ދިވެހީންގެ ބަޔަކު ގަންގާސާގަރުގެ ވަލުމީހުންގެ ތެރޭގައި 1

ފަށައިގަތުން

މިއީ ކަޅިހާރި އައުއޮޑި މާލެދާން ކުރި ދަތުރުގައި ބެހިގެން ސިލޯނާއި ބަންގާޅަށް ދެވުނު ހާދިސާގެ ވާހަކައެވެ. ބަންގާޅު ކަރައިގެ ގަންގާސާގަރޭ ކިޔުނު ޖަޒީރާގެ ފަރުމައްޗަށް އޮޑި އުރުވައިލައި ވަލުމީހުންނާއެކު އެރަށުގައި ދިރިއުޅުނު ގޮތުގެ ވާހަކައެވެ. ފާއިތުވި ސަތޭކައެއްހައި އަހަރުގެ ތެރޭގައި ކަޅިހާރު އޮޑިއޭ ކިޔުނު ތިން އޮޑިއެއް ތިން ދުވަސްވަރެއްގައި ދުއްވިއެވެ. މިއީ އެ ސިލްސިލާގެ ތިންވަނަ އަދި އެންމެފަހު އޮޑީގެ ވާހަކައެވެ. މިއޮޑިއަށް ދިމާވި ހާދިސާއަކީ މޫސުން ގޯސްވެގެން ދަތުރުކުރެވޭ ނުކުރެވޭ ދިމާއެއް ނޭގިގެން ކުތިމަތިވި ހާދިސާއެއް ކަމަށް އޮޑީން ދަތުރުކުރި ގިނަ މީހުންނާއި އަދި އޮޑީގެ ވެރީންވެސް ގަބޫލެއް ނުކުރެއެވެ.

ވާހަކައިން ދޭހަވަނީ މީހަކު ނުވަތަ ބަޔަކު ހިންގާފައިވާ އަމަލެއްކަމުގައެވެ. މިގޮތަށް ހީކުރެވުމުގެ ސަބަބުތަކެއްވެސް ހުއްޓެވެ. އެސަބަބުތައް ދެނެގަތުމަށް ފަސޭހަވާނީ ކަޅިހާރި އޮޑީގެ ސިލްސިލާގެ މައުލޫމާތު ކޮންމެވެސް މިންވަރަކަށް ލިޔެގެންނެވެ. އެހެންވީމާ މިދަތުރުގެ ވާހަކަ ފަށާނީ ކަޅިހާރި ސިލްސިލާގެ ތިން އޮޑިޔަށްވެސް ކުރުގޮތަކަށް ބަލައިލުމަށް ފަހުގައެވެ.

ކަޅިހާރި ސިލްސިލާގެ ފުރަތަމަ އޮޑި

ކަޅިިހާރި މެދެބީފާނާއި ކައިވެނިކޮށްގެން ގަނޑުވަރު ހަސަންދީދީއަށް ލިބުނު ކަޅިހާރި އަހުމަދުދީދީ ދުއްވި އޮޑީގެ ނަމަކީ ކަޅިހާރި އޮޑިއެވެ. އެއީ ކަޅިހާރި އޮޑީގެ ސިލްސިލާގެ ފެށުމެވެ. ވަރަށް ތަނަވަސް ބޮޑު އޮޑިއެކެވެ. މިއޮޑި ދުއްވާތާ އަހަރުތަކެއްފަހުން 1921 ވަނައަހަރު އެފްރިކާއަށް ބެހިގެންގޮސް ސޮމާލިއާގެ ބަރާވާއޭ ކިޔުނު ރަށަށް އޮޑި ދޫކޮށްފައި އަންނާން ޖެހުނީއެވެ. އެދަތުރުގައި އޮޑީގެ ވެރީންނަށް ތިބީ ކަޅިހާރި އަހުމަދުދީދީގެ ދަރިފުޅު ހަސަންކާރި އަލިދީދީ އާއި މި އަހުމަދުދީދީގެ ދަނބިދަރިފުޅު ކަޅު އަބްދުﷲ ދީދީއެވެ.

