އާރޭފެ ހުސައިނުގެ ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 7

ދިރިއުޅުމުގެ ހާލަތު ބަދަލުވުން

އެދުވަހު ކުޑަކޮަށް ތެދުވެ ހިނގައި އުޅޭންފެށީމާ ގޭގެ ވެރިމީހާ ކުޑަމަނިކު އަހަރެންގެ ކައިރިޔަށް އައިސް ބުންޏެވެ. ތިޔަބައިމީހުންނަކީ ތިޔަރަށުގެ އިއްޒަތްތެރީންކަން މިހާރު ކަށަވަރުވެއްޖެއެވެ. މީގެފަހަށް ތިޔަބައިމީހުންގެ އާއިލާތަކުން ތިޔައިގެ ކޮންމެ މީހެއްގެ ކޮއްތަށް މަހުންމަހަށް ކާޑުގެ ސާމާނާއި އެނޫން ތަކެތި ފޮނުވާނޭކަންވެސް އެގިއްޖެއެވެ. މިގެޔަކީ ވަރަށް އާދައިގެ ދެރަވަރު ގެއެކެވެ. ތިޔަލިބޭ ތަކެތި ކައްކައި ތިޔަބައިމީހުން ހިތާވާ ގޮތަކަށް ސުފުރާމަތި ތައްޔާރު ކުރުމުގެ ކުޅަދާނަކަން އަހަރެންނަށް ލިބިގެން ނުވެއެވެ. އެހެންވީމާ އެންމެ މޮޅުގޮތަކީ ތިޔަބައިމީހުންނާއި އެކަށީގެންވާ ގެޔަކަށް ބަދަލުވުމެވެ. އެކަހަލަ ގެއެއް ފެންނާންދެން މިގޭގައި ދެންވެސް ތިބޭންވީއެވެ.

މިއަޑުއިވިފައި އަހަރެން ވަރަށް ބޮޑަށް ދެރަވިއެވެ. ކުޑަމަނިކަކީ އަހަރެމެން އަތުގައި އެކައްޗެއްވެސްނެތި ހާލުގައި އުޅުނުއިރު އެންމެ ބޮޑަށް އެހީވި މީހާއެވެ. އޭނާ މިހާރު އެހެރީ އަހަރެމެންގެ ހައިސިއްޔަތު އުފުލުނީކަމަށް ބަލައި އޭނާއާ ވަރުންއެޅިގެންވާ ބައެއް ނޫންކަމަށް ނިންމައިގެންނެވެ. ދެން ކޮންމެއަކަސް ހުންނާނެ އެހެން ގެއެއް ފެނޭތޯ ރަށުތެރެއަށް ނުކުމެގެން ހިނގާން ފަށައިފީމެވެ. ގައިގައި ވަރެއް ނެތީމާ ހިނގާންވެސް ފަސޭހައެއް ނޫނެވެ. ބަލިއެނދުން ތެދުވުމާއެކު މިޖެހުނީ ހުންނާނެ އެހެން ގެއެއް ފެނޭތޯ އުޅެގަންނާށެވެ. އެދުވަހު އުޅެގެން އެކަމެއް ނުވިއެވެ.

