ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 8

އަހުމަދު ދީދީ ބުންޏެވެ. އާނއެކޭ އާނއެކޭ ކަންތަކުގައި ތާރީފަކީ ދަތުމާއި ނުދަތުމުގެ މައްޗަށްް ހުރި ކަމެކެވެ. ނުދަތުމުގެ ތެރޭގައި ހުރެގެން އޮޅުމަކުން ކުރެވޭ ރަގަޅު ކަންކަމަކީ ތާރީފު ހައްގު ކަންކަމެއް ނޫނެވެ. ސުވަރުގެޔާއި ނަރަކަ އަދި އަޒާބާއި ސަވާބުވެސް ހުރީ ދަނެގެން ގަސްތުގައި ކުރާ ކަންކަމަށް ނޫން ހެއްޔެވެ. ދުނިޔޭގެ ޚަބަރުތައް ނުދަތުމާއި ތަންދޮރު ނޭގުމަކީ ކިހާ ފިނޑިކަމެއް ލިބި ލަދުގަނެ ދެރަވާންޖެހޭ ކަމެއްހެއްޔެވެ. އަލިކޮއްކޯމެންގެ ކަޅިހާރި އޮޑި ބެހިގެން ތިޔަ ކިޔާ ބަރަވެއްޔަކަށް ދެވި އެތާގައި އޮޑި އަޅައިގެން ތިއްބާ އެރަށުގެ މީހުން ބައްތެއްޔެއްގައި އަންނާންފެށީމާ އެންމެން ތިބީ އޮޑީގެ ހިޔަލުގެ ތެރެޔަށް ވަދެ ފިލައޭ ބުނާތީވެސް އެބައިވެއެވެ. ދެން އެމީހުން އައިސް އައްސަލާމް އަލައިކުމް މިހެން ގޮވައި ހަޅޭލާންފެށީމާ ބިރުފިލައިގެން ނިކުމެ ވާހަކަ ދެއްކީއެވެ.

މިހިރީވެސް ހަމަ ތަންދޮރު ނުދަތުމުންވާ ގޮތްގޮތް ނޫން ހެއްޔެވެ. އަލިދީދީ ބުންޏެވެ. އަހުމަދުބޭބެ ތިޔަ ބުނީ ތެދު ވާހަކައެކެވެ. ތިޔަކަންތަކަށްވުރެ އަދި މާބޮޑަށް ހިނި އަންނަޒާތުގެ ކަންތައްވެސް ހުރީ ހިނގައިފައެވެ. އެހެންވީމާ ތިޔައީ އަދި ކަމެއްވެސް ނޫނެވެ. ކަޅިހާރި އޮޑި ބެހިގެން އަހަރެމެން ކަނޑުމަތީގައި ތިބިއިރު އޮޑީގައި ހުރި މާލިމީޒާތުގެ މީހަކު އެންމެ ބިރުގަންނަ ކަމަކީ އެފްރިކާ ކަރައިގެ އެންމެ ދެކުނު ބިތުން ކޭފެކޮޅުން ނައްޓައިލައިގެން ދުނިޔެނެތްތަނަށް ހިނގައިދާނެތީއެވެ. ދެން އޮޑީގައި ތިބި އެހެންމީހުން ކިހައިބިރެއް ގަންނާނޭހެއްޔެވެ. މާލިމީންނޭ ކިޔައިއުޅޭ މީހުންގެ ހާލަކީވެސް އެއީ ވިއްޔާއެވެ.

