އައްޑޫބޯޓުން ދަތުރުކުރި މީހުން މަރުގެ ތުންފަތްމަތިން ސަލާމަތްވިގޮތުގެ ވާހަކަ 2

ޝާފްޓް ބިންދައިގެންދިއުމާއި ހާލުގައިޖެހުން

ފަތިސްވެގެންއައި ވަގުތު ބޯޓުގެ އިންޖީނު ފަލްކާގެ ތެރެއިން އިވުނީ ވަރަށް ގަދަފަދަ އަޑެކެވެ. އަޑާއެކު ބޯޓުގެ ދުވެލިވެސް ހުއްޓިއްޖެއެވެ. އެކަމަކު އިންޖީނު ހުރީ ހިގަހިގައެވެ. އޭރު އަދި ހުވަދުއަތޮޅެއް ނުފެނެއެވެ. ފެންނާން ކައިރިވެސް ނުވެއެވެ. ދުވެފައިހުރީ ހުވަދޫކަނޑުގެ މެދަކާހަމަޔަށެވެ. މިއަޑުފަށްގަޑާއެކު ކުޑަކުދީންނާއި އަންހެނުންތައް ރޯންފަށައިފިއެވެ. ބޯޓުގެ އިންޖިނޭރާއި އޭނާގެ އެހީތެރިޔާ އަވަސްއަވަހަށް ފަލްކާގެ ތެރެޔަށް ފައިބައި މިއަޑެއްގެ ސަބަބަކީ ކޮބައިތޯ ބެލިއިރު ބުރަފަތީގެ ޝާފްޓް ވަނީ ބިންދައިގެން ގޮސްފައެވެ. ބިނދިފައިވަނީ އިންޖީނާއި ޝާފްޓް ގުޅުނު ހިސާބުންނެވެ. މަރާމާތު ކުރެވޭ ކަހަލަ ކަމެއްވެސް ނޫނެވެ. މަރާމާތު ނުކުރެވެންޏާ އިންޖީނުގެ ބޭނުންކެނޑުނީއެވެ. އެހެންވެގެން ދެވެރީން މަޝްވަރާކޮށްފައި އިންޖީނު ނިއްވާލައިފިއެވެ.

ވީލްހައުސްގެ ތެރޭގައި ބޯޓުގެ ވެރިޔާ މުހައްމަދު ސާލިހާއި މާލިމީ އަލިބެއްޔާއާއި އިންޖިނޭރާއި ތިންމީހުން މަޝްވަރާކޮށްފައި ނިންމީ ދެންހެދޭނެ އެއްވެސްގޮތެއް ނެތްކަމަށެވެ. އެހެންވީމާ ބޯޓުގައިހުރި ބޯފެނާއި ކާތަކެތި ވަގުތުން ކޮންޓްރޯލްކުރަން ސާލިހު ނިންމައިފިއެވެ. ކުނބެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ނެތްތާގައި ރިޔަލެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ސަތަރިއެއްވެސް ނެތެވެ. ކުރިއަށްދެވޭނެ އެއްވެސް މަގެއް ނެތެވެ. އޮޔާއިވައި ހުރީ ރާއްޖެއާ ދުރަށް އިރުމައްޗަށެވެ.

