އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 12


ހިތަދޫއަށް ދެވޭތޯ މަސައްކަތްފެށުން

ބާޑީގޭގައި ނިދައިފައި އެގެއިން ކައިގެން މާލެތެރޭގައި ހިނގާން ހުރިހުރުމުގައި ރަށަށް ފޮނުވާން ސިޓީއެއް ލިޔެފީމެވެ. ލިޔުނީ ކޮއްކޮ އަބްދުﷲ ސާދިގަށެވެ. އެސިޓީގައި ލިޔުނީމެވެ. މިހާރު މިހިރީ މާލޭގައެވެ. ހުންނަނީ ބާޑީގޭގައެވެ. ދަންނަ އެހެން ބަޔަކު ނެތެވެ. އެހެންވީމާ މިގޮތަށް ހުރުން ވަރަށް ދައްޗެވެ. ސިޓީ ފޮނުވިތާ ދެހަފުތާއެއްހައި ދުވަސްފަހުން ޖަވާބު ލިބިއްޖެއެވެ. ލިޔެފައި އޮތެވެ. ވަރަށް އަވަހަށް މާލެދާނަމެވެ. އަހަރެންނަށް ދެވޭންދެން އެއްވެސް އެހެންރަށަކަށް ނުގޮސް މާލޭގައި ބޭބެ މަޑުކޮށްގެން ހުންނާށެވެ.

ސާދިގު އައީ މީނާގެ އިންތިޒާރުގައި އަހަރެން ހުންނަތާ ހަތަރުމަސްވީފަހުންނެވެ. މާލެއައިސް އެންމެފުރަތަމަވެސް މާފަންނު ކާރނޭޝަންގެއަށް ގެންގޮސް އެގޭގައި އަހަރެން ބަހައްޓައިފިއެވެ. މިގެޔަކީ މާލޭގައި ކިޔަވާން ސާދިގު ހުރިގެއެވެ. ބާޑީގެއަށްވުރެ މިގޭގައި ހުރިހާކަމެއްވެސް ފަސޭހައެވެ. މާލޭގައި މިހުރިހާދުވަސްވީއިރުވެސް އަތޮޅަށް ދިއުމުގެ ހުއްދައަށް އެދި އަހަރެން ވުޒާރާއަކަށް ސިޓީއެއް ނުލިޔަމެވެ. އޭގެ ސަބަބަކީ އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް މިހުއްދަ އަދި ލިބިފައި ނެތުމާއި ސިޓީލިޔުނު މީހުންނަށްވެސް ނޫނެކޭ ބުނެފައި ޖަވާބުދީފައި އޮތުމުންނެވެ.

އެކިރަށްރަށަށް އަރުވައިލި އެންމެންވެސް ރަށަށް ނުދެވިގެން މިޒާތަކަށް މާލޭގައި އެބައުޅެއެވެ. ހިތަދޫ ވާރަގޭ އަލިދީދީގެ ޖަމާލުވެސް އެހެރީ ހުއްދަ ނުލިބިގެން ރަށަށް ނުދެވިފައެވެ. ކޮންމެމަހަކު އެއްފަހަރު އޭނާ ސިޓީލިޔެ އާދޭސްކުރެއެވެ. އޭދަފުށީ ހެލެރީބޯޓުގައި ބެހިގެން އަންޒަމާނު ކަރަޔަށް ދެވުނު މީހުން އުޅުނު ބިކަ ހާލުގެ ވާހަކަ މާލޭގައި އޮތީ މަޝްހޫރު ވާހަކައަކަށް ވެފައެވެ. އަހަރެންނާއި ފާއިޒަކީ އެބޯޓުގައި ހާލުގައި ޖެހުނު މީހުންނެވެ. އަހަރެމެންގެ ޚަބަރު ސަރުކާރަށް އޮޅުންފިލާފައި އޮތުމާއެކުވެސް ފާއިޒަށްވެސް ރަށަށް ދިއުމުގެ ހުއްދަ އޮތީ ނުދީފައެވެ. އެހެންވީމާ ބޭކާރު އާދޭސްތަކެއްކުރާން ބޭކާރު ސިޓީތަކެއް ނުލިޔެ އަހަރެން ހުރީއެވެ.

