އާރޭފެ ހުސައިނު ޖަގަޑާގައި ކުށްވެރިވި މީހުން މިނިކާރާއްޖޭގައި 2

ސުވާދީބު ދައުލަތް އުވި ދިވެހި ދައުލަތުގެ ދަށަށް އައްޑޫ ދިޔައިރު ދައުލަތުގެ ފަރާތުން އައްޑޫއާ ހަވާލުވާނެ މީހަކު ނެތެވެ. މާލެއިން މީހަކު ނުފޮނުވައެވެ. ހުރިމީހަކީ އިނގިރޭސި މަންދޫބު ރައުންސްވެއިޓެވެ. އިންތިގާލީ މަރުހަލާގައި އަތޮޅުގެ ވެރިޔަކީ ތިމަންނާއޭ އޭނާ ވަނީ ވިދާޅުވެފައެވެ. ބެލެވޭގޮތުން އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރުން އޭނާއަށް ވަނީ ވަރަށް ބޮޑެތި އިޚުތިޔާރުތަކެއް ދީފައެވެ.

އަފީފު ފުރުވައިލުމަށްފަހު ރައުންސްވެއިޓް އަންގަވާ ގޮތެއްގެ މަތީން ކަންކަން ކުރުމަށް އަތޮޅުގެ ވަގުތީ ވެރިޔަކަށް ރައުންސްވެއިޓު ހަމަޖެއްސެވި މީހަކީ ހިތަދޫ ގަނޑުވަރު މޫސައިދި އެވެ. މިއީ އަފީފުގެ އަނބިކަނބަލުން އަނީސާގެ ބޮޑު ބޭބެއެކެވެ. އައްޑޫ ޓްރޭޑިން ކޮމްޕެނީ (އޭޓީސީ) ގެ ހިސާބުކިތާބު ބަލައި އޮޑިޓް ކުރުމާއި ކުންފުނީގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާޔާ ހަވާލުކުރީ ސާލިހު އަލިދީދީއެވެ. މިއީ އަނީސާގެ ބޭބެއެވެ. މިކަމުން ޔަގީންވި އެއްޗަކީ އިންތިގާލީ މަރުހަލާގައި އަތޮޅުގެ ކަންކަން ކުރިއަށް ގެންދާނޭ ގޮތާއިމެދު އަފީފުގެ މަޝްވަރާ ރައުންސްވެއިޓު ކޮންމެވެސް މިންވަރަކަށް ހޯއްދަވާފައިވާ ކަމެވެ.

އަތޮޅުގެ ކޮންމެ ރަށަކަށްވެސް އިނގިރޭސި އަތޮޅުވެރިޔާ ރައުންސްވެއިޓު ވަޑައިގެން ސުވާދީބު ދައުރުގެ ކަތީބުން ވަކިވީކަން އަންގަވައި އޭގެތެރެއިން އޭނާއަށް ފެނިވަޑައިގެންނެވި ބަޔަކަށް އަލުން ކަތީބުކަން ދެއްވައި މިޒާތަކުން މިކަން ނިންމަވައިފިއެވެ. ބޭންކު އޮފް އައްޑޫގެ މެނޭޖަރަކަށް ހުރި ސިލޯނުގެ ފަންޖާސަރަމްގެ ވަޒީފާ ގެއްލުނީކަން އަންގަވައި އޭނާއަށް ދޭން ޖެހޭ ފައިސާއެއް ދެއްވާފައި ސިލޯނަށް ފޮނުވައިލީވެސް ރައުންސްވެއިޓެވެ.

