ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 7

އެހީތެރިކަން ލިބޭނޭކަމުގެ އުއްމީދުގައި މިތާގައި ތިބޭތާ ދުވަސްތަކެއްވީފަހުން އެއްދުވަހެއްގެ ހެނދުނު ފެންނާމަނިކުފާނު ބުންޏެވެ. އެހީތެރިކަމެއް ނުލިބުނެވެ. ވަރަށް ގިނަދުވަހު އިންތިޒާރުގައި ތިބެވިއްޖެއެވެ. ރޯދަމަސްވެސް ނިމެނީއެވެ. ދެން މިތަނުން ދާންވީއެވެ. ދެނެއް ނުތިބެވޭނެއެވެ. އަހަރެމެން އަމިއްލަޔަށް އުޅެގެންވެސް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެއެވެ. އެކަމަކު މަގޭ ފޮށި ރައްކާތެރިކަމާއެކު ގެންދެވޭނެ ގޮތް ހަދައިދޭން ވާނެއެވެ. މިކަން ކުރެވޭނީ އެންމެންގެ އެހީތެރިކަމާއެކުގައެވެ.

އޮޑީގެ މީހުންް ޖަވާބުދިނެވެ. އަހަރެމެންގެ ވަށައިގެން މިއުޅޭ ބަރަހަނާ މީހުންގެ އުނދަގުލާހެދި ފޮށި ގެންދާނީވެސް ކިހިނަކުން ހެއްޔެވެ. އެތިބެނީ އަހަރެމެން ކުރާނުކުރާ ކަންކަން ބަލަބަލައެވެ. އެވެރީންގެ ލޮލަށް ސިއްރުން އެއްވެސްކަމެއް ކުރެވިދާނޭހެން ހިޔެއް ނުވެއެވެ. ފެންނާމަނިކުފާނު ބުންޏެވެ. މޮޔަ ނުގޮވާށެވެ. މޮޅު ތަދުބީރުގެ ކުރިމަތީގައި ވަލުމީހުންގެ ހުޝިޔާރުކަން އެއްވެސް އެއްޗަކަށް ނުވާނެއެވެ. ވަގުތު އައީމާ އެކަމެއް ކުރަންވާ ގޮތް ކިޔައިދޭނަމެވެ. މިހެން ބުނެފައި ފޮށި ގެންދަންވާގޮތާއި ކަންކަން ކުރަންވާގޮތް ކިޔައިދީފިއެވެ.

ފައިސާފޮށި ހިމާޔަތްކުރުމާއި ފުރުން

އެރޭގެ އިޝާނަމާދުގެ ފަހުން އެންމެން ނިދައިފިއެވެ. ހަމަހިމޭންކަން އޮތީ ވެރިވެފައެވެ. އިވޭހާވެސް އަޑަކީ ފަރުމައްޗަށް ބިންދައިލާ ރާޅުގެ އަޑެވެ. ފޭލިގޭގެ ތެރެއިން މީހަކު ދެތިންފަހަރު ކަރުކެހިލި އަޑު އިވުނެވެެ. ފޭލިގެއިން ދެމީހަކު ނިކުމެއްޖެއެވެ. އެހެން ދެ މީހަކުވެސް ނިކުމެ ބޭރުގައި މަޑުކޮށްގެން އެބަތިއްބެވެ. އިތުރު ބަޔަކުވެސް ލަވަކިޔަމުން ނިކުމެއްޖެއެވެ. ނިކުތް މީހުން ބޭރުގައި އިށީދެއްޖެއެވެ.

އޭގެތެރެއިން ދެމީހަކު ތެދުވެގެންގޮސް ފޭލިގޭގެ ތެރެއަށް ވަދެ ފައިސާފޮށި އުފުލައިގެން ނިކުމެއްޖެއެވެ. އެއީ ދޮންއިބްރާހިމްގެ މުހައްމަދުދީދީ އާއި މަރިޔާގެ އަހައްމަދާއި ދެމީހުންނެވެ. ފައިސާ ފޮށި ހިފައިގެންގޮސް ކޮންމެވެސް ތަނެއްގައި ފިލައިފިއެވެ. ފިލައި ރައްކާވެއްޖެކަން އެނގުމުން ފޭލިގޭގެ ބޭރުގައި ތިބިމީހުން ބާރަށް ލަވަކިޔާން ފަށައިފިއެވެ. މިއީ ބަރަހަނާ މީހުންގެ ކިބައިން ފޮށި ހިމާޔަތްކުރަން ފެންނާމަނިކުފާނު ކުޅަ ތަދުބީރެވެ. މިހެންހެދީމާ ފޮށި ބޭރުވެއްޖެކަން ނޭނގި މިރަށު މީހުންތިބޭނީ ލަވަކިޔާ މީހުންނަށް ސަމާލުކަން ދީގެންކަމަށް ފެންނާމަނިކުފާނަށް ހީކުރެވުނީއެވެ.

