އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 8

މާލިމީގެ ގޯސްހެދުން

އެޒަމާނުގައި އެއްރަށުން އަނެއްރަށަށް އަދި އެއްއުޅަނދުން އަނެއްއުޅަނދަށް ގުޅަން ބޭނުންކުރާ މުވާސަލާތީ ވަސީލަތަކީ ވޯކީޓޯކީއެވެ. މީގެ އަޑު ލިބޭނީ ގިނަވެގެން ތޭރަސާދަ މޭލު ދުރަށެވެ. އެއީ ލޮލަށް ފެންނަ ހިސާބެވެ. އެއަށްވުރެ ދުރުވެއްޖެނަމަ އަޑެއް ނުލިބޭނެއެވެ. އަހަރެމެންނަށް ގައްދޫގެ އަޑު ވޯކީޓޯކީން ލިބުނީ ގައްދޫ ފެންނަ ހިސާބުގައި ތިބެވުނު ކަމުންނެވެ. އެކަމަކު ކަނޑުގަދަކަމުންނާއި ރާޅުތަކުގެ ބިޔަކަމުން ތަނެއް ނުފެންނަނީއެވެ. ބޯޓު ހުރީ ގައްދޫގެ އިރުއުތުރު ފަރާތުގައިކަން ޔަގީންވީމާ މާލިމީ އެންގީ ކުޑަކޮށް ހުޅަނގަށް އަނބުރާލައިގެން ދުއްވުމަށެވެ. އެމިސްރާބަކީ ސީދާ ވައިމައްޗެވެ. ވައިބާރުކަމާއި ރާޅުތަކުގެ ބިޔަކަމުން އެދިމާލަށް ދުއްވޭވަރެއްވެސް ނޫނެވެ. އޮޔާއިވައިވެސް އޮތީ އަތޮޅާއި ދުރަށް ބޭރަށެވެ.

މިހާލުގައި ތިއްބާ އިރުއޮއްސި އަނދިރިވެއްޖެއެވެ. އެއްވެސް ރަށެއް ފަރެއް ނުފެނެއެވެ. ކަނޑުގަދަކަމުގެ ވާހަކައެއް ނެތެވެ. ހޮޑުނުލާ ހަމައެކަކުވެސް ބޯޓުތެރެޔަކު ނެތެވެ. ކެއުމެއް ކެއްކުމުގެ ޚިޔާލެއްވެސް ނެތެވެ. އެފަދަކަމެއް ކުރެވޭވަރެއްވެސް ނޫނެވެ. އެރޭ ވޯކީޓޯކީން އެއްވެސް ބައެއްގެ އަޑެއް ނުލިބެއެވެ. މިޒާތަކަށް އެރޭ ފާއިތުވެ އަނެއްދުވަހަށް އިރުއެރިއިރުވެސް އެއްވެސް ރަށެއް ނުފެނެއެވެ. ކަނޑުވެސް މަޑެއް ނުވެއެވެ. މާލިމީގެ އެންގުމަށް މިސްރާބު ބަދަލުނުކޮށް ދުއްވަމުންގޮސް އެދުވަހު މެންދުރުފަހު އަސުރުގަޑީގައި ފުވައްމުލަކާއި ގުޅިއްޖެއެވެ. ބޯޓު ހުރީ ފުވައްމުލަކުގެވެސް އިރުމަތީގައެވެ.

ރަށުގެ އަޑުލިބުނަސް ރަށެއް ނުފެނެއެވެ. އެއީ ކަނޑުގަދަކަމުންނެވެ. ވޯކީޓޯކީން މާލިމީ މޫސައިދި އެންގިއެވެ. އަހަރެމެން މިތިބީ ފުވައްމުލަކުގެ އިރުމަތިން ތޭރަސާދަ މޭލު ބޭރުން ކަނޑުމަތީގައެވެ. ކަނޑުވަރަށް ގަދައެވެ. މިހާލުގައި ނުކައިނުބޮއެ ނުނިދައި ތިބޭތާ ދެރޭ ދެދުވާ ވެއްޖެއެވެ. މިތިބީ ހާލުގައި ޖެހިފައެވެ. ކަލޭމެން ހަވީރު ހަތަރުގަޑިބައިގައި އަހަރެމެންނަށް ގުޅާށެވެ. އެހިސާބަށްދާއިރު އަހަރެމެންނަށް ތިބެވޭނެކަމަށް ލަފާކުރެވެނީ ފުވައްމުލައް ފެންނަހިސާބުގައެވެ. މިހެން ކިޔާފައި ވޯކީޓޯކީ ކަނޑާލައިފިއެވެ.

