލިޔަނީ ދަތުރުގައި ބައިވެރިވި ބައެއް މީހުން ކިޔައިދިން ގޮތަށެވެ.

ސާޅީސްހަތް މީހުންނާއިގެން ކުރި ދަތުރުގައި މާލެއިން ފުރައިގެންގޮސް އޭގެތެރެއިން އެކަކު ލ އަތޮޅަށް ބާލާފައި ދެންތިބި ސާޅީސްހަ މީހުން ފުރީ ހުވަދޫ ކަނޑު ދުއްވާފައި އައްޑުއަތޮޅަށް ދިއުމަށެވެ. އެދުވަސްކޮޅުގެ ވިއްސާރަކަމާއި ކަނޑުގަދަކަމުގެ ތެރެއިން ދެން އިވޭންފެށީ މީސްމީހުންގެ ފަނޑުފަނޑު ސުވާލެކެވެ. އަދި ޚަބަރެއް ނާދޭ ހެއްޔެވެ. ތިންހަތަރު ދުވަހެއްގެ ފަހުން ބުނެވޭންފެށީ ލަސްވެއްޖެއެވެ. އެއަޑުގައި ހުރި ބަލިކަށިގޮތުގެ މައްޗަށް ސީރިއަސްކަން ވެރިވަމުން އޭގައި ކަންބޮޑުވުމާއި ބިރުވެރިކަމުގެ ކުލަހިފަމުންގޮސް އެންމެފަހުން ބުނެވޭންފެށީ އީގަލްބޯޓު ވީތަނެއް ނޭގެއެވެ.

އެކި ގޭގެއިން ދެން އިވޭންފެށީ މީހުން ރޯއަޑެވެ. ކުޑަކުދީން ހިތުގައިޖެހިގެންގޮސް ގިސްލެވެމުންދާ އަޑެވެ. އަހަރެންގެ ބައްޕާއޭ އަހަރެންގެ ބޭބެއޭ ގޮވާ އަޑެވެ. އިވެމުންދިޔައީ އެކި މައިންގެ ހިތާމައިންފުރިފައިވާ އަޑުތަކެވެ. އަހަރެންގެ ދަރިފުޅު ސަލާމަތް ކުރައްވާށިއެވެ. ހަމައެހެންމެ އެކިއެކި އަނބީންގެ ވޭނީ އަޑެވެ. އަހަރެންގެ އެއްވެސް އެހީތެރިއެއްނެތެވެ. އީގަލްބޯޓު ވީތަނެއްގައި ވެއްޖެއެވެ. އޭގައިވީ ސާޅީސްހަ މީހުންނެވެ. އޭގެތެރޭގައި ދެ އަންހެނުންނާއި ކުޑަ ދެކުއްޖަކުވެސް ދިޔައެވެ. ދުވަސްތައް ވޭތުވަމުން ދިޔަދިޔަހެން އެ އަސަރު ދިޔައީ ގަދަވަމުންނެވެ.

ބޯޓާއިބެހޭ އެންމެ ފަހު ޚަބަރަކަށްވެސް ލިބިފައިއޮތީ މާލެއިން ފުރައިގެންގޮސް ލ އަތޮޅަށް ވަފެދައި އެއަތޮޅުން ނުކުތުމަށްފަހު ވިއްސާރަ ކަމާ އަޅާބަލާއިރު ބޯޓު ބަރާކަމުން ދުއްވާން ކެރޭވަރުނުވާތީ އަނެއްކާ ލ އަތޮޅަށްވަދެ ހިސާބަކަށް މުދައު ހުސްކުރުމަށްފަހު އަނެއްކާ ފުރި ޚަބަރެވެ. ދެން އޭގެ އެއްވެސް ޚަބަރެއް އޮތީ ނުލިބިފައެވެ. މިވަރުގަދަ އިންސާނީ ހަމްދަރުދީގެ އަސަރު ފުންކޮށްކުރީ ހަމައެކަނި އޭގައިވީ މީހުންގެ އާއިލާތަކަށް ނޫނެވެ. އެ ޚަބަރު އެހި ކޮންމެ މީހެއްގެ ހިތުގައި ބިރުވެރި ހިތާމައެއް ވަނީ ހިނގައިފައެވެ. ދުވާލަކު އެތައްފަހަރަކު އީގަލްބޯޓުގެ ސުވާލު ދިޔައީ އިވެމުންނެވެ. އީގަލްބޯޓު ވަނީ ފަރުދާގެ އަނެއްފަރާތުގައި ގެއްލިފައެވެ.

