ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 7

ބައްތެލިން ފައިބައިގެން އެޅެގޭ އަހުމަދު ދީދީ ކަސްޓަމަށް ދިޔަތަނުން އިސްލާމުންގެ މީހުން އެއްވެ މީނާ ގޮވައިގެން އެކި ތަންތަނަށް ގެންދާން ފަށައިފިއެވެ. މިސްކިތްވެސް ދައްކައިފިއެވެ. އެކި ފިހާރަތަކާއި ގޭގެޔަށް ވައްދައިގެން އޮންނަނީ ޚަބަރުދަބަރު އޮޅުން ފިލުވުމެވެ. މިރަށުގައި ގާއިމުވެ ހުންނަ އިންޑިޔާގެ ވޯރާ ވިޔަފާރިވެރިއެއްގެ ގެޔަށްވެސް ގެންދިޔައެވެ. މިމީހާވެސް ވަރަށް ހެޔޮކޮށްހިތައި ކާންދީ ބޯންދީ ނިދާނޭ ތަނެއްވެސް ދެއްކިއެވެ. އެކަމަކު އަހުމަދު ދީދީ ނިދާންގޮސް އޮތީ ކަސްޓަމް ހުންނަ އިމާރާތުގެ ތަންކޮޅެއްގައެވެ.

މިތަނުގައި ނިދާފައި ފަތިހު ހޭލައިގެން މިސްކިތަށްގޮސް ފަތިސް ނަމާދުކޮށްލައިގެން ފޭބިތަނާ ބަޔަކު އައިސް ދުންބައްތެއްޔަކަށް (ލޯންޗަކަށް) ގެންގޮސްފިއެވެ. ދުންބައްތެލި ފުރުން ކުޑަކޮށް ލަސްވީ އޭގެ ސަރަނގު ނައިސްގެންނެވެ. މިމީހަކު އައުމާއެކު ފުރައިފިއެވެ. މިމީހަކީވެސް އިންޑިޔާ ހިސާބުގެ މުސްލިމެކެވެ. އޭނާ އައީ ނަމާދުން ފައިބައިގެން ކިޔަވަމުން ކިޔަވަމުންނެވެ. ދުންބައްތެލި ގޮސް ކައިރިކޮށްފައި އޮޑިޖަހައިގެން ކޯރުގެ އަނގަމަތިން އެތެރެޔަށް ވައްދައިދީ އެންމެ ހެޔޮ ބަނދަރުގައި އޮޑި އަޅައިދީފައި ހިގާއްޖެއެވެ.

އިރުކޮޅަކުން ޑޮކްޓަރަކު އޮޑިޔަށް އަރައި ހާލުބަލައިފައި އެންމެން ބާލައިގެން ގެންދިޔައީ ސިފައިންގެ މަރުކަޒަކަށެވެ. އެތަނަށް ގެންގޮސް ކޮންމެ މީހެއްގެ ކައިރިން ވަކިވަކީން ޚަބަރު އަހައި ޗާޓެއް ނެރެގެން ދިވެހިރާއްޖެ ދައްކައި އެކި ރަށްރަށުގެ ނަން އޮޅުން ފިލުވައި ކިޔުއްވައިފިއެވެ. ދެން ފައިސާޔާއި މުދައު ހުރިތޯ ބަލައި މިޒާތަކުން ސުވާލުކޮށް މިއީ ހަގީގަތުގައިވެސް ބެހިގެން އައި ދިވެހީންކަން ކަށަވަރުކޮށްފިއެވެ. ދެން އޮޑީގެ މީހުން މިރަށުގައި ތިބޭ ތިބުމުގައި ކާނޭގޮތަކާއިމެދު ސުވާލުކުރީމާ ސަރުކާރުގެ ފަރާތުން ބުނެފިއެވެ. ތިޔައޮޑީގައި ހިސާބަކަށް މުދާ އެބަހުރި ނޫންހެއްޔެވެ. އެމުދާތައް ވިއްކައިފައި ފައިސާޔަށް ހަދައިގެން ކެވިދާނޭ ނޫންހެއްޔެވެ.

