ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 10

ބޮމްބޭގެ ބަނދަރާއި ގާތްވުމުން ޕައިލެޓަކު އައިސް ބޯޓަށް އަރައި ބަނދަރުގެ އަމާން ގޯއްޖަކަށް ބޯޓު ލައިދީފިއެވެ. ދެން ބޮމްބޭގެ ސަރުކާރަށް ދިވެހީންގެ ވާހަކައިން ކެޕްޓަން ޚަބަރުކޮށް މުމްބާސާއިން އިނގިރޭސިން ދިން ސިޓީ ފޮނުވީމާ ލަސްތަކެއް ނުވެ ފުލުހުންގެ ތިންމީހަކު އައިސް ދިވެހިން ބާލައިގެން ގެންދިޔައީ ސިފައިންގެ މަރުކަޒަކަށެވެ. މިތަނުގެ މެދުގައި އޮތީ ބޮޑެތި ގަސް ހައްދާފައިވާ މައިދާނެކެވެ. މިއީ ކުށްވެރިން ބައިތިއްބާ ޖަލެކޭވެސް ހީވެއެވެ. ކޮންމެއަކަސް ދިވެހިން ބޭތިއްބީ މިގަސްތަކުގެ ހިޔަލުގައެވެ.

ދުވާލުގެ ވަގުތު ފާއިތުވެގޮސް ރޭގަޑުވެ ފިނިގަދަވެގެން އެކަމުގެ ތުރާލުގެ ވާހަކައިން ސިފައިންގެ މީހުންގެ ކައިރީގައި ޝަކުވާކުރީމާވެސް ފުރާޅެއް ހުރި ތަނަކަށް ވައްދާން އެއްބަހެއް ނުވިއެވެ. މިދުވަހާއި މިރެއި މިތާގައި ބޭތިއްބީ ކާންދިނުމެއް ބޯންދިނުމެއް ނެތިއެވެ. ކުށްކުށަށް އަރައިގަތީމާ ހައްޔަރުކޮށްގެން ގެނެސްފައިތިބޭ މުޖުރިމުން ފަދައިންނެވެ. ދިވެހީންގެ ތެރޭގައި ކުޑަ ދެކުއްޖަކުވެސް ތިއްބެވެ. އެއީ ދޮންފުތާގެ އެޅަކަލޯގެ މުހައްމަދު (ކުދުބެއްޔާ) އާއި އެޅެގޭ އިބްރާހިމް ދީދީގެ އަބްދުﷲ ދީދީގެ މުހައްމަދު ވަހީދު (ހަސަންކާރި ވަހީދު) އެވެ. މިކަމަށްވެސް އެއުރެންގެ ފަރުވާލެއް ނެތެވެ.

މިފަދަ ނިކަމެތި ދެރަ ހާލުގައި ކުރާނޭ ހަމައެއްކަމެއްވެސް ނެތި ބަނޑުހައިކަންމަތީގައި ތިއްބައި އަނެއްދުވަހު ހެނދުނު ނުވައެއްޖެހިފަހުން މިތަނުން އިމާރާތަކަށް ގެންގޮސް ވައްދައިފައި ކޮންމެ މީހެއްގެ އަތަށް ބައިރުފިޔާ ދީފައި މިއީ ރެޔަކާއި ދުވާލު ކެއުމުގެ ޚަރަދޭ ބުނެ އަންގައިފައި ރެސްޓޯރަންޓެއްވެސް ދައްކައިފިއެވެ. ދެދުވަހެއް ވާންދެން ކާން ފޮނުވަނީވެސް ފުލުސްމީހަކާއެކުގައެވެ. އޭގެފަހުން މިގޮތް ކެނޑުނީމާ އެތަނުން ނުކުމެގެން ކުޑަކޮށް ހިނގައި އުޅޭން ފަށައިފިއެވެ.