އީގަލްބޯޓުގެ ޚަބަރެއް ނުލިބި ދޮޅުމަސް ފާއިތުވުމަށްފަހު ސިލޯނު ސަރުކާރުން ދިވެހި ސަރުކާރަށް ބޯޓާއި ބެހޭ ޚަބަރެއް ދީފިއެވެ. ތެޔޮހުސްވެގެން ބެހިގެން ސިލޯނުގެ އައްސޭރިޔާއި ދާދިގާތުގައި ވަނިކޮށް ސިލޯނުގެ ކަނޑުގެ ސިފައިން އެހީތެރިވެގެން އީގަލްބޯޓޭ ކިޔުނު ދިވެހި ބޯޓެއް ޓްރިންކޮމަލީގެ ބަނދަރަށް ވައްދައިފިއެވެ. އޭގައި ތިބި މީހުންގެ ހާލު ރަގަޅެވެ. މިވާހަކައިގައި މިލިޔަނީ އީގަލްބޯޓު ބެހިގެން އެވީ ދުވަސްތަކުގައި ކަންހިނގިގޮތެވެ. ބޯޓާއި ބެހޭ މައުލޫމާތެވެ. ދެންވެސް މިދަތުރާއި ބެހޭ އެހެނިހެން ވާހަކަތަކެވެ.

އީގަލްބޯޓުގެ ތައާރަފެއް

ބޯޓުގެ ވެރީންނަކީ ހިތަދޫ އާޒާދީގޭ އިބްރާހިމް މަނިކުފާނާއި އޭނާގެ އެއްބަނޑުއެއްބަފައި ކޮއްކޮ ހިތަދޫ މޯނިންވާދީ މުހައްމަދު މަނިކުފާނެވެ. މިތަނުން މުހައްމަދު މަނިކުފާނު ކުރީން އުޅުނީ އިނގިރޭސީންގެ ކައިރީގައި ގަމުގެ މަސައްކަތުގައެވެ. މިހެން އުޅުމުގެ ތެރޭގައި އާރޭފެ ހުސައިނު ޖަގަޑާއޭ ކިޔުނު ޖަގަޑާގެ ތެރޭގައި ކޮންމެވެސް ގޮތަކުން ކުށްވެރިވެ ހިތަދޫން އަރުވައިލެވުނު ހަތްދިހަނުވަ މީހުންގެ ތެރޭގައި ހިމެނިގެން ރަށުން ބޭރުގައި ހަޔެއްކަ އަހަރު ހޭދަވިއެވެ. އެނބުރި ރަށަށް އައިތަނުން މީނާގެ ބޭބެ އިބްރާހިމް މަނިކުފާނު އެންގީ ދެން ގަމަށް މަސައްކަތުދާން ނުފެންނަ ކަމަށާއި ދެބެއިންވެގެން ބޯޓެއް ބަނދެގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅެވޭތޯ ބަލަންވީ ކަމުގައެވެ.

ބޯޓެއް ބަނުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ހޯދީ އިންޖީނެކެވެ. އިންޖީނު ގަތީ ހުޅުދޫ ގައުމާތަގޭ މުސްތަފާ އަތުންނެވެ. މިއީ ފެންޕަންޕަކާ ގުޅާފައިހުރި ހަތަރު ސިލިންޑަރު ފަންސާސްފަސް ހޯސްޕަވަރުގެ ފިލިޕޮން އިންޖީނެކެވެ. އިންޖީނު ގެންފައި ދެން މާލެގޮސް ވައިކަރަދޫ އަލީކަތީބު ގެންގުޅުނު ކުޑަވަރެއްގެ ލޯންޗެއް މަހަކު ހަތަރުސަތޭކަ ރުފިޔާގެ ކުއްޔަށް ނެގީއެވެ. ދެން ފުވައްމުލަކުން ލަކުޑި ލިބޭނޭގޮތް ހަމަޖައްސައި އެރަށަށްގޮސް ގަސްތައް ކަނޑައިގެން އޭގެ ލަކުޑި މިލޯންޗުން ހިތަދުވަށް އުފުލައިގެން އެކަށޭނަ މިންވަރަށް ލަކުޑި ޖަމާވީމާ ބޯޓެއް ބަނުމުގެ މަސައްކަތް ފަށައިގަތީއެވެ.