ޖެހިގެން އައިރޭ މިތަނުން ބަޗަންކަމަށް ނިންމައިގެން ތިއްބައި އަނެއްދުވަހުގެ މެންދުރު އެންމެ ހޫނުގަދަވި ވަގުތު ކޮންމެވެސް ދެމީހަކު އައިސް ފޭލިގޭގެ ކުރިމައްޗަށް މަޑުކޮށް ފެންނާމަނިކުފާނާއި އަލިމަނިކުފާނާއި ބައްދަލުކޮށްފިއެވެ. އެމީހުންނަކީ އެބަޔަކަށްޓަކައި އޮޑީގެ މީހުން އިންތިޒާރުގައި ތިބި މީހުންނެވެ. އެމީހުން އައީ ދިވެހީން ރައްކާތެރި ހިސާބަކަށް ގެންގޮސްދީ ކަލްކަތާއަށް ފޮނުވައިދިނުމުގައި އެހީވުމަށެވެ.

ފޭލިގެއިން ނިކުމެގެން އެންމެން ދިޔައީ ފައިސާ ފޮށި ރައްކާކޮށްފައިވާ ތަނަށެވެ. އެއީ ބޮޑެތި ގަސްހެދި ފޮރުވިފައިވާ ތަނެކެވެ. ބޭރަށް ނުކުމެ ހެދުމުގައި ފެންނާމަނިކުފާނަށް ކުރިން ފާހަގަ ކުރެވިފައިވާ ތަނެކެވެ. އެތަނުގައި ތިބި ދެމީހުންވެސް ގޮވައިގެން ފޮށިނަގައިގެން ދެން އެންމެން ހިނގާފައިގޮސް މަޑުކުރީ އުސް މަގެއްގެ ކައިރީގައެވެ. އެއީ ޗަސް ހެދިފައިވާ ސަރަހައްދެކެވެ. މަގުވެސް އޮތީ ޗަސް ހެދިފައެވެ. ހިނގާންވާ ތަންކޮޅުގެ ފުޅާމިނަކީ ދޮޅު ފޫޓެވެ. ހިނގާންވަނީ ވަކި ގޮތަކަށެވެ. ފައިގެ ބޮޑު އިނގިލި ފަސްގަނޑުގެ ތެރެއަށް ވައްދައިލާންޖެހެއެވެ. ވައްދައިލުމަށްފަހު އަނެއްފައިވެސް ހަމައެގޮތަށެވެ.

މިގޮތަށް ހިނގާން ޖެހޭ ސަބަބަކީ ކައްސާލައިގެން ވެއްޓުނަ ނުދިނުމެވެ. އެކަމަކު މަގުގެ ދެފަރާތަށް މީސްތަކުން އެބަހަރަ ވެއްޓެއެވެ. ގައިގައި ކިސަޑު އުނގުޅި އެކަކު އަނެކަކަށް ވަކިކުރާން އެނގޭވަރެއް ނުވެއެވެ. ފެންނާމަނިކުފާނުގެ ފައިސާފޮށި އުފުލާން ހަދައިގެން މަރިޔާގެ އަހައްމަދާ އޮންނަނީ އަބަދުވެސް ވެއްޓިފައެވެ. ފޮށީގައިވެސް ހުރީ ކިސަޑެވެ. މިހާލުގައި ދަތުރު ކޮށްފައިގޮސް އިރުއޮއްސުމުގެ ކުރީން މަގުހުސްވާ ހިސާބަށް ދެވިއްޖެއެވެ.

މަގު ނިމުނުތަނާ އަނެއްކާވެސް އިސްލާމުންގެ ބަޔަކާއި ބައްދަލުވިއެވެ. އެއީ ކުރިން އައިސްތިބި ދެމީހުންގެ ގަބީލާގެ މީހުންނެވެ. އެމީހުންނާއެކީ އެތަނުން ހިނގާފައި ދިޔައީ ބަސް ސްޓޮޕަކަށެވެ. ބަހެއް ކުއްޔަށް ނަގައިގެން ދިޔައީ އެޖަޒީރާގެ އެންމެ ބޮޑު އަވަށަށެވެ. ނަމަކީ ކެޗުބިރިއާއެވެ. އެތާގެ ހޮޓަލަކަށް ގޮސް އެންމެން ފެންވަރައި ކިލާތައް ދޮވެ ހެދުން ބަދަލުކޮށްފިއެވެ. ފެންވެރީ ފެންގަނޑަކަށް ފައިބައިގެންނެވެ. ގަންގާސާގަރު ޖަޒީރާގައި ބަރަހަނާ ވަލުމީހުން ނޫނަސް ރަގަޅަށް ދިރިއުޅޭ ތަހުޒީބު މީހުން އެބަތިބިކަމާއި ރަގަޅު ފެންވަރުގެ އަވަށްތައްވެސް އެބަހުރިކަން އެނގުނީ މިހިސާބުންނެވެ.