މިއަޑު އަހައިފައި އަހުމަދުދީދީ ބުންޏެވެ. ކަންތައް ދަސްކޮށް އުނގެނޭންވީ ތިޔަހެންވެއެވެ. ނުދަތުމަށްވުރެ ދެރަކަމެއް އޮންނާނޭހެއްޔެވެ. ނުއޮންނާނޭކަން ޔަގީނެވެ. އަލިދީދީ ބުންޏެވެ. އަހަރެމެން އުނގެނިގެން މިތިބީ އަހަރެމެންގެ ރާއްޖޭގައި އުޅޭން އެންމެ ރަގަޅު ވަރަށެވެ. ކަންތައް ދަސްވެފައި މިހިރީވެސް ރާއްޖެ ކަހަލަ ތަނެއްގައި އުޅޭން އެކަށީގެންވާ މިންވަރަށެވެ. މިޔަށްވުރެ ބޮޑަށް ދަސްވާނޭ ގޮތެއްވެސް މިހާރު އަހަރެމެންގެ ރަށާއި ރާއްޖޭގައި ގާއިމުވެފައި ހުރީއެއްވެސް ނޫނެވެ. ތަންކޮޅެއް އިހު އަހަރެމެންގެ ރަށުގައި ބޮޑެތި އާލިމުން އުފެދުނެއް ކަމަކު މިހާރު އެކަހަލަ ކަމެއްވެސް އޮތީއެއް ނޫނެވެ. ދެން އެހެންނޫނަސް އެވަރަށް ބޮޑަށް ދަސްކޮށްގެން މިރާއްޖޭގައި އުޅުމަކީވެސް މާފަސޭހަވާނޭ ކަމެއްކަމަށް ނުވިސްނެއެވެ.

އަހުމަދު ބޭބޭއެވެ. ދެން އެވާހަކަ ބާއްވަމާ ބަހީއެވެ. ބެހުނު އޮޑިތަކުގެ ތެރެއިން ތިން އޮޑީގެ މީހުންނަށް މިތިބެވެނީ މިހާރު އެއްތާކަށް އާދެވިފައެވެ. މިއީވެސް ގުދުރަތުގެ ނިޔާއެވެ. އަހުމަދުދީދީ ބުންޏެވެ. ތިން އޮޑީގެ މީހުން އެއްތަންވީއިރު އަހަރެމެންގެ ޖުމްލަ އަދަދު ކިހައިވަރެއް ބާވައެވެ. އަލިދީދީ ބުންޏެވެ. ފަންސާސް ނުވަ މީހުންނެވެ. މިޒާތަކަށް މިވެރީން ވާހަކަ ދައްކަމުން ޚަބަރު ކިޔައިދެމުންގޮސް އަލިދީދީ ބުންޏެވެ. އިންފްލުއެންޒާއޭ ކިޔުނު ރޯގާއެއް މި މޮމްބާސާގައި ފެތުރި އަހަރެމެންގެ ތެރެއިން އެދުރުގޭ އަހުމަދު ދީދީ އޮންނެވީ ވަރަށް ބޮޑަށް ހާލުދެރަވެ ހަސްފަތާލުގައެވެ. ކިރިޔަކިރިޔާ އޮންނެވީއެވެ.

އެދުރުގޭ އަހުމަދުދީދީ އަވަހާރަވުން

އެޅެގޭ އަހުމަދުދީދީ ބުންޏެވެ. އެހެންވިއްޔާ މިއޮޑީން ފައިބައިގެން މިރޭ އަހަރެމެން މިތިބޭ ބަގަލާއަށް އަރާނީ ހަސްފަތާލަށްގޮސް އެދުރުގޭ އަހުމަދުބޭބެ ދެކި ހާލު ބަލައިފައެވެ. މިހެން ބުނެފައި ފައިބައިގެންގޮސް ހަސްފަތާލަށްވަދެ އެދުރުގޭ އަހުމަދު ދީދީއާ ބައްދަލުވެ ހާލު ބަލައިފައި ދިޔައީ ބަގަލާއަށެވެ. އޭރު އެދުރުގޭ އަހުމަދުދީދީގެ ހުންގަދަކަމުންނާއި ހާލުދެރަކަމުން ވަށައިގެން ހިނގާކަންކަން އެނގުން ވަރަށް ކުޑައެވެ. ވާހަކަވެސް ދެއްކެނީ ވަރަށް ކުޑަކޮށެވެ. މީގެ ފަހުދުވަހު އެޅެގޭ އޮޑީގެ މީހުންނާއިގެން އަހުމަދުދީދީ ބަގަލާއިން ފައިބައިގެން ސަރުކާރުގެ ކަންތަކުން ނިމިގެން ހަސްފަތާލަށް ދަނިކޮށް މަގުމަތީން އެޅެގޭ އިބްރާހިމްދީދީގެ އަބްދުﷲ ދީދީއާ ދިމާވެގެން އަބްދުﷲ ދީދީ ބުންޏެވެ. އަހުމަދު ކޮއްކޯއޭ އެދުރުގޭ އަހުމަދުބޭބެ އަވަހާރަވެއްޖެއެވެ. މިއަޑުއަހައިފައި ހިތާމަކޮށްފައި އަހުމަދުދީދީ ބުންޏެވެ. އަވަހަށް ވަޅުލެވޭނޭ ގޮތެއް ހޯދާން ދަމާ އަންނާށެވެ.

