ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 5

މުމްބާސާގެ ވަޒަންވެރީންގެ ތެރެއިން ފިރިހެނުން ތިބެނީ ދިގު ހަރުވާޅާއި ދިހުލިބާސްލައި ބޮލުގައި ތާކިހާ އަޅައިގެންނެވެ. ބޯ ހުންނަނީ ބައިލައިފައެވެ. ގިނަ އަންހެނުން މަގު ހިނގަނީ ކީމާގައެވެ. އަސްގާޑިޔަލާއި މޮޓަރުކާރު ބައިސިކަލުފަދަ ތަކެތި ދުއްވުން ވަރަށް ގިނައެވެ. މީހުންގެ ޚުލްގު ހެޔޮ ނިކަމެތީންނަށް ކަމޭހިތާ ބަޔަކު އުޅޭ ރަށެކެވެ. ދިވެހީންގެ މީހަކު ދުއްކާނެއްގެ ކައިރިޔަށް ހުއްޓިލިޔަސް ގޮވައި ވައްދައިގެން ކޮންމެވެސް ކާއެއްޗެއް ނުވަތަ ބައިރުފިޔާއެއް ހަތަރުއަނާއެއް ނުދީޔެއް ދުލެއް ނުކުރެއެވެ. ބައު އެތިގަނޑެއް އަނދެގެން ހުރިނަމަ އައު އެތިގަނޑެއްވެސް ދެއެވެ. ވަރަށް ގިނައިން ގޭގެޔަށްވެސް ގެންދެއެވެ.

އިންފްލުއެންޒާގެ ބިރުވެރިކަން ލައިގަތުން

އިންޑިޔާގެ މީހުން ދުނިޔެ އުޅުމުގެ ތަނަވަސްކަން ހޯދާން އެފްރިކާގެ އެހެން ރަށްރަށަށްވެސް އައިސްތިބޭ ފަދައިން މުމްބާސާއަށް އައިސްތިބިލެކެއް މަދެއް ނޫނެވެ. ދިވެހީން ނޫނީ ހަމަކޮންމެފަދަ ހާލެއްގައި އުޅެގެންވެސް މަރުވާންވާނީ ވިހެއިތަނުގައިކަން ދަންނަބަޔަކު އެހެންތާކު ނޫޅެއެވެ. މިކަމާއިމެދުގައި ވަރަށް ކެތްތެރިވެގެން ހިތްވަރުކޮށްގެން ތިއްބައިވެސް އެމީހެއްގެ އަޖަލު ނިމޭން ހުރިތާކަށް އެމީހަކު އެބަގެނެއެވެ. ބައްޔެއް ޖެހޭންވުމުން ޖެހިދެއެވެ. އެހެންވެގެންތާއެވެ. ދިވެހީން ނުހަނު އުފަލުގައި މުމްބާސާގައި އުޅެއުޅެ ތިއްބައި އިންފްލުއެންޒާއޭ ކިޔުނު ވަރަށް ބޮޑު ވަބާއެއް އެރަށުގައި ފެތުރި ދިވެހީންގެ ތެރެއިން ވަރަށް ގިނަބަޔަކުވެސް ބަލިވެއްޖެއެވެ.

މިއީ އަޖައިބެއްކަހަލަ ނުބައި ބައްޔެކެވެ. ފެށިގަންނަނީ ހުންއައިސްފައި އަރިދަފުސް އަޅާކަހަލަ ޒާތަކަށެވެ. ދެން ހަމަ އެހުން ގަދަވަމުންގަދަވަމުންގޮސް މީހާގެ ލެޔާއި މެއި ހަލާކުވެ ފުރާނަޔަށް ދަތިކޮށްލައިފައެވެ. މިދަރަޖަޔަށް ބަލި އުފުލުމުން ޑަކުތަރުން ކިޔައި އުޅެނީ އެމޯނިއާއެވެ. ހުންފަސޭހަވެ މަރުނުވެ ލުއިވާއަތަށް އަޅައިފިއްޔާ ދެން އެހެރަ ކެއްސާ ކެއްސުމަކާއި ފޮށޭ ގިނަ އުނދަގޫތައް ކިޔައި ކޮޅުންލާހަޔެއްވެސް ނޫނެވެ. ގަދަނުވާ އަތަށް އަޅައިފިނަމަ އަށެއްކަ ދުވަހުގެ ތެރޭގައި ފުރާނަ ހިނގައިދެއެވެ. ގަދަވާ އަތަށް އަޅައިފިއްޔާ ދެންއެވީ އެކި އުނދަގޫތަކަށް ވަކިވަކީން ބޭސްކުރާށެވެ. މިފަރުވާކުޅައުމަށް ހަތަރުފަސްމަސް ދުވަސް ބޭނުމެވެ.

