ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 9

ޖަނާޒާގެ ކަންތަކުން އަވަދިވެގެން ގަބުރުސްތާނުން ނުކުމެގެން އައި މަގުމަތީގައި އެޅެގޭ އަހުމަދުދީދީ ބުންޏެވެ. އަލިކޮއްކޯއޭ އަހަރެމެން އެންމެންނަށް މިދަތުރެއް ކުރެވި މިތާކަށް މިއާދެވުނީ މި ވެލިމުށް ފޮޅައިލާންތާއެވެ. ތަގުދީރަކީ މިކަހަލަ އެއްޗެކެވެ. އަލިދީދީ ބުންޏެވެ. އާނއެކޭ ކަންތައް ވެގެން މިދިޔައީ އެހެންނެވެ. ކޮންމެ ކަމެއްވެސް މިއެނގެނީ އެކަމެއް ވެނިމޭފަހުންނެވެ. އަހަރެމެން އިންސާނުންގެ ހާލަކީ އެއީއެވެ. ޖަވާބުގައި އަހުމަދުދީދީ ބުންޏެވެ. އަހަރެމެން ދުނިޔޭގެ ކަންކަން ފަހިކޮށްގަތުމަށް އަރައި ދުއްވައި ދަތުރުފަތުރު ކުރުމަށް ރަށުގައި ބޭނުން ކުރަމުން އައި ދެ އޮޑި މިދަތުރުގައި މި ގެއްލުނީއެވެ. އަހަރެމެންގެ ފިޔަ ބިނދުނީއެވެ.

އެވަރަކުން އަދި ނުނިމެއެވެ. ދީނުގެ ކަންތައް އޮޅުންފިލުވައި އާޚިރަތުގެ މަގަށް އަލިކުރާން ރަށުގައި ބޭނުންކުރި ބައްތިވެސް އެ ނިވުނީއެވެ. އެންމެފަހަކަށް ހުރި އިލްމުވެެރިޔާވެސް އަވަހާރަވީއެވެ. ކިހައިދެެރަ ހެއްޔެވެ. އަލިދީދީ ބުންޏެވެ. ދަންނަބޭކަލަކު ނިޔާވުމަކީ ވަރަށް ބޮޑު ކަމެކޭ މީހުން ކިޔާތީ އިވެއެވެ. ފަހުޒަމާނަށް އައިސް އިލްމު އުފުއްލަވާނީ ދަންނަމީހުން މަރުވަމުން ދެންތިބި މީހުންނަށް ނުކިޔެވެމުންގޮސް އިލްމު ހުސްވުމުންނެވެ.

މިއަޑު އަހައިފައި އަހުމަދުދީދީ ބުންޏެވެ. އެހެންވިއްޔާ އަހަރެމެންގެ ރަށަށް މިހާރު މެދުވެރިވަމުން ދަނީ ތިޔަގޮތެވެ. އަލިދީދީ ބުންޏެވެ. އަހަރެމެން ރަށުން އެކަންޏަކު ނޫނެވެ. މުޅިދުނިޔެއިންވެސް ޚަބަރު އެނގޭނޭނަމަ ވާކަމުގައި ވާނީ މިހެންނެވެ. އެކަމަކު މިހާރު މީހުން ބުނެ އުޅެނީ އިލްމުވެރިން ވެސް މާގިނަކަމަށް ނޫންހެއްޔެވެ. މިވާގޮތެއްވެސް އަހަރެންނަކަށް ނޭގެއެވެ.

އަހުމަދުދީދީ ބުންޏެވެ. އަސްތާ އަލިކޮއްކޯއޭ ތިޔައީ މާބޮޑު މައްސަލައެކެވެ. މިހާރުގެ މީހުން އިލްމުވެރީންނޭ ކިޔައިގެން އެއުޅޭ ބަޔަކީ އަހަރެމެން އިލްމުވެރީންނޭ ކިޔައިގެން މިއުޅޭ މީހުންނެއް ނޫނެވެ. މިހާރުގެ މީހުން އިލްމުވެރީންނޭ ތިޔަކިޔާ ބަޔަކީ ޒާތްޒާތުގެ ބަސްތަކާއި ދުނިޔޭގެ ހުނަރުތަކާއި ވައްތަރުވައްތަރުގެ މަކަރުތަކާއި ދުނިޔޭގައި ކަންފަސޭހަވާނޭހައި މަގުތަކާއި އުޑުތަކާއި ބިންތައް ހުންނަ ގޮތްތަކާއި އެކިއެކި އެއްޗެތީގައި ހުންނަ މާއްދާތަކާއި އޭގެ މަންފާޔާއި ގެއްލުމާއި އެކައްޗަކުން ބާރެއް ނެރެ އަނެކައްޗަކަށް ވައްދާނޭގޮތްތައް ދަންނަ ބަޔަކަށެވެ.

