މީދޫ މަތިކިޅިއާއި ޗަސްބިމުގެ ވަނަވަރު 2

ހަނދާން ނައްތާލައި އިހުމާލުކުރެވިފައިވާ ކުޅިއެއް

މީގެ ތިން އަހަރެއްހައި ދުވަސް ކުރީން ރާއްޖޭގެ ޗަސްބިންތަކާއި ކުޅިތައް ހިމާޔަތްކޮށް އެތަންތަނުން އިގްތިސާދީ މަންފާ ހޯދުމުގެ ގައުމީ ސިޔާސަތެއް އެކަށައަޅައި މަޝްރޫއުތަކެއް ހިންގާން ފެށުނެވެ. ފުރަތަމަ މަޝްރޫއު ފެށީ ހިތަދޫ އީދިގަލި ކުޅީގައެވެ. މީގެ އިތުރުން ފުވައްމުލަކު ކުޅި ހިމާޔަތްކޮށް އިގްތިސާދީ މަންފާ ހޯދުމުގެ މަޝްރޫއެއްވެސް ދާދިފަހުން އިފްތިތާހުކޮށްފައި ވެއެވެ. ދެ މަޝްރޫއަކީވެސް ޔޫރަޕިއަން ޔޫނިއަނާއި އޮސްޓްރޭލިއަން އެއިޑްގެ ހިލޭ އެހީގެ ދަށުން އެކުލަވާފައިވާ ކްލައިމެޓް ޗޭންޖް އެޑޮޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ހިންގޭ މަޝްރޫއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޅިތަކާއި ވެޓްލޭންޑް ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ފުވައްމުލަކުގައެވެ. އެހަރަކާތުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަޅުތަކާއި ކުޅިއާއި ޗަސްބިން ރާއްޖޭގައި ގިނައިރު އެތަންތަނާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތު ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އެހެންކަމުން ފުވައްމުލަކުގައި ބާއްވާ ހަރަކާތްތަކުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެތަންތަނާ ގުޅޭ މައުލޫމާތު ޒުވާނުންނަށް ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ބައިނަލްއަގްވާމީ މިފަދަ ހަރަކާތެއް ނިމިގެންދިޔައިރު ރާއްޖޭގެ ހަތަރުވަނައަށް އެންމެބޮޑު ކުޅިކަމަށްވާ މީދޫ މަތިކިޅިއާބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުމުގެ އެއްވެސްހަރަކާތެއް ނުހިންގައެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ.

މަތިކިޅި އުފެދިގެން އައިގޮތަށް ބަލައިލުން

ކުޅިއާއި ޗަސްބިން އުފެދެނީ ކުރީޒަމާނުގެ ތިލަފަޅާއި ވިލުގެ ސަރަހައްދުތައް ތިލަވެ ހިކިގެންކަމުގެ ހެކިތައް ރާއްޖެއިން އާއްމުކޮށް ފެންނާންހުރެެވެ. ޒަމާނާއެކު އޮއިވަރަށް އަންނަ ބަދަލާގުޅިގެން ތިލަފަޅުގެ ބައެއް ސަރަހައްދުތައް އިތުރަށް ތިލަވެ ހިކެމުންގޮސް މުޅިން ނުހިކި ޗަސްބިމަށް ބަދަލުވެއެވެ. ޗަސްބިމަށް ބަދަލުވާއިރު ފުންވިލު ބަދަލުވެފައި އޮންނަނީ ކުޅިއަކަށެވެ. މިކަހަލަ ކުޅިތަކުގައި މުޅީން ނުހިނދި ކޮންމެވެސް ވަރަކަށް އަބަދުވެސް ފެން ހުންނާނެއެވެ. މި ތިއަރީއަށް ވިސްނާއިރު މަތިކިޅީގެ ސަރަހައްދަކީވެސް މީގެ އެތައްސަތޭކަ އަހަރު ކުރިން މައިފަރުން ފެށިގެން ގަދީމީ މައިރަށާއި ދެމެދު އޮތް ތިލަފަޅާއި ވިލުކަމަށް ބެލެވެއެވެ. އަދި އެފަޅަކީ އެވޭލާ ޒަމާނުގެ ރަށްވެހީން ކަނޑުފަޅުގެ ނަފާ ހޯދުމަށާއި އޮޑިދޯނި އަޅަން ބޭނުންކުރި ފަޅުމަތި ކަމަށްވެސްް ބެލެވެއެވެ.

