ކަޅިހާރިއޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 4

އެވަގުތުގައި އޮޑީގެ މީހުން އެވީ އުފަލަކީ ބޮޑުޒާތެއްގެ އުފަލެކެވެ. އެއުފަލެއް އެންމެ ފުރިހަމަވީ އޮޑީގައި އެދުރުގޭ އަހުމަދުދީދީ ހުންނެވި ކަމުންނެވެ. މިބައިމީހުންނާ ވާހަކަ ދެއްކެވީ އަހުމަދުދީދީއެވެ. މިބައިމީހުން އޮޑީގެ ޚަބަރު އަހައިފައި ބުނެފިއެވެ. މިއީ ސޮމާލީކަރައިގެ ބަރާވާއޭ ކިޔޭ ރަށެވެ. އިއްޔެރެއި ތިޔަބައިމީހުންނަށް ފެނުނީ މަގްދިޝޫއޭ ކިޔޭ ރަށުގެ ބައްތިއެވެ. މިތަންތަނީ އިޓާލީންގެ އަމުރުގެ ދަށުގައިވާ ތަންތަނެވެ. ދެން މިބައިމީހުން އޮޑިޔާއިގެން މިތާގެ ހެޔޮ ބަނދަރަށް ގެންގޮސްލައިފައި އޮޑީން ވެރިކުލައިގެ ހަމީހުންނާއިގެން އެތާގެ ކަސްޓަމަށް ހިގާއްޖެއެވެ. އެތާގައި ތިބި ވެރީންގެ މީހުން އޮޑީގެ މީހުންގެ ހާލުއަހުވާލުގެ ޚަބަރުތައް އަހައި އޮޅުންފިލުވައިފައި އެންގިއެވެ. ތިޔަބައިމީހުން އޮޑިޔާއި އޮޑީގެ މުދައު ވިއްކައި ފައިސާޔަށް ހަދާށެވެ. އެއިރުން ތިމަންމެން ތިޔަބައިމީހުން ޒަންޖަބާރާއި އަދަނާއި ދެތަނުން ތިޔަބައިމީހުން ހިތާވި ތަނަކަށް ގެންގޮސްލައިފާނަމެވެ.

ސޮމާލިޔާގެ ބަރާވާގައި

މީގެ ފަހުދުވަހު ސަރުކާރުގެ ފަރާތުން މީހުން އައިސް އޮޑީގައި ހުރި މުދައު ކަސްޓަމަށް ބައިލައިފައި އަންގައިފިއެވެ. ތިޔަބައިމީހުންގެ މުދައު ވިއްކާށެވެ. ތިމަންމެންނަކު ތިޔަކާ ނުބެހޭނަމެވެ. އޮޑި ބަލަހައްޓާން އޮޑީގައި ތިބޭން އެއްބަޔަކު ދާށެވެ. އަނެއްބަޔަކު ވިޔަފާރިކުރާން ތިބޭށެވެ. ދެން މިތަނުގެ ފައިސާވެރީންކުރެ ޝައިޚު މުހީއްދީނޭ ކިޔާ މީހަކު އެއްގަމުގައި ތިބި މީހުންނާއި ހަވާލުވެގެން މީނާގެ ގެޔަށް ގޮވައިގެންގޮސްފައި ބުނެފިއެވެ. ތިޔަބައިމީހުން މިތަނުން އެހެން ތަނަކަށް ދެވޭންދެން ކާންދީ ބަލަހައްޓާނީ ތިމަންނާއެވެ. މިހެން ކިޔައި ވަރަށް ހިތްހެޔޮކުރުވައިފައި އޭނާގެ ގޭގެ މަތީބުރީން ކޮޓަރިޔެއް ދައްކައިފިއެވެ.