ރައުންސްވެއިޓުގެ ނާއިބަކަށް އޭނާ އައްޔަންކުރެއްވި ގަނޑުވަރު މޫސައިދިގެ އިސް ޒިންމާއަކީ ވީހާވެސް އަވަހަށް އިންތިޚާބު ބާއްވައި އަތޮޅު ކޮމިޓީއެއް ހޮވުމެވެ. މިކަމުގައި އުޅެމުން އަދި އެހެންކަމެއްވެސް ގަނޑުވަރު މޫސައިދި ކުރެއްވިއެވެ. އެއީ ސުވާދީބު ޒަމާނުގެ ހުރިހާ ލިޔުންތަކެއް އަންދައި ނައްތައިލުމެވެ. މިކަން ކުރުމުގެ މަގްސަދު ސާފެއް ނޫނެވެ. ކޮންމެއަކަސް ސުވާދީބުގެ އިދާރީ މަރުކަޒުގައި ހުރިއްޔާ ހުރި ރިކޯޑުތަކެއް ގަނޑުވަރު މޫސައިދި އަންދައިލިކަމަށް ވަރަށް ގިނަބަޔަކު ބުނެއެވެ.

އަތޮޅުކޮމިޓީއަށް މީހުން ހޮވަން ޖެހެނީ އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުންނެވެ. އަފީފު ފުރައިގެން ދިޔަތާ ދެމަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި އަތޮޅު ކޮމިޓީ ހޮވައިފިއެވެ. އެކަމަކު މުޅިއަތޮޅު އޮތީ އޮޅުން ބޮޅުންވެފައެވެ. މި އޮޅުންބޮޅުމުގެ ތެރޭން ބައެއް މީހުން ސުވާދީބު އަލުން އިއާދަކުރަންވެސް ވަކާލާތު ކުރަމުން ދިޔައެވެ. ހިތަދޫ އާއި ފޭދޫ އަދި ހުޅުދޫގެ ކުރިއަށް ތިބި ބައެއް މީހުން ތިމަންނާމެން އަލުން ބޭނުމީ އަނެއްކާވެސް ދިވެހި ސަރުކާރުގެ ދަށުން ނެއްޓި ސުވާދީބު ގާއިމު ކުރާށޭ ވެސް ބުނެފިއެވެ. ރައުންސްވެއިޓާވެސް ދެކޮޅުގަދާން ފަށައިފިއެވެ. މިކަމާއި މެދު އިނގިރޭސި ކޮމަންވެލްތު އޮފީހުގައި 1963 ގެ ޑިސެމްބަރު މަހު މަޝްވަރާވެސް ކުރެވުނެވެ. އެކަމަކު ދެވަނަ ސުވާދީބު ހަދަން ވާގިވެރިވާކަށް އިނގިރޭސި ސަރުކާރުން އެއްބަހެއް ނުވިއެވެ.

އައްޑޫއާ އެންމެ ކައިރިއަށް ދައުލަތުގެ އުޅަނދެއް އެންމެ ފުރަތަމަވެސް ދިޔައީ 1963 ގެ ނޮވެމްބަރު މަހު ފުވައްމުލަކަށެވެ. ގޯލްޑަންރޭ ކިޔުނު ބޯޓުގައި ދަތުރުކުރި މާލޭ ވަފްދުގެ ވެރިޔަކީ އަހުމަދު ހިލްމީ ދީދީއެވެ. އައްޑޫން ހޮވުނު އަތޮޅު ކޮމިޓީގެ މެންބަރުން ހިލްމީއާ ބައްދަލުކުރަން ދިޔައީ ފުވައްމުލަކަށެވެ. ހިލްމީއާ ބައްދަލުކޮށްފައި ދެން ހަދަންވީ ކިހިނަކުންތޯ އަތޮޅު ކޮމިޓީން ސުވާލު ކުރިއެވެ. ހިލްމީ ވިދާޅުވީ ކޮމިޓީއަށް މެންބަރުން ހޮވުމަށް ނެގުނު ވޯޓުގައި އެންމެ ގިނަ ވޯޓު ލިބުނު މީހާ އަތޮޅުގައި ބަހައްޓާފައި ދެން އެންމެން ގޯލްޑަންރޭގައި މާލެ ދާންވީކަމުގައެވެ.