ތަބައީގޮތުން އެންމެފުރަތަމަ ރަށް އުފެދުނުއިރު އިރުމަތީ ފަރާތު އައްސޭރިފަށަކީ މިހާރު ކުޅީގެ ހުޅަގުބިތެވެ. އޭގެ އިރުމައްޗަށް އޮތީ ފަޅާއިވިލެވެ. އެ ފަޅާއިވިލުގެ އިރުއުތުރާއި އިރުދެކުނުން ދެތުނޑިއެއް ހިކެމުންގޮސް އެދެކޮޅު ގުޅުނުއިރު ފަޅުމަތި އޮތީ މުޅިން ބެދިފައެވެ. ބެދުނު ފަޅުމަތީގެ ތިލަ ސަރަހައްދު ޗަސްބިމަކަށް ބަދަލުވީއެވެ. ވިލު އޮތްތަން ކުޅިއަކަށް ބަދަލުވީއެވެ. ފުވައްމުލަކާއި ރާއްޖޭގެ އެހެން ބައެއްރަށްރަށުގެ ކުޅިތައްވެސް އުފެދިފައިވަނީ މިގޮތަށެވެ.

މިކަންކަންް މުޅީން ކަށަވަރުކުރުމަށްޓަކައި ސައެންޓިފިކް އިތުރު ދިރާސާތަކެއް ހެދުން މުހިއްމެވެ. މީދޫގައި މިކަހަލަ ދިރާސާއެއް އަދި ހެދިފައިނެތަސް މިތިއަރީއަށް ބާރުލިބޭ ބައެއްކަހަލަ ހެކި ނުވަތަ ނިޝާން ފެނިފައި އެބަހުއްޓެވެ. އިކޮލޮޖިކަލް ސާރވޭއަކާނުލައިވެސް ހެކިތައް ދަނީ ފެންނަމުންނެވެ. މަތިކިޅީގެ ފެންގަޑެއްގެ އަޑި ކުޑަކޮށް ހާވާލައިފިއްޔާ ފެންނާނީ ދޮންވެއްޔާއި ރިނދަތޮށި ޒާތުގެ ތަކެެއްޗެވެ. ކުޅީގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ދެތިންފޫޓަށް ކޮނެލާއިރަށް ރީތި ހުދު ދޮންވެލި ފެނެއެވެ. ދޮންވެލީގެ އިތުރަށް ރިނދަތޮށްޓާއި އެނޫންވެސް ބާވަތްބާވަތުގެ ޝެލްތަކާއި ފަޅުމަތީގެ ސެޑިމެންޓްސް ފެނެއެވެ.