ދެން މިވެރީން އޮޑިޔަށްގޮސް ކުރޮޅިކޮޅަކާއި ކާށިކޮޅެއް ބާލައިގެން ވިއްކާން އުޅެނިކޮށް އަނެއްކާވެސް ކަސްޓަމަށް ގެންގޮސް އަންގައިފިއެވެ. ތިޔަހެނަކުން އަދި ތަކެތި ވިއްކައިގެން ވާކަށްނެތެވެ. ކަލޭމެންނާއިމެދު އަމަލުކުރަން ޖެހޭ ގޮތް އަދި މުޅީން ސާފެއް ނޫނެވެ. އެގޮތް ސާފުވާންދެން އިހަށް ތަކެތި ނުވިއްކައި ތިބޭށެވެ. ސާފުވަންދެން ކަލޭމެންނަށް ކެވޭވަރަށް އަހަރެމެން ފައިސާދޭނަމެވެ. މިހެން ކިޔާފައި ފަސް ރުފިޔާ ދީފިއެވެ. މިފައިސާ ހުސްވީމާ އަލުން ފައިސާދޭނަމޭވެސް ބުންޏެވެ.

ދެން އަހުމަދު ދީދީ ސިޓީއެއް ލިޔެ ސިލޯނުގައި ހުންނަވާ ދިވެހި ސަފީރު އަބްދުލްހަމީދަށް ފޮނުވާން ޕޯސްޓު ފޮށްޓަށް ލައިފިއެވެ. އޭގައި ލިޔުނީ ބެހިގެން އެފްރިކާކަރައިގެ ލާމަށް އާދެވިފައި ތިބި ވާހަކަޔާއި ހާލުގެ ވާހަކައެވެ. މިވަރުން ނުފުދިގެން ސަރުކާރުގައި އެދިގެން ޓެލެގްރާފު އޮފީހަށް ގޮސް ސިލޯނަށް ޓެލެގްރާފުވެސް ފޮނުވައިފިއެވެ. މިހިސާބަށް ދިޔައީމާ ސަރުކާރުން ބުނެފިއެވެ. ދެން އިތުރު ގޮތެއް ނިންމޭނީ ސިލޯނުން ޓެލެގްރާފު ލިބުނީމައެވެ. ޖަވާބު ލިބޭންދެން ކަލޭމެންގެ ތެރެއިން ކޮންމެ މީހެއްގެ ކެއުމަށް ދުވާލަކު ފަންސަވީސް ލާރި ދޭނަމެވެ. މިމަގުން ކޮންމެ ހަތަރު ދުވަހަކުން ހަތަރު ދުވަހަކުން ދިވެހީންގެ ކޮއްތު ފައިސާ އައީ ދެމުންނެވެ.

މިރަށުގައި މިހެން ތިބޭތާ މަސްދުވަސް ފަހުން ސިލޯނުން ޓެލެގްރާފު އަތުވެއްޖެއެވެ. އަދި މޮމްބާސާއިން އިނގިރޭސި އޮފިސަރަކުވެސް އަތުވެއްޖެއެވެ. އެއަށްފަހު އޮޑީގެ މީހުން ކަސްޓަމަށް ގެންގޮސް އަންގައިފިއެވެ. ފަސޭހައިން ގެންދެވޭން ހުރި ތަކެތި ފިޔަވައި އެހެން ހުރިހައި މުދަލަކާއި އޮޑި ވިއްކައިލާންވީއެވެ. މިހެން ކިޔާފައި އޮޑިޔަށް ގޮސް މުދަލުގެ ހިސާބުކިތާބު ބަލައި އޮޑި އަގުކޮށް ދަފްތަރެއްގައި ލިޔެ އޮޑީގެ ވެރިމީހާ އަހުމަދު ދީދީ ލައްވައި ސޮއި ކުރުވައިފިއެވެ. ބުންޏެވެ. މިކަމާއި ތިޔަބައިމީހުން ދެން ބެހޭނޭ ކަމެއް ނެތެވެ. މިކަންތައް އަހަރެމެން ކޮށްފައި ލިބޭ ފައިސާއެއް ދިވެހި ސަރުކާރަށް ފޮނުވާނަމެވެ. ކަލޭމެން ރާއްޖެ ދިއުމަށްޓަކައި އަވަހަށް މޮމްބާސާއަށް ފުރާންވީއެވެ.