އަލިބެއްޔާގެ މޫސައިދިގެ ދައުރު

ކޮމިޓީ ހޮވުމަށް ނެގުނު ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ ހިތަދޫ މޫސާ އަލި ދީދީ އެވެ. އެހެންވެ އޭނާ ބައްޓާފައި އަތޮޅު ކޮމިޓީގެ ދެން ތިބި މީހުން ގޮވައިގެން ހިލްމީ މާލެއަށް ފުރައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މީދޫ ނާފިޒާއި ހުޅުދޫ މުދިންތައްކާނާއި ފޭދޫ ދޮންރަހާ ފަދަ މީހުންނެވެ. މިފުރުމެއް ފުރިއިރުވެސް އަތޮޅު ހިންގުން ރަސްމީކޮށް މޫސާ އަލި ދީދީއާ ހަވާލެއް ނުކުރެއެވެ.

އަތޮޅުވެރިޔަކަށް ދެންވެސް ހުންނެވީ އިނގިރޭސިން ވަގުތީގޮތުން ބެހެއްޓި އަތޮޅުވެރިޔާ ހިތަދޫ ގަނޑުވަރު މޫސައިދި އެވެ. ހިލްމީ ފުރާވަޑައިގަތުމަށްފަހު ގޯލްޑަންރޭގައި ހުންނަވައިގެން އައްޑޫ ރިޕޯޓު ދާޚިލީ ވަޒީރު ކަރަންކާ އިބްރާހިމް ރަޝީދަށް ދެންނެވީ ރޭޑިއޯ ސެޓު މެދުވެރިކުރައްވައެވެ. އައްޑޫގައި އަތޮޅުވެރިޔަކަށް ބެހެއްޓީ ކާކުހޭ އިބްރާހިމް ރަޝީދު ސުވާލު ކުރެއްވީމާ ހިލްމީއަށް ތެދުހައްދަވާކަށް ކެރިވަޑައެއް ނުގަތެވެ. ހިލްމީ އޮތީ ވަކި މީހަކާ އަތޮޅުވެރިކަން ހަވާލު ކުރައްވާފައެއް ނޫނެވެ. ގަނޑުވަރު މޫސާދި އަތޮޅުވެރިކަމުން ވަކިކުރާކަށް ވެސް ހިލްމީއަކަށް ކެރިވަޑައެއް ނުގަތެވެ.

މިހެންވެ އިބްރާހިމް ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ހިލްމީ ވިދާޅުވީ ހުރިހާކަމެއް މޫސާ އަލި ދީދީއާ ހަވާލު ކުރައްވާފައިވާ ކަމުގައެވެ. އަދި އޭނާއަކީ އަތޮޅު ކޮމިޓީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު މީހާ ކަމަށްވާތީ މިދަނީ އޭނާ އަތޮޅުގައި ބަހައްޓާފައި ކަމުގައެވެ. މިއަށް އިބްރާހިމް ރަޝީދު އެއްޗެކޭ ވިދާޅެއް ނުވެއެވެ. ސަބަބަކީ މޫސާ އަލި ދީދީއަކީ އަފީފުގެ ޅިޔަނަކަށްވާތީ މިކަމަކީ ނާސިރު ރުހިވަޑައިގަންނަވާ ގޮތެއްކަމަށް ޔަގީން ނުވާތީއެވެ. ކޮންމެއަކަސް ރޭޑިއޯ ސެޓުން ދެކެވުނު މިވާހަކަތައް މޫސާ އަލި ދީދީ ހުންނެވީ އޭނާގެ ގޭގައި ހުންނަ ރޭޑިއޯއެއް ޓިއުން ކުރައްވައިގެން އަޑު އައްސަވާށެވެ. އޭރު ރޭޑިއޯ ސެޓުން ދައްކާ ވާހަކަ ގޭގޭގައި ހުންނަ ރޭޑިއޯއިން ވަކި ފްރެކުއެންސީތަކަށް ޓިއުން ކުރީމާ އަޑު އިވެއެވެ. ރޭޑިއޯއަކީ އޭރު އާއްމު އެއްޗެއް ނޫނެވެ.