މިއަށްވުރެ އާދަޔާޚިލާފު އެހެންކަމެއްވެސް މީގެ ތިރީސްނުވަ އަހަރު ކުރީން ފެނިފައިވެއެވެ. އެއީ 1979 ވަނަ އަހަރެވެ. ކުޅިއާއި ރަށުގެ ހިކިބިން ގުޅުނު ބޯޑަރ ލައިނުގައި ވަޅެއް ކޮންނަނިކޮށް ހަތާ ސްޓޮކެއް ފެނުނީއެވެ. މިތަނަކީ އެސްޓީއޯ އިމާރާތުގެ ފުރަގަހުން އެތާގެ ގުދަނާއި ޖެހިގެން ކުޅިއާދޭތެރޭގައި އޮންނަ ސަރަހައްދެވެ. ހަތާބަރި ފެނުނުއިރު އެދުވަސްވަރު ކަޅުބިތްފަރާތުގެ ބާޑިފަށުގައި ބަރިބަރިއަށް ހަތާ އެތުރިފައި ހުންނަގޮތާއި އެއްވެސްތަފާތެއް ނެތެވެ. ހަތާބަރި އެތުރިފައިހުރީވެސް ރީތި ދޮންވެއްޔާއެކުގައެވެ. އެއީ ބަޔަކުގެނެސް އެތާގައި ބަހައްޓާފައިހުރި ހަތާތަކެއް ނޫންކަން ޔަގީންވެއެވެ. އެހެންކަމުން އެއީ ކުރީޒަމާނުގައި ތަބައީގޮތުން ރަށުގެ ހޭޅިފަށްކަމަށް ގަބޫލުކުރާން ޖެހެއެވެ.

މިބުނިި ސަރަހައްދުގައި އެންމެފުރަތަމަ ވަޅެއް ކޮނުނީ ރެކިދިޔަގެ މުހައްމަދާއެވެ. އެއީ އެތާގެ ކައިރީގައި މުހައްމަދާގެ އަލައޮޅު އޮންނާތީ އަތާއިފައި ދޮންނާން ފެންނެގުމަށްޓަކައެވެ. ވަޅު ކޮންނާންފެށި ހިސާބުން ބަރިބަރިއަށް އެތުރިފައިހުރި ރީތި ހަތާތަކެއް ފެނުނީއެވެ. އެކިދުވަސްމަތީން އިތުރަށް ކޮންނަމުންގޮސް ދިގު ފެންއާރަކަށްވީއެވެ. އެދުވަސްވަރަކީ ތެޅިގަލުން ގޭގެ ރާނައިހެދި ދުވަސްވަރުކަމުން އެހެންމީހުންވެސް އެތަން ކޮނެގެން ވަރަށްގިނައިން ހަތާ ނަގާފައިވެއެވެ. އުތުރުން ދެކުނަށް މިއާރުގެ ދިގުމިނުގައި އަށްޑިހަ ފޫޓު ހުންނާނެެއެވެ. އަދި ފުޅާމިނުގައި ވިހި ފޫޓު ހުންނާނެވެ. މިއާރަށް އެހިސާބުގެ މީހުން ކިޔައި އުޅެނީ މުހައްމަދާ އާރާއެވެ. މިއާރުގައި ފޫޓުމަހާއި ފެންފިލަވެސް އުޅުނެވެ.

މަތިކިޅިއަކީ އެވޭލާ ޒަމާނުގައި ބޮޑު ފަޅެއްއޮތް ސަރަހައްދެއްކަމުން އެފަޅުތެރޭގައި ފުށި ނުވަތަ ކުދި ރަށްތަކެއްވެސް ހުއްޓެވެ. ވަކި ރަށްރަށުގެ ގޮތުގައި ފާހަގަ ކުރެވޭ ދެ ތަނެއް އޮވެއެވެ. އެއީ އިސްމެހެލިމަނިކާ ރަށާއި ކަނޑޮފިށިއެވެ. މީދޫގެ އެކިސަރަހައްދުތަކަށް ޒަމާނުއްސުރެ ތަފާތު ނަންނަން ކިޔާފައިވެއެވެ. މަތިކިޅީގެ ތެރޭގައި ހުންނަ ބައެއް ތަންތަނަށްވެސް ނަން ކިޔައިފައިވެއެވެ. މަތިކިޅީގެ ތެރެއިން ވަކި ރަށްރަށުގެ ގޮތުގައި ނަން ކިޔަމުން އައިސްފައިވާ ހަމައެކަނި ދެތަނަކީ މިބުނި އިސްމެހެލިމަނިކާ ރަށާއި ކަނޑޮފިށިއެވެ.