ދެންއެރޭ އަނެއްކާވެސް ކުޑަމަނިކުގެ ގޭގައި ނިދާފައި އަނެއްދުވަހު ތެދުވެގެން ހިނގަނިކޮށް މިރަށުގެ އެންމެ ތަނަވަސްކަމަށް ފެންނަ ގޭގެ މީހުންނާ ވާހަކަ ދައްކައިގެން އެގޭގައި އަހަރެން ބަހައްޓަން އެގޭ ވެރިމީހާ އެއްބަސްވެއްޖެއެވެ. އޭރު އަހަރެންގެ އަތުގައި ކާޑާއި އަންނައުނާއި ދެންވެސް ބޭނުންވާނޭ އަސާސީ ތަކެތި ހުއްޓެވެ. ހުންނަ ގެޔަކުން އަހަރެންގެ މައްޗަށް ހިނގާނޭ އެއްވެސް ޚަރަދެއް ނެތެވެ. އެބަޔަކަށް އޮތީ ފައިދާއެވެ. އަލަށް ލިބުނު ގެޔަށް ބަދަލުވުމާއެކު ވާރަގޭ އަލިދީދީގެ އަބްދުﷲ ފާއިޒުވެސް އެގެޔަށް އަތުވެއްޖެއެވެ. ދެން އެގޭގައި އުޅުނީ އަހަރެމެން ދެމީހުންނާއި އެގޭގެ ވެރިމީހާގެ އާއިލާއެވެ.

އެއުރެން އަހަރެމެން ދެމީހުންނަށް ނުބައެއް ނޫނެވެ. ބޭނުން ކޮންމެ ކަމެއް ކުރުމުގެ އިޒުނަ އޮވެއެވެ. އަހަރެންނާއި ފާއިޒު މިގޭގައި އުޅޭން ފެށިފަހުން ކޮންމެ މަހަކުވެސް މާލެއިން އަހަރެމެންނަށް ބޭނުންވާނޭ ކާޑާއި އެނޫންތަކެތިވެސް އާދެއެވެ. އެގޭގައި މަހަށްފުރާ ދޯންޏަކާއި ބައްތެލި ހުރެއެވެ. އަހަރެންނާއި ފާއިޒުގެ މަސައްކަތަކީ މަހަށް ދިއުމެވެ. އެހެން ފިކުރެއް ނޯވެއެވެ. ކުރިން އުޅުނު ހާލަށްވުރެ މިހާރު އަހަރެމެން އުޅެމުންދަނީ ވަރަށްވެސް ކަންފަސޭހަކޮށް އުފަލުގައެވެ. އަހަރެން ދަނޑުވެރިކަން ކުރާނީއޭ ހިތަށް އަރައިގެން ދަނޑެއް ކޮށައިގެން ޒުވާރިޔާއި ބިންބިވެސް އިންދައިފީމެވެ. އެވެސް ފޫހިފިލާ މޮޅު މަސައްކަތެކެވެ. މަހަށްނުދާ ދުވަހެއްވިއްޔާ ދަނީ ދަނޑަށެވެ. ދަނޑަށް ނުދާ ދުވަސްދުވަހު މަހަށެވެ.

މިނިވަންދުވަހު ލިބުނު މިނިވަންކަން

އަހަރެންނާއި ފާއިޒުގެ އިތުރުން އަހަރެމެން ޖަމާއަތުގެ އެންމެންވެސް އުޅުނީ ފަހުން ވަރަށް ކަންފަސޭހަކޮށް އުފަލުގައެވެ. އެމީހުންނަށްވެސް މާލެއިން ތަކެތި އާދެއެވެ. މިގޮތްމަތީން ނޮޅިވަރަންފަރުގައި އަހަރެމެން އުޅޭތާ އަހަރަކާއި ދުވަސްކޮޅެއް ފާއިތުވީފަހުން 1966 ވަނަ އަހަރުގެ ޖުލައި ސައްބީސްވަނަ ދުވަހު މެންދުރު ދޭއްޖެހިތަނާ އަތޮޅު އޮފީހުގެ ދޭވާނި ނުކުމެ އަހަރެމެން އުޅޭ ހުރިހާ ގޭގެޔަށްގޮސް އަހަރެމެން އެންމެން ވީހާވެސް އަވަހަށް އަތޮޅު އޮފީހަށް ހާޒިރުވާން އަންގައިފިއެވެ. އޭރު ބައެއް މީހުން ތިބީ މަހަށް ގޮސްފައެވެ.

