ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 3

ސިލޯނަށް ކުރި ދެވަނަ ދަތުރަށްފަހު ނިންމާފައި އޮތީ އިރުވައިމޫސުން އައިމާ މާލެއަށް ދަތުރެއް ކުރާގޮތަށެވެ. އޭރު ރައްޔިތުންގެ އޮޑީގެ ނަމުގައި ދުއްވަމުން އައި ގެރިބަނޑާ އޮތީ ކޮންމެވެސް ގޮތަކުން ފުނޑިފައެވެ. ކާޑުގެއިން މާލެއަށް ފޮނުވާންޖެހޭ ރޯނާއި ކުފުރާޔާއި ކާށްޓާއި މަހާއި މިޒާތުގެ އެނޫންވެސް ތަކެތި ހުރީ ފުނިޖެހިފައެވެ. މިތަކެތި މާލެއަށް ގެންދާން ރައްޔިތުންގެ ދަތުރެއްގެ ގޮތުގައި މިދަތުރުކޮށްދޭން ރަށުގެ ވެރީން އެދިއްޖެއެވެ. މިކަމަށް ހަސަންކާރި ވަހީދު އާނއެކޭ ބުނެފިއެވެ.

ފުރާދުވަސް ކައިރިވެފައިވަނިކޮށް ހަސަންކާރި ވަހީދުގެ ފައިބިނދިއްޖެއެވެ. މިކަމެއް މެދުވެރިވީ ރިހާކުރާއޭ ކިޔުނު އެޅެގޭ އޮޑި އެހެލާން އުޅުމުގެ ތެރޭގައި ކޮންމެވެސް ބަޔަކު ހެދި އެއްޗަކުން އޮޑި އަރިވެގެންދިޔައިރު އެފަރާތުގައި ހުރި ތަންޑިޔާއެއްގެ ދަށުވެގެންނެވެ. ވަހީދުގެ ފައިބިނދިގެން ގޭގައި އޮންނާންޖެހުނީމާ ކަޅިހާރި އައުއޮޑީން މާލެ ދާނެ މާލިމީއަކު ހަމަޖެއްސީ ރަށުގެ ވެރީންނެވެ. އެމީހަކީ އަތިރަގޭ އަލިމަނިކުފާނެވެ. ވަހީދަށް ދެވޭގޮތްނުވީމާ އޮޑިވެެރީންގެ ތެރެއިން ހަސަންކާރި އިބްރާހިމްދީދީވެސް މިދަތުރުގައި ބައިވެރިވާން ނިންމައިފިއެވެ. އޮޑިވެެރިޔަކު ނެތި ދަތުރުކުރާން ނުފެނިގެންނެވެ.

ރައްޔިތުންގެ މުދައު މާލެއަށް ގެންދިއުމަށް އޮޑީގެ މިދަތުރު ޚާއްސަވެފައިވާތީ ފަޅުވެރީންގެ ގޮތުގައި ދަތުރުފަތުރު ކުރުމުގެ ތަޖުރިބާނެތް އައުމީހުންވެސް ރަށުގެ ވެރީންނަށް ފެނިގެން ހަމަޖެއްސިއެވެ. ފެންނާމަނިކުފާނުވެސް އޭނާގެ އަންހެނުން އެޅެގޭ އާމިނައިދީ ގޮވައިގެން ހައްޖަށް ދިއުމުގެ މަގުމަތީގައި މާލެދާން މިދަތުރުގައި ބައިވެރިވާން ނިންމައިފިއެވެ. މީދޫ ވަށޮދިޔަގެ އާއިލާއަށް ނިސްބަތްވާ މާލޭ ވަށްބެރުގޭ އައިސާފުޅުވެސް އޭނާގެ ކުޑަ ދެކުދީން ކަމަށްވާ ވަށްބެރު ނައީމާ އާއި ނައީމު ގޮވައިގެން ދުވަސްކޮޅަކު މީދޫގައި ހުރެފައި އެނބުރި މާލެދާން މިއޮޑިޔަށް އަރަން ނިންމައިފިއެވެ. ސަރުކާރުގެ ޚަރަދުގައި ކިޔަވާން މާލެ ފޭބުމަށް ކަންކެޑެގޭ އައިސާއިދީވެސް މިދަތުރުގައި ބައިވެރިވާން ނިންމައިފިއެވެ.