އެޅެގޭ އޮޑިވެސް މޮމްބާސާއަށް

މިހެން ކިޔާފައި ކުޑަވަރެއްގެ ބަނގަލާއަކަށް އެންމެން ލައިފައި އަވަސްއަވަހަށް މޮމްބާސާއަށް ފުރުވާލައިފިއެވެ. މޮމްބާސާއަށް އާދެވުނީ އެއްރޭ އެއްދުވާލުގެ ދަތުރަކަށް ފަހުއެވެ. މިރަށަށް ހަމަފޭބުމާއެކު ކަޅިހާރި އޮޑީން ބެހުނު މީހުންގެ ތެރެއިން ހަސަންކާރި އަލިދީދީއާ ދިމާވެއްޖެއެވެ. އެޅެގޭ އަހުމަދު ދީދީ ބުންޏެވެ. އަލިކޮއްކޯއޭ ލާމުގައި ތަކެތީގެ އަގު ހުރިނެތްގޮތަށް ވިސްނާއިރު އެތާގެ ކަސްޓަމަށް އަހަރެމެން ދޫކޮށްފައި އައި އޮޑިޔާއި ތަކެތީގެ އަގު ތިންހާސް ރުފިޔާއަށްވުރެ ކުޑައެއް ނުވާނެއެވެ.

އަހުމަދު ދީދީ އަދިވެސް ބުންޏެވެ. އަލިކޮއްކޯއޭ އަހަރެމެން ލާމުން ފުރީ އިއްޔެގެ އަސުރު ވަގުތުގައެވެ. ރެއިގެ ހަތަރުދަމުވެސް ދުއްވައިގެން މޮމްބާސާއަށް މިއާދެވުނީ މިއަދުގެ އަސުރުވަގުތުގަައެވެ. އެހެންވީމާ ލާމުން މޮމްބާސާއަށް މިއާދެވެނީ ބަރާބަރު ރެޔަކާދުވާލުން ނޫންހެއްޔެވެ. ހަސަންކާރި އަލިދީދީ ބުންޏެވެ. އަހަރެމެންވެސް މޮމްބާސާއަށް އައީ ތިޔަ ބުނާ ތަންގަޑަށްވުރެ ކުޑަ ތަންކޮޅެއް ދެކުނުން ސޮމާލިޔާ ކަރައިގެ ބަރާވާގައި ތިބެފައެވެ. ހުރިހާ ގޮތަކުންވެސް ހިތްފަސޭހަ ކަމަށް ފެންނަނީ މޮމްބާސާއެވެ. އަހުމަދު ބޭބެއަށްވެސް މިކަން އިސާހިތަކު އިހުސާސް ކުރެވިދާނެއެވެ.

އަހުމަދު ދީދީ ބުންޏެވެ. ލާމަކީވެސް ހިތްފަސޭހަކަން ކުޑަ ރަށެއް ނޫނެވެ. އެއީ މި މޮމްބާސާ ފަދައިން އެފްެރިކާ ކަރައިގެ އިރުމަތީ ބިތުން ކެންޔާއޭ ކިޔުނު ހިސާބުގެ ބަނދަރުމަތީ ރަށެކެވެ. މުޅިޔަކުން ގޯސް ބަނދަރެއް ނޫނެވެ. އިސްލާމުން މަދު ރަށެއް ނޫނެވެ. ބޭރުން އަރައިތިބި ވިޔަފާރިވެރީންނަކީ އިންޑިޔާގެ ވޯރާއިންނާއި މެއިމަނުންނެވެ. ރަށުގެ ވެރިކަން އޮތީ އިނގިރޭސީންނަށެވެ. މީހުން ގޯސް ރަށެއް ނޫނެވެ. ގޭގެޔަށާއި ފިހާރަފިހާރަޔަށް އަހަރެމެން ގެންގޮސް ގުރުއާން ކިޔުއްވައި ކާންދީ ބޯންދީ ފައިސާދީ ވަރަށް ހެޔޮކޮށް ހިތައެވެ. ހާލުގައި ޖެހި ބެހިގެން އައި މުސްލިމުންގެ ބަޔަކަށްވާތީ އެންމެންވެސް ބަލައި އުޅުނީ ރަހުމުގެ ލޮލަކުންނެވެ. މަގުތައް ވަރަށް ހަންޏެވެ. ގޭގެ ހަދާފައި ހުންނަނީ މުސްކުޅިފާޑަކަށް ވަރަށް ބޮޑެތިކޮށެވެ.