ބޯޓުގެ ފަށަން ބެހެއްޓީ 17 ޖެނުއަރީ 1970 ވަނަ ދުވަހު ހިތަދޫ އާޒާދީގޭ ގޯތިތެރޭގައެވެ. މާވަޑިޔަކީ ހުޅުލޭ ބޯޓުޔާޑުގައި އުޅެ މިކަމުގެ ތަޖުރިބާ ހޯދާފައިވާ ހަވަރުތިނަދޫ އިބްރާހިމް ޝާކިރެވެ. ބޯޓު ބަނުމަށްޓަކައި ލަކުޑިކީހީ އެއްކަލަ އިންޖީނުގެ ޕަންޕުބައި ރޫޅައިލައި ތިލައެއް ގުޅައިގެން ޕަންޕުގެ ބައި ކީހަކަށް ބަދަލުކޮށްގެންނެވެ. މިގޮތުން ބޯޓު ބަނދެ ނިމުމުން ހަމަ މިއިންޖީނު ބޯޓުގައި ބެހެއްޓީއެވެ. ބޯޓުގެ ފަށަން ބެހެއްޓިތާ އަހަރު ފުރުނީ ބޯޓު ރަޖިސްޓަރީވެސް ކޮށްގެން ފުރަތަމަ ދަތުރުގައި ރަށުން ފުރައިގެން އައިސް ހުވަދުއަތޮޅުގެ ގައްދޫ ބޭރުގައި ތިއްބައެވެ. ބޯޓު ބަނުމަށްޓަކައި ޚަރަދުވީ ތިރީސްފަސްހާސް ރުފިޔާއެވެ.

މިފަހަރު މާލެއިން އައްޑުވަށް ކުރި ދަތުރަކީ މިފަދަ ދިހަ ވަނަ ދަތުރެވެ. އެހެންވީމާ ބޯޓު ދުއްވާން ފެށިފަހުން ކުރެވިފައިވަނީ މަހަކު ދަތުރެކެވެ. މިފަހަރު މާލޭގައި އަށް ދުވަހު ތިބެފައި ފުރީ ރަށަށްގޮސް ބޯޓު އެހެލައި ހިސާބަކަށް މަރާމާތު ކުރުމަށް ގަސްތުކޮށްގެން އެކަމަށް ބޭނުންވާ ސާމާނާވެސް އެކުގައެވެ. ބޯޓުގައި ލޮއިޖެހުމަށްޓަކައި ގާތްގަޑަކަށް ސަތާރަހާސް ރުފިޔާގެ ތަކެތި ގެންދިޔައެވެ. އެއީ އެންމެފަހުން ކުރި ތިން ދަތުރުގެ ނަފާގެ ޖުމްލައެވެ.

ދަތުރުކުރި މީހުން

ބޯޓުގެ މާލިމީއަކީ ހުވަދުއަތޮޅު ތިނަދޫ ހުވާކަލޯގެ އާދަންބެއެވެ. ސަރަނގަކީ ހިތަދޫ ތުއްތުމަނިކުގެ މޫސާމަނިކުފާނެވެ. އިންޖިނޭރަކީ އަދި ބޯޓުގެ ދެވަނަ ވެރިޔަކީ ހިތަދޫ ތުއްތުމަނިކުގެ މުހައްމަދުމަނިކުފާނެވެ. އޭނާގެ އެހީތެރިޔަކީ ތުއްތުމަނިކުގެ މޫސާމަނިކުފާނުގެ މުހައްމަދުދީދީއެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އައްޑުއަތޮޅުގެ ހުރިހާ ރަށެއްގެ މީހުންވެސް ހިމެނުނެވެ. އެނޫން އަތޮޅުތަކުގެ މީހުންވެސް ހިމެނުނެވެ. އޭރު ދަތުރުފަތުރުކުރާ އުޅަނދުތައް އެހާ ގިނައެއް ނޫނެވެ. ދަތުރުތައްވެސް ގިނައެއް ނޫނެވެ. އެހެންވީމާ ބޯޓެއް ފުރާއިރު އެހިސާބަކަށް ދާން ބޭނުންވެފައިތިބޭ އެންމެން އެޔަށް އަރާނެއެވެ.