ބޮމްބޭގައި ހުރި މިސްކިތުގެ ވާހަކަ

މިގޮތްމަތީގައި މިތާގައި އުޅެއުޅެ ތިއްބައި ބޮމްބޭގައި މާރީތި ބޮޑު މިސްކިތެއް ހުންނަ ވާހަކަ އިވިގެން އެންމެންވެސް އެމިސްކިތް ބަލައިލާން ހިގާއްޖެއެވެ. މިސްކިތް ހުރީ ފެންގަޑެއްގެ ތެރޭގައި ބެހެއްޓިފައެވެ. ފެންގަޑުގެ ވަށައިގެން ހުރީ މާރީއްޗެއްކޮށް ކަޅުހިލައިން ރާނާފައިވާ ފާރެކެވެ. ފާރުގެ އުސްމިން ދެމީހެއްގެ އިސްކޮޅުވަރުވާނެއެވެ. މިތާގެ ބިންމަތީގައި ހުރީ ފަތިއީޓު ޖަހާގެން ކުލަކުލައިގެ ހިލަކޮށައިގެން ވަކި ތަރުތީބަކަށް އަތުރައިފައެވެ. ބޮޑު ދޮރުން ވަންނައިރު ވާތުކިބައިގައި ހުރީ ފަސް އިސްކުރަށް ފެން އަންނާނޭހެން ހަދާފައިވާ ހޮޅިއެކެވެ.

ފެންގަޑުގެ ވަށައިގެން ހުރީ ވެވުގައި ހަރުފަތް ކަނޑާހެން ހަރުފަތް ކަނޑައިފައެވެ. ހަރުފަތްތައްވެސް ހުރީ ކަޅުރީތި ހިލައިންނެވެ. މިސްކިތަށް އަރާންހުރި ހަރުފަތްތައް ހުރީ ވުޟޫކުރާން ފެންގަނޑުގެ ތެރެއަށް އެރޭ ހަރުފަތްތަކުގައި ޖެހިފައެވެ. މިސްކިތަށް އަރާން އަންނަ މީހުން އިސްކުރުން ފައިދޮވެގެން ފެންގަޑަށް އެރި ވުޟޫކޮށްގެން މިސްކިތަށް އަރަނީއެވެ. މިސްކިތް ހަދައިފައިހުރީ ދެބުރިޔަށް ސަންގުމަރުމަރު ހިލައިންނެވެ. އެންމެ މަތީގައިވަނީ ގުއްބެކެވެ. ގުއްބުގެ މައްޗަށް އެރެނީ ސަތޭކަތެއްތިރީސްގަނޑު ހަރުފަތަށްފަހުގަައެވެ.

މިސްކިތުގެ ދޮރުފަތްތައް ހަދައިފައިވަނީ ކުރިކީލައިންނެވެ. އެތަންމިތަން ހުރީ ރަން ފެންކޮށް ޒާތްޒާތުގެ ރީތި ކުރެހުން އަޅައި ޒީނަތްތެރި ކޮށްފައެވެ. ރޭގަނޑުގައި އަލިކުރުމަށް އިލެކްޓްރި ބައްތި ލައިފައިވެއެވެ. މިވެސް ހުރީ އަޖައިބުވާހާ ގިނައިންނެވެ. މިސްކިތުގެ ބޮޑުކަމުންވެސް އަޖައިބުވާހާވެއެވެ. ދިވެހިން އެމިސްކިތަށް ދިޔައިރުވެސް ފަޅުފިލާވަރަށް މީހުން ތިއްބެވެ. އިސްލާމްދީނުގެ އިއްޒަތްތެެރިކަމޭ ހީވެ ކަލާނގެ ކިބަޔަށް ތަސްބީހަ ކިޔުނެވެ.

ބޮމްބޭގައި ތިބޭތާ ފަސްވަނަޔަށްވީ ދުވަހު ލޯރިއެއްގައި މީހަކުއައިސް ދިވެހިންނާއި އެމީހުންގެ ފޮށިތަންމަތި އަރުވައިގެން ކޮންމެވެސް ތާކަށްގޮސް ވައްދައި ހުރިހާ އެއްޗެއްގައި ކަތުރާންދުން ބުރުވައިފައި އަނެއްކާވެސް އެލޯރިޔަށް ލައިގެންގޮސް ބޭލީ ފާލަމަކަށެވެ. އެތަނުން ދުންބައްތެއްޔަކަށް އަރުވައިގެންގޮސް ލީ ބަނދަރުގައި އޮތް އާގުބޯޓަކަށެވެ. އެއީ ސަރުކާރުގެ ބޯޓެކެވެ.

ބޮމްބޭއިން ކޮޅުނބަށް

ބޯޓަށް ހަމައެރުމުން ހަނޑުލާއި ހަވާދާއި ގިތެލާއި އަލުވިފަދަ ތަކެއްޗާއި ކައްކާނޭ ތެއްޔާއި ބަދިގެ ދައްކައި ވަރަށް ރަގަޅަށް ކެވޭނޭ މަގު ތަނަވަސްކޮށްދީފިއެވެ. ރިހަ ކައްކާން ދެނީ އެއްދުވަހު އަލުވި އަނެއްދުވަހު ބަކަރިމަހެވެ. މިބަނދަރުން ނުކުމެގެން ސިލޯނުގެ ކޮޅުނބަށް ދެވުނީ ފަސްރެއި ފަސްދުވާލުންނެވެ.

