ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 2

ކަޅިހާރި ތިންވަނަ އަދި ފަހުއޮޑި

ކަޅިހާރި ދެވަނައޮޑި ބަލަށް އެހެލާފައިވަނިކޮށް ރަށުގެ ވެރިކަމުގެ ފަރާތުން ރައްޔިތުންގެ ނަމުގައި އޮޑިއެއް ދުއްވާން ބޭނުންވެއްޖެއެވެ. ރަށުގެ ވެރީން ބޭނުންވީ ބަލަށް އެހެލާފައިހުރި ކަޅިހާރި އޮޑި ގަނެގެން މަރާމާތުކޮށްގެން ރައްޔިތުންގެ ނަމުގައި ދުއްވުމަށެވެ. ވެރީންނަށް ބައި އެޅޭގޮތުގެ މަތީންނެވެ. އޭރު ރައްޔިތުންގެ އުފެއްދުންތައް ގަނެވިއްކުމަަށް ކާޑުގޭގެ ނަމުގައި ޒާތެއްގެ ކޯޕަރޭޓިވްއެއް ގާއިމުކޮށްފައިވެއެވެ. މި ކޯޕަރޭޓިވުން އަހަރަކު ދެ ދަތުރު މާލެއަށް ކުރެއެވެ. ކޯޕަރޭޓިވް ހިންގާންތިބެނީ ރަށުގެ ވެރީންނެވެ. އެއުރެންނަށް ވަރަށްވެސް މަންފާ ބޮޑު މަސައްކަތެކެވެ.

އެހެލާފައިހުރި އޮޑި ގަންނާން ރަށުގެ ވެރީން ދިޔައިމާ ކަޅު އަބްދުﷲ ދީދީގެ އަންހެނުން ހަސަންކާރި އާމިނައިދި މިކަމަށް އެއްބަހެއް ނުވިއެވެ. އެއްބަސްނުވީމާ ރަށުގެ ވެރިޔަކު ނުރުހިގެން ބުންޏެވެ. ބަލަށް އެހެލާފައި ހުރި އޮޑިއެއް ގަންނާން އައިމާ ނުވިއްކާނަމޭ ތިޔަ ކިޔަނީ ވަކިން މޮޅުތަކެއް ލިބޭނޭކަމަށްބާވައެވެ. އޮޑި އެގޮތަށްހުރެ ފީވެގެން ކިލަލަށް ވެގެންދާނީއެވެ. ކަލޭމެންނަށް އައުއޮޑިއެއް ބަނދެވޭނީއެއްވެސް ނޫނެވެ. ފެންވަރެއްވެސް ނެތެވެ. އާމިނައިދި ބުންޏެވެ. ވަރިހަމައެވެ. ކިލަލަށްވުންވެސް ކަލޭމެންނަށް ދޫކުރުމަށްވުރެ ހިތަށް ފަސޭހައެވެ.

ކަޅިހާރި ބައުއޮޑި ނުލިބުނީމާ ރަށުގެ ވެރީން ދެންދިމާކުރީ އެޅެބެއްޔާގެ މުހައްމަދުދީދީގެ ގެރިބަނޑާއޭ ކިޔުނު އޮޑި ހޯދުމަށެވެ. އޭރު މިއޮޑިވެސް ހުރީ އެހެލައިފައެވެ. މުހައްމަދުދީދީ ހުރީ ކޮންމެވެސް މަސައްކަތެއްގައި ހުވަދުއަތޮޅުގައެވެ. ރަށުގެ ވެރީންގޮސް މުހައްމަދުދީދީގެ އަންހެނުން ކަޅިހާރި އާމިނައިދީގެ ކައިރީގައި އޮޑި ވިއްކާށޭ ފައިދާގެ ބައެއްވެސް ދޭނަމޭ ކިޔައިގެން އޮޑި ހޯދައިފިއެވެ. ރައްޔިތުންގެ ނަމުގައި ދެން ދުއްވީ މިއޮޑިއެވެ.

ދެން އޮޑިއެއްވެސް ނުބަނދެވޭނެޔޭ ފެންވަރެއްނެތޭ ބުނެ ހަސަންކާރި އާމިނައިދީއާ ދިމާލަށް ދެރަބަސް ބުނީމާ އެދީދީގެ ދެފިރިހެންކުދީން ކޮންމެހެންވެސް އައުއޮޑިއެއް ބަންނާން ބޭނުންވެއްޖެއެވެ. އެކުދީންނަކީ ހަސަންކާރި މުހައްމަދު ވަހީދާއި ހަސަންކާރި އިބްރާހިމްދީދީއެވެ. އޭރު އެވެރީންގެ ބައްޕަ ކަޅު އަބްދުﷲ ދީދީ ހުރީ މުސްކުޅިވެފައެވެ. ދުވަސްވަރަކީ ދެވަނަބޮޑު ހަގުރާމައަށްފަހު އަތްމަތިދަތި ދުވަސްވަރެވެ.