މާލިމީ ބުނި ގަޑިޖެހިގެން ވޯކީޓޯކީ އަލުން ހުޅުވައިގެން ވާހަކަ ދައްކާން އުޅެނިކޮށް ޖެހިރާޅަކާއެކު ކޮންމެވެސް ތަނެއްގައި ޖެހިފައި ވޯކީޓޯކީގެ އޭރިޔާ ބިންދައިގެންހިގައްޖެއެވެ. ދެން އަވަސްއަވަހަށް އޭރިޔާގެ ދެބުރި ގުޅައިލެވޭތޯ މަސައްކަތްކުރަމުންގޮސް ގަޑިއެއްހާއިރުތެރޭގައި މިކަންކޮށް ވޯކީޓޯކީ ހުޅުވައިގެން އުޅެއުޅެވެސް ފުވައްމުލަކާ ނުގުޅުނެވެ. އޭރު އިރުއޮއްސި އަނދިރިވެސްވަނީއެވެ. މިހާރު ބޯޓުގައި ބޯފެން ވަރަށް މަދުވެއްޖެއެވެ. މިގޮތުގައި އިތުރު އެއްދުވަސް ފާއިތުވިޔަސް ބޯޓުން ބޯފެން ހުސްވާނެއެވެ. އިރުއޮއްސި އަނދިރިވީމާ ހުޅަނގު ދެކުނު ފަރާތު އުދަރެހަށް ޒާތެއްގެ ފަނޑު އައްޔެއް އަރާފައިވަނިކޮށް ފެނެއެވެ. އެއީ އައްޑޫ ގަމުގެ އަލިކަމަށް އެންމެންވެސް ޔަގީންކޮށްފިއެވެ. އެކަމަކު ބޯޓުގެ މިސްރާބު މިހިރީ އެދިމާލަކަށް ނޫނެވެ.

ބޯޓުގެ ހުންގާނުގައި ހުރެފައި ހިތަދޫ ވާރަގޭ އަލިދީދީގެ އަބްދުﷲ ފާއިޒު ރުޅިގަދަވެގެން މާލިމީއާ ދިމާލަށް ބުންޏެވެ. މިދާގޮތަށް ގޮސްގެން ރާއްޖޭގެ އެއްވެސްތާކަށް ނުދެވޭނެއެވެ. ބޯޓުގައި ހުރި ކާޑުގެ ބައެއްތަކެތި ކަނޑަށް އުކާލާފައި ބޯޓު ލުއިކޮށްގެން ވައިމައްޗަށް މިއަށްވުރެ ބޮޑަށް ނަގައިފައި ދުއްވާންވީއެވެ. ކަލޭ އެއްޗެކޭ ނުބުނެ ހިމޭނުން ހުރެފައި އަހަރެން ދުއްވާނެ ގޮތަކަށް ދުއްވާން އިޒުނަދެނިކޮށް ގިނަވެގެން ތިންގަޑިއިރުތެރޭގައި އައްޑޫގެ އިރުމަތީބިތުން ހުޅުމީދޫ ވަށައިލައިފައި އައްޑުއަތޮޅުގެ އެންމެ ދެކުނުބިތުން ވިލިގިލި ކަނޑުން ނުވަތަ ގަންކަނޑުން އެތެރެވަރިޔަށް ވައްދައިދޭނަމެވެ.