ކާރނޭޝަންގެއަށް ބަދަލުވީފަހުން ސާދިގުގެ އެދުމާވެސްއެކު އައްޑޫއަށް ދިޔުމުގެ ހުއްދަ ލިބޭތޯ އަމަނާއިބެހޭ ވުޒާރާއަށް ސިޓީއެއް ލިޔެފީމެވެ. މިނިސްޓަރަކީ ނޫރާނީވިލާ އަބްދުލްހަންނާނު ހަލީމެވެ. މީނާޔަށް އެޑްރެސްކޮަށްފައި ލިޔުނީމެވެ. އާރޭފެ ހުސައިނު ޖަގަޑާޔާއި ގުޅިގެން އަތޮޅުގައި ދެތިން ހަފުތާއަށް ބަންދުކޮށް މާލެގެނެސް ވިލިގިލީ ޖަލުގައި އެއްއަހަރު ބަހައްޓައިފިއެވެ. ނޮޅިވަރަންފަރަށް އަރުވާލާފައި އިތުރު އެއްއަހަރު ބަހައްޓައިފިއެވެ. ހެލެރީބޯޓު ބެހިގެން އަންޒަމާނު ކަރަޔާއި އިންޑިޔާގެ ޗެންނާއީއާއި ސިލޯނުގެ ކޮޅުނބާއި ދެން މިހާރު މާލޭގައި އަނެއްކާވެސް އިތުރު އަހަރެއް ފާއިތުވެގެން ހިގާއްޖެއެވެ. އުމުރުގެ ތިން އަހަރު މިސަކަރާތެއްގައި ފާއިތުވެ ބޭކާރުވެގެން ހިގާއްޖެއެވެ. އެކަމަކު އަދިވެސް އަމިއްލަ ރަށަށް ދިއުމުގެ ހުއްދައެއް ނެތެވެ. އެހުއްދަ ލިބޭންއޮތީ ތިޔަވުޒާރާއިންނެވެ.

އަމިއްލަ ވަަޒަނަށް ގާތްތިމާގެ މީހުންގެ ތެރެޔަށް ނުގޮސް މިހެން ގަނަތެޅޭން ހުންނަ މީހަކަށް ނޫނީ މިކަމުގެ ހިތްދަތިކަން އިހުސާސެއް ނުކުރެވޭނެއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ މިނިވަންދުވަހުގެ މުނާސަބާގައި ސަރުކާރުން ވަނީ އަހަރެމެން މިނިވަން ކުރައްވައިފައެވެ. ތިޔަވުޒާރާއަށް ހާޒިރުކުރައްވާފައި ތިޔަތިބީ މިނިވަންވެފައޭ މިހާރު ތިޔައީ ފުރިހަމަ މިނިވަން ރައްޔިތުންނޭ އޮތީ ވިދާޅުވެފައެވެ. އެފަހުންވެސް އަހަރަކަށްވުރެ ގިނަދުވަސް ފާއިތުވެގެން ހިގާއްޖެއެވެ.

ފުރިހަމަ މިނިވަނުންނަށްވީމާ އަނބިދަރީންނާއި މައިންބަފައިންގެ ގާތަށް އަމިއްލަ ވަޒަނަށް ދިއުމުގެ މިނިވަންކަމެއް ނެތެވެ. މިގޮތަށް ފުރިހަމަ މިނިވަނުންގެ ގޮތުގައި އަދި ކިތައްއަހަރު ބައިތިއްބާން ޚިޔާލު ކުރައްވަމުތޯއެވެ. ޚިޔާލު ނުކުރައްވާނަމަ އެހެންވެސް މައްދިވެހީން ފަދައިން އަމިއްލަ ވަޒަނަށް ރުޖޫއަވުމުގެ މިނިވަންކަން ލިބުމަށް އެދިގެން ހުރީމެވެ. މިސިޓީއެއް އަހަރެން ލިޔެ ވުޒާރާއަށްލީ 26 ނޮވެމްބަރު 1967 ގައެވެ.