އައުއޮޑިއެއް ބަނދެވޭނެ މަގެއް ފެނޭތޯ ކަޅު އަބްދުﷲ ދީދީ އާއި އެދީދީގެ ދޮށީ ފިރިހެންދަރިފުޅު ހަސަންކާރި މުހައްމަދު ވަހީދު މާލެއަށް ހިގައްޖެއެވެ. އޭރު މާލޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔަކީ ކޮލިގޭ އުމަރުމަނިކެވެ. މީނާއަކީ ކަޅު އަބްދުﷲ ދީދީގެ ވަރަށް ގާތް ރައްޓެއްސެކެވެ. މިވާހަކަ އުމަރުމަނިކާއި ދައްކައިލީމާ އޮޑީގެ ފަންސާސް އިންސައްތަ ހިއްސާ އުމަރުމަނިކަށް އޮތުން ޝަރުތުކޮށްފައި ލަކުޑިނޫން އެހެން ހުރިހާ އެއްޗެއް ދޭން އެއްބަސްވެއްޖެއެވެ. ވަޑީންގެ ކޮއްތަށް ބޭނުންވާނޭ ކާޑުގެ ބާވަތްތައްވެސް ކޮލިގޭ ފިހާރައިން ލިބޭނެގޮތް ހަމަޖެހިއްޖެއެވެ.

ވެރީންގެ ފަރާތުން ކުރިމަތިވި ހުރަސް

މީދޫ އަތިރިމަތީގައި ބޮޑު ހަރުގެއެއް އަޅައިގެން އައުއޮޑިއެއް ބަނުމުގެ މަސައްކަތް ހަސަންކާރި ދެބެއިން ފެށުމާއެކު ރަށުގެ ވެރީން އެކިކަހަލަ ހުރަސްތައް ކުރިމަތިކުރާން ފަށައިފިއެވެ. ކަޅިހާރި ބައުއޮޑި ވިއްކާން އެއްބަސްނުވުމުގެ ރުޅިވެރިކަމާއި މިޒާތުގެ އައުއޮޑިއެއް ބާލައިފިނަމަ ރައްޔިތުންގެ ވިޔަފާރިއޭ ކިޔައިގެން ރަށުގެ ވެރީން ނަގަމުންދާ މަންފާއަށް އުނިކަން އަތުވެދާނޭ ކަމުގެ ފިކުރުގައެވެ. އޮޑި ބަނުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ މީދޫ ވަޑިންނެވެ. އެކަމަކު ރައްޔިތުން ކުރާންޖެހޭ ބަންޑާރަ މަސައްކަތޭ ކިޔައިގެން ރަށުގެ ވެރީން އެހެން ކަންކަމަށް ވަޑިން ނެރެގެން އޮޑީގެ މަސައްކަތަށް ދިޔައީ ހުރަސްއަޅަމުންނެވެ.

ވަޑީންނަށް މިޒާތަކުން ހުރަސްއަޅަން ފެށީމާ ކަޅު އަބްދުﷲ ދީދީ ހިތަދުވަށްގޮސް ދެން ވަޑިން ގެނައީ ހިތަދޫންނެވެ. އެއީ މާވަޑިބެއްޔާ އާއި ބަޑައައްލާ އާއި ކޮންމެވެސް އަހައްމަދާއެކެވެ. މީގެތެރެއިން މާވަޑިބެއްޔާއަކީ އެދުވަސްވަރު ހިތަދޫގައިވެސް ހުރި އެންމެ މޮޅު މާވަޑިއެވެ. އޮޑި ނިންމައިދިނީ ހިތަދޫން ގެނައި ތިން ވަޑިންނެވެ. މިކަމަށް އެމީހުން މާގިނަދުވަސްތަކެއް ނުނަގައެވެ.

މަރުގެ ކޮންމެވެސް މައްސަލައެއްގައި މީދޫއަށް އަރުވާލައިފައި ހުރި ހިތަދޫ މީހަކު އޭރު އުޅެއެވެ. ނަމަކީ ދިގުހަސަނާއެވެ. ވަރަށް އިސްކޮޅުންދިގު ވަރުގަދަ މީހެކެވެ. ވަރަށް ކުޅަދާނަ މަސްކެޔޮޅެކެވެ. ވަޑާމުގެ މަސައްކަތްވެސް ދަންނަ މުރާލި މީހެކެވެ. މީނާ ހުންނަނީ ކުދުބެޔާގޭގައެވެ. މިއީ ހަސަންކާރި އިބްރާހިމްދީދީގެ ގާތްމީހެކެވެ. މި ގާތްކަމުގައި އޮޑި ބަނުމުގެ މަސައްކަތުގައިވެސް ހިލޭސާބަހަށް މީނާ ބައިވެރިވެއެވެ.