ފަރުމަސް ހުރެއެވެ. ގެެރިބަކަރި ގިނަވެފައި އަގުހެވެއެވެ. ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައެވެ. ދުފާ ސާމާނުވެސް ވަރަށް ގިނައެވެ. ފިރިހެނުން ތިބެނީ ދިގުލިބާސް ލައިފައި މުންޑު ޒާތެއްގެ އެއްޗެއް އަނދެގެންނެވެ. ބޮލުގައި ހުންނަނީ ހުދު ތާކިހަލެވެ. އަންހެނުން ތިބެނީ ސީޓުޒާތުއެއްޗެއްގެ އެއްކޮޅު އަނދެގެން އަނެއްކޮޅު ގައިގައި އޮޅައިގެންނެވެ. ބޮލުގެ އިސްތަށިގަޑު ހުންނަނީ ގަތައިފައެވެ. މަގުމައްޗަށް ނިކުންނަނީ ރަގަޅަށް ނިވައިވެ ފަރުދާވެގެންނެވެ. ދިވެހިރުއް ވަރަށް ގިނައެވެ. މިސްކިތްތައް ހުރެއެވެ. ޖަމާއަތުގައި ނަމާދު ގާއިމު ކުރެއެވެ. ޖަމަލުތަކާއި އަސްތައް ހުރެއެވެ. މޮޓަރު ގާޑިޔަލެއް ނުހުރެއެވެ. މަދުމަދުން ބައިސިކަލް ގެންގުޅެއެވެ.

މީގެ އަހަރުތަކެއް ކުރީން ފުވައްމުލަކު ފޯކައިދޫ ކޮއްޔަގެ އޮަަޑި ބެހިގެން ލާމަށް އާދެވުނު ދަތުރުގެ ހަނދާންހުރި އަދި އެ އޮޑީގައި ތިބި މީހުންގެ ނަންތައް ކިޔައިދޭން އެނގޭ މީހުން އަހަރެމެންގެ ތެރޭގައިވެސް އެބަ ތިއްބެވެ. އެއޮޑީގެ މީހުން މާލެއިން ގަނެގެން ގެންދިޔަ މާރީތި ފަންކާއެއް ލާމުގެ މީހުންނަށް ހަދިޔާކުރިއެވެ. އެފަންކާވެސް އަހަރެމެންނަށް އެރަށު މީހުން ދައްކައި އުޅުނެވެ. ބުނެއެވެ. މިއީ ތިޔަބައިމީހުންގެ ގައުމުގެ ބަޔަކު ހަމަ ތިޔަގޮތަށް ބެހިގެން މިރަށަށް އާދެވުނު ފަހަރެއްގައި ކޮށްފައިވާ ހަދިޔާއެކެވެ. އެއޮޑި ބެހިގެން އެރަށަށް ދިޔަތާ ތިރީހަކަށް އަހަރު ވެދާނެއެވެ. އެއޮޑިޔަކީ އިރުވައިގެ މަޑުމޫސުމުގައި ރާއްޖޭގެ ހުޅަނގަށް ބެހިގެން ފެންހުސްވެގެން އެތައް ބަޔަކު ފެނަށް މަރުވެގެން ވަރަށް ބޮޑަށް ހާލުގައި ދިޔަ ބަޔެކެވެ.