މިބައްޔަކީވެސް ފުރަތަމަ ބޮޑު ހަނގުރާމައިގެ ފަހަށް ފައުޅުވީ އައުޒާތަކުގެ ބައްޔެކޯލައެވެ. ދިވެހީންގެ ތެރެއިން މިބަލި ޖެހުނު މީހުން މުމްބާސާގެ ޑަކުތަރުގެޔަށް ހަސްފަތާލަށް ގެންދެވިއްޖެއެވެ. ގެންދާން ޖެހުނީ ޑަކުތަރަށް އޮޑިޔަށް އާދެވޭނީ ފަންސަވީސް ރުފިޔާ ދިނީމާ ކަމުގައި ވެފައި ދިވެހީންގެ އަތުގައި ރުފިޔާ މަދުކަމުންނެވެ. ހަސްފަތާލަށް ގެންދިޔައީ ނުވަ ދިވެހީންނެވެ. އޭގެތެރެއިން ހަ މީހުންނަށް ބޭސްބޯންދީ ހަދައިފައި އޮޑިޔަށް ފޮނުވައިފިއެވެ. އަނެއް ތިން މީހުން އެތާގައި ފަރުވާކުޅައުމަށް ބޭތިއްބީއެވެ. މިއީ ބޮޑުކޮށް އެބަލި ޖެހިފައިތިބި މީހުންނެވެ. މިމީހުންނަކީ އެދުރުގޭ އަހުމަދުދީދީއާއި ހިންނަވަރިގޭ އަހުމަދާއި ނިލަންދޫ އޮޑީން އަބްދުﷲއޭ ކިޔުނު މީހެކެވެ.

މިބަލިޖެހިގެން އެދުރުގޭ އަހުމަދުދީދީ އެންމެ ފުރަތަމަ އޮންނެވީ އުމަރު މުހީއްދީނުގެ ގޭގައެވެ. އެގޭ މީހުން ވަރަށްވެސް ހެޔޮމެއެވެ. އެކަމަކު ބޭސްފަރުވާ ރަނގަޅަށް ވެވޭނީ ހަސްފަތާލުގައި ކަމަށް އަހުމަދުދީދީއަށް ފެނިވަޑައިގެން އޭނާ ވިދާޅުވެގެން ހަސްފަތާލަށް ގެންދިޔައީއެވެ. ހަސްފަތާލަށް ވަޑައިގެންނެވި މަގުމަތީގައިވެސް އަހުމަދުދީދީ ވިދާޅުވިއެވެ. ތިމަންނާގެ ބޯ ހީވަނީ ހަލާކުވެއްޖެހެންނެވެ. އެދުރުގޭ އަހުމަދުދީދީ ހަސްފަތާލަށް ގެންދެވުނު ދުވަހަކީ ކަޅިހާރިއޮޑިޔާއެކު ހުވަދޫކަނޑު ދުވާން ނުކުތް މީދޫ އެޅެގޭ ފަތުހުއްރަހުމާނު އޮޑި ބެހިގެން އެފްރިކާގެ ލާމޭ ކިޔުނު ރަށަކަށް ދެވިގެން އެތާގައި ތިބެތިބެފައި އެއޮޑީގެ މީހުންވެސް މުމްބާސާއަށް އައިދުވަހެވެ. މިއޮޑި އައުމުން ހުވަދޫކަނޑު ދުވާން އެކުއެކީގައި ނުކުތް ފަސްއޮޑީގެ ތެރެއިން ތިން އޮޑި މުމްބާސާގައި ހަމަވީއެވެ.