އިސްމެހެލިމަނިކާ ރަށްވެސް މިހާރު ވަކިރަށެއްގެ ގޮތުގައި ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް މީގެ ތިރީސްފަސްއަަހަރު ކުރިއާ ޖެހެންދެން މިތަން އޮތީ މަތިކިޅީގެ މެދުގައި ވަކިރަށެއްގެ ސިފައިގައެވެ. ތަބައީގޮތުން ރަށްރަށުގެ ހޭޅިފަށް އޮންނަގޮތާއި އިސްމެހެލިމަނިކާ ރަށުގެ ވަށައިގެން އޮންނަ ހޭޅިފަށާ އެއްވެސް ތަފާތެއްނެތްކަން ފާހަގަކުރެވެއެވެ. އެރަށުގެ ހޭޅިފަށް ކޮނުނީމާ ހަތާފަދަ ތަކެތި ފެނެއެވެ. މިހާރު މިރަށް އޮންނަނީ ހުރަސް ބޮޑުމަގުގެ ދެކުނުފަރާތުން މަގާއި ގުޅިފައިކަހަލަ ގޮތަކަށެވެ. އިސްމެހެލިމަނިކާ ރަށް ވަކިރަށެއްގެ ގޮތުގައި ފާހަގަ ނުކުރެވުނަސް ކަނޑޮފިށިއޭ ކިޔުނު ރަށް މިހާރުވެސް ވަކި ރަށެއްގެ ސިފައިގައި ފާހަގަކުރެވެއެވެ. ކަނޑޮފިށި އޮންނަނީ މަތިކިޅީގެ މެދެއްހައި ހިސާބުގައެވެ. އެތާގައި ދިއްގާގަހާއި މާކަށިކެޔޮގަސް ބޯކޮށް ހެދިފައި ހުރެއެވެ.

މަތިކިޅީގެ މިހާރުގެ ހާލަތު

މަތިކިޅީގެ އެއްގަމާވީ ފަރާތުން ހުރިހާ ސަރަހައްދެއްގައި އަލައޮޅު ހައްދާފައިވެއެވެ. އޮަޅުތަކުގެ ބޭރުުން ހަސަތޭކަ މީޓަރު ދުރަށް ދެމިގެންގޮސްފައި އޮންނަނީ އެއްވެސްބޭނުމެއް ނުހިފައި އޮންނަ ޗަސްބިމެވެ. މި އޭރިޔާ އޮންނަނީ ކާފަރުހުޔާއި ކުނާހުއިން ފެހިވެފައެވެ. އޭގެ ބޭރަށް ބައެއް ސަރަހައްދުތަކުގައި މުޅިން ނުހިނދޭ ފެންގަޑުގަޑު އޮވެއެވެ. ފެން އެންމެ ތިލަކޮށް އޮންނަ ތަންތާގައި ހަ އިންޗިއަށް އަދި ފުންތަންތަނުގައި ދެފޫޓަށް އޮވެއެވެ. ބައެއް ފެންފެންގަޑުގައި ވަރަށް ގިނައިންް ބޭނގު ހުރެއެވެ. އަނެއްބައި ތަންތާގައި ފޫޓުމަހާއި ފެންފިލަ ހުރެއެވެ. މަތީކިޅީގެ މާހައުލުގައި އާއްމުގޮތެއްގައި އުޅޭ ދޫނި ސޫފާސޫފީގެ ތެރޭގައި ކަނބިލި، ވަލުކުކުޅު، ރާބޮނދި، މާކަނާ އަދި އިރުވައިހުދު ހިމެނެއެވެ. ގިނަ ބާވަތްތަކުގެ ދޫނި އެސޮރުމެންގެ ހާލިތައްވެސް ހަދައިގެން އުޅެނީ މަތިކިޅީގައެވެ.