މާލިމީ އަލިބެއްޔާގެ ޚިޔާލަކީ ހުވަދުއަތޮޅާއި މިހާކައިރިވެފައިވުމާއި މިއީ އާއްމުކޮށް ބޯޓުފަހަރު ދަތުރުކޮށްއުޅޭ މަގުކަމަށްވާތީ ބޯޓަކަށް ފެންނަންދެން ދުރަށް ބެހިގެންނުގޮސް ތިބެވޭނޭ ގޮތެއް ރޭވުމެވެ. ހުވަދޫކަނޑަކީ މީހުން ބުނެއުޅޭގޮތުން ވަރަށް ތިލަ ކަނޑެކެވެ. އެހެންވީމާ ކަނޑުމެދަށްވިޔަސް ނަގިލި ވައްޓާލައިފިއްޔާ އެތަނުގައި ބޯޓު އޮވެދާނެއެވެ. ތަނެއްގައި ނަގިލި ހަރުނުލިޔަސް ގޯހެއް ނެތެވެ. ދިރުބާކޮޅުން ނަގިލި ވައްޓައިލީމާ ވައިމައްޗަށް ބޯޓު ރީތިކޮށް އޮތުމަށް ފަސޭހަވާނެއެވެ. މިއީ އެންމެ ރަގަޅު ޚިޔާލެއްކަމަށް ފެނިގެން ބޯޓުގެ އެންމެ ބޮޑު ނަގިލި ވައްޓާލަން އަންގައިފިއެވެ.

ދެރިޔާދައުލަތުގެ ޒަމާނުގައި ގެންގުޅުނު އެންމެބޮޑު ނަގިލީގެ ތެރެއިން ނަގިއްޔެއް ބޯޓުގައި އޮތެވެ. ވަރުގަދަ ވަލެއްގެ ކޮޅުގައި ނަގިލި އައްސާފައި ކަނޑަށް ވައްޓާލައިފިއެވެ. އެކަމަކު އެއްވެސްތަނެއްގައި ލައްވައެއްނުލިއެވެ. އަޑިޔަކަށް ނުފޯރިއެވެ. ދެން އެގޮތަށް ނަގިލި ބޭއްވީއެވެ. ދެން ކުރި އަނެއްކަމަކީ ބޯޓުލުއި ކުރުމަށާއި މީހުންނަށް ފަސޭހަޔަކަށް ބައެއް މުދާ ކަނޑަށް އުކައިލުމެވެ. އެންމެ ފުރަތަމަ އުކައިލީ ގަމަށް ބޭލުމަށް ސަރުކާރުން އެެރުވި ސާޅީސް ފީފާ ޑީސަލެވެ. މިފީފާތައް ބޭރުކޮށްލުމުން ބޯޓު ވަރަށް ލުއިވެއްޖެއެވެ. އެހެންވީމާ ވިއްސާރައެއްގައި ޖެހުނަސް ކުރިއަށްވުރެ މިހާރު ރައްކާތެރިވާނެ ކަމަށް އެންމެންނަށްވެސް ގަބޫލު ކުރެވުނެވެ.

ޑީސަލް ފީފާތައް އުކައިލުމުގެ އަނެއްސަބަބަކީ ބޯޓުގެ އިންޖީނުގެ ބޭނުން ކެނޑިފައިވުމާއެކު އެކަހަލަ އެއްޗެއް ބަހައްޓައިގެން މިހާލަތުގައި މީހުންގެ ސަލާމަތަށް ނުރައްކާތެރިވުމުގެ ފުރުސަތު ހަނިކުރުމެވެ. އެންމެ ތުއްތު ކުދީންވެސް ހިމެނޭގޮތުން 121 މީހުން ބޯޓުގައި ތިބީމާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯފެނުގެ މައްސަލައެވެ. ބޯޓުގައި ހުރި ފެނުގެ ސްޓޮކަށްބަލާއިރު މިއަދަދަށް މީހުން ތިބެގެން ކިރިޔާ ދެދުވަހަށް ފުދޭނީއެވެ. އެހެންވީމާ ބޯޓުގެ ވެރިޔާ ނިންމީ ކޮންމެދުވަހަކުވެސް އެއްފަހަރު ކޮންމެ މީހަކަށް ފެންދިނުމަށެވެ. ގިނައަދަދެއްގެ ބިސްކޯދާއި އެނޫންވެސް ލުއިކާނާ ބޯޓުގައި ހުރުމާއެކު ކެއްކުން ހުއްޓާލައިގެން ދެން ކަމުންދިޔައީ ލުއިކާނާއެވެ.