މިއަޑު އިވުމުން މޫސާ އަލިދީދީ ވަޑައިގެން ގަނޑުވަރު މޫސައިދިއަށް ވިދާޅުވީ ބޭބެ ދެން ގެއަށް ވަޑައިގަންނަވާށެވެ. އަތޮޅުވެރިކަން ސަރުކާރުން ތިމަންނައާ ހަވާލު ކުރައްވައިފިއެވެ. މޫސައިދި ވެސް މިއީ ތެދެކޭ ހީކުރައްވައި ގެއަށް ވަޑައިގެންފިއެވެ. އަނެއް ދުވަހު ފޭދޫއަށް ވަޑައިގެންފައި ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި އަތޮޅުވެރިންނަކީ ތިމަންނައޭ އަންގަވައި ގަމާއި ބެހޭ އެއްވެސް ކަމެއް ތިމަންނާއަށް ނާންގައި ކޮށްގެން ނުވާނެއޭ ވިދާޅުވެ މޫސާ އަލި ދީދީ އަމުރު މައުރޫފު ހިންގަވައިފިއެވެ. އޭރު މާލެއަކަށް އަދި ވާނުވާވެސް ނޭގެއެވެ.

މާލެއަށް ކަންކަން ރޭކާލީ އަތޮޅުވެރިޔާގެ ނަމުގައި މޫސާ އަލި ދީދީ މެސެޖު ފޮނުއްވާން ފެއްޓެވުމުންނެވެ. އޭރު އަހުމަދު ހިލްމީ ވެސް ތިމަންނާ މިފުރަނީ މޫސާ އަލި ދީދީ ބަހައްޓާފައޭ ވިދާޅުވީމާ ނާސިރު ވެސް އަދި ކަރަންކާ ރަޝީދުވެސް އަޅައެއް ނުލައެްވައެވެ. ހިލްމީއަށް ވެސް އެހެން ވިދާޅުވެވިފައި އޮތީމާ ކަލޭ ތިޔައީ އަތޮޅުވެރިއެއް ނޫނޭ ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ. އެހެންނޫނަސް އަތޮޅުވެރިޔާއަކީ އެންމެ ގިނަ ވޯޓު ލިބުނު މީހާކަމަށް ވާނަމަ އެންމެ ގިނަ ވޯޓު ލިބިފައި އޮތީ މޫސާ އަލި ދީދީއަށެވެ. ވީމާ އަމިއްލައަށް އިސްވިއަސް އެކަމުގައި މޫސާ އަލި ދީދީއަށް ގާނޫނީ ހައިސިއްޔަތު އޮތެވެ. މޫސާ އަލި ދީދީއަށް އަތޮޅުވެރިކަން ލިބުނީ މިމަގުންނެވެ.

މޫސާ އަލިދީދީ ރަސްމީ ގޮތުން މާލެ ގެނެސް މަގާމުގެ ހުވަޔާއި ދިވެހި ދައުލަތަށް ވަފާތެރިވުމުގެ ހުވާ ކުރުވައި އަތޮޅުވެރިކަމުގެ ފަތްކޮޅުދީ މިކަންކަން ކުރީ އޭނާ އަމިއްލައަށް އަތޮޅުވެރިކަމާއި ހަވާލުވެގެން ހުންނަވާތާ 8 މަސްފަހުންނެވެ. މިކަމެއް ހިގީ 8 ޖުލައި 1964 ގައެވެ. މަރަދޫ ރަތްވިލާގެ އުވާލައި ރަސްމީގޮތުން މަރަދޫން އަތޮޅުވެރިކަން ނެގުނީ މޫސައިދި އަތޮޅުވެރިކަން ކުރައްވާތާ އަހަރަކަށް ވުރެ ގިނަވީ ފަހުންނެވެ. އެމުއްދަތުގައި މަރަދޫ ރަތްވިލާގެއަކީ ވީރާނާވާން ދޫކޮށްލެވިފައި ހުރި ތަނެކެވެ.