މިތަނުން ދޭ ކާނާޔަކީ ހެނދުނު ނާސްތާޔަށް ޒުވާރިފުށުގެ ރޮށްޓަކާއި ސައިތައްޓަކާއެވެ. މެންދުރު ދެނީ ޒުވާރި ރާޅުކޮށް މުގުރައިފައި ހުންނަ ފުށަކުން ކައްކައިފައި ހުންނަ ބަތަކާއި ގެރި ނުވަތަ ބަކަރި މަހުގައި ހަވާދުނުލައި އިގުރު ފިޔާ މިރުސް ލޮނުމެދު ލައިގެން ކައްކައިފައި ހުންނަ ރިހަޔަކާއެވެ. މިބަތް ކައްކައިފައި ހުންނަނީ ގިތެޔޮލައިގެންނެވެ. ޝައިޚު މުހީއްދީނަކީ ވަރަށް ދީންވެރި ހެޔޮލަފާ މީހެކެވެ. ހިސާބަކަށް އަރަބި ދަނެއެވެ. އެހެންވެ އޮޑީގެ މީހުންގެ ތެރޭގައި ހުންނެވި އެދުރުގޭ އަހުމަދުދީދީއަށް ވަރަށް ކަމޭހިތައެވެ.

ސޮމާލީ ކަރައިގެ ބަރާވާއޭ ކިޔުނު ރަށަކީ މީހުން ހެޔޮ ރަށެކެވެ. މިތާގެ ވެރިކަން ކުރަނީ އިޓާލީންގެ މީހުންނެވެ. މިބައިމީހުންނަކީވެސް ވަރަށް ހެޔޮ ރަނގަޅު ބައެކެވެ. ދިވެހީންގެ ބަސް އެމީހުންނަށް ނޭގުމާއި އެމީހުންގެ ބަސް ދިވެހީން ނުދަތުމާއެކުވެސް މަގުމަތީން ލައިގަންނަ މީހުން ސަލާންކޮށް އަތުގައި ހިފައި އިއްނަމަލް މޫމިނޫނަ އިޚުވަތުންނޭ ކިޔައިގެން އެމީހުންގެ ގޭގެޔަށް ގެންގޮސް ކޮންމެވެސް ކުޑަ ޖާފަތެއްދީ ހެޔޮދުއާކުރާން ބުނެއުޅެއެވެ. މިރަށުގެ އެންމެންވެސް އަހުމަދުދީދީއަށް ވަރަށް ކަމޭހިތައެވެ. މިރަށުގައި ހަތާވީސް މިސްކިތް ހުރެއެވެ. މީގެ ތެރޭގައި ހުކުރުކުރާ ދެ މިސްކިތްވެއެވެ. ގެރިބަކަރި ޖަމަލު ވަރަށް ގިނަވެފައި އަގުވެސް ހެޔޮ ރަށެކެވެ. ބަކަރި ޖޯޑެއް ތިން ރުފިޔާއަށް ލިބެއެވެ.

ދެން އޮޑީގެ މުދައުކޮޅު ވިއްކާން ޝައިޚް މުހީއްދީނާއެކުގައި ކަސްޓަމަށް ގޮސް މުދާތައް ވިއްކައި ޓެކްސް ދައްކައި ނިމުނުއިރު ތިންސަތޭކަ ހަތްދިހަ ރުފިޔާ އޮތެވެ. މިކަންތައްތަކުގެ ތެރޭގައި ސަރުކާރުން އަންގައިފިއެވެ. ތިޔަބައިމީހުންނަށް މޮޅުވެގެންވަނީ މިތަނާ ދާދިކައިރީގައި އޮންނަ މޮމްބާސާއޭ ކިޔުނު ރަށަށް ދިއުމެވެ. އެއީ އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި އޮންނަ ރަށެކެވެ. ދެން އޮޑީގެ މީހުންވެސް އެގޮތް ހަދާންކަމަށް ގަސްތުކޮށްގެން އެބަނދަރުގައި އޮތް އަރަބި ނަވެއްގެ މީހުންނާ ވާހަކަދައްކައިގެން އެނަވުގައި ހުރި ނާޚުދާ އަލީއޭ ކިޔާ މީހަކަށް ތިރީސް ރުފިޔާ ދީގެން މިތާގެ ސަރުކާރުގެ ބުނުމާވެސްއެކު ދަތުރަށް ތައްޔާރުކޮށްފިއެވެ.