ސޮމާލިޔާއާއި ކެންޔާގައި އެތައްޒަމާނަކަށް ތިބެފައި މިވެރިން މާލެ ގެނެސްދިނީ އިނގިރޭސީންނެވެ. މާލޭގައި ތިބެފައި އައްޑުވަށްދާން އެރީ ހުޅުދޫ އޮޑިއަކަށެވެ. މާލެއިން ފުރައިގެންގޮސް ހުވަދުއަތޮޅު ދެކުނުބިތުން ފިޔޯރީގައި ބަނދަރުކުރިގޮތަށް އެތަނުން އަވަހަށް ފުރުމުގެ ޚިޔާލެއް އޮޑިވެރިޔާ ނުކުރިއެވެ. މޫސުން ކިތަންމެހައިވެސް ރީތިވެފައި ހެޔޮވަރަކަށް ވައިޖެހެއެވެ. ދަތުރުކުރާން ވަރަށްވެސް އެކަށީގެންވާ ދުވަސްކޮޅެކެވެ. އޭރު ފިޔޯރީ އަންހެނަކާ ހިތާވެގެން އޮޑިވެރިޔާ އުޅޭކަމުގެ އަޑުތައް އޮޑިޔާ ހަމަޔަށްވެސް އޮތީ އައިސްފައެވެ.

ކަޅިހާރި އޮޑީން ބެހުނު މީހުންވެސް މިއޮޑީގައި ތިބުމާއި އަތޮޅާއި މިހާކައިރިޔަށް ދެވިފައިމެ ފުރުން ލަސްވާތީ އޮޑީގެ ވެރިޔާއާ ދޭތެރޭ އެމީހުންގެ ނުތަނަވަސްކަން ވަރަށް ބޮޑުވެއްޖެއެވެ. އަދިވެސް އުޅެނީ މީހުނާ ނީދެވިގެންނޭ މިތަނުން ފުރާން އެއްބަސްވާނޭ ދުވަހެއްވެސް ނޭގެޔޭ ކިޔައިގެން ހަސަންކާރި އަލިދީދީ އާއި އޭނާގެ ޅިޔަނު ކަޅު އަބްދުﷲ ދީދީ އޮޑީގެ ތެރޭގައި ދެއްކި ވާހަކައެއް އަޑުއަހައިގެން ފަޅުވެރީންގެ ތެރެއިން މީހަކުގޮސް އޮޑިވެރިޔާގެ ކައިރީގައި ކުޓުވައިފިއެވެ.

މިއަޑު އަހައިގެން ވަރަށް ރުޅިގަދަވެގެން އެއްގަމުގައި ހުރެފައި އޮޑިދޮށަށްއައިސް ކަޅު އަބްދުﷲ ދީދީ އާއި ހަސަންކާރި އަލިދީދީއާ ދެމީހުންނާ ދިމާލަށް ވަރަށް އެއްޗެތި ގޮވައިފިއެވެ. ބުންޏެވެ. މިއީ މަގޭ އަމިއްލަ އޮޑިއެވެ. ފުރާނީ މަ ބޭނުންއިރަކުންނެވެ. މީހުނާ އިނުމަކީ މަގޭ އަމިއްލަ ކަމެކެވެ. ކަލޭމެންނާ ބެހޭކަމެއްވެސް ނޫނެވެ.

އަވަހަަށް ރަށަށް ދާން ބޭނުމިއްޔާ ކަލޭމެން އެފްރިކާގެ ބަރާވާޔަށް ދޫކޮށްފައި އައި ކަޅިހާރި އޮޑި ގެނެސްގެން ފުރާންވީއެވެ. ކަލޭމެންގެ އަމިއްލަ އޮޑިއެއް އޮތީ ކުރީންނެވެ. މިހާރު އެކަމެއްނެތެވެ. އެހެންވީމާ މީސްމީހުންގެ އޮޑިޔަށް އަރައިތިބެ ބުރުހާން ދެއްކުމުގެ ބޭނުމެއްނެތެވެ. ކަލޭމެންނަށް ދެން އޮޑިއެއް ބަނދެވޭނީ ހޭޅިފަށުން ދިއްގާ ކަނޑައިގެންނެވެ.

މިވާހަކަޔަށް އެދެމީހުން އެއްވެސް ރައްދެއް ނުދެއެވެ. އެކަމަކު ކަޅިހާރި އޮޑި އަލުން ވުޖޫދަށް ގެންނާން ދެމީހުންވެސް އަޒުމްކަޑައެޅިއެވެ. ފިޔޯރީން ފުރައިގެންގޮސް ހުޅުދޫގައި އޮޑި ބަނދަރުކުރީމާ ކަޅު އަބްދުﷲ ދީދީ އެއްގަމަށް ފައިބައިގެން މީދޫއަށް ދަނިކޮށް މަގުމަތީން އޮނބޮރާގެ ހަސަނާއޭ ކިޔުނު މީހަކާ ދިމާވެއްޖެއެވެ. މީނާއަކީ ވަރަށް ކުޅަދާނަ މާވަޑިއެކެވެ. ކަޅު އަބްދުﷲ ދީދީގެ ވަރަށް ގާތް އެކުވެރިއެކެވެ.