އާރޭފެ ހުސައިނު ޖަގަޑާ

މޫސާ އަލި ދީދީގެ އަތޮޅުވެރިކަމުގެ ފުރަތަމަ އަހަރު އަތޮޅުގައި ވަރަށް ޖަގަޑާ ބޮޑެވެ. މިހެންވުމުގެ ސިއްރަކީ ނާސިރު އަންގަވާ ގޮތަށް ކަންތައް ކުރައްވަން ޖެހުމެވެ. އަދި އަފީފު ދީދީ ފުރާވަޑައިގަތުމަށްފަހު އަތޮޅުގެ މާލިއްޔާއަށް ވީގޮތް ނޭގިގެން ރައްޔިތުން ނުތަނަވަސްވުމާވެސް އެކުގައެވެ. ސުވާދީބު ޒަމާނުގައި އައްޑޫ ބޭންކެއް ހުއްޓެވެ. އައްޑޫ ޓްރޭޑިން ކޮމްޕެނީއެއް ހުއްޓެވެ. މިތަންތަން ފެށީ ރައްޔިތުންނަށް ހިއްސާ ވިއްކައިގެންނެވެ. އައްޑޫ ޓްރޭޑިން ކޮމްޕެނީ (އޭޓީސީ) ގެ ފައިދާގެ ތެރެއިން އެންމެ ފަހަރަކު ހިއްސާއަކަށް އެތިކޮޅެއް ބެހިއެވެ. އެފަހުން އެކަމެއް ނުވެއެވެ. އެކަމަކު އައްޑޫ ޓްރޭޑިން ކޮމްޕެނީގެ ކޮންމެ ހިއްސާއަކަށް ދިހަ ހިއްސާ އޮންނާނޭ ކަމަށް އަފީފު ވަނީ ވިދާޅުވެފައެވެ. ހިއްސާއެއްގެ އަގަކީ ޕައުންޑެކެވެ. އެހެންވީމާ ކޮންމެ ހިއްސާއަކަށް ދިހަ ޕައުންޑް އޮންނާން ޖެހެއެވެ.

އަފީފު ފުރާވަޑައިގަތީ އެއްވެސް އެއްޗެއް ހިފައިގެން ނޫންކަން އިނގިރޭސިން އޮތީ ސާބިތުކޮށްދީފައެވެ. އެހެންވީމާ ގިނަ ބަޔަކު ހީކުރީ ބޭންކާއި ކުންފުނި ދޮވެލީ މޫސާ އަލި ދީދީ ކަމުގައެވެ. އަދި ނާސިރުގެ އަނިޔާވެރިކަން ތަންފީޒު ކުރަނީވެސް މޫސާ އަލި ދީދީކަމުގައެވެ. މިހެން ހީވާން ޖެހުނީ ގަމަށް މަސައްކަތުދާ މީހުން ނޫން އެހެން ބަޔަކު ގަމަށް އެރުމާއި ހަސްފަތާލަށް ދިއުން ފަދަ ކަންކަން ވެސް ނާސިރު ވިދާޅުވެގެން މޫސާ އަލި ދީދީ މަނާ ކުރެއްވުމުންނެވެ. މިމަނާ ކުރުމެއްވެސް ދުވަސްކޮޅަކު ދެމިއޮތެވެ.