ކަނޑު ކިތަންމެ މަޑަސް އަދި ވައިބާރު ނޫނަސް ބޯޓުތެރޭގައި އޮތީ ރުއިމުގެ އޮއިވަރެއް ފެށިފައެވެ. ތުއްތުކުދިންނާއި އަންހެނުން އަޑުންއަޑުނަގާފައި ރޮނީއެވެ. މިއަޑު އިވުނީމާ ފިރިހެނުންވެސްތިބީ މޮޅިވެ ދެރަވެފައެވެ. އެންމެންގެވެސް އުއްމީދަކީ ގިނަވެގެން ދުވަހެއް ދެދުވަހެއްގެ ތެރޭގައި އެހެންކޮންމެވެސް ބޯޓަކަށް ފެނިގެން އެހީތެރިކަންލިބި ހިކިފަސްތާކަށް ދެވުމެވެ. އޭގެކުރިން ވިއްސާރައެއްގައި ނުޖެހި ސަލާމަތް މިންވަރުކުރެއްވުމަށް އެދި އެންމެންވެސް ދިޔައީ ދުއާކުރަމުންނެވެ. ހުވަދޫކަނޑަކީ ގަދަފަދަ ވިއްސާރަ އާއްމު ކަނޑެކެވެ. މިގޮތަށް މަޑުކޮށް ގިނަވެގެން ދެދުވަހަށް އޮތުމަކީވެސް ނާދިރުކަމެކެވެ.

ބޯޓުފަހަރު ފެނުމާއި އެހީއަށް އެދުން

އައްޑޫބޯޓުގައި މުވާސަލާތީ އާލާތަކަށްއޮތީ ވޯކީޓޯކީއެކެވެ. އެއްވެސްބަޔަކާއި ގުޅޭތޯ ވޯކީޓޯކީ ހުޅުވައިގެން ގޮވާގޮވާވެސް ބަޔަކަށް މިއަޑެއް ނީވުނެވެ. މިގޮތަށް ވޯކީޓޯކީ ތަޅުވާތާން އެއްދުވަސްވެސް ނުވަނީސް އޭގެ ބެޓެރީބާރު ހުސްވެ ބޭނުންކެޑިއްޖެއެވެ. ވޯކީޓޯކީއަށް އަޅާ ޒާތުގެ އިތުރު ބެޓެރީތަކެއް ނެތެވެ. ދެންމިކަމާވެސް ކަންބޮަޑުވެ ހަދާނެގޮތެއް ނެތިފައި ތިއްބާ ފަހުދުވަހު ދުރުދުރުން ދަތުރުކޮށްފައިދާ ބޯޓެއް ފެނިއްޖެއެވެ. އެބޯޓަށް އިޝާރާތްކުރަން ކުރެވޭންހުރި ކަންތައްކޮށް ކޮޅުންލިއިރުވެސް އެވެރީންނަށް ހިލަމެއް ނުވިއެވެ. އެދިޔަގޮތަށްގޮސް އޮބާލައިފިއެވެ. ކޮންމެދުވަހަކުހެން ބޯޓެއް ދެބޯޓެއްވަރު ފެނެއެވެ. އެކަމަކު އެއްވެސް ބަޔަކަށް އައްޑޫބޯޓު ފެނިގެން ހާލުގައިޖެހިފައިވާ ބައެއްކަން މޭރުންވެގެން ކައިރިއެއް ނުކުރެއެވެ.