އީގަލްބޯޓުން ފުރި މީހުންގެ ތެރޭގައި މީދޫ، ހުޅުދޫ، ފޭދޫ، ހިތަދޫ، ފުވައްމުލައް އަދި ހަވަރުތިނަދޫ އާއި މާލޭ މީހުންވެސް ހިމެނުނެވެ. އޭގެތެރޭން ބައެއް މީހުންނީ މީދޫ އަލިބެއްޔާގެ އިބްރާހިމްދީދީ، މީދޫ ދާޔާގެ އަހުމަދުދީދީ، މީދޫ ތުނޑާގެ ތުއްތުދީދީ، ހުޅުދޫ ދޮންއަލިފުޅުގެ މުހައްމަދު އަލީ، ހުޅުދޫ ގައުމާތަގޭ މުހައްމާބެއްޔާ، ހުޅުދޫ ކަޅޮބެޔާގެ އަލީ، ފޭދޫ ގެދަރި ހުސައިންމަނިކުފާނު، ފޭދޫ އައިސްގޭ މުހައްމަދާ، ފޭދޫ އިބިރިހިމްބެޔާގެ އަލިކަލޯ، ފޭދޫ އަނދުން މޫސާފުޅު، ފޭދޫ ފަހުމީ (ކަޅަބެޔާގެ ހަސަނާގެ ފަހުމީ)، މާލޭ ފަހުމީ (އަލްހާނު ފަހުމީގެ ބައްޕަ) އެވެ.

ބޯޓުގައި ގިނައިން ތިބީ ހިތަދޫ މީހުންނެވެ. އޭގެތެރޭގައި ދޮންކޮއްޔަގެ ތުއްތުމަނިކުގެ އިބްރާހިމްމަނިކުފާނު، ތުއްތުމަނިކުގެ މޫސާމަނިކުފާނު، މީނާގެ މުހައްމަދުދީދީ، ތުއްތުމަނިކުގެ މުހަދުމަނިކުފާނު، ކަމަނާގެ ވަހީދު، ކަމަނާގެ ވަހީދާ، އިބްރާހިމް ހުސޭނު (ހޮޓަލި އިބްރާހީމް)، ކުޑަމުހައްމަދު، މީނާގެ އަލީ ރަޝީދު (ކުޑަކުއްޖެއް)، މީނާގެ ކޮއްކޮ އަހުމަދު، ޅިޔަނާގެ އަހުމަދު، ރެއްކާ، މުހުއްމާބެއްޔާ، ހައްވާއްތާގެ މުހަދަމަނިކުފާނު އަދި އަލިމަނިކާ ހިމެނެއެވެ.

އައްޑޫ ނޫން މީހުންގެ ތެރޭގައި ފުވައްމުލަކު ވާދީ މުހައްމަދުދީދީ އާއި ހަވަރުތިނަދޫ ހުވާކަލޯގެ އާދަނާއި މާލޭ ހާޖަރާގޭ މުހައްމަދު ތައުފީގު ހިމެނުނެވެ. މަތީގައި ލިޔެވުނު މީސްމީހުންގެ އިތުރުންވެސް ހިތަދޫ ކުޅުންތެރިންގެ ބަޔަކާއި ކުޑަމުހައްމަދުގެ އެކުވެރިންގެ ބަޔަކުވެސް ބޯޓުގައި ތިއްބެވެ. އެމީހުންގެ ތެރޭން ބައެއް މީހުންނަކީ ގަމުގެ ލޭބަރުންނެވެ.