ފާއިޒު މިގޮތަށް ޒުވާބުދިނީމާ މާލިމީ މޫސައިދި ބުންޏެވެ. އެންމެ ރަގަޅެވެ. ކަލެއަށް ފެންނަ ގޮތަކަށް ދުއްވާށެވެ. އެކަމަކު ބޯޓު ލުއިކުރާށޭ ކިޔާފައި އެއްވެސް އެއްޗެއް ކަނޑަށް އުކައިގެން ނުވާނެއެވެ. އެކަމުގެ ހުއްދައެއް ނުދޭނަމެވެ. ހުންގާނުގައި ހުރި ފާއިޒު ބޭނުން ދިމާލަކަށް ދުއްވާތާ ގަޑިއެއްހާއިރު ފަހުން މާލިމީ މޫސައިދި ކިޔައިފިއެވެ. މިހާރު ބޯޓު މިހިރީ ހިތަދޫގެ ހުޅަނގު ބިތުގައެވެ. އަވަހަށް އަނބުރައިލާށެވެ. މާލިމީގެ މިބަހާ ބޯޓުގައި ތިބި ގިނަމީހުން ދެކޮޅު ހަދައިފިއެވެ. އެމީހުން ބުންޏެވެ. އަތޮޅުގެ ހުޅަނގުބިތުގައި ހުރިއްޔާ އަދިމާ ރަގަޅެވެ. އިރުއަރައި އަލިވީމާ އަތޮޅު ފެންނާނެއެވެ. އޭރުން ރީއްޗަށް ދުއްވާފައިގޮސް އަތޮޅަށް ވަދެވޭނެއެވެ. މާލިމީ މޫސައިދި މިއަޑު ނާހައި އެންމެންނާ ދެކޮޅަށް ބޯޓު ދީލާލައިފިއެވެ. ދެން ބޯޓު ދުއްވީ ވައިފައްސިޔަށް އިރުމައްޗަށެވެ.

ބޯޓު ދީލާލައިގެން ދުއްވަމުންގޮސް އަނެއްދުވަހަށް އިރުއަރައިފިއެވެ. އެއްވެސް ތަނެއް ނުފެނެއެވެ. ވޯކީޓޯކީއަކުން އެއްވެސް އަޑެއް ނީވެއެވެ. ބޯޓުން ފެންހުސްވެ އެންމެން ފެނަށްޖެހިއްޖެއެވެ. އޭރުވެސް ކަނޑުގަދަކަމުން ހީވަނީ އެހެންކަމެއްހެންނެވެ. މެންދުރާއި ހަމަޔަށް މިޒާތަށް ދުއްވައިފިއެވެ. ދެން ބޯޓުގެ ފަޅުވެރީންނާއި އަހަރެމެންހެން ބޯޓަށް އަރައިތިބި ފަޅުވެރީން އެއްގަލަކަށް އަރައި މާލިމީ މޫސައިދިއާއި ބޯޓުގެ ވެރިމީހާޔާއި ޒުވާބު ފަށައިގެންފީމެވެ. ބޯޓުގެ ވެރިޔަކީ އޭދަފުށީ މީހެކެވެ. އޭނާވެސް ބޯޓުގައި އިނެވެ.

އަހަރެމެން ބުނެފީމެވެ. ކަލޭމެން ހިތުހުރިގޮތަކަށް ދުއްވާން ހަދައިގެން ބޯޓު މިހިރީ ބެހިފައެވެ. ދެންވެސް ސަކަރާތް ނުޖަހައި އަހަރެމެންނާއިގެން ވީހާވެސް އަވަހަށް ހިކިފަސްތަނެއްގައި ޖެހޭތޯ ދުއްވާށެވެ. މީގައި ބޯފެންހުރީކީއެއްވެސް ނޫނެވެ. އެހެންވީމާ މާގިނައިރަކަށް މިހެން ނޫޅެވޭނެއެވެ. މިގޮތަށް ޒުވާބުކޮށްގަތީމާ މިދެމީހުން ބުނެފިއެވެ. ދެން އަހަރެމެންނަށް ފެންނަނީ ބޯޓު ލުއިވާވަރަށް ކަނޑަށް ތަކެތި އުކާލާފައި އެންމެފަސޭހައިން ރާއްޖޭގެ ސަރަހައްދެއް ފެންނާނޭ ގޮތަށް ދުއްވުމަށެވެ. ޔަގީނުންވެސް ހިކިފަސްތަނެއް އަތުޖެހޭނީ ބޮޑުތިލަދުންމައްޗާއި ދިމާލަށް އިރުއުތުރަށް ދުއްވައިގެންނެވެ. މިހާރު ބޯޓު މިހިރީ އައްޑޫގެވެސް ހުޅަނގުބިތުގައެވެ.