ބޯޓުގެ ޝާފްޓް ބިންދައިގެންގޮސް ބެހި ހާލުގައި ޖެހުނުތާ ހަތަރުވަނަޔަށްވީދުވަހު ބޯޓުތެރޭގެ ކަންކަންވަނީ ވަރަށް ދެރަވެފައެވެ. މީހުން ބަލިވާންފަށައިފިއެވެ. ފެނަށް ބަލިވެގެން ހާލުދެރަވާން ފަށައިފިއެވެ. ޚާއްސަކޮށް ކުޑަކުދީންގެ ހާލު ވަކީންދެރަައެވެ. މިގޮތަށް އިތުރު ދެދުވަހެއްވިޔަސް މީހުން މަރުވާން ފެށުމުގެ ބިރު ބޮޑުވެއްޖެއެވެ. ވާރެއެއް ނުވެހެއެވެ. އެހެންވީމާ ފެނެއް ނުނެގެއެވެ. ބޯޓުގައިހުރި ފެނުގެ ސްޓޮކްވެސް ނިމުމަކާ ގާތްވެއްޖެއެވެ. ބޯޓުފަހަރު ހަމަދާދި ކައިރިން ދަތުރުކޮށްފައިދާއިރު އެހީތެރިކަމެއް ނުލިބި ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދާތީ ހިތްވަރުހުރި މީހުންގެ ހިތްވަރުވެސް އެލޭގޮތް ވެއްޖެއެވެ. އެންމެންވެސް މުޅީން މާޔޫސްވެ އުއްމީދު ގެއްލިއްޖެއެވެ.

ބޯޓުގައި ތިބި ކުޑަކުޑަ ކުދީންގެ ހާލާއި ބޯޓުތެރޭގައި ފެތުރިފައިވާ މާޔޫސްކަން ފެނިފައި ބޯޓުގެ ވެރިޔާ ދީދީގެ ސާލިހުވެސް ހިތްފަޅައިގެންދާވަރުވެއެވެ. އެކަމަކު ކުރެވޭނެ މާގިނަ ކަންތައްތަކެއް ނެތެވެ. މިހެންތިއްބާ ތިންވަނަ ދުވަސްނިމި ހަތަރުވަނަ ދުވަހުގެ މެންދުރު ގިނައަދަދެއްގެ ކަނޑުމަސް ބޯޓުގެ ކައިރީގައި ތިލަވެގެން އުޅޭން ފަށައިފިއެވެ. ކަނޑުގައި އޮޔާދާ އެތިގަޑެއްވީމާ އޮއިވާލިކަނދުފަތި ކައިރިއަށް މަސްތިލަވާ ބީދައިންނެވެ. މިތަން ބަލާންހުރެފައި މީގެތެރެއިން މަހެއް ބޭނޭތޯ އުޅެހަރޭ ފަޅުވެރީންނަށް ސާލިހު އަންގައިފިއެވެ. މިވެރިން ކުޑަވަރެއްގެ މަސައްކަތެއްކޮށްލައިގެން އިސާހިތަކު ދިހަބާރަ ގޮދާ ބާނައިފިއެވެ.

މިވަރަށް މަސްބޭނުނީމާ ސާލިހު އަންގައިފިއެވެ. މިއަދު މަސްބަތް ކައްކައިގެން އެންމެން ބަނޑުބޮޑުވާންދެން ކާނީއެވެ. އެއްވެސްމީހަކު ހިތާމަކުރާނޭ ކަމެއްނެތެވެ. އިރާދަކުރެއްވިއްޔާ ދާދިއަވަހަށް މިހާލަތުން މިންޖުވެދާނެއެވެ. ސާލިހުގެ މިބުނުމުން ހިތްވަރު ލިބިގެން ފަޅުވެރިކުދިން އިސާހިތަކު ހޭލަމޭލަވެގެން ފުދިއިތުރުވާވަރަށްވެސް މަސްބަތް ކައްކައިފިއެވެ. އެއީ ހާލުގައި ޖެހުނުފަހުން ބަދިގޭގައި އަލިފާން އަންދައިގެން ކެއްކި ފުރަތަމަ ފަހަރެވެ. އެންމެންވެސްް ވަރަށް ގަޔާވެގެންތިބެ ކައިނިމުނީމާ އެމީހަކު ބޯނޭވަރަކަށް ބޯން ފެނުގެ ކޮންޓްރޯލްވެސް ސާލިހުގެ އަމުރަށް އޮތީ ދޫކޮށްލައިފައެވެ.