ސިޓީ ލިޔުނުތާ ދެދުވަސްފަހުން ނޮވެމްބަރު އަށާވީސްވަނަ ދުވަހު އަމަނާބެހޭ ވުޒާރާއަށް އަހަރެން ހާޒިރުކޮށްފިއެވެ. އިބާރާތްތައް ހުރިގޮތުން އިތުރު ގޮޅިޔަކަށް ފެތުނީ ތޯއްޗެކެވެ. މިތާގެ ފެންޑާއެއްގައި އިރުގަޑެއްވާންދެން ބެހެއްޓުމަށްފަހު މިނިސްޓަރު އަބްދުލްހަންނާނުގެ ކައިރިއަށް ވުޒާރާގެ ތެރެއަށް ވައްދައިފިއެވެ. އަހަރެންގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބައްލަވައިފައި އެއްސެވިއެވެ. މިއީ ކަލޭގެ ސިޓީއެއް ހެއްޔެވެ. ދެންނެވީމެވެ. އާނއެކެވެ. ދެން ވަރަށް ދިގުކޮށް ނަސޭހަތް ދެއްވައިފައި ސިޔާސީ އެއްވެސް ކަމެއްގެ ތެރެއަށް ދުވަހަކުވެސް ބޯކޮއްޕައިނުލާން އިގުރާރު ކުރުވައިފައި ވިދާޅުވިއެވެ. އައްޑޫއަށް ދިއުމުގެ ހުއްދަ ދީފީމެވެ. އަވަހަށް ފުރާށެވެ.

ހިތަދޫއަށް ފުރުން

މި ހުއްދަ އަހަރެމެން ޖަމާއަތުގެ އެންމެންނަށްވެސް ލިބުނެވެ. އެކަމަކު ކޮންމެ މީހަކަށްވެސް ހުއްދަ ދެއްވީ ވުޒާރާއަށް ހާޒިރު ކުރައްވާފައި ވަކިކަންކަމަށް އިގުރާރު ކުރުވައިފައެވެ. އެކިމީހުން ހާޒިރުކުރެއްވީ އެކިދުވަހުއެވެ. އަހަރެންނަށް ހުއްދަ ލިބުނު ދުވަހުގެ ފަހުދުވަހު އައްޑޫއަށް ފުރާ ބޯޓެއް އޮތެވެ. އެއީ ހދ ކުޅުދުއްފުށީ ހަޑި އަބްދުއްރަހުމާނުގެ ބޯޓެވެ. އަވަސްއަވަހަށް ބޯޓު ދޮށަށްގޮސް ނަން ނޯޓު ކުރުވައިގެން ކާރނޭޝަންގެޔަށް ގޮސް މިޚަބަރުދީފައި ދަތުރަށް ތައްޔާރުކޮށް ފަހުދުވަހު ބޯޓަށް އަރައިފީމެވެ.

ކުރީފަހަރު އޭދަފުށީ ބޯޓަށް މެދުވެރިވީގޮތް މިބޯޓަށް މެދުވެރިނުވުން އެދި ދުއާކުރުންމަތީގައި އިންދައި ހަތަރުދުވަހުގެ ނިޔާމަ ދަތުރެއްކޮށްފައި ބޯޓުގޮސް ހިތަދޫގައި ބަނދަރުކޮށްފިއެވެ. ތިންއަހަރާއި ދުވަސްކޮޅަކަށްފަހު އަހަރެންނަށްވެސް ގާތްތިމާގެ މީހުންގެ ކައިރިއަށް އަމިއްލަ ރަށަށް ރުޖޫއަވެވިއްޖެއެވެ. ކަލޭމެންނާއި ދެން ބައްދަލުވާނީ މަހުޝަރުގެ މައިދާނުންނޭ ބުނި މީހުންނާ އޭގެ މާކުރިންވެސް ބައްދަލުވެއްޖެއެވެ. ހުރިހާ ހަމްދުސަނާއެއް ހައްގުވެގެންވަނީ އެއްކައުވަންތަ އިލާހަށެވެ. އެއިލާހަކީ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