ދެން އެވަގުތު ހާޒިރުވެވޭން ތިބި ބަޔަކު އަަވަސް އަވަހަށް އޮފީހަށް ދިޔައީމާ އަތޮޅުވެރިޔާ ސައްޔިދު ސައީދު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަތިބީ މިވަގުތުން ފެށިގެން މިނިވަންވެފައެވެ. ސަރުކާރުން ތިޔަބައިމީހުންނަށް މައާފުދެއްވައި މިނިވަން ކުރައްވައިފިއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ފުރަތަމަ މިނިވަންދުވަހެވެ. އެހެންވީމާ އެކަމުގެ މުނާސަބާގައި ސަރުކާރުން ތިޔަބައިމީހުން މިނިވަން ކުރެއްވީއެވެ. އެހެންނަމަވެސް އަމަނާއިބެހޭ ވުޒާރާގެ އެންގެވުމަކީ ތިޔަބައިމީހުން ވީހާވެސް އަވަހަށް މާލެ ފޮނުވުމެވެ. އަހަރެން މިބަލަނީ ލަސްނުކޮށް އެކަންވޭތޯއެވެ. ދެން ދިޔަޔަސް އެންމެ ރަގަޅެވެ.

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ދިވެހިރާއްޖެއަށް ފުރިހަަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އެމިނިވަންކަން ލިބުނީ އަހަރެމެން ނޮޅިވަރަންފަރުގައި ތިއްބައެވެ. ވިލިގިލީ ޖަލުގައި އަހަރެމެން ތިބީ މިނިވަންކަން ލިބުމުގެ ކުރީންނެވެ. ކޮންމެއަކަސް މިއަދަކީ މިނިވަންކަމަށް އެއްއަހަރު ފުރުނު ދުވަހެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ލައްކަ ގިނަ ކަންކަން ބޮޑުވަޒީރު ވެލާނާގޭ އިބްރާހިމް ނާސިރު ވަނީ ރާއްވަވައިފައެވެ. އޭގެ ތެރެއިން އެއްކަަމަކީ އަފޫއާއްމެއްގެ ދަށުން ޖަލުގައި ތިބި ގައިދީންގެ ގިނަބަޔަކާއި އެކި ރަށްރަށަށް އަރުވާލެވިފައިތިބި ގިނަ ބަޔަކު މިނިވަން ކުރުމެވެ. އަހަރެމެންވެސް މިނިވަންވެއްޖެއޭ އަތޮޅުވެރީން އެވިދާޅުވީ މިއަފޫއާއްމުގެ ދަށުންނެވެ.

އަމަނާއިބެހޭ ވުޒާރާއިން އެންގިގޮތުގެމަތިން ހދ އަތޮޅުން ފުރި އެކި ދޯނިފަހަރާއި ބައްތެލިފަހަރަށް އަހަރެމެންގެ އެންމެން ލައިފައި އަތޮޅުވެރިޔާ ސައްޔިދު ސައީދުގެ ސީދާ ބެލުމުގެ ދަށުން މާލެ ފޮނުވާލައިފިއެވެ. ބައްތެލީގައި އަހަރެމެން ތިބީ މިނިވަނުންގެ ގޮތުގައެވެ. މާލެއަށް ފޭބުމަށްފަހުވެސް އަހަރެމެން ގޮވައިގެން ނެވިމީހާ އެއްވެސްތާކަށް ނުދެއެވެ. އަމަނާއިބެހޭ ވުޒާރާއަށް ދިޔައީ އަހަރެމެން އަމިއްލަޔަށެވެ. އަހަރެމެންނަށް ފަސޭހަވި ވަގުތެއްގައެވެ.