ޝައިޚު މުހީއްދީނުގެ އެއްބަފާ ވަރަށް ފައިސާވެރިޔަކު މުމްބާސާގައިވެއެވެ. މިމީހާގެ ނަމަކީ އުމަރު މުހީއްދީނެވެ. މީނާގެ ފިރިހެން ދަރިޔަކު ހުންނަނީ ޝައިޚު މުހީއްދީނުގެ އަންހެންދަރިޔަކާ އިނދެގެން ބަރާވާގައެވެ. މީނާގެ ނަމަކީ ނޫރު އެވެ. އޮޑީގެ މީހުންގެ ހާލު ބެލުމާއި އޭނާގެ ބޭބެ އުމަރު މުހީއްދީނާ ހަވާލުކުރުމަށް ވަރަށް ރަނގަޅަށް ސިޓީއެއްލިޔެ މިސިޓީޔާއިގެން މިބުނި ނޫރުއޭ ކިޔުނު ޒުވާނާވެސް އޮޑީގެ މީހުންނާއެކު ޝައިޚު މުހީއްދީނު ފޮނުވިއެވެ. މީނާޔާއެކުގައި އަދި ދެމީހުންވެސް އައެވެ. މިބައިމީހުންނަކީ މީހުންނާއި އެހީތެރިވެއުޅޭ އިންސާނިއްޔަތުކަން ހުރި ރަނގަޅު ބައެކެވެ.

ކެންޔާގެ މޮމްބަސާއަށް

ދެން އޮޑީގެ މީހުން ބަރާވާޔަށް އައިތާ ފަނަރަ ދުވަހުން މިރަށުގައި ތިބި ހިތްހެޔޮ ރަހުމަތްތެރިންނަށް އަލްވިދާއު ކިޔާފައި ވަކިވެގެން އޮޑިޔާއިގެން މޮމްބާސާއަށްދާން ފުރައިފިއެވެ. ފުރިތާ ފަސްދުވަހުން ނިޔާމަ ދަތުރުކޮށްފައި މޮމްބާސާއަށް އާދެވިއްޖެއެވެ. މުމްބާސާއަށް ފޭބިއިރު ހުވަދޫކަނޑު ދުވާން އެކުގައި ނުކުތް ނިލަންދޫ މޫސާތަކުރުފާނުގެ އޮޑީގެ މީހުންވެސް މިތާގައި ތިއްބެވެ. އެމީހުން ކުރެން ޚަބަރު އަހައިލީމާ ބުނީ ތިމަންމެންވެސް އެރެއިގެ ވިއްސާރައިގައި ޖެހި ރާއްޖެ ނުހިފި ބެހިގެން އައިސް މަސްކަތާއި މަގްދިޝޫއާ ދޭތެރޭގައި ތިއްބައި މަސްކަތުން ނުކުމެގެން އައި ދެބަނގަލާއެއްގެ މީހުންނާ ބައްދަލުވެގެން އެމީހުން ކާބޯތަކެތިދީ އެހީވެގެން އެދެބަނގަލާގެ މީހުންނާއެކު ދަތުރުކޮށްގެން އާދެވުނީ ސޮމާރީކަރައިގެ މަރުކާއޭ ކިޔޭ ރަށަށެވެ. އެރަށުގައި ފަސްދުވަހު ތިބެފައި އެތަނުން އެއްބަނގަލާޔަކުން އޮޑިޔަށް އާރުކާޓީއަކުވެސް ލައިގެން ފުރައިގެން ހަ ދުވަހުން އައީ މުމްބާސާއަށެވެ. މިހާރު ތިމަންމެންގެ ހާލު ބަލައި އުޅެނީ މިރަށުގައި ހުންނަ ހާޖީ އިބްރާހީމޭ ކިޔުނު ފައިސާވެރިޔެކެވެ.

ނިލަންދޫ މޫސާތަކުރުފާނުގެ އޮޑީގެ މީހުންނާ ކަޅިހާރި އޮޑީގެ މީހުން ބައްދަލުވެ ދެބައިމީހުންވެސް ވަރަށް އުފާކުރިއެވެ. ހީވީ ވަރަށް ތިމާގެ ބަޔަކު ފެނުނުހެންނެވެ. ދެން ކަޅިހާރި އޮޑީގެ މީހުން މުމްބާސާއަށް އައުމަށްފަހުގައި އެވެރީންގެ ކަންތަކާއި ހަވާލުވެ ބަލަހައްޓައި އުޅުނީ ހާޖީ އިބްރާހީމާއި އުމަރު މުހީއްދީނާ ދެމީހުންނެވެ. އެދުރުގޭ އަހުމަދުދީދީ ހުންނަވަނީ އުމަރު މުހީއްދީނުގެ ގޭގައެވެ. މީނާއަކީވެސް އަރަބި ބަސް ދަންނަ ދީންވެރި އިލްމަށް ލޯބިކުރާ މީހެކެވެ.