މާލިމީއާ ދެކޮޅަށް ދަތުރުވެރިން ތެދުވުން

މިހެންކިޔާފައި ބޯޓުގައި ހުރި ކާޑުގެ ސާމާނުގެ ބޮޑުބައެއް ކަނޑަށް ބާލާފައި އިންޖީނުގައި ހުރިވަރެއް ދައްކަމުން އެބުނާ މިސްރާބަކަށް ދުއްވާން ފަށައިފިއެވެ. މިގޮތަށް ދުއްވާތާ ތިން ދުވަސްވީއިރުވެސް ތިލަދުންމައްޗެއް މާޅޮސްމަޑުލެއް އަދި އެހެންތަނެއްގެ އަސަރެއްވެސް ނުފެނުނެވެ. ދެން އަހަރެމެން ދެރަވެގެންނާއި އައިރުޅީން މާލިމީ މޫސައިދި ކައިރިއަށްގޮސް ބުނެފީމެވެ. ކަލެއަށް ވާވަރުވެއްޖެއެވެ. މީގެފަހުން މިދަތުރަކާ ކަލޭ ބެހޭނޭ ކަމެއްނެތެވެ. މިބޯޓަށް އަހަރެމެން އަރައިތިއްބެއްކަމަކު ބޯޓުގެ މާލިމީއެކޭ ކިޔާފައި ކަލެއަކަށް އަހަރެމެންގެ ފުރާނައިގެ މާލިމީއަކަށް ނުވެވޭނެއެވެ. އެހެންވީމާ މީގެފަހަށް ކަލޭ ހުންނާންޖެހޭނީ ހިމޭނުންނެވެ. މީނާ ގަންނާކުރެއްވި ބިރަކުން މިއަށް އެއްވެސް ޒުވާބެއް ނުދީ މައިތިރިވެގެން ހުރެއްޖެއެވެ.

ބޯޓުން ތެޔޮހުސްވާން ކައިރިވެފައިވާތީ އަހަރެމެން އިންޖީނު ނިއްވާލާފައި ރިޔަލަކަށް ބޮޑުސަތަރިއެއް ނަގައިގެން ވައިފައްސިޔަށް އޮއިފައްސިޔަށް ބޯޓު ބަހައްޓައިފީމެވެ. އޭރު ބޯޓުގައި ފެންތިއްކެއްހާވަރުވެސް ނެތެވެ. އެންމެންތިބީ ފެނަށް ޖެހިފައެވެ. ކެއްކޭނީވެސް ފެނާއި ދަރު ހުރެގެންނެވެ. އެތަކެތި ނެތީމާ ނުކައްކައެވެ. ކައިއުޅެނީ ރޯހަޑުލާއި ހަކުރެވެ. މިހާލުގައި ތިބޭތާ ތިންވަނަޔަށްވީ ދުވަހުގެރޭ ވަރަށް ބޯކޮށް ވާރޭވެހޭން ފަށައިފިއެވެ. ދެން އަހަރެމެން ބަނޑު ފުރޭންދެން ވާރޭފެން ބޮއެފައި އޭގެފަހުން ސަތަރިއެއް ގޮނުކޮށްގެން އެތައް މަސައްކަތެއްކޮށްގެން ތިން އަޑުބައެއްހައި ފެން ނަގައިފީމެވެ. މިފެންފޮދުވެސް އެެއްދުވަސްވެސް ނުވަނީސް ހުސްވެއްޖެއެވެ.

ފެންހުސްވުމާއި ބަލިވުން

ފެނުގެ ބަދަލުގައި ބައެއްމީހުން ކަނޑުން ލޮނު ނަގައިގެން ބޮވޭތޯވެސް އުޅެއެވެ. ރޯހަނޑޫ ކަމުންކަމުންގޮސް އެންމެންގެ އަރުތެރެވަނީ ފާރުވެފައެވެ. ވަރަށް ގިނަ މީހުން ތިބީ ތެދުވެ އުޅެވޭވަރަށްވުރެވެސް ބޮޑަށް ހާލުދެެރަވެ ބަލިވެފަައެވެ. ދުވާލުގެ ވަގުތުތަކުގައި އިރުގެ ގަދަފަދަ ހޫނަށް ކެތްނުކުރެވިގެން ބައެއް މީހުން ތިބެނީ ހަށިގަޑުގައި ވާއައްސައިގެން ކަނޑަށް ފައިބައެވެ. ކަނޑަށް ނުފޭބޭވަރަށް ހާލުދެރަވެފައިވާ މީހުންގެ ގަޔަށް ބާލިދީބާލިދީން ލޮނުގެނެސްގެން އަޅަނީއެވެ. މިހެންތިބޭއިރު ހަމަދާދި ކައިރިން އާގުބޯޓުފަހަރާއި މަނަވަރުތައް ދަތުރުކުރާތީ ފެނެއެވެ. ދުވާލުގަޑީގައި ހަންޖަހައިގެން އަދި ރޭގަޑުގެ ގަޑީގައި ހުޅުދާންކޮށްގެންވެސް މީގެ އުޅަނދެއް އަހަރެމެންނާއި ގާތެއް ނުކުރެއެވެ. ނުފެންނަނީކަން ނޭގެއެވެ. އަޅާނުލައި ދިޔައީމާ އަހަރެމެންގެ މޮޅިވެރިކަމާއި ހިތާމަ އެތައްގުނައެއް އިތުރުވެގެންދެއެވެ.