ހަސަނާއަކީ އަރުވާލާފައި ހުރި މީހަކަށްވާތީ ރަށުގެ ރައްޔިތުން ނިކުތުން ލާޒިމުކުރާ ބަންޑާރަ މަސައްކަތަށް މީނާވެސް ނިކުންނާންޖެހެއެވެ. އޮޑީގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން އެއްދުވަހަކު ހަސަނާއަށްވެސް ބަންޑާރަ މަސައްކަތުގެ ނަމުގައި ކޮންމެވެސް ކަމަކަށް ކިޔައިފިއެވެ. މިތާކަށްނުގޮސް މީނާ އޮތީ އޮޑީގެ މައްޔަލުގެ މަސައްކަތެއް ނިންމާންވެގެން ފުރޯހިފައިގެން އޮޑިހަރުގޭގައެވެ.

ބަންޑާރަ މަސައްކަތަށް ނުނިކުމެ އޮޑިދޮށުގައި ހަސަނާ ހުއްޓައި ވެރީންގެ ފަރާތުން މީހަކު އައިސް ދޫބޭރަށްނެރެ ރުޅިވެރިކަމުގެ ބަސްތަކެއް ގޮވައި ތިޔައީ އަރުވާލާފައިހުރި މީހެކޭ އިތުރު އަދަބުވެސް ދެވިދާނެއޭ ބުނެ އިންޒާރުދީފިއެވެ. ފުރޯ ހިފައިގެން ނުކުމެ ހަސަނާ ބުންޏެވެ. އަހަރެން އަރުވާލާފައި މިހިރީ މަރުގެ މައްސަލައެއްގައިކަން ދީދީ ހަނދާން ނެތުނީހެއްޔެވެ. މީގެފަހަށް މިއޮޑިދޮށަށް އައިސް މަސައްކަތަށް ހުރަސްއަޅާނަމޭ ހިތައި އެއްވެސް ކަމެއްކޮށްފިނަމަ އެކަމަށް ޖަވާބުދޭނީ މިފުރޮއިންނެވެ. މިއަޑު އިވިފައި އެމީހަކު ދުވެފިލައިފިއެވެ.

މިޒާތަކުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން ދިޔުމާއެކުވެސް ދެއަހަރެއްހައި ދުވަހުން ހުރިހާ މަސައްކަތެއް ނިންމައި 1950 ވަނަ އަހަރު އޮޑި ބާލައިފިއެވެ. މިއޮޑިޔަށްވެސް ދިން ނަމަކީ ކަޅިހާރި އޮޑިއެވެ. ކަޅިހާރަކާ މާބޮޑު ގުޅުމެއް އޮވެގެނެއްނޫނެވެ. ކަޅިހާރި އޮޑިއޭ ކިޔައިގެން ބަޔަކު ކުރި މަލާމާތަކުން ހިތްވަރުލިބިގެން ކުރި މަސައްކަތެއްވީމާ އެނަން ދިނީއެވެ. ކުރީފަހަރުގެ އޮޑިޔަށްވެސް ނަން ދިން ފަދައިންނެވެ.

އޮޑީގެ ދަތުރުތައް ފެށުން

އޮޑި ބޭލުމާއެކު ސިލޯނަށް ދަތުރުތައް ފަށައިފިއެވެ. މާލިމީއަކީ އޮޑިވެރިޔާ ކަޅު އަބްދުﷲ ދީދީގެ ދޮށީ ދަރިފުޅު ހަސަންކާރި ވަހީދެވެ. މީނާގެ މާލިމީކަމުގައި ސިލޯނަށް ކުރީ ދެ ދަތުރެވެ. ކޮންމެ ދަތުރަކަށްފަހު މާލެއާ ކައިރިކޮށްފައި ދަތުރުގެ ނަފާގެ ތެރެއިން ދެބައިކުޅައެއްބައި ކޮލިގޭ އުމަރުމަނިކަށް އައީ ދެމުންނެވެ. އެއީ އޮޑިބަންނާންވެގެން އުމަރުމަނިކުގެ އެހީތެރިކަން ހޯދުމަށް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުންނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!