މިހެން އުޅެނިކޮށް އޮޑީގެ މީހުންނާއި އޮޅުދޫކަރައިގެ ސިންގަޅަޔަކާއި ބައްދަލުވެއްޖެއެވެ. އެމީހާގެ ގާތުގައި ހާލުގެ ވާހަކަވެސް ދައްކައިފިއެވެ. ދިވެހީންކަމާއި ދިވެހީންނަކީ އިނގިރޭސީންނާއި ބެހިގެންވާ ބަޔަކޭ ބުނެފިއެވެ. ބެހިގެންއައިސް މިތާގައި ތިބެނީ މިތާގެ އިސްލާމުންގެ ދީލަތި މީހުންގެ ހެޔޮކަމާއި ޚައިރާތުގެ ދަށުގައިކަންވެސް އަންގައިފިއެވެ. ކަލޭގެ ސަރުކާރުގައި ވާހަކަ ދައްކައިގެން ސަރުކާރުގެ އެހީތެރިކަމެއް ލިބި ރާއްޖެ ދެވޭނޭ މަގެއް ފެނޭތޯ އުޅެދޭށޭވެސް ބުނެފިއެވެ.

މިމީހާ އާއެކޭ ކިޔާފައި މިކަމާ އުޅެއުޅެވެސް އައްޔެއް ވިލޭނޭ ގޮތެއް ނުވެ ހައެއްކަ ދުވަސް ވީފަހުން މިރަށުގެ އިސްލާމުންގެ ފައިސާވެރީންނާއި މިރަށުގައި ތިބޭ ބުމްބާ އިސްލާމުންކުރެ ފައިސާވެރީންނާއި އެކުވެގެން ދިވެހީންގެ ހާލާއިމެދުގައި ސަރުކާރަށް އިލްތިމާސެއް ކޮށްފިއެވެ. މި އިލްތިމާސެއް ކުޅައީ ސަރުކާރުގެ އެހީތެރިކަމެއް ނުލިބުނުނަމަ އެމީހުން ކޮންމެވެސް ގޮތަކުން އެހީވެގެން ރާއްޖެ ފޮނުވޭނޭ ގޮތެއް ހޯދާން ގަސްތުކޮށްފައެވެ. މީގެ ފަހުގައި ސަރުކާރުން ޚަރަދު ދީގެން ދިވެހީންގެ ހާލުބަލާން ފަށައިފިއެވެ. ހާޖީ އިބްރާހީމުގެ އަތުން ހިނގި ޚަރަދުވެސް ސަރުކާރުން އޭނާއަށް ދިނެވެ.

މުމްބާސާ ދަންނައެވެ. އެއީ ވަރަށް ރަނގަޅު ބަނދަރެކެވެ. އެފްރިކާގެ އިރުމަތީ ބިތުގެ އައްސޭރީގައި އިނގިރޭސީން އިމާރާތްކޮށްގެން އުޅޭ ސަރަހައްދުގެ މައިރަށަކީ މިއީއެވެ. މިރަށުގައި ދިހަހާހެއްހައި މީހުން ތިބޭނެއެވެ. މިތާގެ އަސްލު ވަޒަންވެރީންނަކީ ބަބުރުޒާތުގެ ބަޔެކެވެ. އިސްލާމުން ވަރަށް ގިނައެވެ. މަގުތައް ތެދު ގެތައް އުސް ރަށެކެވެ. އިނގިރޭސީންގެ ގެތައްވެސް ވެއެވެ. އިނގިރޭސި ކިޔަވައިދޭ އެތައްއެތައް އިސްކޯލެއް ހުރެއެވެ. އަރަބި ކިޔަވައިދޭ މަދަރުސާވެސް ހުރެއެވެ. ވައްތަރުވައްތަރުގެ މޭވާ ވަރަށް ގިނަ ރަށެކެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!