މާލެދާން ފުރުން

އަތިރަގޭ އަލިމަނިކުފާނުގެ ވަގުތީ މާލިމީކަމުގައި އޮޑިވެރިޔާ ހަސަންކާރި އިބްރާހިމްދީދީ އާއި ފެންނާމަނިކުފާނުވެސް އޮޑީގައި ތިބެގެން މާލެ ދިއުމަށްޓަކައި މީދޫންފުރީ 1951 ވަނަ އަހަރުގެ ޖޫންމަހުގެ ދެވަނަވީ ހޮނިހިރު ދުވަހު ހެނދުނުއެވެ. މޫސުން ވަރަށްރަގަޅު އަދި ހެޔޮވަރަކަށް ވައިޖެހޭ ރީތި ދުވަހެކެވެ. ފަޅުވެރިންނާއި ދަތުރުވެރިންވެސް ހިމަނައިގެން ޖުމްލަ ތިބީ ފަންސަވީސް މީހުންނެވެ.

ފެންނާމަނިކުފާނުގެ ހައްޖުފޮށްޓާއި ހަވާލުވެގެން އެރީ ދޮންއިބްރާހިމްގެ މުހައްމަދުދީދީއެވެ. ފޮށި އުފުލުމާއި ހަވާލުވެހުރީ މަރިޔާގެ އަހައްމަދާއެވެ. ދަތުރުގެ ފަންސަވީސް ބައިވެރީންގެ ތެރޭގައި ކުރިން ލިޔެވުނު މީހުންގެ އިތުރަށް އައްޓިއަރި މުހައްމަދުދީދީ، ސައިގޭ ދޮންބޭ، ރެކިމަނިކާގެ އިބްރާހިމްމަނިކާ، ދިޔާގެ ދޮންކަލޯ، ސަންފާގެ މަނިކާ، ހައްވާއްކަލޯގެ މޫސާ، އެޅެބެއްޔާގެ މަރިޔަމްދީދީދީގެ މުހައްމަދުދީދީ، ކައްދާބީގެ މުހައްމަދު، އަދި ހަސަންބާގެ ދޮންމުހުއްމާވެސް ހިމެނުނެވެ.

މީދޫން ފުރައިގެން ހުވަދުއަތޮޅާއި ހަމަޔަށް ކުރީ ވަރަށް ނިޔާމަ ދަތުރެކެވެ. ހުވަދުއަތޮޅަށް ވަދެގެން ދެރަށެއްގައި މަޑުކޮށް ފެންވެސް ލައިގެން ހުވަދޫ ކަނޑުގައި ދުއްވާން ނުކުތީ ދާންދޫއާއި ނިލަންދޫއާ ދޭތެރެއިންނެވެ. ކަޅިހާރި އޮޑީގެ ފަހަތުން އެޅެގޭ އޮޑިވެސް ދަތުރު ކުރަމުން އައެވެ. ހުވަދޫ ކަނޑުގެ މެދަކާހަމަޔަށް ދެވުނުތަނުން ވައިރޯޅި ހިނދިއްޖެއެވެ. އެދުވަހު ހަތަރުދަންވެސް ދިޔައީ މިގޮތުގައެވެ. އޮޑިޔަކީ ރިޔަލުގައި ދުއްވާ އެއްޗެއްކަމުން ވައިރޯޅި ހިނދުނީމާ އޮޔާދާން ދޫކޮށްގެން ތިބުން ފިޔަވައި އެހެންކަމެއް ކުރެވޭކަށްނެތެވެ.