ފެންވަރައި ހެދުން ބަދަލުކޮށް ނިމިގެން ފެންނާމަނިކުފާނު ހައްޖިތާކިހަލެއް ބޮލުގައި އަޅައިގެން އައިސް އިމާމުވެ އިޝާ ނަމާދުކޮށްފިއެވެ. ނަމާދުން ނިމިގެން އެންމެން ދިޔައީ ހޮޓަލުގެ ރެސްޓޯރަންޓަށެވެ. ކެއުމަކަށް ހުރީ ހޫނު ބަތްޕެނާއި ތަރުކާރީން ހަދާފައިވާ ބާވަތްތަކެވެެ. އެއީ އިސްލާމުންގެ ހޮޓަލެކެވެ. އެ ސަރަހައްދުގައި އޮންނަ އުސޫލަކީ ނަމާދެއް އަޅައިފިނަމަ އަދަބު ދިނުމެވެ. އަދަބަކީ ދުއްރައިން ފަނަރަ އެތިފަހަރު ޖެހުމެވެ.

ކެޗުބިރިއާ އަވަށުގައި އުޅޭ އިސްލާމުންނަކީވެސް އަޖައިބެއްކަހަލަ ބަޔެކެވެ. ގަންގާސާގަރު މުޅި ޖަޒީރާއަކީ ހިންދޫންގެ އަޅުކަމުގެ މަންޒިލެކެވެ. ކޮންމެއަހަރަކުވެސް ޖެނުއަރީމަހުގެ މެދުތެރޭގައި ފާފަތައް ދޮވެ ތާހިރުވުމަށޭ ކިޔައިގެން އިންޑިޔާގެ އެތައްމިތަނުން އެތައް ލައްކަބަޔަކު މިރަށަށް އާދެއެވެ. އެ އީދަށް އެމީހުން ކިޔަނީ ގަންގާސާގަރު މޭލާއެވެ. މިޖަޒީރާޔަކީ ގަންގާކޯރު ނިމޭތާގައި އޮންނަ ޖަޒީރާއަކަށްވާތީއެވެ. މިތާގައި ހުންނަ ކަޕިލްމުއްނީ ފައްޅިޔަކީ ހިންދޫންގެ މެދުގައި ވަރަށްވެސް ހުރުމަތްތެރިވެގެންވާ ގަދީމީ ފައްޅިއެކެވެ.

އިހަށް ދުވަހު ބަންގާޅު ދެބައިކޮށްފައި އިސްލާމުންނަށޭ ކިޔާފައި އެއްބައި އޮތީ ދީފައެވެ. މިކަމަކާޖެހިގެން އިސްލާމުންނާއި ހިންދީން ތަޅައިފޮޅައި އެތައްބަޔަކު ވަނީ މަރުވެފައެވެ. އެހެންވިޔަސް މި ގަންގާސާގަރުން ނުފައިބައި ހިންދީންގެ ތެރޭގައި ހަމަފާޅުގައި ނަމާދުކޮށް އިސްލާމްކަން ފައުޅުކޮށްގެން މި އިސްލާމުން އެއުޅެނީ ދީނަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނާއި ހިތްވަރުވެސް ގަދަކަމުންނެވެ.

އެހެންނޫންނަމަ މި ގަންގާސާގަރަކީ އިސްލާމުންނަށް ފަސޭހަތަނެއް ނޫނެވެ. ދީނަށް އުޅޭން ޚިޔާލުކުރާ ބަޔަކަށް އެފަދަ މާހައުލެއް އޮތްތަނެއްވެސް ނޫނެވެ. މިޖަޒީރާޔާ ޖެހިގެން މުރިގަންގާ ކޯރުގެ އިރުމަތީން އެއޮތް ސުންދަރުބާނޭ ކިޔުނު ތެތްބިމާއި ޖަންގަލީގައި އެއުޅޭ މަޝްހޫރު ބަންގާޅު މިނިކާވަގުންނަށްވުރެ ރޯއޮރިޔާމުން މުޅި ގައިގައި މަށި އުގުޅައިގެން މިރަށުގައި އުޅޭ ނާގާ ސާދޫން ކުޑަތަންކޮޅެއްވެސް ސަހަލުކަމަށް ނުފެނެއެވެ. ނާގާ ސާދޫންނަކީ ހިންދީ ހާމުދުރުންގެ ތެރެއިން ވައްތަރެއްގެ ބަޔެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!