މިބީދަޔަކުން ބޯޓުތެރޭގައި އުޅޭތާ ދެހަފުތާއަށްވުރެ ގިނަވީފަހުން އެއްދުވަހަކު އަހަރެމެންނާއި ދާދި ކައިރިން ވާރޭވެހޭ މަންޒަރު ފެނިއްޖެއެވެ. ފެންފޮދަކަށް ބޭނުންވެފައިތިބި މިންވަރު ބޮޑުކަމުން އިންޖީނު އިސްޓާޓުކޮށްގެން ވާރޭވެހޭދިމާލަށް ދަތުރުކޮށް އެވާރެއަކާވެސް ލައްވާނުލައި އިންޖީނުގައި ބާކީހުރި ތެޔޮފޮދުވެސް ހުސްވެ ބޯޓުގައި ބައްތިއެއް ދިއްލާނޭހައި ތެޔޮފޮދެއްވެސް ނެތި މުޅިން ހުސްވެއްޖެއެވެ. މިހާރު މީހުންގެ ސޫރަވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ހިކިއަނަރޫފަވެގެންގޮސް ކަށިކޮޅަކަށްނުވާ މީހަކު ނެތެވެ. ތުނބުޅިމަތިމަހާއި ބޮލުގެ އިސްތަށިގަޑު އެގޮތްމިގޮތަށް ވަނީ ދިގުވެފައެވެ.

އެއްދުވަހަކު ހެނދުނު އަހަރެންނަށް ހޭލެވުނުއިރު ފެނުނީ ވާރަގޭ އަލިދީދީގެ ފާއިޒު ކޮންމެވެސްގޮތަކުން ހަންޖެއް ބާނައިގެން އެމަސް ކަނޑާން އިންދައެވެ. އަނގައިންވެސް ނުބުނެ ހުރެފައި އެދިޔަގޮތަށްގޮސް އެމަހުގެ ބޯ މުޅިން ރޮލާ އަހަރެން ދިރުވައިލިގޮތް ބުނެދޭންވެސް ނޭގެއެވެ. އެވަރަށް މީހުންގެ ހޭބުއްދި ވަނީ ފިލައިފައެވެ. ހޭބުއްދި ސަލާމަތުން ހުރި ވަގުތެއްވިއްޔާ ކިރިޔާވެސް ތެދުވެއުޅެވޭނަމަ އެމީހެއްގެ ކަމަކީ ނަމާދު ކުރުމާއި ޒިކުރުކުރުމެވެ. ދެން މިހިތާމަވެރި ހާލަތުން މިންޖުކުރައްވާތޯ ދުއާ ދެންނެވުމެވެ.

ބޯޓުން ބޯފެންހުސްވިއިރު އެކިމީހުން ގެންދިޔަ މުދަލުގެ ތެރޭގައި ކޮންމެވެސްވަރަކަށް ފިނިފެން ހުއްޓެވެ. އެއީ ޚާއްސަ ވައްތަރުގެ ކެއްކުމާއި އެބާވަތުގެ ކަންކަމަށް ބޭނުންކުރާ ފެނެކެވެ. ހުންނަނީ ފުޅިފުޅީގައެވެ. މިކަހަލަ ފުޅިފުޅިވެސް ހުރިތާކުން ނެރެ އެތަކެތިވެސް ދާދި އަވަހަށް ބޮއެހުސްވެއްޖެއެވެ. ރިނބިދޫ ދޮންއާދަނޭ ކިޔުނު މީހަކު ގެނެސްފައިހުރި ގިރިޓީ ފެންފުޅިއެއްވެސް މީހަކަށް ސަމުސަލެއްމަގުން ބަހައި ހުސްވެއްޖެއެވެ.