އެއޮޑީން ދަތުރުކުރި މީހުންގެ ތެރެއިން ފެންގަޑުމަގު އަހުމަދު ދީދީ އަދިވެސް ދުނިޔޭގައި އެހެރީއެވެ. އެހެން މީހަކު ހުރިކަމެއް ނޭގެއެވެ. ލާމުގައި އެތުގެ ދަތް ވިއްކާން ހުންނަލެއް ވަރަށް ގިނައެވެ. ކަޅުވަކަރު ވަރަށްވެސް ގިނައެވެ. ކަސްޓަމާއި ޖެހިގެން ހުންނަނީ ސަރިޔަތް ކުރާ ފަނޑިޔާރާއި ރަށުގެ ނާއިބު މީހާއާއި ދެ މީހުންގެ އޮފީހެވެ. ސަރިޔަތް ހިންގަނީ އެތާގައެވެ. ކަދުރުރުއްވެސް ހުރެއެވެ. އެކަމަކު އެ ގޮނޑުދޮށުން މަލިންޑީއޭ ކިޔުނު ހިސާބުގެ ދެކުނަށް ކަދުރު ރުކެއް ނުހުރެއެވެ. ވަރަށް ފެންފުން ރަށެކެވެ. ފެން ހުންނަނީ ސާޅީހަކަށް ފޫޓު ފުނުގައެވެ. ފެން ހެޔޮ ރަށެކެވެ. އެކަމަކު ބޮނީ މުޅީންވެސް ވަޅުފެނެވެ. ވަޅު ހުންނަނީ ވަށައިގެން ހިލަޖަހައި ރާނައިފައެވެ. މައިގަޑު ކެއުމަކީ ޒުވާރިޔާއި ދޮނަޅައެވެ. ދެން އެއްގަމު މަހެވެ. ލާމު އޮންނަނީ އީކުއޭޓަރުން ދެކުނަށް ދެދަރަޖަ ސާޅީހުގައެވެ.

ވިޔަފާރި އެންމެ ރަގަޅު ރަށެކެވެ. އަބަދަށް ދެމި އޮންނަ ބާޒާރެއް އޮވެއެވެ. އިނގިރޭސި ޑޮކްޓަރަކު ހުރެއެވެ. އަށް ރުފިޔާގެ ކުޑަ ޚަރަދަކުން މީހަކާ އިނދެވެއެވެ. އަމާންކަން ރަގަޅަށް ގާއިމް ވެގެންވާ ރަށެކެވެ. ލާމުގެ މޮޅުކަމުގެ ވާހަކަ މިހިސާބަށް ދައްކާފައި އެޅެގޭ އަހުމަދު ދީދީ ބުންޏެވެ. އަލިކޮއްކޯއޭ އެޅެގޭ އޮޑީން އަހަރެމެން މިދިޔަ ލާމުވެސް ކަޅިހާރި އޮޑިން ކޮއްކޮމެން ދިޔަކަމަށް ތިޔަ ބުނާ ސޮމާލީކަރައިގެ ބަރާވާއެއްތޯ ބަރަވެއްޔަކަށްވުރެ ތަންފުކެއްވެސް ދެެރައެއް ނޫންތާއެވެ.

އަހުމަދު ދީދީގެ ވާހަކައިން މަލާމާތުގެ އަސަރު ވަރަށް ބޮޑަށް ފާޅުވީމާ ހަމަ އެރާގުގައި ހަސަންކާރި އަލިދީދީ ބުންޏެވެ. އަހުމަދުބޭބެ ތިޔަ ބުނިގޮތުން ހީވަނީ އެޅެގޭ އޮޑި ބެހިގެން އެފްރިކާ ކަރަޔަށް އާދެވުނީ ނޫންކަމަށެވެ. ތިޔަ ދަތުރަކީ އޮޑި އިންތަން ރަގަޅަށް އެނގިގެން ގަސްތުގައި ތިޔަ ރަގަޅު ރަށަށް މިސްރާބު ޖަހައިގެން ވަރަށް މޮޅަށް ދަނެގެން ކޮށްފައިވާ ދަތުރެއްހެން އެބަހީވެއެވެ. އެހެންވިޔަސް ދެން ފަރުވާލެއް ނެތެވެ. ތިޔަ ދަތުރުގައި އަހުމަދު ބޭބެގެ މޮޅުކަމެއް ނެތެވެ. މޮޅީ ތިޔަ އޮޑީގައި އޮތް ޗާޓާއި އެޅެހިށިގޭ ދޮންމަނިކު ބޭބެ ކައިރިން އަހުމަދު ބޭބެ ދަސްކޮށްފައިވާ މާލިމީކަމުގެ ކަންފުޅެކެވެ. އެހެންނޫނީ ދެން ކޮން މޮޅުކަމެއް ހެއްޔެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!