އެތަނަށް ދިޔައީމާ އެންގެވީ ތިޔަތިބީ މިނިވަންވެފައެވެ. ތިޔައީ މިނިވަން ރައްޔިތުންނެވެ. އެކަމަކު ކަލޭމެންގެ އަމިއްލަ އަތޮޅުކަމަށްވާ އައްޑުއަތޮޅަށް ދެވޭނީ މިވުޒާރާގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ. އެހުއްދައެއް ނެތެވެ. އެހެންވީމާ އައްޑުއަތޮޅު ފިޔަވައި މިރާއްޖޭގައި ކަލޭމެން ހިތާވާ ރަށެއްގައި އުޅޭން ދާންވީއެވެ. ދަތުރު ޚަރަދެއް ކޮއްތު ޚަރަދެއް އަދި އެނޫން ޚަރަދެއްވެސް ދައުލަތުގެ ފަރާތުން ކަލޭމެންނަކަށް ނެތެވެ. ހުރިހާކަމެއްވެސް ކުރާން ޖެހޭނީ ކަލޭމެން އަމިއްލަޔަށެވެ.

އަހަރެމެންނަށް ބޮޑުވަޒީރު ނާސިރު މިދެއްވީ ކޮންކަހަލަ މިނިވަންކަމެއް ބާވައެވެ. އަމިއްލަ ވަޒަނާއި ގެދޮރަށް ގޮސް ގާތްތިމާގެ މީހުންގެ ތެރޭގައި އުޅުމުގެ މިނިވަންކަމެއް ނެތެވެ. މިކަހަލަ މިނިވަންކަމަށް މިނިވަންކަމޭ ކިޔޭނޭބާވައެވެ. މިނިވަންދުވަހާ ގުޅުވައިގެން އަހަރެމެންވެސް މިތިބީ މިނިވަންކޮށްފަޔޯލައެވެ. އެކަމަކު އަމިއްލަ ވަޒަނަށް ދިޔުން މަނަލެވެ. އަހަރެމެން ދެން ދާނީވެސް ދެވޭނީވެސް ކޮންތާކަށްބާވައެވެ. ގާތްތިމާގެ މީހުންނާއި ދަންނަ މީހުން ތިބީ އައްޑޫގައެވެ. ސަރުކާރުން މިބުނަނީ އައްޑޫއަށް ގޮސްގެން ނުވާނޭކަމުގައެވެ. މިކަހަލަ މިނިވަންކަމެއް ނުދީ ނޮޅިވަރަންފަރުގައި ބޭތިއްބިނަމަވެސް ހިތަށް މާފަސޭހައެވެ. މިމާލޭގައި ގަނަތެޅޭން ތިބުމަށްވުރެ އެގޮތްވެސް މާހެޔޮވެގެންވެއެވެ.

މިހުރިހާ ޚިޔާލުތަކާއި ސުވާލުތައް އަހަރެމެންގެ ހިތުތެރޭގައި ދައުރުވިއެއްކަމަކު ވުޒާރާގައި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ޒުވާބެއް ނުދެމެވެ. އެއީ އެކަމުން މަންފާއެއް ނުކުރާނޭކަން ޔަގީންވާތީއާއި މިދަޑިވަޅުގައި ޒުވާބެއްދީ ޝަކުވާއެއްކޮށްފިނަމަ އަނެއްކާވެސް ބާގީންކަމުގެ ސިއްކަޖަހައި އެހެން ގޮޅިޔަކަށް ފައްތައިފާނޭކަމުގެ ބިރުއޮތުމުންނެވެ. ކޮންމެއަކަސް ވުޒާރާއިން ނުކުމެގެންގޮސް އެކިތަންތަނަށް ހިނގައި ދަންނަބަޔަކާ ދިމާވޭތޯބަލައި މިޒާތަކަށް އުޅޭން ފަށައިފީމެވެ. އޭރުވެސް މިނިވަންދުވަހާއި ގުޅުންހުރި ކުޅިވަރުތައް އަދި މުޅިޔަކުން ނުނިމެއެވެ.