މި ކަންތަކުގެ ތެރޭގައި ރައްޔިތުން ދެބަޔަކަށް ނުކުމެ ބޮޑު ތަޅައިފޮޅުމަކަށް ވެސް ދިޔައެވެ. މޫސާ އަލި ދީދީގެ ބޯވެސް ފަޅައިލިއެވެ. މިހަޅުތާލުގެ ތެރޭގައި ހިތަދޫގައި ބޭއްވި އެއްވުމެއްގެ ތެރެއިން މޫސައިދިގެ ގައިގައި ޖަހަން އާރޭފެ ހުސައިނުގެ ބޭބެ އަހައްމަދާގެ މުހުއްމާ ހޫރައިލި ގަލެއްގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. އެގަލުން މޫސައިދި ސަލާމަތްވީ ކޮންމެވެސް މީހަކު މޫސައިދިގެ އަތުގައި ހިފާފައި ދަމައިގަތުމުންނެވެ. ގަލުން ޖެހުނުނަމަ މޫސައިދިގެ ދުވަސް ދާނެ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ. އަތޮޅުގައި ނަގާކިޔަން ތިބީ ގަމުގެ އެކި ވަޒީފާތަކަށްދާ އައްޑޫ ލޭބަރުންނެވެ. ލޭބަރުންގެ ތެރޭގައި އަތޮޅުވެރިޔާ މޫސާދިއަކީ މަގްބޫލު ބޭފުޅެއް ނޫނެވެ. މި ގަޑުބަޑެއް ފެށުނީ އޭޓީސީގެ ހިއްސާ ރައްޔިތުންނަށް ބަހަންވާނެއޭ ބުނެ ގަމުގެ ލޭބަރުންގެ ތެރެއިން ބަޔަކު ހިތަދޫގައި ފެށި މުޒާހަރާޔަކުންނެވެ. މިކަން ހަމަޔަކަށް އެޅުވުމުގެ ބޭނުމުގައި މި މުޒާހަރާގެ ބައިވެރިން މޫސާ އަލިދީދީގެ އެންގެވުމަކަށް ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިތަދޫ ޖޭމުގޭ މުހައްމަދު ނަސީމު ފަދަ މަގުބޫލު މީހުންވެސް ހިމެނެއެވެ. މިހެންވީމާ ގަމަށްދާ ހިތަދޫ ހުރިހާ ލޭބަރުން ކަހަލަގޮތަކަށް ނަސީމުމެންގެ ދިފާއުގައި ނުކުމެއްޖެއެވެ. ލޭބަރުންގެ ތެރެއިން ނަގާކިޔަން ހުރީ އާރޭފެ ހުސައިނެވެ. މީނާއަކީ ގަމު ލޭބަރުންގެ ވެރިޔާއެވެ. ލޭބަރުންގެ އެދުމަކީ އޭޓީސީގެ ހިއްސާޔާއި ފައިދާ ރައްޔިތުންނަށް ބަހައިދިނުމާއި ހައްޔަރުކުރި މީހުން ދޫކޮށްލުމެވެ. މި ހަޅުތާލު ބޮޑުވެ މޫސާ އަލިދީދީއަށް ހިތަދޫގައި ނުހުންނެވިގެން ހުޅުދޫއަށް ވަޑައިގެންފިއެވެ. އަތޮޅު އޮފީހުގެ މައްޗަށް ލޭބަރުން ބާރު ފޯރުވައިފިއެވެ. މިހަޅުތާލު މަޝްހޫރުވެގެން ދިޔައީ އާރޭފެ ހުސޭނު ޖަގަޑާގެ ނަމުންނެވެ.

އޭޓީސީގެ ޖަމާގައި ހުރި ފައިސާއެއްވިއްޔާ އެފައިސާއެއް މޫސާއަލިދީދީ ވަނީ ނާސިރާ ހަވާލުކުރައްވައިފައެވެ. އަތޮޅުވެރިކަމުގެ ހުވާކުރައްވަން މާލެ ވަޑައިގެންނެވިފަހަރު މޫސައިދި ވަނީ މިމަގުން މިކަންތައް ނިންމަވައިފައެވެ. އޭޓީސީގެ ފައިސާ އެކަންޏެއް ނޫނެވެ. އަފީފު ބޭނުންކުރެއްވި ލޯންޗާއި ޗާޕްކުރަން ބޭނުންކުރި މެޝިނާއި މިހެންގޮސް ސުވާދީބަށް ނިސްބަތްވި ވަރަށް ގިނަ މުދާވެސް ހަވާލު ކުރައްވައިފިއެވެ. ބޭނުމަކީ މޫސައިދީއަށް ސަރުކާރުން ކުރާ އިތުބާރު ބޮޑު ކުރުމެވެ. އެއީ ސިޔާސީ ނިންމެވުމެކެވެ. ރައްޔިތުން އަދި ކިތަންމެ ވަރަކަށް ރުޅިދެއްކިޔަސް ނާސިރުގެ ތާއީދު އޮތިއްޔާ މޫސައިދިއަކަށް މައްސަލައެއް ނެތެވެ. އެއްކޮޅުގައި ރައްޔިތުންނެވެ. އަނެއްކޮޅުގައި ނާސިރެވެ. މޫސައިދި ނެންގެވީ ނާސިރެވެ.