ކޮޅުބުނގެ ބަނދަރަށް ވަނުމާއެކު ފުލުހުންގެ ދެމީހުންނާއެކު ކޮޅުނބުގައި ހުންނަ ދިވެހީންގެ ވިޔަފާރި އެޖެންޓު އަބްދުލްކަރީމު މަރައްކާރު އައިސް އެންމެހައި ދިވެހީން ގޮވައިގެން ގެންދިޔައީ ކަރަންޓީނަށެވެ. މި އަބްދުލްކަރީމަކީ އެންމެންވެސް ވަރަށް ދަންނަ ރައްޓެއްސެކެވެ. އެހެންވީމާ ކޮޅުބުގައި އެއްވެސް ކަމެއް ދައްޗެއް ނުވެއެވެ. އެހެންނޫނަސް ރާއްޖޭން ބޭރުގައި ހުންނަ ދިވެހި ހަމައެކަނި އޮފީހަކީ ކޮޅުނބުގައި ހުންނަ ރާއްޖޭގެ ސަފީރުގެ އޮފީސް ކަމަށްވެފައި ސަފީރު އަބްދުލްހަމީދު ދީދީ ދިވެހީންގެ ކަންކަން ވަރަށް ގާތުން ބައްލަވާތީ އެއްވެސް ކަމަކަށް އެރަށުގައި ދައްޗެއް ނުފޯރައެވެ.

މިގޮތުގައި ދެތިން ދުވަހު ބައިތިއްބާފައި ރާއްޖެއަށް ފުރާ އެކިއެކި ބަގަލާތަކަށް ދިވެހީން ލައިފިއެވެ. މީގެތެރެއިން ބައެއް ބަގަލާތަކަކީ ދިވެހި އުޅަނދުތަކެކެވެ. ބައެއް ބަގަލާތަކަކީ މާލޭގައި ވިޔަފާރިކުރާން ތިބި ވޯރާއިންގެ ބަގަލާތަކެކެވެ. ބައެއް އުޅަނދުތަކަށް ފަސްމީހުން އަނެއްބައި އުޅަނދުތަކަށް ދިހަ މީހުން މިޒާތަކަށް އަރުވައިފައި މާލެއަށް ފޮނުވާލައިފިއެވެ. އެކި މީހުންނަށް މާލެ އާދެވުނީ އެކި ދުވަހުންނެވެ. މާލޭގައި ތިބިހާ ދުވަހަކު ބަނޑޭރިގެއިން މިއެންމެންގެ ކޮއްތަށް ޚަރަދު ދިނެވެ. ބައެއް މީހުން ޖާގަ ހަދައިގެން ތިބީ މާލޭ ފަޅުގައި ހުރި އޮޑިފަހަރުގައެވެ. ހަރުކުލައިގެ ބޮޑުން ތިބީ ބަގީޗާގެއާއި ވެލިދޫގެ އާއި ބޮޑުފެންވަޅުގޭގައެވެ.

ދުވަސްކޮޅަކު މިހެން ތިބެފައި ފުވައްމުލަކާއި ހިތަދޫ އާއި ހުޅުދޫއަްށް ފުރި އެކިއެކި އޮޑިފަހަރުން އެންމެން އައްޑޫއަށް ހިގާއްޖެއެވެ. ހަސަންކާރި އަލިދީދީއާއި ކަޅު އަބްދުﷲ ދީދީ ރަށަށް ދިޔައީ ހުޅުދޫ ދީދީގެ އަބްދުﷲ ދީދީގެ އޮޑިންނެވެ. އެންމެންނަށް ރަށަށް އާދެވުނީ 1922 ވަނަ އަހަރުގެ މާޗްމަސް ނިމޭން ކައިރިވެފައި ވަނިކޮށެވެ. އޭރު އޮޑިފަހަރު ގެއްލިގެން މީހުން ހިތާމަކޮށް އެންމެން މަރުވީއޭ ހިތައި ބައެއް ގޭގޭގައި ފާތިހާކިޔަވައި ހުވަފަތްވީކަމަށް ހީކޮށް ބައެއް އަނބީން އެހެން ދިރިއުޅުމަކަށް ޚިޔާލުކުރުމުގެ އޮއިވަރެއްވެސް އޮތީ ފެށިފައެވެ.