ރަށަށް އައިސް އަހަރެން އަވަސްވެގަތީ ގަމުން ވަޒީފާއެއް ލިބޭތޯއެވެ. ގަމުގެ ވަޒީފާއަށް ދެވެނީ އަތޮޅުއޮފީހުން ލިބޭ ހުއްދަޔަކާއެކުގައެވެ. އެ ހުއްދަ އަތޮޅުވެރިޔާ މޫސައިދީ ދެއްވުމުން ގަން ބަލަހައްޓާ ފުލުހުންގެ ތެރެއިން ވަޒީފާއެއް އަހަރެންނަށްވެސް ލިބި އެވަޒީފާއަށް ނިކުންނާން ފަށައިފީމެވެ. ވަޒީފާއަށް ދިއުމަކުން އަދިނުފުދެއެވެ. އަލުންބަލުން އައުހަޔާތެއްގެ ބިންގާވެސް އަޅަންޖެހެއެވެ. މިނިވަންވެގެން ރަށަށް އާދެވުނުތާ އަހަރެއްހައިދުވަސް ފަހުން ހަޔާތުގެ ބައިވެރިޔަކު ހޯދައިގެން އާދިރިއުޅުމެއްގެ ބިންގާ އަޅައިފީމެވެ. އެބިންގަލަށް އަހަރެއްވީތަނާ އަހަރެންގެ ފުރަތަމަ ދަރިފުޅު ހަސަން ޒިޔާދުވެސް ލިބިއްޖެއެވެ.

އާރޭފެ ހުސައިނަށްވީގޮތާއި އޭނާގެ ނިމުން

މަތީގައި އެލިޔެވުނީ ހިތަދޫ ފަތިސްހަނދުވަރުގޭ މުހައްމަދު ހަސަންދީދީގެ ޑައިރީން ބައެކެވެ. އާރޭފެ ހުސައިނުގެ ޖަގަޑާޔާއި ގުޅިގެން އޭނާއަށް ކުރާން ޖެހުނު ތަޖުރިބާތަކާއި ކުރިމަތިވި މުސީބާތުގެ ވާހަކައެވެ. މިވާހަކަ ފެށިފައި އޮތީ އާރޭފެ ހުސައިނުގެ ޖަގަޑާޔާ ހަމައިންނެވެ. އެހެންވީމާ ވާހަކަ ނިންމައިލުމުގެ ކުރީން އާރޭފެ ހުސައިނަށްވީގޮތާއި އޭނާގެ ނިމުން އައިގޮތް ލިޔާންޖެހެއެވެ. އެހެންނޫނީ ވާހަކަ ފުރިހަމައެއް ނުވާނެއެވެ.

އާރޭފެ ހުސައިނަކީ ހިތަދޫ ފެންފިޔާޒުގޭ ހުސައިން އަހުމަދެވެ. ދޮންމަނިކާގެ އަހައްމަދާގެ ހުސައިންފުތާއެވެ. ޖަގަޑާއަށްފަހު ހުސައިނު ހައްޔަރުކޮށްގެން ގެންދިޔައީ ހުޅުދޫއަށެވެ. އޭނާ ހައްޔަރުވުމުގެ ސަބަބަކީ ގަމުގައިތިބި އިނގިރޭސިން އޭނާއަށްދިން ކޮޅުކެއްސެވެ. ހިތަދޫން 79 މީހަކު ރަށުން ވަކިކޮށް މާލެއަށް ފޮނުވިއިރު އޭގެތެރޭގައި ހުސައިނުވެސް ހިމެނުނެވެ. ޖަގަޑާގެ ލީޑަރުގެ ލަގަބުލިބިގެންނެވެ. އެހެންމީހުންނެކޭވެސް އެއްފަދައިން ވިލިގިލީ ޖަލުގައި އަހަރެއްހައިދުވަހު ގެންގުޅުމަށްފަހު އެކިރަށްރަށަށް އެކިމީހުން އަރުވައިލިއިރު ހުސައިނު އަރުވައިލީ މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫއަށެވެ. އެއީ އެއްވަނަދަރަޖައިގެ ކުށްވެރީން ފޮނުވައިލާ ރާއްޖޭގެ އެންމެ ދަތި އުނދަގޫ ރަށެވެ.