މިސްރާބުއޮޅި އޮޑިބެހުން

މިގޮތުގައި ދެދުވަސް ހޭދަވެފައިވަނިކޮށް ހިސާބަކަށް ރޯޅި ލިބޭން ފަށައިފިއެވެ. މާލިމީ އަލިމަނިކުފާނު ފިލާއަޅައި ބަލައިފައި ބުންޏެވެ. އޮޑި މިހިރީ ބެހިގެން ރާއްޖޭގެ އިރުމަތީ ބިތުން ވަރަށް ދުރުގައެވެ. މިހާރު ވައިޖެހޭގޮތުން ދެން ރާއްޖެ އަތުވޭތޯ އުޅެގެން އެކަން ވުމަށްވުރެ ކައިރީ ނުވުމެވެ. އެހެންވީމާ ފެންނަނީ ސިލޯނު އަތުވޭތޯ ބެލުމެވެ. އޮޑިވެރިޔާގެ ބަހަކީ ކޮބައިބާވައެވެ. ހަސަންކާރި އިބްރާހިމްދީދީއަށް އަދި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ފެންނާމަނިކުފާނު ބުންޏެވެ. އަހަރެންނަށްވެސް ފެންނަނީ ތިޔަގޮތެވެ. އޮޑީގެ ފަޅުވެރީންނަށްވެސް ފެނުނީ މިގޮތެވެ. އެންމެފަހުން ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. އޮޑިބެހުނީމާ ދެން ހިކިފަސްތަނެއް އަތުޖައްސާނެގޮތެއް އެނގޭނީ މާލިމީއަށެވެ.

މިވާހަކައެއް ދެއްކިތާ ހަތަރުވަނައަށްވީ ދުވަހު ހެނދުނު ސިލޯނު ފެނިއްޖެއެވެ. ސިލޯނު ފެންނާން ފެށީ ހުވަދޫން ފުރިތާ ހަވަނަ ދުވަހުއެވެ. ކުރިމަތީގައި އޮތް ކަރަޔަކީ ސިލޯނުކަން ކަށަވަރުވީމާ އަލިމަނިކުފާނު ބުންޏެވެ. ސިލޯނުގެ ދެކުނުބިތުން ގާލީކޯރާއި ކައިރިކުރެވޭތޯ ބަލަމާ ބަހީއެވެ. އަމާން ބަނދަރަކަށްވާނީ އެތަނެވެ. މިއީ އެންމެރަގަޅު ޚިޔާލަކަށްވެގެން ފެންނާމަނިކުފާނާއި އިބްރާހިމްދީދީވެސް އާނއެކޭ ބުނެފިއެވެ.

ސިލޯނާއި ވަކިވަރަކަށް ކައިރިވީމާ ބަލާންހުރެފައި ހަސަންކާރި އިބްރާހިމްދީދީ ބުންޏެވެ. ވަޔާއިއޮއި ހުރިގޮތުން މި މިސްރާބަށް ދުއްވައިގެން ގާލީކޯރަކުން ނުވަދެވޭނެއެވެ. ގާލީކޯރުން ވަދެވޭނީ އެއްކަނުން އަނބުރާލާފައި ދުއްވައިގެންނެވެ. އެނޫން ގޮތަކަށް ނުވަދެވޭނެއެވެ. މިއަޑުއިވިފައި ފެންނާމަނިކުފާނު ބުންޏެވެ. ދުއްވާނެގޮތް އެނގޭނީ މާލިމީއަށެވެ. އޮޑިވެރިޔާ މަޑުން ހުންނާށެވެ. އިބްރާހިމްދީދީ ބުނާގޮތަށް އަނބުރާލައިގެން ގާލީކޯރަކުން ނުވަދެވޭނެއެވެ. ކޯރުއޮތީ އަހަރެމެންގެ ދަށްފަރާތުގައެވެ. އަލިމަނިކުފާނެވެ. އޮޑި މި މިސްރާބަށް ބަހައްޓާށެވެ.