މިދަތުރަށްފަހު ހިތަދޫ ކަމަނާގެ ވަހީދު ދަތުރުނާމާއެއް ލިޔުނު ކަމަށްވެއެވެ. ވަހީދު އާއި އޭނާގެ ކޮއްކޮ ވަހީދާއަކީ ކިޔަވާން ވެގެން މާލޭގައި ތިބެފައި ޗުއްޓީއަށް ދިޔަ ދެކުދީންނެވެ. މި ދެކުދިންގެ މަންމަ ކަމަނާ އިނދެގެން ހުރީ ޅިޔަނާގެ ކޮންމެވެސް މީހަކާއެވެ. މިވަހީދަކީ ފަހުން ހިތަދޫ ކޯޓުގައި ވަޒީފާ އަދާކުރި މީހެކެވެ.

މާލެއިން ފުރުން

ބޯޓު މާލެއިން ފުރީ 12 އޮކްޓޫބަރު 1971 ވަނަ ދުވަހުގެ ރޭގަޑުއެވެ. ވަރަށްވެސް މޫސުންރީތި ދަތުރުކުރާން އެކަށީގެންވާ ރެއެކެވެ. ނިޔާމަ ދަތުރެއްކޮށްފައި ގޮސް އެންމެފުރަތަމަވެސް ޖެއްސީ ލ ހިތަދޫގައެވެ. އެއީ ދުވާލު މެންދުރުވެގެން އައި ވަގުތެވެ. އެރަށުގައި ޖެއްސީ ބޯޓުގެ ދަތުރުވެރީންގެ ތެރެއިން މާލޭގެ ބޭފުޅެއް ކަމުގައިވާ ހާޖަރާގޭ މުހައްމަދު ތައުފީގު އެރަށަށް ބޭލުމަށެވެ. މިތައުފީގަކީ ކޮންމެ ރޯދަމަހަކު ރޭޑިޔޯއިން މިއިވޭ ސިޔަރަތު ވިދާޅުވެދެއްވާ ތައުފީގެވެ. މީނާ ބޭލުމުން ބޯޓުގައި ދެންތިބީ ޖުމްލަ ސާޅީސްހަ މީހުންނެވެ. ތައުފީގު ބާލާފައި ދެންދިޔައީ ދާދި ކައިރީގައި އޮންނަ މާމެންދޫއަށެވެ. އެރަށަކީ އެދުވަސްވަރުގެ ދަތުރުފަތުރުގައި ޓްރާންސިޓް ބަނދަރެކެވެ. ހުވަދޫ ކަނޑަށް ނުކުތުމުގެ ކުރީން ވަރަށް ގިނަ ބޯޓުފަހަރު އެރަށުގައި މަޑުކުރާނެއެވެ.

އީގަލްބޯޓުވެސް މިގޮތުން އެރަށުގައި މަޑުކުރުމަށްފަހު ދަތުރަށް ބޭނުންވާ ބޯފެނާއި ދަރު އެރަށުން ލައިގެން އިރުއޮއްސި ހަޔެއް ޖެހުމުން ފުރައިފިއެވެ. ރަށާއި ފަނަރަވަރަކަށް މޭލު ދުރަށް ދެވުނުތަނާ މޫސުން ގޯސްވެ ކަނޑުގަދަވެއްޖެއެވެ. އޮއިވަރުގައި ބޯޓުތެރެއަށްވެސް ރާޅުއަރާން ފަށައިފިއެވެ. މިހިސާބަށް ދިޔައީމާ މާލިމީއަކަށްހުރި ހަވަރުތިނަދޫ އާދަން މާލިމީ ބުންޏެވެ. މިކަނޑުގައި ދަތުރުކުރެވޭވަރަށްވުރެ ބޯޓު މިއޮތީ މާބަރުކޮށެވެ. ދެން ބޯޓު އައިކޮޅަށް އަނބުރާލާފައި މާމެންދުވަށް ދެވުނީ އެރޭ ދަންވަރު އެއްގަޑިބައިގައެވެ.