މީނާއަށް ގޮވާފައި އަބްދުﷲ ދީދީ ބުންޏެވެ. މިއައީ ކަޅިހާރި އޮޑި އެފްރިކާގެ ބަރާވާޔަށް އެއްލާލައިފައެވެ. އެހެންވީމާ އެއަށްވުރެ ބޮޑު އެއަށްވުރެ ފުރިހަމަ އޮޑިއެއް ބަންނާން އެބަޖެހެއެވެ. މީހަކު ވަރަށް މަލާމާތްކޮށް ދެރަބަސް ބުނެފިއެވެ. ރަށުން ލިބޭންހުރި އެންމެ މޮޅު ލަކުޑިޔަކުން އައުއޮޑިއެއް ބަނުމުގެ މަސައްކަތް މާދަމައިން ފަށަންވާނެއެވެ. ދެރަބަސް ބުނިކަމަށްޓަކައިވެސް އައުއޮޑިޔަށް ކިޔާނީ ކަޅިހާރި އޮޑިއެވެ.

ކަޅިހާރި ދެވަނަ އޮޑި

ޒާތަކަށް ފޫގަޅައިފައި އޮނބޮރާގެ ހަސަނާ ބުންޏެވެ. ހޭވައްލާއެވެ. މިމުންޑު ދެން މޮހައިލާނީވެސް ކަޅިހާރި އޮޑި ބަނދެ ނިންމައިފައެވެ. މިދުވަހުގެ ފަހުދުވަހު ރަށުގެ އެތައްމިތަނުން ފުނަގަސް ކަނޑައިގެން އޮޑި ބަނުމުގެ މަސައްކަތް ފަށައިފިއެވެ. ވަރަށް ބާރު ސްޕީޑުގައި އޮޑި ބަންނަމުންގޮސް ކިއްސަރުވަޑާމުގެ މަސައްކަތް ނިމުނުތަނާ ކުއްލިގޮތަކަށް ހަސަނާ ނިޔާވެއްޖެއެވެ. އެކަމަކު މަސައްކަތް މެދުކަޑާނުލައި ކުރިއަށްގެންގޮސް 1922 ވަނައަހަރު ނިމުމުގެ ކުރީން އޮޑި ބާލައިފިއެވެ.

އޮޑި ބާލައިގެން އައުދަތުރުގައި މާލެއަށް ފުރާން ތައްޔާރުވެފައިވަނިކޮށް އެއްކަލަ ހުޅުދޫ އޮޑިވެރިޔާ ކުއްލިގޮތަކަށް މާލެދާން ޖެހިއްޖެއެވެ. ސަރުކާރުގެ އެންގެވުމަކަށެވެ. އޭރު އޭނާގެ އަމިއްލަ އޮޑިހުރީ ކޮންމެވެސް ބޮޑު މަރާމާތަކަށް އެހެލައިފައެވެ. އެހެންވެގެން މީދޫއަށްގޮސް ކަޅު އަބްދުﷲ ދީދީއާ ބައްދަލުކޮށްފައި ބުންޏެވެ. ވަރަށް އަވަހަށް މާލެދާން ޖެހިއްޖެއެވެ. އެހެންވީމާ ތިޔަ އޮޑީން ފުރާން ކަމަށެވެ. ކުޑަކޮށް ހީލައިފައި ކަޅު އަބްދުﷲ ދީދީ ޖަވާބުދިނެވެ. ބަނދަރުގައި ކަޅިހާރި އޮޑި އެއޮތީ ތައްޔާރަށެވެ. ބޭނުންތާކަށް އެއޮޑީން ދެވޭނެއެވެ. ފިޔޯރީއަށްވެސް ދެވޭނެއެވެ. ކަޅިހާރި އޮޑި އޮންނާނީ ޚިދުމަތުގައެވެ.

މީހަކު ބުނި ދެރަބަހަކަށްޓަކައި ބަނދެ ނިމުނު އޮޑިޔަށް ކަޅިހާރި އޮޑިއޭ ކިޔުނީ މިގޮތުންނެވެ. އޮޑި ދައްކައިފައި އެއޮތީ ކަޅިހާރި އޮޑިއޭ ބުނެވުނުކަމުންނެވެ. މިއޮޑިއަކީ ކަޅިހާރާއި ގުޅުންހުރި އޮޑިއަކަށް ވެގެނެއް ނޫނެވެ. އޮޑިބަނީވެސް ހަސަންކާރި ގޯތިތެރޭގައި ބޮޑު ހަރުގެޔެއް އަޅައިގެން އެތާގައެވެ. މިއޮޑި ވަރަށް ގިނަޒަމާނަށް ދުއްވިއެވެ. ބައުވެގެން އެހެލީ 1948 ގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!