އޭޓީސީގެ ފައިސާ ބަހާށޭ ކިތަންމެ ވަރަކަށް ރައްޔިތުން ގޮވިޔަސް ބަހާނެ ފައިސާއެއް ނެތެވެ. ފައިސާވީ ނާސިރުގެ އަތުގައެވެ. އެއްޗެއް ބަހާކަށް ނާސިރު ބޭނުމެއް ނޫނެވެ. ކޮންމެއަކަސް މޫސައިދިއަށް ހިތަދޫ ރައްޔިތުންގެ ރުޅި އަމާޒުވެ ހިތަދޫގެ ކޮންޓްރޯލް ގެއްލުމުން ދެން ނިންމެވީވެސް ސިޔާސީ ނިންމެވުންތަކެކެވެ. ލޭބަރުން މިވަރަކަށް ހިތްވަރު ނެރެނީ އިނގިރޭސިންގެ ސަބަބުންކަން މޫސައިދިއަށް އެގިވަޑައިގަންނަވައެވެ. އިނގިރޭސިން މިހަޅުތާލު ނުކުރުވާނަމަ ލޭބަރުންނަށް މިހާވަރު އަރުވައިނުލެވޭނެކަންވެސް އެނގިވަޑައިގަންނަވައެވެ.

މިހިސާބަށް ދިއުމުން މޫސާ އަލި ދީދީ ހުޅުދޫ ކަތީބު އަލި އަބްދުﷲ މަނިކުފާނާއި ދެންވެސް ހުޅުދޫ އިސްބަޔަކާއެކީގައި ގަމަށް ވަޑައިގެން ގަމުގައިހުރި އިނގިރޭސި އިސް އޮފިސަރ ސްޓޭޝަން ކޮމާންޑަރ މޮސް އަށް ވިދާޅުވީ އޭނާއަކީ ދިވެހި ދައުލަތް އަތޮޅުގައި ތަމްސީލުކުރާ އިސް މީހާކަމަށާއި މިޒާތުގެ ކަންކަމަށް އިނގިރޭސިން ހިތްވަރުނުދޭ ކަމަށްވާނަމަ މިކަންކަން ހުއްޓުވުމަށެވެ. މިކަން ނުުއްޓުވާނަމަ އިނގިރޭސިން އަދިވެސް ތިބީ އައްޑޫ ވަކިކޮށްގެން ކުރިއަށްދާން ކަމަށް ދައުލަތުގައި ދަންނަވާނެ ކަމަށެވެ. މިމޭރުމުން ވާހަކަ ދެއްކެވި ދުވަހުން ފެށިގެން އިނގިރޭސީންގެ ސިޔާސަތު އަނެއްކާވެސް ކުޑަކޮށް ބަދަލުވެއްޖެއެވެ. އޭރު ރައުންތަވެއިޓެއް ނެތެވެ. އޭނާ ދިޔުމަށްފަހު ދުވަސްކޮޅަކަށް އިނގިރޭސި ސިޔާސަތުވެސް އޮތީ އޮޅުންބޮޅުން ވެފައެވެ.