ރަތަފަންދޫ ދޯނީގެ ވާހަކަ

ކަނޑުމަތީގައި މިގޮތަށް އަހަރެމެންތިބޭތާ ތިންވަނަ ހަފުތާ ތެރޭގައި އެއްދުވަހެއްގެ މެންދުރުފަހު ބައްތެލިގަޑެއް ފާޑުގެ އެއްޗެއް ބޯޓާއި ކައިރިއަށް އަންނާތީ ފެނިއްޖެއެވެ. މިއަށް ބަލާންތިބެފައި ބައެއް މީހުން ބުންޏެވެ. އެއީ ސިލޯނުގެ މަސްވެެރިންނެވެ. މަހަށްގޮސްފައި އެނބުރި ރަށަށްދަނީއެވެ. އަހަރެމެންނަށް މިހާރު މިތިބެވެނީ ސިލޯނާ ވަރަށް ގާތުގައެވެ. އަހަރެންވެސް ބޭރަށް ނިކުމެ މީކޮން އުޅަނދެއްތޯ ބަލާފައި ބުނެފީމެވެ. މުޅިން ހޮޅިވާހަކަައެވެ. ތިޔައީ ދިވެހިރާއްޖޭގެ އެތިގަޑެކެވެ. ނިކަން ބަލަންތިބޭށެވެ. ދެން މިބަޔަކު އަައިސް ބޯޓާއި ކައިރިކޮށްފައި ޚަބަރުބެލިއިރު މިއީ ހުވަދުއަތޮޅު ރަތަފަންދޫ މަސްދޯންޏެކެވެ. މަހަށް ނުކުމެއުޅެނިކޮށް ބެހިގެން އަހަރެމެންވެސް ފަދައިން ހާލުގައިޖެހިފައިވާ ބަޔަކީއެވެ. ދެން ކަނޑުމަތީގައި އެތަކެއްދުވަސްވީފަހުން އަހަރެމެންގެ ބޯޓު ފެނިގެން ކައިރިކުރީއެވެ.

ފެންނަފެނުމުގައި އަހަރެމެންނަށްވުރެ އެމީހުންގެ ހާލު ރަގަޅެވެ. އެމީހުންގެ އަތުގައި އޭރުވެސް ދެ ރުނބާ ބޯފެން ހުއްޓެވެ. ފުދޭވަރަކަށް ގިނައިން ވަޅޯމަހާއި ކާށިވެސް ހުއްޓެވެ. ދޯނީގެ މީހުން އެދުނީ އެމީހުން ބޯޓަށް ނެގުމަށެވެ. އަހަރެމެން ބުނީމެވެ. މިހާރުވެސް މީގައި އެކަށީގެންވާވަރަށް ވުރެ ގިނައިން މީހުން އެބަތިއްބެވެ. އަހަރެމެންނަކީވެސް ބެހިގެން ހާލުގައި ޖެހިފައިވާތާ ތިންހަފުތާވެފައިވާ ބަޔަކީމެވެ. އިންޖީނެއް ހުއްޓަސް ތެލެއް ނެތެވެ. ރިޔަލެއް ނެތެވެ. ކާޑު ހުއްޓަސް ފެނެއް ނެތެވެ. ފުރާނަހުއްޓަސް ހަށިގަޑެއް ނެތެވެ.

އެހެންވީމާ މިޔަށް އަރައިގެން އެންމެން އެކީގައި ވާނީ މަރެވެ. މީގައި ތިބި ގިނަ މީހުން މިހާރުވެސް އެތިބީ މަރުގެ ތުންފަތްމަތީގައެވެ. އަހަރެމެންގެ ހާލުގެ ވާހަކަ ބުނީމާ ބޯޓަށް އެރުމުގެ ޚިޔާލުދޫކޮށްލާފައި އެއުރެން ބުންޏެވެ. އެހެންވިއްޔާ އަލިފާންފޮށްޓެއް ދޭށެވެ. އަލިފާންފޮށި ދީފައި ފެންފޮދަކަށް އެދުނީމާ އަޅާވެސްނުލައި މަސްދޯނި ދުރަށް ދުއްވާލައިފިއެވެ. އިރުކޮޅަކުން އެދޯނިވެސް އޮބާލައިފިއެވެ. އެއުރެންގެ އަތުގައި ހުރި ދެ ރުނބާ ފެނުގެ ތެރެއިން ކޯވަރެއްހާ މިންވަރުވެސް ދިންނަމަ ޔަގީނުންވެސް އަހަރެމެންގެ ތެރެއިން އެކެއްގެ ފުރާނަ ސަލާމަތްވާނެއެވެ. އެކަމަކު ކުރާނޭ ކަމެއް ނެތެވެ. އެވަރުވެސްކޮށްނުދީ ރަތަފަންދޫ ދޯނީގެ މީހުން އެދިޔައީއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!