ފޮނުވައިލެވުނު މީހުންގެ ތެރެއިން އައްޑޫގައިވެސް ވިލިގިލީ ޖަލުގައިވެސް އަދި އަރުވާލާފައިހުރި އިރުވެސް އެންމެގަދަފަދަ އުގޫބާތް ދެވުނު މީހަކީ އާރޭފެ ހުސައިނެވެ. އެކަމަކު ހުސައިނަކީ ހިތްވަރުގަދަ ކެތްތެރި އިންސާނެކެވެ. އެހުރިހާ އުގޫބާތަށް އޭނާ ކެތްކުރިއެވެ. ރާއްޖޭގެ ފުރަތަމަ މިނިވަންދުވަހާ ގުޅުވައިގެން ބޮޑުވަޒީރު އިބްރާހިމް ނާސިރު ދެއްވި އަފޫއާއްމުގައި ހުސައިނަށް މިނިވަންކަމެއް ނުލިބުނެވެ. ހުސައިނު މިނިވަންވީ އެހެންމީހުން މިނިވަންވެގެން އެނބުރި ރަށަށްދިޔަތާ ފަސްއަހަރު ފަހުން 1972 ގައެވެ.

ހުސައިނު ރަށަށްދިޔައިރު މަންޒަރު އޮތީ މުޅީން ބަދަލުވެފައެވެ. މޫސާ އަލިދީދީގެ އަތޮޅުވެރިކަން ނިމިއްޖެއެވެ. އަތޮޅުވެރިޔަކީ ހުސައިނުގެ އެކުވެރިއެއްކަމުގައިވާ ހިތަދޫ ސާލިހު އަލިދީދީއެވެ. ގަމުގައި ހުސައިނު އަދާކުރި ވަޒީފާގައި ހުރީ ފޭދޫ ބަންޑާރަގޭ އަލިމަނިކާއެވެ. އިނގިރޭސީންނާއި ވާހަކަ ދެއްކީމާ ހުސައިނަށް ވަޒީފާއެއްދޭން އެވެރިން އެއްބަސްވެއްޖެއެވެ. އެކަމަށް ބޭނުންވީ އަތޮޅުވެރިޔާގެ ހުއްދައެވެ. އަތޮޅުވެެރިޔާ ވިދާޅުވީ ހުސައިނުގެ މައްސަލައިގެ ބާވަތުން އެހުއްދަދޭނީ ސަރުކާރާ ވާހަކަދައްކާފައި ކަމަށެވެ. މިވާހަކަ އަތޮޅުވެރިޔާ ދެންނެވީމާ ސަރުކާރުން ނޫނެކޭ ބުނެފިއެވެ.

ހުސައިނަށް އެއްވެސް ކޮޅެއް ނުފެނުނެވެ. ހަތަރުއުދަރެސް ބެދިއްޖެއެވެ. ހުސައިނު ހޭނިފައިހުރީ ނިކަމެތި ދިރިއުޅުމަކަށް ނޫނެވެ. އުޅެފައިހުރީ ތަނަވަސްކަމުގައެވެ. މިއާ މުޅިން ޚިލާފަށް އެންމެންގެ ފުރައްސާރަޔާއި ކުރިމަތިލާންޖެހި އެކުވެރީންގެ ފަރާތުން ކޮޅުކެހިލިބި މިޒާތަކަށް ކަންތައް ދިގުލައިގެންދާން ފެށީމާ ހުސައިނު ފިކުރުބޮޑުވެއްޖެއެވެ. ވިސްނާވިސްނާ ސިކުނޑި ސުމަކަށް ހިގައްޖެއެވެ. އެންމެފަހުން ހުސައިނު ދުނިޔެއިން މޮޔަވެއްޖެއެވެ. އެންމެ ފުރަތަމަ އާދައިގެ މިންވަރަކަށެވެ. ފަހުން ވަރަށް ބޮޑަށެވެ. ގަމަށް މަސައްކަތުދާ މީހަކު ފެނުނަސް އިންޖީނުލީ އުޅަނދެެއް ފެނުނަސް ގަން ހަނދާންވެގެން ހުސައިނުގެ ބަލި ބޮޑުވެއެވެ.