މަތިކިޅިއަށް މިހާރު ދިމާވެފައިވާ އެންމެބޮޑު ނުރައްކަލަކީ ދޭތެރެ ދޭތެރެއިން އަލިފާންރޯކޮށް އެންދުމެވެ. މިއީ ތިމާވެށީގެ މުހިއްމުކަން ނޭގޭ ބަޔަކު ހިންގާ ޖަރީމާއެކެވެ. ވަރަށް ހިތާމަހުރި ކަމެކެވެ. އަލިފާން އެންދުމުގެ ސަބަބުން ފެން އޮންނަ ސަރަހައްދުތަކަށްވެސް ކުނިބުނިއެޅި ތިލަވެ ހިކެއެވެ. ކުޅިން ފެންމަދުވީމާ މަސްމަހާމެއްސާއި އެފަދަ އެނޫންވެސް ދިރުންތަކަށް ނުރައްކާވެއެވެ. އަދި ފެނުގެ ވަށައިގެން އުޅޭ ދޫނިތަކަށްވެސްް ކާނާ ހޯދަން ދަތިވެ ނުރައްކަލަށް ހުށައެޅެއެވެ. އެސަރަހައްދު ދޫކޮށްފައިދާން މަޖުބޫރުވެއެވެ.

ދިރުންތަކުން މުއްސަނދި ތަނެއް

ސާފުފެނުގެ ވިދުވަރާއި އޭގެރީތިކަން ދުރަށް ފެންނަ ސާފު ފެންކުޅިއަކަށް މަތިކިޅި ނުވިނަމަވެސް އެއީ ގުދުރަތީ ދިރުންތަކުން މުއްސަނދި މާހައުލެެކެވެ. ހިމާޔަތްކުރަންޖެހޭ ގުދުރަތީ މާހައުލަކަށްވުމުގެ ޝަރުތަކީ ހަމައެކަނި ސާފު ފެންކުޅިއަކަށް ވުމެއްނޫނެވެ. މިއީ ދާއިރާގެ އިލްމުވެރިންނާއި ތަޖުރިބާކާރުން އެއްބަސްވާ ހަގީގަތެކެވެ. ތަޖުރިބާކާރުންގެ ތެރެއިން ޑރ. ސިމާދު ސައީދުވެސް ވިދާޅުވެފައިވަނީ މަތިކިޅިއަކީ ދެވަނަ ވިސްނުމަކަށްވެސް ނުގޮސް މިހާރުންމިހާރަށް ހިމާޔަތްކުރަންޖެހޭ މުއްސަނދި ބަޔޯޑައިވަރސިޓީއެއް ކަމުގައެވެ.

ކުޅިއާއި ޗަސްބިން އެކުލެވޭ ވެޓްލޭންޑުގައި ތަބައީގޮތުން ތަފާތު ސިފަތަކެއް ލިބިގެންވާ މައިގަޑު ހަތަރު ވައްތަރެއް ވެއެވެ. އެއީ އިނގިރޭސިބަހުން ކިޔާ މަރޝް، ސްވޮމްޕްް، ބޮގް އަދި ފެންއެވެ. މިހަތަރު ބާވަތުގެ ތެރެއިން މަތިކިޅި ފެތެނީ މަރޝް ވައްތަރުގެ ކުޅިއަކަށެވެ. މި ގިންތީގައިވެސް ތަފާތު ވައްތަރު ހިމެނެއެވެ. މަރޝް ވެޓްލޭންޑަކީ ދުނިޔޭގެ އެންމެގިނަ އަދި އާއްމު ތެތްބިމެވެ. މިވައްތަރުގެ ކުޅިއަކީ ބަޔޯޑައިވަރސިޓީގެ ގޮތުން އެންމެ މުއްސަނދި ކުޅިއެވެ. މިކަހަލަ ޗަސްބިމުގައި ބިޔަ ގަސްތަކެއް ނުހެދޭނެއެވެ. އާއްމުގޮތެއްގައި ހެދޭނީ ތަފާތު ބާވަތްބާވަތުގެ ހުޔާއި ވޯޓަރލިލީ ޒާތުގެ ފެންމަތީގައި އުފުލިފައި އޮވެގެން ފެތުރިގެން ހެދޭ ތަކެއްޗެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!