އޭދަފުށީ ބޯޓެއްގައި އަހަރެމެން ބެހުން

ފަޅުގައި ހުރި އޮޑިޔާއި ބޯޓުފަހަރުވެސް ފުރާނީ މިކުޅިވަރުތައް ނިމުނީމައެވެ. އަހަރެންނާއި ބުގެ އަލިދީދީއާއި ވާރަގޭ އަލިދީދީގެ އަބްދުﷲ ފާއިޒާއި ތިން މީހުން ގަސްތުކުރީ އައްޑުއަތޮޅާއި އެންމެ ކައިރީގައި އޮންނަ ފުވައްމުލަކަށް ދިއުމަށެވެ. އެރަށުގައި ހިސާބަކަށް ތިމާގެ މީހުން ތިބޭކަމުންނާއި އެރަށުގައި ތިބެގެން އަމިއްލަ ރަށުގެ މީހުންނާއި ބައްދަލުވެ އުޅޭން ފަސޭހަވާނެތީއެވެ. ހުއްދަނެތީ އައްޑޫއަށް ދިއުމަށެވެ. ފުވައްމުލަކަށް ދިޔުން ހުއްދައެވެ. އައްޑޫއަށް ނުދެވެންޏާ ދެން އަހަރެމެންނަށް އެންމެ އެކަށީގެންވަނީ ފުވައްމުލަކަށް ދިޔުމެވެ.

މިކަމަށް ގަސްތުކޮށްގެން އަހަރެންނާއި އަބްދުﷲ ފާއިޒާއި ބުގެ އަލިދީދީ ބަނދަރުމައްޗަށްގޮސް ބަލައިފައި އެންމެ އަވަހަށް ފުވައްމުލަކަށް ފުރާ އުޅަނދެއްގައި ތިންމީހުންގެ ނަންވެސް ޖަައްސައިފީމެވެ. އެންމެ އަވަހަށް ފުރާ އެއްޗަކަށް އޮތީ ބ އަތޮޅު އޭދަފުށީ ބޯޓެކެވެ. މި ބޯޓުގެ މާލިމީއަކީ ހިތަދޫ ބޭރުމާތެ އަވަށު މީހެކެވެ. ނަމަކީ މާލޭ މުހުއްމައިދީގެ މޫސައިދީއެވެ. އޭނާއާ ވާހަކަދައްކައިގެން ވަރަށް ފަސޭހައިން އެބޯޓުން ޖާގަދީފިއެވެ. އެދުވަސްވަރު ފުވައްމުލަކާއި އައްޑޫއަށް ދަތުރުކުރާ ވަރަށް ގިނަ ބޯޓުފަހަރަކީ މާލެއާއި ކުޅުދުއްފުއްޓާއި އޭދަފުށި ކަހަލަ ތަންތަނުގެ ބޯޓުފަހަރެވެ. އަހަރެމެންނަށް ޖާގަލިބުނު އޭދަފުށީ ބޯޓަކީ މާލެއާއި އައްޑޫއާ ދޭތެރޭ ދަތުރުކުރާ ނާލު ބޯޓެކެވެ. ގިނައިން އުފުލަނީ މުދަލެވެ. އައްޑޫއަށް ދިޔުމުގެ މަގުމަތީގައި ފުވައްމުލަކާ ކައިރިކޮށްފައި އެރަށަށް އަހަރެމެން ތިންމީހުން ބާލައިދޭން މޫސައިދި އެއްބަސްވީއެވެ.