އަވަހާރަވުމުގެ ކުޑަވަގުތުކޮޅެއްކުރީން އެޅެގޭ އިބްރާހިމްދީދީގެ އަބްދުﷲ ދީދީގެ ކައިރީގައި އެދުރުގޭ އަހުމަދުދީދީ ވަސިއްޔަތްތަކެއް ކުރެއްވިއެވެ. މި ވަސިއްޔަތްތަކުގެ ތެރޭގައި ވިދާޅުވިއެވެ. ތިމަންނާއަކީ ވަރަށް ގިނައިން ރުއްގަސް އިންދައި އުޅުނު މީހެކެވެ. ތިމަންނާގެ ރުއްގަހުގެ ތެރެއިން އެއްޗަކަށް އޮޅުމަކުންވިޔަސް އެނޫންގޮތަކުންވިޔަސް މީހަކު ދައުވާއެއް ކުރާނަމަ އެމީހަކަށް އެއެއްޗެއް ދޫކޮށްލާން ތިމަންގެ ތަރިކަ މުދަލުން ބައިއެޅޭން ތިބި މީހުން ގާތުގައި ބުނާށެވެ. އެއީ ތިމަންނާގެ ހައްގު މުދަލަށްވިޔަސް އެމީހަކަށް ދޫކޮށްފީމެވެ.

ކަޅިހާރި ހުސައިން ބޭބޭގެ ރުއްކޮޅެއް ތިމަންނާގެ އަތުން އަނދައިފައިވެއެވެ. އެކަމުގެ ހައްގު ކަނޑައިދޭށޭ ބުނާށެވެ. ތިޔަބައިމީހުންނަށް އިރާދަފުޅާއި މިންވަރުފުޅުން ރަށަށް ދެވިއްޖެނަމަ ހުކުރުދުވަހެއްގެ ހުކުރުން ފައިބައިގެން ރައްޔިތުންގެ އެންމެންގެ މެދުގައި ހުރެގެން އަހަރެންގެ ސަލާން އެމީހުންނަށް ބުނެދޭށެވެ. ހައްގު އޮތް މީހަކު ހުރިނަމަ އެހައްގެއް ކެނޑުން އެދިހުރިކަން އަންގާށެވެ. އަދިވެސް އެކިކަންކަމަށް ވަކިވަކިން ވަސިއްޔަތް ކުރެއްވިއެވެ. މީގެ ފަހުގައި ދުނިޔޭގެ އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

އެދުރުގޭ އަހުމަދުދީދީ އަވަހާރަވީ އިންފްލުއެންޒާ ޖެހިގެން އެންމެ ފުރަތަމަ ގެއެއްގައި އޮންނެވުމަށްފަހު ހަސްފަތާލަށް ވަޑައިގެންނެވިތާ ތިންވަނަޔަށްވީދުވަހު މެންދުރު ވަގުތުގައެވެ. އަވަހާރަވިއިރު ކައިރީގައި އިނީ އެޅެގޭ އިބްރާހިމްދީދީގެ އަބަދުﷲ ދީދީއެވެ. ދެބެއިންގެދަރި ކޮއްކޮއެކެވެ. އަބްދުﷲދީދީއޭ ވިދާޅުވެ ގޮވައިލެއްވީމާ ކައިރިޔަށް ޖެހި ބެލިއިރު އަހުމަދުދީދީ ޝަހާދަތުގެ ދެކަލިމަ ވިދާޅުވަނީއެވެ. އެދެކަލިމަ ވިދާޅުވުމާއެކު ފުރާނަވެސް ހިގާއްޖެއެވެ.