ކަނޑުގެ އަޑިޔަށް ފައިބާނޭ ހީލަތްތަކާއި ހަވާގެ ތެރެޔަށް އުދުހިގަންނާނޭ ހިކުމަތްތަކާއި އިރުގައި ހުރީ މިތައް ފޫޓެއްގެ ދިގުމިންކަމާއި ޖުޕިޓަރޭ ކިޔުނު ޕްލަނެޓުގައި ހުރީ މިތައް ކިލޯކަމާއި އެއްފައިސާޔަށްވުރެ ގިނައީ ދެފައިސާކަމާއި ބޮލުގެ އިސްތަށި ބަހައްޓާނޭ މިންތަކާއި ތިނޯހުގައި ރޮދިލައްވާނެ ގޮތްތަކާއި ކަޅުބިލަމަސް އެންމެ ދަހިވާނީ ރެއްސަށް ކަމާއި އިސްކޮޅުނުޖެހޭ ހިސާބަށް ފޭބީމާ ގެނބޭނޭކަމާއި މިކަހަލަ އެތައް ކަމެއް ދަންނަ ބަޔަކަށެވެ.

އަހަރެމެން އިލްމުވެރިންނޭ ކިޔައިއުޅެނީ ކަލާނގެ ރަސްކަންފުޅު މައުރިފާކޮށް ދަނެގެން އެކަލާނގެ ކިބަޔަށް ބިރުވެތިވެ ދީން ދަސްކޮށްގެން ދީނަށް އުޅޭ މީހުންނަށެވެ. މިކަހަލަ މީހުން ވަނީ މަދެވެ. ވާހަކަ މިހިސާބަށް ދިޔަތަނުން އެޅެގޭ އިބްރާހިމް ދީދީގެ އަބްދުﷲދީދީ ވެސް ވާހަކައިގައި ބައިވެރިވެއްޖެއެވެ. އަބްދުﷲދީދީ ބުންޏެވެ. ކޮންމެއަކަސް ދެން ހީވަނީ ލަސްނުވެ އަހަރެމެންނަށް މިރަށުން ފުރިދާނޭހެންނެވެ. މިއާދެވުނު ކަންތައް ނިމުނީ ތޯއްޗެކެވެ. ނިކަމެތި އަރީބުކަމުގެ ހާލުގައި މަރުވުމަކީ ސަވާބު ވަރަށް ބޮޑުކަމެކޭ އިލްމުވެރިން ބުނެއެވެ. ދުނިޔެއަކީ އަބަދަށް ތިބެވޭނޭ ގޯއްޗެއް ނޫނިއްޔާއެވެ. އެހެންވީމާ އެދުރުގޭ އަހުމަދުބޭބެގެ މައްޗަށް ހިތާމައެއް ނެތެއް ނޫންހެއްޔެވެ.

މިއަޑު އަހައިފައި ހަސަންކާރި އަލިދީދީ ބުންޏެވެ. ޅިޔަންބޭބެ ތިޔަ ބުނީ ރަގަޅު ވާހަައެެެކެވެ. އަހުމަދުބޭބެގެ މައްޗަށް ހިތާމައެއް ނެތެވެ. ހިތާމަ އޮތީ މިހާލުގައި މިރަށުގައި ދިރިތިބި އަހަރެމެންގެ މައްޗަށެވެ.

އިންޑިޔާއަށް ފުރުވައިލުން

އެދުރުގޭ އަހުމަދުދީދީ އަވަހާރަވީ ދުވަހުގެ ފަހު ދުވަހު ދިވެހި ތިން އޮޑީގެ މީހުން ހާޖީ އިބްރާހީމުގެ ފިހާރަޔަށް ގެންގޮސް ކޮންމެ މީހަކަށް މުންޑަކާއި ފަހާފައިއޮތް ލިބާހަކާއި ރުފިޔާއެއް ދީފައި ހަލުވާ ގެނެސް ކާންދީ ކޮފީ ބޯންދީ ހަދައިފައި ބުންޏެވެ. ތިޔަބައިމީހުން އިންޑިޔާގެ ބޮމްބޭއަށް ދާނޭ އާގުބޯޓު މާދަމާ އަންނާނެއެވެ. ހިތްހެޔޮ ކުރާށެވެ. ދެން އެންމެން ހިތްހެޔޮކޮށްފައި ހެޔޮދުއާކޮށްފައި ހިގާއްޖެއެވެ.