އަހަރެމެން ތިން މީހުން ފިޔަވައި އަހަރެމެންގެ ޖަމާއަތުގެ އެހެން މީހުން ގަސްތުކުރީ ދުވަސްކޮޅަކު މާލޭގައި މަޑުކޮށްފައި ފައިސާލިބޭ މަސައްކަތްތަކެއްގައި މަޝްެއޫލުވެގެން ތިބެފައި ސަރުކާރުގައި ދަންނަވައިގެން ހުއްދަ ހޯދައިގެން އައްޑޫއަށް ދިއުމަށެވެ. އެހެންވީމާ އަހަރެމެން ތިންމީހުންނާއެކު އޭދަފުށީ ބޯޓުން ފުވައްމުލަކަށް ފުރާން އެއިންމީހަކު ޚިޔާލެއް ނުކުރިއެވެ. ޖުލައި ސައްބީހުގެ މިނިވަން ކުޅިވަރުތައް ހަމަނިމުމާއެކު ބޯޓު ފުރައިފިއެވެ. ވިއްސާރައިގެ އަސަރެއް ނެތެވެ. މޫސުން އޮތީ ރީތިކޮށެވެ. ފަޅުވެރީންނާއި ދަތުރުވެރީންގެ ގޮތުގައި ޖުމްލަ ތިރީހަކަށް މީހުން ތިއްބެވެ. އުތުރާއި މެދާއި ދެކުނުގެ ރަށްރަށުގެ މީހުންނެވެ.

ދަތުރުކޮށްފައި ގޮސް ތ އަތޮޅާއި ގާތްވިތަނާ މޫސުން ބަދަލުވެ ވިއްސާރައިގެ ކަންތައް ކުރިމަތިވެއްޖެއެވެ. މާލެއިން ފުރިތާ ދެދުވަހުން ލ އަތޮޅު މާމެންދޫއާ ހަމަޔަށް ދެވިއްޖެއެވެ. އެކަމަކު ވިއްސާރަ ބޮޑުވެގެން ހުވަދޫކަނޑުގައި ދުއްވާން ކެރޭވަރު ނުވާތީ ބޯޓު ބަނދަރުކުރީ މާމެންދޫ ބޭރުގައެވެ. މިތާގައި މަޑުކޮށްގެން ތިއްބާ މާލޭގައި އޮވެފައި އައްޑުއަށްދާން ހިތަދޫ މުހައްމަދު ސައީދުގެ ބޯޓުވެސް މާމެންދޫއަށް އަތުވެއްޖެއެވެ. ދެބޯޓު މިބަނދަރުގައި މަޑުކޮށްގެން ތިބެފައި ދަތުރުކުރާން ކެރޭވަރަށް ވިއްސާރަ އަލިވެއްޖެ ކަމަށް ދެބޯޓުގެ މާލިމީންނަށްވެސް ފެނިގެން ހުވަދޫކަނޑުގައި ދުއްވާން އެކުއެކީގައި ނުކުމެއްޖެއެވެ. ދެ ދުވަސްވާންދެން މާމެންދޫ ބޭރުގައި ތިބުމަށްފަހު އަހަރެމެން ފުރީ ހެނދުނެއްގައެވެ. މުހައްމަދު ސައީދުގެ ބޯޓު ނުކުތީ އަހަރެމެންގެ ފަހަތުންނެވެ.

ވަރަށް ވައިބާރެވެ. ކަނޑުގަދައެވެ. ރާޅުތައް ބިޔަވެފައި ބިރުވެރިއެވެ. އެހައި ހެނދުނު ލާމުއަތޮޅުން ނުކުތީ ހަވީރުވާއިރަށް ހުވަދުއަތޮޅު ފެންނާނެކަމަށް ބަލައިގެން އިރުއޮއްސި އަނދިރިވުމުގެ ކުރީން ހުވަދުއަތޮޅު އެތެރެވަރިޔަށް ވަދެވޭނޭކަމަށް އަންދާޒާކޮށްފައެވެ. ދެގަނޑެތި އެކީގައި ދަތުރުކުރިއެއްކަމަކު އެއްވެސްބަޔަކަށް އަނެއްބަޔަކު ނުފެނެއެވެ. އެކަމަކު ވޯކީޓޯކީ މެދުވެރިކޮށް ދެބޯޓު ދެބޯޓަށް ދިޔައީ ވާހަކަދައްކަމުންނެވެ. ހަވީރުވެގެން އައިއިރު ވިއްސާރަވެސް އިހުނަށްވުރެ ގަދަފަދަވެއްޖެއެވެ. ހުވަދުއަތޮޅު އަދިވެސްނުފެނެއެވެ. ފަހަތުން ދަތުރުކޮށްފައި އަންނަ މުހައްމަދު ސައީދުގެ ބޯޓުން ސުވާލުކޮށްފިއެވެ. ކަލޭމެންނަށް ހުވަދުއަތޮޅު އެބަފެނޭހެއްޔެވެ. އަހަރެމެންގެ ބޯޓުގެ މާލިމީ މޫސައިދި ބުންޏެވެ. އަދިއެއް ނުފެނެއެވެ. އެކަމަކު އަހަރެންނަށް ޔަގީންވާގޮތުން މިހާރު ހުންނާނީ ހުވަދޫކަނޑު ހުރަސްކުރެވިފައެވެ. އަތޮޅުގެ އިރުމަތީ ބިތުގައި ބޯޓު އިނީމާ ރަށެއް ނުފެންނަނީއެވެ.