އެރޭ އެރަށުގައި ތިބެފައި ޖެހިގެން އައި އޮކްޓޫބަރު ފަނަރަވަނަ ދުވަހު މަސައްކަތްކުރީ ބޯޓު ކޮންމެވެސް ވަރަކަށް ލުއިކޮށްލުމަށެވެ. އެގޮތުން މާމެންދޫއަށް ނަވާވީސް ބަސްތާ ހަނޑޫ ބޭލިއެވެ. އެންމެފުރަތަމަ ގަސްތުކުރީ ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި ހުރި ބަސްތާތަކުގެ ތެރެއިން އެއްބަސްތާ ބޭލުމަށެވެ. އެކަމަކު ކޮންމެ މީހެއްގެ ބަސްތާތައް ހޯދާން ފަސޭހަނުވީމާ ފަސޭހައިން ފެންނަންހުރި އެފަދަ ބަސްތާތައް ބާލައި ބޯޓުގެ ވެރީންގެ ނަމުގައި ހުރި ބަސްތާތަކުގެ ތެރެއިންވެސް މިންވަރެއް ބާލައިގެން އަދަދު ހަމަކުރީއެވެ. މިގޮތަށް ބޭލި ބަސްތާތައް އެރަށުގެ ދޯނިފަހަރުގައި ބޭލުމާއި އެރަށުގެ ގޭގޭގައި ރައްކާކޮށްދިނުމުގައި ކަތީބުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އެދުވަހަކީ މޫސުން ގޯސްކަމުން ދަތުރު ކުރެވޭވަރު ނުވެގެން ހުވަދޫ އަލީކަތީބުގެ ބޯޓުވެސް އެރަށުގައި ބަނދަރުކޮށްގެން އޮތްދުވަހެވެ.

މިމަސައްކަތް ނިމުނީމާ ހަމައެދުވަހު މެންދުރުފަހު ތިންގަޑިބައިގައި މާމެންދޫން ފުރައިގެން ހުވަދޫ ކަނޑަށް ނިކުމެ ދުއްވާންފެށިއިރު މޫސުން އޮތީ ރަގަޅުވެފައެވެ. ވައިޖެހެނީ އާދައިގެ ބާރުމިނެއްގައެވެ. ހުވަދޫ ކަނޑަށް ނިސްބަތްކުރާއިރު ދަތުރުކުރާން އެންމެ ރަގަޅު ދުވަހެކެވެ. އެހެންކަމުން ބޯޓު ދުއްވާފައި ދިޔައީ ވަރަށް ނިޔާމައިގައެވެ. ވޯކީޓޯކީ ނަގައިގެން ކައިރިކައިރީގެ ރަށްރަށަށް ގުޅައި މޫސުމާއި ބެހޭގޮތުން މައުލޫމާތުވެސް ސާފުކުރިއެވެ. އޭރު މުވާސަލާތީ ކަންކަމުގައި ބޭނުންކުރަނީ ހަމައެކަނި ވޯކީޓޯކީއެވެ. ވޯކީޓޯކީން ގުޅޭނީ ކައިރީގައިވާ ރަށްރަށަށް ވަކިގަޑިތަކެއްގައެވެ.

ވަރަށް އަނދިރި ރެއެކެވެ. ހަނދުވަރުގެ ކަންފުޅެއްވެސް ނެތެވެ. އެކަމަކު މެންދަމުން ފަތިސްދަމަށް އަޅައިގަތްއިރުވެސް ވިއްސާރައިގެ އަލާމާތެއް ނުފެނެއެވެ. ބޯޓުގައި ތިބި މީހުންގެ ތެރެއިން ހަޔެއްކަ މީހުން ފިޔަވައި އެންމެންވެސް ތިބީ އަރާމު ނިދީގައެވެ. ގާތްގަޑަކަށް ތިންގަޑިތިރީސްވީތަނާ ދިރުނބާކޮޅުގައި ހުރި މީހަކު ގޮވައިލިއެވެ. ވިލާގަޑެއް އެބަނަގައެވެ. އެކަމަކު މިވިލާގަޑަކުން ކެރިއެއްވެސް ނާދެއެވެ. ވައިމައްޗަށް ނަގައިގެން ދުއްވާކަށްވެސް ނުޖެހުނެވެ. ހިސާބަކަށް ވައިގަދަވެލާފައި އެކަން ނިމިއްޖެއެވެ.