އެޅެގޭ އޮޑިއަށް ދިމާވި ހާލަތު

އެޅެގޭ އޮޑިޔަށް ދިމާވި ހާލާއިމެދު އެއޮޑީގެ ވެރިޔާ އަދި މާލިމީ އެޅެގޭ އަހުމަދުދީދީ ބުންޏެވެ. ކަޅިހާރިއޮޑީގެ މޮޅު ފޭލި ރިޔައު ނަގައިގެން އެޅެގޭ އޮޑިފަހަތަށް ޖައްސައި މާދުރަށްގޮސް އޮބައިލުމުން އެޅެގޭއޮޑިވެސް އޭގެ ދެރަ ފަންރިޔައުގަނޑު ނަގައިގެން ކުރިއަށް ދުއްވީއެވެ. ވިއްސާރަކަމުން ފިލަޔެއް އެޅޭވަރުވީވެސް ތިންދުވަސްފަހުންނެވެ. ފިލާއެޅޭވަރުވުމުގެ ކުރީންވެސް އޮޑިބެހިފައިހުރީ ރާއްޖޭގެ ހުޅަނގުބިތަށް ކަމަށް ހީވެއްޖެއެވެ. ދެން ދެއައްތެލި ޖަހައި އޮޑިނަގައިގެން ދުއްވީ އިރުމައްޗަށެވެ. ފިލާއެޅުނުއިރު ސާފުވަނީ އުތުރުން ދެކުނަށް ހުރި ހިސާބެވެ. އޮޑިހުރީ ކޮޅުމަޑުލާހަމައިގައެވެ. އިރުން ހުޅަގަށް އެއްވެސް އެއްޗެއް ނޭނގެއެވެ. އެހެންވީމާ އޮޑިހުރީ ރާއްޖޭގެ އިރުމަތީބިތުގައިކަން ހުޅަނގު ބިތުގައިކަން ކަށަވަރެއް ނޫނެވެ.

މިދުވަހު އިރުއޮއްސުނުއިރުވެސް ތަނެއް ނުފެނެއެވެ. އެދުވަހު ވައިރަނގަޅުކަމުން ހަތަރުފަސް މޭލު ދުވެއެވެ. އެރޭގެ މެންދަންވީއިރު އިރުމަތީފަރާތުން ވަޔާއި ގަދަވިއްސާރަޔާއި އައިސްޖެހިއްޖެއެވެ. ދެން އޮޑިޔާ ކުޅަދާނަވަނީ އުތުރަށް ބާއްވައިގެންނެވެ. އިރުއަރާންދެން އޮތީ އުތުރަށެވެ. އިރުއެރިތަނުން ކަނޑު ބޮޑުވެ ރާޅުތައް އުފުލި ފަރާތްފަރާތުން އޮޑިޔަށް އަރައިގެންފިއެވެ. ދެން އެންމެން ގޮވާން ފަށައިފިއެވެ. އަހުމަދުދީދީއެވެ. ސާބަސްދަރުމަވާނެޔޭ ދެކަންފަތު ވައިބަލައިފައި އޮޑިޔަށް ފަސޭހަ ގޮތަށް ދީލާލައި ފައްސިޔަކޮށްދޭށެވެ. ދެން ކުރާނެކަމެއްނެތި ނާޗާރުވެގެން އޮޑި ދީލައި ތިންރޭ ތިންދުވާ ވަންދެން ހުޅަނގަށް ތަޅައި އަޅައިފައި ފައިބައިގެން ހިގާއްޖެއެވެ.

ދެން ވައިރޯޅި މަޑުވެ ހުއްޓާނުލައި ވާރޭވެހިވެހި ވަށައިހުވަށައި އެނބުރި އެނބުރި ހަތަރުދުވަސްވާންދެން އޮވެއްޖެއެވެ. މިހެން އޮންނައިރުވެސް އެއްދުވަހުން އަނެއްދުވަހަށް އުތުރުވަނީ މާބޮޑެއްކޮށެވެ. މިކަމާހުރެ އޮޑި އިނީ ރާއްޖޭގެ އިރުމަތީބިތުގައި ކަމަށް ބަޔެއް މީހުންނަށް ހީވެގެން އުޅެއެވެ. މިހެން ހީވާ މީހުން ބުނެއެވެ. އަދިވެސް ރާއްޖެ ފެނޭތޯ އޮޑި ދީލައި ދުއްވަމާ އަންނާށެވެ. އެމީހުންނަށް އަހުމަދުދީދީ ޖަވާބު ދިނެވެ. ނޫނެކެވެ. އަދިވެސް ދުއްވާންވީ ހަމަ އިރުމައްޗަށެވެ. މިހާރު އޮޑި މިހިރީ މާޅޮސްމަޑުލާ ހަމަޔަށް އުތުރުވެފައެވެ. މިހެންވީއިރު އިރުމަތިން މިހާބާރަށް ވައިޖެހޭއިރު ވައިހަޅައިގެ ވައިގައި އުތުރުއަތަކަށް ރާއްޖެޔަކާ ގާތެއް ނުވާނެއެވެ. ދެކުނު އަތަށް ނެގޭނީ އިރުމައްޗަށް ހިފައިގެންނެވެ. އެއިރުން ހުވަދުއަތޮޅާ ގާތްވާނޭހެން ހީވެއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!