މަސްބަތް ކައިގެން ފެންބޮއެގެން އެންމެން ހަމަޖެހިގެން ތިއްބައި މެންދުރުފަހު ދުރުދުރުން ވަރަށް ބިޔަބޯޓެއް ދައްކާލައިފިއެވެ. ބޯޓުތައް ފެނުނީމާ ހާލުގައި ޖެހިފައިވާ ބައެއްކަން އެންގުމަށް އާއްމުކޮށް އިޝާރާތްކުރާ ބީދައިން މިބޯޓުގެ ސަމާލުކަން އަތުލުމަށްވެސް ކަންތަކެއްކޮށްފިއެވެ. ކައިރިއަށް އަންނާނެކަމުގެ މާބޮޑު އުއްމީދެއް އޮވެގެނެއް ނޫނެވެ. މީގެ ކުރީން ކަނޑުމަތީން ދިމާވި ބޯޓުފަހަރުގެ ކަންތައް ފެނިފައިވާގޮތުން އުއްމީދެއްނެތީއެވެ. އެކަމަކު މިބޯޓު ދަނީ ދުރަކަށް ނޫނެވެ. ހަމަޔަގީނުންވެސް އަންނަނީ ކައިރިވަމުންނެވެ. ވަރަށް ކައިރިއަށް އައިސްފައި މަޑުކޮށްލައިފިއެވެ. މިއީ ވަރަށްވެސް ބިޔަ ތެޔޮޓޭންކަރެކެވެ. ގަލްފުގެ އަރަބި ކޮންމެވެސް ބަނދަރަކުން ތެޔޮބަރުކޮށްގެން ސިންގަޕޫރަށް ދަތުރުކުރަމުންދާ ބޯޓެކެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ޓެކްސާރޯ ގްރީން ނަމަކަށް ކިޔުނު ބޯޓެކެވެ.

އައްޑޫބޯޓާއި ދާދިގާތުގައި ތެޔޮޓޭންކަރު މަޑުކުރީމާ އެންމެންވެސް ވަރަށް އުފާކޮށް ދެންވާނެ ކަމެއްގެ އިންތިޒާރުގައި ތިއްބައި ތެޔޮޓޭންކަރުން މޫދަށްބޭލީ އޭގެ ލޯންޗެވެ. ލޯންޗު ބާލައިގެން އެޔަށް ހަތަރުފަސްމީހަކު އަރައިގެން އައްޑޫބޯޓުދޮށަށްއައިސް ހާލުގެ ވާހަކައިން ސުވާލުކޮށްފިއެވެ. މިއީ ރާއްޖޭގެ ބޯޓެއްކަމާއި ބުރަފަތީގެ ޝާފްޓް ބިނދިގެން ކަނޑުމަތީގައި ހާލުގައި ޖެހިފައިވާތާ މިއަދަށް ހަތަރުދުވަސްވެއްޖެކަމާއި ފެންހުސްވުމާއިގާތްވެ ފެނަށްޖެހި މީސްތަކުންގެ ހާލުދެރަވާން ފަށާފައިވާކަމުގެ ވާހަކައިން ޖަވާބުދިނީމާ ބޯޓަށް ހަތަރުފަސް ހަމުގެ ފެން އަރުވައިދީފިއެވެ. އެއަށްފަހު ދެމީހަކު އައްޑޫބޯޓަށް އަރައި އިންޖީނާއި ޝާފްޓް ބަލަބަލާފައި ބުންޏެވެ. މަރާމާތެއް ނުކުރެވޭނެއެވެ. މިހެން ކިޔާފައި ބޯޓުގެ ފަހަތުކޮޅާއި ދިރުބާކޮޅު ބަލައި ވަށައިގެން ހިގާލާފައި ފައިބައިގެންގޮސް ލޯންޗަށް އަރައިފިއެވެ. އެރުމާއެކު ލޯންޗު ނައްޓާލައިގެން އަނބުރައި ތެޔޮޓޭންކަރުގެ ކައިރިއަށް ހިގައްޖެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!