އޭރު ބޯޓުހުރީ ހުވަދުއަތޮޅާއި ގާތްގަޑަކަށް ވިއްސަކަށް މޭލު ދުރުގައެވެ. ލާމު އަތޮޅަށްވުރެ ކައިރީގައި އޮތީ ހުވަދުއަތޮޅެވެ. މިގޮތަށަ ނިޔާމައިގައި ދުއްވަމުންގޮސް ފަތިހުގެ އަސަރުތައް އުދަރެހުން ފާޅުވާން ފެށިތަނާ ވަރަށް ގަދަފަދަ ވިލާގަޑެއް އަތުވެއްޖެއެވެ. ވައިގަދަވެ ކަނޑުގެ ރާޅުތައް އުފުލިއްޖެއެވެ. އޭރު ހަތަރުގަޑިބައިވީއެވެ. ބޯޓުގެ އެއްފަރާތަށް ބިންދައިލާ ރާޅު ފައިބައިގެންދަނީ އަނެއްފަރާތުންނެވެ. ނިދައިފައިތިބި އެންމެންނަށް ހޭލެވިއްޖެއެވެ. މުޅި ހުވަދޫ ކަނޑު އުތުރިއަރަނީއެވެ.

އެދުވަސްވަރު ކޮންމެ ދަތުރުވެރިޔަކު ބޮޑު ފޮށިގަނޑެއް ގެންދާނެއެވެ. ނިދަން އޮންނާނީ އެމީހެއްގެ ފޮށިގަނޑުގެ މަތީގައެވެ. ހުވަދޫކަނޑުން ދަތުރު ކުރަމުންދިޔައިރު ޕެސެންޖަރުން ތިބީ މިކަހަލަ ފޮށިތަކުގެ މަތީގައި ނިދައިފައެވެ. ހޭލެވުނީ ގަދަ އަޑުފަށްގަޑެއް އިވޭން ފެށުމުންނެވެ. އެއީ ދަންވަރުގެ ވަގުތެވެ. އެންމެން ތެދުވެއްޖެއެވެ. އިވުނު އަޑަކީ ބޯޓުގެ ވީލްހައުސް ނެއްޓިގެން ދެފަރާތަށް ތެޅެމުންދާ އަޑެވެ. ކަނޑުގަދަވެ ބޯޓުގައިހުރި ސާމާނުތައްވެސް ތެޅެނީއެވެ. ބިޔަ ރާޅުތައް ދަނީ ބޯޓުގެ މަތިންނެވެ. ހީވަނީ ދެންމެ ދެންމެ ފެތިދާނެހެންނެވެ.

ދަތުރުކުރެވޭ ވަރެއް ނުވެއެވެ. ތައްޓުމަތީގައި ދިޔަވަރު ބޮޑުވެއްޖެއެވެ. މީހުންތައް ރޯންފަށައިފިއެވެ. ބޯޓުގެ ޗެންޗޭނުގައި ބަނދެފައިހުރި ދަބަހާއި އެނޫންވެސް ސާމާނުތައް ކަނޑަށް ދޫވެއްޖެއެވެ. ތައްޓުމަތީގައި ހުރި ބައެއް ފެން ފީފާތައްވެސް ކަނޑުވެއްޖެއެވެ. ބޯޓުތެރޭގައި ދިޔަވަރު ބޮޑުވެއްޖެއެވެ. ޕަންޕަކަށް އޮބިނޯވެއެވެ. އެދުވަސްވަރު ބޯޓުފަހަރުގެ ވީލްހައުސް ހުންނަނީ މިޒަމާނުގެ ބޯޓުފަހަރުގައި ހުންނަ ގޮތަކަށް ނޫނެވެ. އޭރު ވީލްހައުސް ހުންނަނީ މާރާއަޅައި ރޯނުން ބަނދެ ހައްޔަރުކޮށްފައެވެ. ބޯޓުފަހަރު ބަނދެފައި ހުންނަނީވެސް މިދުވަސްވަރު އެކަންކުރާހާ މޮޅުކޮށެއް ނޫނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!