މީގެ ފަހުދުވަހު ހުރިހާ ދިވެހީން ސަރުކާރުގެ މައި އޮފީހަށް ގެންގޮސް ކޮންމެ މީހަކަށް ދިހަ ރުފިޔާ ދީފައި ބުންޏެވެ. މިއީ ބޮމްބޭއަށް ދެވެންދެން ކެއުމުގެ ޚަރަދެވެ. މިހެން އަންގައިފައި މިދުވަހުގެ މެންދުރުން އަނބުރައި އެކެއްޖެހިތަނާ އެންމެން ގެންގޮސް އާގުބޯޓަށް ލައިފިއެވެ. އެއީ 31 ޖެނުއަރީ 1922 ވީ އަންގާރަ ދުވަހެވެ. މިދުވަހުގެ ހަވީރު މުމްބާސާގެ ބަނދަރުން ބޯޓު ނުކުމެއްޖެއެވެ.

ދެން އެރެއިގެ ހަތަރުދަމު ނުކައި ތިބެފައި އަނެއްދުވަހުގެ ހެނދުނު ކެވޭނޭގޮތަކާއިމެދު ބޯޓުގެ ކެޕްޓަނާއި ބައްދަލުކޮށް ވާހަކަ ދެއްކީމާ ބުނެފިއެވެ. ތިޔަބައިމީހުންގެ އެންމެންގެ ފަރާތުން ފަސްސަތޭކަ ރުފިޔާ ދިނީމާ ބޮމްބޭއަށް ދެވެންދެން ކެވޭނޭ ގޮތް ހަދައިދީފާނަމެވެ. މުމްބާސާގެ ސަރުކާރުން ކޮންމެ މީހަކަށް ދިހަ ރުފިޔާ ދީފައިވާކަމުން މިއަދަދަށް ބޯޓުގެ ކެޕްޓަނަށް ފައިސާދީފިއެވެ. ހަމަދިނުމާއެކު ހަނޑުލާއި އަލަޔާއި ބަރަބޮލާއި ކައްކާނޭ ތެއްޔާއި ބަދިގެޔާއި މިހެންގޮސް މިކަމަށް ބޭނުންވާނޭހައި ތަކެއްޗާއި ވަސީލަތްތައް ދީފިއެވެ. ދެން ކައްކަކައްކައިފައި ބަނޑުބޮޑުވާންދެން ކައިފައި ބަސްގިނަކުރާން ތިބެނީއެވެ.

މުމްބާސާއިން ފުރިތާ ހަތަރުދުވަހުން އާގުބޯޓު ގޮސް ނަގިލިލީ އެފްރިކާ ކަރައިގެ އިރުދެކުނު ބިތުން ސީޝެލްސްއޭ ކިޔުނު ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެއްގައެވެ. ގާތްގަޑަކަށް ސަތޭކަފަނަރަ ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ސީޝެލްސްގެ ވެރިރަށަކީ މާހޭއޭ ކިޔުނު ރަށެކެވެ. ވެރިކަން ކުރަނީ އިނގިރޭސިންނެވެ. މިރަށްތަކުގެ މީހުންގެ ޖުމްލަ ފަންސަވީހަކަށްހާސް ވަރުވާނެއެވެ. ރަށްތައް ހުންނަނީ ދިވެހިރާއްޖޭގެ ރަށްތައްވެސް ހުންނަހެންނެވެ. ތަފާތަކީ ރަށްތައް ބޮޑެތިކަމާއި ބައެއް ރަށްރަށުގައި އުސް ފަރުބަދަ ހުންނަކަމެވެ. މިތާގެ އެންމެ އުސްފަރުބަދައިގެ އުސްމިނަކީ ތިންހާސް ފޫޓެވެ. މިތަނަކީ ވަރަށްވެސް ތާވަށްކާށި ގިނަ ތަނެކެވެ. އެތަކެތީގެ އަގުވެސް ހެޔޮމެއެވެ. ދިވެހި ރުއް ވަރަށް ގިނައެވެ. އެކިކަހަލަ މޭވާވެސް ވަރަށް ގިނައެވެ.

ސީޝެލްސްގައި އާގުބޯޓު މަޑުކޮށްގެން އޮތީ ހަތަރުގަޑިއިރުއެވެ. އެވަގުތުގެ ތެރޭގައި ބާލަންޖެހޭތަކެތި ބާލައި އަރުވަން ޖެހޭ ތަކެތި އަރުވައި ޕެސިންޖަރުން ފައިބައި އަރައި ހަދައިފިއެވެ. އެއާއެކު ސީޝެލްސްއިން ނިކުމެގެން އިންޖީނުގެ ހޮޅިތަކުން ކަޅުދުން އަރުވަމުން އިންޑިޔާގެ ބޮމްބޭއަށް މިސްރާބު ޖަހައިފިއެވެ. ބޮމްބޭއަށް ފޯރީ ސީޝެލްސްއިން ފުރިތާ ހަތްދުވަހުންނެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!