ސިލޯނު ފެނުމާއި އަރައިރުން

އޮޑިވެރިޔަކީ އިބްރާހިމްދީދީ އެވެ. އެހެންވީމާ ފެންނާމަނިކުފާނަށް ރައްދުދެމުން ބުންޏެވެ. އަހަރެންގެ އޮޑިއެއްގައި އަހަރެން ބުނާބަހަށް ތަބާވާންޖެހޭނެއެވެ. މި މިސްރާބަށް ދާނަމަ ގާލީކޯރާއި ހަމަވާނީ އިރުއޮއްސި އަނދިރިވާ ފަހުންނެވެ. ރޭގަނޑުގެ އަނދިރީގައި ގާލީކޯރުން ވަންނަން އެނގޭ އެކަކުވެސް އަހަރެމެންގެ ތެރެޔަކު ނެތެވެ. އެހެންވީމާ އޮޑި އަނބުރައިލާށެވެ. މިއަޑު އިވުނު ހަމައެކަކުވެސް ހުރިކަމަކަށް ނުވިއެވެ. ފެންނާމަނިކުފާނާއި އަލިމަނިކުފާނު އެންެގިގޮތަށް އޮޑި ދުއްވަމުންދިޔައީއެވެ. ގާލީކޯރާއި ހަމަވީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އޮޔާއިވައިހުރީ ކޯރުން ވަދެވޭ ގޮތަކަށްނޫނެވެ.

ކޯރުން ވަދެވޭގޮތް ނުވުމުން އަލިމަނިކުފާނާއި ދިމާލަށް އިބްރާހިމްދީދީ ބުންޏެވެ. އެއޮތީ ގާލީކޯރެވެ. ކޯރު އަތުނުޖެހި މިހިރަގެން ދަނީ ނޫންހެއްޔެވެ. އަހަރެން ބުނިގޮތްވެ ނިމުނީއެވެ. އަލިމަނިކުފާނު ބުންޏެވެ. ފަޅުވެރީންނޭވެ. ބޭރުކަނަށް ނަގާފައި ބަހައްޓާށެވެ. މައިތިރިވަންދެން ދުއްވާނީއެވެ. ފަޅުވެރިން ބޭރުކަނަށް ނަގާފައި ދުއްވާން ފަށައިފިއެވެ. މިގޮތަށްގޮސް ދުވާލުގެ އަލިކަން ފާޅުވެއްޖެއެވެ. އަލިވުމުން ބަލައިލިއިރު ގާލީކޯރު ފަސްދީފިއެވެ. ވަދެވޭ ގޮތެއްނުވިއެވެ.

ކޯރުން ނުވަދެވޭނެކަން ޔަގީންވުމުން ފެންނާމަނިކުފާނު ބުންޏެވެ. ދެން މައްސަލައެއްނެތެވެ. މިސަރަހައްދާއި ދާދިކައިރީގައި ވެލިގަމިކޯރުވެސް އޮންނާނެއެވެ. އެހެންވީމާ ވެލިގަމިކޯރާއި ދިމާއަށް ބަހައްޓާށެވެ. އަހަރެމެން ގޮތްހުސްވެގެނެއް ނޫޅެމެވެ. މިއީ ހިތުދަސް ތަންތަނެވެ. މިއަޑު އިވުމުން އިބްރާހިމްދީދީ ހިމޭނުން ހުރެއްޖެއެވެ. ދެން ވެލިގަމިކޯރާއި ދިމާއަށް ދިޔައިރު ވައިބާރުވެފައި ކަނޑުގަދަވުމުގެ ސަބަބުން އެކޯރުވެސް އަތުޖެހޭގޮތެއް ނުވިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!