ބެހުނު މީހުންގެ ތެރެއިން ނިޔާވީ އެދުރުގޭ އަހުމަދުދީދީ އެކަންޏެވެ. އެވާހަކަ އިސްވެހިނގާއްޖެއެވެ. އަހުމަދުދީދީ އަވަހާރަވިކަން ރަށުމީހުންނަށް އެނގުނީ ބެހުނު މީހުން ރަށަށް އައުމުންނެވެ. އަހުމަދުދީދީ އަވަހާރަވީއިރު އަނބިކަނބަލުންނަކީ އެޅެގޭ އާމިނަތު ދީދީއެވެ. އެދަތުރުގައި އަހުމަދުދީދީ ރަށުން ފުރުމުގެ ކުރިން އާމިނަތުދީދީ ވަރިކުރެއްވި ކަމަށްވެސް އެދުރުގޭ އާއިލާގެ ބައެއް މީހުން ކިޔައެވެ. އެކަމަކު ވަރިނުކުރައްވާ ކަމަށް ވެގެން އަހުމަދުދީދީގެ މުދަލުން ބައެއް އާމިނަތުދީދީއަށް ލިބުނެވެ.

އަހުމަދުދީދީ އަވަހާރަވި ޚަބަރު ލިބުނުތާ ހަތަރު މަސްފަހުން ދެށިނާގެ މުހައްމަދު ދީދީ (ފެންނާމަނިކުފާނު) އާއި އާމިނަތު ދީދީ ކައިވެނި ބައްލަވައިގެންފިއެވެ. މި އާމިނަތުދީދީއަކީ ފިރިފުރާވަރަށް އަރައިގެން އައިއިރު އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުވެސް މީނާގެ ކައިވެންޏަށް އެދުނު ކުއްޖެކޭ ކިޔައިއުޅެއެވެ. އެކަމަށް އިންކާރު ކުރީ އާމިނަތުދީދީގެ ބައްޕަ އެޅެގޭ އަބްދުﷲ ދީދީއެވެ. މި އަބްދުﷲ ދީދީއަކީ މިދަތުރުނާމާގައި އެމީހެއްގެ ވާހަކަ ވަރަށް ގިނައިން ބަޔާންކުރެވިފައިވާ އެޅެގޭ އަހުމަދުދީދީގެ ވެސް ބައްޕައެވެ.

ކުރީގައިވެސް ލިޔެވުނުފަދައިން ކަޅިހާރި އޮޑި ބެހުނުއިރު އޭގައި ކުޑަ ދެކުއްޖަކުވެސް ތިއްބެވެ. އެދެކުދީން ބޮޑެތިވެގެން ދާދިފަހަކާ ހަމަޔަށްވެސް ދުނިޔޭގައި ތިއްބެވެ. އެއީ ހަސަންކާރި ވަހީދާއި ކުދުބެއްޔާއެވެ. މިދަތުރުގެ ވާހަކަ ކުދުބެއްޔާ ކިޔައިދީގެން އޭނާގެ ކުދީން އެވާހަކަ ދައްކައިއުޅެއެވެ. ހަސަންކާރި ވަހީދު ކިޔާތީ އަހައިގެން އޭނާގެ ކުދީންވެސް މިވާހަކަ ކިޔައިއުޅެއެވެ. ވަހީދުގެ އުނގަޑުގައި އޮތް ފައްޓަރެއް މުމްބާސާގައި އުމަރު މުހީއްދީނަށް މާރީތިވެގެން އެފައްޓަރު އޭނާއަށް ދިން ވާހަކަޔަކާއި މުމްބާސާގައި ވަހީދު ކިޔަވާން ބަހައްޓަން އުމަރު މުހީއްދީނު އެދުނު ވާހަކައެއްވެސް ކިޔައެވެ. އެކަމަކު ވަހީދުގެ މަންމަ ހަސަންކާރި އާމިނަތުދީދީގެ އިޒުނަޔަކާނުލައި އެކަން ކުރާން ނުކެރިގެން އޭނާގެ ބައްޕަ އެޅެގޭ އިބްރާހިމްދީދީގެ އަބްދުﷲދީދީ ނޫނެކޭ ބުނީއެވެ. (ނިމުނީ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!