ދެން އަބްދުﷲދީދީ މިތާގައި ކުރާންހުރި ކަމެއްކޮށްފައި މީހުންވެސް ބައިތިއްބާފައި ނުކުމެގެން ދަނިކޮށް އެޅެގޭ އަހުމަދުދީއާއި މަގުމަތީން ބައްދަލުވީއެވެ. މިދުވަހަކީ 29 ޖެނުއަރީ 1922 ވީ އާދީއްތަ ދުވަހެވެ. ދެން މިދެމީހުން އޮޑިޔަށްގޮސް ދިވެހީންނަށް އަންގައިގެން އަހުމަދުދީދީ ވަޅުލުމުގެ ކަންތަކާއިގެން އުޅެނިކޮށް މޮމްބާސާގެ އިސްލާމުންކުރެ އުމަރު މުހީއްދީނާއި ހާޖީ އިބްރާހީމަށް މިވާހަކަ އިވިގެން މިބައިމީހުން މިތާގެ އިސްލާމުންގެ ޖަމާއަތެއްގެ ބަޔަކު ނެރެގެން އަހުމަދުދީދީގެ ކަށުކަމާކެމީގެ ކަންތަކާ އުޅެގެންފިއެވެ. އަހުމަދުދީދީ ވަނީ ތަންކޮޅެއް ކުރީން އުމަރު މުހީއްދީނަށް މިކަމާއިމެދު ވަސިއްޔަތެއްވެސް ކުރައްވައިފައެވެ.

އަހުމަދުދީދީގެ ޖަނާޒާ ހަސްފަތާލުން މޮމްބާސާގެ ގަބުރުސްތާނަށް ގެންދިޔައީ ވަރަށް ރީތި ސާލެއް އަޅައިގެންނެވެ. މިޖަނާޒާގައި ހިފިމީހުން ހަސަތޭކައަށްވުރެ މަދެއް ނުވާނެއެވެ. ގަބުރުސްތާނަށް ގެންގޮސް ހިނަވައި ކަފުން ކުރުމަށްފަހު ކަށުނަމާދަށް އިސްވީ އުމަރު މުހީއްދީނެވެ. ވަޅުލުމަށް އިސްވީ އެޅެގޭ އިބްރާހިމްދީދިގެ އަބްދުﷲ ދީދީއާއި އެޅެގޭ އަހުމަދުދީދީއާއެވެ. ތަލްގީން ކިޔައިދިނީ އަބްދުﷲދީދީއެވެ.

ދެ އޮޑިއަކުން އައިސްތިބި މީހުން ކަމަށްވިޔަސް މިކަމުގައި މިއުޅުނީ ހައްތާވެސް ގާތްތިމާގެ މީހުންނެވެ. އަވަހާރަވި އެދުރުގޭ އަހުމަދުދީދީއަކީ އެޅެގޭ އަހުމަދުދީދީ އާއި އެޅެގޭ އިބްރާހިމް ދީދީގެ އަބްދުﷲ ދީދީއާއި ހަސަންކާރި އަލިދީދީއާ މި ތިން މީހުންގެވެސް ދެބެއިންގެދަރި ބޭބެއެވެ. މި ހަތަރު މީހުންގެވެސް ކާފަޔަކީ ގަނޑުވަރު ހަސަންދީދީއެވެ. އެހެންވީމާ އަމިއްލަ ކަމެއްހެން މިކަމުގައި އެންމެންވެސް ޝާމިލްވީއެވެ. އެދުރުގޭ އަހުމަދުދީދީ އަވަހާރަވިއިރު އަނބިކަނބަލަކީ އެޅެގޭ އަބްދުﷲ ދީދީގެ އާމިނަތުދީދީއެވެ. މިބަނޑުން ކުއްޖަކު ނެތެވެ. އެކަމަކު ދެށިނާގެ އިސްމާއީލް ބަހާއުއްދީނުގެ ދޮންމަނިކަގެ ފާތިމަތުދީދީއާ ކުރެއްވި ކައިވެންޏަކުން ތުއްޕުޅު ދަރިކަލަކު ހުންނެވިއެވެ. އެއީ މާދަރިގޭ އަބްދުﷲދީދީއެވެ.  އެދުރުގޭ އަހުމަދުދީދީއާ އެއްބަނޑުއެއްބަފާ މީހުންނަކީ އެދުރުގޭ ހަސަންދީދީއާއި ދޮންދީދީއާއި މަރިޔަމްދިދީއާއި އަލިދީދީއެވެ. މީގެ ތެރެއިން އަލިދީދީ ފިޔަވައި އެންމެންވެސް ތިބީ މީދޫގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!