ހިތަދޫ މުހައްމަދު ސައީދުގެ ޕިކްސީ ބޯޓާއި އޭދަފުށީ އަހުމަދުކަލޭފާނުގެ ހެލެރީބޯޓާއި ދެމެދު ވޯކީޓޯކީން އެދުވަހު ވާހަކަ ދެކެވުނުއިރު ޕިކްސީބޯޓުގައި އިން ހިތަދޫ އަންހެންކުއްޖެއް ކަމުގައިވާ ރަށްދެބައިގޭ އާއިޝަތު ނަސީރުއާ ހެލެރީބޯޓުން ދަތުރުކުރި ހިތަދޫ ބުގެ އަލިދީދީވެސް އެކަކު އަނެކަކާ ވާހަކަ ދެއްކިއެވެ. އައިޝަތު ނަސީރު އޭނާގެ ބައްޕަފަރާތު މާމަޔާއެކު މާލެގޮސްފައި އެނބުރި ރަށަށް ދަނީއެވެ. ބުގެ އަލިދީދީ ބުންޏެވެ. މާމަ ކައިރީގައި ބުނާށެވެ. ރަށަށްގޮސް އަހަރެންގެ އަނބިމީހާ ފާތުމައިދި ކައިރީގައި ބުނާށެވެ. އަހަރެން ދެން ފެނުމަށްވުރެ ގާތީ ނުފެނުމެވެ.

އަތޮޅުގެ އިރުމަތީބިތާއި ކައިރިވެފައިވާ ކަމަށް ބަލައިގެން ބޯޓުގެ މިސްރާބު އިހުނަށްވުރެ އިރުމައްޗަށް ޖައްސަން މާލިމީ އަންގައިފިއެވެ. އެއީ އިރުއޮއްސުމަށްފަހު ރޭގަނޑުގެ އަނދިރީގައި ފަރަށް އަރައިފާނެތީ ދުރުކުރުމަށެވެ. އިރުކޮޅަކުން މުހައްމަދު ސައީދުގެ ބޯޓުގެ އަޑު ކެނޑިއްޖެއެވެ. ވޯކީޓޯކީއަކުން ނުގުޅެއެވެ. އެއްވެސް ބައެއްގެ އަޑު ލިބޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުންގޮސް އިރުއޮއްސޭން ކައިރިވެފައިވަނިކޮށް ހުވަދުއަތޮޅު ގައްދޫން ވާހަކަ ދެއްކި އަޑު އިވިއްޖެއެވެ. އެހެންވީމާ ބޯޓު މިހިރީ އަތޮޅުގެ އިރުމަތީބިތުގައިކަން މުޅިން ޔަގީންވެއްޖެއެވެ. ގައްދޫއަކީ އަތޮޅު އެންމެ އިރުމަތީ ބިތުގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!