ލޭބަރުންގެ ޖަގަޑާއަށް ސްޓޭޝަން ކޮމާންޑަރު މޮސް ހިތްވަރުދިންކަން ޔަގީންވާ ހެކި ހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ ހިތަދޫގައި ލޭބަރުންގެ ހަރަކާތްތައް ހިންގާންވެގެން ގަމުގައި ތިބި ހުރިހާ ލޭބަރުންނަށް ޗުއްޓީ ދީފައި ރަށަށް ފޮނުވުމެވެ. ރަށަށް ދާށޭ މިއަދަށް މަސައްކަތް ނިމުނީއޭ އެންގީ އާރޭފެ ހުސައިނެވެ. މިވަރުގެ އެންގުމެއް އެންގޭނީ އިނގިރޭސީންގެ ބައިވެރިވުމެއް އޮވެގެންނެވެ. އެހެންނޫންނަމަ މިއީ ހުސައިނަށް އެންގޭނެ އަދި އަންގާނެވެސް އެންގުމެއް ނޫނެވެ.

ކޮންމެއަކަސް ހިތަދޫ ލޭބަރުން މޫސައިދިއާ ދެކޮޅު ހެދުން މައިތިރިވި ތަންވަޅު ބަލާފައި ހުޅުދޫން ބަޔަކު ގޮވައިގެން މޫސައިދި ހިތަދޫއަށް އަރައި އާރޭފެ ހުސައިނުގެ ގޭގެ ފެންޑާއިން ބައެއް ތަޅައި ގެޔަށް ގެއްލުންދީފިއެވެ. ލޭބަރުންގެ ތެރެއިން އިސްކޮށް ތިބި މީހުން ހިފައި ހައްޔަރުކޮށްފިއެވެ. ހިތަދޫގެ ތެރެއިން މޫސައިދި ކޮޅަށް ތިބޭ ބަޔަކާއި އަތޮޅުގެ އެހެން ރަށްރަށުން މީހުން ނެރެގެން ޖަގަޑާގެ ބައިވެރީންކަމަށް މޫސައިދިއަށް ހީވިހާ ބަޔަކު ހައްޔަރުކޮށްފިއެވެ. އާރޭފެ ހުސައިނު ހައްޔަރުކުރީ ފިލާންވެގެން މާމެންދޫއަށް ގޮސް އާރްއޭއެފް ކޮމިނިކޭޝަން ސެންޓަރު ކައިރީގައި ހުއްޓައެވެ. ހުސައިނަށް ހިމާޔަތްދޭން އިނގިރޭސިން ދެކޮޅު ހެދީމާ އެތަނުގެ ތެރެއަށް ހުސައިނަށް ނުވަދެވުނީއެވެ. މިކަމުގައި އިނގިރޭސިން ކުޅުނީ ވަރަށް މުނާފިގު ރޯލެކެވެ.

އޭޓީސީގެ ފައިސާ ނުބަހައިގެން އެވަރަށް ޖަގަޑާހަދަން ހިތްވަރުދިނީ އިނގިރޭސީންނެވެ. އެގޮތަށް އުޅެފައި ޖަގަޑާގެ ބައިވެރީން ހައްޔަރުކޮށް މޫސައިދީގެ އެންގެވުންތައް ތަންފީޒުކުރަން ބާރުދިނީވެސް ފަހުން އިނގިރޭސީންނެވެ. ހިތަދޫއަށް އަރައި މޫސައިދީގެ ބާރު އަލުން އިއާދަކުރަން ވާގިވެރިވާން ލޭބަރުންނަށް ހިތްވަރުދިނީވެސް އިނގިރޭސީންނެވެ. ކޮންމެއަކަސް ޖަގަޑާގައި ބައިވެރިވުމުގެ ތުހުމަތުގައި ކުށްވެރިވީ ހައްތާވެސް ހިތަދޫ މީހުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ކުށްވެރިވާ ކަމަށް މޫސައިދިއަށް ފެންނަ މީހުން ހައްޔަރުކޮށްފައި ފޮނުވީ މަރަދޫ ބޮނޑޮގެ އަށާއި މީދޫ ބޯނުގެއަށާއި ހުޅުދޫއަށެވެ. އާރޭފެ ހުސައިނު ބަނދެފައި ފޮނުވީ ހުޅުދޫއަށެވެ. ހައްޔަރުކުރި އެންމެންނަށް ވަރަށް ބޮޑަށް އަނިޔާވެސް ކުރިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!