މިހާލުގައި ވަރަށް ގިނަ ދުވަހު އެކަނިވެރިކަމުގައި ހުސައިނު ހިތަދޫގައި ހުއްޓެވެ. ކުރީގެ އަތޮޅުވެރިޔާ މޫސާއަލިދީދީ ދިރިއުޅުއްވި ގެއަށް ހުސައިނު ދިޔައިމާ އެގޭ ސުފުރާމަތީގައި ކާން ބޭންދުމުން ތަށި ހިފައިގެން ބަދިގޭދޮށަށްގޮސް ނާއްޓަކަށް އަޅައިގެން ބިންމަތީގައި އިނދެގެން ކެއި ވާހަކައެއް އެގޭ މީހުން ދައްކައެވެ. ބަލަބަލަ ތިޔައީ ކޮންކަމެއްހޭ މިގޭ ސުފުރާމަތީން އިހަށްވެސް ކައިއުޅުނީމު ނޫންހޭ މޫސައިދި ވިދާޅުވީމާ ހުސައިނު ޖަވާބުދިން ކަމަށް މޫސައިދިގެ ބޭފުޅަކު ވިދާޅުވިއެވެ. އަހަރެންނަކީ މޫސައިދި މަރަން ނިކުތް މީހާއޭ މިރަށު މީހުން ބުނެއެވެ. އެހެންވީމާ މިގޭ ސުފުރާމަތިން ކެއުން އަހަރެންނަށް ހައްގު ނޫނެވެ. ހައްގުވާނީ ނާއްޓަކަށް އަޅައިގެން ކެއުމެވެ. މިއީ ހުސައިނު ދުނިޔެއިން މޮޔަވެފައިހުއްޓަސް ދުނިޔޭގެ ހަމަ ގަބޫލުކުރާގޮތޭ ވިދާޅުވެ މޫސައިދިގެ ފިރިހެން ބޭފުޅަކު ވިދާޅުވި ވާހަކައެކެވެ.

ހުސައިނު ދުނިޔެއިން މޮޔަވެފައިހުރިއިރު އޭނާގެ އަޑާއި ވާހަކައިން ރިހުމެއްގެ އަސަރު ވަރަށް ބޮޑަށް ފާޅުވެއެވެ. އަހަރެން ކުޑައިރު ދެފަހަރަކު ހުސައިނާ ދިމާވިއެވެ. އެއްދުވަހު އޭނާގެ ގޭގެ ކުރިމަތިންނެވެ. އަނެއްފަހަރު އެހެން ހިސާބެއްގެ މަގުމަތީންނެވެ. އެދެފަހަރުވެސް އޭނާ އެދުނީ ކަމަކަށެވެ. ﷲއަށްޓަކައެވެ. ދައުލަތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެއް މާލެއަތޮޅު ގުރައިދޫގައި ގާއިމުކުރުުމުން 80 ގެ އަހަރުތަކުގެ ފަހުކޮޅު ހުސައިނު ބަދަލު ކުރެވުނީ ގުރައިދޫއަށެވެ. އަހަރެން ތިންވަނަފަހަރަށް ހުސައިނު ދުށީ 1994 ވަނަ އަހަރު ގުރައިދޫ މަރުކަޒުންނެވެ. އަދާކުރާ ވަޒީފާގެ ގޮތުން މަރުކަޒު ބަލާލަން ގޮސްގެން އުޅެނިކޮށެވެ. ހުސައިނުގެ ފޮޓޯއެއްވެސް އެދުވަހު ނެގީމެވެ. އެދުވަހުވެސް ހުސައިނު ކަމަކަށް އެދުނެވެ. އިންތިހާއަށް ރިހުން ފާޅުވާ އަޑަކުން ﷲއަށްޓަކައެވެ.

ހުސައިނު ނިޔާވީ ގުރައިދޫގައި ހުންނަ މަރުކަޒުގައި 1995 ވަނަ އަހަރުއެވެ. އޭނާ ވަޅުލެވުނީ ގުރައިދޫ ސަހަރާގައެވެ. ހުސައިނުގެ ދިރިއުޅުމަށް 1964 ވަނަ އަހަރު އެރި ވަރުގަދަ ސުނާމީއަކުން އެ ދިރިއުޅުން ނެތިގެންދިޔަގޮތަށް ގުރައިދޫ ސަހަރާގައި ހުރި އޭނާގެ މަހާނަވެސް 2004 ވަނައަހަރު ރާއްޖެއަށް އެރި އިންޑިޔާކަނޑުގެ ބޮޑު ސުނާމީގައި ވަނީ ނެތިގެންގޮސްފައެވެ. (ނިމުނީ)

You may also like...

Leave a Reply to Anonymous Cancel reply

Your email address will not be published.

error: Content is protected !!